بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.

ހައްދުންމައްޗަށް ޒިޔާރަތްކުރުމަކީ އަޅުގަނޑު ވަރަށް ކުރިއްސުރެ ގަސްދުކޮށްފައިވާ ކަމެއް. އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެތެރެއަށް ދަތުރުކުރަން ފެށީ. މަޤްޞަދެއް ކަމުގައި އަޅުގަނޑު ބަލާފައިވަނީ، ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގެ މީހުންގެ ހާލު އަހުވާލު ބަލައިލުން. ހަމައެފަދައިން، ރާއްޖެތެރޭގައި އެކިއެކި ކަންތައްތައް ހުރިނެތްގޮތް ބަލައި، ރާއްޖެތެރޭގައި ދިރިއުޅޭ ދިވެހިންނަށް ދަތިވެފައި ހުންނަ މައްސަލަތަކަކީ ކޮބައިތޯ އޮޅުންފިލުވައި ހެދުން.


އާދެ، އެއީ ސަރުކާރުން އެކަންކަމުގައި އެއްވެސްކަހަލަ އެހީއެއް ވެވެން އޮންނާނެތޯ ބަލައި، އެ އެހީއެއް ވެދިނުން. މި ދަތުރުތައް ފެށިއިރުވެސް އަޅުގަނޑަށް ވިސްނުނު، ރާއްޖެތެރޭގެ ހުރިހާ ރަށްރަށަށް ދިއުމަކީ މާފަސޭހަކަމަކަށް ނުވާނެކަން. ވަރަށް ދިގު މުއްދަތެއް އެކަމުގައި ބޭނުންވާނެކަން. އެއީ އަޅުގަނޑުމެންގެ ރާއްޖެ އޮންނަ ގޮތުންނާއި، ދަތުރުފަތުރު ކުރުމުގެ ދަތިކަން އޮންނަ ގޮތުންނާއި، އަދި އަޅުގަނޑުގެ ވަގުތުވެސް ހުންނަގޮތުން. އެހެންވުމާއެކު، ކިތަންމެ ކުރިއްސުރެ މި އަތޮޅަށް އައިސް އަތޮޅުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ މަޤްޞަދު އަޅުގަނޑުގެ ހިތުގައި އޮތްކަމުގައިވިޔަސް، މިހާތަނާ ޖެހެންދެން އެކަން ޙަޤީޤަތަކަށް ނުވެއޮތީ. ކޮންމެއަކަސް އަޅުގަނޑަކީ އަޅުގަނޑުގެ ހިތުން މި އަތޮޅަކަށްވެސް މާ އާ މީހަކަށް ނުވާނެ. މި އަތޮޅުގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މީގެކުރިން އަޅުގަނޑުވާނީ ދެކެފައި. އެހެން މިދެންނެވީ މީގެ 7 އަހަރުދުވަސް ކުރިން، އަޅުގަނޑު މާލެއިން ދެކުނުގެ ހުރިހާ އަތޮޅުތަކަށް ޒިޔާރަތްކުރިން. މީހުން އުޅޭ ހުރިހާ ރަށްރަށަށް ދިޔައިން. އެއީ އޭރުގެ ސަރުކާރުން ފޮނުވި ވަފުދެއްގެ މެމްބަރެއްގެ ހައިސިއްޔަތުން. އެހެންވީމާ، މި އަތޮޅުގެވެސް އަދި މި ރަށުގެވެސް ވަރަށް ގިނަ މީހުން އަޅުގަނޑާ ބައްދަލުވެ، އަޅުގަނޑު ދެކެފައިވާނޭކަމަށް ހީކުރެވޭ. ކޮންމެއަކަސް، ރާއްޖެތެރެއަށް އަޅުގަނޑު މިކުރާ ދަތުރުތަކަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބިދޭ ކަމެއް. އަދި އެހާމެ ބޮޑު ފައިދާތަކެއް އަޅުގަނޑަށްވެސް ހާސިލުކޮށްދޭ ކަމެއް.


އާދެ، ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކު ރާއްޖެތެރެއަށް ގޮސް ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ނުބަލައި، ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފުރިހަމަޔަށް އަދާކުރެވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެގޮތަކީ، ރައީސްކަމާ ހަވާލުވާ މީހަކު އެހަވާލުވަނީ މުޅި އުންމަތުގެ ހުރިހާ ކަމަކާ. އެ ހަވާލުވަނީ ހަމައެކަނި މާލޭގެ ކަންތައްތަކަކާ ނޫން. މުޅި ދިވެހި އުންމަތުގެ ހުރިހާ ކަމެއް، އެއް ދުވަހުން އަނެއްދުވަހަށް ތަރައްޤީކުރުމާ އެހަވާލުވަނީ. އެހެންވުމާއެކު ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކު މާލޭގައި ހުރެގެން، އެއްގޮތަކަށްވެސް ރާއްޖެތެރޭގެ ކަންތައްތައް އެމީހާގެ އަމިއްލަ ލޮލުން ނުދެކި، އެމީހާއަކަށް ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ސާފެއްނުވާނެ. އަދި ރާއްޖެތެރޭގެ ރައްޔިތުންނަށް އެހީވުމުގެގޮތުން ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ކަންތައްތަކެއްވެސް އޮޅުމެއްނުފިލާނެ.


އާދެ، އަޅުގަނޑުގެ އެންމެ ބޮޑު މަޤްޞަދަކީ، ރާއްޖެތެރެއަށް ދަތުރުފަތުރު ކުރުމުގައި، މި ދެންނެވީ. އެހެންކަމުން، މި ދަތުރުތަކުން ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިހާރުވެސް ރާއްޖެތެރޭގައި ކަންތައްތައް އިޞްލާޙުކުރަން ފެށިއްޖެ. ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢެއް ސަރުކާރުގެ ފަރާތުން ރާވައި، އެމަޝްރޫޢު ހިންގަމުން އެބަގެންދޭ. އެމަޝްރޫޢުގެ ދަށުން ތަފާތު އެހީތައް ރާއްޖެތެރޭގެ ރަށްރަށަށް ލިބެމުން އެބަދޭ. އާދެ، މިސާލެއް ދަންނަވަންޏާ މިސްކިތްތައް މަރާމާތުކުރުން، ނުވަތަ މިސްކިތްތައް އިމާރާތްކުރުން. މިސްކިތަކީ އަޅުގަނޑުމެން ކަހަލަ އިސްލާމީ މުޖުތަމަޢެއްގައި ވަރަށް ޚާއްޞަ މަޤާމެއް ދޭންޖެހޭނެ ތަނެއް. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަށް ރަމްޒުކޮށްދޭ ތަން. އެހެންވުމާއެކު، މިސްކިތަށް ޚާއްޞަ ޙުރުމަތްތެރިކަމެއް ބަހައްޓައި، މިސްކިތްތައް އިމާރާތްކޮށް ބެލެހެއްޓުމަކީ އަދި އެ މިސްކިތްތައް ދިރުވުމަކީ ކޮންމެ އިސްލާމީ މުޖުތަމަޢެއްގެވެސް އެންމެ މުހިންމު އެއް ވާޖިބު ކަމުގައި ނުވެނުދާނެ. އެކަން އެހެން އޮއްވައި އަޅުގަނޑުމެން މީގެކުރިން ވަނީ މިސްކިތްތައް މުޅިން އިހުމާލުކޮށްލައިފައި. ރާއްޖެތެރޭގެ ގިނަ ރަށްރަށުގައި ހުންނަ މިސްކިތްތައް ހުންނަނީ ވަރަށް ބޮޑަށް ބާވެފައި. ފުރާޅުވެސް ހަލާކުވެފައި، ވާރޭ ވެހޭގޮތަށް. ހަމަކިރިޔާ ބޯމައްޗަށް ނުވެއްޓި ހުންނަނީ، ގިނަ ތަންތަން. އެއީ އެއްގޮތަކަށްވެސް އިސްލާމީ މުޖުތަމަޢެއްގައި ކަންތައްތައް އޮންނަންވީ ގޮތެއް ނޫން. އެހެންކަމުން، މިސްކިތްތައް މަރާމާތުކޮށް، އިޞްލާޙުކުރުން އެއީވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިގެންވާ ކަމެއް. މިސާލެއްގެ ގޮތުން މިދެންނެވީ، އެގޮތުން މިހާރު ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި އަލަށް މިސްކިތްތައް އިމާރާތްކުރެވި ހުޅުވިއްޖެ. އަދި އަޅުގަނޑުގެ މިދަތުރުގައިވެސް ވަރަށްގިނަ ރަށްރަށުގައި އެ އިމާރާތް ކުރެވުނު މިސްކިތްތައް ހުޅުވައިދިނުމުގެ ފުރުޞަތު އަޅުގަނޑަށް ލިބެމުން އެބަދޭ.


މިސްކިތްތަކާ އެއްގޮތަށް، ރާއްޖެތެރޭގައި މަދަރުސާތަކެއްވެސް ނެތް. ސަރުކާރުގެ ހަރަދުގައި މީގެކުރިން އެއްވެސް މަދަރުސާއެއް ރާއްޖެތެރޭގައި ހިންގައިފައެއް ނުވޭ. ސަރުކާރުގެ ހަރަދުގައި ހިނގަމުންދިޔަ މަދަރުސާތަކެއްވިއްޔާ ހުރީ މާލޭގައި. އެކަމަކު އެއީވެސް އެކަން އޮންނަންވީ ގޮތެއް ނޫންކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ސަރުކާރުގެ ޚިދުމަތްތައް، ޚާއްޞަކޮށް ތަޢުލީމާއި ޞިއްޙަތާބެހޭ ޚިދުމަތްތައް އެއީ ރާއްޖެތެރެއަށްވެސް ރައްދުވާންޖެހޭނެ އެއްޗެއް. އެހެންކަމުން މިދެންނެވި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ތަޢުލީމު ފެތުރުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދެވޭ. މިހާރު ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ މަދަރުސާއެއް އެބަހުރި. އަދި އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުން ނަންދެވިފައިވާ މަދަރުސާތަކެއްވެސް އަތޮޅުތަކުގައި ހުޅުވެމުން އެބަދޭ. އަދި އޭގެއިތުރުންވެސް ބައެއް މަދަރުސާ ބައެއް އަތޮޅުގައި ހުޅުވޭނެ. އެހެންވުމުން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިންގާ އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ، މާލަސްތަކެއްނުވެ ހުންނާނެ. ތަޢުލީމު ފެތުރުމަށް މި މަޝްރޫޢުގެ ދަށުން ސަރުކާރުންވެދޭ އެހީއަކީ ހަމައެކަނި އެއީއެއް ނޫން. އޭގެ އިތުރަށް އަމިއްލަ މަކްތަބުތަކަށާއި، މަދަރުސާތަކަށް، ސަރުކާރުން މިހާރު ވަމުންގެންދާ އެހީތައްވެސް ހިމެނޭ. އާދެ، މެދުނުކެނޑި ދިހައަހަރު ވަންދެން ހިންގައިފައިވާ ކޮންމެ މަކްތަބަކަށް، އަދި ކޮންމެ މަދަރުސާއަކަށް މިހާރު ސަރުކާރުގެ އެހީ ލިބެމުންދޭ.


