السّلام عليكم ورحمـة اللّـه.

މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އޭގެފަހުގައި ވަންދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ފާޅުކުރެއްވި މަރުޙަބާގެ ޝުޢޫރުތަކަށްޓަކައި ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން.

ވަންދޫއަކީ މާގިނަ މީހުން އުޅޭ ރަށެއްނޫން. އެހެންނަމަވެސް މި ރަށުގައިވެސް އެކަށީގެންވާ ގޮތަކަށް ކަންތައްތައް ރޭވި ކުރިޔަށްދާކަމަށް ފެނޭ. ޚާއްޞަކޮށް ތަޢުލީމުގެ ކަންތައްތައް ކުރިޔަށްދާކަމަށް ފެންނާތީ އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުމެންގެ މުސްތަޤުބަލު ބިނާވެފައި އޮންނާނީ ތަޢުލީމުގެ މައްޗަށް. ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބިނާވާނީ އެޤައުމެއްގައި އޮންނަ ތަޢުލީމެއްގެ މައްޗަށް. އެއީ ތަޢުލީމު ހާސިލުކުރާ ކުދިން މުސްތަޤުބަލުގައި އެކި ކަންކަމާ ހަވާލުވެ ތިބޭނީ. އެމީހުން ބޮޑެތިވެ، ޒުވާނުންނަށްވެ، ނުވަތަ ހަރުމީހުންނަށް ވުމަށްފަހު. އެހެންވުމާއެކު އެއްވެސް ޤައުމެއް ތަރައްޤީވަމުންދާނީ އެޤައުމެއްގެ ދަރިންނަށް ތަޢުލީމު ހާސިލު ކޮށްދެވުނު މިންވަރަކުން.

އާދެ، މި ރަށުގައި ހިނގަމުންދާ މަކްތަބު މިއީވެސް މިހާރު ދުވަސްކޮޅެއް ވެއްޖެތަނެއް. އެހެންވީމާ، އެ މަކްތަބު އެކަށީގެންވާ ގޮތަކަށް ހިނގާކަމަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރަން. އަދި އެއިން ދޭހަވާ އެއްޗަކީ ވަންދޫގެ ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމާ ދޭތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަން. އާދެ، ރާއްޖެތެރެ ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑު ހިތުން ވަންދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެއީ ރާއްޖެތެރެވަނީ ހުރިހާ ރޮނގަކުންވެސް ކުރިޔަށް ގެންދަން ބޭނުންވެފައި. އިޞްލާޙުކުރަން ބޭނުންވެފައި. ރާއްޖެތެރޭގެ ކޮންމެ ރަށަކަށްވެސް ވަރަށް ގިނަ ކަންތައްތައް ބޭނުންވޭ. ވަރަށް ގިނަ ދަތިތައް ރާއްޖެތެރޭގެ މީހުންނަށް ކުރިމަތިވެފައިވޭ. އެދަތިތައް ފިލުވައިދީ އަދި ކުރިޔަށް ދެވޭނެމަގު ސަރުކާރުގެ ފަރާތުން ތަނަވަސްކޮށްދިނުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އެބަގެންދޭ. އެ ކަންތައްތައް ކުރަމުން މިހާރު މިގެންދަނީ ރާއްޖެތެރެ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ މަޝްރޫޢެއްގެ ދަށުން. އެމަޝްރޫޢުގައި ރާއްޖެތެރެއަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ރަނގަޅުކޮށްދިނުން ހިމެނިފައިވޭ. މިސާލަކަށް ބައެއް ރަށްރަށުގެ ފަޅު ކޮނުން، ނެރު ގޮއްވުން. އެއީ އެ ރަށްރަށަށް ލަފާފުރާ އުޅުމުގައި މަސްވެރިންނަށާއި އަދި ޢާންމުކޮށް ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމަކަށްވާތީ. އަދި އެކަމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑު ހުރަހެއްއެޅޭތީ. އެކަންތައްތައް ރަނގަޅު ކޮށްދިނުންވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. އެއީ ވަންދޫގެ ރައްޔިތުންނަށް މާބޮޑަށް އިހުސާސްކުރެއްވޭނެ ކަމެއްނޫން. މި ރަށަކީ ވަރަށް ފަޅު ބޮޑު، ވަރަށް ރަނގަޅު ފަޅެއް އޮންނަ، ފަސޭހަ ރަށެއް. އެހެންވީމާ، އެ، ބައެއް ރަށްރަށުގައި އެކަން ހުންނަ ދަތިކަން މި ރަށުގެ ރައްޔިތުންނަށް މާބޮޑަށް އިހުސާސް ނުކުރެއްވި ހިނގައިދާނެ. އެހެންނަމަވެސް މި އަތޮޅުގައިވެސް އެބާވަތުގެ ވަރަށް ގިނަ ރަށް އެބަހުރި.

