السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.


އާދެ، ހައްދުންމައްޗަށް ކުރާ ދަތުރެއްގައި މިހާރު އަޅުގަނޑު އައިސް މިހުރީ ގަމުގައި. މި އައުމަކީ ދެންމެ މިނިސްޓަރ ވިދާޅުވިފަދައިން، މި ރަށަށްކުރާ ޒިޔާރަތެއް. އެހެންވީމާ، މި ޖަލްސާ މި ބޭއްވެނީ މި ރަށުގެ ތިން އަވަށުން އެއް އަވަށެއްގައި ކަމުގައިވިޔަސް، ޙަޤީޤަތުގައި މިއީ މުޅި ރަށުގެ ރައްޔިތުން ބައިވެރިވާގޮތަށް ކުރެވޭ ޖަލްސާއެއް. އަދި އަޅުގަނޑު މިތާހުރެގެން މި ދައްކާ ވާހަކަ މިއީ މުޅި ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ދައްކާ ވާހަކައެއް. ހަމައެކަނި އެއް އަވަށެއްގެ ރައްޔިތުންނަކާއެއް ނޫން.


އާދެ، އަޅުގަނޑުގެ ހިތާމައަކީ ދަތުރު ރޭވިފައި އޮތްގޮތުން އަދި ދަތުރުގައި މާގިނަ ދުވަސްތަކެއް ހޭދަކުރެވެން ނެތުމާއެކު، ގަމުގެ ކޮންމެ އަވަށަކަށް ފައިބައި، އެއަވަށުގެ މީހުންނާ ވާހަކަ ދައްކައި، އެ މީހުންނާ ބައްދަލުކޮށް، ޙާލު އަޙުވާލު ބަލައިލުމުގެ ފުރުޞަތު ނެތްކަން. އާދެ، މި ރަށަކީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑު ރަށް ކަމުގައި ބުނެވިދާނެ. މި ރަށުގައި އުޅޭ މީހުންގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ މީހުން އުޅެނީ މި ރަށުގައި ކަމުގައިނުވިޔަސް، ބިންގަނޑުގެ ގޮތުން ބަލާއިރު، މި ރަށަކީ އެންމެ ބޮޑު ރަށް ކަމުގައި ވާނެކަމާމެދަކު ޝައްކެއްނެތް.


އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކަކީ ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، އެ މީހުންގެ ޙާލު އަޙުވާލު ބަލައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ވެވެން އޮންނާނެ އެހީތަކަކީ ކޮބައިތޯ އޮޅުންފިލުވުމަށް ކުރާ ދަތުރުތަކެއް. މި ދަތުރުތަކުގެ ސަބަބުން ލިބެމުންދާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް މިހާރުދަނީ ކުރެވެމުން. އާދެ، އެ ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު އެއީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢެއް. މިވަގުތު ރާއްޖެތެރެއަށް ދަތިވެފައިވާ ކަންތައްތައް ވެވުނުވަރަކުން ރަނގަޅު ކުރުމަށްޓަކައި ހެދިފައިވާ މަޝްރޫޢެއް އެއީ. އޭގެ ދަށުން ބައެއް ރަށްރަށުގައި މިސްކިތްތައް ޢިމާރާތްކުރުން ނުވަތަ މަރާމާތުކުރުން، ރަށްރަށުގެ ރަށުއޮފީސް ޢިމާރާތްކުރުން، ނުވަތަ މަރާމާތުކުރުން، ރަށްރަށުގެ ފަޅުފުންކުރުން، ނެރުގޮއްވުން، މިހެންގޮސް ރަށްރަށަށް ދަތިވެފައިވާ ހުރިހާކަމެއްހެން ހިމެނޭ.


