السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.


އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ހައްދުންމައްޗަށް ކުރާ ދަތުރެއް. މި އަތޮޅުގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމުގެ މަޤްޞަދުގައި ކުރާ ދަތުރެއް. އާދެ، މި ދަތުރުގެ އަނެއް ބަޔަކީ ކޮޅުމަޑުލުގެ، މީހުންއުޅޭ ރަށްރަށަށް ކުރަންއޮތްބައި. ކޮންމެއަކަސް، ރާއްޖެތެރެއަށް އަޅުގަނޑު ދަތުރުކޮށް މި ހަދަނީ ވަރަށް ބޮޑު ބޭނުމެއްގައި. އެއީ، ރާއްޖެތެރޭގެ މީހުން ދިރިއުޅޭގޮތް ބަލައި އަދި އެ މީހުންނަށް ކުރިމަތިވާ ދަތިތަކަކީ ކޮބައިތޯވެސް އޮޅުންފިލުވައި، އެކަންކަމުގައި ސަރުކާރުން ވެވެންއޮތް އެހީއެއް ވެދިނުން. އެ ގޮތުން މީގެކުރިން ވަރަށް ގިނަ އަތޮޅުތަކަށް އަޅުގަނޑުވަނީ ދަތުރުކޮށްފައި. ވަރަށް ގިނަ ރަށްރަށަށް ޒިޔާރަތްކޮށްފައި. އެ ދަތުރުތަކުގެ މައްޗަށް ބަލާއިރު އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ފައިދާހުރި ދަތުރުތަކެކޭ. ހަމަކަށަވަރުން އަޅުގަނޑަށް އެ ދަތުރުތަކުގެ ސަބަބުން ވަރަށް ގިނަގުނަ މަޢުލޫމާތުތައް ވަނީ މިހާރު ލިބިފައި. އަދި އެންމެ ކުރީކޮޅުގައި ކުރި ބައެއް ދަތުރުތަކުގެ މައްޗަށާއި އަދި ސަރުކާރުގެ ބައެއް ވެރިން ރާއްޖެތެރެއަށް ކުރައްވައިފައިވާ ދަތުރުތަކުގެ މައްޗަށް ބިނާކޮށް، މިހާރުވަނީ ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ރޭވިފައި. އެ މަޝްރޫޢުގެ ދަށުން ވަރަށް ގިނަ ކަންތައްތައް ކުރެވެމުން އެބަދޭ. ތިޔަ ހުރިހާ ބޭފުޅުންނަށް އޭގެ ތަފްޞީލުތައް ނުދެންނެވި ކަމުގައިވިޔަސް، ރޭޑިއޯގެ ޒަރީޢާއިން އޭގެ ވަރަށްގިނަ ޚަބަރުތައް އިވިވަޑައިގަންނަވާނެ. އެކި ރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަ. ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަ.


އާދެ، ކޮންމެއަކަސް އެ މަޝްރޫޢުގެ ބޭނުމަކީ އަޅުގަނޑުމެންގެ ރާއްޖެތެރެ މިހާރަށްވުރެ ރަނގަޅު ކުރުން. ރާއްޖެތެރޭގައި ލިބެން ހުންނަ ޚިދުމަތްތައް މިހާރަށްވުރެ މަތީ ފެންވަރަކަށް ޖައްސައިލުން. ހަމަ އެފަދައިން، ރާއްޖެތެރޭގެ ރައްޔިތުންނަށް އެކިއެކި ލުއި ފަސޭހަ ހޯދައިދިނުމާއި، އެމީހުންގެ ދިރިއުޅުން ތަނަވަސްކޮށްދިނުމާއި، އެއްދުވަހުން އަނެއްދުވަހަށް ރާއްޖެތެރެވެސް ކުރިޔަށް ގެންދިއުން.