އާދެ، ހަމައެފަދައިން، ރަށްރަށުގައި ކުރަންޖެހިފައި ހުންނަ ތަފާތު ކަންތައްތައް. މިސާލަކަށް، މިސްކިތް ބާވެ ހަލާކުވެ، ވީރާނާވެފައި ހުންނަ ތަންތާނގައި އަލުން މިސްކިތްތައް އަޅައިދިނުން. ރަށްރަށުގެ ރަށު އޮފީސްތައްވެސް ހަލާކުވެފައި ހުންނަ ތަންތާނގައި އަލުން އޮފީސް އަޅައިދިނުން. ނޫނީވިއްޔާ އެހުންނަ އޮފީހެއް މަރާމާތު ކޮށްދިނުން. އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން. އެމީހުންގެ މުސާރަ ހަމަޖައްސައިދިނުން. އަދި ކޮންމެ އަތޮޅެއްގައި، އަޅުގަނޑު ކުރިން އިޝާރާތްކުރި ތަޢުލީމުގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ހިންގާ މަދަރުސާއެއް ހުޅުވައި، އެމަދަރުސާ ހިންގުން. ހަމައެފަދައިން، އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުން ނަންދެވިފައިވާ މަދަރުސާތަކެއްވެސް ކޮންމެ އަތޮޅެއްގައި އޭގެ މަދަރުސާއެއް ހުޅުވައި ހިންގުން. މިކަހަލަ ވަރަށް ގިނަ ކަންތައްތައް މިހާރު ކުރެވެމުން އެބަދޭ. އެހެންވީމާ، އެބާވަތުގެ ކަންތައްތައް ސަރުކާރުން ކުރަމުންދާތީ، ރައްޔިތުންގެ ފަރާތުން އެކަންކަމަށް ލިބެންވާ ތަރުޙީބާއި އެއްބާރުލެއްވުން ލިބުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް. ސަރުކާރުން މަދަރުސާތައް ހުޅުވައި، ހިންގި ކަމުގައިވިޔަސް، ރައްޔިތުންގެ އެއްބާރުލެއްވުން އެކަމުގައި ނުހިމެނޭ ކަމަށްވަންޏާ، އެކަމުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ. މިދެންނެވި މަޝްރޫޢުގެ ދަށުން މިބާވަތުގެ ކަންތައްތައް ކުރަމުންދާއިރު އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމަށްވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތްތައް. އެމަސައްކަތްތައް އިތުރުކޮށް، އެމަސައްކަތްތައް ކުރުމުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރަން ބޭނުންވޭ.

