بســم اللّـه الرّحمـن الرّحيــم

السّلام عليــكم ورحـمــة اللّـه.

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އަދި އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު، މާބައިދޫގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ހެޔޮއެދުންތައް ފާޅުކޮށް މަރުޙަބާ ކިޔުމަކީ، މިރޭގެ މި އުފާވެރި ޖަލްސާގައި އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

އާދެ، ހައްދުންމައްޗަށް އަޅުގަނޑު ޒިޔާރަތްކުރަން ގަސްދުކޮށްގެން އުޅޭތާ ވަރަށްގިނަ ދުވަސް ވެއްޖެ. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތް ކުރުމުގެ މަޤްޞަދުގައި އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުކުރަންފެށީ، އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށްކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. އާދެ، 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި. މިދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑު މިދަނީ، ރާއްޖެތެރެއަށް ދަތުރުކުރަމުން. އެހެންނަމަވެސް، ރާއްޖޭގައި ވަރަށްގިނަ، މީހުން އުޅޭ ރަށްރަށް އެކުލެވިގެންވުމާއި، ރާއްޖޭގައި ދަތުރުފަތުރުކޮށް އުޅުމުގެ ދަތިކަމާއި އަދި އަޅުގަނޑު މިހާރުހުރި މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާ، މިހުރިހާ ކަންކަން މިގޮތަށް ހުރުމާއެކު، މީގެކުރިން ހައްދުންމައްޗަށް އައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި ނުވަނީ.

އާދެ، އަޅުގަނޑު ގަސްދުކުރަނީ މިހާރު މި ފަށައިގެން އުޅޭ ދަތުރު ހައްދުންމައްޗަށާއި ކޮޅުމަޑުލަށް، އަޅުގަނޑު މިކުރާ ދަތުރު ނިންމުމަށްފަހު، ދެންވެސް ފުރުޞަތު ލިބުނު އެންމެ އަވަހަކަށް، މިހާރު އަޅުގަނޑަށް ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން ނުދެވިހުރި އަތޮޅުތަކަށްދާން. މާތް ﷲ ގެ ވާގިފުޅާއެކު މިއަހަރު ނިމުމުގެކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިޔުމުގެ އުފާ އަޅުގަނޑަށް ލިބޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރާނަން. ރާއްޖެތެރެއަށް ދަތުރުކުރުމަކީ، ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކަށް ވަރަށް ބޭނުންތެރިކަމެއް. އާދެ، އެއީ، އެމީހެއްގެ ކޮނޑުގައި އެޅިފައި އެވާ މަސްއޫލިއްޔަތުގެ ބުރަކަން އަދި އެ މަސްއޫލިއްޔަތުގައި ހިމެނޭ ވާޖިބުތަކުގެ ގިނަކަން އެމީހަކަށް އިހުސާސް ކުރެވޭނީ، މިފަދަ ދަތުރުތައް ކޮށްގެން ކަމަށްވާތީ. ހަމައެފަދައިން، ރައީސްކަމުގެ މަޤާމުގައި ހުންނަ މީހާގެ މަސްއޫލިއްޔަތަކަށްވާންވާނީ، ހަމަ އެކަނި މާލެއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމެއް ނޫން. މާލެއާއި، ރާއްޖެތެރެއަށް ބޭނުންވެފައިވާ ހުރިހާ ކަމެއްވެސް ވެވެންއޮތްވަރަކުން ކޮށްދިނުން. މާލެއާއި ރާއްޖެތެރެއާ ވަރަށްބޮޑަށް ތަފާތު. އެއީ، އެކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކަންޖެހޭނެ ކަމެއްނޫން. ތިޔައިގެ ތެރެއިންވެސް މާލެ ވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ހުރިހާ ކަމެއްވެސް މާލޭގައި ހުންނަގޮތާއި، އަދި ރާއްޖެތެރޭގައި ހުންނަގޮތާ، އެ ދެމެދުގައިވާ ތަފާތުގެ ބޮޑުކަން. އާދެ، އެހެންވާންވީ ބައެއް ސަބަބުވެސް އެބަހުރި. އެއީ، މާލެ އެއީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަށްވާކަން. ކޮންމެ ޤައުމެއްގައިވެސް ވެރިކަންކުރާ ރަށަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިން އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާ ތަނަކަށް އޮންނާނީވެސް ވެރިކަންކުރާ ރަށް. ހަމައެފަދައިން، ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކާއި، އަދި އެނޫންވެސް މުހިންމު ކަންތައްތައް ހަމަޖެހިފައިވާ ކޮންމެ ޤައުމެއްގައިވެސް އޮންނަނީ، އެ ޤައުމެއްގެ ވެރިރަށުގައި އޭގެ އެންމެބޮޑުބައި ހިނގާގޮތަށް.

އާދެ، އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މާލޭގައި އެކަންތައްތައް އެހެން ހުރުމަކީ، އެކަށީގެންވާ ކަމެއް. އެއީ، އެދެވިގެންވާ ކަމެއްވެސްމެ. އެހެންނަމަވެސް، ރާއްޖެތެރެއަށް އެއްގޮތަކަށްވެސް ބަލައިނުލައި، ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެމުންދާގޮތާ ދޭތެރޭގައި ޚިޔާލުނުކޮށް، އެމީހުންނަށް ކުރިމަތިވާ މައްސަލަތަކާ ދޭތެރޭގައި ޙައްލެއް ހޯދައިދެވޭތޯ ނުބަލައި، އެހެން، ވެރިކަންކުރާ ބަޔަކުތިބުމަކީ، އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫން.

