ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ހިޒް އެކްސެލެންސީ މިސްޓަރ ރަޒާ ރައްބާނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމުގައާއި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތަކީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އުޙުއްވަތްތެރި ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ޢިމާރާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން މަޝްވަރާ ކުރައްވާ، ކުރިއަށް އޮތްތާގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާންގެ ސެނެޓުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފަވެއެވެ.

ޗެއަރމަންގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖޭން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ. ޗެއަރމަން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ތަޢުރީފުކުރެއްވިއެވެ. އަދި، ޗެއަރމަން ފާހަގަކުރެއްވިގޮތުގައި ޕާކިސްތާނުގެ ވިޔަފާރި ޖަމާޢަތްތަކުންނާއި އަމިއްލަ ވިޔަފާރިވެރިން، ރާއްޖޭން ލިބެންހުރި ވިޔަފާރީގެ ފުރުޞަތުތައް ފުޅާދާއިރާއެއްގައި ހޯދާ ބަލާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކާއި، ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓޭރިއަޓްގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާޠިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވިއެވެ.