بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، ހައްދުންމައްޗަށް އަޅުގަނޑު މިކުރާ ދަތުރުގައި ފޮނަދޫއަށް އައިސް، ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. އެންމެ ފުރަތަމަ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެނީ، ފޮނަދޫގެ ރައްޔިތުންނަށް ދައުލަތުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާޞްތެރި ހެޔޮއެދުންތައް ފޮނުވުން. ހަމައެޔާއެކު، ފޮނަދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަވިދާޅުވި ވަރަށްހޫނު މަރުޙަބާއަށްޓަކައި އިޚުލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އެއްވެސް ޝައްކެއްނެތް، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ސަބަބުން ވަރަށް އަގުހުރި މަޢުލޫމާތުތަކެއް އަޅުގަނޑަށް ލިބެމުން އެބަދޭ. އެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅުކޮށް އިޞްލާޙު ކުރުމަށް މަސައްކަތްތަކެއް މިހާރުވަނީ ފެށިފައި. ރާއްޖެތެރެވަނީ ހުރިހާގޮތަކުން ބަލާއިރުވެސް ވަރަށް އެކަށީގެންނުވާ ދަށު ފެންވަރަކަށް ގޮސްފައި.

އާދެ، މީގެކުރިން ސަރުކާރުގެ ފަރާތުން ރާއްޖެތެރެއަށް އެކަށީގެންވާ އަހަންމިއްޔަތެއް ލިބިފައި ނެތުމުގެ ސަބަބުން ރާއްޖެތެރޭގެ ކަންތައްތައް ވަނީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ހިތްހަމަޖެހޭވަރަށްވުރެ މާދަށަށް ގޮސްފައި. އެހެންކަމާއެކު، އަޅުގަނޑު މި މަޤާމާ ހަވާލުވީއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި ސަރުކާރުގެ ޚިދުމަތްތައް މާލެއަށް ލިބޭ ފަދައިން، ރާއްޖެތެރެއަށްވެސް ލިބިދެވޭތޯ. އާދެ، އެއީ މާފަސޭހަކަމެއް ނޫން. އެތަކެއް އަހަރެއް ވަންދެން ރާއްޖެތެރެ އިހުމާލުކޮށްލެވިފައި އޮތުމަށްފަހު، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަކީ ވަރަށްގިނަ ދުވަސްތަކެއް ބޭނުންވާނެ ކަމެއް. ހަމަ އެހާމެ ބޮޑު ހަރަދެއްވެސް ބޭނުންވާނެކަމެއް. އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަދި އެއީ މާ މުއްސަނދި ތަނެއްވެސް ނޫން. އެހެންވުމާއެކު، އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވެން އޮންނާނީ ލަސްލަހުން. އަޅުގަނޑުމެންގެ ތަނަވަސްކަންހުރި މިންވަރަކުން. އެހެންކަމުގައިވިޔަސް، އަޅުގަނޑު ދެކެނީ ރާއްޖެތެރެއަށް އަހަންމިއްޔަތު ދިނުމުގެ އުސޫލަކަށް ދައުލަތުގެ ސިޔާސަތު ބަދަލުކޮށްލުން އެއީ އަޅުގަނޑުމެން ހަމަ މިހާރުވެސް ކުރަންވެފައި އޮތް ކަމެއްކަމަށް. އެހެންކަމުން، މީގެ ތިން އަހަރުދުވަސް ކުރިން، އާދެ، އަޅުގަނޑު ރައީސްކަމާ ހަވާލުވީއްސުރެ މަސައްކަތް ކުރަމުން މިގެންދަނީ އެ އުސޫލު މުޅިން ބަދަލުކޮށްލައި، މާލެއާއި ރާއްޖެތެރެއާ ދޭތެރޭގައި ސަރުކާރުގެ ކުރިމަތީގައި އެއްވެސް ތަފާތެއްނެތި މާލެއަށްވެސް އަދި ރާއްޖެތެރެއަށްވެސް ސަރުކާރުގެ ޚިދުމަތްތައް އެކަށީގެންވާ ފެންވަރަކަށް ފޯރުވައިދެވޭތޯ.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު އެއީ މިހާރު ސަރުކާރުން ހިންގަމުންގެންދާ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި މިހާރު ވަރަށްގިނަ ކަންތައްތައް ކުރެވެމުން އެބަދޭ. އެހުރިހާ ކަމެއްގެ ތަފުސީލު އަޅުގަނޑު ދަންނަވާކަށްނެތިން. ތިޔަބޭފުޅުންނަށްވެސް ރޭޑިއޯގެ ޚަބަރުގެ ޛަރީޢާއިންނާއި އަދި އެނޫންވެސް ގޮތްގޮތުން އެކުރެވެމުންދާ ކަންތައްތަކުގެ ވާހަކަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ހަމައެފަދައިން، މިއަތޮޅުގައިވެސް އަދި މިރަށުގައިވެސް ތަރައްޤީގެ އެތަކެއް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެހެންވީމާ، މިހާރު ރާއްޖެތެރެއަށް ސަރުކާރުންދޭ އަހަންމިއްޔަތާއި ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އެއީ ތިޔަބޭފުޅުންގެވެސް އަމިއްލަ ތަޖުރިބާއިން މިހާރު އެކަންތައްތައް އެނގިވަޑައިގެންފައި އޮންނާނެ ކަންތައްތަކެއް. އެހެންވުމާއެކު، އެކަމާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން.