އާދެ، އެއީ ބައެއްގެ ހިންމަތާއި މިންނަތުން ކަމެއް ކުރިޔަށް ގެންދާކަމަށްޓަކައި އެބަޔަކަށް ހިތްވަރު ދިނުމުގެގޮތުން. އެހާ މުހިންމު ޚިދުމަތެއް އެބައެއްގެ ފަރާތުން ޤައުމަށް ލިބެމުންދާތީ އެގޮތުން ސަރުކާރުން ވަމުންގެންދާ އެހީއެއް. އާދެ، ތަޢުލީމު އެއީ، މިހާރު އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ޚިދުމަތް. ތަޢުލީމާނުލައި އަޅުގަނޑުމެންނަށް ކުރިޔަކަށް ނުދެވޭނެ. ތަރައްޤީގެ އެންމެ ފުރަތަމަ ހަރުފަތަކީ ތަޢުލީމު. އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މިއަދު ގަބޫލުކުރެވޭނެ ޙަޤީޤަތެއް. މީގެކުރިން ތަޢުލީމުގެ ބޭނުން އަޅުގަނޑުމެންނަށް އޮތީ އޮޅިފައި. ނުވަތަ އަޅުގަނޑުމެންނަށް އޮތީ ނޭނގި. އެއީ އެއްގޮތަކަށްވެސް ރައްޔިތުންގެ ކުށެކޭ އަޅުގަނޑު ނުދަންނަވާނަން. އައީ ސަރުކާރުގެ ފަރާތުންވެސް އެކަމަށް އެއްވެސް ކަހަލަ ހޭލުންތެރިކަމެއް ރައްޔިތުންނަށް ހާސިލުކޮށްނުދީގެން ވެފައި އޮތް ގޮތެއް. ކޮންމެއަކަސް ތަޢުލީމަކީ މިހާރު އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާފަދައިން، އަޅުގަނޑުމެން އެންމެ ފުރަތަމަ ބޭނުންވާ ކަންތައްތައް. އެހެންވީމާ ކިޔަވައިދިނުމަށް، ކިޔަވައިދޭނެ ތަންތަން ހެދުމަށް، އެތަންތަން ހިންގުމަށް، ސަރުކާރުން އެހާ ބޮޑަށް މަސައްކަތް ކުރަމުން ގެންދަނީ. އަދި އެކަމަށްޓަކައި ސަރުކާރުން އެހާބޮޑެތި އެހީތައްވަމުން ގެންދަނީ. މިދެންނެވި މަޝްރޫޢުގައި އަޅުގަނޑު މިދެންނެވި ކަންތައްތަކުގެ އިތުރަށްވެސް ވަރަށް ގިނަ ތަފާތު ކަންތައްތައް ހިނގަމުން އެބަދޭ. އެއިން ކޮންމެ ކަމެއްގެވެސް ފުރިހަމަނަތީޖާ ފެންނާނީ ސަރުކާރުން އެކުރާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން.


އާދެ، ސަރުކާރުން ފައިސާ ހަރަދުކުރެވިދާނެ. ސަރުކާރަށް ލިބެންހުރި މިންވަރަކުން ސަރުކާރުން މަސައްކަތް ކުރެވިދާނެ. އެހެން ނަމަވެސް އެކުރާ ހަރަދުތަކުގެ ފައިދާ އަދި އެކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނީ ރައްޔިތުން އެކަމުގައި އެއްބާރުލެއްވި މިންވަރަކުން. އެހެންވީމާ، އަޅުގަނޑު ދާ ކޮންމެ އަތޮޅެއްގައިވެސް އަދި ކޮންމެ ރަށެއްގައިވެސް، ނަޞޭޙަތްތެރިވަނީ ރައްޔިތުން، ސަރުކާރުން މިކުރާ މަސައްކަތްތަކުގައި އެއްބާރުލެއްވުމަށް. ރައްޔިތުން އެއްބާރުލެއްވި މިންވަރަކުންނޫނީ އެއިން އެއްވެސްކަމެއް ކާމިޔާބު ނުވާނެތީ. މިސާލެއްގެ ގޮތުން ދަންނަވަންޏާ އަސާސީ ތަޢުލީމު، އެއީ މިހާރު ސަރުކާރުން ފަށައިގެން ހިންގަމުންގެންދާ ޕުރޮގުރާމެއް. ނުވަތަ މަޝްރޫޢެއް. އެކަންވެސް ކާމިޔާބުވާނީ ރައްޔިތުންގެ އެއްބާރުލުން އެކަމުގައި އޮތް މިންވަރަކުން.


އާދެ، އަޅުގަނޑުމެންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުން ވަރަށް ގިނައިން އެބައުޅޭ. އެއީވެސް އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ތަޢުލީމަށް މީގެކުރިން ދެވިފައިވާ އަހަންމިއްޔަތެއްގެ ކުޑަކަމުން ވެފައި އޮތްގޮތެއް. އެހެންވީމާ، ލިޔަންކިޔަން ނުދަތުން ރާއްޖެއިން ނައްތައިލުމަށާއި، އަދި އެއާއެކުގައި، ކޮންމެހެން އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކެއް އަޅުގަނޑުމެންނަށް ލިބިދިނުމަށްޓަކައި، ސަރުކާރުން ރާވައިގެން ހިންގާ މަޝްރޫޢެއް، އަސާސީ ތަޢުލީމުގެ މަޝްރޫޢަކީ. އެހެންވީމާ، އެ މަޝްރޫޢުވެސް ކާމިޔާބުވާނީ އަސާސީ ތަޢުލީމުގެ ކުލާސްތަކަށް މީހުން ހާޒިރުވިއްޔާ. ސަރުކާރުން އެކަން ހަމަޖެއްސިދާނެ، ކުލާސްތައް ބާއްވާގޮތަށް. އެހެންނަމަވެސް އެ ކުލާސްތައް ހިނގާނީ އެ ކުލާހުގައި ބައިވެރިވާ މީހުން ގަވާއިދުން އެ ކުލާސްތަކަށް ދާކަމަށްވަންޏާ. އެއީ ވަރަށް އަގުހުރި ފުރުޞަތެއް، މިހާރު އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ލިބިފައިވާ. އެ ފުރުޞަތު އެއްގޮތަކަށްވެސް އަޅުގަނޑުމެން އަމިއްލައަށް ނަގާލައިގެންނުވާނެ. އެކަހަލަ ފުރުޞަތެއް އެއީ ވަރަށް މަދުފަހަރެއްގައިނޫނީ ނުލިބިދާނެ ފުރުޞަތަކަށްވެސް ވެދާނެ. އެހެން މިދެންނެވީ، އަސާސީ ތަޢުލީމުގެ ނަމުގައި ދާއިމީ ގޮތެއްގައި މަޝްރޫޢެއް ހިންގޭކަށް ނޯންނާނެ. ވަކި މުއްދަތެއްގެ ތެރޭގައި ވަކި މަޤްޞަދުތަކެއް ހާސިލުކުރުމަށް ހިންގާ މަޝްރޫޢެއް އެއީ. އެހެންވީމާ މި ދަނޑިވަޅުގައި އެފުރުޞަތުގެ ބޭނުންކޮށްގެން އަޅުގަނޑުމެންގެ ތެރެއިން ލިޔަންކިޔަން ނުދަންނަ މީހަކު ހުރިއްޔާ ލިޔަންކިޔަން ދަސްކޮށް، އަދި އަޅުގަނޑު މިދެންނެވިފަދަ މުހިންމު މަޢުލޫމާތުތައް ދަސްކޮށް ހަދަންވާނެ.