އާދެ، މި މަޝްރޫޢުގެ ދަށުން މި ރަށުގައިވެސް ބައެއް ކަންތައްތައް ކުރެވިފައިވޭ. އޭގެ ތެރެއިން އެއްކަމެއް މިހާރުވަނީ ނިމިފައި. އެއީ މިސްކިތް. މިއަވަށުގެ މިސްކިތް. އެ މިސްކިތް ޢިމާރާތްކުރުން ނިމި، އިރާދަކުރެއްވިއްޔާ މިޖަލްސާއަށްފަހުގައި މިސްކިތް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ހާސިލުކުރާނަން. ހަމަ އެފަދައިން، މަތިމަރަދޫ އަވަށަށްވެސް ކަމެއް ކަނޑައެޅިފައިވޭ. އެ މަސައްކަތް މިހާރުދަނީ ހިނގަމުން. އެއީ، އެތާނގެ މިސްކިތްވެސް ޢިމާރާތްކުރުން. ތިންވަނަ ކަމަކަށް ޕުރޮޖެކްޓުގައި ކަނޑައެޅިފައިއޮތީ، ނެރު ގޮއްވުން. އާދެ، އެއީ، އަދި އެ މަސައްކަތް ނުކުރެވި އޮތްކަމެއް. ސަބަބަކީ އެބާވަތުގެ މަސައްކަތަކީ ވަރަށް ޚާއްޞަ މަސައްކަތަކަށްވެފައި، ވަކިބަޔަކަށް ނޫނީ ނުކުރެވޭނެ ކަމަކަށްވާތީއާއި، އަދި މޫސުމުގެ ގޮތުންވެސް ވަކި ދުވަސްވަރެއްގައި ކުރެވޭ މަސައްކަތަކަށްވާތީ ނުކުރެވިއޮތީ. މިހާރުވެސް ރާއްޖެތެރޭގައި އެ މަސައްކަތް ހިނގަމުން އެބަދޭ. މި ވަގުތު އެމަސައްކަތް ކުރެވެމުންދަނީ ފޯއްމުލަކުގައި. އެތަން ނިމުމުން ދެންހުރި ތަންތަނަށްވެސް އެ މަސައްކަތް ކުރުމަށްޓަކައި އެ މަސައްކަތްކުރާ މީހުން ދާނެ. އެހެންވުމާއެކު، ރާއްޖެތެރޭގައި މި މަސައްކަތް ކުރަންޖެހިފައިވާ ރަށްތައް ގިނަކަމުން، އެކަންތައް އަދި ނިމުމަކާ ހަމައަށްނައިސް ވަނީ. އާދެ، ކޮންމެއަކަސް މާލަސްތަކެއް ނުވެ އެކަންތައްވެސް ކުރެވޭނެ.


އާދެ، ދެން އަޅުގަނޑުގެ ވާހަކައިގައި ދެތިން ނުކުތާއެއް ފާހަގަކޮށްލަން ބޭނުންވޭ. އާދެ، އެއީ އެންމެ ފުރަތަމަ ނުކުތާއަކީ، އަޅުގަނޑުމެންގެ އިޤުތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދިއުމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، އިތުރަށް ޢަމަލުކުރަން ވެއްޖެއޭ ދެންނެވުން. އާދެ، ތިޔަހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެން ދިވެހިންނަކީ ޒަމާނުއްސުރެ، މަސައްކަތްތެރި ބައެއް. އަޅުގަނޑުމެން ދިރިއުޅެމުން އަންނަނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި މާ ތަނަވަސް ޤުދުރަތީ ވަސީލަތްތަކެއް ހުރި ތަނެއްނޫން. އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންނަކީ މަސައްކަތްކޮށްގެން، އެމަސައްކަތުން ލިބޭ އެއްޗަކުން ދިރިއުޅެމުން އަންނަ ބައެއް. އަޅުގަނޑުމެން ކުރާ އެންމެ ބޮޑު މަސައްކަތަކީ މަސްވެރިކަން. ގަމަކީވެސް މަސްވެރިކަންކުރާ ރަށެއް. އަދި ހައްދުންމައްޗަކީ، މަސްވެރިކަމުގެ ގޮތުން ވަރަށް ޚާއްޞަ އަތޮޅެއް. އެހެންވުމާއެކު، މަސްވެރިކަން ކުރިއަރުވައި އަދި މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް މިވަގުތު ނުދެއްކި ކަމުގައިވިޔަސް މަސްވެރިކަމުގެ ފައިދާއާއި، މަސްވެރިކަން ތަރައްޤީކުރުމުގެ ބޭނުމާއި، އެއިން އަޅުގަނޑުމެންނަށް ލިބޭނެ ތަނަވަސްކަމާ، މި ހުރިހާ ކަމެއް މި ރަށުގެ ރައްޔިތުންނަށް ރަނގަޅަށް އެނގިވަޑައިގަންނަންވާނެ. ކޮންމެއަކަސް، ސަރުކާރުން މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެ މަސައްކަތްތަކުގައި ރައްޔިތުން އެއްބާރުލައްވައިގެން ކުރިޔަށް ވަޑައިގަތުމުން އޭގެ ނަތީޖާ ލަސްތަކެއްނުވެ، ފެންނަމުންދާނެކަމާމެދަކު ޝައްކެއްނެތް.


