ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އައިލެންޑް އޭވިއޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއި ގުޅިގެން މާލޭގެ ތަފާތު ތިން ސަރަޙައްދެއްގައި ތަރައްޤީކުރި ސޯސަންގެ ޕާކް، މިއުޒިއަމް ޕާކް އަދި ކާނިވާ ޕާކް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި ޕާކްތައް ހުޅުއްވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ކާނިވާ ސަރަޙައްދުގައެވެ. މި ޕާކްތައް ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކާނިވާ ޕާކް ބައްލަވައިލައްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، މިއަދު ހުޅުވިގެން މިދިޔަ ތިން ޕާކަކީ، މި ވޭތުވެ ދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މާލޭގެ އެކި ސަރަޙައްދުތަކުގައި އިޖްތިމާޢީ ދުޅަހެޔޮކަން ޢުމްރާނީ ތަރައްޤީގެ ތެރެއިން ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތައް އިތުރުވެގެން ދިޔަ އަގުހުރި ބޮޅެއްކަމުގައެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލްޙާރިސް ވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ޕާކްތައް ތަރައްޤީކޮށްފައިވާ ގޮތުގެ ތިން ފޮޓޯ އަލްބަމެއް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވެދުމަށް އަރުއްވާފައެވެ.

މިއަދު ހަވީރު ބޭއްވެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި، ބައެއް އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.