بســم اللّـه الرّحمـن الرّحيــم

السّــلام عليــكم ورحـمــة اللّــه.

ހައްދުންމައްޗަށް އަޅުގަނޑު މިކުރާ ދަތުރުގައި ގާދޫއަށް އައިސް، ގާދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މިލިބުނު ފުރުޞަތަކީ، ވަރަށް އުފާވެރި ފުރުޞަތެއް. އަޅުގަނޑު ހައްދުންމައްޗަށް މިހާރު މިކުރާ ދަތުރަކީ، ރާއްޖެތެރެއަށް ކުރަން އަޅުގަނޑު ފެށި ދަތުރެއްގެ އެއްބައި. އެއީ، އަޅުގަނޑު ރައީސްކަމާ ހަވާލުވުމާ ވިދިގެން ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށްރަށަށް ޒިޔާރަތް ކުރަންވަނީ ގަސްދުކޮށްފައި. ބޭނުމަކީ، ރާއްޖެތެރޭގައި މީހުން ދިރިއުޅެމުންދާގޮތް ބަލައިލުން. އަދި އެމީހުންނަށް ދިމާވެފައިވާ ދަތިތަކާއި އުނދަގޫތަކަކީ، ކޮބައިތޯވެސް ބަލައި، އެކަންކަމުގައި ސަރުކާރުން އެހީވެވެން އޮތްނަމަ އެހީވަމުން ގެންދިޔުން.

އާދެ، އެއީ ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމަށްޓަކައި މިދެންނެވި ގޮތުގެ މަތިން އަޅުގަނޑު ރާއްޖެތެރެއަށް ކުރި ދަތުރުތަކުގެ ސަބަބުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަދި އަޅުގަނޑު ފިޔަވައި ސަރުކާރުގެ އެހެން އޮފީސް އޮފީހުގެ ވެރިންވެސް ކުރެއްވި ދަތުރުފުޅުތަކުގެ މައްޗަށް ބިނާކޮށް މިހާރުވަނީ ރާއްޖެތެރެ ކުރިއަށް ގެންދިޔުމުގެ މަޝްރޫޢެއް ރޭވިފައި. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ވަރަށްގިނަ މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ. މިދެންނެވި މަޝްރޫޢުގެ ތެރޭގައި، ރަށްރަށުގެ ފަޅުކޮނުން، ނެރުގޮއްވުން، މިސްކިތްތައް ޢިމާރާތް ކުރުން ނުވަތަ މަރާމާތުކުރުން، ރަށްރަށުގައި އަލަށް އޮފީސް މަރާމާތުކުރުން، އަތޮޅުއޮފީސްތަކަށާއި ރަށްރަށުގެ އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުމާއި، އެމީހުންނަށް މުސާރަ ދިނުމާއި އަދި ވަކިން ޚާއްޞަކޮށް ތަޢުލީމާބެހޭ ބައިތައް ހިމެނޭ. ތަޢުލީމާ ބެހޭގޮތުން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލެއް، މަދަރުސާއެއް ހުޅުވުން، އެ މަޝްރޫޢުގެ ދަށުގައިވޭ. އެހެންވުމާއެކު، މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިނގާ އެއް މަދަރުސާ އެބަހުރި. ބައެއް އަތޮޅުތަކުގައި އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ އެބަހުރި. އެއީ އަތޮޅު ތަޢުލީމީ މަރުކަޒު ހުޅުވުމާ ގުޅިގެން. ހަމައެފަދައިން، ބޭރުގެ އެހީގައި ބިނާކުރެވޭ ބައެއް މަދަރުސާވެސް މިހާރު ބިނާކުރެވެމުން އެބަދޭ. އެހެންވީމާ، މާ ލަސްތަކެއްނުވެ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ހަރަދުގައި ހިންގާ ތިން މަދަރުސާ ހުރުމަކީ، ވަރަށް ކައިރީގައި އޮތްކަމެއް.

