بســم اللّـه الرّحمـن الرّحيــم
الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

ކޮޅުމަޑުލު ގުރައިދުއަށް އައިސް ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް އަޅުގަނޑަށް މި ލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. ގުރައިދޫގެ ރައްޔިތުން އުފަލާއެކު އަޅުގަނޑަށް މަރުޙަބާ ވިދާޅުވިފަދައިން، އަޅުގަނޑުވެސް އުފަލާއެކު ގުރައިދޫގެ ރައްޔިތުންނަށް މަރުޙަބާ ކިޔަން.

އަޅުގަނޑު މިރަށަށް މިއައި އައުން ފާހަގަކުރެއްވުމަށްޓަކައި ރަށުގެ ވެރިންނާއި ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައި އެބަވޭ. ހަވީރު އަޅުގަނޑު ފައިބައިގެން އައިއިރު، އަޅުގަނޑަށް ފެނުނު މަރުޙަބާގެ ޝުޢޫރުތަކުން ވަރަށްފުން އަސަރުތަކެއް އަޅުގަނޑަށް ކުރި. އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ސަބަބުން ރާއްޖެތެރެއަށް ދާއިމީގޮތެއްގައި އެކަންތައްތަކުގެ ފައިދާ ދެމިހުންނާނެ ކަހަލަ ކަންތައްތައް ރަށްރަށުގެ ރައްޔިތުން ކުރެއްވުމަކީ އަޅުގަނޑުވެސް ވަރަށް ބޮޑަށް އެދޭ ކަމެއް. އާދެ، އެހެން މިދެންނެވީ މިސާލަކަށް، ގުރައިދޫގައި ތައްޔާރުކުރައްވައިފައި އެވާ ފާލަން އެއީ ވަރަށްރީތި، ވަރަށް ވަރުގަދަ، ވަރަށް ރަނގަޅު ފާލަމެއް. އެކަހަލަ ކަންތައްތަކުން އޭގެ ފައިދާ ރައްޔިތުންނަށް، ރަށަށް ދާއިމީގޮތުގައި ލިބިލިބި ހުންނާނެ. އެހެންވީމާ، އަޅުގަނޑު ރާއްޖެތެރެއަށް ކުރާ ދަތުރުތަކުގެ ސަބަބުންނަމަވެސް، އެކަހަލަ ފައިދާތަކެއް ރަށްރަށަށް އަދި އެރަށުގެ ރައްޔިތުންނަށް ކުރަމުންދާނަމަ، އެއީ އަޅުގަނޑު ދަންނަވާނީ މިދަތުރުތަކުން ނިކުންނަ އެދެވޭ ނަތީޖާއެކޭ. ހަމައެފަދައިން، ރަށްވެހިކަމުގެ ގޮތުންވެސް ކުރެވޭ ކަންތައްތައް. މިސާލަކަށް، ގޭގޭގެ މަގުފާރު ހެދުން، ރަށުތެރެ އެކަށީގެންވާ ގޮތަކަށް އިންތިޒާމު ކުރުން، ރަށުތެރެ ސާފުކުރުން. މިހެންގޮސް ރަށްވެހިކަމާ ގުޅިފައި ހުންނަ ތަރައްޤީތައް އެއީވެސް އަޅުގަނޑުގެ ދަތުރުގެ ސަބަބުން ވާކަމަކަށްވަންޏާ، އެއީވެސް ދަތުރުގެ ފައިދާއެކޭ ދެންނެވިދާނެ. އޭގެއިތުރުން، ހުންނަ ބައެއް ކަންތައްތައް އެއީ އަޅުގަނޑު މާހިތްހަމަޖެހޭ ކަންކަމެއް ނޫން. އެކަންތައްތަކުގެ ސަބަބުން ރައްޔިތުން ވަރަށްގިނަ ބުރަތަކެއް އުފުއްލަވަންޖެހޭ. އަދި ވަރަށްގިނަ ވަގުތުތައް އެކަންކަމުގައި ހޭދަކުރައްވަންޖެހޭ. އަދި ކޮންމެވެސް ފަރާތަކުން އެކަންކަމަށް ޚަރަދުކުރަންޖެހޭ. އެކަހަލަ ކަންތައްތައް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއީ އަޅުގަނޑު ރާއްޖެތެރެއަށްދާ ދިޔުމުގެ ސަބަބުން ރާއްޖެތެރޭގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެއްވެސްކަހަލަ ބުރައެއް ނުވަތަ ތަކުލީފެއް އުފުއްލަވަން ޖެހުމަކީ އަޅުގަނޑު ރުހޭ ކަމަކަށްނުވާތީ.

