بســم اللّـه الرّحمـن الرّحيــم

السّــلام عليــكم ورحـمــة اللّـه وبـركاتـه؛

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އޭގެފަހުގައި މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި އަދި ދިވެހި ސަރުކާރުގެ ނަމުގައި އިސްދޫގެ ރައްޔިތުންނަށް މަރުޙަބާ ދެންނެވުން. އިސްދޫއޭ އަޅުގަނޑު ދަންނަވާއިރު މިދަންނަވަނީ، މިރަށުގައިވާ ދެ އަވަށުގެވެސް ރައްޔިތުން ހިމެނޭގޮތަށް. ކަލައިދޫ އަވަށުގެ ރައްޔިތުންނާއި އަދި އިސްދޫ އަވަށުގެ ރައްޔިތުން.

އާދެ، މިރަށަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ރަށެއް. ވަރަށްބޮޑު ރަށެއް. ރަށުގެ ރައްޔިތުން ދެ އަވަށަކަށް ވަނީ ބެހިފައި. އެހެންކަމަށްވުމާއެކު، ބައެއްކަހަލަ ކަންތައްތަކަށް ދަތިވެސްއަރަމުންދޭ. ކޮންމެއަކަސް ރަށަކީ، މީހުންގިނަ އަދި ބޮޑު ރަށަކަށްވުމުން، ތަރައްޤީގެ މަގުގައި ކުރިއަށް ދެވިދާނެ ރަށެއް ކަމަށް ފެނޭ. އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ގިނަ ރަށްރަށް ހުންނަނީ ވަރަށް ކުދިކުދިކޮށް. އަދި ވަރަށް މީސްކޮޅު މަދު ރަށްތަކެއްވެސް ހުރޭ. އެ ރަށްރަށް ކުރިއެރުވުމަކީ، މާފަސޭހަކަމަކަށްނުވޭ. އެއާޚިލާފަށް، ބިންގަނޑު ބޮޑު އަދި ބިންގަނޑު މޮޅު، މީހުން ގިނަ ރަށްރަށް ކުރިއަށްދިޔުމަކީ، މާދަތިކަމަކަށްނުވާނެ.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް މިހާރު ސަރުކާރުން ދެމުންގެންދާ އަހަންމިއްޔަތު އެއީ އިސްދޫގެ ރައްޔިތުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް. ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަކީ، މިއަދު ދައުލަތުގެ ކުރިމަތީގައި އޮތް އެންމެ މުހިންމު އެއް ވާޖިބު ކަމުގައި ނުވެނުދާނެ. އެގޮތަކީ ރާއްޖެތެރެވަނީ ވަރަށްދެރަ ދަރަޖައަކަށް ދަށަށް ގޮސްފައި. އިޖުތިމާޢީ ގޮތުން، އިޤުތިޞާދީ ގޮތުން، ތަޢުލީމީ ގޮތުން، ހުރިހާ ގޮތަކުންވެސް އެކަންކަން ރަނގަޅުކޮށް އިޞްލާޙު ކުރުމަކީ އަޅުގަނޑު ހިތުން ސަރުކާރުގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. ހަމައެއާއެކު، އެއީ މިރަށުގެ ރައްޔިތުންނާއި އަދި މިއަތޮޅުގެ ރައްޔިތުންނާއި އަދި ރާއްޖެތެރޭގެ ރައްޔިތުންގެވެސް ވާޖިބެއް. މިދެންނެވީ ރާއްޖެތެރެ ކުރިއަރުވައި ތަރައްޤީ ކުރުމަކީ.