އާދެ އޭގެތެރޭގައި، އަޅުގަނޑުމެންގެ ވަރަށް މުހިންމު މަޢުލޫމާތުތަކެއްވެސްވޭ. އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގެންވާނެ، އިސްލާމްދީނަކީ ކޮން އެއްޗެއްކަން. އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކުރައްވައިފައިވަނީ ކޮންކޮން ކަންކަމެއްކަން. މިސާލަކަށް ނަމާދުކުރުން، އެއީ ކިހިނެއް ކުރަންވީ ކަމެއްކަން. ނަމާދުކުރަން އެންމެ ފުރަތަމަ ވުޟޫކުރަންޖެހޭ. ނުވަތަ ހިނައިގަންނަންޖެހޭ. އެކަން ކުރަންވީ ކިހިނެތްކަން. ކިހިނެއް ކުރިއްޔާތޯ ނަމާދު ޞައްޙަވަނީ. ކޮންކަހަލަ ކަމެއް ކުރެވުނީމާތޯ ނަމާދު ބާޠިލުވަނީ. ރޯދަހިފުމަކީ ކިހިނެއް އޮންނަ ކަމެއްތޯ. ޒަކާތަކީވެސް އަޅުގަނޑުމެން ދޭންޖެހޭއެއްޗެއް. އަޅުގަނޑުމެންގެ ތެރެއިން، ޒަކާތް ދިނުމުގެ ތަނަވަސްކަން ލިބިގެންވާ ކޮންމެ މީހަކުވެސް އަހަރަކު އެއްފަހަރު ޒަކާތް ދޭންޖެހޭނެ. ޒަކާތް ދޭންވީ އުސޫލަކީ ކޮބައިތޯ، ކޮންކޮން އެއްޗަކުންތޯ ޒަކާތް ވާޖިބުވަނީ. ހަމައެފަދައިން، ތަނަވަސްކަން ހުންނަ މީހުން ޙައްޖުވުން. އެއީވެސް ދީނުގައި ފަރުޟު ކުރައްވައިފައިވާ ކަމެއް. އެއީވެސް ކޮންކަމެއްތޯ، ކިހިނެތްވީމާތޯ ޙައްޖުވާންޖެހެނީ، ނުވަތަ ޙައްޖުގެ ފަރުޟުތަކަކީ ކޮބައިތޯ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ، މުސްލިމުންގެ ގޮތުގައި. އެހެންނޫނީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައެއް ނުވާނެ. ހަމައެކަނި ޝަހާދަތް ކިޔައިލައިގެން ތިބިކަމުގައިވިޔަސް ނުވަތަ އަޅުގަނޑުމެންނަކީ މުސްލިމުންނޭ ދުލުން ބުނެލައިގެން ތިބިކަމުގައިވިޔަސް، އިސްލާމްދީނުގައި އަންގަވައިފައިވާ ކަންތައްތައް ނުކުރާކަމަށްވަންޏާ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައެއްނުވާނެ. އެކަންތައްތައް ކުރަން އެނގޭނީ އެކަންތައްތައް ދަސްކޮށްގެން. އެކަންތައްތައް ދަސްވާނީ ދަސްކޮށްދޭން މިހާރު ހަމަޖެހިފައިވާ ތަންތަނަށް މީހުން ގޮސްގެން. މިސާލަކަށް އަސާސީ ތަޢުލީމު. އެތާނގައި ދަސްކޮށްދޭނެ މިދެންނެވި މަޢުލޫމާތު. ހަމައެކަނި އެއެއްނޫން، އަޅުގަނޑުމެންގެ ޞިއްޙަތަށް ބޭނުންވާ މަޢުލޫމާތުތައްވެސް.


