السّلام عليكم ورحمـة اللّـه.


اللّـه سبحـانـه وتعـالىގެ ކިބަޔަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެއަށްފަހު އިސްދޫގެ މި އަވަށުގެ ރައްޔިތުންގެ ފަރާތުން މިއަދު އަޅުގަނޑަށް މިލިބުނު ހޫނު ތަރުޙީބަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ރަށުގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.


އާދެ، އަޅުގަނޑު އައުމަށް ހަމަޖެހިފައިވަނީ، ދެންމެ މިނިސްޓަރ ވިދާޅުވި ފަދައިން، އިސްދޫއަކީ ދެ އަވަށަކަށް ބެހިފައިވިޔަސް އެއްރަށަކަށްވާތީ، އަނެއް އަވަށަށް. އިއްޔެ އެތަނަށް ފައިބައި އިސްދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކައިފިން. އެހެންވީމާ، ދެވަނަފަހަރަށް މުޅި އިސްދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަކީ މާހަމަޖެހޭކަމަކަށް ނުވާތީ އެގޮތަށް ދަތުރުގެ ޕުރޮގުރާމުގައި ރޭވިފައިނެތީ. ކޮންމެއަކަސް މިއަދު އަޅުގަނޑު މިތަނަށް އައުމުން މިއަވަށުގެ ރައްޔިތުންވެސް މިކަމަށްޓަކައި ރަށް ތައްޔާރު ކުރައްވައިފައިވާލެއް ބޮޑުކަމާއި، ތަރުޙީބުގެ ގޮތުން ހައްދަވައިފައިވާ ގިޑިގެތަކާއި އަދި އެނޫންވެސް މަސައްކަތްތައް ފެނި އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް އިހުސާސް ކުރެވިއްޖެ. އެހެންވުމާއެކު، އިސްދޫގެ މި އަވަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ހަމައެކަނި ޝުކުރު ދަންނަވައިލުމުގެ ގޮތުންނަމަވެސް އެއްޗެއް ދަންނަވާނުލައި ދިއުމަކީ އަޅުގަނޑަކަށް މާފަސޭހަ ކަމަކަށްނުވޭ. އެހެންވީމާ، އެއްވެސް ކަހަލަ އަޑުގަދަކުރާއެއް ބޭނުންނުކޮށް ހަމަ ސީދާ މި އަވަށުގެ ރައްޔިތުންނާ މުޚާތަބުކޮށް އަޅުގަނޑު ދެތިން ބަހެއް މި ދަންނަވައިލަނީ.


މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މިއަދު އިސްދޫގެ މި އަވަށުގެ އާދެ، ގަނޑުއަވަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަބެހެއްޓެވި ޢިނާޔަތް އެއީ އަޅުގަނޑު ވަރަށް ފުރިހަމަ ގޮތެއްގައި ހަނދާން ކުރާނެކަމެއް.


އާދެ، މިއަދު އަޅުގަނޑު މި ރަށަށް މިފޭބީ މިރަށުގެ، މި އަވަށުގެ އަންހެނުން ކުރައްވައިފައިވާ މަސައްކަތެއްގެ ސަބަބުން. މި ބިނާކުރައްވައިފައިވާ މިސްކިތް، އެ މިސްކިތް ހުޅުވައި ދިނުމަށްޓަކައި. އެއްވެސް ޝައްކެއްނެތް، އެމަސައްކަތަކީ މިއަވަށުގެ އަންހެނުންނަށް ޝުކުރާއި ތަޢުރީފު ޙައްޤުވެގެންވާ މަސައްކަތެއް. އަބަދުވެސް ރާއްޖެތެރޭގައި އަންހެނުން އަދާކުރަމުންދަނީ ވަރަށް މުހިންމު ދައުރެއްކަން މިކަމުންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ވަރަށް ގިނަ ކަންކަމަށް ބަލާއިރު އެއްގޮތަކަށްވެސް އަންހެނުން ފިރިހެނުންނަކަށްވުރެ ފަހަތަކަށް ނުޖެހޭ. ޤައުމީ ކަންތައްތަކުގައި، އިޖުތިމާޢީ ކަންތަކުގައި. އެހެންވީމާ، މުޅިރާއްޖޭގެ އަންހެނުންނަށް އަދި އިސްދޫގެ ގަނޑުއަވަށުގެ އަންހެނުންނަށް ޚާއްޞަކޮށް މަރުޙަބާކިޔައި ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ މިއަދުގެ އުފަލެއް ކަމުގައި ދެކެން.


އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑު މިތާނގައި ވާހަކަ ދެއްކުމަކަށް، ކުރިން ޕުރޮގުރާމުގައި ހަމަޖެހިފައެއް ނެތް. އަދި މި މިސްކިތް ހުޅުވުން އެއީވެސް ޕުރޮގުރާމުގައި ހަމަޖެހިފައި އޮތްކަމެއްނޫން، އަޅުގަނޑު ދަތުރަށް ފެށިއިރު. އެހެންނަމަވެސް ގަނޑުއަވަށުގެ އަންހެނުން މިކަމަށް އެދިވަޑައިގަންނަވާކަން އަޅުގަނޑަށް އެނގިފައިވުމާއެކު، ކުރިންވެސް ދެންނެވިހެން ކޮށްދޭންޖެހޭނެ ކަމެއް ކަމަށް ފެނިގެން، އެގޮތަށް ޕުރޮގުރާމު ބަދަލުކުރެވުނީ. އެހެންވީމާ، އަދިވެސް އެއްފަހަރު ގަނޑުއަވަށުގެ ރައްޔިތުންނަށާއި އިސްދޫގެ ރައްޔިތުންނަށާއި އާންމުކޮށް، އަދި އިސްދޫގެ ވެރިންނަށާއި އަދި މި އަވަށުގެ އަންހެނުންނަށް ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަނީ.


والسّلام عليكم.