السّلام عليكم ورحمـة اللّـه.


ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއަރޒް އެވިދާޅުވި ފަދައިން، ހައްދުންމަތީ ގަމަށް އަޅުގަނޑު އައިސް، ގަމުގެ ރައްޔިތުންނާ ބައްދަލުކޮށް މިހާރު ވާހަކަ ދައްކައި ހަދައިފިން. ގަމަކީ ތިން އަވަށެއްގެ މައްޗަށް އެކުލެވިގެންވާ ރަށަކަށްވާތީ، ދެން އަނެއް ދެއަވަށްވެސް ބަލައިލުމަށްޓަކައި އަޅުގަނޑު މިކޮޅަށް މިއައީ. އައި މަގުމަތީގައި މަތިމަރަދޫއަށްވެސް މަޑުކޮށްލިން، ވަރަށް ކުޑަކުޑަ ވަގުތުކޮޅަކަށް. އޭގެފަހުގައި މުކުރިމަގަށް މިއައީ. މިތާނގައިވެސް ދިރިއުޅޭ ރައްޔިތުންނާ ކިތަންމެ ކުޑަކުޑަ ވަގުތުކޮޅެއްގައިނަމަވެސް ބައްދަލުކޮށްލުމުގެ ބޭނުމުގައި.


އާދެ، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކުރުމުން އަޅުގަނޑަށް ލިބޭ އުފަލަކީ ވަރަށް މަތިވެރި އުފަލެއް. އެހެންކަމަށްވުމާއެކު މި ރަށުގައިވެސް ތިން އަވަށަކަށް މީހުން ދިރިއުޅޭތީ، ތިން އަވަށަށްވެސް ކިތަންމެ ކުޑަ ފުރުޞަތަކަށްނަމަވެސް އަޅުގަނޑު މިއައިސްލީ. އެހެންނަމަވެސް ރަސްމީގޮތުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރުން އޮތީ މީގެ ތަންކޮޅެއް ކުރިން ތުނޑީ އަވަށުގައި.


ކޮންމެއަކަސް، މިއަދު އަޅުގަނޑަށް މިލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. އަޅުގަނޑު މިއަދު އަންނާނެކަން ރަށުގެ ރައްޔިތުންނަށް އެނގިވަޑައިގެންފައި އޮތުމާއެކު، މިއަވަށް ތައްޔާރު ކުރައްވައިފައިވާލެއް ފުރިހަމަކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު މި ރަށުގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން.


އާދެ، އަޅުގަނޑު ހީވެސްނުކުރާހާ ބޮޑަށް އަވަށް އޮތީ ތައްޔާރުވެފައި، ވަރަށް ރީތިކޮށް ޒީނަތްތެރި ކުރެވިފައި. ވަރަށް ރަނގަޅު ފާލަމެއްވެސް އެބައޮތް. ވަރަށް ރީތި ގިޑިގެތަކާއި އަދި ވަރަށް އެކަށީގެންވާ ތަރުޙީބުގެ ޢިބާރާތްތައްވެސް އެބަހުރި ނެގިފައި. އެހެންކަމަށްވުމާއެކު ރަށުގެ ރައްޔިތުން މިއަދަށްޓަކައި މިރަށުތެރެ ތައްޔާރުކުރައްވައިފައިވާލެއް ފުރިހަމަކަމަށްޓަކައި ވަރަށްބޮޑަށް ޝުކުރުކުރަން.


އާދެ، ކޮންމެ ރަށެއްގެ ރައްޔިތުންނާ ވާހަކަ ދައްކާއިރުވެސް ބުނަން، އަޅުގަނޑު އެދޭ ކަމެއް ނޫނޭ، ރައްޔިތުން އަޅުގަނޑު އަންނާތީ އެހާބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި އޮތުމަކީ. އެހެންނަމަވެސް އިޚުލާޞްތެރިކަމާއެކު ރައްޔިތުން ކުރައްވައިފައިވާ މަސައްކަތްތަކެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެކަމަށްޓަކައި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރުވެރިވަން.


އާދެ، އަޅުގަނޑު މި ރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ދެއްކި ވާހަކައިގައި އެކުލެވިގެންވާ ނުކުތާތައް ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ހީކުރަން. އެތަނަށް ވަޑައިގެންނެވުނު ބޭފުޅަކަށްވިއްޔާ އޮންނާނީ އެނގިވަޑައިގެންފައި. އެހެން ބޭފުޅުންވެސް އެ ވާހަކަތައް ކޮންމެވެސް ގޮތަކުން އައްސަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މިތާނގައި އަޅުގަނޑުގެ ވާހަކަކޮޅު މާދިގުކުރާކަށް ޤަޞްދެއް ނުކުރަން. މީގެ ކުރިން ރަސްމީގޮތުން މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކިފައިވާތީ. އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ހަމައެންމެ ނުކުތާއެއް. އެއީ، އަސްލު ޖަލްސާގައިވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވެފައިއޮތް ނުކުތާއެއް. އެހެންނަމަވެސް ވަގުތުގެ ދަތިކަމާއެކު، ޖަލްސާ ނިމުމުގެ ފަހުން އެތާނގައި ތައްޔާރުކުރެވިފައިވާ މިސްކިތް ހުޅުވައިދިނުމަށް ހަމަޖެހިފައިވާތީ ޢަޞުރުވަގުތައް ހުއްޓައިލުމުގެގޮތުން އެވާހަކަ ނުދެއްކުނީ. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްރަށުގައި ހުރި އާޘާރީ ތަންތަން ބެލެހެއްޓުމާ ދޭތެރޭގައި.


އާދެ، ތިޔަބޭފުޅުންގެ މި ރަށުގައިވެސް ވަރަށް މުހިންމު އާޘާރީ ތަނެއް އެބަހުރި. އެތަން އަޅުގަނޑުމެން ދެންމެ މިއައީ ބަލާލައިފައި. އެކަހަލަ ތަންތަން ވަރަށް ފަރުވާތެރިކަމާއެކު އަޅުގަނޑުމެން ރައްކާތެރިކުރަން ޖެހޭނެ. އެއީ، އަދި އެތަންތާނގައި ހުރީ ކޮންއެއްޗެއްކަންވެސް އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑުމެންގެ ތާރީޚުގެ ވަރަށް ބޮޑުބައެއް އެތަންތާނގައި ފޮރުވިފައިވަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ އެތަންތަން ބަލައި، އޭގައިވަނީ ކޮންކޮން އެއްޗިއްސެއްތޯ ބަލައި، އަދި އެތަނުން އަޅުގަނޑުމެންނަށް ދައްކައިދެނީ އަޅުގަނޑުމެންގެ ތާރީޚުގެ ކޮންކޮން ކަމެއްތޯ ބަލަން. އެ ގޮތުން މީގެކުރިން އެކަހަލަ މަސައްކަތްތަކެއް ދިވެހި ސަރުކާރުން ކޮށްފައި ނެތްނަމަވެސް، މިހާރު އެ މަސައްކަތްތަކެއް ކުރަން ފަށައިފި. ވަރަށް ކައިރި މުސްތަޤްބަލެއްގައި ބޭރުގެ ބައެއް މާހިރުންވެސް އެބައާދޭ. ރާއްޖެތެރޭގައި ހުރި މި ބާވަތުގެ ތަންތަން ބަލައި، އެއިން އަޅުގަނޑުމެންގެ ތާރީޚަށް އެޅެންހުރި އަލިތައް ހޯދުމަށްޓަކައި.


އެހެންވީމާ، އަޅުގަނޑުގެ ނަސޭޙަތަކީ އަދި އިލްތިމާސަކީ، އެތަންތަން ރައްކާތެރިކަމާއެކު ބެލެހެއްޓެވުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމުގައި ހެއްދެވުން. އެއްވެސް ފަރާތަކުން، އެތަނުން ގާ ނަންގަވައި ނުވަތަ ގެއްލުންވާނޭކަހަލަ ކަމެއް ނުކުރެއްވުން. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެތަންތާނގައި ފޮރުވިފައިވަނީ އަޅުގަނޑުމެންގެ ތާރީޚުގެ ވަރަށް މުހިންމު ބައެއް. އެ އަޅުގަނޑުމެން ވަރަށް ރަނގަޅަށް އޮޅުންފިލުވަންޖެހޭނެ. އޭގެފަހުގައި، އެތަންތަނަށް އެއްވެސް ކަމެއް ކުރެވޭނީ. އެހެންވީމާ، މީގެފަހުންވެސް ގަމުގެ ރައްޔިތުންވެސް އަދި ގަން ފިޔަވައި ރާއްޖޭގައި ހުރި މި ބާވަތުގެ ތާރީޚީ ތަންތަން ހުރި ތަންތާނގެ ރައްޔިތުން، އެ ތަންތަން ވަރަށް ރަނގަޅަށް ފަރުވާތެރިކަމާއެކު ބަލަހައްޓަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މާލަހެއްނުވެ މިތަންވެސް ބެލުމަށްޓަކައި ސަރުކާރުގެ ފަރާތުން ބަޔަކު އަންނާނެ. އައިސްގެން އަޅުގަނޑުމެން އެ ތަންތަން ބަލައި، އެތަންތާނގައިވާ މަޢުލޫމާތުތައް ސާފުކޮށް، އެތަންތަނުން އަޅުގަނޑުމެންގެ ތާރީޚަށް އެޅެންހުރި އަލިތައް ހޯދުމަށް.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ އަދިވެސް އެއްފަހަރު މި މުކުރިމަގު އަވަށުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އަދި މި އަވަށާއި ގަމަށް، އަދަށްވުރެ ތަނަވަސް ބާއްޖަވެރި މުސްތަޤުބަލަކަށް އެދެމުން.


والسّلام عليكم