އާދެ، މަސްވެރިކަން ފިޔަވައި، ދެންވެސް ކުރެވެން ހުންނަ މަސައްކަތްތައް ކޮންމެ ރަށެއްގައިވެސް ކުރަމުން ގެންދަންވާނެ. މި ރަށަކީ އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގައި އޮތް އެންމެ ބިންގަނޑު ބޮޑު ރަށް. އެހެންވުމާއެކު، މި ރަށުގައި ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެ. ދަނޑުވެރިކަން ކުރެވޭނެ. ބިމުގައި ރުއްގަސް ހެއްދޭނެ. އަދި ރަށުގައި ތިބެގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތައް ހުންނާނެ. އެހެންވީމާ، އެހުރިހާ މަސައްކަތްތައް ކުރެއްވުމަށް ރަށުގެ ރައްޔިތުން ސަމާލުކަން ދެއްވަންވާނެ. އެގޮތަކީ އަޅުގަނޑުމެންގެ ދިރިއުޅުން ހަމައެކަނި އެންމެ މަސައްކަތެއްގެ މައްޗަށް ބިނާކޮށްގެން ތިބުމަކީ ބުއްދިވެރިކަމެއްނޫން. ފަހަރެއްގައި ދިމާވާގޮތުން، ބައެއްފަހަރަށް އެގޮތަށް ދިމާވެސްވޭ. މަސްވެރިކަންނެތިދާ ދުވަސްވަރެއްވެސް އަތުވެދާނެ. އެހެންވެއްޖެނަމަ އަޅުގަނޑުމެން އެނބުރިދާން އެހެން މަސައްކަތްތަކެއް ހުންނަންޖެހޭނެ. ނުވަތަ މަސްވެރިކަން ކުރަމުން ގެންދާއިރުވެސް ރަށުގައި ތިބޭ މީހުން ޚާއްޞަކޮށް، އަންހެނުންކުރާ އެހެން މަސައްކަތްތަކެއް ހުންނަންވާނެ. އެގޮތަށް ތަފާތު ގިނަ މަސައްކަތްތަކެއް ކޮށްގެން އަޅުގަނޑުމެންނަށް އެދެވޭ ވަރަކަށް އާމްދަނީ ލިބޭނީ، އަޅުގަނޑުމެން ބޭނުންވޭ ވަރަށް ގިނަ ކަންތައްތައް ކުރަން. އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދޭން ބޭނުންވޭ. އެއީވެސް ހަރަދުކުރަން ބޭނުންވާކަމެއް. ބަލިވެއްޖެއްޔާ ބޭސްކުރަން ބޭނުންވޭ. ގެދޮރު ހަދަން ބޭނުންވޭ. އަޅުގަނޑުމެން ހެދުން ހޯދަން ބޭނުންވޭ. މިހެންގޮސް ދިރިއުޅުމުގެ ހަރަދުތައް އެއްދުވަހުން އަނެއް ދުވަހަށް ދަނީ މައްޗަށް. ތަކެތީގެއަގުދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން. އެހެންވުމާއެކު އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ނޫނީ މިހާރު އަޅުގަނޑުމެން މިތިބި ފެންވަރުގައިވެސް ތިބެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ބޭނުމެއްނޫން، މިހާރު މިތިބިގޮތަށް ތިބޭ ކަށެއްވެސް. ބޭނުންވަނީ މިހާރަށްވުރެ ކުރިޔަށް ޖެހިލަން. މިހާރަށްވުރެ އަޅުގަނޑުމެންގެ ދިރުއުޅުމުގެ ފެންވަރު މަތިކުރަން. ހުރިހާ ކަމެއްވެސް އިޞްލާޙުކޮށް ރަނގަޅުކުރަން. އެހެންކަމަށްވަންޏާ އަދި މިހާރު މި މަސައްކަތް މިކުރާ ފެންވަރަށް މަސައްކަތް ކޮށްގެންވެސް ފަރުޖެހޭކަށް ނޯންނާނެ. މިހާރަށްވުރެ އިތުރަށް މަސައްކަތްކުރަން ބޭނުންވޭ. އިތުރު މަސައްކަތްތައް ދަސްކުރަން ބޭނުންވޭ. އެއްވެސް މީހަކު މަސައްކަތެއްނުކޮށް ހުރެގެން، އަޅުގަނޑުމެން މި އެދޭގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ކުރިޔަކަށް ނުގެންދެވޭނެ.


