بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّــلام عـلى أشــرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

ހައްދުންމައްޗަށް އަޅުގަނޑު ކުރާ ދަތުރުގައި އެންމެ ފުރަތަމަ މިއަދު މި އާދެވުނީ ތިޔަބޭފުޅުންގެ ރަށަށް. އާދެ، ދަނބިދޫއަށް. ޝައްކެއްނެތް، ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުންމިދާ ދަތުރުތަކަކީ، ބޭނުންތެރި ދަތުރުތަކެއް. ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކު ރާއްޖެތެރެއަށް ދަތުރުކޮށް، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ނުބަލައި، އެމީހެއްގެ ކޮނޑުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތު އެކަށީގެންވާ ފެންވަރަކަށް ނުއުފުލޭނެކަން ކަށަވަރު.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، ހަމައެކަނި މާލެއެއް ނޫން. ރާއްޖޭގައި މީހުން އުޅޭ ދުއިސައްތަ ދެރަށް އެބައޮތް. މާލެއަކީ، އޭގެތެރެއިން އެއްރަށް. އާދެ، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވާތީ، އަދި މާލޭގައި ވަރަށްގިނަ އަދަދަކަށް މީހުން އުޅޭތީ، ސަރުކާރުގެ ފަރާތުންވެސް ޚާއްޞަގޮތެއް މާލެއަށް ބަހައްޓަންޖެހޭ. އެހެންނަމަވެސް، މާލެއަށް ޚާއްޞަގޮތެއް ބެހެއްޓުމުގެ މާނަޔަކީ ރާއްޖެތެރެ މުޅިން ދޫކޮށްލުމެއް ނޫން. ރާއްޖެތެރެ އިހުމާލުކޮށް ރާއްޖެތެރޭގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ސަރުކާރުން ދިނުމުގައި ފަސްޖެހުމެއް ނޫން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރު ދައުލަތުގެ ސިޔާސަތު އޮތްގޮތް. އަދި ރާއްޖެތެރެއަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ބޮޑުކަން. ރާއްޖެތެރޭގެ ހުރިހާ ކަމެއްވެސް ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަން ޖެހިފައި ކަމަށްވާތީ، ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖެތެރޭގެ ބައެއް ކަންތައްތައް ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ވަނީ މަޝްރޫޢެއް ރާވައިފައި. އަދި އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ މަސައްކަތްތައް މިހާރު ހިނގަމުން އެބަދޭ.

އާދެ، ރާއްޖެތެރޭގެ ޙާލަތު އޮތްގޮތުން، އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ރަނގަޅުކޮށް އެދެވިގެންވާ ފެންވަރަށް ގެންދިޔުމަކީ އެކަށީގެންވާކަމެއް ނޫން. އެހެންވުމާއެކު، އެންމެފުރަތަމަ ތިން އަހަރުދުވަހުގެ މަޝްރޫޢެއް ރޭވުނުކަމުގައިވިޔަސް، ސަރުކާރުން ގަސްދުކުރަނީ، އެ މަޝްރޫޢު ނިމުމުގެ ފަހުންވެސް ނުވަތަ އެ މަޝްރޫޢަށް ކަނޑައެޅިފައިވާ ތިން އަހަރު ނިމުމުގެ ފަހުންވެސް މިހާރު ފަށައިގަނެގެން ކުރިއަށްގެންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަން. ހަމައެފަދައިން، އިތުރަށް ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމަށްޓަކައި ބޭނުންވާ އާ މަސައްކަތްތައް ފަށައިގަންނަން.

އާދެ، ހައްދުންމައްޗަކީ މަސްވެރި އަތޮޅެއް. އަދި މިރަށަކީވެސް އާންމުކޮށް މަސްވެރި ރަށެކޭ ބުނެވިދާނެ. މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިޤުތިޞާދުގައި އެންމެމަތީ ޙިއްޞާއެއް އަދާކުރާ މަސައްކަތް. އެހެންކަމުން، މަސްވެރިކަން ތަރައްޤީކޮށް، ކުރިއެރުވުމަށް ސަރުކާރުން ވަރަށްމަތީ އަހަންމިއްޔަތެއްދޭ. މިދިޔަ އަހަރުގެ ތެރޭގައި [މަސްވެރިންގެ ދުވަސް] އެ ނަމުގައި ދުވަހެއް ސަރުކާރުގެ ފަރާތުން ފާހަގަކުރި. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައިވެސް ކޮންމެ އަހަރެއްގައި އެދުވަސް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައި. އެއީ މަސްވެރިކަމުގެ މުހިންމުކަން ބޮޑުކަމުން. އެއާއެކުގައި މަސްވެރިކަން ކުރިއެރުވުމަށްޓަކައި، ސަރުކާރުން ވަރަށްގިނަ މަސައްކަތްތައް ކުރަމުން ގެންދޭ. މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. އަދި ރާއްޖެތެރޭގައި ރާއްޖޭގެ ދޯނިފަހަރު ދުއްވާ މީހުންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މިހެންގޮސް ވަރަށްގިނަ ކަންތައްތައް ސަރުކާރުން ވަނީ ރާވައިފައި. އަދި ގެންދަނީ ކުރިއަށް. އޭގެ ބޭނުމަކީ މަސްވެރިކަން ތަރައްޤީ ކުރުން. އަދި މަސްވެރިކަން ތަރައްޤީވުމުން، ރައްޔިތުންނަށް ލިބޭ ތަނަވަސްކަން އިތުރުކޮށްދިނުން. ރާއްޖެ އޮންނަ ގޮތުންނާއި، ރާއްޖެތެރޭގައި މުވާޞަލާތުގެ ކަންތައްތައް ހުންނަގޮތުން. މިހުރިހާ ސަބަބުތަކެއް މިހެން ހުރުމާއެކު، އަޅުގަނޑުމެން އެދޭހާ އަވަހަކަށް ކަންތައްތައް ނިމިގެނެއް ނުދާނެ. ނުވެސް ކުރެވޭނެ. ހަމައެފަދައިން، އެބާވަތުގެ ކަންތައްތައް ކުރުމަށް ކުރަންޖެހޭ ހަރަދުތަކުގެ ބޮޑުކަމުންވެސް އެހާ އަވަހަށް ކަންތައްތައް ނިންމައެއްނުލެވޭނެ. އަދި ބޭނުންވާ ހުރިހާ ކަމެއްވެސް ކުރެވޭކަށެއް ނޯވޭ. މިހުރިހާ ކަމެއްވެސް އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅަށް އިހުސާސް ކުރެއްވޭނެ. ކޮންމެއަކަސް މިހާރުވެސް މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ފަރާތުން އިތުރު ރޭވުންތައް އެބަ ރާވާ. އިތުރު މަޝްރޫޢުތައް ކަނޑައަޅަމުން އެބަ ގެންދޭ. އޭގެތެރޭގައި އެއްކަމެއް، އިތުރަށް މަސްދޯނިފަހަރަށް އިންޖީނު ދިނުން. މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުގެ ފަރާތުން އިޢުލާނުކުރި ފަދައިން، އިތުރު އިންޖީނު މިހާރު ލިބުމާއެކު، އިންޖީނަށް އެދުމުގެ ދޮރުވަނީ މިހާރު ހުޅުވިފައި.

