بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبه أجمعـين.

މިއަދު ކުނަހަންދޫއަށް އައިސް، ކުނަހަންދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށްބޮޑަށް އުފާކުރަން. އަޅުގަނޑު ހައްދުންމައްޗަށް މިކުރާ ދަތުރަކީ މީގެ ތިންއަހަރު ކުރިން ރާއްޖެތެރެއަށް އަޅުގަނޑު ކުރަން ފަށައިފައިވާ ދަތުރުތަކުގެ ބައެއް. ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރޭގައި، ރާއްޖެތެރޭގެ ރައްޔިތުން ދިރިއުޅެމުންދާގޮތް ބަލައިލައި، އެމީހުންގެ ހާލު އަހުވާލު ދެކި އަދި އެމީހުންނަށް ދަތިވެފައިވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުންފިލުވައި، ސަރުކާރުން އެމީހުންނަށް ވެވެން އޮންނާނެ އެހީތަކެއްވެދިނުން. ހަމަ އެފަދައިން، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށްފަހު ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން މަޝްރޫޢެއް ރާވައި، އެ މަޝްރޫޢު ހިންގުން. މީގެކުރިން އަޅުގަނޑު ރާއްޖެތެރެއަށް ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށް، އަދި ސަރުކާރުގެ އެހެން ބައެއް ވެރިން ކުރެއްވި ދަތުރުފުޅުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ކުރިއެރުވުމުގެ ވަރަށް ބޮޑު މަޝްރޫޢެއް ވަނީ ރޭވިފައި. އެމަޝްރޫޢު މިހާރުދަނީ ހިނގަމުން. ގާތްގަނޑަކަށް މިހާރު ތިން އަހަރުދުވަސް ވެއްޖެ އެމަޝްރޫޢު ފެށުނުތާ.

އާދެ، އެމަޝްރޫޢުގައި ވަރަށް ގިނަ ކަންތައްތައް ހިމެނޭ. އެއީ، ރާއްޖެތެރެއަށް ވަރަށް ގިނަ ކަންތައްތައް ބޭނުންވެފައިވާތީ. ރަށްރަށުގައި އަލުން މިސްކިތް ޢިމާރާތްކުރުން. ބައެއް ތަންތާނގައި މިސްކިތް މަރާމާތުކުރުން. ރަށްރަށުގެ އޮފީސްތައް ޢިމާރާތްކުރުން. މަރާމާތުކުރުން. ކޮންމެ އަތޮޅަކަށްވެސް އަތޮޅުއޮފީހަށް މުވައްޒަފުން އިތުރުކުރުން. ރަށުއޮފީހަށް މުވައްޒަފުން އިތުރުކުރުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން. މިހެންގޮސް ރާއްޖެތެރޭގެ ކަންތައްތައް ކުރިއެރުވުމަށް ބޭނުންވާ، ވަރަށް ގިނަ ކަންތައްތައް، މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. ހަމައެފަދައިން ބައެއް ރަށްރަށުގައި ފަޅުކޮނުން، ނެރުގޮއްވުން، އަދި ޚާއްޞަކޮށް ތަޢުލީމާބެހޭ އެހީތައް ސަރުކާރުގެ ފަރާތުން ވެދިނުން. އެއީ މި މަޝްރޫޢުގެ އެންމެ ބޮޑު އެއް ޚިދުމަތް.