އާދެ، އަޅުގަނޑުމެން ޞިއްޙަތު ސަލާމަތުން ބަހައްޓާނީ ކިހިނެއްތޯ، ބަލިވެއްޖެއްޔާ ޢަމަލުކުރަންވީ ކިހިނެއްތޯ، ކޮބައިތޯ ޞިއްޙީގޮތުން އަޅުގަނޑުމެން ކަންތައް ކުރަންވީގޮތަކީ، ކޮބައިތޯ ހަށިގަނޑަށް ފައިދާހުރި ކާނާތަކަކީ، ހަށިގަނޑަށް ގެއްލުންހުރި ކަންތައްތަކަކީ، މިހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. އެހެން ނޭނގި އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތެއް އަދި އަޅުގަނޑުމެންގެ ޅަދަރިންގެ ޞިއްޙަތެއް ސަލާމަތެއް ނުކުރެވޭނެ. އޭގެ އިތުރަށް ބައެއް ކަހަލަ، ހިސާބާބެހޭ މަޢުލޫމާތުވެސް އަޅުގަނޑުމެންނަށް އެނގެންޖެހޭ. އެއީ އަޅުގަނޑުމެން ދިރިއުޅޭ އުޅުމުގައި އަބަދުވެސް ކޮންމެވެސް ވަރަކަށް ކޮންމެ މީހަކުވެސް ހިސާބުގެ ބޭނުން ކުރަންޖެހޭ. އެމީހަކީ މަސްވެރިއެއް ކަމުގައިވިޔަސް، ބޯޓަށް މަސް ކިރުވާއިރު އޭނަޔަށް އެލިބެނީ، ލިބެންވީ އަގުތޯ އަޅުގަނޑުމެން ބަލައިލަން ބޭނުންވާނެ. އެހެންވީމާ، ކޮންމެ މީހަކުވެސް ކޮންމެވެސް މިންވަރަކަށް ހިސާބުވެސް އެނގެން ބޭނުންވާނެ. އެހެންވީމާ، އެކަންވެސް މިދެންނެވި މަޝްރޫޢުގެ ދަށުން ހިމެނިފައިވޭ. އެއްވެސް ފީއެއްނެތި، އެއްވެސް ހަރަދެއް ރައްޔިތުން ކުރަން ނުޖެހޭގޮތަށް ސަރުކާރުން މިދެންނެވި އަސީސީ ތަޢުލީމުގެ މަޝްރޫޢު މި ހިންގަނީ. އެހެންވީމާ، އެކަހަލަ ކަންތަކަށް ރައްޔިތުން ތަރުޙީބުދީގެންނޫނީ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އޭގެ ފައިދާ ރައްޔިތުންނަކަށް ރައްދެއްނުވާނެ.


އާދެ، އަޅުގަނޑު އަސާސީ ތަޢުލީމުގެވާހަކަ މިދެންނެވީ މިސާލެއްގެ ގޮތުން. ސަރުކާރުން ކުރާ މަސައްކަތުގައި، ރައްޔިތުން ބައިވެރިނުވިއްޔާ، އޭގެ ސަބަބުން އެއްވެސް ނަތީޖާއެއް ނުފެންނާނެކަން ދައްކައިދިނުމުގެ ގޮތުން. ހަމައެއާއެކު، އެމަޝްރޫޢަކީ ވަރަށް ފުރިހަމަ ގޮތެއްގައި ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢަކަށްވާތީ، އެއަށް ރައްޔިތުންގެ ފަރާތުން ތާއީދުވެސް ހޯދުމުގެ ގޮތުން.


އާދެ، އަޅުގަނޑުމެންނަކީވެސް ދުނިޔޭގައި ދިރިއުޅެމުންދާ ޤައުމެއް. އަޅުގަނޑުމެންވެސް ޖެހޭނެ އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަން، ތަރައްޤީވާން. ދުނިޔޭގެ އެހެން ޤައުމުތައް ކުރިއަރަމުންދާއިރު އަޅުގަނޑުމެން ފަސްޖެހިގެނެއްނުވާނެ. ޒަމާނުއްސުރެ ދިވެހިންނަކީ މިނިވަންބައެއް. ދިވެހި ޤައުމަކީ މިނިވަން މުސްތަޤިއްލު ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ރީތިނަން މުޅި ދުނިޔޭގައިވެސް ހިފަހައްޓަންވާނެ. އަދި އެއްދުވަހުން އަނެއްދުވަހަށް، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިޔަށްދާންވާނެ. ތަރައްޤީގެ މަގުގައި ކުރިޔަށްދެވޭނީ، އެންމެ ފުރަތަމަ އިޤުތިޞާދީގޮތުން އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވެވިގެން. އިޤުތިޞާދީގޮތުން އަޅުގަނޑުމެންނަށް ތަނަވަސްކަން ހޯދިގެން. އިޤުތިޞާދީގޮތުން އަޅުގަނޑުމެންނަށް ތަނަވަސްކަން ހޯދޭނީ މަސައްކަތްކޮށްގެން. ކޮންމެ ޤައުމެއްވެސް ކުރިއަރާނީ މަސައްކަތްކޮށްގެން. އެއްވެސް ބަޔަކު މަސައްކަތެއް ނުކޮށެއް ކުރިޔަކަށް ނާރާނެ. އެބަޔަކަށް ލިބޭ އާމްދަނީއެއް އިތުރެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންވެސް، ކޮންމެ މީހަކުވެސް، އެމީހަކު އެކުރާ މަސައްކަތެއް ތެދުވެރިކަމާއެކު ކޮށްގެން ނޫނީ އެމީހަކަށް ލިބޭ އާމްދަނީއެއް އިތުރެއް ނުވާނެ. އަދި އެމީހާގެ އިޤުތިޞާދީ ފެންވަރުވެސް ކުރިޔަކަށްނުދާނެ. އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެގިނަ މީހުން ކުރާ މަސައްކަތަކީ، އަދި އަޅުގަނޑުމެންގެ އިޤުތިޞާދުގައި އެންމެ މުހިންމުކަމަށް ބެލޭ މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އަޅުގަނޑުހިތުން އެއީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަންތައްތަކެއް.