އާދެ، އަޅުގަނޑު ފަށައިގެން މިއުޅޭ މަސައްކަތަކީ، ރާއްޖެތެރޭގެ ކަންތައްތައްވެސް ރަނގަޅު ކުރެވޭތޯ ބެލުން. ތިޔަބޭފުޅުން އައްސަވާނެ، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން ހިންގަމުންގެންދާ ވާހަކަ. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށްގިނަ ކަންތައްތައް މިހާރުދަނީ އިޞްލާޙުވަމުން. ވަރަށްގިނަ ރަށްރަށުގައި އަލަށް މިސްކިތްތައް ޢިމާރާތް ކުރެވެމުން އެބަދޭ. ބައެއް ތަންތާނގައި ހުރި މިސްކިތްތައް މަރާމާތު ކުރެވެމުންދޭ. ބައެއް ރަށްރަށުގައި ފަޅުކޮނުން، ނެރުގޮއްވުން، މިހެންގޮސް އެތަންތާނގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެމުން ގެންދިޔުމަކީ، މިދެންނެވި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ވަރަށްބޮޑު ބައެއް. އޭގެއިތުރުން، އަތޮޅު އޮފީސްތަކަށާއި ރަށްރަށުގެ ރަށުއޮފީސްތަކަށް ބޭނުންވާ މުވައްޒަފުން ލެއްވުމާއި، އެމީހުންނަށް މުސާރަ ދިނުމާއި، އެތަންތަން އެކަށީގެންވާ ފެންވަރަކަށް ހިނގަމުންދާނެ އިންތިޒާމު ހަމަޖެއްސުމާއި، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުމާ، މިބާވަތުގެ ކިތަންމެ ކަމެއްވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. ހަމައެފަދައިން، ތަޢުލީމު އެއީ މިދެންނެވި މަޝްރޫޢުގައި އެންމެބޮޑު އަހަންމިއްޔަތެއް ދެވިފައިވާ ކަންތައް. މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގަމުންދާ މަދަރުސާއެއް އެބަހުރި. އެ މަދަރުސާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުން. މިދެންނެވި އަތޮޅު މަދަރުސާގެ އިތުރަށް، ރާއްޖޭގެ ވަރަށްގިނަ އަތޮޅުތަކުގައި މިހާރު [އަތޮޅު ތަޢުލީމީ މަރުކަޒު] އެ ނަމުގައި މަދަރުސާތަކެއް ހިނގަމުން އެބަދޭ. އެ ޕުރޮގުރާމަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އުފެއްދުމުގެ މަޤްޞަދުގައި ހަމަޖެހިފައިވާ ޕުރޮގުރާމެއް. އެއް އަތޮޅަކަށްފަހު އަނެއް އަތޮޅެއްގައި އެ މަސައްކަތް ކުރެވެމުންދަނީ. އަދި މިދެންނެވުނީކީވެސް މާރަނގަޅަކަށް ނޫން. ކިތަންމެ އަތޮޅެއްގައި އެއްފަހަރާ އެ މަސައްކަތް ކުރެވެމުން އެބަދޭ. އެއް އަތޮޅަކަށްފަހު އަނެއް އަތޮޅެއްގައި އެ ތަޢުލީމީ މަރުކަޒުތައް ހުޅުވެމުން އެބަދޭ. އޭގެއިތުރުން ބައެއް އެކުވެރި ޤައުމުތަކުގެ އެހީގައިވެސް އިތުރު މަދަރުސާތައް ރާއްޖެތެރޭގައި ދަނީ ހުޅުވެމުން.

އާދެ، އޭގެ ބޭނުމަކީ، ރާއްޖެތެރޭގައި ދިރިއުޅޭ ކިޔަވާޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދިނުން. އެ ފުރުޞަތު އެމީހުންނަށް ހޯދައިދިނުން. މީގެކުރިން ވެފައިވާގޮތަކީ، ސަރުކާރުގެ މަދަރުސާތައް ހުންނަނީ ހަމައެކަނި މާލޭގައި. އެ މަދަރުސާތަކުން ތަޢުލީމު ހާސިލު ކުރުމުގެ ނަޞީބު ލިބެނީ ހަމައެކަނި މާލޭގެ ދަރިންނަށް. މާލޭގެ ރައްޔިތުންގެ ދަރިންނަށް ނުވަތަ ރާއްޖެތެރޭގެ މީހުންގެ ތެރެއިންވެސް މާލޭގައި ދިރިއުޅެވޭވަރުގެ ތަނަވަސްކަންހުރި މީސްމީހުންގެ ދަރިންނަށް. އެއީ އެކަން އޮންނަންވީ ގޮތެއްނޫން.