އާދެ، ކުރިން އެންމެ ފުރަތަމަ މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓަން ފެށި ދުވަސްވަރު، އިންޖީނުގެ ބޭނުންއޮތީ ވަރަށްގިނަ ފަރާތްތަކަށް އޮޅިފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ، މީގެ 7 އަހަރުދުވަސް ކުރިން، އާދެ، 1974 ވަނަ އަހަރުގެ ފަހުކޮޅުގައި ސަރުކާރުގެ ފަރާތުން ފޮނުއްވައިގެން ވަފްދެއް ރާއްޖެތެރެއަށް ދަތުރުކުރިކަން. މާލެއިން ދެކުނުގެ، މީހުން އުޅޭ ހުރިހާ ރަށަކަށް ދިޔުމަށް ސަރުކާރުގެ ފަރާތުން އެފަހަރު ފޮނުވި ވަފްދުގެ މެންބަރެއް ކަމުގައި އަޅުގަނޑުވެސް ހިމެނުނު. އެ ހައިސިއްޔަތުން އަޅުގަނޑު 1974 ވަނަ އަހަރުގެ ފަހުކޮޅުގައި ދަނބިދޫއަށްވެސް އައިން. އެދަތުރުގައި އަޅުގަނޑު އެންމެ ބޮޑަށް ބާރުއަޅައި ދެއްކި ވާހަކައަކީ ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ބޭނުންތެރިކަމުގެ ވާހަކަ. އާދެ، އޭރު އެކަން އޮތީ އޭގެ ބޭނުންތެރިކަން މީހުންނަށް ނޭނގި. އިންޖީނު ލިބެންހުރި ކަމުގައިވިޔަސް، އެކަމާ ކުރިމަތިލާ މީހަކު އޭރު ވަރަށްމަދުވާނެ. މިހާރު މިއޮތީ އޭގެ އަނެއްކޮޅަށް ޖެހިފައި. އިންޖީނުގެ ބޭނުންތެރިކަން އެންމެންނަށް އިހުސާސް ކުރެވިގެން، އިންޖީނުދޯނިފަހަރުގައި ނޫނީ މަހަށްވެސް ގިނަ ރަށްރަށުގައި އެއްގޮތަކަށްވެސް ނުފުރާ. މިހާރު ވެފައިވާ ގޮތަކީ އިންޖީނު ހުރިވަރަށްވުރެ އިންޖީނަށް އެދޭމީހުން ގިނައީ. އެހެންވުމުގެ ސަބަބުން މީގެކުރިއަށް ފާއިތުވެގެން އެދިޔަ ދެތިން ހަތަރު އަހަރުދުވަހުގެ ތެރޭގައި، އެދޭހާ ބަޔަކަށް އިންޖީނު އޮތީ ނުދެވި. މިހާރު އިރާދަކުރެއްވިއްޔާ، އަލުން އިންޖީނުތަކެއް ސަރުކާރަށް ލިބިފައި އެބަހުރި، އެކިއެކި މަޝްރޫޢުގެ ދަށުން.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި އިންޖީނަށް އެދޭމީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް އިންޖީނު ލިބޭނެ. އާދެ، ވަރަށްގިނަ ބަޔަކަށޭ މިދެންނެވީ އަދި މިހާތަނަށް އެ އިންޖީނަށް އެދުމުގެ މުއްދަތު ހަމަނުވާތީ. މުޅިއެކު އެދިފައި ތިބި މީހުންގެ އަދަދު އަދި ސާފުނުވާތީ. މިހާރު ހުރިވަރަށް، ނުވަތަ އެއަށްވުރެ ގިނަނުވާ އަދަދަކަށް އިންޖީނަށް މީހުން އެދިފައިވާ ކަމަށްވަންޏާ، އެ އެންމެންނަށްވެސް ލިބޭނެ. އިންޖީނުހުރި އަދަދަށްވުރެ އިތުރަށް މީހުން އެދިފައިވާ ކަމަށްވަންޏާ، މިހާރުވެސް އެގެންދާ އުސޫލުން، މިހާރު އޮންނަނީ ވަރަށް ފުރިހަމަ މަޢުލޫމާތުތަކެއް އެކުލެވިގެންވާ ފޯމެއް ފުރާގޮތަށް. އެފޯމުގައިވާ މަޢުލޫމާތުތަކަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ބައްލަވާފައި، ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އިންޖީނު ލިބޭނެ މީހުން ހޮއްވަވާނީ. ކޮންމެއަކަސް، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި އިންޖީނަށް އެދޭމީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް މިފަހަރު އިންޖީނު ލިބޭނެ.