އާދެ، ކޮންމެއަކަސް އިޤުތިޞާދީގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން އެއީ މިވަގުތު އަޅުގަނޑުމެން ހުރިހާ ދިވެހިންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް. އެއީ، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކުރުން. އަޅުގަނޑުމެންގެ ޤައުމަކީ، އަޅުގަނޑުމެންގެ ދަރިން އުޅޭހިތްވާ، ތަނަވަސް އަދި ހުރިހާ ގޮތަކުންވެސް ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުން އެއީ އަޅުގަނޑުމެންގެ މަޤްޞަދަކީ. އެހެންވީމާ، އެމަޤްޞަދު ހާސިލު ކުރުމަށްޓަކައި މިހާރު، މިއަދު އަޅުގަނޑުމެން ވަރަށް ހީވާގިކަމާއެކު މަސައްކަތް ކުރަންޖެހޭނެ.


އާދެ، ދެވަނަ ނުކުތާއަކީ ތަޢުލީމު، ތަޢުލީމަކީ ވަރަށް މުހިންމު އެއްޗެއް. ތަޢުލީމުގެ މުހިންމުކަމާ ދޭތެރޭގައިވެސް އަޅުގަނޑު ހިތުން މާގިނަ ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެ. އެއީ އަޅުގަނޑުމެން އެންމެންނަށްވެސް ރަނގަޅަށް އެނގޭ ކަމަކަށްވާތީ. ދީނީގޮތުންވެސް އަދި ޤައުމީ ގޮތުންވެސް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާނެ، ވާޖިބު ވެގެންވޭ، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ހާސިލު ކޮށްދިނުން. ނުވަތަ އެ ކުދިންނަށް ތަޢުލީމު ހާސިލު ކުރެވޭނެ މަގުތައް ފަހިކޮށްދީ، އެ ކުދިންނަށް އެ ފުރުޞަތުތައް ތަނަވަސްކޮށްދިނުން.