ވަންދޫއަކީވެސް މަސްވެރި ރަށެއް. މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށް އެއީ މަސްވެރި ރަށްރަށް ކަމުގައި ބެލޭ. އެރަށްރަށުގެ ރައްޔިތުންގެ އެންމެ ގިނަ މީހުން ކުރާ މަސައްކަތަކީ މަސްވެރިކަން ކަމަށްވެފައި، އެމީހުންގެ ދިރިއުޅުން ބިނާވެފައިވަނީ އެކަމުގެ މައްޗަށް ކަމަށްވާތީ. އެހެންވީމާ، މި ރަށުގެ ރައްޔިތުންވެސް މަސްވެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވަންޖެހޭ. އަދި ދެއްވަމުން ގެންދަވާކަންވެސް އެނގޭ. މަސްވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށް މަސައްކަތް ކުރަމުންގެންދޭ. އެމަސައްކަތްތައްވެސް މިރަށުގެ ރައްޔިތުންނަށް ވަންހަނާވެގެނެއްނުވާނެ. މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. އަދި އެނޫން ގޮތްގޮތުންވެސް މަސްވެރިކަން ކުރިއެރުވުމަށާއި، މަސްވެރިންނަށް އިތުރު ފަސޭހަތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންގެންދޭ. އެކަންކަމުގައިވެސް ރައްޔިތުން އެއްބާރުލެއްވުމަކީ ކޮންމެހެން ބޭނުންކަމެއް. ސަރުކާރުން އަދި މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިން ކަމުގައިވިޔަސް، އެދޯނިފަހަރު މަހަށް ނުފުރާ ކަމަށްވަންޏާ އެއިން މަސްވެރިކަމަށް ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންވީމާ، ސަރުކާރުން އެފަށާ ކަންތައްތައް، އެކަށީގެންވާ ނަތީޖާއަކާ ހަމައަށްދާނީ ރައްޔިތުން އެކަމުގައި ބައިވެރިވެވަޑައިގެންނެވި މިންވަރަކުން ކަމަށްވާތީ، ރައްޔިތުންގެ އެއްބާރުލުން އެފަދަ ކަންކަމަށް ކޮންމެހެން ބޭނުންވަނީ.