އާދެ، އަޅުގަނޑު މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާއިރު، ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުންވޭ. އެންމެ ފުރަތަމަ ނުކުތާއަކީ އަޅުގަނޑުމެންގެ އިޤްތިޞާދު އޭގެ މައްޗަށް ބިނާވެގެންވާ މަސްވެރިކަން ކުރިޔަށް ގެންދިއުން. އެއީ އަޅުގަނޑުގެ ހިތުން މާގިނަ ވާހަކަތަކެއް ބޭނުންވާ މައުޟޫޢެއް ނޫން. މި ރަށަކީވެސް މަސްވެރި ރަށަކަށްވާތީ، އަދި މި އަތޮޅަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން މަސްވެރިކަމަށް ކުރިއަރައިފައިވާ އަތޮޅަކަށްވާތީ މަސްވެރިކަމުގެ ބޭނުމާއި، މަސްވެރިކަން ކުރިޔަށް ގެންދިއުމުން އަޅުގަނޑުމެންނަށް ލިބޭނެ ތަނަވަސްކަމާ، މިކަންކަމާ ދޭތެރޭގައި މާ ދިގުކޮށް ވާހަކަ ދައްކާކަށް ނުޖެހޭނެ. އެހެން ނަމަވެސް މަސްވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންކަން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުވެސް އަދި އަޅުގަނޑު ފިޔަވައި އެހެން ދައުލަތުގެ ކަންކަމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންވެސް ހާމަކޮށްދެއްވަންޖެހޭނެ ކަމެއް.


އާދެ، ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނޭ ފަދައިން، މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ. އެކިއެކި މަޝްރޫޢު ރާވައިގެން، އެމަޝްރޫޢުތަކުގެ ދަށުން ހިންގާ، ވަރަށް ގިނަ ކަންތައް އެބަހުރި. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. އަދި ރާއްޖެތެރެއިންވެސް ތެޔޮ ލިބެން ހުންނާނެ އިންތިޒާމު ހަމަޖައްސައިދިނުން. ނިޔަމިކަމަށް އެހީވެދޭ ބައްތިތަކެއް ރާއްޖެތެރޭގައި ޖަހައި، އޭގެ ސަބަބުން ދަތުރުފަތުރުކޮށް އުޅޭ މީހުންނަށާއި އަދި ޚާއްޞަކޮށް މަސްވެރިންނަށް އެހީތެރިކަން ދިނުން. މިގޮތުން ވަރަށް ގިނަ ކަންތައްތައް ސަރުކާރުން މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ކުރަމުން އެބަގެންދޭ.


އާދެ، އޭގެ މުޤާބިލުގައި ރައްޔިތުން އެކަންކަމުގައި އެއްބާރުލެއްވުން އެއީ ހަމަ ކޮންމެހެން ބޭނުންކަމެއް. އެއީ މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓި ކަމުގައިވިޔަސް، އެދޯނިފަހަރު މަހަށް ނުދާކަމަށްވަންޏާ އެއިން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑު ނަޞޭޙަތްތެރިވަނީ އަބަދުވެސް މަސްވެރިކަން ކުރިޔަށްގެންދެވޭތޯ ރައްޔިތުން މަސައްކަތް ކުރެއްވުމަށް.


އާދެ، ދެން އޭގެއިތުރުން އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިޔަށް ގެންދިއުމަށްޓަކައި، އަދި އިޤްތިޞާދު ކުރިޔަށް ގެންދަން ބޭނުންވަނީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރުމަށްޓަކައި ކަމަށްވެސް ދަންނަވަން އެބަޖެހޭ. އެހެންވީމާ، އިޤްތިޞާދު ކުރިޔަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކުރުން އެއީވެސް އަޅުގަނޑުގެ ވާހަކައިގައި ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް. އެއީ އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް، އިޤްތިޞާދީގޮތުން ބަލާއިރު އާދައިގެ ފެންވަރެއްގައިވާ ތަނެއް. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްވާނީ، ލިބޭ އާމްދަނީވެސް އިތުރުވާނީ އަދި ރާއްޖެ ކުރިއަރަމުންދާނީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް ގިނަކޮށްގެން. ތަފާތު ގިނަ ބާވަތް ބާވަތުގެ މަސައްކަތްކޮށްގެން، އެ މަސައްކަތްތަކުން އަޅުގަނޑު މެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން. އެހެންވީމާ، މަސްވެރިކަން ކުރިޔަށް ގެންދިޔަ ކަމުގައިވިޔަސް، މަސްވެރިކަމުގެ އިތުރަށް، ރަށްރަށުގައި މީހުން ތިބެގެން ކުރެވޭ ޒާތުގެ މަސައްކަތްތައްވެސް ވާނެ ކުރައްވަން. އެ މަސައްކަތް ތަރައްޤީ ކުރައްވައިގެން، ކޮންމެ ރަށަކަށްވެސް އެ ރަށުގެ ރައްޔިތުންނަށް އެދެވޭ ނަތީޖާތަކެއް ފެންނަމުންދާނީ.


