بســم اللّـه الرّحمـن الرّحيــم

الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.

އަޅުގަނޑު ކޮޅުމަޑުލަށް މި ކުރާ ދަތުރުގައި މިއަދު އެންމެ ފުރަތަމަ މިއައި ރަށަކީ ދިޔަމިގިލި. އާދެ، ދިޔަމިގިލީގެ ރައްޔިތުންނަށް މި ފުރުޞަތުގައި އަޅުގަނޑުގެ އިޚުލާޞްތެރި ހެޔޮ އެދުންތަކާއި މަރުޙަބާ ރައްދުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް ކަމަށް ދެކެން. އަޅުގަނޑު ދިޔަމިގިއްޔަށް އައި އައުން ފާހަގަކުރެއްވުމަށްޓަކައި ރަށުގެ ރައްޔިތުންގެ ފަރާތުން ކުރައްވައިފައިވާ މަސައްކަތްތައް އެއީވެސް ވަރަށް އިޚުލާޞްތެރިކަމާއެކު ރައްޔިތުންގެ ހިތްތަކުގައި ދައުލަތާމެދު އުފެދިފައިވާ ޝުޢޫރުތައް ފާޅުކުރެއްވުމުގެގޮތުން ކުރައްވައިފައިވާ މަސައްކަތްތަކެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމާއެކު ދިޔަމިގިލީގެ ވެރިންނަށާއި، ރައްޔިތުންނަށް އެކަމަށްޓަކައިވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

ދިޔަމިގިއްޔަކީ ރަށުގައި އުޅޭ މީހުންގެ ޢަދަދަށް ބަލާއިރު، މާބޮޑު ރަށެއް ކަމުގައި ނުވިޔަސް، މި ރަށަކީ މި އަތޮޅުގެ ވަރަށް ޚާއްޞަ ރަށެއް. ހަމަ އެފަދައިން ރާއްޖޭގެ ތާރީޚުގައިވެސް ވަރަށް ޚާއްޞަގޮތަކަށް ފާހަގަކުރެވޭ ރަށެއް. އާދެ، މަޝްހޫރު [ދިޔަމިގިލީ ބަންޑާރައިން] އެއީ މި ރަށުގެ ބޭފުޅެއް. ރާއްޖޭގައި ރަސްކަންކުރެއްވި ދިޔަމިގިލީ ޢާއިލާގެ އެންމެ ފުރަތަމަ ރަދުން. އޭގެފަހުން ހަމަ އެ ޢާއިލާގެ ބައެއް އެހެން ބޭފުޅުންވެސް ރާއްޖޭގެ ރަސްކަން ކުރެއްވި. އެހެންވުމާއެކު ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ދިޔަމިގިއްޔަކީ ވަރަށް މަޝްހޫރު އަދި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. ކޮންމެއަކަސް އަޅުގަނޑުމެން މިއަދު ތަރައްޤީގެ މަގުގައި ކުރިޔަށް ފިޔަވަޅުތައް އަޅަމުންދާއިރު، ކޮންމެ ރަށެއްގައިވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެ ރަށަކީ ކުޑަ ރަށެއް ކަމުގައިވިޔަސް، ބޮޑު ރަށެއް ކަމުގައިވިޔަސް، މީހުން ގިނަ ރަށެއް ކަމުގައިވިޔަސް އަދި މީސްކޮޅު މަދު ރަށެއް ކަމުގައިވިޔަސް، ތާރީޚީގޮތުން ފާހަގަކުރެވޭ ރަށެއް ކަމުގައިވިޔަސް، އަދި ތާރީޚީ ގޮތުން މާބޮޑު ކަމެއް ކުރެވިފައި ނެތް ރަށެއް ކަމުގައިވިޔަސް، ރާއްޖޭގައި ހިމެނޭ ކޮންމެ ރަށެއްވެސް އެ ރަށަކުން އެ ޙިއްޞާކުރަންޖެހޭބައި ޙިއްޞާކޮށްގެން ނޫނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ތަރައްޤީގެ މަގުގައި ކުރިޔަކަށް ނުދާނެ. އެހެންވުމާއެކު އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައި، ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށްވެސް ނަޞޭޙަތްތެރިވަނީ ޤައުމު ކުރިޔަށް ގެންދިއުމަށް ކުރާ މަސައްކަތުގައި، އަދި އެ މީހުންގެ ރަށް ކުރިޔަށް ގެންދިއުމަށް ކުރާ މަސައްކަތުގައި އެންމެން ބައިވެރިވުމަށް. މިއަދު ޚާއްޞަ ގޮތަކުން ބަލާއިރު ރާއްޖެތެރެވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށް އިޞްލާޙުކުރަން ބޭނުންވެފައި. ރާއްޖެތެރޭގައި ކަންތައްތައް ހުރީ ވަރަށް ދެރަގޮތަކަށް. އެހެންވީމާ، އެކަންތައްތައް ރަނގަޅުކޮށް ރާއްޖެތެރޭގައި ހުރިހާ ކަމެއްވެސް އެކަށީގެންވާ ފެންވަރަކަށް ގެންދެވޭތޯ ބެލުމަކީ މިއަދު ދައުލަތުން ވަރަށް ބޮޑު އަހަންމިއްޔަތެއްދޭ ކަމެއްކަމުގައި ވަނީ ހަމަޖެހިފައި.