އާދެ، މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިނގަމުންދާ މަދަރުސާއެއް އެބަހުރި. މީގެކުރިން ހުރިހާ މަދަރުސާތަކެއްވެސް ހުންނަނީ މާލޭގައި. ތަޢުލީމުގެ ފުރުޞަތު ދައުލަތުން އޭރު ތަނަވަސް ކޮށްދީފައި އޮންނަނީ ހަމައެކަނި މާލޭގެ ދަރިންނަށް ނުވަތަ މާލޭގައި ދިރިއުޅޭ މީހުންގެ ދަރިންނަށް. ނުވަތަ ރާއްޖެތެރޭގެ މީހުންގެ ތެރެއިންވެސް މާލޭގައި ދިރިއުޅެވޭ ފެންވަރު މީހުންގެ ދަރިންނަށް. ވާހަކަޔަކީ މާލޭގައި އެކަނި ދައުލަތުގެ ހަރަދުގައި ހިނގާ މަދަރުސާތައް ހިނގަމުން ގޮސްފައިވަނީ. އެއާ ޚިލާފަށް މިހާރު ދެންމެ އަޅުގަނޑު މިދެންނެވި ފަދައިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ އެއް މަދަރުސާ އެބަހުރި. އޭގެ އިތުރަށް ތަޢުލީމީ މަރުކަޒުތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ބިނާކުރެވެމުން، ހުޅުވެމުން. އަދި އޭގެ އިތުރުންވެސް ބައެއް މަދަރުސާތައް ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން އެބަ ހުޅުވާ. އެހެންވީމާ، ވަރަށް ކައިރި މުސްތަޤުބަލެއްގައި ކޮންމެ އަތޮޅެއްގައިވެސް އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ސަރުކާރުގެ ހަރަދުގައި ހިނގަމުންދާނެ.

އާދެ، ތަޢުލީމުގެ ބޭނުން އެއީ އަޅުގަނޑު ހިތުން ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން. ތަޢުލީމަކީ އެއާނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ނުދެވޭނެ އެއްޗެއް. ވަރަށް ބޮޑަށް ރާއްޖެ މިއަދު ބޭނުންވެފައިވާ އެއްޗެއް. އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ ތަޢުލީމެއް ލިބިގެންނޫނީ ކުދިންނަށް އެކަށީގެންވާ ދިރިއުޅުމެއް ނުފެންނާނެ. އަދި އެކުދިންނަށް ޤައުމަށާއި މުޖުތަމަޢަށް އެކަށީގެންވާ ޚިދުމަތެއް ނުކުރެވޭނެ. އާދެ، މި ރަށަކީ، އަޅުގަނޑުވެސް އެއްބަސް، ވަރަށް ދަތި ގޮތްތަކެއް މެދުވެރިވެފައިވާ ރަށެއް. ވަރަށް އާދައިގެ ރަށެއް. މީސްކޮޅުވެސް މަދު. އަނެއްކާ ފަޅުތެރޭގެ ދަތިކަންވެސް ވަރަށް ބޮޑު. މީގެކުރިން މިރަށުގެ މީހުންވަނީ އެހެން ރަށަކަށް ދާންވެސް ޖެހިފައި. އެތައް އަހަރެއް ވަންދެން އެހެން ރަށެއްގައި އާދެ، ހިތަދޫގައި ތިބެފައި، އެނބުރި މި ރަށަށްއައިސް މިހާރު މިތިބީ. އެފަދަ ގޮތްތައް ދިމާވުމުގެ ސަބަބުން މި ރަށުގައި އެކަށީގެންވާ ފެންވަރަށް މަކްތަބެއްގެ ކަންތައް ކުރިޔަށް ނުގެންދެވި އޮތްކަން އަޅުގަނޑަށް އެނގޭ.