އާދެ، މީގެކުރިން ވެފައިވާ ގޮތަކީ، ސަރުކާރުގެ ހަރަދުގައި ހިންގާ ހުންނަނީ ހަމައެކަނި މާލޭގައި ހުންނަ މަދަރުސާތަކެއް، ސްކޫލްތަކެއް. އެހެންވީމާ، ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު މީގެކުރިން އޮންނަނީ ހަމައެކަނި މާލޭގައި ދިރިއުޅޭ މީހުންނަށް ޚާއްޞަވެފައި. މިހާރު އެ ގޮތް މުޅިން ބަދަލުވެއްޖެ. ސަރުކާރުގެ ހަރަދުގައި ކޮންމެ އަތޮޅެއްގައިވެސް ސްކޫލެއް އެބަހިންގާ. އޭގެ އިތުރުން ކޮމިއުނިޓީ ސްކޫލުގެ ނަމުގައި ނުވަތަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުގައި ހިނގާ މަދަރުސާތަކެއްވެސް މިހާރު އެބަހުރި. އަދި އެއަށްވުރެވެސް އިތުރަށް ދަނީ އެއްދުވަހުން އަނެއްދުވަހަށް އަތޮޅުތަކުގައި ސަރުކާރުގެ ފަރާތުން މަދަރުސާތައް ހުޅުވަމުން. އޭގެ ބޭނުމަކީ، ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ސަރުކާރުން ތަނަވަސްކޮށްދިނުން. ސަރުކާރުން އެކުރާ މަސައްކަތުގެ އިތުރުން އަޅުގަނޑުމެންވެސް އަމިއްލަޔަށް އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ހާސިލުކޮށްދޭން މަސައްކަތް ކުރަންވާނެ. އެގޮތަކީ ސަރުކާރުން ކޮންމެ ރަށެއްގައި މަދަރުސާއެއް ހުޅުވައިގެން ހިންގޭކަށް ނޯންނާނެ. އެކަމަށް ކުރާނެ ޚަރަދު އެއީވެސް ސަރުކާރަށް ލިބެން އޮތް އެއްޗެއް ނޫން. ހަމައެފަދައިން، ހުރިހާ ތަނެއްގައި ކިޔަވައިދޭނެ މުދައްރިސުންވެސް ސަރުކާރަކުން ނުހޯދޭނެ. މިހެންގޮސް އެއީ ސަރުކާރަށް ކުރެވޭ ވަރަށްވުރެ މާބޮޑު ކަމަކަށް އޮންނަނީ ވެފައި. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތް ކުރަންވާނީ. އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ ބަލަންވާނީ. ކޮންމެ ބަޔަކުވެސް އެބަޔަކު، އެބަޔެއްގެ ތެރޭގައި ތަޢުލީމު ފެތުރުމަށްޓަކައި، އެބައެއްގެ ދަރިންނަށް ކިޔަވައިދިނުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭނެ. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އެބާވަތުގެ މަސައްކަތް ވަރަށް ކުރިޔަށް ގޮސްފައިވޭ. ހުރިހާ ރަށެއްގައި ކުރިޔަށް ގޮސްފައިވަނީ އެއްވަރަކަށްނޫން. ތަނަވަސް ތަންތާނގައި އެކަން އެއަށްވުރެވެސް ރަނގަޅަށް އޮންނަންވާނެ. އެހެންނަމަވެސް މީގެކުރިން ދިމާވެފައިހުރި ސަބަބުތަކަކާހުރެ އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ވަރަށް ގިނަ ތަންތާނގައި އެދެވޭވަރަށް ތަޢުލީމު ކުރިޔަށް ގޮސްފައެއްނުވޭ.