ކޮންމެއަކަސް އަދި އިންޖީނު ލިބުމުން އެއީ މަސްވެރިކަން ތަރައްޤީ ކުރުމަށް އަޅަންހުރި ހުރިހާ ފިޔަވަޅެއް އެޅުނީ ކަމަކަށް ބަލައިގެނެއް ނުވާނެ. އެއީ އޭގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމުގައިވެސް ބެލިދާނެ. އެހެން މިދެންނެވީ ދޯންޏެއްގައި އިންޖީނު ބެހެއްޓުމުން، އެހިސާބުން އެކަންތައް ނިމުނީކަމަށް ނުވާތީ. އެ އިންޖީނު ބެހެއްޓި ދޯނީގައި މަހަށް ފުރަންޖެހޭނެ. އެ މަސް ބޭނޭތޯ ހިންމަތާއެކު މަސައްކަތް ކުރަންވާނެ. އެހެންނޫނީ، ކިތަންމެ ދޯނިފަހަރެއްގައި އިންޖީނު ބެހެއްޓެވި ކަމުގައިވިޔަސް، މަސްވެރިކަން ތަރައްޤީއެއް ނުވާނެ. މަހުން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރެއްނުވާނެ. ބައެއް މީހުން މަހަށް ދިޔުމަށްޓަކައި އެ މަޝްރޫޢުގެ ދަށުން އެމީހުންގެ ދޯނިފަހަރަށް އިންޖީނު ލިބުމުންވެސް، މަސްވެރިކަން ފިޔަވައި އެހެން ބައެއްކަހަލަ ކަންތައްތަކުގައި ދޯނިފަހަރު ބޭނުންކުރަމުންގެންދޭ. އެއީ އެއްގޮތަކަށްވެސް އެކަންވާންވީ ގޮތެއް ނޫން. ވަކި މަޤްޞަދެއްގައި ވަކިކަމަކަށްޓަކައި ސަރުކާރުން އިންޖީނު ދޫކުރަނީ ވަރަށް ހެޔޮއަގެއްގައި. އިންޖީނުގެ ފައިސާ އަނބުރާ ދެއްކުމުގައިވެސް ވަރަށްފަސޭހަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދީފައި ވަނީ ހަމަ އެންމެ ބޭނުމަކަށް. އެއީ މަސްވެރިކަން ކުރިއެރުވުން. އެހެންވީމާ، އެނޫން އެއްވެސް މަސައްކަތެއްގައި އިންޖީނު ބެހެއްޓި ދޯނިފަހަރު، މިދެންނެވި މަޝްރޫޢުގެ ދަށުން ލިބިގެން އިންޖީނު ބެހެއްޓި ދޯނިފަހަރު ގެންގުޅޭ މީހުން، އެމީހުންގެ ދޯނިފަހަރު މަސްވެރިކަން ފިޔަވައި އެހެން އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ވަރަށް ނޭދެވޭ ކަމެއް.

އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ހަމައެކަނި އިންޖީނު ލިބުނު ކަމުގައިވިޔަސް، އެއީކީ، އަދި މަސްވެރިކަން ކުރިއަށް ގެންދެވުނީ ކަމުގައި ބަލައިގެންނުވާނޭ. އެ ދޯނިފަހަރުގައި ވާނެއޭ އަޅުގަނޑުމެން މަހަށްދާން. ކޮންމެ ދުވަހަކުވެސް ދާންވާނެ. މަސްވެރިކަން ހުރިތޯ ނުވަތަ ނެތްކަން އެނގޭނީވެސް މަހަށް ގޮސްގެން. ރަށުގައި ތިބެގެން އެއިން އެއްވެސް ކަމެއް ނޭނގޭނެ. އެހެންވީމާ، ސަރުކާރުން އެގޮތަށް މަޝްރޫޢުތައް ރާވައިގެން މަސްވެރިންގެ ފައިދާއަށް އަދި އާންމުކޮށް ދަންނަވަންޏާ، މުޅި ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށް އެބާވަތުގެ މަސައްކަތް ކުރަމުން ގެންދާއިރު، ރައްޔިތުންގެ ފަރާތުން އެކަމުގައި އެކަށީގެންވާ އެއްބާރުލުމެއް ލިބެންޖެހޭނެ. އެހެންނޫނީވިއްޔާ އެ މަޝްރޫޢުތައް ކާމިޔާބެއްނުވާނެ.

