بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبه أجمعـين.

މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރާއިރު، އަޅުގަނޑުގެ އެންމެ ފުރަތަމަ އުފަލެއް ކަމަށް ދެކެނީ، ދައުލަތުގެ ނަމުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި މާމެންދޫގެ މަސައްކަތްތެރި، ހީވާގި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވައި މަރުޙަބާ ކިޔުން. ހަމަ އެފަދައިން، އަޅުގަނޑު މިއަދު މާމެންދޫއަށް އައުމާއެކު، މާމެންދުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބިގެންދިޔަ ހޫނު ތަރުޙީބަށްޓަކައި މާމެންދޫގެ ވެރިންނަށާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަޅުގަނޑުގެ މި ޒިޔާރަތަށްޓަކައި މާމެންދޫ ތައްޔާރު ކުރައްވައިފައިވަނީ ވަރަށް ފުރިހަމަ ގޮތެއްގައި. އެކަން އަޅުގަނޑު ފާހަގަކުރަނީ ރައްޔިތުންގެ ހިތްތަކުގައި ދައުލަތާ ދޭތެރޭގައި އުފެދިފައިވާ އިޚުލާސްތެރިކަމުގެ ހެއްކެއްގެ ގޮތުގައި. އެހެންކަމުން އެކަމަށްޓަކައި އުފާކޮށް، މި ރަށުގެ ރައްޔިތުންނަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމުގައިވޭ.


އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކަކީ، ރާއްޖެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހާލު އަހުވާލު ބަލައިލުމަށްޓަކައި ކުރާ ދަތުރުތަކެއް. މި ދަތުރުތަކުން ލިބޭ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މިހާރު ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން މަޝްރޫޢެއް ރާވައިގެން އެ މަޝްރޫޢު ގެންދަނީ ހިންގަމުން. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ. މީހުންނަށް ދަތިވެފައިވާ ކަންތައްތައް ރަނގަޅު ކޮށްދިނުމަށްޓަކައި އެ މަސައްކަތްތައް ކުރެވެމުންދަނީ. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރޭގައި ރަނގަޅުކުރަން ވެފައިވާ، ވަރަށް ގިނަ ތަފާތު ކަންތައްތައް އެބަހުރި. އެހެންކަމަށްވެފައި އެކަންކަމަކީ ވަރަށް ގިނަ ދުވަހުން ނޫނީ ރަނގަޅު ކުރެވޭނެ ކަންކަމަށްނުވާތީ، އަދި އެކަންކަމަށް ދައުލަތުގެ ފަރާތުން ވަރަށް ބޮޑެތި ހަރަދު ކުރަން ޖެހޭނެތީ، އެ ކަންކަން ތަންކޮޅެއް ގިނަދުވަހުން ނިމުމަކަށް އަންނާނީ. އެހެންނަމަވެސް މުހިންމުކަމަކީ މަސައްކަތް އެ މިޞްރާބުގައި ކުރެވެމުންދިއުން. އެމަސައްކަތް މިހާރު ކުރެވެމުންދާތާ ތިން އަހަރު ދުވަސްވެއްޖެ. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތްތާނގައިވެސް ހުއްޓުމެއްނެތި ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގެ މަސައްކަތްތައް ސަރުކާރުން ހިންގަމުން ގެންދާނެ.

އާދެ، މި ދެންނެވި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވާ އެއްކަމަކީ ރާއްޖެތެރޭގައި، ރާއްޖެތެރޭގެ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން. އެ ގޮތުން މިހާރު ސަރުކާރުގެ ހަރަދުގައި ކޮންމެ އަތޮޅެއްގައިވެސް ހިނގާ، ސަރުކާރުގެ މަދަރުސާއެއް އެބަހުރި. އޭގެ އިތުރުން އަތޮޅު ތަޢުލީމީ މަރުކަޒުތައްވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އަތޮޅުތަކުގައި ބިނާ ކުރެވެމުން، ހުޅުވެމުން. އަދި އޭގެ އިތުރު މަދަރުސާތައްވެސް ސަރުކާރުގެ ފަރާތުން ބޭރުގެ އެހީއާއެކުގައި އެބަ ހުޅުވަމުން ގެންދޭ. މި ހުރިހާ ކަމެއްގެ ބޭނުމަކީ ރާއްޖެތެރޭގެ ދަރިންނަށް އެދެވޭ ފެންވަރެއްގައި ކިޔަވައިދިނުމުގެ ފުރުޞަތު އަދި ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުން.