އާދެ، އަނެއް ނުކުތާއަކީ، ތަޢުލީމު. ތަޢުލީމަކީ އެއާ ނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވެންނެތް އެއްޗެއް. އަޅުގަނޑުމެންނަށް މީގެ ކުރިން ތަޢުލީމުގެ ބޭނުން މާ ބޮޑަށް ވިސްނިފައެއް ނޯވޭ. އެހެންނަމަވެސް މިހާރަކަށް އައިސް އަޅުގަނޑު ހިތުން ހަމަ ކޮންމެ މީހަކަށްވެސް ތަޢުލީމުގެ ބޭނުމާއި އޭގެ ފައިދާ އެނގޭނެ. ކޮންމެ މީހަކުވެސް ބޭނުންވާނެ، އޭނާގެ ދަރިންނަށް ތަޢުލީމު ޙާޞިލުކޮށްދޭން، ކިޔަވައިދޭން. އެއީ ކޮންމެ މީހަކަށްވެސް މިހާރު އިޙްސާސްކުރެވޭ، އެ ކުދިންނަށް އެދެވޭ ފެންވަރެއްގައި ކިޔަވައިދީގެން ނޫނީ، އެ ކުދިންނަކީ ރަނގަޅު، ޤައުމަށް ޚިދުމަތްކުރާނެ، އަދި އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅޭނެ ބަޔަކަށް ނުވާނެކަން. ރާއްޖެތެރޭގައި ތަޢުލީމު ކުރިޔަށް ގެންދިއުމަށް އެޅިފައިވާ ހުރަސްތައް ވަރަށްގިނަ. މީގެ ކުރިން ސަރުކާރުގެ ޚަރަދުގައި ރާއްޖެތެރޭގައި ހިންގާ މަދަރުސާތަކެއް ނެތުން އެއީ އެންމެ ބޮޑު އެއް ހުރަސް. އެ ހުރަސް މިހާރުވަނީ ގިރާކުރެވިފައި، ނުވަތަ ގިރާކުރެވުމުގެ މަގުމަތީގައި. އެއީ ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައި މިހާރު މަދަރުސާއެއް ހިނގަމުން އެބަދޭ. ހަމަ އެފަދައިން، ތަޢުލީމީ މަރުކަޒު ނުވަތަ ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒު. އެނަމުން ނަން ދެވިފައިވާ ތަނެއްވެސް މިހާރު ބައެއް އަތޮޅުތަކުގައި ހިނގަމުން އެބަދޭ. ގަސްދުކުރެވިފައިވަނީ އެ މަރުކަޒުތައްވެސް މުޅި ރާއްޖެތެރެއަށް ފަތުރާލަން. ކޮންމެ އަތޮޅެއްގައިވެސް އޭގެ މަރުކަޒެއް ހުންނަގޮތަށް. އޭގެ އިތުރުންވެސް ބޭރު ޤައުމުތަކުގެ އެހީގައި ބައެއް މަދަރުސާތައް ސަރުކާރުންދަނީ ރާއްޖެތެރޭގައި ބިނާކުރަމުން. އަދި އަމިއްލަ މަކުތަބުތަކަށާއި، މަދަރުސާތަކަށްވެސް ސަރުކާރުންދަނީ ވަރަށް ގިނަ އެހީތަކެއްވަމުން. މި ހުރިހާ ކަމެއްގެ ބޭނުމަކީ އަޅުގަނޑުމެންގެ ދަރިންނަށް، ރާއްޖެތެރޭގެ ރަށްރަށުގައި ދިރިއުޅޭ ކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ރާއްޖެތެރޭގައި ތަނަވަސްކޮށްދިނުން. އެއީ ހަމައެކަނި މާލެއަށް ޚާއްޞަ ކުރެވިފައިވާ ނުވަތަ ޚާއްޞަ ކުރެވިފައި އޮންނަންޖެހޭ ޚިދުމަތެއް ނޫން ތަޢުލީމަކީ. ތަޢުލީމުގެ ފުރުޞަތު ރާއްޖެތެރޭގެ ދަރިންނަށްވެސް ވާނެ ސަރުކާރުން ތަނަވަސްކޮށްދޭން. އެ މަޤްޞަދުގައި މިދެންނެވި މަދަރުސާތައް ހުޅުވައި، އެ ޚަރަދުތައް ސަރުކާރުން ކުރަމުން ގެންދަނީ.


އާދެ، އެކަމަކީވެސް ރައްޔިތުންގެ އެއްބާރުލެއްވުން ނެތި އެއްގޮތަކަށްވެސް ކުރިޔަށް ދާނެ ކަމެއްނޫން. މި ރަށުގައިވެސް މަކުތަބެއް އެބަހުރި. އެހެންނަމަވެސް މަކުތަބު ހިންގުމަށްވަނީ ބައެއް ހުރަސް އެޅިފައި. އަޅުގަނޑުގެ ނަޞޭޙަތަކީ ރައްޔިތުން، ހުރިހާ އެންމެން، އެއްބާރުލައިގެން، އެ މަކުތަބުގެ ކަންތައް ކުރިޔަށް ގެންދެވުން. ސަރުކާރުން ޚަރަދުކޮށްގެން ކޮންމެ ރަށެއްގައި މަކްތަބެއް ހިންގޭކަށް ނޯންނާނެ. މިހާރު ކޮންމެ އަތޮޅެއްގައި މަދަރުސާއެއް އެބަހުރި. ކުރިޔަށް އޮތްތާނގައި އިތުރު ތަންތަންވެސް އުފެދޭނެ. އެހެންނަމަވެސް ކޮންމެ ރަށެއްގެ ރައްޔިތުންވެސް ބަލަންވާނީ، އެ ރަށެއްގައި އެދެވޭ ފެންވަރަކަށް މަކުތަބެއް ހިންގޭތޯ.


އާދެ، ވަރަށް އެހެން ގޮތަކަށް މިއަދު މި ދިމާވީ. ދަތުރުގެ ކަންތައް ހަމަޖެހިފައި އޮތްގޮތުން، އަޅުގަނޑު އައިސް މިތާނގައި ވާހަކަ ދައްކަން ހުރި ވަގުތާ ނަމާދުވަގުތާ ދިމާވީ. ކޮންމެއަކަސް މި ގަޑީގެ ގޮތުން މާގިނައިރު ވާހަކަ ދެއްކުން ރަނގަޅެއްވެސް ނޫން. ތިޔަހުރިހާ ބޭފުޅުންވެސް ނަމާދަށް ވަޑައިގަންނަވަންވާނެ.


އާދެ، އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ވަރަށް ކުރުކޮށްލަން ގަސްދުކުރަނީ. އަޅުގަނޑު ދަންނަވަމުން މި ގެންދަނީ ތަޢުލީމަށް ރައްޔިތުން ތަރުޙީބު ދެއްވަންޖެހޭނެއޭ. އަދި ތަޢުލީމު ކުރިއެރުވުމަށް އެޅޭ ހުރަސްތައް ވީހާ އަވަހަކަށް ނައްތައިލެއްވޭތޯ މަސައްކަތްކުރައްވަން ޖެހޭނެއޭ. އެގޮތަށް މަސައްކަތް ކުރާކަމަށްވަންޏާ، ސަރުކާރުގެ ފަރާތުން އެހީތައް ލިބެމުންދާނެއޭ.


އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ނުކުތާއަކީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަން އާލާކުރުން. އެއީ އަޅުގަނޑަށް އެނގޭ، މި ރަށުގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ބައެއްކަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ބައެއް ރަށްރަށުގައި އެއާ ޚިލާފަށް ހަމަނުޖެހުންތައް އުފެދިފައިހުރޭ. އެ ގޮތަށް އެ ކަންތައް އޮވެގެންނުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން، އެއްބަނޑުއެއްބަފާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. ކޮންމެ މީހަކުވެސް އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ފަދައިން، އެހެންމީހުންގެ ކަންތައްތަކަށްވެސް ފަރުވާތެރިކަން ބެހެއްޓުން. އެހެންވީމާ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމަކީ، ހަމަކޮންމެ މީހެއްގެވެސް ވާޖިބެއް ކަމުގައި ދެކެންވާނެ. ރައްޔިތުންނާއި ވެރިން އެއްބާރުލައިގެން މަސައްކަތް ކޮށްގެންނޫނީ، އަޅުގަނޑުމެންގެ އެއްވެސް ރަށެއް ތަރައްޤީއެއް ނުވާނެ.


އާދެ، އެހެންވީމާ، އަޅުގަނޑު މި ދެންނެވި ނުކުތާތަކުގެ މައްޗަށް މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަމާއެކު، އަދި ކަޅައިދޫއަށާއި އަދި މި އަތޮޅަށް އަދި ޢާންމުކޮށް ރާއްޖެއަށް، ތަނަވަސް ބާއްޖަވެރި މުސްތަޤުބަލަކަށް އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.


والسّلام عليكم ورحمـة اللّـه.