އާދެ، ކޮންމެއަކަސް މަސްވެރިކަމަކީ އަޅުގަނޑުމެންގެ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް. އޭގެއިތުރަށް އަޅުގަނޑުމެންކުރާ ވަރަށްގިނަ ތަފާތު މަސައްކަތްތަކެއް ހުރޭ. މިރަށުގައިވެސް އެކިއެކި އެހެން މަސައްކަތްތައް ބައެއް މީހުން ކުރޭ. ވަޑާންކުރުން. އެކަހަލަ ކަންތައްތައް. އަދި އޭގެއިތުރުންވެސް ކުރެވޭނެ ވަރަށްގިނަ ކަންތައްތައް ހުންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ އިޤުތިޞާދީ ފެންވަރު ކުރިއެރުވުމަށް ކުރާ މަސައްކަތަކީ، ހަމައެކަނި މަސްވެރިކަން ކަމުގައި ހަދައިގެންވެސް މިހާރު ފަރުޖެހޭކަށް ނޯންނާނެ.

އާދެ، އެއްޒަމާނެއްގައި އެއީ ދެކޮޅުޖެހޭ ކަމަކަށްވެދާނެ. މީގެ އެތަކެއް އަހަރު ކުރިން ނުވަތަ ވިހި ތިރީސް އަހަރު ކުރިން ދިރިއުޅުމުގެ ބޭނުންތަކަށް ކުރަންވީ ހަރަދު މިހާ ބޮޑުވުމުގެ ކުރިން، ހަމައެކަނި މަސްވެރިކަން ކޮށްގެންވެސް ރާއްޖޭގެ މީހުންނަށް ދިރިއުޅެވިދާނެ. އެކަމަކު މިހާރު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެހެން ކަންތައްތައް ހަމަޖެއްސޭކަށެއް ނެތް. އެއީ ބާޒާރުގައި ތަކެތީގެ އަގުބޮޑުކަމުން އަދި އަޅުގަނޑުމެންގެ ދިރިއުޅުން އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން ދިޔަދިޔަހެން، އަޅުގަނޑުމެންގެ ބޭނުންތައްވެސް އިތުރުވަމުން ދިޔުމުގެ ސަބަބުން ހުރިހާ ކަމެއްގައިވެސް އަޅުގަނޑުމެންގެ ފެންވަރު މިހާރު ކުރިއަށްވުރެ މާމަތި. އަޅުގަނޑުމެން ދިރިއުޅެމުން ގެންދާ ގެދޮރު މިހާރު ހުންނަނީ އެހެން ގޮތަކަށް. އަޅުގަނޑުމެންގެ ހެދުން މިހާރު ހުންނަނީ އެހެން ގޮތަކަށް. އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ހާސިލުކޮށްދޭން ބޭނުންވޭ. އަޅުގަނޑުމެން ބަލިވެއްޖިއްޔާ އެކަށީގެންވާ ބޭސްފަރުވާ ލިބެން ބޭނުންވޭ. އެހެންގޮސް އަޅުގަނޑުމެންގެ ދިރިއުޅުމުގައި، ކުރިން އަޅުގަނޑުމެން ނުކުރާ ކިތަންމެ ހަރަދުތަކެއް މިހާރު ވަނީ ކުރަން ޖެހިފައި. އެހެންކަމުން، ކުރިން އަޅުގަނޑުމެންގެ ކާބަފައިން އެ މަސައްކަތްކޮށް އުޅުނުގޮތަށް އަޅުގަނޑުމެންގެ މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން ކުރިއަށް ގެންދެވޭކަށް ނޯންނާނެ. މިހާރުވާނެ އެއަށްވުރެ ބޮޑަށް މަސައްކަތް ކުރަން. އެއަށްވުރެ އިތުރަށް މަސައްކަތް ކުރަން. ކޮންމެ މީހަކުވެސް އެކުރާ މަސައްކަތެއްގެ ސަބަބުން އެމީހަކަށް ލިބޭ އެއްޗެއް މިއަދުވާނެ އިތުރުކުރެވޭތޯ ބަލަން.