ހިތަދޫއަކީ މަސްވެރިކަމުގެ ގޮތުން މާ ކުރިއަރައިފައިވާ ރަށެއް ނޫންކަންނޭނގެ. އެހެންނަމަވެސް، އިޤުތިޞާދީގޮތުން ކުރެވެންހުރި އެހެން މަސައްކަތްތައް ހިތަދޫގައިވެސް ކުރެވެން ހުންނާނެ. އަޅުގަނޑު ހިތުން މަސްވެރިކަންވެސް ކުރެވެން ހުންނާނެ ކޮންމެވެސްވަރަކަށް. އެއީ، މިތާ ދާދި ކައިރީގައި މާމެންދޫވެސް އެ އޮންނަނީ. އެއީވެސް މަސްވެރިކަމުގެ ވަރަށް މޮޅު ރަށެއް. މި ރަށުގައިވެސް ކޮންމެވެސް ވަރަކަށް އިންޖީނު ބެހެއްޓި ދޯނިފަހަރުވެސް އެބަހުރި. އެހެންވީމާ، މިރަށުގެ މީހުންނަށްވެސް މަސްވެރިކަން ނުކުރެވެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. ކޮންމެއަކަސް ބައެއް ދަތިތައް ހުރިކަމުގައިވިޔަސް، އެއީވެސް ކުރެވިދާނެ ކަމެއް. އޭގެއިތުރުން މިރަށުގެ ރައްޔިތުންނަށް ކުރެވެންހުރި، ވަރަށް ގިނަ ތަފާތު މަސައްކަތްތައް އެބަހުރި. އަދި މިހާރު މިރަށުގެ ރައްޔިތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް އެބަހުރި. އެއީ ބިމުގެ މަސައްކަތް. ދަނޑުވެރިކަން. މިރަށަކީ ވަރަށް ބޮޑު ރަށެއް. ފަސްގަނޑު މޮޅު ރަށެއް. މި ރަށުގައި ތަފާތު ވައްތަރު ވައްތަރުގެ އެއްޗެތި އިންދައިގެން ހެއްދިދާނެ. އެހެންވީމާ، އެގޮތުންވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އަޅުގަނޑުމެންގެ އިޤުތިޞާދީ ފެންވަރު ކުރިޔަށް ގެންދަންޖެހޭނެ.


އާދެ، ހައްދުންމަތީގައި ކުރިޔަށް ގެންދިޔުމަށްޓަކައި މިހާރު ބޭރުގެ ފަރާތެއްގެ އެހީގައި މަޝްރޫޢެއްވެސް ތައްޔާރުވަމުން އެބަދޭ. އެއީވެސް ބޭރު ޤައުމެއްގެ ޖަމާޢަތެއްގެ ފަރާތުން ލިބޭ އެހީއެއް. އެމީހުންގެ އެންމެ ބޮޑު މަޤްޞަދަކީ ކުޑަކުދިން ސަލާމަތްކުރުން. ކުޑަކުދިން ސަލާމަތް ކުރެވޭނީ އެ ކުދިން އެ ދިރިއުޅޭ ޢާއިލާތައްވެސް ސަލާމަތްވެގެން ކަމަށްވާތީ ޢާއިލާތަކަށް އެހީވެދިނުމުގެ ގޮތުން، އެމީހުން މުޅި ދުނިޔޭގައި މަސައްކަތް ކުރަމުން އެގެންދަނީ. އެޖަމާޢަތާ މިހާރު ދިވެހި ސަރުކާރާ އެގްރީމެންޓެއްގައި ސޮއިކޮށްފި. އެހެންވީމާ، މާލަސްތަކެއްނުވެ އެޖަމާޢަތުގެ މީހުން ރާއްޖެއަށް އައިސް، ރާއްޖޭގައި ކުރެވެން ހުންނާނެ ކަންތައްތައް ބަލައި، އެކަންތައްތައް ކުރިޔަށް ގެންދާނެ. އާދެ، އެކަމަށް ހޮވިފައި، އެންމެފުރަތަމަ އެކަމުގެ މަސައްކަތް ހިންގުމަށް ހޮވިފައިވާ އަތޮޅަކީ މި އަތޮޅު. ހައްދުންމަތި. އެއީ، އެމީހުން އެންމެ ފުރަތަމަ ސަމާލުކަން ދޭން ބޭނުންވާ ކަމަކީ ދަނޑުވެރިކަން ކަމަށްވާތީ. އެހެންވީމާ، އޭގެ މީހުން އައިސް، މި އަތޮޅުގެ ރަށްތަކުގައި ތަޖުރިބާކުރުމުގެ ގޮތުން ބައެއް ބާވަތް ބާވަތުގެ ތަކެތި ހައްދައި، އެ ހައްދާނެ ގޮތްތައް މި އަތޮޅުގެ މީހުންނަށް ދަސްކޮށްދޭނެ. އޭގެފަހުން އެމީހުންނަށް، މިދެންނެވީ މި އަތޮޅުގެ މީހުންނަށް އާމްދަނީ އިތުރުކުރެވޭނެ މަގުތައް ހޯދައިދެވޭތޯ އެމީހުން މަސައްކަތްކުރާނެ. އާދެ، އެކަމުގެ ސަބަބުންވެސް މި އަތޮޅަށް އިތުރު ދިރުމެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. ހަމައެފަދައިން، މި އަތޮޅުގައި މަތިންދާބޯޓު ޖައްސާ ސްޓޭޝަނެއް މިހާރު ހެދެމުން އެބަދޭ. އޭގެ ސަބަބުންވެސް ވަރަށް ބޮޑު އިޤުތިޞާދީ އަދި އިޖުތިމާޢީ ދިރުމެއް މި އަތޮޅަށް އަންނާނެ. ހަމައެއާއެކު މި އަތޮޅުގައި ކުރެވޭ އެހެނިހެން މަސައްކަތްތަކުގެ ސަބަބުންވެސް މި އަތޮޅަށް ކުރިއެރުން ލިބޭނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، މި އަތޮޅުގެ ރައްޔިތުން މިކަންކަމަށް ސަމާލުކަން ދެއްވައިގެން އެކަންކަމުގައި ފިސާރި އިޚުލާސްތެރި ކަމާއެކު ބައިވެރިވެވަޑައިގަތުން.