ދައުލަތުގެ ޚިދުމަތްތައް ރާއްޖެތެރެއަށްވެސް އެކަށީގެންވާ ފެންވަރަކަށް ލިބެންވާނެ. އާދެ، އަޅުގަނޑުވެސް އެއްބަސް، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރިގޮތުން އެއްފަހަރާ ރާއްޖެތެރޭގެ ހުރިހާ ކަންކޮޅުތަކަށް ދައުލަތުގެ ޚިދުމަތްތައް އެއްފެންވަރަކަށް ފަތުރައެއްނުލެވޭނެ. އެހެންނަމަވެސް، އެ މަޤްޞަދުގައި މަސައްކަތް ކުރުން އެއީ އަޅުގަނޑު ދެކޭގޮތުގައި ދައުލަތުގެ ވާޖިބެއް. އެހެންވީމާ، މިހާރު ސަރުކާރުގެ ފަރާތުން މިދެންނެވި މަދަރުސާތައް ހިންގަމުން ގެންދަނީ. އަދި އިތުރު މަދަރުސާތައްވެސް އަތޮޅުތަކުގައި ބިނާކުރަމުން، ހުޅުވަމުން، އިތުރު ކުދިންނަށް ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތުތައް ހޯދައިދެމުން މިގެންދަނީ. ހަމައެފަދައިން ތަޢުލީމަކީ، ހަމައެކަނި ވަކި ޢުމުރެއްގެ ބަޔަކު ހާސިލުކުރަންޖެހޭނެ އެއްޗަކަށް ނުވާތީ، އަސާސީ ތަޢުލީމުގެ މަޝްރޫޢެއްވެސް މިހާރު ސަރުކާރުން ރާވައިގެން ހިންގަމުން އެބަގެންދޭ. އޭގެ ބޭނުމަކީ މީގެކުރިން ކިޔެވުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް، ކޮންމެ ދިވެއްސަކަށްވެސް އެކަށީގެންވާ ފެންވަރަކަށް ކަންތައްތައް ދަސްކޮށްދިނުން.

އާދެ، އެންމެ ފުރަތަމަ ލިޔަންކިޔަން ދަސްކޮށްދިނުން. ލިޔަންކިޔަންދަތުމަކީ ތަޢުލީމުގެ އެންމެ ފުރަތަމަ ފިޔަވަޅު، އެންމެ ފުރަތަމަ ހަރުފަތް. ލިޔަންކިޔަންނުދަނެ، އެއްވެސް މީހަކަށް ތަޢުލީމުގެ މަގުގައި އިތުރު ފިޔަވަޅެއް އެޅޭކަށް ނޯންނާނެ. މީގެ ވިއްސަކަށް އަހަރު ކުރިން، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުން އެއީ ވަރަށްމަދު ބައެއް. އެހެންނަމަވެސް، އޭގެފަހުން މިވޭތުވެދިޔަ އެތަކެއް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެތެރޭގެ ތަޢުލީމަށް އެއްވެސްކަހަލަ އަހަންމިއްޔަތެއް ސަރުކާރުން ދީފައި ނުވުމުގެ ސަބަބުން ރާއްޖެތެރޭގައި ލިޔަންކިޔަންނުދަތުން ވަރަށްމަތީ ދަރަޖަޔަކަށް ފެތުރިގެން ހިނގައްޖެ. އެހެންވީމާ، މިހާރު ސަރުކާރުން ރާވައިގެން ކުރިއަށް މިގެންދާ މަޝްރޫޢުގެ އެންމެބޮޑު ބޭނުމަކީ، އެންމެ ފުރަތަމަ ބޭނުމަކީ މުޅި ރާއްޖެއިން ލިޔަންލިޔަން ނުދަތުން ފޮހެލުން. ހަމައެއާއެކު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގެން ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކެއް ދަސްކޮށްދިނުން. އަޅުގަނޑުމެންގެ ދީނާބެހޭ މަޢުލޫމާތުތަކެއް، އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ މަޢުލޫމާތުތަކެއް، އަޅުގަނޑުމެން ދިރިއުޅޭ ރާއްޖެއާބެހޭ މަޢުލޫމާތުތަކެއް އަދި އަޅުގަނޑުމެން ދިރިއުޅެމުން ގެންދާއިރު ދިމާވާ އެކިއެކި ކަންތައްތަކުގައި ބޭނުންކުރުމަށްޓަކައި ހިސާބާބެހޭ މަޢުލޫމާތުތަކެއް. މި މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ދަސްވެގެން ނޫނީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް އެދެވޭގޮތެއްގައި ދިރިއުޅުމުގެ ކަންތައް ކުރިއަށް ގެންދެވޭކަށް ނޯންނާނެ.

އެހެންވީމާ، މިދެންނެވި މަޝްރޫޢަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ. އެ މަޝްރޫޢަށް ރާއްޖޭގެ ރައްޔިތުންގެ ފަރާތުންވެސް ވަރަށްބޮޑު ތަރުޙީބެއް ދަނީ ލިބެމުން. އަދި ޚާއްޞަކޮށް، އަންހެނުންގެ ފަރާތުން އަޅުގަނޑުގެ ނަޞޭޙަތަކީ، މި ފުރުޞަތު އެއްގޮތަކަށްވެސް ނަންގަވައި ނުލެއްވުން. އެއީ އެއްވެސް ހަރަދެއް ކުރަންޖެހޭ ކަމެއް ނޫން. ހުރިހާ ހަރަދެއް ކުރަނީ ސަރުކާރުން. މި މުހިންމު ފުރުޞަތުގެ ބޭނުން އަޅުގަނޑުމެން ރަނގަޅުގޮތުގައި ހިފައިފިނަމަ، އޭގެ ފައިދާ އަޅުގަނޑުމެންނަށް ފެންނާނެ.