އާދެ، ކޮންމެއަކަސް މިހާރުން ފެށިގެން، ރަށުގެ ރައްޔިތުން އިތުރު ހިންމަތަކާއި މިންނަތެއް ކުރައްވައިގެން، މިމަކްތަބުގެ ކަންތައް ކުރިޔަށް ގެންދެވުން އެއީ އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރިކަމެއް. ސަރުކާރުގެ ހަރަދުގައި ކޮންމެ ރަށެއްގައި މަދަރުސާއެއް ނުވަތަ މަކްތަބެއް ނުހިންގޭނެ. އެހެންވީމާ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެ ރަށެއްގައި ކޮންމެވެސް ފެންވަރަކަށް މަކްތަބެއް ނުވަތަ މަދަރުސާއެއް ހިންގެވޭތޯ ބައްލަވަންވާނެ. އެއީ ރަށުގެ ރައްޔިތުންގެ ދަރިންނަށް ތަޢުލީމު ހާސިލުކުރެވޭނެ ފުރުޞަތުތައް ހޯދައިދިނުމަކީ، އެ މީހުންގެ މަސްއޫލިއްޔަތަކަށްވާތީ. އަދި ދީނީގޮތުންވެސް އެމީހުންގެ ވާޖިބަކަށްވާތީ. އަޅުގަނޑުމެންގެ ދަރިންނަށް ދީނުގެ ކަންތައްތައް އަޅުގަނޑުމެން އުނގަންނައިދޭންޖެހޭނެ. ދީނުގެ ފަރުޟުތައް ދަސްކޮށްދޭންޖެހޭނެ. ދީނުގައި ނަހީ ކުރައްވައިފައިވާ ކަންތައްތައް އޮޅުންފިލުވައިދެއްވަން ޖެހޭނެ. އެހެންނޫނީ އަޅުގަނޑުމެންގެ ވާޖިބު އެއްގޮތަކަށްވެސް އަދައެއްނުކުރެވޭނެ. އެކަން އޮތީ އެހެންކަމަށްވުމާއެކު، ރަށުގެ ރައްޔިތުން އެއްބާރުލައްވައިގެން މަކްތަބުގެ ކަންތައް ކުރިޔަށް ގެންދެވޭތޯ ބެއްލެވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް. އަމިއްލަގޮތުން މަސައްކަތް ކޮށްގެން މަކްތަބުތައް ހިންގާ ފަރާތްތަކަށް، މަދަރުސާތައް ހިންގާ ފަރާތްތަކަށް ސަރުކާރުން އެހީވެދޭނެ. މިހާރުވެސް އެކަހަލަ ވަރަށް ގިނަ ތަންތަނަށް ސަރުކާރުގެ އެހީ ލިބެމުންދޭ. މި ރަށުގައިވެސް އެފަދަ ތަނެއް ހިންގަމުންދާ ކަމަށްވަންޏާ ސަރުކާރުގެ އެހީ ލިބޭނެ. އެހެންވީމާ، މިއަދުން ފެށިގެން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިޔަށް ގެންދެވުން އަޅުގަނޑު އެދެން.

އާދެ، އޭގެއިތުރުން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި، އިޤުތިޞާދީ ފެންވަރު މަތިކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިއުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މި ރަށަކީ މަސްވެރިކަމުގެ ގޮތުން މާ ކުރިއަރައިފައިވާ ރަށެއް ނޫން. އެހެން ނަމަވެސް ކޮންމެވެސްވަރަކަށް މަސްވެރިކަންވެސް ކުރެވޭ. އެހެންވީމާ، މަސްވެރިކަންވެސް މިރަށުގައި ތިބެގެން ކުރެވެން އޮތް ފެންވަރަކަށް ކުރިޔަށް ގެންދަންވާނެ. އޭގެ އިތުރުން ރަށުގައި ތިބެގެން ކުރެވޭކަހަލަ މަސައްކަތްތައްވެސް ކުރަމުން ގެންދަންވާނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ރަށަކީ ފަލަމަޑީގެ ރަށެއް. އެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރިޔަށް ގެންދެވޭ. އެހެންވީމާ، އެމަސައްކަތްވެސް ވެވުނު އެންމެ ރަނގަޅަކަށް ކޮށްގެން، އެއިން ލިބެން އޮތް އެންމެ ރަނގަޅު އާމްދަނީއެއް ހޯދޭތޯ މި ރަށުގެ ރައްޔިތުން މަސައްކަތް ކުރައްވަންވާނެ.