އާދެ، ސަރުކާރުން ތަޢުލީމު ފެތުރުމަށް އެކުރާ މަސައްކަތްތަކުގެ އިތުރަށް، ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެ ރަށެއްގައި ދިރިއުޅޭ، އެ މީހުންގެ ދަރިންނަށް ކިޔަވައިދިނުމުގެ ކަންތައްތައް ހަމަޖައްސައިދެވޭތޯ ބަލަންވާނެ. އާދެ، އެހެން މި ދަންނަވަނީ ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގެން ނޯންނާނެތީ. އެހެންވީމާ، ކޮންމެ ރަށެއްގައިވެސް އެ ރަށުގެ ރައްޔިތުން އެއްބާރުލައިގެން މަކްތަބެއް ހިންގަމުން ގެންދިއުމަކީ ހަމަކޮންމެހެން މިވަގުތު ކުރަންވެއްޖެ ކަމެއް. މި ރަށުގައިވެސް މަކްތަބެއް ހިނގަމުން އެބަދޭ. [މަކްތަބުއް ނޫރާނިއްޔާ]. އެ މަކްތަބު ހިންގާތާ މިހާރު ގާތްގަނޑަކަށް ތިންއަހަރުދުވަސް ވެއްޖެ. އޭގެ ކުރިން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މި ރަށުގައި އެއްވެސް މަކްތަބެއް ނެތް. އެއީ ވަރަށް ދެރަކޮށް ދިމާވެފައިވާ ކަމެއް. އާދެ، އެކަމުގައި ޒިންމާވާންޖެހޭނީ މިރަށުގެ ރައްޔިތުންނެއް ނޫން. އޭރު ދައުލަތުގެ ފަރާތުން ތަޢުލީމަށް މާބޮޑު އަހަންމިއްޔަތެއް ދީފައިނުވާތީ، ރައްޔިތުންނަށްވެސް އެކަންތައް އެއޮތީ ނުކުރެވި. އެހެންނަމަވެސް މިހާރު އެ ސިޔާސަތު މުޅިން ބަދަލުވެއްޖެ. މިހާރު މިއޮތީ އެހެން އުސޫލަކަށް އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެހިފައި. ތަޢުލީމަށްދޭ އަހަންމިއްޔަތަކީ މިހާރު އެއްވެސް މީހަކަށް ވަންހަނާ ވެގެންވާނެ ކަމެއްނޫން. ހަމައެފަދައިން، ރާއްޖެތެރޭގެ އެއްވެސް މީހަކަށް ތަޢުލީމުގެ ބޭނުންތެރިކަން މިވަގުތު ވަންހަނާވެފައެއް ނުވާނެ. އެހެންވީމާ، މިހާރު އާ ހިތްވަރަކާއެކު، އާ ޢަޒުމަކާއެކު ކޮންމެ ރަށެއްގެ ރައްޔިތުންވެސް އެތަނެއްގައި ތަޢުލީމުދިނުމުގެ ކަންތައްތައް ކުރިޔަށް ގެންދަންވެއްޖެ.

