بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العــالمـين، والصّـلاة والسّــلام عـلى أشــرف المرسـلين، وعلى آلـه وصحبـه أجمعـين.

މިއަދު އަޅުގަނޑު ދަރަނބޫދޫއަށް މިއައީ ދަރަނބޫދޫގައި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިދިނުމަށްޓަކައި.

އާދެ، އެއްވެސް ޝައްކެއްނެތް. މިއަދަކީ ދަރަނބޫދޫގެ ތާރީޚުގައި މުހިންމު ދުވަހަކަށްވާނެ. ދަރަނބޫދޫއަކީ، ވަރަށް ޚާއްޞަ ގޮތްތަކެއް ދިމާވެފައިވާ ރަށެއް. އަދި މިހާރުވެސް ވަރަށް މީސްކޮޅު މަދު އަދި ގިނަގޮތްގޮތުން ދަތި ރަށެއް. ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގެ ހާލު އަހުވާލު ރަނގަޅުކޮށް، އަދި ޚާއްޞަކޮށް، އެކިއެކި ދަތިތަކާ ކުރިމަތިލާންޖެހޭ ރަށްރަށުގެ ދިރިއުޅުން، މިހާރު އެމީހުން އެ ކުރިއަށްގެންދާ ވަރަށްވުރެ ފަސޭހަގޮތެއްގައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުމުގެ ގޮތުން، މިދެންނެވި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢު ރޭވި ހިނގަމުންދަނީ. އެމަޝްރޫޢުގެ ދަށުން މިއަދު މިރަށުގައި މި ހުޅުވޭ މިސްކިތް އެއީ ވަރަށް ޚާއްޞަ މުނާސަބަތެއްގައި ހުޅުވޭ މިސްކިތެއް ކަމުގައި ނުވެއެއްނުދާނެ.

އާދެ، މިސްކިތަކީ ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވުނު މިސްކިތެއް ކަމުގައިވިޔަސް، މިސްކިތް ޢިމާރާތް ކުރެވިފައި އެވަނީ ދަރަނބޫދޫގެ ހީވާގި ރައްޔިތުންގެ ހިންމަތާއި މަސައްކަތުން ކަމަށްވުމާއެކު، މި މުހިންމު މުނާސަބަތުގައި ދަރަނބޫދޫގެ ވެރިންނަށާއި، ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން އުފަލާއެކު ތަހުނިޔާ އަދި ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވަރަށް ޚާއްޞަ އުފަލެއް ކަމުގައި ދެކެން. ހަމައެފަދައިން، ރާއްޖެތެރޭގައި މިބާވަތުގެ ކަންތައްތައް ކުރަމުން ގެންދާއިރު، ކަމާބެހޭ ސަރުކާރުގެ ފަރާތްތަކުގެ އެހީވެސް އޮންނާނެ. ހަމައެފަދައިން، ކޮންމެ އަތޮޅެއްގެވެސް އަތޮޅުވެރިޔަކަށް ހުންނަވާ ބޭފުޅަކު، އެކަމުގައި ޚާއްޞަ ޢިނާޔަތެއް ބަހައްޓަވަންޖެހޭނެ. ރާއްޖެތެރެއާބެހޭ ވުޒާރާގެ ވެރިންނަށާއި އަދި މިއަތޮޅުގެ އަތޮޅުވެރިންނަށްވެސް މި މުނާސަބަތުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އިސްލާމީ ޖަމާޢަތެއްގައި މިސްކިތެއް ހުޅުވުމުގެ މުނާސަބަތަކީ، ވަރަށް ޚާއްޞަ މުނާސަބަތެއްކަން ކަށަވަރު. މިސްކިތް ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަށް. މިސްކިތް ރަމްޒުކޮށްދެނީ އަޅުގަނޑުމެން ހެއްދެވި اللّـه سبحـانـه وتعـالى އަށް. މިސްކިތަކީ، އެކަލާނގެ ޙަޟްރަތަށް ނިސްބަތްވެގެންވާ ތަނެއް. ﷲ ވަޙީކުރައްވަނީ، [وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا.] ހަމަކަށަވަރުން މިސްކިތްތައް ވަނީ اللّـه سبحـانـه وتعـالى އަށޭ. އެއީ އެކަލާނގެ އިސްމުފުޅަށް ނިސްބަތްވެގެންވާ ތަންތަނޭ. އެހެންވުމާއެކު، ތިޔަބައިމީހުން اللّـه سبحـانـه وتعـالى އަށް ޝަރީކު ނުކުރާހުށިކަމެވެ. އެކަލާނގެއަށް އަޅުކަންކޮށް ހަދާ ހެދުމުގައި އެހެން އެއްވެސް ފަރާތަކަށް ދުޢާކޮށް، އެހެން އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭހުށިކަމެވެ. އެހެންވީމާ، މިސްކިތަކީ، މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ވަރުގަދަ އަސާސް ކަމުގައިވާ، ވަޙްދާނިއްޔަތަށް، اللّـه سبحـانـه وتعـالىގެ އެއްކައުވަންތަ ކަމަށް ރަމްޒުކޮށްދޭ ތަނެއް. މިސްކިތްތައް ޢިމާރާތް ކުރެވެމުން ދިޔުމަކީ އެތަނެއްގައި ދީނީ ރޫޙު އާލާވަމުންދާކަމުގެ ދަލީލެއް. އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮންނާނީ ދީނުގެ ހިދާޔަތުގެ އަލީގައި. ދީނުގައި އަންގަވައިފައިވާ ފަރުޟުތަކަށް ރައްކާތެރިވެގެން. ދީނުގައި ނަހީކުރައްވައިފައިވާ ކަންތައްތަކުން ދުރުހެލިވެގެން ތިބެގެން. ދީނުގައި އަންގަވައިފައިވާ މަތިވެރި އިޖުތިމާޢީ އުސޫލުތަކަށް ތަބަޢަވެގެން.