އާދެ، ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ތިން އަހަރު ދުވަހުގެ މަޝްރޫޢެއްވަނީ ރާވައިފައި. އަދި އެމަޝްރޫޢުގެ ދަށުން މިހާރުދަނީ މަސައްކަތް ކުރެވެމުން. އެ މަޝްރޫޢުގެ ދަށުން ވަރަށް ގިނަ ރަށްރަށަށް އެކިއެކި ކަންތައްތައް ކުރެވޭގޮތަށް ވަނީ ހަމަޖެހިފައި. ބައެއް ތަންތާނގައި މިސްކިތްތައް ބާވެ ހަލާކުވެފައިވުމުގެ ސަބަބުން އަލުން މިސްކިތް ބިނާ ކުރާގޮތަށް ވަނީ ހަމަޖެހިފައި. އަނެއްބައި ތަންތާނގައި ހުންނަ މިސްކިތްތައް އެއީ ބޭނުންކުރެވޭ ވަރަށް އަދި ހުރި ތަންތަން ކަމަށްވާތީ، މަރާމާތު ކުރާގޮތަށް ވަނީ ހަމަޖެހިފައި. ބައެއް ރަށްރަށުގައި ރަށު އޮފީސް އުފެއްދުން، ބައެއް އަތޮޅުތަކުގައިވެސް އަތޮޅުއޮފީސް މަރާމާތުކުރުން، ދެން ރަށުގެ އޮފީހަށާއި، އަތޮޅުއޮފީހަށް މުވައްޒަފުން އިތުރުކުރުން، އަދި ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން، ބައެއް ރަށްރަށުގެ ފަޅު އެއީ ވަރަށްދަތި، ފުރާ ދުއްވާ އެއްޗެއްސަށް ދަތިގޮތަކަށް އަދި ލަފާފުރާ މީހުންނަށް ވަރަށް ދަތިގޮތަކަށް އޮންނާތީ ފަޅުކޮނުން، ނެރުގޮއްވުން، މި ބާވަތުގެ ކަންތައްތައްވެސް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ.

އާދެ، ދިޔަމިގިއްޔަށްވެސް ބައެއް ކަންތައްތައް ކަނޑައެޅިފައިވޭ، އޭގެތެރެއިން އެއްކަމަކީ ދިޔަމިގިލީގައި ސަރުކާރުގެ ހަރަދުގައި އަލުން މިސްކިތެއް ޢިމާރާތްކުރުން. މިހާރު އެ މިސްކިތުގެ ބިންގާވަނީ އެޅިފައި. މަސައްކަތްވެސް ވަނީ ފެށިފައި. އެހެންވީމާ، މާލަސްތަކެއްނުވެ އެ މިސްކިތް ނިމޭނެކަމަށް ލަފާކުރެވޭ. ހަމައެއާއެކު މިރަށުގެ ފަޅަކީވެސް ވަރަށް ދަތި ފަޅަކަށްވާތީ ފަޅުކޮނުންވެސް އެ މަޝްރޫޢުގެ ދަށުން ކުރާގޮތަށް ވަނީ ހަމަޖެހިފައި. އެކަން ހަމަޖެހިފައި އޮންނަނީ ރައްޔިތުން މަސައްކަތްކުރާގޮތަށް. ސަރުކާރުން ހަރަދު ދޭ ގޮތަށް. އެކަމަށްޓަކައި މިހާރު ފައިސާވެސް ވަނީ ފޮނުވިފައި. އެހެންވީމާ، އެ މަސައްކަތްވެސް ހިނގަމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

ދެން އޮތީ ނެރުގޮއްވުން. އެއީ ރައްޔިތުންނަށް ކުރެވޭވަރުގެ ކަމެއް ނޫން. އެކަން ކުރާނީ ޚާއްޞަ ބަޔަކު، ޚާއްޞަ ސާމާނު ބޭނުންކޮށްގެން. އެމީހުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ފޯއްމުލަކުގައި. އެކަމަކީ އެއްފަހަރާ ހުރިހާ ތަނެއްގައި ކުރެވެން އޮތް ކަމެއްނޫން. ފަހަރަކު ތަނެއްގައި. އެހެންވީމާ ހަމަޖެހިފައިވާ އުސޫލުގެ މަތިން މުސްތަޤުބަލުގައި މި ރަށުގައިވެސް އެކަން ކުރެވޭގޮތަށްވާނީ ހަމަޖެހިފައި.