އާދެ، މި ރަށަކީ މަސްވެރި ރަށެއް. މި އަތޮޅަކީވެސް މަސްވެރިކަމުގެ ގޮތުން ކުރިއަރައިފައިވާ އަތޮޅެއް. މި އަތޮޅާއި، އަދި މި އަތޮޅުގެ ރައްޔިތުންނަކީ އެހެން އަތޮޅުތަކަށް ނިސްބަތްކުރާއިރު ތަނަވަސް ކަމުގެ ގޮތުންވެސް ވަރަށް ރަނގަޅު އަތޮޅެއް. އަދި މި ރަށަކީވެސް ތަނަވަސްކަމުގެގޮތުން ރަނގަޅު ރަށެއް. އެހެންވީމާ، ތަޢުލީމަށް ހަރަދު ކުރުމަކީ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންނޭ މި ދެންނެވީ، މި އަތޮޅުގެ ރައްޔިތުންނަށް އަދި މި ރަށުގެ ރައްޔިތުންނަށްވެސް މާ ބުރަކަމަކަށް ނުވާނެ. ވެގެންވެސް ނުވާނެ. އަޅުގަނޑުގެ ނަޞޭޙަތަކީ ތަޢުލީމަށް މިހާރު ތިޔަދެއްވާ އަހަންމިއްޔަތަށްވުރެ ބޮޑު އަހަންމިއްޔަތެއް ދެއްވުން. އެއީ އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ދީގެންނޫނީ މުސްތަޤުބަލުގައި އެ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ނުފެންނާނެތީ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހާގެ ދަރިން އެދެވޭ ރަނގަޅު ފެންވަރެއްގައި ދިރިއުޅެމުން ގެންދިއުން. އެމީހުންގެ މަޢީޝަތު ތަނަވަސްވެފައި އޮތުން. އެމީހުންނަކީ މީހުން ޤަދަރުކުރާ ރަނގަޅު ބައެއްކަމުގައިވުން. އެހެންވާނީ އެމީހުންނަކީ ކިޔަވައިގެންތިބި ބައެއް ކަމުގައިވެގެން. އެކުދިންނަކީ ނުކިޔަވައި ތިބި ޖާހިލު ކުދިބައެއްގެގޮތުގައި ބޮޑުވެއްޖެނަމަ، އެއްވެސް މީހަކު ޤަދަރުކުރާ، އެއްވެސް ކަހަލަ ރަނގަޅު ދިރިއުޅުމެއް ފެންނަ ކުދިބަޔަކު ކަމުގައި އެކުދިންނެއް ނުވާނެ. އެހެންވީމާ، އެކަން އަޅުގަނޑުމެން ރަނގަޅަށް ދަނެގެން މިއަދު އަޅުގަނޑުމެން ވެއްޖެ، މިފުރުޞަތުގެ ބޭނުންކޮށްގެން، އެކުދިންނަށް އެދެވޭ ފެންވަރެއްގައި ކިޔަވައިދެވޭތޯ ބަލަން. އާދެ، އެއީ އަޅުގަނޑު ހިތުން ދެމީހަކު ދެބަސްވާނެ ކަމެއް ނޫން. ހުރިހާ އެންމެންނަށްވެސް މިހާރު ތަޢުލީމުގެ ބޭނުން ރަނގަޅަށް އެނގޭ.

އާދެ، ދެން އަޅުގަނޑު ދަންނަވައިލަން އޮތީ އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުމާ ބެހޭގޮތުން އިތުރު މަސައްކަތްތައް ކުރަންވެއްޖެ ވާހަކަ. މި ރަށަކީ ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން މަސްވެރިކަމުގެރަށެއް. އެގޮތުން ވަރަށް މަޝްހޫރުވެސްރަށެއް. އެހެންވީމާ، މަސްވެރިކަން ކުރިޔަށް ގެންދިއުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެ. މަސްވެރިކަން ތަރައްޤީކުރުމަކީ މިއަދު ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއްދޭ އެއް ކަންތައް. އެއީ މަސްވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މުހިންމު އަދި އެންމެ ގިނަ މީހުން ކުރާ މަސައްކަތް ކަމަށްވާތީ. ސަރުކާރުން އެކިއެކި މުހިންމު ބޮޑެތި މަޝްރޫޢުތައް ރާވައިގެން، އެމަޝްރޫޢުގެ ދަށުން މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އަދި މަސްވެރިކަމުން ރާއްޖެއަށާއި ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުކުރުމަށްޓަކައި މިހާރު ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެމަސައްކަތްތަކުގައި ބައިވެރިވެގެން ސަރުކާރާ އެއްބާރުލައިގެން އެކަންކަން ކުރިޔަށް ގެންދިޔުމަކީ ރައްޔިތުންގެ ވާޖިބެއް. އަދި އެމީހުންގެ މަސްއޫލިއްޔަތެއް.

އާދެ، ކޮންމެއަކަސް މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން އެކުރާ މަސައްކަތްތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން، އިތުރުވަމުން. އަދި ކުރިޔަށް އޮތްތާނގައި މަސްވެރިކަމަށް ސަރުކާރުން ދޭންއޮތް އަހަންމިއްޔަތަކީވެސް އަޅުގަނޑު ދަންނަވާނީ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުންދޭނެ އެންމެމަތީ އެންމެ ބޮޑު އަހަންމިއްޔަތޭ. އާދެ، މަސްވެރިކަމުގެ އިތުރުން ރާއްޖޭގެމީހުން ކުރާ ތަފާތު އެހެން މަސައްކަތްތައްވެސް ހުރޭ. އެބާވަތުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދަންވާނެ. އެއީ ހަމައެކަނި އެއް މަސައްކަތެއްގެ މައްޗަށް އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ބިނާކޮށްގެން ތިބުމަކީ މާ އެދެވޭ ކަމަކަށްނުވާތީ. ފަހަރެއްގައި ދިމާވާގޮތުން މަސްވެރިކަމަށް ހުރަހެއް އެޅިއްޖެނަމަ، ދެން އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ އެހެން މަގެއް އޭރަކު ނޯންނާނެ.

އެހެންވީމާ، ރަށުގައި ތިބެގެން ކުރެވޭޒާތުގެ އެހެން މަސައްކަތްތައްވެސް ދަސްކޮށްގެން، އެމަސައްކަތްތައްވެސް ކުރުމަށް އަޅުގަނޑުމެން ސަމާލުކަން ދޭންވާނެ. އަދި މަހަށް ނުގޮސް ރަށުގައި ތިބޭ މީހުން، އެބާވަތުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން ގެންދަންވާނެ. އާދެ، ބޭނުމަކީ ހަމައެކަނި އެމީހުންނަށް ލިބޭ ތަނަވަސްކަން އިތުރުވަމުންދިއުން. އެމީހުންނަށް ލިބޭ އާމްދަނީ އިތުރުވުން. އެމީހުން ކުރަންޖެހޭ ހަރަދުތަކާ އެއްވަރަށް އެމީހުންނަށް އެއްޗެއް ލިބެމުންދިއުން. ހަމައެފަދައިން، ރަށުގެ ތަނަވަސްކަން އިތުރުވެގެންދިއުން. އެހެންވީމާ، ހުރިހާ އެންމެންވެސް ރަށުގައި ތިބޭއިރުވެސް ކޮންމެސް ބާވަތެއްގެ މަސައްކަތެއް ކުރެވޭތޯ ބަލަންވާނެ. މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އެއީ އެއްގޮތަކަށްވެސް ދެރަކަމެއް ނޫން. އެއީ ބައެއް ޤައުމުތަކުގައި ބުނާގޮތުންވިއްޔާ މަސައްކަތް ކުރުމަކީ ޝަރަފެއް. މީހާއަށް ލިބޭ ޤަދަރެއް. އެއީ އަޅުގަނޑުމެންވެސް އެކަން ދެކެންވާނެގޮތަކީ. މި ޒަމާނުގައި މަސައްކަތްނުކޮށް ތިބުމަކީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫން.

އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވައިލާހިތްއޮތީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާ ގުޅުމާ ބެހޭގޮތުން. އާދެ، އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ ބައެއް. އެއްދީނެއްގެ އަހުލުވެރިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީވެސް އެއްޤައުމެއްގެ އަހުލުވެރިންގެ މެދުގައި އަދި އެއްދީނެއްގެ އަހުލުވެރިންގެ މެދުގައި އޮންނަންވާފަދަ އެކަށީގެންވާ ރަނގަޅު ގުޅުމެއް. އާދެ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި اللّـه سبحـانـه وتعـالى ވަނީ ލައްވައިފައި. ވީމާ، އެގޮތް އަޅުގަނޑުމެންގެ ތެރެއިން ހަމަ ހުރިހާ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމާ، އެއީ އެއްބަނޑުއެއްބަފާ ބައެއް. އަޅުގަނޑުމެންގެތެރޭގައި އެނޫން އެއްވެސް މީހަކުނެތް. އެއްވެސް އެހެން ދީނެއްގެ މީހަކުނެތް. އެހެން ޤައުމެއްގެ މީހަކުނެތް.

އަޅުގަނޑުމެންނަކީ އެއްބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން ކުރިޔަށް ގެންދިޔުން، އަޅުގަނޑުމެންގެ އެއްބައެއްވަންތަކަން ވަރުގަދަކުރުން އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ވާޖިބަކަށް ދެކެންވާނެ. އަޅުގަނޑުމެންނަކީ އެކުވެރި ބައެއް ކަމުގައި ވެއްޖެނަމަ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ފެންނަމުންދާނެ. އެއާ ޚިލާފަށް އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ހަމަޖެހުމެއްނެތް ބައެއް ކަމުގައިވާނަމަ، އަޅުގަނޑުމެން އެއްވެސް މަސައްކަތެއްގައި، އެއްވެސް ކަމެއްގައި އެކުރާ މަސައްކަތެއްގެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑު ނަޞޭޙަތްތެރިވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީ، އަދި އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވީތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކޮށް، ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ކަންތައްތަކަށް ރައްކާތެރިވާފަދައިން، އެހެން މީހުންގެ ކަންތައްތަކަށް ރައްކާތެރިވެ، އަދި އެހީއަށް ބޭނުންވާ ފަރާތްތަކެއްވާނަމަ، އެފަރާތްތަކަށް އެހީވެދީ އަޅުގަނޑުމެންގެ މެދުގައި އެއްބާރުލުމާއި، އެހީތެރިކަމާއި، އޯގާވެރިކަން ފެތުރޭތޯ އެންމެންވެސް މަސައްކަތްކުރުން. އާދެ، އެގޮތުގައި މަސައްކަތް ކުރަމުން ގެންދާކަމަށްވަންޏާ، އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ދާނީ ތަރައްޤީވަމުން. އަޅުގަނޑުމެން ދާނީ ކުރިއަރަމުން.

އާދެ، ވަގުތުގެ ގޮތުންނާއި އަދި މިއަދު އެހެން ރަށްރަށަށްވެސް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާތީ، މިރަށުގައިވެސް މާ ގިނަވަގުތު އަޅުގަނޑަށް ހޭދަކުރެވޭކަށް ނެތް. އެހެންވީމާ، އަޅުގަނޑު މިދެއްކި ވާހަކަކޮޅުތެރޭގައިވާ ނުކުތާތަކުގެ މައްޗަށް ވިސްނަވައި، އެއާ އެއްގޮތަށް މާމެންދޫގެ ރައްޔިތުން ޢަމަލުކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަމުގައި، އަދި މާމެންދޫއަށް މިއަދަށްވުރެ ތަނަވަސް މާދަމައަކަށް އެދެމުން، އަޅުގަނޑުމެން އެންމެން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، އަޅުގަނޑުމެންގެ ޤައުމުގެ ކުރިއެރުމަށްޓަކައި މިކުރާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ތައުފީޤު ލެއްވުން އެދެމުން އަޅުގަނޑު ވަކިވެލަނީ.

والسّلام عليكم ورحمـة اللّـه.