އާދެ، ކޮންމެއަކަސް ސަރުކާރުން ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން، އެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ކުރަމުން އެބަގެންދޭ. އެ މަޝްރޫޢުގައި ވަރަށް މުހިންމު ގިނަ ކަންތައްތަކެއް ހިމެނިފައިވޭ. އޭގެތެރޭގައި، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ރަނގަޅުކޮށްދިނުން. މިސާލަކަށް، ފަޅުކޮނުން، ނެރުގޮއްވުން، މިސްކިތް ޢިމާރާތް ކުރުން، ނުވަތަ މިސްކިތް މަރާމާތު ކުރަން ބޭނުންވެފައި ހުރި ކަމަށްވަންޏާ، މަރާމާތުކުރުން. ސަރުކާރުގެ ހަރަދުގައި ކޮންމެ އަތޮޅެއްގައި ހިންގާ ސްކޫލެއް ހުޅުވުން. އަދި އޭގެއިތުރުންވެސް އަމިއްލަ މީސްމީހުން އުފައްދައިގެން ކުރިއަށްގެންދާ މަދަރުސާތަކަށް ވަކި މުއްދަތެއް ހަމަވުމުން، ސަރުކާރުގެ ފަރާތުން އެހީވެދިނުން. ކޮންމެ ރަށެއްގައިވެސް ރަށުކޯޓެއް އުފެއްދުން. އެކިއެކި އަތޮޅުއޮފީހަށް ބޭނުންވާ މުވައްޒަފުން ލެއްވުމާއި، ރަށްރަށުގެ އޮފީހަށްވެސް ބޭނުންވާ މުވައްޒަފުން ލެއްވުން. މިހެންގޮސް ރާއްޖެތެރެއަށް ބޭނުންވެފައިވާ، ވަރަށްގިނަ ތަފާތު ކަންތައްތަކާއި ޚިދުމަތްތައް، މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައިވޭ. އެހެންނަމަވެސް މަޝްރޫޢަކީ، ބޮޑު މަޝްރޫޢަކަށްވެފައި، ތަފާތު ގިނަ ކަންތައްތަކުގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢަކަށްވާތީ، އެއްފަހަރާ ހުރިހާ ކަމެއް ކުރެވޭކަށެއް ނޯވޭ. ސަރުކާރުން ކުރަމުން ގެންދަނީ ކަންތައް ކުރެވެން އޮތްވަރަކަށް. އެހެންވުމާއެކު، މާގިނަދުވަސްތަކެއް ނުވަނީސް، އެ މަޝްރޫޢުގައި ހިމެނިފައިވާ ހުރިހާ ކަމެއްވެސް ކުރިއަށްދާނެކަން ކަށަވަރު.

އާދެ، އިސްދޫއަށްވެސް އެ މަޝްރޫޢުގެ ދަށުން ބައެއް ކަންތައް ހަމަޖެހިފައިވޭ. އެކަންތައްތައް އަދި ނުފެށި ހުރީ. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ހުރިހާކަމެއް އެއްފަހަރާ ކުރެވެން ނޯންނާތީ. މިހާރުވެސް ވަރަށްގިނަ ރަށްރަށުގައި މިސްކިތްތައް ޢިމާރާތް ކުރެވިފައިވޭ. އަޅުގަނޑުގެ މިދަތުރުގައިވެސް ހައްދުންމައްޗަށާއި ކޮޅުމަޑުލަށް ކުރަން މިއޮތް ދަތުރުގައިވެސް ވަރަށްގިނަ މިސްކިތްތައް ހުޅުވައިދިނުން ހިމެނޭ. ހަމައެފަދައިން، މި ދެ އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުގައިވެސް އަލަށް މިސްކިތް ޢިމާރާތްކުރެވި، މިސްކިތްތައް ހުޅުވިފައިވޭ. ހަމައެފަދައިން، އެކިއެކި މަދަރުސާތައް ޢިމާރާތް ކުރުމާއި، މަދަރުސާތައް މަރާމާތުކުރުމާ، އެބާވަތުގެ ކިތަންމެ ކަމެއް ހަމަޖެހިފައިވޭ. އެހެންވީމާ، އަދި މިރަށަށްވެސް ހަމަޖެހިފައިވާ ކަންތައްތައް ކުރިއަށްނުގޮސް އަދި މިއޮތީ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ، އެކަންތައްތައްވެސް މާލަހެއްނުވެ ފެށޭނެ. އަޅުގަނޑަށް މިއަދުވެސް ވަރަށް ފުރިހަމައަށް އިހުސާސް ކުރެވިއްޖެ، މިރަށަށް އަރައި ފޭބުމުގައި އޮންނަ ދަތިކަން، ފަޅުތެރޭގެ ދަތިކަން. އެކަންކަން އެހެން ހުރުމުން، މި ރަށްރަށުގެ ރައްޔިތުންނަށް އެކަންކަމުން އިހުސާސް ކުރަންޖެހޭނެ ދަތިތައް އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މިއަދު ވަރަށް ރަނގަޅަށް އޮޅުންފިލައިފައިވާނެ ކަމެއް. މިބާވަތުގެ ކަންތައްތައްވެސް ފަސޭހަކުރުމަށް ވަރަށްގިނަ ދުވަސް ބޭނުންވާނެ. ވަރަށްގިނަ ހަރަދު ބޭނުންވާނެ. ސަރުކާރުން ކުރެވެންއޮތް ހުރިހާކަމެއް ކޮށްދޭނެ. ހަމަ އޭގެއިތުރުން ރައްޔިތުންވެސް އެކަންކަން ރަނގަޅުކުރެއްވުމަށް ސަރުކާރުން ވެދޭ އެހީއާއެކު މަސައްކަތް ކުރަންވާނެ.