އާދެ، މިރަށަކީ، ވަރަށް ނަޞީބުވެރި ރަށެކޭ ދެންނެވިދާނެ. އެއީ މިރަށަކީ މަސްވެރިކަމުގެ ރަށެއް. އަދި އަހަރުގެ ހުރިހާ ދުވަސްތަކެއްގައިވެސް މަސްވެރިކަން، ފުދޭވަރަކަށް ކުރަމުންގެންދާ ރަށެއް. މަސްވެރިކަމުގެ ގޮތުން ރަށުގެ ރައްޔިތުންނަށް ތަނަވަސްކަމެއް ލިބިފައިވާ ރަށެއް. ހަމައެއާއެކު މިއަތޮޅަކީވެސް، އަޅުގަނޑަށް ދެންނެވޭނީ، ރާއްޖޭގައިވާ އަތޮޅުތަކުގެ ތެރެއިން ތަނަވަސް އަތޮޅެކޭ. އެކިގޮތްގޮތުން ވަރަށްގިނަ ނަޞީބުތަކެއް ލިބިފައިވާ އަތޮޅެކޭ. އާދެ، އެއީ މަސްވެރިކަމުގެ ގޮތުންނާއި، އަދި މިއަތޮޅުގެ ބައެއް ރަށްރަށަކީ ވަރަށް ބޮޑެތި ރަށްރަށް ކަމަށްވުމާއެކު، ދަނޑުވެރިކަމާއި އަދި އެނޫންވެސް ރަށުގައި ތިބެގެން ކުރެވޭކަހަލަ މަސައްކަތްތައް ކުރެވޭ ބާވަތުގެ ރަށްތައް ހުރުމުގެ ސަބަބުން. އާދެ، އެހެންވީމާ، އަޅުގަނޑުމެން މިއަތޮޅުގެ ރައްޔިތުން އެކަން ދަންނަންވާނެ. اللّـه سبحـانـه وتعـالى އަޅުގަޑުމެންނަށް ވަރަށް ގިނަގުނަ ނިޢުމަތްތަކެއް ދެއްވައިފައިވާކަން، އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ. އެހެންވީމާ، އެ ނިޢުމަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުންވެސް އަޅުގަނޑުމެންގެ ކަންތައްތައް ތަރައްޤީ ކުރެވޭތޯ ބަލަންވާނެ.

އާދެ، އަޅުގަނޑަށް ފެންނަގޮތުގައި މިއަތޮޅަށް ލިބިފައިވާ ތަނަވަސްކަން، ތަޢުލީމުގެ ފުރުޞަތު އަތޮޅުގެ ކިޔަވާ ކުދިންނަށް ހޯދައިދިނުމަށް ބޭނުންކުރެވިފައެއް ނެތް. އަދި މިހާރުވެސް އެކަށީގެންވާ ދަރަޖަޔަކަށް ބޭނުން ކުރެވެމުންދެއެކޭ ދެންނެވޭކަށްނެތް. އާދެ، އެއާޚިލާފަށް މިއަތޮޅުގެ ރައްޔިތުން މަސައްކަތް ކުރައްވަންވާނީ، ސަރުކާރުން އެކުރާ މަސައްކަތްތަކުގައި އެއްބާރު ލައްވައި އަދި އޭގެއިތުރުންވެސް މިއަތޮޅުގެ ދަރިންނަށް ތަޢުލީމު ހާސިލު ކުރެވޭނެ މަގުތައް ފަހިކޮށްދެވޭތޯ. ކޮންމެ ރަށެއްގައިވެސް ރަށުގެ މަކްތަބެއް ނުވަތަ މަދަރުސާއެއް ހިނގަމުން ދާންވާނެ. އާދެ، އެއީ ތަނަވަސްކަންހުރި ބަޔަކަށް އެއްގޮތަކަށްވެސް ދަތިކަމަކަށް ނުވާނެ. އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ، އަޅުގަނޑުމެން އެންމެ ބޮޑަށް ބޭނުންވެފައިވަނީ ތަޢުލީމަށްކަން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ހާސިލުކޮށްދިނުމަށްޓަކައި ފައިސާ ހަރަދުކުރުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ފަސްޖެހިގެންވާނެ ކަމެއް ނޫން. އެކަމާ ކުރިމަތިލާންވާނީ އުފަލާއެކު.