މިރަށަކީ އާދެ، ފޮނަދޫއަކީ، ރާއްޖޭގެ މުސްތަޤްބަލުގައި ވަރަށް އެކަށީގެންވާ ބައެއް އަދާކުރާނެ ރަށެއް ކަމަށް މިހާރު ގަބޫލުކުރެވޭ. ރާއްޖެތެރެ ތަރައްޤީ ކުރުމުގައި އެންމެ އިސްކަންދެވޭ 68 ރަށުގެ ތެރެއިން އެއްރަށެއް ފޮނަދޫއަކީ. އަދި އެއަށްވުރެ ޚާއްޞަ ގޮތެއްގައި އިސްކަންދެވޭ 8 ރަށުގެ ތެރެއިން އެއްރަށް ފޮނަދޫއަކީ. އާދެ، ވަރަށްގިނަ ގޮތްގޮތަށް ބެލުމަށްފަހު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފައިވަނީ، މިދެންނެވި 8 ރަށަށް އިތުރު ސަމާލުކަމެއް ދިނުމަށް. އެންމެ ފުރަތަމަ ތަރައްޤީ ކުރެވޭ 8 ރަށަކީ މިދެންނެވީ. އޭގެތެރެއިން އެއްރަށް ފޮނަދޫއަކީ. އޭގެ ހެއްކެއްގެ ގޮތުގައި ތިޔަބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެ، މިރަށުގައި ކުރެވެމުންދާ މަސައްކަތްތައް. މިރަށަކީ މުސްތަޤްބަލުގައި ތަރައްޤީގެ ވަރަށް ބޮޑު ބައެއް އަދާކުރާނެ ރަށެއް.

އާދެ، މިހާރުވެސް މިރަށުގައި ވަރަށްގިނަ މަސައްކަތްތައް ފެށިފައިވޭ. އެއްކަމަކީ އަތޮޅު ތަޢުލީމީ މަރުކަޒު. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަސައްކަތްތައް މިހާރު ނިމުމަކާ ހަމަޔަށް އެދަނީ. މާލަސްތަކެއްނުވެ އެ ތަޢުލީމީ މަރުކަޒު ހުޅުވޭނެ. ހަމައެފަދައިން، މިރަށުގައި އިޤުތިޞާދީ ގޮތުން ވަރަށް މުހިންމު މަސައްކަތެއް ކުރުމަށް އެބަ ތައްޔާރުކުރެވޭ. އެއީ މަސްވެރި އަވަށެއް ޤާއިމުކުރުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މަސްވެރިކަމަކީ، ރާއްޖޭގެ އިޤުތިޞާދު، އޭގެ މައްޗަށް ބިނާވެފައިވާ އެންމެ ވަރުގަދަ އަދި އެންމެ ބޭނުންތެރި މަސައްކަތްތައް. މީގެކުރިން އަޅުގަނޑުމެން މަސްވެރިކަމުގެ ކަންތައްތައް ކުރަމުން އައިސްފައިވަނީ އަޅުގަނޑުމެންނަށް ލިބޭ މަސް، އެހެން ފަރާތްތަކަށް ވިއްކާލުމުން، އެއިން ލިބޭ އެއްޗަކުން ދިރިއުޅޭގޮތަށް. އަޅުގަނޑުމެން މިހާރު ވިސްނަންޖެހިފައި ވަނީ ހަމައެކަނި އެއްގޮތަކަށް މަސްވެރިކަމުގެ ކަންތައްތައް ކުރުމުގެ އިތުރަށް، ތަފާތު ގޮތްތައް ހޯދޭތޯ. ކާބަފައިންގެ ޒަމާނުއްސުރެ މަސްވެރިކަން ކުރަމުން އައިގޮތް، އެއަށް ޒަމާނާ އެކަށީގެންވާ ތަރައްޤީތަކެއް ގެންނަން އެބަޖެހޭ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެހެންވުމާއެކު، އަޅުގަނޑުމެންގެ ހަރަދުތައްވެސް ބޮޑުވާނެ. އަޅުގަނޑުމެންގެ އެންމެބޮޑު އާމްދަނީއެއް ލިބޭ އެއްޗަކީ މަސްކަމަށްވުމާއެކު، މަހަށް ލިބޭ އާމްދަނީވެސް އަޅުގަނޑުމެން އިތުރުކުރަންޖެހޭނެ. އެހެންވީމާ، މަސްވެރިކަން ތަރައްޤީ ކުރަންވީ ހަމައެކަނި އަޅުގަނޑުމެން ބާނާ ނުވަތަ ހިފާ މަސް އިތުރުކުރުމުގެ ގޮތަކުންނެއް ނޫން. އެގޮތުންވެސް ވަރަށް މަތިވެރި ތަރައްޤީއަކަށްވަނީ ބޭނުންވެފައި.