އާދެ، އަޅުގަނޑު އެހެން މި ނަޞޭޙަތްތެރިވަނީ އެއީ އެކަމުގެ ފައިދާ ރައްދުވާނީ ހަމަ އެމީހަކަށް ކަމަށްވާތީ. ހަމައެފަދައިން، އަޅުގަނޑުމެން ވިސްނަންވީ ހަމައެކަނި މިއަދަކަށް ނޫން. އަޅުގަނޑުމެން ވިސްނަންޖެހޭ މާދަމައަށްވެސް. މުސްތަޤްބަލަށް. ހަމައެކަނި މިއަދަށް ފުދޭވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ރާވައިގެން ކުރިއަށް ގެންގޮސްގެން އެއީ ބުއްދިވެރިގޮތަކަށް ނުވާނެ. އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދޭންޖެހޭ. ތަޢުލީމު ދިނުމަކީ ސަރުކާރުން މިހާރު އެންމެބޮޑު އަހަންމިއްޔަތެއްދޭ ޚިދުމަތް. ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައިވެސް މިހާރު ވަރަށްގިނަ އަދަދަކަށް ސްކޫލްތައް އެބަ ހިންގާ. އެއީ ކުރިން އެކަން އޮތް ގޮތެއް ނޫން. އެކަމަށްޓަކައި ވަރަށް ބޮޑެތި ހަރަދުތަކެއްވެސް ސަރުކާރުން ކުރަމުން އެބަގެންދޭ. އެހެންވީމާ، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުމަށް އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ބަހައްޓަންޖެހޭނެ. އެއީ ހަމައެކަނި ވަކިފަރާތަކުން ކުރާ ކަމެއްގެގޮތުގައި އޮވެގެން ކަމަކުނުދާނެ. ސަރުކާރުން ހަރަދުކުރެވޭނީ ވަކިވަރަކަށް. ސަރުކާރަށް ހިންގޭނީ ވަކިއަދަދަކަށް ސްކޫލްތައް. އޭގެއިތުރުން ކުރަންޖެހޭ ކަންތައްތައް އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭނީ. މާލޭގައިވެސް އެކަން އޮތީ އެހެން. މާލޭގައިވެސް ސަރުކާރުގެ ފަރާތުން ހިންގާ، ހުންނަނީ ބައެއް ސްކޫލްތައް. އެހެންނަމަވެސް، މާލޭގައި ދިރިއުޅޭ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް އެ ސްކޫލްތަކުން ޖާގަ ނުލިބޭތީ، އަމިއްލަ ފަރާތްތަކުންވެސް މާލޭގައި ވަރަށްގިނަ ސްކޫލްތައް ހިންގާ. މަދަރުސާތައް ހިންގާ. ކްލާސްތައް ހިންގާ. ހަމައެފަދައިން، ރާއްޖެތެރޭގައިވެސް އެކަން އޮތީ އެހެން. އަޅުގަނޑު މިދިޔަ އަތޮޅުތަކުގެ ތެރެއިން ވަރަށްގިނަ ތަންތާނގައި، ވަރަށްގިނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ހިންގާ މަކްތަބުތަކާއި މަދަރުސާތައް އެބަހުރި. މިރަށުގައިވެސް ހިސާބަކަށް މެދުކެނޑިގެން ނަމަވެސް ހިނގަމުންދާ ތަނެއް، [މަކްތަބުލް ވަރުދިއްޔާ] އެބަހުރި.