އާދެ، ސަރުކާރުން ވަރަށްގިނަ އެހީތައް ވަމުންގެންދޭ. އަމިއްލަގޮތުން އެކިއެކި މަކްތަބުތަކާއި މަދަރުސާތައް ފަށައިގެން ހިންގަމުންގެންދާ ފަރާތްތަކަށް ވަރަށްގިނަ ޢިނާޔަތްތައް ސަރުކާރުން ދެމުންގެންދޭ. އެހެންވީމާ، މިއަތޮޅުގެ ރައްޔިތުންވެސް އެކަށީގެންވާ ގޮތަކަށް ތަޢުލީމުގެ ކަންތައް ކުރިއަށް ގެންދަވާކަމަށްވަންޏާ، ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެހީ ލިބެމުންދާނެ. އެކަމަކު ސަރުކާރުގެ އެހީއެއް ލިބެންދެން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކޮށް، އެ އެހީގެ އިންތިޒާރުގައި ތިބެގެންނުވާނެ. އެހެން ތިއްބަވާކަމަށްވަންޏާ ދުވަހަކުވެސް އަޅުގަނޑުމެންގެ ހާލަތު ރަނގަޅުވަމުންނެއް ނުދާނެ. ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި، ވަރަށްގިނަ އަތޮޅުތަކުގައި އެބަހުރި، ވަރަށްގިނަ ދުވަސް ވަންދެން މެދުނުކެނޑި ހިނގަމުން ގޮސްފައިވާ މަދަރުސާތައް، މަކްތަބުތައް. ބައެއް ތަންތާނގައި އެބަހުރި 30 އަހަރުވެފައިހުރި ތަންތަން. އަނެއްބައި ތަންތާނގައި އެބަހުރި، 20 އަހަރުވެފައިހުރި ތަންތަން. އަދި ރާއްޖޭގައި 10 އަހަރުވެފައިހުރި ތަންތަން ވަރަށްގިނަ. އެހެންވީމާ، އެތަންތާނގައިވެސް އެތަންތަން އެ ހިންގާ މީހުންނާއި، އެތަންތާނގެ އަހުލުވެރިން ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި އެ މަސައްކަތްކުރާ ފަދައިން، އަޅުގަނޑުމެންނަށްވެސް، މިއަތޮޅުގެ ރައްޔިތުންނަށްވެސް އަދި މާބައިދޫގެ ރައްޔިތުންނަށްވެސް އެ މަސައްކަތް ކުރެވެންވާނެ. އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތް، ސަރުކާރުގެ ފަރާތުން އެހީތައްވެދޭނެ. އާދެ، ކޮންމެއަކަސް ތަޢުލީމުގެ މުހިންމުކަމާ ދޭތެރޭގައި އަޅުގަނޑު މާގިނަ ވާހަކަތަކެއް ދެން ނުދެއްކި ކަމުގައިވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އޭގެ މުހިންމުކަން އިހުސާސް ކުރެއްވޭނެ. އަދި އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިއަށް ގެންދިޔުމަށްޓަކައިވެސް ސަރުކާރުގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. އިޤުތިޞާދުގެ އެންމެ މުހިންމު ބަޔަކީ ދިވެހިރާއްޖޭގެ ނިސްބަތުގައި މަސްވެރިކަން. މިރަށަކީ މަސްވެރި ރަށެއް. އެހެންވީމާ، މަސްވެރިކަމުގެ ފައިދާއާއި، މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބޭ އެކިއެކި މަންފާތައް، އަޅުގަނޑު މިތާނގައި ކޮންމެހެން ނުދެންނެވިޔަކަސް، މިތާނގައި މި ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތައްވެސް އަޅުގަނޑު ހިތުން ވަރަށްގިނަ މީހުންނަށް އެނގޭނެ. އޭގެތެރެއިން އެއްކަމެއް، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. މިހާރު އިންޖީނަށް އެދުމުގެ ދޮރު ވަނީ އަނެއްކާ ހުޅުވިފައި. އެހެންވީމާ، މިއަތޮޅުގެ ރައްޔިތުންގެ ތެރެއިންވެސް އިންޖީނަށް ބޭނުންވާ ފަރާތްތަކުން ގަވާއިދުން މިނިސްޓްރީ އޮފް ފިޝަރީޒަށް ސިޓީ ފޮނުއްވުމުން، އެކަމަށް ހަމަޖެހިފައިވާ އުސޫލަކުން އިންޖީނު ލިބޭނެ. ސަރުކާރުން މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި އަދި މަސްވެރިންނަށް އެކިއެކި ފަސޭހަތައް ހޯދައިދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދޭ. އޭގެތެރެއިން އެއްކަމެއް، ރާއްޖެތެރެއިން ތެޔޮ ލިބެން ހުންނާނެ އިންތިޒާމެއް ހަމަޖެއްސުން.

އާދެ، އެކަމަކީވެސް ވަރަށްބޮޑު މަސައްކަތަކަށްވާތީ އަދި މަސައްކަތް މުޅިން ފުރިހަމައެއް ނުކުރެވޭ. ރާއްޖެތެރޭގެ ރަށްރަށުގައި ތެޔޮ ލިބެން ހުންނާނެ އިންތިޒާމު ސަރުކާރުން ހަމަޖެއްސުމުގެ ގޮތުން ވަނީ ތާނގީތަކެއް ހަދައި، އަދި ރާއްޖެތެރެއަށް ފޮނުވައިފައި. މިރަށުގައިވެސް އޭގެ ބައެއް ތާނގީ އެބަހުރި. ސަރުކާރާއި ރައްޔިތުންނާ ޙިއްޞާވެގެން އުފައްދައިފައިވާ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ (އެމް.ޓީ.ސީ.ސީ)، އެކުންފުނީގެ ފަރާތުން ރާއްޖެތެރެއަށް ތެޔޮ ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަޖައްސަވައިފައި. މިހާރު ރާއްޖެތެރޭގެ ބައެއް ހިސާބު ހިސާބަށް އެ ކުންފުނީގެ ފަރާތުން ތެޔޮ ގެންދަވަނީ ފޮނުއްވަމުން. އެހެންވީމާ، އެ ތެޔޮވެސް ލިބޭނެ، އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި. އޭރުން އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް ދަތި ފިލައިގެންދިޔައީ. އެއީ މިއަތޮޅުގެ މީހުންނަށް ކުރިމަތިވެފައިވާ ދައްޗަކަށް ނުވިނަމަވެސް، ވަރަށްގިނަ އަތޮޅުތަކުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ދައްޗެއް. ތެޔޮ ނުލިބުމުގެ ދަތިކަން.