އާދެ، ތަޢުލީމަށް ސަރުކާރުން އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ސަބަބަކީ، ތަޢުލީމަކީ މިވަގުތު ދިވެހިރާއްޖެއަށް ކޮންމެހެން ބޭނުންވެފައިވާ އެއްޗަކަށްވާކަން. އަޅުގަނޑުމެން ހުރިހާ ރޮނގަކުންވެސް ކުރިއަރަން ބޭނުންވޭ. ދިވެހިރާއްޖެ ކުރިއަށް ގެންދަން ބޭނުންވޭ. ކުރިއެރުވުމުގެ އެންމެ ފުރަތަމަ ސިއްރަކީ ތަޢުލީމު. އެހެންވީމާ، ތަޢުލީމަށް ވަރަށްބޮޑު ސަމާލުކަމެއްދީގެން ނޫނީ އަޅުގަނޑުމެންގެ ރާއްޖެ އެދެވިގެންވާ ފެންވަރަކަށް މައްޗަކަށް ނުގެންދެވޭނެ. އެހެންވުމާއެކު، ސަރުކާރުގެ ފަރާތުން މިދެންނެވި މަދަރުސާތައް ރާއްޖެތެރޭގައި ހުޅުވައިގެން، އެކަމަށް ވަރަށް ބޮޑެތި ހަރަދުތަކެއް ކުރަމުން މިގެންދަނީ. ހަމައެޔާއެކު، އަމިއްލަ މަދަރުސާތަކަށާއި މަކްތަބުތަކަށްވެސް ސަރުކާރުން ވަރަށްމަތީ އެހީތަކެއް ވަމުން އެބަގެންދޭ. މެދުނުކެނޑި 10 އަހަރު ވަންދެން ހިނގާފައި ހުންނަ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް މިހާރު ސަރުކާރުން ފައިސާގެ އެހީވަމުން އެބަގެންދޭ.

އާދެ، ތަޢުލީމަށް މިހާ މަތިވެރި އަހަންމިއްޔަތެއްދޭން އަޅުގަނޑުމެންޖެހޭ. އެހެންވުމާއެކު، ރާއްޖެތެރޭގެ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑު އެދެނީ ތަޢުލީމަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވުން. އާދެ، ވަރަށްގިނަ އަތޮޅުތަކުގައި އަދި ވަރަށްގިނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތައް މިހާރު ހިނގަމުންދޭ. އޭގެތެރޭގައި ވަރަށްގިނަދުވަސްވީ ތަންތަންވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ކޮންމެ ރަށެއްގައިވެސް އެފަދަ ތަނެއް ހުޅުވައިގެން އެކަށީގެންވާ ފެންވަރަކަށް އެތަން ހިންގޭތޯ ބަލަންވާނެ. މިރަށުގައިވެސް އާދެ، ގާދޫގައިވެސް މަކްތަބެއް އެބަހުރި. އެތަން ހިނގާތާ ދުވަސްކޮޅެއް ވެއްޖެ. އޭގެކުރިން އެތަން މާރަނގަޅަކަށް ނުހިނގާ. ކޮންމެއަކަސް އެއީ ސަބަބުތަކެއްވެސް ހުރެގެން. އެންމެބޮޑު ސަބަބަކީ، ސަރުކާރުން އެފަދަ ކަންކަމަށް މާ މަތީ އަހަންމިއްޔަތެއް ނުދޭތީ. އެކަމަކު މިހާރު އެގޮތް އެއޮތީ ބަދަލުވެފައި. މިހާރު ސަރުކާރުން އެންމެމަތީ އަހަންމިއްޔަތެއްދޭ ކަމަކީ ތަޢުލީމު. އެހެންވީމާ، މިހާރު މިރަށުގެ ރައްޔިތުންނަށްވެސް މިރަށުގެ މަކްތަބާއިގެން ކުރިއަށް ވަޑައިގެންނެވެން އޮންނަންވާނެ. އެދެވޭގޮތެއްގައި މަކްތަބު ހިނގަމުންދާ ކަމަށްވަންޏާ އެތަނަށް ސަރުކާރުގެ ފަރާތުން އެހީވެސް ލިބޭނެ. މިރަށަކީ ވަރަށްކުޑަ ރަށެއް. މިދެންނެވީ މީސްކޮޅުގެ ގޮތުން ވަރަށްމަދު ބަޔަކު އުޅޭ ރަށެއް. އެހެންވުމާއެކު، މިރަށުގައި ކަންތައްތައް ހަމަޖެހިފައި ހުންނަގޮތް އެއީ މިރަށުގެ ރައްޔިތުންނަށް މާފަސޭހަގޮތަކަށް ނުވެހިނގައިދާނެ. އެހެންނަމަވެސް، ރައްޔިތުން މަސައްކަތް ކުރަންވާނީ، ރައްޔިތުންގެ މަޢީޝަތު ނުވަތަ ދިރިއުޅުން، އެއްދުވަހުން އަނެއް ދުވަހަށް ތަނަވަސްކުރެއްވޭތޯ. ލިބޭ އެއްޗެއް އިތުރުކުރެއްވޭތޯ. އެހެންވީމާ، ކޮންމެ ރަށެއްގައި ތިބޭ ބަޔަކު ނަމަވެސް، އެރަށެއްގައި ތިބެގެން ކުރެވެންހުރި ހުރިހާ ބާވަތެއްގެ މަސައްކަތް ކުރުމަކީ މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން ވާޖިބުވެފައިވާ ކަމަކަށްވެއްޖެ.