އާދެ، އެހެން ކަމުގައިވިޔަސް، ގުރައިދޫގެ ރައްޔިތުންވެސް އަދި އެހެން ރަށްރަށުގެ ރައްޔިތުންވެސް އެބާވަތުގެ ކަންތައްތައް ކުރައްވަނީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ފާޅުކުރެއްވުމުގެ ގޮތުންކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ އެކަންކަމާ ބެހޭގޮތުން މާބޮޑު އިޢުތިރާޒެއް ނުކުރަނީ. ކޮންމެއަކަސް ގުރައިދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނީ ވަރަށްވެސް ތެދުވެރި، ވަރަށްވެސް އިޚްލާޞްތެރި، ވަރަށްވެސް ހޫނު މަރުޙަބާއެއް. އެހެންވީމާ، އެކަމަށްޓަކައި ގުރައިދޫގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރުވެރިވަނީ ހިތުގެ އެންމެ ފުންމިނުން. އާދެ، ގުރައިދޫގެ ރައްޔިތުން މިއަދަށްޓަކައި ގުރައިދޫ ތައްޔާރުކުރައްވައިފައިވާ ތައްޔާރުކުރެއްވުމުގެ ތެރޭގައި މަރުޙަބާގެ ވަރަށްގިނަ ލިޔުންތައްވެސް ބަހައްޓަވައިފައި އެބަހުރި. އޭގެތެރެއިން ގިނަ ލިޔުންތަކުގައިވާ މާނަތަކަކީ އަޅުގަނޑުވެސް ވަރަށް ބޮޑަށް ތާއީދުކުރާ އަދި އަޅުގަނޑުގެ ހިތުން އެކަންކަމަށް ތަރުޙީބުދޭ މާނަތަކެއް. އެހެންނަމަވެސް، ކޮންމެވެސް އެއް ލިޔުމެއްގައިވާ ޢިބާރާތް އެއީ އަޅުގަނޑަށް މާބޮޑަށް ތާއީދުކުރެވޭ އެއްޗަކަށްނުވާތީ، އެވާހަކަ ދަންނަވައިލުމަށް މި ފުރުޞަތުގެ ބޭނުންކުރަން. އާދެ، އެ ލިޔުމުގައިވަނީ، އެއީ ހަމައެކަނި މިރަށުގައެއް ނޫން. މިއަތޮޅުގެ ބައެއް އެހެން ރަށްރަށުންވެސް އަޅުގަނޑަށް އެ ލިޔުން ފެނިއްޖެ. އޭގައިވަނީ [މިވެނި މީހެއްގެ ވެރިކަން އެއީ ދިވެހިންގެ ހެޔޮ ނަޞީބޭ.] އާދެ، އަޅުގަނޑަށް އެ ޢިބާރާތަށް ތާއީދުކުރެވޭކަށް ނެތް. އަޅުގަނޑަށް ދެންނެވޭނީ ދިވެހިރާއްޖޭގައި ދިވެހި ޤައުމުދެކެ ލޯބިވާ، އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ ތެދުވެރި ދަރިންތަކެއް ތިބިކަން އެއީއޭ ދިވެހި ޤައުމުގެ ނަޞީބަކީ.