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގައި އެންމެ ބޮޑު ސަމާލުކަމެއް ދެވިފައިވާ އެއްކަމަކީ ތަޢުލީމުދިނުން. އެއީ ރާއްޖެތެރޭގައި، ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ލިބޭނެ ފުރުޞަތުތަކެއް ކުރިން ހޯދިފައިނެތީ. ނެތުމުން ހަމަޖެއްސިފައިވާގޮތެއް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ހަރަދުގައި މަދަރުސާއެއް ހިންގާގޮތަށް، އަދި ކޮންމެ އަތޮޅެއްގައި އަތޮޅު ތަޢުލީމީ މަރުކަޒެއްވެސް ހިންގާގޮތަށް. އަދި ބައެއް އަތޮޅުތަކުގައި އެއަށްވުރެ އިތުރު މަދަރުސާވެސް ސަރުކާރުގެ ފަރާތުން ހިންގާގޮތަށް. އާދެ، އެއީ ތަޢުލީމަކީ އަޅުގަނޑުމެން މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްކަމަށްވާތީ. އަދި ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިޔަށް ދެވެން ނޯންނާނެތީ، ސަރުކާރުގެ ފަރާތުން ފަށައިފައިވާ މަސައްކަތްތަކެއް. އޭގެއިތުރުން ކޮންމެ ރަށެއްގައި އެ ރަށުގެ ފަރާތުން، ރަށުގެ ރައްޔިތުންގެ ފަރާތުންވެސް މަކުތަބެއް ހިންގެވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއް. ސަރުކާރުގެ ހަރަދުގައި ކޮންމެ ރަށެއްގައި މަކުތަބެއް ހިންގޭކަށް ނޯންނާނެ، މަދަރުސާއެއް ހިންގޭކަށް ނޯންނާނެ. ސަރުކާރުންވެސް ކަންތައް ކުރެވޭނީ ސަރުކާރުގެ ތަނަވަސްކަން ހުރި މިންވަރަކުން. އެހެންވީމާ، ސަރުކާރުގެ ތަނަވަސްކަން މިވަގުތު ހުރި މިންވަރުން ރާއްޖެތެރޭގެ ތަޢުލީމަށް ދަނީ ހަރަދުކުރަމުން. އޭގެއިތުރުން ރައްޔިތުން ކޮންމެވެސް ގޮތެއް ޖެހޭނީ ހޯއްދަވަން. ރައްޔިތުން މަކްތަބު އެކަށީގެންވާ ގޮތަކަށް ހިންގަވަމުން ގެންދަވާ ކަމަށްވަންޏާ ސަރުކާރުގެ ފަރާތުން އެކިއެކި ޢިނާޔަތްތައްވެސް ލިބެމުންދާނެ. އެގޮތުގެމަތިން މިހާރުވެސް ވަރަށް ގިނަ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުގެއެހީ ދަނީ ލިބެމުން. މެދުނުކެނޑި 10 އަހަރު ވެފައިވާ ތަންތަނަށް ސަރުކާރުގެއެހީ ލިބޭ. އަދި އެނޫން ތަންތަނަށްވެސް އެކި ބާވަތުގެ ޢިނާޔަތް ސަރުކާރުންދަނީ ވަމުން. ބައެއް ތަންތާނގައި ފުރާޅު ބާވެފައިވަންޏާ އެތާނގައި ޓިނުޖަހައިދިނުން، މުދައްރިސެއްގެ މުސާރަ ހަމަޖައްސައިދިނުން، ނުވަތަ ގޮނޑި، މޭޒު، ޑެސްކުފަދަ އެއްޗެތި ހޯދުމަށްޓަކައި ފައިސާގެ އެހީއެއްވުން. މިކަހަލަ ވަރަށް ގިނަ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ހިނގަމުންދާ މަދަރުސާތަކަށް، މަކުތަބުތަކަށް، ސަރުކާރުންވަމުން އެބަގެންދޭ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުންވެސް މިރަށުގައި ހިނގަމުންދާ، ދިޔަމިގިލީ މަކްތަބު މިހާރަށްވުރެ ރަނގަޅަށް ހިނގާނެ ގޮތަކަށް ވިސްނަވައިގެން އެންމެން އެއްބާރުލައިގެން އެކަން ކުރިޔަށްގެންދެވުން. އޭރުން އެތަން އެކަށީގެންވާ ގޮތަކަށް ހިނގަމުންދާ ކަމަށްވަންޏާ، ސަރުކާރުގެ ފަރާތުން އެކިއެކި ޢިނާޔަތްވެސް ލިބޭނެ.