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ ސަރުކާރުން ތަޢުލީމު ފެތުރުމަށް އެކުރާ މަސައްކަތްތަކުގެ އިތުރަށް، އަޅުގަނޑުމެން އަމިއްލައަށްވެސް ތަޢުލީމު ފެތުރުމަށް މަސައްކަތް ކުރަންވާނެއޭ. މިރަށުގައި އެހުރި މަކްތަބުވެސް މިހާރު ހިނގަމުންދާ ފެންވަރަށްވުރެ ރަނގަޅު ފެންވަރެއްގައި ހިންގަމުން ގެންދިޔުމަށް މިރަށުގެ ރައްޔިތުން ބާރުއަޅުއްވަންވާނެ. މިރަށުގެ ވެރިންވެސް އެކަމަށްޓަކައި މަސައްކަތް ކުރައްވަންވާނެ. އެގޮތުގައި މަސައްކަތްކުރާ މީހުންނަށް ސަރުކާރުން އެކިއެކި ޢިނާޔަތް ދެމުންދާކަން، ތިޔަ ހުރިހާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ. މިހާރުވެސް މެދުނުކެނޑި 10 އަހަރު ވަންދެން ހިނގައިފައިވާ ހުރިހާ އަމިއްލަ މަދަރުސާތަކަށާއި މަކްތަބުތަކަށް ދަނީ ފައިސާގެ އެހީއެއްވަމުން. އަދި އެނޫން ބައެއް ތަންތަނަށް، މުދައްރިސުންނަށް، މުދައްރިސުންގެ މުސާރަވެސް އެބަދޭ. ބައެއް މަދަރުސާތައް ހިޔާކުރުމަށް ނުވަތަ އެތަން މަރާމާތުކުރުމަށް ބޭނުންވާ ހަރަދުވެސް ސަރުކާރުންދޭ. އެހެންގޮސް ވަރަށްގިނަ ތަފާތު އެހީތަކާއި ޢިނާޔަތްތައް، ތަޢުލީމު ދިނުމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދަނީ ދެމުން. އެހެންވީމާ، ތަޢުލީމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ތަޢުލީމީ ކަންތައް ކުރިއަށް ގެންދެވޭތޯ ބެއްލެވުން އެއީވެސް ވަރަށްބޮޑަށް މިރަށުގެ ރައްޔިތުންވެސް އަދި ރާއްޖެތެރޭގެ ހުރިހާ ރައްޔިތުންވެސް ސަމާލުކަން ދެއްވަންވާނެ ކަމެއް.

އާދެ، ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން އުފެއްދުމަށްވެސް މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ އެކުވެރި ބައެއް ކަމުގައި ނުވަންޏާ އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. ރާއްޖެތެރޭގެ ކަންތައްތައް ހުންނަގޮތުން ބައެއްފަހަރަށް ބައެއްކަހަލަ ހަމަނުޖެހުން އުފެދޭ. އާދެ، އިންސާނުން ކަމަށްވާތީ، އެކަހަލަ ކަންތައްތައް ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންޖެހޭނީ އެބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ނުއުފެދޭތޯ ބެލުމަށް. އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް އުފެދިއްޖެ ކަމުގައިވިޔަސް، ވީ އެންމެ އަވަސް ފުރުޞަތެއްގައި ހުރިހާ އެންމެން ތެދުވެރިކަމާއެކު އެއްބާރުލައިގެން އެކަމެއް ހަމަޖައްސައިލެވޭތޯ. އާދެ، އެގޮތަށް އަޅުގަނޑު ދަންނަވަންޖެހޭ ސަބަބަކީ އަޅުގަނޑުމެންނަކީ، އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވާތީ. އަޅުގަނޑުމެންނަކީ އެއް ދީނެއްގެ އަހުލުވެރިން ކަމަށްވާތީ. އަޅުގަނޑުމެންނަކީ މުސްލިމުން. އެއްބަނޑުއެއްބަފާ ބައެއް މުސްލިމުންނަކީ. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭކަހަލަ އުޚުއްވަތްތެރިކަމާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫޙު.