މަސްވެރިކަން ތަރައްޤީކޮށް، އަދި މަހަށްދާ މީހުންނަށް ކަންތައްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖެތެރޭގައި އިންޖީނުދޯނިފަހަރު ގެންގުޅޭ ފަރާތްތަކަށް ބޭނުންވާ އަދަދަށް ތެޔޮލިބޭނެ އިންތިޒާމުވެސް މިހާރުވަނީ ސަރުކާރުން ހަމަޖައްސައިފައި. ކޮންމެ އަތޮޅެއްގެވެސް ބައެއް ރަށްރަށުގައި ތެޔޮ ތާނގީތައް ބަހައްޓައިގެން އެތާނގީތަކުން އެދޯނިފަހަރަށް ތެޔޮލިބޭ. އެގޮތަށް މިރަށުގައިވެސް ތާނގީތައް މިހާރު ބެހެއްޓިފައި އެބަހުރި. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. އޭރުން އޭގެފަހުން ބޯޓެއް ނެތުމުން އެވާ ދައްޗެއް ވާކަށް ނުޖެހޭނެ. މަހަށް ފުރަން ކޮންމެ ދުވަހަކުވެސް ބޭނުންވަންޏާ، ފުރޭގޮތަށް އޮންނާނީ. އެހެންވީމާ، މަހަށް ފުރުމަށް ޚާއްޞަ ސަމާލުކަމެއްދިނުން އެއީ ކޮންމެހެން ބޭނުންކަމެއް. މަސްވެރިކަން އެދެވޭ ގޮތެއްގައި ކުރިޔަށްދާނީ އެކަމަށް މަސައްކަތް ކުރެވިގެން. މަސްވެރިކަން ފިޔަވައި ދެންކުރާ މަސައްކަތްތައްވެސް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ގެންދެވޭތޯ ބަލަންވާނެ. އެއީ މަސްވެރިކަން ނުހުންނަ ދުވަސްވަރު، މިސާލަކަށް މިރަށުގައި އަޅުގަނޑަށް އެނގިފައިވާގޮތުގައި އިރުވައިގައި މާބޮޑު މަސްވެރިކަމެއް ނޯވޭ. އެހެންވީމާ، އެދުވަސްކޮޅު ކުރާނެ އެހެން މަސައްކަތްތަކެއްވެސް ހުންނަންޖެހޭނެ. އެއީ އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެމަގެއް ފެންނާނީ އޭރުން. ހަމައެކަނި މަސްވެރިކަމުގެ މައްޗަށް ހުރިހާކަމެއް ހުއްޓައިލައިގެން ތިބުމަކީ ބުއްދިވެރިކަމެއް ނޫން. އޭގެއިތުރުން ރަށުގައި ތިބެގެން ކުރެވެންހުރި އެހެން ބާވަތުގެ ކަންތައްތައް ހުރިކަމަށްވަންޏާ އެކަންތައްތައްވެސް ކުރަންވާނެ. އަދި ޚާއްޞަކޮށް މަހަށް ނުދާމީހުންނާއި އަންހެނުން ކުރާ މަސައްކަތްތަކެއް ހުންނަންވާނެ. އޭރުން އެމީހުންގެ އާމްދަނީ އިތުރުވާނީ. އެމީހުންގެ ދިރިއުޅުންވެސް ތަނަވަސް ވަމުންދާނީ. އަދި ޙަޤީޤަތުގައި މުޅިރަށްވެސް ކުރިޔަށްދާނީ ތަފާތު ގިނަ ކަންތައްތައް ކުރެވޭ ކަމަށްވަންޏާ. އެހެންވީމާ، މަސްވެރިކަން ކުރިޔަށް ގެންދިއުމަށްކުރާ މަސައްކަތްތަކުގެ އިތުރަށް، ރަށުގައި ތިބެގެން ކުރެވެންހުރި އެހެން މަސައްކަތްތައްވެސް ކުރިޔަށް ގެންދިއުމަށް އަޅުގަނޑު ވަރަށް ބޮޑަށް ނަޞޭޙަތްތެރިވަން.

އާދެ، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި މަސައްކަތްތައް އިތުރުކޮށް، އެއިން ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބަލަމުންދާއިރު އަޅުގަނޑުމެންގެ މެދުގައި އެކަށީގެންވާ ރަނގަޅު ގުޅުންތަކެއްވެސް އޮންނަންވާނެ. އަޅުގަނޑުމެންގެ މެދުގައި އެއްބަނޑު އެއްބަފާކަމާއި، އެހީތެރިކަން ފެތުރިފައި އޮންނަންވާނެ. އެއީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ. އަދި އަޅުގަނޑުމެންނަކީ އެއްޤައުމެއްގެ ރައްޔިތުން ކަމަށްވާތީ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެކުވެރިކަމާއި ހަމަޖެހުން. އެންމެންވެސް، ކޮންމެ މީހަކުވެސް އެހެންމީހުންގެ ކަންތައްތަކަށް ޙުރުމަތްތެރިކޮށްހިތައި، އެހެން މީހުންނަށް ކަމޭހިތައި، އަދި އެމީހާގެ ފަރާތުން އެހެން މީހުންނަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވާގޮތަށް ކަންތައްތައް ކުރަންވާނެ.