އާދެ، ތަޢުލީމުގެ އިތުރަށް އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށް ވަނީ މަސައްކަތް ކުރަންޖެހިފައި. ރާއްޖޭގައި އެންމެ ގިނަ މީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. ދިޔަމިގިއްޔަކީވެސް މަސްވެރި ރަށެއް. އެހެންވީމާ، މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް އަޅުގަނޑު ހިތުން ވަރަށް ގިނަ ފަރާތްތަކަށް ވާނީ ރަނގަޅަށް ސާފުވެފައި. އެއާދޭތެރޭގައި މާދިގު ވާހަކަތަކެއް ދައްކާކަށް ނުޖެހޭނެ. އޭގެތެރެއިން އެއްކަމަކީ މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން. އެ ޕުރޮގުރާމު ހިނގަމުން އަންނަތާ އެތަކެއް ދުވަހެއްވެއްޖެ. މިހާރުވެސް އެ ޕުރޮގުރާމުގެ އާ ބުރަކަށް މިއޮތީ ތައްޔާރުވެފައި. އިތުރަށް އިންޖީނަށް އެދޭ މީހުން އިންޖީނަށް އެދުމުގެ ދޮރުވަނީ ހުޅުވިފައި. މިދިޔަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީއިން އިޢުލާނު ކުރައްވައިފައިވާނެ، ވަކި ފޯމެއްގައި އެ މަޢުލޫމާތުތައް ލިޔެފައި އެފޯމު މިނިސްޓްރީއަށް ފޮނުއްވީމާ އިންޖީނު ލިބެންހުރި މިންވަރަކުން ލިބެމުންދާގޮތަށް. ކޮންމެއަކަސް، އެއީވެސް މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތެއް. އަދި ކޮންމެ އަތޮޅެއްގައިވެސް ދެތިން ރަށެއްގައި ތެޔޮލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން. މި އަތޮޅުގައިވެސް އެކަންވަނީ ހަމަޖެހިފައި. ތާނގީތައް ފޮނުވައި، ތާނގީތައް ބެހެއްޓިފައި. އަދި ތެޔޮ ލިބުމުގެ އިންތިޒާމު މުޅިން ހަމަނުޖެހުނު ކަމުގައިވިޔަސް، އެއީވެސް މާ ލަސްތަކެއްނުވެ ހަމަޖެހޭނެކަމެއް. އޭރުން ތެލުގެ ދަތިކަންވެސް އެއީ މަސްވެރިން ނުވަތަ ދޯނިފަހަރު ދުއްވާ މީހުން އިހުސާސްކުރަންޖެހޭ ދަތިކަމަކަށް ނުވާނެ.