އާދެ، ކޮންމެއަކަސް އަޅުގަނޑުމެންގެ ބޭނުމަކީ، ރާއްޖެތެރެ އިޞްލާޙު ކުރުން، ތަރައްޤީ ކުރުން. ސަރުކާރުން ވެވެން އޮތް އެހީއެއް ސަރުކާރުން ވެދޭނެ. އެ އެހީއާއެކުގައި ރައްޔިތުންގެ އެއްބާރުލުމާއި، ރައްޔިތުންގެ މަސައްކަތް، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ލަހެއްނުވެ ކުރެވޭނެ. އަޅުގަނޑު އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ތަޢުލީމު. އެއީ އަޅުގަނޑުމެންގެ ދަރިންނަށް ކޮންމެހެން ބޭނުންވެފައިވާ ކަމަކަށްވާތީ، ތަޢުލީމުގެ ޚިދުމަތާ ނުލައި، އެއްވެސް ޤައުމަކަށް ކުރިއަށް ނުދެވޭނެތީ. ތަޢުލީމު ދިނުމުގެ ގޮތުން މިހާރު ސަރުކާރުގެ ހަރަދުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް މަދަރުސާއެއް ހިނގަމުން އެބަދޭ. އޭގެއިތުރުން، ކޮމިއުނިޓީ ސްކޫލްތައްވެސް އެދަނީ ހުޅުވެމުން. ކޮމިއުނިޓީ ސްކޫލްތަކުގެ އިތުރަށް، އާދެ، މިހާރުގެ ޢިބާރާތުން ދަންނަވަންޏާ، އަތޮޅު ތަޢުލީމީ މަރްކަޒުގެ އިތުރަށް، އެކުވެރި ޤައުމެއްގެ އެހީގައި ކޮންމެ އަތޮޅެއްގައިވެސް މަދަރުސާއެއް ޢިމާރާތް ކުރެވެމުން އެބަދޭ. ފަހަރަކު އަތޮޅެއްގައި. އެހެންވީމާ، ތަޢުލީމު އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ހަމައެޔާއެކު، އަޅުގަނޑު ދަންނަވަން ބޭނުންވާ އެއްޗަކީ، ސަރުކާރުގެ ފަރާތުން ކޮންމެ ރަށެއްގައި މަދަރުސާއެއް ހަދައިދެވޭކަށެއް ނޯންނާނެއޭ. އެހެންވީމާ، އެރަށުގެ ރައްޔިތުން ރަށުގެ ދަރިންނަށް ކިޔަވައިދެވޭނެމަގު ތަނަވަސްކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވަންވާނެއޭ. ކޮންމެ ރަށެއްގެވެސް ރައްޔިތުން އެކުރާ މަސައްކަތުގައި ސަރުކާރުން އެހިނދަކު ދެވެން އޮތް އެހީއެއްވެދޭނެ. އަޅުގަނޑު ދިޔަ ބައެއް ރަށްރަށުގައި އަމިއްލަ މަދަރުސާތައް ހިނގަމުންދާތާ ލައްކަ ދުވަސްވެއްޖެ. ބައެއް ތަންތާނގައި އެބަހުރި 30 އަހަރަށްވުރެ ގިނަދުވަހު މެދުނުކެނޑި ހިނގާފައިހުރި އަމިއްލަ މަދަރުސާތައް. ބައެއް ތަންތާނގައި އެބަހުރި 20 އަހަރުވެފައިވާ ތަންތަން. އަދި މުޅި ރާއްޖެތެރެއަށް ބަލާއިރު މެދުނުކެނޑި 10 އަހަރު ވަންދެން ހިނގާފައި ހުރި ތަންތަން ވަރަށްގިނަ. އެހެންވީމާ، އެއިން ދައްކާ އެއްޗަކީ ތަޢުލީމަށް ލޯބިކުރާ ބަޔަކު ތިބޭ ތަނެއްގައި ވިއްޔާ، އެމީހުންނަށް އަމިއްލައަށްވެސް މަދަރުސާއެއް ހިންގޭނެއޭ، ކޮންމެވެސް ފެންވަރަކަށް. އަޅުގަނޑުގެ އިލްތިމާސަކީ، މިރަށުގެ ރައްޔިތުންވެސް އަދި މިރަށް ފިޔަވައި ރާއްޖެތެރޭގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެއްގޮތަކަށްވެސް ކަމެއްނުކޮށް ނުތިބުން. ތަޢުލީމުގެ ރޮނގުންވެސް އެމީހުންގެ އަމިއްލަ މަސައްކަތުންވެސް އެމީހުންގެ ދަރިންނަށް ތަޢުލީމު ދެވޭނެ މަގު ފަހިކޮށްދިނުން. އެގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށްވަންޏާ، ވަކި ހިސާބަކަށް ދިޔުމުން، ސަރުކާރުގެ އެހީތައްވެސް ލިބެމުންދާނެ. އާދެ، ހަމައެފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި ކުރާ މަސައްކަތް އިތުރުކުރުން އެއީވެސް ވަރަށް ބޮޑަށް އަޅުގަނޑު ބާރުއަޅަމުންގެންދާ ކަމެއް. ސަބަބަކީ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިއަށްދާނީ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުވި މިންވަރަކުން ކަމަށްވާކަން.