އާދެ، އެއްވެސް އިންސާނަކީ ދެމިހުންނާނެ މީހެއް ނޫން. އަދި ރައީސްކަމާ ޙަވާލުވާ މީހަކު ރައީސްކަމާ ޙަވާލުވަނީވެސް ވަކިމުއްދަތަކަށް. އެހެންވުމާއެކު، އެމީހަކަށް އެއްވެސް ކަމެއް ކުރެވޭނީ، އެމީހަކަށް ރައްޔިތުންގެ ތާއީދާއި ތަރުޙީބު ލިބުނު މިންވަރަކުން. ޙަޤީޤަތުގައި ހުރިހާ ކަމެއްވެސް ރައްދުވަނީ ރައްޔިތުންނަށް. ރައީސަކަށް އިންތިޚާބު ކުރެވޭ މީހަކު އެކުރާ ކަންތައްތައް އެއީ ރައްޔިތުން ދެކޭ ކަމަކަށް ނުވާކަމަށްވަންޏާ، އެމީހަކަށް އެކަންކަމުގައި ކުރިއަކަށްނުދެވޭނެ. އެހެންވީމާ، މިހާރު ރާއްޖެތެރެ ތަރައްޤީވަމުން އިޞްލާޙުވަމުންދާ ކަމަށްވާނަމަ، އަދި ރާއްޖެއަށް އެދެވޭ އިޞްލާޙުތަކެއް އަންނަމުންދާ ކަމަށްވާނަމަ، އެހުރިހާ އިޞްލާޙެއްގެވެސް އަޞްލަކީ ހަމަ ރައްޔިތުން. އާދެ، ތިޔަބޭފުޅުން.

ދިވެހިރާއްޖޭގެ ރައްޔިތުން އެދޭގޮތަކަށް ދިވެހި ސަރުކާރު ހިނގާނީ. އަދި އެއްވެސް ތަނެއްގެ ސަރުކާރުވެސް ހަމަޖެހޭގޮތެއްގައި ހިނގަމުންދާނީ އެތަނެއްގެ ރައްޔިތުން ބޭނުންވާގޮތަކަށް. އެހެންވުމާއެކު، ރާއްޖެއަށް އަންނަ ކޮންމެ ތަރައްޤީއަކީ، ރާއްޖެއަށް އަންނަ ކޮންމެ އިޞްލާޙަކީ އޭގެ އެއް އަޞްލު ކަމުގައި ރައްޔިތުން ހިމެނޭ ތަރައްޤީއެއް އަދި އިޞްލާޙެއް. އާދެ، މިތާނގައި އަދި މިރަށުގައި ބަހައްޓަވައިފައިވާ ތަރުޙީބުގެ ލިޔުންތަކުގެ ތެރެއިން އަޅުގަނޑު ވަރަށް ބޮޑަށް ތާއީދުކުރާ ލިޔުންތަކެއްވެސް އެބަހުރި. އޭގެތެރެއިން އެއް ލިޔުމަކީ [ޤައުމު ތަރައްޤީވާނީ ރާއްޖެތެރެ ތަރައްޤީވެގެންނޭ.] [ޤައުމު ކުރިއަށްދާނީ ރާއްޖޭގެ ރަށްތައްވެސް ކުރިއަށް ގޮސްގެންނޭ.] އެއީ ވަރަށްބޮޑު ޙަޤީޤަތެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެއަކީ ދިވެހިރާއްޖެއޭ މިކިޔާ ހުރިހާ ޖަޒީރާތަކެއް. ހުރިހާ އަތޮޅުތަކެއް. އަދި އެހުރިހާ ޖަޒީރާތަކާއި އަތޮޅުތަކާއި، އެ އަތޮޅުތަކުގައި ދިރިއުޅޭ މީހުން. އެހެންވީމާ، ހަމައެކަނި ވަކި ރަށެއް ތަރައްޤީވަމުން ދިޔުމަކުން، އެ ރަށަކީ ޤައުމުގެ ވެރިކަންކުރާ ރަށް ކަމުގައިވިޔަސް، އެއީ ރާއްޖެ ކުރިއަރަމުންދަނީ ކަމުގައި ބުނެވޭކަށް ނޯންނާނެ. އެއީ ޤައުމު ތަރައްޤީވަމުން ދަނީ ކަމުގައި ބުނެވޭކަށް ނޯންނާނެ. ޤައުމު ތަރައްޤީވާނީ ޤައުމުގެ ހުރިހާ ތަނެއް ތަރައްޤީވެގެން. އެއީ މިހާރުގެ ސިޔާސަތަކީ. އަދި ދައުލަތް ހިންގުމަށް މިހާރު އައިސްފައިވާ ބަދަލަކީ. މީގެކުރިން އެކަންއޮތީ އެހެންނޭ ދެންނެވޭކަށެއް ނެތް. އާދެ، އަޅުގަނޑު މިހެން