އާދެ، ސަރުކާރުން މަސްވެރިކަން ކުރިޔަށް ގެންދިއުމަށްޓަކައި ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ، އެ މަސްވެރިކަން ކުރާ މީހުން ސަރުކާރަށް އެއްބާރުދިން މިންވަރަކުން. މިސާލަކަށް، ދޯނިފަހަރުގައި ސަރުކާރުން އިންޖީނު ބަހައްޓައިދިނުމުން، އެއިން މަސްވެރިކަމަށް އެދެވޭ ތަރައްޤީއެއް ލިބޭނީ އެ މަސްދޯނިފަހަރު މަހަށް ފުރާ ކަމަށްވަންޏާ. ބައެއް ފަހަރަށް ބައެއް މީހުން މަސްވެރިކަން ފިޔަވައި އެހެން ކަންކަމުގައިވެސް ދޯނިފަހަރު ބޭނުންކުރޭ. އެއީ އެކަމަކު ގަވާއިދާވެސް ޚިލާފުކަމެއް. ވަރަށް ދެރަ ކަމެއް. އެ މީހުން ސަރުކާރާ ކޮށްފައިވާ އެގްރިމެންޓާވެސް ޚިލާފުކަމެއް. އޭގައި އޮންނާނީ ވަކި މުއްދަތެއް ވަންދެން މަސްވެރިކަންފިޔަވައި އެހެން އެއްވެސް ކަމެއްގައި ދޯނި ބޭނުންނުކުރާގޮތަށް. އެމީހުން އެއްބަސްވުމުން ސަރުކާރުން އިންޖީނު އެމީހުންނަށް ދެނީ. އަދި ވަކި އުސޫލެއްގެމަތިން ވަރަށް ފަސޭހަ ގޮތަކަށް އަގުދައްކާ ގޮތަށް ހަމަޖައްސައިދީފައި މިވަނީވެސް ވަކި މަޤްޞަދެއްގައި. އެއީ، މަސްވެރިކަން ކުރިޔަށް ގެންދިއުމަށް. އެހެންވީމާ، އިންޖީނު ދޯނިފަހަރުގެ ވެރިންވެސް އެ ދޯނިފަހަރު ބޭނުންކުރަންޖެހޭނީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހަމައެކަނި މަސްވެރިކަމުގައި. މަސްވެރިކަމުގެ ބޭނުމުގައި އެ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެގޮތަށް އެ ފަރާތްތަކުގެ އެއްބާރުލުން ލިބޭކަމަށްވަންޏާ، މަސްވެރިކަން ތަރައްޤީވާނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، އަޅުގަނޑު ނަޞޭޙަތްތެރިވަނީ، ސަރުކާރުން ވެދޭ އެހީތައް ރައްޔިތުން ޤަބޫލުކުރައްވައި، ރައްޔިތުން އެކަމުގައި އެއްބާރުލެއްވުން. ރައްޔިތުން އެއްބާރުލެއްވި މިންވަރަކުން އެކަމުގެ ފައިދާތައް އަޅުގަނޑުމެންނަށް ފެންނަމުންދަނީ.

އާދެ، މަސްވެރިކަމުގެ އިތުރުން ރާއްޖޭގެ ރައްޔިތުންކުރާ ތަފާތު އެހެން މަސައްކަތްތައްވެސް އެބަހުރި. ރަށްރަށުގައި ތިބެގެން ކުރެވޭ މަސައްކަތްތައް ވަޑާންކުރުން، ރޭނުން، ރޯނުވެށުން، މިކަހަލަ ކިތަންމެ ކަންތައްތަކެއް. ފަރުހިލުން، ރާއްޖެތެރޭގައި ކުރެވެމުންދޭ. އެބާވަތުގެ މަސައްކަތްތައްވެސް ކުރިޔަށްގެންގޮސް، އެއިންވެސް ލިބޭ އާމްދަނީއެއް އިތުރުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް. އެއީ ރަށުގައި ތިބޭ މީހުންވެސް ކުރާނެ ކޮންމެވެސް މަސައްކަތެއް އޮންނަންވާނެ. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ މިވަގުތު ހަމަޖެހޭކަމެއް ނޫން. އެއީ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދިރިއުޅުންވެސް ތަރައްޤީކުރަން. އަޅުގަނޑުމެންގެ ރަށްވެސް ތަރައްޤީކުރަން. ޤައުމުވެސް ތަރައްޤީކުރަން. އެހެންވީމާ، އެ ތަރައްޤީގެ މަގުގައި އަޅުގަނޑުމެންނަށްވެސް ކުރިޔަށްދެވޭނީ، އަފުރާދުންގެ ގޮތުގައިވެސް، ޤައުމުގެ ގޮތުގައިވެސް އެކަމަށް މަސައްކަތް ކުރެވުނު މިންވަރަކުން. އިޤްތިޞާދީ ކުރިއެރުން އެއީ ޤައުމުގެ ކުރިއެރުމުގެ އެންމެ ބޮޑު ބިންގާ. އިޤްތިޞާދީ ގޮތުން ކުރިޔަށް ނުގޮސް އެއްވެސް ޤައުމެއް ކުރިޔަކަށް ނުދާނެ. އެހެންވީމާ، އެކަމަށް ވިސްނައިގެން އަޅުގަނޑުމެންކުރާ މަސައްކަތްތައް އިތުރުކޮށްގެން، އެއީ މަސްވެރިކަން ކަމުގައިވިޔަސް އަދި އެނޫން ކަމެއް ކަމުގައިވިޔަސް، ކުރާ މަސައްކަތްތައް އިތުރު ކޮށްގެން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުވޭތޯ ބަލަންވާނެ. އޭގެ ފައިދާވެސް ލިބޭނީ އެ މަސައްކަތް ކުރާ ބަޔަކަށް. އާދެ، އަޅުގަނޑުގެ ނަޞޭޙަތަކީ އެއްވެސް މީހަކު އެއްވެސް މަސައްކަތެއްނުކޮށް ނުހުރުން. ކޮންމެ މީހަކުވެސް ކޮންމެވެސް ބާވަތެއްގެ މަސައްކަތެއް ކޮށްގެން ދިރިއުޅެމުން ގެންދިއުން. އާދެ، އޭރުން އަޅުގަނޑުމެންނަށް ކުރިޔަށްދެވޭނީ.