އާދެ، މިހުރިހާ ކަމެއްގެވެސް އެންމެ ފުރަތަމަ އަސްލަކީ މާތްވެގެންވާ ދީން، ދީނުގެ ފަރުޟުތައް. އަޅުގަނޑުމެންގެ މާތް ދީނުގެ ފަރުޟުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވައިފައިވަނީ ފަރުޟު ފަސްނަމާދަށް. ނަމާދު ޤާއިމުކުރުމަށް ޢިމާރާތްކުރެވޭ ކޮންމެތަނެއް އެއީ ދީނުގެ ނަޒަރުގައި ވަރަށްމާތް، ވަރަށް ބަރަކާތްތެރި ތަނެއް. އާދެ، އެހެންވީމާ، އަޅުގަނޑުމެން މިއަދު އުފާކުރުން ޙައްޤު، މުސްލިމް ޖަމާޢަތެއްގެ ހައިސިއްޔަތުން. އަޅުގަނޑުމެންގެ މީހުން އެތަނަކަށް ގޮސް ނަމާދުކޮށް اللّـه سبحـانـه وتعـالى އަށް މުނާޖާތުކޮށް ދުޢާކޮށް، އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށް ތަނެއް ތައްޔާރުވެފައިވާ ކަމަށްޓަކައި.

އާދެ، މިސްކިތް ޢިމާރާތް ކުރުމުގައި ދެ މަރުޙަލާއެއްވޭ. ނުވަތަ ޢިމާރާތް ކުރުމުގެ ދެކަމެއްވޭ. އެއްކަމަކީ، މާއްދީގޮތުން ޢިމާރާތް ކުރުން. އެކަމަށް ކުރަންވީ ހޭދަތައްކޮށް، ކުރަންވީ މަސައްކަތްތައްކޮށް، ރާނައި، އުވަޖަހައި، ހިޔާކޮށް، މިބާވަތުގެ މާއްދީ ކަންތައްތައް ކުރުން. އޭގެފަހުގައި މަޢުނަވީގޮތުން ނުވަތަ ރޫޙާނީގޮތުން މިސްކިތް ޢިމާރާތް ކުރުން އަދި އެއީ މާ މުހިންމު ކަމެއް. އާދެ، މަޢުނަވީގޮތުން މިސްކިތް ޢިމާރާތް ކުރުމޭ މި ދަންނަވަނީ، އެ މިސްކިތް ދިރުވައި، މިސްކިތުގައި ނަމާދު ޤާއިމުކޮށް، މިސްކިތުގައި ކުރަން އަންގަވައިފައިވާ ކަންތައްތައް ކުރުމުގެ މާނައިގައި.