އާދެ، މިއަތޮޅަކީ، ކުރިންވެސް ދެންނެވި ފަދައިން، މަސްވެރިކަމަށް ރަނގަޅު އަތޮޅަކަށްވެފައި އަދި މަސްވެރިކަން އަބަދުވެސް ރަނގަޅަށް ކުރެވޭ ތަނަކަށްވާތީ، މިއަތޮޅުގައި ބޭރުގެ ބޯޓުފަހަރު އަބަދުވެސް އޮވޭ. މިހާރުވެސް އަޅުގަނޑު ހިތުން މިއަތޮޅުގެ ދެތަނެއްގައި ބޯޓުފަހަރު އެބަހުރި. އެ ބޯޓުފަހަރުން ތެޔޮ ލިބޭ. އެހެންވީމާ، މަސް ވިއްކުމަކަށްވެސް އެއްވެސްކަހަލަ ދައްޗެއް މިއަތޮޅުގެ މަސްވެރިންނަކަށް ކުރިމަތިވެފައެއްނުވޭ. ތެޔޮ ލިބުމުގައިވެސް އެއްވެސް ދައްޗެއް ނެތް. އެއާ ޚިލާފަށް ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގައި އެމައްސަލަ އޮންނަނީ ވަރަށްބޮޑުވެފައި. ކޮންމެއަކަސް މިއަތޮޅުގައިވެސް، މިދެންނެވި ތާނގީތައް ސަރުކާރުގެ ފަރާތުން ވަނީ ބަހައްޓައިފައި. އަދި އެތާނގީތަކަށް ތެޔޮ ފޮނުވަމުން ގެންދާނެ. އެހެންވީމާ، އެއީވެސް މަސްވެރިކަން ކުރާ ބަޔަކަށް ލިބޭ އިތުރު ފަސޭހައަކަށްވާނެކަން ކަށަވަރު. މީގެއިތުރުންވެސް މިހާރުވެސް މަސްވެރިންނަށް ހިތްވަރުދީ، އެމީހުންގެ މަސައްކަތް މިހާރަށްވުރެވެސް ބޮޑަށް ކުރިއަށް ގެންދިޔުމަށްޓަކައި ބާރުއެޅުމުގެ ގޮތުން، މަސްވެރިންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ދަނީ ވިސްނަމުން، ޚިޔާލުކުރަމުން. އަޅުގަނޑުހިތުން މާ ލަސްތަކެއްނުވެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް، ތިޔަ ހުރިހާ ފަރާތްތަކަށްވެސް އެނގޭނެ.

އާދެ، މަސްވެރިކަން ތަރައްޤީ ކުރުމުގެ އިތުރަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރަމުންގެންދާ އެހެނިހެން މަސައްކަތްތައްވެސް ތަރައްޤީކުރަންޖެހޭނެ. އެއީ އަޅުގަނޑުމެންގެ ރާއްޖެއަކީ ހަމައެކަނި މަސްވެރިކަމުގެ މައްޗަށް ހުރިހާކަމެއް ބިނާކޮށްގެންތިބޭ ޤައުމަކަށް ވެއްޖެއްޔާ، ފަހަރެއްގައި ދިމާވާގޮތަކުން އިޤުތިޞާދީ ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ. އެހެންވީމާ، މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ އިތުރަށް، އެހެންބާވަތްބާވަތުގެ މަސައްކަތްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ. މިރަށުގެ ރައްޔިތުންނަކީ މަސްވެރި ބަޔަކަށްވިޔަސް، މަސްވެރިކަމުގެ އިތުރަށް، ރަށުގައި ތިބެގެން ކުރެވޭ ބާވަތުގެ އެހެނިހެން މަސައްކަތްތައްވެސް ކުރައްވަންވާނެ.

އާދެ، އަޅުގަނޑުހިތުން ރޯނުވެށުން، ފަންގެވިނުން، ފަރުހިލުން، މިބާވަތުގެ ވަރަށްގިނަ ކަންތައްތައް، ކޮންމެ ރަށެއްގައިވެސް ކުރެވެން ހުންނާނެ. އެކަހަލަ ކަންތައްތައް ކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެއް. އެއީ އޭރުންވެސް އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވާނެތީ. މަސްވެރި ރަށަކަށްވިޔަސް، ހުރިހާ އެންމެން މަހަކަށްނުދާނެ. ބައެއް މީހުން ރަށުގައި ތިބެންވެސްޖެހޭނެ. ޚާއްޞަކޮށް، އަންހެނުން ތިބޭނީ ރަށުގައި. އެހެންވީމާ، އެހުރިހާ އެންމެންވެސް، ކޮންމެ މީހަކުވެސް ކޮންމެވެސްކަހަލަ މަސައްކަތެއް ކޮށްގެން، އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރެވޭނީ. އަދި އެމީހެއްގެ ޢާއިލާއަށް ލިބޭ އެއްޗެއްވެސް އިތުރުކުރެވޭނީ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އެއްވެސް މީހަކު މަސައްކަތެއްނުކޮށް ނުހުރުން. ކޮންމެ ބާވަތެއްގެ މަސައްކަތަކަށްވިޔަސް އެންމެ ރަނގަޅު. ބޭނުމަކީ، މަސައްކަތެއް ކޮށްގެން، އެމީހެއްގެ ދިރިއުޅުން ތަނަވަސްކުރެވޭތޯ ބެލުން.