އާދެ، އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ލައްވައިފައިވަނީ اللّـه سبحـانـه وتعـالى. އެހެންވީމާ، އެކަން ވަރަށް ރަނގަޅަށް ޤަބޫލުކޮށްގެން، އަޅުގަނޑުމެންގެ ބަސްތަކާއި ޢަމަލުތައް ބަހައްޓަންވާނީ، އެ މަތިވެރި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން. އިސްލާމީ އުޚުވަތްތެރިކަމުގެ މަތިވެރި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، އެންމެންނަކީވެސް އެއްބަނޑު އެއްބަފާ ބައެއް. އެހެންވީމާ، ކޮންމެ މީހަކުވެސް އެހެންމީހުން ދެކެންވާނީ ތިމާގެ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި. އެހެން މީހުންނަށް ދަތިވާކަހަލަ، އެހެން މީހުންނަށް އުނދަގޫވާކަހަލަ، އެހެންމީހުންގެ ޙައްޤަކަށް އަރައިގަނެވޭކަހަލަ އެއްވެސް ކަމެއް އެއްވެސް މީހަކު ކޮށްގެންނުވާނެ. އަޅުގަނޑުމެން އެކުވެރި ބައެއްގެގޮތުގައި ކަންތައްތައް ކުރަމުންގެންދާ ކަމަށްވަންޏާ އެއްވެސްކަހަލަ ހަމަނުޖެހުމެއް ނުއުފެދޭނެ. އެއްވެސްކަހަލަ ފިތުނަވެރިކަމެއް، ރުޅިވެރިކަމެއް ރަށަކު ނޯންނާނެ. އޭރުން ހަމަޖެހޭ ބާއްޖަވެރި، އަދި އުފާވެރި ޙަޔާތެއް އަޅުގަނޑުމެންނަށް ފެންނާނެކަމާމެދަކު ޝައްކެއްނެތް. އެއާ ޚިލާފަށް އެއްބަޔަކު އަނެއްބަޔަކާ ދޭތެރޭގައި އެކަށީގެންނުވާ ގޮތަށް ޢަމަލުކުރަމުންދާ ކަމަށްވަންޏާ ދާދި އަވަހަށް ފިތުނަތައް އުފެދެން ފަށައިފާނެ. ހަމަނުޖެހުންތައް އުފެދެން ފަށައިފާނެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކަންތައްތަކަށް އެކަށީގެންނުވާ ދެރަތަކެއް ލިބެންފަށައިފާނެ. ކިތަންމެ މަސައްކަތެއް، ކުރިޔަށް ދިޔުމަށްޓަކައި ކުރި ކަމުގައިވިޔަސް، އެމަސައްކަތްތަކުގެ ނަތީޖާ އޭރަކުން އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ވަންދޫގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވަންވާނެ. އަޅުގަނޑަށް މިހާރުވެސް އެނގޭ، ވަންދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ރަނގަޅު ބައެއްކަން. އެހެންނަމަވެސް ފަހަރެއްގައިވެސް އެބާވަތުގެ ކަމެއް ދިމާވެދާނެތީ އަޅުގަނޑު މި ނަސޭހަތްތެރިވަނީ، އެންމެންވެސް އަބަދުވެސް އެކަންކަމަށް ރައްކާތެރިވެ ވިސްނުން ބެހެއްޓުމަށް. ހުރިހާ އެންމެންވެސް އެކުވެރިވެގެން އެއްބާރުލައިގެން ކަންތައްތައް ކުރިޔަށްގެންދެވޭތޯ ބެލުމަށް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، ވަންދޫގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމުން. އަޅުގަނޑު މިއަދު މިރަށަށް މިއައިއައުން ފާހަގަކުރެއްވުމަށްޓަކައި ރަށުތެރެ ތައްޔާރު ކުރައްވައިފައިވާލެއް ފުރިހަމަކަމާއި، އަދި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔަ މަރުޙަބާގެ އިޚުލާޞްތެރި ޝުޢޫރުތަކަށްޓަކައި، އަޅުގަނޑު އެދެނީ ވަންދޫއަށް މިއަދަށްވުރެވެސް ތަނަވަސް، ބާއްޖަވެރި، އުފާވެރި މުސްތަޤުބަލެއް ﷲ ދެއްކެވުން. އަދި ވަންދޫގެ ރައްޔިތުން، އެމީހުންގެ ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި އެކަލާނގެ ހެޔޮ ތައުފީޤު ލެއްވުން.

والسّلام عليكم ورحمـة اللّـه.