އާދެ، ހަމަ އެފަދައިން، އަޅުގަނޑުމެންގެ މެދުގައި އެކަށީގެންވާ ރަނގަޅު ގުޅުމެއް ބޭއްވުމަށްވެސް ސަމާލުކަންދޭންޖެހޭނެ. އަޅުގަނޑުމެންނަކީ މުސްލިމުން، އަދި އެއް ޤައުމެއްގެ އަހުލުވެރިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމުގެ ގުޅުމެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެއް. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ މެދުގައި އެކިބާވަތުގެ މައްސަލަތައް ހުރެގެނެއް ނުވާނެ. ހަމަނުޖެހުންތައް ހުރެގެން ނުވާނެ. އެކަހަލަ ކަމަކަށް ތަންދީގެންވެސް ނުވާނެ. އަޅުގަނޑުމެން ތިބެންވާނީ އަޚުންގެ ގޮތުގައި. ކޮންމެ މީހަކުވެސް ދެކެންވާނީ އެހެން މީހުންނަކީ އެމީހާގެ އަޚުންތަކެއްގެ ގޮތުގައި. ނުވަތަ އުޚުތުންތަކެއް ކަމުގައި. އަދި އެމީހާގެ ބަހާއި ޢަމަލުން އެކަން ކުރަންވާނީވެސް އެހެން މީހުންނަކީ ތިމާގެ އަޚުން ނުވަތަ އުޚުތުން ކަމުގައި ދެކިގެން. އެގޮތުގެ މަތިން އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ހުންނަންވާނީ، މިދެންނެވި މަތިވެރި އުސޫލުގެ މަތިން. އިސްލާމީ އުޚުއްވަތުގެ އުސޫލު ނިޔާކުރާގޮތުގެ މަތިން. އެންމެންނަކީ އެއްބަނޑު އެއްބަފާބައެއްގެ ގޮތުގައި ތިބެގެން، އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަމުން ގެންދަންވާނީ. އެގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެ. ރަށްވެސް ކުރިޔަށްދާނެ. އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުންވެސް ކުރިޔަށްދާނެ. ހަމަޖެހުމާއި އަމަންއަމާންކަމުގައި، އަދި ޞުލްޙަ މަޞްލަޙަތުގައި އުފާވެރިކަމާއެކު ކުރިޔަށް ދިޔުމުގެ މަގު އޭރުން އޮންނާނީ ތަނަވަސްވެފައި. އެއާ ޚިލާފަށް އަޅުގަނޑުމެންގެ މެދުގައި އެކިއެކި މައްސަލަތައް އުފެދި، ހަމަނުޖެހުން އުފެދި، ދެކޮޅުވެރިކަން އުފެދޭގޮތް ވެއްޖެއްޔާ، އަޅުގަނޑުމެންކުރާ އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް ނުފެންނާނެ. އެހެންވީމާ، މިދެންނެވި ނުކުތާތަކުގެ މައްޗަށް ދިޔަމިގިލީގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލު ކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ ދިޔަމިގިއްޔަށް މިއަދަށްވުރެ ތަނަވަސް މާދަމައެއް اللّـه سبحـانـه وتعـالى ދެއްކެވުން. އަދި ދިވެހިރާއްޖެއަށްވެސް ހުރިހާ ގޮތަކުންވެސް މިހާރަށްވުރެ ރަނގަޅު ބާއްޖަވެރި ތަނަވަސް މުސްތަޤުބަލެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.