އޭގެއިތުރުން، މަސްވެރިކަމުގެ ދާއިރާގައި އެކަށީގެންވާ އެހެނިހެން ފިޔަވަޅުތައްވެސް އަޅަންޖެހޭ. އެއީ އެ ދާއިރާއިން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި. އެގޮތުން، މަސް ފިނިކޮށް ބެހެއްޓުމަކީ މިހާރު ކޮންމެހެން ބޭނުންކަމެއް. އެކަހަލަ އިންތިޒާމުތަކެއް އަޅުގަނޑުމެންނަށް ހަމަޖެހިފައި ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް އަޅުގަނޑުމެންނަށް ލިބެމުންދޭ. ބައެއްފަހަރަށް އެކަށީގެންވާ އަދަދަކަށް މަސްބާނައިގެން އަޅުގަނޑުމެން ބޯޓުކައިރިއަށް ކިރުވަންދާއިރު، ބޯޓަށް މަސް ނުކިރުވައި ހިނގައިދާނެ، އެމީހުން ބޭނުންވާ ވަރަށް މަސް ލިބިފައި ހުރުމުގެ ސަބަބުން ނުވަތަ އެމީހުން ބޭނުންވާ ވަރަށްވުރެ ތަންކޮޅެއް ކުދިމަސް ބޭނިފައި ހުރުމުގެ ސަބަބުން އެ މަސްތައްވެސް އެމީހުން ނުކިރުވައި ހިނގައިދާނެ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭ. އެ މަސް ޖެހެނީ އުކައިލަން. އޭގެ ބޭނުންކުރެވޭކަށެއް ނޯވޭ. އެއާޚިލާފަށް މަސްފިނިކުރާ ތަނެއް އަޅުގަނޑުމެން ހަދައިފި ކަމުގައިވަންޏާ، ގެއްލެމުންދާ މަސް އެއީ އޭގެފަހުން ގެއްލިގެންދާނެ އެއްޗެއް ނޫން. އެ ފިނިކޮށްފައި ބެހެއްޓިދާނެ، ކިތަންމެ ދުވަހެއް ވަންދެންވެސް. މަސްފިނިކޮށްފައި ބެހެއްޓުމަށްފަހުގައި، އަޅުގަނޑުމެން ބޭނުންވާ ކޮންމެ ދިމާއަކަށްވެސް އެ މަސް ވިއްކައިލެވިދާނެ.

އެހެންވީމާ، އިޤުތިޞާދީ ގޮތުން ބަލާއިރު، މަސްފިނިކުރާ ތަންތަން ރާއްޖޭގައި ހުރުމަކީ މިހާރު ވަރަށް ބޭނުންތެރި ކަމެއް. އެ މަސައްކަތް މިހާރު ސަރުކާރުން ފަށައިގެން މިގެންދަނީ. ދެކުނުން ހައްދުންމަތީ ފޮނަދޫގައި، މަސްވެރި އަވަށް އެ ތައްޔާރުކުރެވެނީ އެބޭނުމުގައި. ހަމައެފަދައިން މާލެއިން އުތުރުގައި، ހއ. ހުވަރަފުށީގައި އެ މަސައްކަތް ކުރެވެމުން އެބަދޭ. އެއީ އެންމެ ފުރަތަމަ ދެތަން، ސަރުކާރުގެ ފަރާތުން ހަދާ. އޭގެފަހުން އިރާދަކުރެއްވިއްޔާ، އިތުރު ތަންތަންވެސް ހެދޭނެ. ހަމައެއާއެކުގައި މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން، ބޭރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައިވެސް މަސްފިނިކޮށްގެން، ގިނަދުވަސް ވަންދެން ތަނެއްގައި ރައްކާކޮށްފައި ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ.