އާދެ، އަޅުގަނޑު ކުރިން ދެންނެވި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނިފައިވާ ބައެއް ކަންތައްތައް މިރަށަށްވެސް ހަމަޖެހިފައި އެބައޮތް. އެ، އަދި އެއަށް ޢަމަލުކުރަން ނުފެށޭކަމުގައިވިޔަސް، އޭގެތެރެއިން އެއްކަމަކީ ފަޅުފުންކުރުން. އެކަން ސަރުކާރުން ހަމަޖައްސާފައި އޮންނަގޮތަކީ، ކޮންމެ ރަށެއްގެވެސް ރައްޔިތުން އެދުމުން، އެކަމަށް ބޭނުންވާ ފައިސާ ދޫކުރަނީ. ރައްޔިތުން އެ މަސައްކަތް ކުރާގޮތަށް އޮންނަނީ. މަސައްކަތް ކުރީމާ ސަރުކާރުން އެމީހުންގެ ކޮއްތު ހަރަދު ދެނީ. އެގޮތުން މިރަށުގެ ރައްޔިތުންވެސް އެކަމަށް އެދުމުން ފައިސާ ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އާދެ، އަޅުގަނޑުވެސް އެއްބަސް، ހަމައެކަނި ފަޅުކޮނެގެން މިރަށަށް ކަމަކުނުދާނެ. އޭގެއިތުރުން ނެރުވެސް ގޮއްވަންޖެހޭ. އެ މަސައްކަތަކީ ވަރަށް ޚާއްޞަ އަދި ވަރަށްބުރަ މަސައްކަތެއް. އެއީކީ ރަށުގެ ރައްޔިތުންނަށް ކުރެވޭނެ ކަމެއް ނޫން. އެކަން މިރަށަށްވެސް ސަރުކާރުގެ ފަރާތުން ކޮށްދޭގޮތަށް ވަނީ ހަމަޖެހިފައި. އެހެންނަމަވެސް އެކަން ކުރަން ބޭނުންވާ ރަށްތައް ގިނަކަމުން އަދި އެ މަސައްކަތް އެކަށީގެންވާ ދަރަޖަޔަކަށް ކުރިއަށް ނުގެންދެވި އޮތީ. މިހާރުވެސް އެ މަސައްކަތް ދަނީ ކުރެވެމުން، ފޯއްމުލަކުގައި. ޏ. އަތޮޅުގައި އެތާނގެ ނެރުތައް ގޮއްވައިހަދަނީ. އޭގެކުރިން މިދިޔައަހަރު ށ. އަތޮޅުގެ ވަރަށްގިނަ ތަންތާނގައިވެސް އެ މަސައްކަތް ކުރެވުނު. އެ މަސައްކަތުގެ ބާވަތުން ފަހަރަކު ތަނެއްގައި އެ މަސައްކަތް ކުރާގޮތަށް އޮންނަނީ. އެހެންވީމާ، މިހާރު އެ މަސައްކަތް، ޏ. އަތޮޅުގައި އެކުރާ މަސައްކަތް ނިމުމުން، އެމީހުން އައްޑުއަތޮޅަށް ގޮސްފައި އޭގެފަހުން އެނބުރި އަންނާނެ. ދެންއޮތީ މާލެއިން އުތުރަށް ދިޔުން. އޭގެފަހުގައި އަނެއްކާ އެނބުރި ދެކުނަށްވެސް އަންނާނެ. އެހެންވީމާ، އެކަންވެސް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި ވާނެ.

އާދެ، އޭގެއިތުރުންވެސް، އަދި އަޅުގަނޑު މިދެންނެވި މަޝްރޫޢުގެ އިތުރުންވެސް ސަރުކާރުން ވަރަށްގިނަ ކަންތައްތައް ކުރަމުން އެބަގެންދޭ. އަޅުގަނޑު ރާއްޖެތެރެއަށް މިދާ ދަތުރުތަކުގައި ފެންނަ އެކިއެކި ކަންކަން ރަނގަޅުކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަން. އޭގެތެރޭގައި ބައެއް ތަންތާނގެ މިސްކިތްތައް ރަނގަޅުކޮށްދިނުން، ފުރާޅު އާކުރުން، ނޫނީވިއްޔާ ރައްޔިތުންގެ ހަރަދުގައި ހަދައިފައި ހުންނަ ޢިމާރާތެއް ހިޔާކޮށްދިނުން ނުވަތަ މަދަރުސާއަކަށް ނުވަތަ މަކްތަބަކަށް ފައިސާގެ ގޮތުން އެހީއެއްދިނުން، މުދައްރިސުން ހޯދައިދިނުން، މިބާވަތުގެ ކިތަންމެ ކަމެއް ދަނީ ކުރެވެމުން. އެހެންވީމާ، އަޅުގަނޑު މިއަތޮޅުގައި އުޅޭ އުޅުމުގައިވެސް މިއަތޮޅުގެ ރަށްރަށަށް އެންމެ ބޮޑަށް ދަތިވެފައިވަނީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެކަންކަމަކީ ސަރުކާރުން ކުރެވެން އޮތް ކަމެއް ކަމަށްވަންޏާ އިރާދަކުރެއްވިއްޔާ ކޮށްދޭނަން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރައްޔިތުން މިހުރިހާ ކަމެއް ރަނގަޅަށް އިހުސާސް ކުރައްވައިގެން، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުން އެއްބާރުލައްވައިގެން މަސައްކަތް ކުރެއްވުން. އެއީ ސަރުކާރުން ކިތަންމެ މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، އަދި ކިތަންމެބޮޑު ހަރަދުތަކެއް ކުރި ކަމުގައިވިޔަސް، އެކުރާ ކަންތައްތަކުން އެކަށީގެންވާ ނަތީޖާ ފެންނާނީ ރައްޔިތުން އެއްބާރުލެއްވީމާ ކަމަށްވާތީ.

