بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މި ޖަލްސާއަކީ ދެންމެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އެ ވިދާޅުވި ފަދައިން، މަގޫދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް، [މަސްޖިދުއްނަޖާޙު] ހުޅުވުމުގެ ޖަލްސާ.

އާދެ، މިއަދަކީ، ދެންމެ ހަމަ އެމަނިކުފާނު އެ ވިދާޅުވިފަދައިން، މިއަތޮޅުގައި ދެ މިސްކިތެއް ހުޅުވުނު ދުވަހެއް. އަޅުގަނޑުގެ ހަނދާނަށް އަންނަނީ، މީގެ ތިން އަހަރުގެ ކުރީގެ ދުވަހެއް. 1979 ވަނަ އަހަރުގެ މާޗް މަހުން 1 ވަނަ ދުވަސް. އެދުވަހަކީ ރާއްޖެތެރޭގައި ދެ މަދަރުސާއެއް ހުޅުވުނު ދުވަސް. އެދުވަހު ހެނދުނު ނ. އަތޮޅު މަނަދޫގައި، އެ އަތޮޅު މަދަރުސާ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. ހަމަ އެދުވަހު ހަވީރު ހދ. ކުޅުދުއްފުށީގައި އަތޮޅު ތަޢުލީމީ މަރްކަޒު، އޭރު ކިޔާގޮތުންވިއްޔާ، ކޮމިއުނިޓީ ސްކޫލް ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބުނު. އެހެންވީމާ، އަޅުގަނޑަށް ދެންނެވެން އަންނަނީ، މި ދެމުނާސަބަތަކީ، ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ ދެ މުނާސަބަތޭ.

އާދެ، މިސްކިތާއި މަދަރުސާއާ، މިއީ، އަޅުގަނޑުމެންގެ ތަރައްޤީގައި ވަރަށް ބޮޑަށް ގުޅިފައި އޮންނަންޖެހޭނެ ދެތަނެއް. މިސްކިތަކީ ދީނަށް ރަމްޒުކޮށްދޭ ތަނެއް. މަދަރުސާއަކީ، ތަޢުލީމަށް ރަމްޒުކޮށްދޭ ތަނެއް. އަޅުގަނޑުމެންގެ ތަރައްޤީގައި ދީނާއި ތަޢުލީމު އަދާކުރަނީ ވަރަށް މަތިވެރި ބައެއް. އެ ދެބައި ފުރިހަމައަށް ގެންދެވިގެން ނޫނީ، އަޅުގަނޑުމެންނަށް ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަކަށް ނުގެންދެވޭނެ. އާދެ، ތަޢުލީމު ބިނާވެފައި ވާންވާނީ ދީނުގެ މައްޗަށް. ދީނުގައި ހިމެނިގެންވާ މަތިވެރި އުސޫލުތައް އެއީ އޭގެ އަސްލު ކަމަށް ބަލައިގެން. ހަމައެފަދައިން، ދީން އަޅުގަނޑުމެންނަށް ރަނގަޅަށް އޮޅުންފިލާނީ، އަޅުގަނޑުމެންނަށް ތަޢުލީމު ލިބިފައި ތިބި މިންވަރަކުން. އެހެން މި ދަންނަވަނީ ދުނިޔޭގެ ވަރަށްގިނަ މުޖުތަމަޢުތަކުގައި ތަޢުލީމީ ފެންވަރު ދަށް ކަމުގައިވަންޏާ، ދީނުގެ ކަންތައްތައް އެ މުޖުތަމަޢުގެ މީހުންނަށް އޮންނަނީ އޮޅިފައި ކަމަށްވާތީ. އެއީ ހަމައެކަނި އިސްލާމީ ޖަމާޢަތްތަކުގައެއް ނޫން. ޣައިރު އިސްލާމީ ޖަމާޢަތްތަކުގައިވެސް، އެތަންތާނގައި ތަޢުލީމީ ފެންވަރު ދަށްކަމަށްވަންޏާ، އެތަންތާނގެ މީހުންނަށް، އެމީހުންގެ ދީން އޮންނަނީ އޮޅިފައި. އަޅުގަނޑުމެންގެ މުސްލިމުންނަށްވެސް ވަނީ އެހެން. ތަޢުލީމީ ފެންވަރު އެދެވޭ ދަރަޖައަކަށް ކުރިއަށް ނުދާނަމަ، ދީނުގެ އުސޫލުތައް އަޅުގަނޑުމެންނަށް މާރަނގަޅަކަށް ސާފުވެފައެއް ނޯވޭ. ދީނުގައި ނުހިމެނޭ ކަންތައްތައް، އަޅުގަނޑުމެންނަށް އެއީ ދީނުގެ ކަންތައްތަކޭ ހީކުރެވޭތަންވެސް އާދޭ.