އާދެ، ގާދޫއަކީ މަސްވެރިކަމުގެ ގޮތުން މާކުރިއަރައިފައިވާ ތަނެއް ނޫން. މަސްވެރި ރަށެއް ނޫން. އެއާ ޚިލާފަށް ގާދޫއަކީ ރަށުގައި މީހުން ތިބެގެން މަސައްކަތް ކުރަމުންގެންދާ ރަށެއް. އެހެންވީމާ، މިތާނގައިވެސް ކުރެވެންހުރި މަސައްކަތްތައް ވީ އެންމެ ރަނގަޅަކަށް ކުރެއްވޭތޯ ހުރިހާ ރައްޔިތުންވެސް ބައްލަވަންވާނެ. އޭރުން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުވާނީ. ލިބޭ އާމްދަނީ އިތުރުވާނީ. އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުވެގެން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު މައްޗަށް ޖައްސައިލެވޭނީ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، ގާދޫގެ ރައްޔިތުންވެސް މަހަށް ނުދެވޭކަމަށްވަންޏާ، މިރަށުގައި ތިބެގެންވެސް ކުރެވޭ މަސައްކަތްތައް އަދި މިހާރު ރަށުގެ އަހުލުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް، މިހާރަށްވުރެ ފުރިހަމަކޮށް ކުރެއްވޭތޯ ބެއްލެވުން. އޭރުން ރަށުގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ލިބެމުންދާނެކަން ކަށަވަރު.

އާދެ، ހަމައެފަދައިން އަޅުގަނޑުމެންގެ ތެރޭގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަންދީގެންވެސް ނުވާނެ. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބައެއްކަން އަބަދުވެސް ހަނދާންކުރަންވާނެ. އެއްވެސް ބާވަތެއްގެ ފިތުނަވެރިކަމަކަށް އަޅުގަނޑުމެން ތަންދީފިނަމަ އެއީ އޭގެ ސަބަބުން ވަރަށްބޮޑު ނުރައްކާތަކެއް އަޅުގަނޑުމެންނާ ކުރިމަތިވެދާނެކަން އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވާނެ. އަޅުގަނޑުމެންނަކީ އެކުވެރި ބަޔަކަށް ނުވާންވީ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަކީ، އެއްބަނޑުއެއްބަފާ ބައެއް ކަމުގައި اللّـه سبحـانـه وتعـالى ވަނީ ލައްވައިފައި. އެހެންވީމާ، އެކަން އަޅުގަނޑުމެން އެންމެންވެސް ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންނަކީ، އެއްބަނޑުއެއްބަފާ ބައެއްކަން، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަފަދަ އޯގާވެރިކަމާއި އެކުވެރިކަމުގެ ގުޅުން. އަޅުގަނޑުމެންގެ މެދުގައި މިފަދަ ގުޅުންތައް އުފައްދައި، އަދި އެ ގުޅުންތައް ދެމެހެއްޓުމަކީ، ހަމައެކަނި ވަކި މީހެއްގެ މަސްއޫލިއްޔަތެއް ނޫން. ވަކި މީހެއްގެ ވާޖިބެއް ނޫން. އެކަން ވާންޖެހޭނީ މުޅި ޖަމާޢަތުގެ ވާޖިބަކަށް. އެންމެންގެ ވާޖިބަކަށް. އެންމެންވެސް މަސައްކަތް ކުރަންވާނީ ތަނުގައި ހަމަޖެހުމާއި ޞުލްޙަމަސަލަސްކަން ދެމެހެއްޓޭތޯ. އަދި އެންމެން އެކުވެރި ވެގެން އެކަތިގަނޑަކަށް ވެގެން ކަންތައްތައް ކުރެވޭތޯ. ރައްޔިތުންނާއި ވެރިންވެސް އެކުވެރި ވާންވާނެ. އެއްބާރުލައިގެން ރަށަށް ފައިދާހުރި ކަންތައްތައް ކުރެވޭތޯ އެމީހުންވެސް ބަލަންވާނީ. މިހާރު ކޮންމެ އަތޮޅެއްގައި އަތޮޅު ކުރިއަރުވާ ކޮމިޓީއެއް އެބައޮތް. ކޮންމެ ރަށެއްގައި ރަށްކުރިއަރުވާ ކޮމިޓީއެއް އެބައޮތް. އަދި އަންހެނުންގެ ކޮމިޓީތައްވެސް އެބަހުރި. އެހެންވީމާ، މިހުރިހާ ކޮމިޓީތަކުންވެސް މަސައްކަތް ކުރައްވަންވާނީ ތަނުގެ މަޞްލަޙަތަށްޓަކައި، ތަނުގެ ފައިދާއަށްޓަކައި. ޖަމާޢަތުގެ ފައިދާއަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްގެން، އަޅުގަނޑުމެން މިހާރު މި ދިރިއުޅެމުންދާ ފެންވަރު، މިއަށްވުރެ މަތިކުރެވޭތޯ ބަލަންވާނެ.

އާދެ، ކޮންމެއަކަސް އަޅުގަނޑު މިދެންނެވި ނުކުތާތަކުގެ މައްޗަށް މިރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވައިގެން ޢަމަލުކުރެއްވުން އަޅުގަނޑު އެދެން. އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީއެއް ލިބޭނީ. ލިބޭ ކުރިއެރުމެއް ލިބޭނީ. އަޅުގަނޑު ކުރިން އިޝާރާތްކުރި މަޝްރޫޢުގެ ދަށުން މިރަށުގައިވެސް ކަމެއް ހަމަޖެހިފައިވޭ. އެއީ މިސްކިތެއް ޢިމާރާތް ކުރުން. އެ މަސައްކަތް އަދި ވަނީ ނުފެށި. އެއީ ވަރަށްގިނަ ރަށްރަށުގައި މިހާރު ސަރުކާރުގެ ފަރާތުން މިސްކިތްތައް ޢިމާރާތްކޮށްދެމުން އެބަގެންދޭ. ވަރަށްގިނަ ތަންތާނގައި މިސްކިތްތައް ހުޅުވިއްޖެ. އަޅުގަނޑުގެ މިދަތުރުގައިވެސް އޭގެ ވަރަށްގިނަ މިސްކިތްތައް ހުޅުވައިދިނުން އެބައޮތް. ސަރުކާރުން އެކަން ގެންދާ އުސޫލަކީ އެންމެބޮޑަށް ބޭނުންވެފައިވާ ތަންތާނގައި އެންމެ ފުރަތަމަ އެ މަސައްކަތް ކުރަނީ. އޭގެފަހުން ދެން ބޭނުންވެފައި ހުރި ތަންތާނގައި. އެހެންވީމާ، ވަކި ޕުރޮގުރާމެއް ރޭވިގެން، އެ ޕުރޮގުރާމުގެ ދަށުން މި މަސައްކަތް ހިނގަމުންދާތީ، އަދި މިރަށުގައި މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ނުފެށި އޮތީ. އެހެންނަމަވެސް، މިދެންނެވި މަޝްރޫޢުގެ ދަށުން އެކަންއޮތީ ހަމަޖެހިފައި. އެހެންވީމާ، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ އެކަންވާނެ. ކޮންމެއަކަސް ވަގުތުގެ ގޮތުންނާއެކު އަޅުގަނޑަކަށް މާ ދިގުކޮށް މިތާ ވާހަކަ ދައްކަން ހުރެވޭކަށް ނެތް. އެހެންވީމާ، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މިލިބުނު ހޫނު ތަރުޙީބަށްޓަކައި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އުފަލާއެކު ޝުކުރު އަދާކުރަން.

އާދެ، އަޅުގަނޑު މިރަށަށް މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ރަށުތެރެ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައި، މަރުޙަބާގެ ޢިބާރާތްތައް ނަންގަވައި، ވަރަށްގިނަ ކަންތައްތައް ކުރައްވައިފައި އެބަހުރި. އެކަންކަމުން ދޭހަވާ އެއްޗަކީ، ގާދޫގެ ރައްޔިތުންގެ ހިތުގައިވެސް ދިވެހިރާއްޖޭގެ ވެރިކަމަށް ނުވަތަ ދިވެހިރާއްޖޭގެ ސަރުކާރަށް އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ބޮޑުކަން. އެހެންވުމާއެކު، އެކަން އަޅުގަނޑު ފާހަގަކޮށް، ރަށުގެ ވެރިންނަށާއި، ރައްޔިތުންނަށް ޝުކުރު ދަންނަވަނީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ އަދި އެދުމަކީ ގާދޫގެ ރައްޔިތުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީގެ މަގުގައި ކުރިއަށް ވަޑައިގަތުން. އަދި ގާދޫގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައްވެސް އެއްދުވަހުން އަނެއް ދުވަހަށް ލިބެމުން ދިޔުން. ގާދޫއަށާއި އަދި ހައްދުންމައްޗަށް މިއަދަށްވުރެ ތަނަވަސް ބާއްޖަވެރި މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން.

والسّــلام عليكم ورحمـة اللّــه.