އާދެ، އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް އުފެދިގެންނެއް ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، ތިމާގެ އަމިއްލަ ކަންތައްތަކަށް ފަރުވާތެރިކަން ބަހައްޓާ ފަދައިން، އެހެން މީހުންނަށްވެސް ފަރުވާތެރިކަން ބަހައްޓަންޖެހޭނެ. އެހެން މީހުންގެ ކަންތައްތަކަށް، އެހެން މީހުންނަށް ކަމޭހިތަންވާނެ. ތިމާގެ ޙައްޤުތަކަށް ތިމާ ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންވާނެ. ތިމާގެ ގެދޮރަށާއި މުދަލަށް ތިމާދޭ އަހަންމިއްޔަތު، އެހެން މީހުންގެ ގެދޮރަށާއި މުދަލަށްވެސް ދޭންވާނެ. އެއީ އިސްލާމީ އުސޫލަކީ. އެއީ އަޅުގަނޑުމެން ކަންތައް ގެންދަންވީ ގޮތަކީ. އާދެ، އެއްވެސް ޝައްކެއްނެތް. އެކުވެރި ބައެއްގެ ގޮތުގައި ތިބެގެން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީ ކުރަން މަސައްކަތް ކުރަމުން ގެންދާ ކަމަށްވަންޏާ، އެ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެނިގެންދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން، މިރަށުގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު މިރަށަށް މިއަދު މިއައި އައުމުގެ މުނާސަބަތު ފާހަގަކުރެވުމުގެ ގޮތުން ވަރަށްގިނަ ތައްޔާރުތައް ކުރައްވައިފައިވާ ތަން އަޅުގަނޑަށް އެބަ ފެނޭ. އަޅުގަނޑުމެން މި ޖަލްސާކުރާތަން މިހާ ފުރިހަމަގޮތެއްގައި ހައްދަވައި ޒީނަތްތެރި ކުރައްވައިފައިވާތަން އެބަފެނޭ. ރަށުތެރެވެސް ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވައިހައްދަވައިފައި އެބަހުރި. އާދެ، އަޅުގަނޑު އެދޭ ކަމެއް ނޫން، އަޅުގަނޑު ރާއްޖެތެރެއަށްދާ ދިޔުމާ ގުޅިގެން ރައްޔިތުން އެއްވެސްކަހަލަ ހަރަދެއް ކުރެއްވުމަކީ، މާ ބުރަ ތަކުލީފެއް އުފުއްލެވުމަކީ. އެހެންނަމަވެސް، މިކަންކަން މިރަށުގެ ރައްޔިތުން ކުރައްވައިފައިވަނީ ރައްޔިތުންގެ ހިތުގައި ދިވެހި ސަރުކާރާމެދު އުފެދިފައިވާ އިޚުލާޞްތެރި ކަމެއްގެ ސަބަބުންކަން އަޅުގަނޑަށް ރަނގަޅަށް ވިސްނޭތީ، މިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ތިޔަ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ އެދުމަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އޮތުން. ވެރިންނާއި ރައްޔިތުން އެކުވެގެން ރަށާއި އަދި އަތޮޅު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުން. ރާއްޖޭގެ ހުރިހާ ކަމެއްވެސް އިޞްލާޙުކޮށް، ތަރައްޤީ ކުރަމުން ގެންދިޔުމުގެ ހެޔޮ ތައުފީޤު އަޅުގަނޑަށާއި، އަދި ދިވެހި ދައުލަތުގެ ވެރިންނަށް اللّـه سبحـانـه وتعـالى ދެއްވުން. އަދި ސަރުކާރުން އަންގާ ގޮތެއްގެ މަތިން ރާއްޖޭގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް ރައްޔިތުން އެއްބާރުލައްވައި، އަދި އެހުރިހާ މަސައްކަތެއްގައި اللّـه سبحـانـه وتعـالى ތައުފީޤު ދެއްވުން.


والسّلام عليكم ورحمـة اللّـه وبركاته.