އާދެ، އަދިވެސް އެއްނުކުތާޔަކާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވައިލަން ބޭނުންވޭ. އެއީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން އާލާކުރުމާ ދޭތެރޭގައި. އަޅުގަނޑުމެންނަކީ އެއްދީނެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އެއް ޤައުމެއްގެ ރައްޔިތުން. އަޅުގަނޑުމެންގެ މެދުގައި އެއްގޮތަކަށްވެސް ހަމަނުޖެހުން އުފެދެންވީ އެއްވެސް ސަބަބެއް ނެތް. އެއާޚިލާފަށް އަޅުގަނޑުމެންގެ މެދުގައި ހުރީ ހައްތާވެސް އެކުވެރިކަން އުފެދޭ ބާވަތުގެ ސަބަބުތައް. މިދެންނެވީ އެއް ދީނެއްގެ ބަޔަކަށްވާކަން، އެއް ޤައުމެއްގެ ބަޔަކަށްވާކަން. އެއްބަހަކުން ވާހަކަދައްކާ ބަޔަކަށްވާކަން. މިހެންގޮސް ބަޔަކު އެއީ އެކުވެރި ޖަމާޢަތެއް ކަމުގައި ހަދަން ބޭނުންވާ ހުރިހާ ސަބަބުތައް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް اللّـه سبحـانـه وتعـالى ދެއްވައިފައި އެބަހުރި. އެހެންވީމާ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ނުރަނގަޅު ކަންތައްތަކެއް ހުރެގެނެއް ނުވާނެ. ދެކޮޅުވެރިކަމާއި ޙަސަދަވެރިކަން، ފިތުނަވެރިކަން، މިބާވަތުގެ ކަންތައްތަކަށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ތަންދީގެނެއް ނުވާނެ. ރާއްޖެތެރޭގައި ކަންތައްތައް ހުންނަގޮތުން އެކަހަލަ ކަންތައްތައް ބައެއް ތަންތާނގައި ދޭތެރެދޭތެރެއިންވޭ. އެއީ ވަރަށް ހިތާމަކުރަންޖެހޭނެ ކަންތައްތައް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބަލަންވާނީ، އެބާވަތުގެ ކަންތައްތައް ނުވެވޭތޯ. އަދި ކިރިޔާވެސް އެކަހަލަ ކަމެއް ވެއްޖެނަމަ، ހުރިހާ އެންމެން އެއްބާރުލައިގެން އެކަންތައް ހަމަޖެހުމަކަށް ގެނެވޭތޯ ބަލަންވާނެ. ރައްޔިތުންނާއި ވެރިންވެސް އެއްބާރުލައިގެން. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އޮވެގެނެއް ނުވާނެ. އެހެން ކަންތައްތައް ވަމުންދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މަޢީޝަތު ތަނަވަސް ކުރުމަށްޓަކައި އަދި އަޅުގަނޑުމެންގެ އިޤުތިޞާދީ އަދި ތަޢުލީމީ، އިޖުތިމާޢީ ފެންވަރު ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް ނުފެންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގެ ރައްޔިތުންވެސް، ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކުރެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދެވުން. އަދި ހުރިހާ ކަމެއްގައިވެސް، އެންމެން އެއްބާރުލައިގެން، އެއްބަޔަކު އަނެއް ބަޔަކަށް އެހީވެދީގެން ކަންތައްތައް ކުރަމުން ގެންދިޔުން. އޭރުން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފައިދާ، އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު އަދި އިޚުލާސްތެރި ތަރުޙީބަށްޓަކައި، ހިތުގެ އެންމެ ފުންމިނުން މިރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިރަށަށް އައުމަކީ އަދި މިއަތޮޅަށް ޒިޔާރަތް ކުރުމަކީ، އަޅުގަނޑު ވަރަށް ކުރިއްސުރެ ހިތުގައި ލައިގެން ހުންނަ ކަމެއް. މި އުފާ އަޅުގަނޑަށް ހާސިލު މިވީ މިއަދު. އެހެންވީމާ، މިކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، މިރަށުގެ ރައްޔިތުންނާ ބައްދަލުވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުމުން، އެކަމާ ވަރަށް ބޮޑަށް އުފާކޮށް އަދި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އެ ލިބުނު އިޚުލާސްތެރި ތަރުޙީބަށްޓަކައި ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އަޅުގަނޑުގެ އެދުމަކީ، އެއްދުވަހުން އަނެއް ދުވަހަށް ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުން. ރާއްޖެތެރޭގައި ހުރިހާ ރޮނގަކުންވެސް ރާއްޖެތެރޭގެ ރައްޔިތުންނާއި އަދި ސަރުކާރާ އެއްބާރުލައިގެން ކުރަމުންގެންދާ މަސައްކަތްތައް ކާމިޔާބުވަމުންދިޔުން. އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ލިބުމުގެ ފުރުޞަތު ތަނަވަސްވަމުން ދިޔުން. ހަމައެއާއެކު އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ތައުފީޤު ލެއްވުން.


والسّلام عليكم ورحمـة اللّـه وبركاته.