މި ދަންނަވަނީ ވަކިފަރާތެއް ބަދުނާމު ކުރުމުގެ ގޮތަކުންނެއް ނޫން. އަޅުގަނޑަށް ހީވާގޮތުގައި އެއީ ވަކި މީހެއްގެ ކަމެއްވެސް ނޫން. އޭރު ރާއްޖޭގެ ކަންތައްތައް ހިނގަމުން އައިސްފައިވަނީ، މާކުރިއްސުރެ ހިނގަމުން އައިސްފައިވާ ގޮތަކަށް. އެއީ ސަރުކާރު ހިންގުމުގެ، ހަމަޖެހޭ އުސޫލުތައް ދިވެހިރާއްޖެއަށް އަދި އޭގެ އަސަރުތައް ނުފޯރާހުރި ދުވަސްވަރެއްގައި، ކަންތައްތައް އެގޮތަށް ހިނގަމުންދިޔައީ. އެއީ ރާއްޖޭގައި އޭރު ކަންތައްތައް ހުރިގޮތުން ސަރުކާރު ހިންގަން ތިބި މީހުންނަށްވެސް، އެ ސަރުކާރު ހިންގަންވީ، ހަމަޖެހޭ އުސޫލުތައް ރަނގަޅަށް ސާފުވެފައި ނެތުމުގެ ސަބަބުން ވީކަމަކަށްވެސް ވެދާނެ. ކޮންމެއަކަސް، މީގެކުރިން އޮތްގޮތަކީ ރާއްޖެތެރެއަށް މާބޮޑު ސަމާލުކަމެއް ނުދީ، މާލޭގެ ކަންތައްތައް ކުރިއަށްގެންދާގޮތް. އެކަމަކު އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަދި މިތާނގައި ތިޔަބޭފުޅުން މިރަށުގައި، މިރަށުގެ ރައްޔިތުން ފާހަގަކުރައްވައިފައިވާ ފަދައިން، އެކަންތައްތައް އޮންނަންވީ ގޮތެއް ނޫން. ރާއްޖެ ތަރައްޤީވުމަކީ ރާއްޖެތެރެވެސް ތަރައްޤީވުން. ރާއްޖެ ކުރިއެރުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަށްދިޔުން. އެހެންވުމާއެކު، މިހާރު ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ރާއްޖެތެރެ ކުރިއެރުވޭތޯ. ރާއްޖެތެރެ ވަނީ ވަރަށްގިނަ ގޮތްގޮތުން ކުރިއަރުވަން ޖެހިފައި. ހުރިހާ ގޮތަކުންވެސް ކުރިއަރުވަން ޖެހިފައި. ތަޢުލީމީ ގޮތުން ބެލިނަމަވެސް، އިޤްތިޞާދީ ގޮތުން ބެލިނަމަވެސް، އިޖުތިމާޢީ ގޮތުން ބެލިނަމަވެސް، އަދި އެހެން ގޮތަކުން ބެލިނަމަވެސް، ރާއްޖެތެރޭގައި މިވަގުތު ކަންތައްތައް ހުރީ ދިވެހި ޤައުމަށް ހެޔޮއެދޭ އެއްވެސް މީހަކު ހިތްހަމަޖެހޭނެ ގޮތަކަށް ނޫން. ހުރިހާ ކަމެއްވެސް ވަނީ ރަނގަޅު ކުރަން ބޭނުންވެފައި. ހުރިހާ ކަމެއްވެސް ވަނީ އިޞްލާޙުކުރަން ބޭނުންވެފައި. އެހެންވީމާ، އެކަން ކުރުމުގެ މަޤްޞަދުގައި ރާއްޖެތެރެއަށް ވަރަށްބޮޑު އަހަންމިއްޔަތެއް މިހާރު ސަރުކާރުން ދަނީ ދެމުން. އަދި އެ އަހަންމިއްޔަތު މިވަގުތު ތަރުޖަމާ ކުރެވިފައިވަނީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއްގެ ސިފައިގައި. އެ މަޝްރޫޢަކީ މީގެ ތިން އަހަރު ދުވަސް ކުރިން ފެށިގެން ހިނގަމުން އަންނަ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ވަރަށް ގިނަ ކަންތައްތައް ކުރެވެމުން އެބަދޭ.