އާދެ، އަޅުގަނޑުމެންގެ އިޤުތިޞާދީ ފެންވަރު ކުރިޔަށް ގެންދަން މަސައްކަތްކުރާއިރު އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ، އަޅުގަނޑުމެންނަކީ މުސްލިމުންކަން. އަޅުގަނޑުމެންނަކީ ދިވެހިންކަން. އެއީ އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަންތައްތަކެއް. އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީނުގެ ނިޢުމަތް. އިސްލާމްދީނުގެ ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެންނަށް ދެން މިލިބޭ އެހެން ހުރިހާ ނިޢުމަތެއްވެސް ލިބެމުން މިދަނީ. އެހެންވީމާ، އަޅުގަނޑުމެން އަބަދުވެސް اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަންވާނެ، އެކަލާނގެ އެހާބޮޑު މަތިވެރި ނިޢުމަތެއް އަޅުގަނޑުމެންނަށް ދެއްވައިފައިވާތީ. އެޝުކުރަކީ ޢަމަލީ ޝުކުރެއް ކަމުގައިވެސް ވާންޖެހޭނެ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ދުލުގެކޮޅުން ބުނެލާ ބަހަކަށްވެގެން، އެއީ އަދި ޝުކުރަކަށް ވެގެނެއްނުވާނެ. ޢަމަލީގޮތުން ޝުކުރުކުރުމަކީ އެކަލާނގެ އަންގަވައިފައިވާގޮތަށް އުޅުން. އިޖުތިމާޢީގޮތުން އަޅުގަނޑުމެން އެންމެ ބޮޑަށް ބަލަންވީކަމަކީ އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން ދީނުގައި ކަނޑައަޅުއްވައިފައިވާތީ، އެގޮތަށް އަޅުގަނޑުމެންގެ ހުރިހާ އުޅުންތަކާއި، ގުޅުންތަކެއް ބެހެއްޓުން.


އާދެ، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް. މުސްލިމުންކަމަށްވީތީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން ލައްވައިފައިވަނީ އަޚުންތަކެއް ކަމުގައި. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ، އަޚުންގެ މެދުގައި، އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންވާކަހަލަ ގުޅުން. ކޮންމެމީހަކުވެސް އެހެން މީހުންނަށް އެހީތެރިވުމާއި، އެހެން މީހުންނަށް ކަމޭހިތުމާއި، އެހެން މީހުންނަށް ޙުރުމަތްތެރިކޮށްހިތުން، އެއީ އެމީހާގެ މަޤްޞަދެއް ކަމުގައި ހަދަންވާނެ. އެއްވެސް މީހަކު އެހެން މީހުންނަށް ގެއްލުމެއް ލިބޭގޮތަށް، އެހެން މީހެއްގެ ޙައްޤަކުން އެއްވެސް ބައެއް އުނިވާގޮތަކަށް އެއްވެސް ކަމެއް ކޮށްގެންނުވާނެ. އަދި ވާހަކައެއްވެސް ދައްކައިގެނެއް ނުވާނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާހެން އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާހެން އެހެން މީހުންގެ މުދަލަށްވެސް ރައްކާތެރިވާންވާނެ. އެއީ އިސްލާމީ އުސޫލަކީ. އެގޮތުގެ މަތީގައި އަޅުގަނޑުމެން ތިބޭކަމުގައިވަންޏާ އަޅުގަނޑުމެންގެ މެދުގައި އޮންނާނީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އަޚުންގެ މެދުގައި އޮންނަންޖެހޭ ކަހަލަ ގުޅުން. އެކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިފިއްޔާ، ދެން އަޅުގަނޑުމެންނަކީ މުސްލިމުންނޭ ބުނި ކަމުގައިވިޔަސް، ޙަޤީޤަތަކީ މުސްލިމުން ކަމުގައެއް ނުވާނެ. އާދެ، ރަސޫލާ އެހެން ކަނޑައެޅިގެން އަންގަވައިފައިވަނީ. ޙަޤީޤަތުގައި މުސްލިމުންނަކީ އެމީހުންގެ ބަހާއި ޢަމަލުން އެހެން މީސްތަކުން ސަލާމަތްވެގެންވާ މީހުންނޭ. އޭގެމާނައަކީ، ތިމާ ކުރާ ކަންތައްތަކުންނާއި، ތިމާ ދައްކައިއުޅޭ ވާހަކަތަކުންނާއި، ބުނާ ބަސްބަހުން، އެހެންމީހުން ރައްކާތެރިވެގެންވާ މީހާއޭ މުސްލިމަކީ. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަންއެބަޖެހޭ އަޅުގަނޑުމެން ބުނާ ބަހަކުންވިޔަސް، އަދި ކުރާ ޢަމަލަކުންވިޔަސް އެއްވެސް އެހެން މީހަކަށް ގެއްލުމެއް ލިބިގެނެއްނުވާނެ. އެހެންމީހެއްގެ ޙައްޤަކަށް އަރައިގަނެވިގެން ނުވާނެ. އެހެން މީހަކަށް އެއްވެސްކަހަލަ އުނިކަމެއް ލިބިގެނެއް ނުވާނެ. ލިބޭކަމަށްވަންޏާ އެއީ، އޭގެ މާނައަކީ އަޅުގަނޑުމެންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫނޭ. އެހެންވީމާ، މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭ. އަޅުގަނޑުމެންނަކީ މުސްލިމުންކަން، މުސްލިމުން ކަމަށްވީތީ އެއްބަފާ ބައެއްކަން، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންވާކަހަލަ އުޚުއްވަތްތެރިކަމުގެ، އެހީތެރިކަމުގެ، ލޯބީގެ ގުޅުން އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނެ.