އާދެ، އަޅުގަނޑު އެހެން ނަސޭޙަތްތެރިވަނީ، އޭގެ ސަބަބުން ސަރުކާރަށް އެއްވެސްކަހަލަ ފައިދާއެއް ވާނެތީކީނޫން. މި ރަށުގެ ރައްޔިތުން އިތުރު މަސައްކަތް ކުރައްވައިގެން ހޯއްދަވާ އިތުރު އާމްދަނީއަކީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ލިބޭ އެއްޗެއް. އެ މަސައްކަތްކުރާ ބައެއްގެ ދިރިއުޅުމަށް ލިބޭ އިތުރު ތަނަވަސްކަމެއް. އަޅުގަނޑުމެންގެ ދީނުގައިވެސް އަންގަވައިފައިވަނީ މަސައްކަތްކުރުމަށް. މަސައްކަތްނުކޮށް ނުތިބުމަށް. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެންގެ މައްޗަށް، މަސައްކަތްކުރުން އެއީ ލާޒިމުވެފައިވާ ކަމެއް. އަޅުގަނޑުމެން ދރިއުޅުން ތަނަވަސްކުރަން މަސައްކަތް ކުރަމުން ގެންދާއިރު، ފަހަރެއްގައިވެސް ހަނދާން ނައްތައިލައިގެން ނުވާނެ، އަޅުގަނޑުމެންނަކީ މުސްލިމުންކަން، އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިންކަން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީވެސް މުސްލިމުންގެ މެދުގައި އޮންނަ ގުޅުންކަން.

އާދެ، މުސްލިމުންގެ މެދުގައި އޮންނަންވާނީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން. އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އެއްވެސް މީހަކު އެހެން މީހުންނަށް ދަތިވާގޮތަށް ކަންތައްތައް ކޮށްގެންނުވާނެ. ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، ކޮންމެ މީހަކުވެސް އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ. ތިމާގެ އަމިއްލަ ގެދޮރަށާއި، މުދާތަކަށް ތިމާ ރައްކާތެރިވާ ފަދައިން، އެހެންމީހުންގެ ގެދޮރަށާއި މުދަލަށްވެސް ރައްކާތެރިވާންވާނެ. ތިމާގެ ސަބަބުން އެހެން އެއްވެސް މީހަކަށް އަނިޔާއެއް، އުނދަގުލެއް ލިބިގެންނުވާނެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ، [المسلم من سلم المسلمون من لسانه ويده.] [ޙަޤީޤަތުގައި މުސްލިމު މީހެއް ކަމުގައި ބެލޭނީ، އިސްލާމްވެފައިވާ މީހެއްކަމުގައި ބެލޭނީ އެމީހާގެ އަތާއި އަދި ދުލުގެ ނުބައިން އެހެން މީހުން ރައްކާތެރިވެ ސަލާމަތްވެގެންވާ މީހާއޭ.] އެހެންވީމާ، އަޅުގަނޑުމެން މީ މުސްލިމުން ކަމުގައި އަޅުގަނޑުމެން އަމިއްލައަށް ބެލިކަމުގައިވިޔަސް، އަޅުގަނޑުމެން ކުރާ ކަންތައްތަކުން އެހެން މީހުންނަށް އުނދަގޫވާ ކަމަށްވަންޏާ، އެހެން މީހުންނަށް އަނިޔާލިބޭ ކަމަށްވަންޏާ، އެހެން މީހުންނަށް ގެއްލުން ލިބޭ ކަމަށްވަންޏާ ނުވަތަ އަޅުގަނޑުމެން ދައްކާ ވާހަކައިންނާއި ބުނާ ބަސްބަހުންވެސް އެހެން މީހުންނަށް ގެއްލުން ލިބޭ ކަމަށްވަންޏާ އެއީ އަޅުގަނޑުމެން ނުވާނެ ފަހަރެއްގައިވެސް ފުރިހަމަ މުސްލިމުން ކަމުގައެއް. އަޅުގަނޑުމެން މުސްލިމުން ކަމުގައި ވާނީ އަޅުގަނޑުމެންގެ ޢަމަލުތައްވެސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބެހެއްޓިއްޔާ. އަޅުގަނޑުމެންގެ ބަސްތައްވެސް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ބެހެއްޓިއްޔާ.