އެހެންވީމާ، ދީނާއި ތަޢުލީމާ ހުރި ގުޅުން އެއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ފާހަގަކުރަންޖެހޭ ގުޅުމެއް. ހަމައެފަދައިން، މަދަރުސާއާއި މިސްކިތާ އެދެމެދުގައި ހުރި ގުޅުން އެއީވެސް އަޅުގަނޑުމެން ވަރަށް ޚާއްޞަގޮތެއްގައި ގަބޫލުކުރަންޖެހޭ ގުޅުމެއް. ކޮންމެއަކަސް އަޅުގަނޑު ދެންމެ މި އިޝާރާތް ކުރި ފަދައިން، މިސްކިތަކީ ދީނަށް ރަމްޒުކޮށްދޭ ތަނެއް. އެއީ ދީނުގެ ހިދާޔަތު އަޅުގަނޑުމެންނަށް ގެނެސްދޭ އެންމެ ފުރަތަމަ ތަން. މަދަރުސާއަކީ ތަޢުލީމުގެ ނޫރު އަޅުގަނޑުމެންގެ މުޖުތަމަޢަށް ފަތުރައިދޭ ތަން. އެހެންވީމާ، މިކަހަލަ މަރުކަޒުތައް، ދީނީ މަރުކަޒުތަކާއި ތަޢުލީމުދޭ މަރުކަޒުތައް ރާއްޖޭގައި ގިނަވެގެން ނޫނީ ރާއްޖެތެރެ ތަރައްޤީއެއް ނުކުރެވޭނެ. އެއީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި މިސްކިތްތައް ބިނާކުރުމަށާއި، މަދަރުސާތައް ޢިމާރާތް ކުރުމަށް އެހާބޮޑު އަހަންމިއްޔަތެއް ދެވިފައިވާ ކަމަކީ.

އާދެ، މަޣްރިބު ނަމާދުގެ ވަގުތު ވަރަށް އަވަހަށްޖެހޭނެތީއާ އެކުގައި މި ފުރުޞަތުގައި އަޅުގަނޑަށް މާދިގުކޮށް ވާހަކަ ދެކެވޭކަށް ނެތް. ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން މިރަށުގެ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އެއީ މި މިސްކިތަކީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރެވުނު މިސްކިތެއް ކަމުގައިވިޔަސް، މިސްކިތާބެހޭ ހުރިހާ މަސައްކަތެއް ކުރެއްވީ މިރަށުގެ ރައްޔިތުން ކަމަށްވާތީ.

އަޅުގަނޑު ދަރަނބޫދޫގައި މީގެ ތިންގަޑިއެއްހާއިރު ކުރިން، އެރަށުގައި މިއަދު ހުޅުވުނު [މަސްޖިދުއްދިފާޙު] ހުޅުވައިދިނުމުގެ ޖަލްސާގައި ބުނި ފަދައިން، މިސްކިތް ޢިމާރާތް ކުރުމުން އެއީ އަޅުގަނޑުމެން މިސްކިތާ ދޭތެރޭގައި ކުރަންވީ ހުރިހާ ކަމެއް ކޮށް ނިމުނީ ކަމުގައި ބަލައިގެންނެއްނުވާނެ. އެއީ އޭގެ ފެށުން. އޭގެފަހުގައި ރޫޙާނީގޮތުން މިސްކިތް ދިރުވުން، އަޅުގަނޑުމެންގެ އެންމެ މުހިންމު މަޤްޞަދަކަށްވާންޖެހޭނެ ކަމަކީ. އާދެ، ހަމައެކަނި މިސްކިތެއް ޢިމާރާތް ކުރިޔަސް، އެއިން އަޅުގަނޑުމެންނަށް ލިބެންވާ ރޫޙާނީ، ދީނީ ފައިދާތަކެއް ނުލިބޭނެ. އެފައިދާތައް އަޅުގަނޑުމެންނަށް ހާސިލުވާނީ، އެ މިސްކިތުގައި اللّـه سبحـانـه وتعـالى ކުރަން އަންގަވައިފައިވާ ކަންތައްތައް ކޮށްގެން. ގަޑިންގަޑިއަށް ކޮންމެ ވަގުތެއްވެސް ޖެހުމުން، އެ ވަގުތުގެ ނަމާދު މިސްކިތުގައި ޤާއިމުކޮށް އަދި އެނޫންވެސް ކަންތައްތައް، މިސްކިތުގައި ކުރަން ހަމަޖެހިފައި ހުންނަ ކަންތައްތައް ކޮށްގެން.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އަދި އިލްތިމާސަކީ، މިއަދު މިރަށުގައި މި ހުޅުވޭ މިސްކިތް، ރޫޙާނީގޮތުން މިރަށުގެ ރައްޔިތުން ދިރުއްވަމުން، ޢިމާރާތް ކުރައްވަމުން ގެންދެވުން.

والسّــلام عليكم ورحمـة اللّـــه وبركاتــه.