އާދެ، އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މަސްވެރިކަމަކީ އަޅުގަނޑުމެންގެ އިޤުތިޞާދަށް އެންމެ ބޭނުން މަސައްކަތް ކަމަށްވާތީ، އެއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި އެޅޭ ފިޔަވަޅުތަކެއް. އެހެންވީމާ، މިރަށުގައި މިހާރު އެ މަސައްކަތް ހިނގަމުން އެބަދޭ. އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ އެ ޢަމަލީ ސިފަ އެކަމަށްވެސް އަންނާނެ. ހަމައެފަދައިން، މިރަށުގެ ވަރަށް ކައިރީގައިވާ ރަށެއްގައި، މިހާރު ރާއްޖެތެރޭގައި ހެދޭ އެންމެ ފުރަތަމަ އެއަރޕޯޓް ނުވަތަ ސްޓޭޝަން ހެދެމުން އެބަދޭ. މާލެ ފިޔަވައި މީގެކުރިން ރާއްޖޭގައި އެއަރޕޯޓެއް އޮތީ ހަމައެކަނި ގަމުގައި. އެ އެއަރޕޯޓަކީ، އަޅުގަނޑުމެން ހެދިތަނެއް ނޫން. ބޭރުގެ ފަރާތަކުން އާދެ، އިނގިރޭސިން ފައިބައިތިބި ދުވަސްވަރު އެމީހުން ހެދި ތަނެއް. ދިވެހި ސަރުކާރުގެ ފަރާތުން ދިވެހިންގެ މަސައްކަތުން ރާއްޖެތެރޭގައި ހަދާ އެންމެ ފުރަތަމަ އެއަރޕޯޓަކީ މިއަތޮޅު ކައްދޫގައި އެ ހެދޭ އެއަރޕޯޓް. އެއްވެސް ޝައްކެއްނެތް، އެ އެއަރޕޯޓް ހެދުމަށްފަހު، އެތަނުގެ ސަބަބުންވެސް މިހިސާބުގަނޑަށް ވަރަށްބޮޑު ދިރުމެއް ލިބޭނެ. އިޤުތިޞާދީ ގޮތުން، އިޖުތިމާޢީ ގޮތުން، ދަތުރުފަތުރުކުރުމުގެ ގޮތުން، މިހިސާބުގަނޑަށް ވަރަށްބޮޑު ދިރުމެއް ލިބި، އޭގެ ފައިދާތައް މިހިސާބުގަނޑުގެ ރައްޔިތުންނަށް އިހުސާސް ކުރެވެން ފަށާނެ. މިހާރުވެސް ފޮނަދޫގެ ވަރަށްގިނަ މީހުން އެއުޅެނީ އެ މަސައްކަތުގައި. އެ މަސައްކަތުގެ ސަބަބުން މިރަށަށް އާމްދަނީ ލިބެމުން އެދަނީ. އަދި އޭގެއިތުރުން، އެއަރޕޯޓް ހުޅުވުމުން އޭގެފަހުން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިހިސާބުގަނޑަށް ވަރަށް އެކަށީގެންވާ، ވަރަށް ރަނގަޅު ދިރުމެއް އަންނާނެ.

އާދެ، މިބާވަތުގެ ކަންތައްތައް ސަރުކާރުން ރާވައިގެން ކުރަމުން އެގެންދަނީ ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި. ރާއްޖެތެރެ އިޞްލާޙު ކުރުމަށްޓަކައި. ސަރުކާރުގެ ޚިދުމަތްތައް ރާއްޖެތެރޭގައިވެސް ލިބެން ހުންނާނެގޮތް ހަދައިދިނުމަށްޓަކައި. އާދެ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި އެއް ފިޔަވަޅަކަށްފަހު އަނެއް ފިޔަވަޅެއް ކުރިއަށް އަޅަމުންދާއިރު، ތަޢުލީމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ. އެއީ ތަޢުލީމަކީ، ހުރިހާ ކުރިއެރުމެއްގެވެސް ސިއްރު ކަމަށްވާތީ. އެއްވެސް ޤައުމެއް ކުރިއަކަށް ނުދާނެ، އެކަށީގެންވާ ފެންވަރަކަށް އެ ޤައުމެއްގައި ތަޢުލީމުގެ ކަންތައްތައް ނެތްކަމުގައިވާނަމަ. އެހެންވީމާ، އަޅުގަނޑުމެންވެސް ކުރިއަށްދާން ބޭނުންވާ ކަމަށްވަންޏާ، އެންމެ ފުރަތަމަ ސަމާލުކަންދޭންވާނީ އަޅުގަނޑުމެންގެ ތަޢުލީމަށް. އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ފެންވަރަކަށް ކިޔަވައިދިނުމަށް. އެއީ ޤައުމުގެވެސް ވާޖިބެއް. އަދި އަފްރާދުންގެ ގޮތުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް ވާޖިބެއް. ސަރުކާރުގެ ފަރާތުން ތަޢުލީމަށްދޭ އަހަންމިއްޔަތަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަހަންމިއްޔަތެއް. މިހާރު ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި ހިނގާ މަދަރުސާއެއް ހިނގަމުން އެބަދޭ. އޭގެއިތުރުން ކޮންމެ އަތޮޅެއްގައި ތަޢުލީމީ މަރުކަޒެއް ހެދެމުން އެދަނީ. ހަމައެފަދައިން، ބޭރު ޤައުމުތަކުގެ އެހީގައި އިތުރު މަދަރުސާތައްވެސް ރާއްޖެތެރޭގައި އެދަނީ ހުޅުވެމުން.