އެހެންވީމާ، ކޮންމެ މީހަކުވެސް އެހެން މީހުންނަށް ކަމޭހިތައި، އެހެން މީހުންނަށް އިޙުތިރާމުކޮށް، އެހެންމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުން އެއީ ތިމާގެ އިސްލާމްކަމުގެ ޝަރުޠެއްކަމުގައި ދެކިގެން، އެގޮތަށް ޢަމަލުކުރަން ވާނެ. އެއްވެސް ކަހަލަ ހަމަނުޖެހުމެއް ދެކޮޅުވެރިކަމެއް އަޅުގަނޑުމެންގެމެދުގައި އޮވެގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ވާންވާނެ. އެކުވެރިގޮތުގައި އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ތިބެގެން މަސައްކަތް ކުރަމުން ގެންދާކަމަށް ވަންޏާ އަޅުގަނޑުމެން ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ތައުފީޤު ލައްވާނެ. އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެނިގެންދާނެ. އެއާ ޚިލާފަށް އަޅުގަނޑުމެންނަކީ ދެކޮޅުވެރި ބައެއް ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެންގެ މެދުގައި ފިތުނަފަސާދަ އުފެދިފައިވާ ކަމަށްވާނަމަ، އަޅުގަނޑުމެންނަކީ ބައިބައިވެފައިވާ ބަޔަކަށްވާނަމަ، އަޅުގަނޑުމެންކުރާ އެއްވެސް ކަމެއްގެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ ހަމަ ކަނޑައެޅިގެން އެނގެން އޮތްކަމެއް. އަޅުގަނޑުގެ ނަޞޭޙަތަކީ، މިރަށުގެ ރައްޔިތުންވެސް ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ފެތުރުއްވުމަށް މަސައްކަތް ކުރެއްވުން.

އާދެ، ވަރަށް އަވަހަށް ޢަޞްރުނަމާދު ވަގުތުޖެހޭނެ. އެވަގުތުގައި މިސްކިތް ހުޅުވުން އެބައޮތް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. އެ މިސްކިތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި ބިނާކުރެވުނު މިސްކިތެއް. އެހެންވީމާ، އެއީ މި ދެންނެވި މަޝްރޫޢުގެ ދަށުން މި ރަށަށް ލިބިފައިވާ އެހީއެއް. ކޮންމެއަކަސް އަޅުގަނޑު މި ރަށަށް އައި އައުން ފާހަގަކުރެއްވުމަށްޓަކައި ކުނަހަންދޫގެ ވެރިންނާއި ރައްޔިތުން ކުރައްވާފައިވާ ތަފާތު މަސައްކަތްތަކަށާއި އަދި ރަށުތެރެ ޒީނަތްތެރިކުރައްވައި، އެކި ގޮތްގޮތުން މި މުނާސަބަތަކީ ކުލަގަދަ މުނާސަބަތެއް ކަމުގައި ހެއްދެވުމަށް، ކުރައްވައިފައިވާ މަސައްކަތްތައް ފެނިފައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް ޝުކުރުވެރިވަން. އާދެ، އަޅުގަނޑު ނޭދެން އެއްގޮތަކަށްވެސް އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގެ ސަބަބުން ރާއްޖެތެރޭގެ މީހުންނަށް އެއީ އެއްވެސްކަހަލަ ބުރަޔަކަށްވާކަށެއް. އެއްވެސް ތަކުލީފެއް އޭގެ ސަބަބުން ރައްޔިތުން އުފުއްލަވާކަށް. އެއްވެސް ހަރަދެއް ކުރައްވާކަށް. އެހެންނަމަވެސް މިކަންތައްތައް ކުރައްވައިފައި މިވަނީ، ރައްޔިތުން ހިތުންރުހުމުން އެމީހުންގެ ހިތުގައި ސަރުކާރާމެދު އުފެދިފައިވާ އިޚުލާސްތެރިކަން ފާޅުކުރުމުގެ ގޮތުންކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ، އެކަމަށްޓަކައި ކުނަހަންދޫގެ ރައްޔިތުންނަށާއި ވެރިންނަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިދެއްކި ވާހަކައިގައިވާ ނުކުތާތަކުގެ މައްޗަށް ކުނަހަންދޫގެ ރައްޔިތުން ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލު ކުރައްވާނެކަން ޔަޤީންކުރަމުން، އަދި ކުނަހަންދޫގެ ރައްޔިތުންނަށް މިއަދަށްވުރެ ތަނަވަސް ބާއްޖަވެރި މުސްތަޤުބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން އެދި ދުޢާކުރަމުން ވަކިވެލަން.


والسّلام عليكم ورحمـة اللّـه.