އާދެ، اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ.] [ހަމަކަށަވަރުން މިސްކިތް ދިރުވައި، އެ މިސްކިތުގައި ނަމާދު ޤާއިމުކޮށް، އެ މިސްކިތުގައި ކުރަން ހުންނަ ހެޔޮ ޢަމަލުތައްކުރާ މީހުންނަކީ اللّـه سبحـانـه وتعـالى އަށް އީމާންވެ ތިބޭ މީހުންނޭ. އަދި އާޚިރަތް ދުވަހަށް އީމާންވެ ތިބޭ މީހުންނޭ.] އެހެންވީމާ، މިސްކިތް ޢިމާރާތް ކުރުމުގެ އެއްބައި މިއަދު ފާއިތުވެގެން ގޮސްފައިވި ކަމުގައިވިޔަސް، އޭގެ އެންމެ މުހިންމު ބައި މިއޮތީ މިއަދުން ފެށިގެން އަޅުގަނޑުމެންގެ ކުރިމަތީގައި. އެއީ މަޢުނަވީ ގޮތުން، ރޫޙާނީގޮތުން މިސްކިތް އިމާރާތް ކުރުން، މިސްކިތް ދިރުވުން، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ޤާއިމުކުރުން.

އާދެ، އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އަދި ނަޞޭޙަތަކީ، މިރަށުގެ ހުރިހާ ރައްޔިތުންވެސް މިސްކިތް ދިރުވުމަށްޓަކައި، މިސްކިތް މަޢުނަވީގޮތުން ޢިމާރާތް ކުރެއްވުމަށްޓަކައި މިއަދުން ފެށިގެން ވަރަށް ފަރުވާތެރިކަމާއެކު ޢަމަލުކުރައްވަމުން ގެންދެވުން. މިސްކިތެއް ތަނެއްގައި ހުޅުވުނު ކަމުގައިވިޔަސް، އެ މިސްކިތުން އަޅުގަނޑުމެންގެ ޖަމާޢަތަށް ލިބެންވާ ދީނީ ހިދާޔަތުގައި ލިބެންވާ ފައިދާތައް ލިބޭނީ، އެ މިސްކިތް އެ ހުޅުވުމުގެ މަޤްޞަދު އަޅުގަނޑުމެން ޢަމަލީގޮތުން ހާސިލުކޮށްގެން. އާދެ، އެހެންވީމާ، މިރަށުގެ ހުރިހާ ރައްޔިތުންވެސް ވަގުތުންވަގުތަށް މިސްކިތަށް ވަޑައިގެން، މިސްކިތުގައި ޖަމާޢަތުގައި ނަމާދު ޤާއިމުކުރެއްވުމަށް އަޅުގަނޑު ނަޞޭޙަތްތެރިވެ އިލްތިމާސް ކުރަން.

އާދެ، އެގޮތުގެ މަތިން އަޅުގަނޑުމެންގެ ކަންތައްތައް ކުރަމުންގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ އެހެން މަސައްކަތްތަކުގައިވެސް اللّـه سبحـانـه وتعـالى ބަރަކާތް ލައްވައި، އެކުރާ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ދައްކަވާނެ. އާދެ، އަޅުގަނޑު ވަރަށް އުފާކުރަން، މިއަދު ދަރަނބޫދޫއަށް އައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި. މީގެކުރިންވެސް މިރަށަށް އަޅުގަނޑު އައިސްފައިވާނެ. އަދި މިރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައިފައިވާނެ. މިއަދު އޭގެ އިތުރު ފުރުޞަތު ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، اللّـه سبحـانـه وتعـالىގެ ކިބަޔަށް ޙަމްދާއި ޝުކުރު ކުރަން.

އަޅުގަނޑުގެ އެދުމަކީ، ދަރަނބޫދޫގެ ރައްޔިތުންނަށް މިއަދަށްވުރެ ފެހި މާދަމައެއް اللّـه سبحـانـه وتعـالى ދެއްކެވުން. ދަރަނބޫދޫއަށާއި، އަދި މިއަތޮޅަށާއި އަދި މުޅި ރާއްޖެއަށްވެސް މިހާރަށްވުރެ ހުރިހާ ގޮތަކުންވެސް ތަނަވަސް މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދެއްކެވުން.


والسّلام عليكم ورحمـة اللّـه وبركاته.