އާދެ، މި އަތޮޅަކީވެސް ތެދުތެދަށް ދަންނަވަންޏާ ތަޢުލީމު މާކުރިޔަށް ގޮސްފައި އޮތް އަތޮޅެކޭ ދެންނެވޭކަށްނެތް. މިއަށްވުރެ ތަނަވަސްކަންކުޑަ ބައެއް އަތޮޅުތައް ރާއްޖޭގައި އެބަހުރި، ތަޢުލީމީގޮތުން މާ ފެންވަރު ރަނގަޅު، އަދި އެމީހުންގެ ތަޢުލީމުގެ ކަންތައްތައް މިއަށްވުރެ މާ ފުރިހަމަޔަށް މާ ހީވާގިކަމާއެކު ކުރިޔަށްގެންދާ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިއަތޮޅުގެ ރައްޔިތުންވެސް ތަޢުލީމަށް މިހާރަށްވުރެ ބޮޑު އަހަންމިއްޔަތެއް ދެއްވައިގެން ކުރިޔަށް ގެންދެވޭތޯ ބެއްލެވުން. އަދި ޚާއްޞަކޮށް، ގަމުގެ ރައްޔިތުންވެސް، ގަމުގެ ތިން އަވަށުންކުރެ ކޮންމެ އަވަށެއްގައިވެސް އެހުރި މަކުތަބު މިހާރަށްވުރެ ރަނގަޅަށް ހިންގެވޭތޯ ބެއްލެވުން. އެއީ، އަޅުގަނޑުމެންގެ ދަރިންނަށް މިއަދު ކިޔަވައިދީގެން ނޫނީ މުސްތަޤުބަލުގައި އެކުދިންގެ ބޭނުން ހިފޭކަށް ނޯންނާނެ. އަދި މުސްތަޤުބަލުގައި އެކުދިންނަކީ ޤައުމަށް ފައިދާކުރާނެ އަދި އެކުދިންނަށްވެސް، އެކުދިންގެ އަމިއްލަ ނަފުސުތަކަށްވެސް، އެކުދިންގެ ޢާއިލާތަކަށްވެސް ފައިދާ ކުރާނެ ބަޔަކަށް ނުވާނެ.


އާދެ، އަޅުގަނޑުގެ ވާހަކައިގެ ތިންވަނަ ނުކުތާއަކަށް ހަދަން ބޭނުންވަނީ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމާދޭތެރޭގައި އެއްޗެއް ދެންނެވުން. އާދެ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވެފައި، އެއްޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ ގުޅުންކަން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގޭނެ. އެހެންވީމާ، އެކަމަށް ހުރިހާ އެންމެންގެ ސަމާލުކަމަށް އަޅުގަނޑު ގޮވައިލަން. އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަންނުދޭން. އެއްވެސް ބާވަތެއްގެ ފިތުނައަކަށް ތަންނުދޭން. އެންމެންނަކީވެސް އަޚުންކަމުގައި ދެކިގެން، އެންމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު އުފެއްދޭތޯ އެންމެންވެސް މަސައްކަތްކުރަންވެއްޖެ. އާދެ، އެ މަސައްކަތް އެއީ ހަމައެކަނި ސަރުކާރުން ކުރަންވީ ކަމެއްނޫން. އެއީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ކުރަންވީ މަސައްކަތެއް ނޫން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް، ކޮންމެ އިންސާނަކުވެސް ކުރަންވީ މަސައްކަތެއް. ކޮންމެ މީހަކުވެސް ދެކެންވާނީ އެހެން މީހުން އެއީ ތިމާގެ އަޚުންކަމުގައި. އެހެން މީހުންނާ ދޭތެރޭގައި ކަންތައްތައް ކުރަންވާނީ ތިމާގެ އަމިއްލަ އެއްބަނޑުއެއްބަފާ ބަޔަކާ ދޭތެރޭގައިވެސް ކަންތައް ކުރާގޮތަށް. އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރާ ކަމުގައިވަންޏާ އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުއުފެދޭނެ. އެއްވެސްކަހަލަ ފިތުނަވެރިކަމެއް ނުއުފެދޭނެ. އަޅުގަނޑުމެން ވާނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން ލައްވާފައިވާ ފަދައިން، އެއްބަނޑުއެއްބަފާ ބަޔަކަށް. ކޮންމެއަކަސް މި ނުކުތާތަކުގެ މައްޗަށް މި ރަށުގެ ރައްޔިތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އަޅުގަނޑު އެދެން. އަދި އެއާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް.


މި ޖަލްސާއަށްފަހުގައި މިސްކިތް ހުޅުވުމުގެ ކަންތައްވެސް އޮތުމާއެކުގައި، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބަށް ކުރުކޮށްލަންޖެހެނީ. އެހެންނަމަވެސް ވާހަކަ ނިންމައިލުމުގެ ކުރިން ގަމުގެ ރައްޔިތުންނަން އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު މިއަދު މި ރަށަށް މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި މިރަށުގެ ރައްޔިތުން ކުރައްވައިފައިވާ ބޮޑެތި ބުރަ މަސައްކަތްތައް ފެނި، އެ މަސައްކަތްތައް ވަޒަންކުރާ ވާހަކަ ތެދުވެރިކަމާއެކު ދަންނަވަން.


އާދެ، މިރަށުގެ ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި އެބަހުރި. އަޅުގަނޑު އެދޭ ކަމެއްނޫން ބޮޑެތި މަސައްކަތް ކުރެއްވުމަކީ. ނުވަތަ އަޅުގަނޑު އަންނާތީ އެކަމަށްޓަކައި ވަގުތާއި އަދި ހަރަދު ހޭދަކުރެއްވުމަކީ. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އެދޭ ކަމެއްނޫން. އެހެންނަމަވެސް މި ރަށުގެ ރައްޔިތުންވެސް އަދި އަޅުގަނޑު މިދާ އެހެން ރަށްރަށުގެ ރައްޔިތުންވެސް، އެކަންތައްތައް ކުރައްވަމުން އެގެންދަވަނީ ދައުލަތާ ދޭތެރޭގައި ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ތެދުވެރިކަމެއްގެ ސަބަބުންކަން އަޅުގަނޑަށް ރަނގަޅަށް އެނގޭތީ އެކަމަށްޓަކައި އުފާކުރަނީ، އަދި ޝުކުރުވެރިވަނީ. އަޅުގަނޑުގެ ހިތާމައަކީ ދަތުރު ރޭވިފައި އޮންނަގޮތުން އެއްވެސް ރަށެއްގައި ގިނަވަގުތު ހޭދަކުރަން ނުލިބޭކަން. މިހާ ބޮޑެތި މަސައްކަތްތަކެއް ކުރައްވައި، މިހާރަނގަޅަށް ރަށުތެރެ ޒީނަތްތެރި ކުރައްވައި، ކަންތައްތައް ކުރައްވައިފައިވާއިރުވެސް އަޅުގަނޑަށް ހޭދަކުރެވެން އަންނަނީ ވަރަށް ކުޑަކުޑަ އިރުކޮޅެއް. ކޮންމެ ރަށަކަށްވެސް ފައިބައިފައި ޙާލު އަޙުވާލު ބަލައިލައި ހަދައިފައި، ރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކައިފައި ޖެހެނީ ފުރަން. އެހެންނަމަވެސް އެއީ މިވަގުތު ކަންތައް ހަމަޖެހިފައިއޮތްގޮތް. އެކަމަށްޓަކައި ހިތާމަކުރަމުން އަދި ހަމައެއާއެކު، އަޅުގަނޑަށްޓަކައި ރައްޔިތުންގެފަރާތުން ތިޔަ ބަހައްޓަވާ ޢިނާޔަތްތެރިކަމަށްޓަކައި ޝުކުރު އަދާކުރަމުން، އަދި ގަމުގެ ރައްޔިތުންނަށް ތަނަވަސް ބާއްޖަވެރި މުސްތަޤުބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.

والسّلام عليكم ورحمـة اللّـه وبركاته.