އާދެ އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަމުގައި ވެއްޖެނަމަ، ދެން އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރާ ކޮންމެ ކަމެއްގެވެސް ހެޔޮނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ. އެއާޚިލާފަށް އަޅުގަނޑުމެންނަކީ ހަމަނުޖެހޭ، އެއްބަޔަކު އަނެއްބަޔަކާ ހަމަނުޖެހޭ ބަޔަކަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ މެދުގައި ރުޅިވެރިކަން އޮންނަކަމަށްވަންޏާ އެއްގޮތަކަށްވެސް އަޅުގަނޑުމެންކުރާ އެއްވެސްކަމެއް ކާމިޔާބެއް ނުވާނެ. އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންދާނީ ދަށަށް. އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ތާރީޚަށް ބެލިޔަސް އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް ބެލިޔަސް، އަޅުގަނޑުމެންނަށް ތަޖުރިބާއިންވެސް މިއީ ތެދެއްކަން އެނގޭނެ. އެކުވެރިވެ، އެކަތިގަނޑަކަށް ވެއްޖެ ކޮންމެބަޔަކު އެއްދުވަހުން އަނެއްދުވަހަށް ދާނީ ކުރިޔަށް. އެއާ ޚިލާފަށް ވަކިވަކިވެ، ބައިބައިވެއްޖެ ކޮންމެބަޔަކު އެއްދުވަހުން އަނެއްދުވަހަށް ދާނީ ދަށަށް.


އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އަޅުގަނޑުމެން ދިރިއުޅުމުގެ މަގުގައި ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އަދި އެކަކުއަނެކަކާ ވާދަކުރިކަމުގައިވިޔަސް، ފަހަރެއްގައިވެސް އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާން ނައްތައިނުލާށޭ. ފަހަރެއްގައިވެސް އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން ހަނދާން ނައްތައިނުލާށޭ. އެ ދެކަންތައް ހަނދާންކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާކަމަށްވަންޏާ އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި اللّـه سبحـانـه وتعـالى ތައުފީޤު ލައްވާނެއޭ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މާދިގުކުރާކަށް ގަސްދެއްނުކުރަން. އެހެންނަމަވެސް މިރޭގެ މިވާހަކަކޮޅު ނިންމައިލުމުގެ ކުރިން ހިތަދޫގެ ރައްޔިތުންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު މި ރަށަށް މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވެވަޑައިގެންފައިވާތީ، އަދި ރަށްވެސް ވަރަށް ބޮޑަށް ތައްޔާރުކުރައްވައި، ޒީނަތްތެރި ކުރައްވައިފައިވާތީ. އަޅުގަނޑު އެހެން ރަށްރަށުގައިވެސް ދަންނަވަން، އެކަހަލަ ކަންތައްތަކަކީ އަޅުގަނޑު އެދޭކަމެއް ނޫނޭ. އެއީ އެއްވެސް ބަޔަކު، އެބަޔަކު އެ ދިރިއުޅުމަށް ކުރާ މަސައްކަތެއްގައި ހޭދަކުރަންޖެހޭ ވަގުތު، މިކަހަލަ ކަންތައްތަކުގައި ހޭދަކުރަން އުޅުމަކީ. އަދި އެމީހުން އެއްވެސް ކަހަލަ ހަރަދެއްކުރަން ޖެހުމަކީ، އެއްވެސް ތަކުލީފެއް އުފުލަންޖެހުމަކީ، އަޅުގަނޑު ބޭނުންކަމެއް ނޫން. އަޅުގަނޑުގެ ބޭނުމަކީ ރާއްޖެތެރެއަށް އައިސް ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކުރުން. އެއްވެސްކަހަލަ، މަރުޙަބާ ކިޔުމުގެ ގޮތުން ކަންތައްތަކެއް ރައްޔިތުން ކުރާކަށް އަޅުގަނޑު ބޭނުމެއްނުވޭ. އެހެންނަމަވެސް މިކަންތައްތައް ކުރައްވަނީ، ރައްޔިތުން އަމިއްލައަށް ހިތުން ރުހުމުން، އެމީހުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚުލާސްތެރިކަން ފާހަގަކުރެއްވުމުގެ ގޮތުންކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ، އެކަމާ ދޭތެރޭގައި މާބޮޑު އިޢުތިރާޟެއް ނުކުރަނީ. އަދި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރުވެރިވަނީ. ކޮންމެއަކަސް މި ރަށުގެ ރައްޔިތުންނާއި ވެރިންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. ހަމައެފަދައިން، މި އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އިސްމާޢީލް މުޙައްމަދަށްވެސް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭނާ މި ދަތުރުގައި ބެހެއްޓެވި ޢިނާޔަތަށްޓަކައި. މި ދަތުރުގައި އިރާދަކުރެއްވިއްޔާ މިހާރު މި އަތޮޅުގެ ގާތްގަނޑަކަން ހުރިހާ ރަށަކަށް ދެވިއްޖެ. ދެން އޮތީ އެންމެ ރަށެއް. މާދަމާ އެރަށަށް ދިޔައިމާ ހައްދުންމަތީގެ ހުރިހާރަށަކަށް މިފަހަރުވެސް ގޮސް ނިމުނީ. އެހެންވީމާ، މިދަތުރު ނިމެން ކައިރިވެފައިވުމާއެކު އަދި މި ރަށަކީ މި އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށްކަމަށްވާތީ، އަތޮޅުވެރިޔާއަށް ޝުކުރު ދެންނެވުމަށް އަޅުގަނޑު މި ފުރުޞަތުގެ ބޭނުން މިކުރީ.


އާދެ، އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީގެ މަގުގައި ކުރިޔަށްދެވޭނެ މަގުތައް اللّـه سبحـانـه وتعـالى ތަނަވަސްކޮށްދެއްވުން. އަދި ރާއްޖޭގެ ރައްޔިތުންނާއި ރާއްޖޭގެވެރިން ރާއްޖެއަށްޓަކައި ކުރައްވަމުންގެންދަވާ ޚިދުމަތްތަކުގައި އެކަލާނގެ މަތިވެރި ތައުފީޤު ލެއްވުން.


والسّلام عليكم ورحمـة اللّـه وبركاته.