އާދެ، އޭގެ ބޭނުމަކީ ރާއްޖެތެރޭގެ ކިޔަވާ ޢުމުރުގެ ކުދިންނަށް، ސަރުކާރުގެ ފަރާތުން ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހޯދައިދިނުން. ސަރުކާރުން އެކުރާ މަސައްކަތްތަކުގެ އިތުރަށް އަޅުގަނޑުމެން އަމިއްލައަށްވެސް އެ މަސައްކަތްވާނެ ކުރަން. އެހެން ދަންނަވަންޖެހޭ ސަބަބަކީ ހުރިހާ ކަމެއް އެއްފަހަރާ ސަރުކާރުން ނުކުރެވޭނެތީ. އަދި ކޮންމެ ރަށެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ނުހެދޭނެ. ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ނުހިންގޭނެ. އެހެންވީމާ، އަތޮޅުގައި ސަރުކާރުގެ ހަރަދުގައި ހިންގާ އެއް މަދަރުސާ ހުރިކަމުގައިވިޔަސް، ދެ މަދަރުސާ ހުރި ކަމުގައިވިޔަސް، އަދި ތިން މަދަރުސާ ހުރި ކަމުގައިވިޔަސް، އަތޮޅުގައި ތިބޭ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް އެތަންތަނަށް ގޮސްގެން ކިޔެވުމުގެ ފުރުޞަތެއް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް މަސައްކަތްކުރަންޖެހޭނެ، ދެން ތިބި ކުދިންނަށް ކިޔަވައިދެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި. އެގޮތަކަށްވާންޖެހޭނީ ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ފެންވަރަކަށް މަކްތަބެއް ނުވަތަ މަދަރުސާއެއް ހިންގުން.

އާދެ، ހައްދުންމައްޗަކީ އިޤުތިޞާދީ ގޮތުން އަދި މަސައްކަތްތެރިކަމުގެ ގޮތުން ބަލާއިރުވެސް ރާއްޖެތެރެއިން ވަރަށް ޚާއްޞަ ވަނައެއް ލިބޭނެ އަތޮޅެއް. އެހެންކަމުގައިވިޔަސް، ތަޢުލީމީ ގޮތުން ބަލާއިރު، ހައްދުންމައްޗަކީ މާކުރިއަށް ގޮސްފައިވާ އަތޮޅެކޭ ދެންނެވޭކަށް ނެތް. އާދެ، އެކަން އެހެންވާންވީ އެއްވެސް ސަބަބެއް ނެތް. މީގެކުރިންވެސް ހައްދުންމައްޗަކީ ތަޢުލީމަށް މަޝްހޫރުވެފައިވާ ތަނެއް. އެހެން މިދެންނެވީ އަޅުގަނޑުމެންގެ ތާރީޚުގައި މިހިސާބުގަނޑުން އުފެދިފައިވާ މަޝްހޫރު ބޭފުޅުން ތިއްބެވީތީ. ރާއްޖޭގެ ތާރީޚުގައި މަޝްހޫރު، ތާރީޚު ލިޔުއްވި ޙަސަން ތާޖުއްދީން އެއީ މިއަތޮޅު ގަމުގެ ބޭފުޅެއް. ހަމައެފަދައިން، މިރަށުގެވެސް މަޝްހޫރު ޢިލްމުވެރިއެއް، އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަކުރެވިފައިވޭ. ފޮނަދޫ ދަންނަ ކަތީބު ތަކުރުފާނު. އެހެންވީމާ، އެއިން އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ، މިއަތޮޅުގެ މީހުންގެ ތެރޭގައި ތަޢުލީމަށް ލޯބިކުރާ އަދި ރާއްޖޭގެ ތާރީޚުގައި މަޝްހޫރުވެފައިވާ ޢިލްމުވެރިންނާއި، އަދީބުންނާއި، ލިޔުންތެރިން އެބަތިއްބެވިކަން. އެހެންވީމާ، ކުރީ ޒަމާނުގައި މިއަތޮޅުގެ ރައްޔިތުންގެ ހިތުގައި ތަޢުލީމަށް އެއޮތް ލޯބި އަދިވެސް މިއަތޮޅުގެ ރައްޔިތުންގެ ހިތުގައި އޮންނަންވާނެ. އަދި އޮންނާނެކަންވެސް ކަށަވަރު. އެއަށް ޢަމަލީ ސިފަ ގެންނަން ބޭނުންވަނީ ހަމަ ވަރަށް ކުޑަކުޑަ މަސައްކަތަކުން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ނަޞޭޙަތަކީ މިއަތޮޅުގެ ރައްޔިތުންވެސް ތަޢުލީމަށް މިހާރު ދެއްވާ އަހަންމިއްޔަތަށްވުރެ މަތިވެރި އަހަންމިއްޔަތެއް ދެއްވަމުން ގެންދެވުން. ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ ފެންވަރަކަށް މަކްތަބެއް ނުވަތަ މަދަރުސާއެއް ހިންގަވަމުން ގެންދެވުން. އޭގެ ފައިދާ ލިބޭނީ ހަމަ އަތޮޅުގެ ރައްޔިތުންނަށް. އެ ރަށްރަށުގެ ރައްޔިތުންނަށް. އެ ރަށްރަށުގެ ދަރިންނަށް. އަމިއްލަ މަސައްކަތުން ކުރިއަށްގެންދާ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުން ވަރަށް ޚާއްޞަ އެހީތަކެއް ވަމުންގެންދޭ. އެ ވާހަކަވެސް ތިޔަބޭފުޅުން އައްސަވާނެ. މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގާފައި، ހިނގަމުންދާ ކޮންމެ މަދަރުސާއަކަށް، ކޮންމެ މަކްތަބަކަށް މިހާރު ސަރުކާރުން ފައިސާގެ އެހީވެސް ދަނީ ވަމުން. ހަމައެފަދައިން، ވަރަށްގިނަ ތަންތަނަށް ސަރުކާރުގެ އެހެނިހެން ޢިނާޔަތްތައްވެސް ދަނީ ދެމުން. އެހެންވީމާ، އަމިއްލަ މަސައްކަތުން، އަމިއްލަ އިޖްތިހާދުން، އަމިއްލަ ހިންމަތުން ތަޢުލީމުދޭ ތަނެއް، ރައްޔިތުންގެ ފަރާތުން ހިންގަމުން ގެންދާ ކަމަށްވަންޏާ، ސަރުކާރުގެ ފަރާތުން އެތަނަށް އެކަށީގެންވާ އެހީތައް ވަމުން ގެންދާނެ. އެކަމަކު އެންމެ ފުރަތަމަ ޖެހޭނީ އެ މަސައްކަތް ރައްޔިތުން ފަށަން. އެއީ މަސައްކަތް ނުކުރާ ބަޔަކަށް އެއްވެސް ކަހަލަ ތަރައްޤީއެއް ގެނައުމަށްޓަކައި އެމީހުންގެ އަމިއްލަ ހިންމަތުން މަސައްކަތް ނުކުރާ ބަޔަކަށް ސަރުކާރުން އެހީއެއްވެވޭކަށް ނޯންނާނެ. ސަރުކާރުން އެހީވެވެން އޮންނާނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެމަސައްކަތް ފަށައިގަނެގެން ހިންމަތާއެކުގައި ކުރިއަށްގެންދާ ބަޔަކަށް. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، ކުރިއަށް އޮތް ތާނގައި، މިއަތޮޅުގެ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ތަޢުލީމު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން.