އާދެ، އާންމުކޮށް ބަލާއިރު ރާއްޖެތެރޭގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ، މަސްވެރިކަން. އެހެންވީމާ، މަސްވެރިކަން ކުރިއަށްގެންދިޔުމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ. މަސްވެރިންނަށް ވަރަށްގިނަ ފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދޭ. ވަރަށްބޮޑެތި ހަރަދުތައް ކުރަމުންގެންދޭ. އޭގެ ނަތީޖާވެސް ދަނީ ފެންނަމުން. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި މިހާރު ފެންނަވަރަށްވުރެ މާފުރިހަމަ ނަތީޖާތަކެއް ފެންނާނެ.

އާދެ، މަސްވެރިކަން ފިޔަވައި އެހެން ބާވަތްބާވަތުގެ މަސައްކަތްކުރާ ރަށްރަށްވެސް ރާއްޖެތެރޭގައިވޭ. އަޅުގަނޑު ހިތުން މިރަށަކީ އޭގެ ރަށެއް. މިރަށަކީ މަސްވެރި ރަށެއް ނޫންހެން އަޅުގަނޑަށް ހީވަނީ. އެއީ، މިރަށުގެ ފަސްގަނޑު މޮޅުކަމުން އަދި މިރަށުގެ ރައްޔިތުން ރަށުގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ހުރުމުގެ ސަބަބުން. އެހެންވީމާ، މިރަށުގެ ރައްޔިތުންވެސް އެކުރައްވާ މަސައްކަތްތަކެއް މިހާރު އެކުރައްވާ ވަރަށްވުރެ ފުރިހަމަގޮތެއްގައި ކުރެއްވޭތޯ ބެއްލެވުމަކީ، ވަރަށް ބޭނުންތެރި ކަމެއް. ކޮންމެ މީހަކުވެސް އެމީހަކު މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، އަދި މިހާރު އެ މަސައްކަތް ކުރަމުންގެންދާ ވަރަށްވުރެ ފުރިހަމަކޮށް ކުރެވޭތޯ ބަލަންވާނެ. މަސައްކަތުން ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބަލަންވާނެ. އާދެ، އޭރުން އެއިން އެ ލިބޭ ފައިދާ ލިބޭނީ ހަމަ އެމީހަކަށް. ހަމައެއާއެކު ދަންނަވަންޖެހެނީ، އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވެފައި، އަޅުގަނޑުމެންނަކީ އެއްޤައުމެއްގެ ރައްޔިތުން ކަމަށްވާތީ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ ގުޅުމާ ދޭތެރޭގައިވެސް ހަމަ ކޮންމެ މީހަކުވެސް ޚިޔާލުކުރަންޖެހޭނެ. އެ ގުޅުން ވާންވާނެ، އިސްލާމްދީނުގައި އަންގަވައިފައިވާފަދަ އުޚުއްވަތްތެރިކަމުގެ ގުޅުމަކަށް. އެއްބަނޑުއެއްބަފާކަމުގެ ގުޅުމަކަށް. އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް އޮވެގެންނުވާނެ. އަޅުގަނޑުމެންގެތެރެއިން ކޮންމެމީހަކުވެސް މަސައްކަތް ކުރަންވާނީ އެމީހާއާއި އެހެން މީހުންނާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅު ކުރެވޭތޯ. ވެރިންނާއި ރައްޔިތުން އެއްބާރުލައިގެން ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފެއްދޭތޯ ބަލަންވާނެ. އެކުވެރިކަމާއި އެއްބާރުލުން އޮވެގެން އަޅުގަނޑުމެންގެ ރަށް ކުރިއެރުވުމަށް ކުރާ ކޮންމެ މަސައްކަތެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެ. އެއާޚިލާފަށް، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުން އުފެދި، ބައިބައިވެފައިވާ ބައެއް ކަމުގައި ވެއްޖެނަމަ، ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެ މަސައްކަތުގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ، ތަޖުރިބާއިން އެނގޭކަމެއް. ބަލައިލި ކޮންމެ ދިމާއަކުން އޭގެ ހެކިތައް ފެންނަން ހުންނާނެ. އަޅުގަނޑު އިތުރަށް ނުދެންނެވި ކަމުގައިވިޔަސް، މިރަށުގެ ރައްޔިތުންނަށްވެސް އެހުރިހާ ކަމެއް ރަނގަޅަށް އެނގިވަޑައިގަންނަވާނެ.

އާދެ، އެހެންވީމާ، އަޅުގަނޑު މިވާހަކަކޮޅުގައި މި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް، މިރަށުގެ ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނަވައި، އެއާއެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑު މިރަށަށްއައިސް ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށްފިން. މިކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.

އާދެ، އަޅުގަނޑު މީގެކުރިންވެސް އެއްފަހަރަކު މިރަށަށް އައިން، މީގެ 7 އަހަރު ދުވަސް ކުރިން. މިރަށަށްއައިސް، މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ އުފާ އޭރުވެސް އަޅުގަނޑަށް ލިބުނު. މިއީ ދެވަނަފަހަރަށް އަޅުގަނޑު މިރަށަށް އަންނަ ދުވަސް. ކޮންމެއަކަސް އަޅުގަނޑު މިއަދު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، އެކަން ފާހަގަކުރެއްވުމުގެ ގޮތުން މިރަށުގެ ރައްޔިތުން ކުރައްވައިފައިވާ ގިނަގުނަ އަދި ބުރަ މަސައްކަތް ފެނިފައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، މިރަށުގެ ރައްޔިތުންނަށް ތެދުވެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އެދުމަކީ، އެއްދުވަހުން އަނެއް ދުވަހަށް ދިވެހިރާއްޖެ ތަރައްޤީވަމުން ދިޔުން. މާލެއާއި ރާއްޖެތެރެއާ ދޭތެރޭގައި އޮންނަ ތަފާތު، އެއްދުވަހުން އަނެއް ދުވަހަށް ކުޑަވަމުންދިޔުން. އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި ކުރަމުންމިދާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ހެޔޮތައުފީޤު ދެއްވުން.


والسّلام عليكم ورحمـة اللّـه وبركاته.