އާދެ، އަޅުގަނޑުގެ ވާހަކައިގައި އަދިވެސް އެހެން ނުކުތާއެއް ފާހަގަކޮށްލަން ބޭނުންވޭ. އެއީ އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އުފެއްދުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި ދެންނެވުން. އާދެ، އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ ރައްޔިތުން. އެއްދީނެއްގެ އަހުލުވެރިން. އެހެންވުމާއެކު، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ ގުޅުން. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގުޅުން. އެއާ ޚިލާފަށް އެއްވެސްކަހަލަ ހަމަނުޖެހުމެއް އެއްވެސްކަހަލަ ފިތުނަވެރިކަމެއް އަޅުގަނޑުމެންގެ މެދުގައި އޮވެގެނެއްނުވާނެ. ރާއްޖެތެރޭގައި ކަންތައްތައް ހުންނަގޮތުން ބައެއް ރަށްރަށުގައި ހިސާބަކަށް ހަމަނުޖެހުން ދޭތެރެދޭތެރެއިން އުފެދޭ. އެހެންނަމަވެސް، އެއީ މާގިނަ ތަންތަނެއްގައެއް ނޫން. ރާއްޖޭގެ ގިނަ ތަންތާނގައި ރައްޔިތުން ދިރިއުޅެމުން އަންނަނީ ޞުލްޙަމަސަލަސްކަންމަތީގައި. އަމަންއަމާންކަންމަތީގައި. އެއްވެސްކަހަލަ ހަމަނުޖެހުމެއް، ފިތުނަވެރިކަމެއްނެތި. އެގޮތަށް އަޅުގަނޑުމެންގެ ދިރިއުޅުން ވޭތިކުރަންވާނީ. އަދި އޭގެއިތުރުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބެއް ކަމަށް ދެކެންވާނެ، ތިމާގެ ޖަމާޢަތުގައި އޮންނަ ގުޅުމަކީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުމަކަށް ހެދޭތޯ މަސައްކަތް ކުރުން. އެގޮތަށް މަސައްކަތް ކުރުން އެއީ ހަމައެކަނި ވަކި ފަރުދެއްގެ ނުވަތަ ވަކިމީހެއްގެ ވާޖިބެއް ކަމުގައި ވެގެން އެއިން އެދެވޭ ނަތީޖާތަކެއް ނުފެންނާނެ. އެއިން އެދެވޭ ނަތީޖާއެއް ފެންނާނީ، ހުރިހާ އެންމެންވެސް އެބާވަތުގެ މަސައްކަތްތަކުގައި އެކުވެރިވެގެން އެއްބާރުލައިގެން މަސައްކަތް ކުރުމުން.

އާދެ، އެހެންވީމާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް އިލްތިމާސް ކުރަމުން ގެންދަން، ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދެވުމަށް މަސައްކަތް ކުރެއްވުމަށް. ހުރިހާ ކަމެއްގައިވެސް އެކުވެރިވެގެން އެއްބާރުލައިގެން، އެންމެންނަކީ އަޚުންތަކެއް ކަމުގައި ދެކިގެން މަސައްކަތް ކުރަމުން ގެންދިޔުމަށް. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާން. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ މުދަލަށްވެސް ރައްކާތެރިވާން. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވައިފައިވާގޮތް. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ދީނުގެ ހިދާޔަތު. އެހެންވީމާ، އެދީނުގެ ހިދާޔަތު ލިބި ތިބެގެން، އެދީނުގައި އަންގަވައިފައިވާ ގޮތަށް އުޅުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް. އަޅުގަނޑުމެންނަށް
اللّـه سبحـانـه وتعـالى އެ ދެއްވި މަތިވެރި ނިޢުމަތަށް ޝުކުރު އަދާކުރެވޭނީ، އެކަލާނގެ އަންގަވައިފައިވާ ގޮތުގެ މަތިން އުޅެގެން. އަޅުގަނޑުމެން އެކަލާނގެ ދެއްވައިފައިވާ ނިޢުމަތްތަކަށް ޝުކުރުކުރާ ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް އެ ނިޢުމަތްތައް ގިނަކޮށްދެއްވާނެ، އިތުރުކޮށްދެއްވާނެ. اللّـه سبحـانـه وتعـالى ވަޙީކުރައްވައިފައިވަނީ، [لَئِن شَكَرْتُمْ لَأَزِيدَنَّكُمْ.] [ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް، ތިމަންރަސްކަލާނގެ ނިޢުމަތްތަކަށް ޝުކުރުކޮށްފި ކަމުގައިވަންޏާ، ތިމަންރަސްކަލާނގެ ނިޢުމަތްތައް ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ.] ހަމައެފަދައިން ﷲ ވަޙީކުރައްވައިފައިވޭ. [إِنَّمَا الْمُؤْمِنُونَ إِخْوَةٌ.] [ހަމަކަށަވަރުން އެންމެހާ މުއުމިނުންނީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެން އެކަން ވަރަށް ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންނަކީ އަޚުންތަކެއްކަން، އެއްބަނޑުއެއްބަފާ ބައެއްކަން. އެއްވެސް މީހަކު އެހެން މީހަކަށް އެއްވެސްކަހަލަ އުނިކަމެއް، އެއްވެސްކަހަލަ ގެއްލުމެއް ލިބޭކަހަލަ ކަމެއް ކޮށްގެންނުވާނެކަން. ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ، [المسلم من سلم المسلمون من لسانه ويده.] އޭގައި އެ އަންގަވަނީ، ޙަޤީޤަތުގައި މުސްލިމަކަށްވާނީ، އެމީހާގެ އަތުންނާއި އަދި އެމީހާގެ ދުލުން އެހެން މީހުން ސަލާމަތްވެ ރައްކާތެރިވެގެންވާ މީހާއޭ. އާދެ، އެމީހާގެ އަތްފައިން ކުރާ އެއްވެސް ޢަމަލެއްގެ ސަބަބުން އެހެން މީހަކަށް ގެއްލުން ނުދޭ މީހާއޭ. ހަމައެފަދައިން، އެމީހާގެ ދުލުން ބުނާ ބަހަކުންވިޔަސް، އެހެން މީހަކަށް އެއްވެސްކަހަލަ ގެއްލުމެއް ނުދޭ މީހާއޭ، ޙަޤީޤަތުގައި މުސްލިމަކަށްވާނީ. އެހެންވީމާ، އަޅުގަނޑުމެންނަކީ، މުސްލިމުންގެ ގޮތުގައި ތިބި ކަމުގައިވިޔަސް އަދި ނަމާދުކުރި ކަމުގައިވިޔަސް، ރޯދަ ހިފި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ ކީރިތި ރަސޫލާ އެންގެވިގޮތާ ޚިލާފަށް ކަމުގައިވަންޏާ، ޙަޤީޤަތުގައި އަޅުގަނޑުމެން އެއީ ފުރިހަމަ މުސްލިމުން ކަމުގައެއްނުވާނެ. އަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމުން ކަމުގައިވާނީ، އެ މާތް އިރުޝާދުގެ މަތިން އަޅުގަނޑުމެން ޢަމަލުކޮށްގެން. އަޅުގަނޑުމެންގެ އެއްވެސް ޢަމަލަކުން އެހެން ބަޔަކަށް އުނދަގުލެއް، ގެއްލުމެއް ނުދޭގޮތަކަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިގެން. އަޅުގަނޑުމެންގެ ބަހުންވިޔަސް، ޢަމަލުންވިޔަސް، އެހެން މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭގޮތަށް އަޅުގަނޑުމެންގެ ބަސްތަކާއި ޢަމަލުތައް ބަހައްޓައިގެން. އަޅުގަނޑުމެންނަކީ އެކުވެރި ބައެއް ކަމުގައި ވެގެން. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުވައިގެން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން މިރަށުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން، އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި. އާދެ، މިއަދު ދަތުރުގެ ކަންތައްދިޔަގޮތުން، އަޅުގަނޑަށް މިރަށާ ހަމަޔަށް އާދެވުނީ ވަރަށް ހަވީރުވެފައި ހުއްޓާ. އެހެންވީމާ، މިރަށަށް ފައިބައި ރަށުތެރެ ބަލައިލުމުގެ ފުރުޞަތެއް ނުލިބުނު. އެހެންވީމާވެސް އަޅުގަނޑު ގަސްދުކުރަނީ، އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނުގެ ވަގުތެއްގައި މިރަށަށް ފައިބައި، މިރަށުގައި ކުރެވެމުންދާ މަސައްކަތްތައް ބަލައިލައި، އަދި ރަށުތެރެ ބަލައިލައިހަދާލަން.

އާދެ، ކޮންމެއަކަސް އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑު މިރޭ މިދެއްކި ވާހަކަތަކުގައި އެކަށީގެންވާ ރަނގަޅު ނަޞޭޙަތެއް އެކުލެވިގެންވާ ކަމަށްވަންޏާ، އެ ނަޞޭޙަތް މިރަށުގެ ރައްޔިތުން ގަބޫލުކުރައްވައި، އަދި އެއާއެއްގޮތަށް ޢަމަލުކުރެއްވުން. އަދި اللّـه سبحـانـه وتعـالى އަންގަވައިފައިވާ މަގުން އަޅުގަނޑުމެން އެންމެން ހިނގުމުގެ ތައުފީޤު އެކަލާނގެ އަޅުގަނޑުމެން އެންމެންނަށް ދެއްވުން.


والسّلام عليكم ورحمـة اللّـه وبركاته.