އާދެ، މިއަތޮޅުގައިވެސް މިއަދު އެ މަޝްރޫޢުގެ ދަށުން ދެ މިސްކިތެއް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. ކިނބިދޫގަޔާއި ގާދިއްފުށީގައި. އާދެ، އެ މަޝްރޫޢުގައި ވަނީ ހަމައެކަނި މިސްކިތްތައް ޢިމާރާތްކޮށް މަރާމާތު ކުރުމެއް ނޫން. ވަރަށްގިނަ ކަންތައްތައް، އޭގައި ހިމެނޭ. ރަށްރަށުގެ އޮފީސްތައް ޢިމާރާތް ކުރުން ނުވަތަ އޮފީސްތައް މަރާމާތު ކުރުން، މަދަރުސާތައް ހިންގުން. ކޮންމެ ރަށެއްގައި ރަށުކޯޓެއް ހިންގުން، އަތޮޅުތަކުގެ އޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން، އެމީހުންގެ މުސާރަ ހަމަޖައްސައިދިނުން. ރަށްރަށުގެ ރަށުއޮފީހަށްވެސް މުވައްޒަފުން އިތުރުކުރުމާއި، އެމީހުންގެ މުސާރަ ހަމަޖައްސައިދިނުން. ބައެއް ރަށްރަށުގެ ފަޅުކޮނުން، ނެރުގޮއްވުން. މިހެންގޮސް ރައްޔިތުންނަށް ދަތިވެފައިވާ ކިތަންމެ ކަންތައްތަކެއް، މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ.

އާދެ، ރާއްޖެތެރޭގެ ހުރިހާ ރަށެއްގައިވެސް މިދެންނެވި ބާވަތުގެ ކަންތައްތަކަށް ބޭނުންވެފައިވާތީ، ސަރުކާރުން ހަމަޖައްސައިފައިވާ އުސޫލަކީ، އެންމެބޮޑަށް އެކަންކަން ބޭނުންވެފައިވާ ތަންތާނގައި، އެންމެ ފުރަތަމަ އެކަންތައްތައް ކުރާގޮތަށް. އޭގެފަހުގައި ދެންހުރި ތަންތާނގައި ކުރާގޮތަށް. އެހެންވީމާ، މިރަށަށްވެސް މިސްކިތްތައް ޢިމާރާތް ކުރުން ހަމަޖެހިފައިވޭ. އަދި މިއަހަރު އެ މަސައްކަތްވެސް ވަނީ ފެށޭގޮތަށް ހަމަޖެހިފައި. އެހެންނަމަވެސް، މިހާތަނަށް އަދި އެއަށް ޢަމަލީ ސިފައެއް ނައިސް މިއޮތީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިރަށަށްވުރެ އެކަމަށް މާބޮޑަށް ބޭނުންވެފައިވާ ތަންތާނގައި އެންމެ ފުރަތަމަ މިސްކިތްތައް ޢިމާރާތްކުރާގޮތަށް ހަމަޖެހިފައި އޮތުމުން. އާދެ، ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައި މިހާރު މި މަސައްކަތްތައް ކުރެވެމުން އެބަދޭ. އެންމެބޮޑު އެއްކަމަކަށް އޮތީ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި މަދަރުސާއެއް ހިންގުން. އޭގެ ބޭނުމަކީ ރާއްޖެތެރޭގެ ދަރިންނަށް، އެކުދިންގެ ރަށްރަށުގައި ތިބެގެން، އެކުދިންގެ މައިންބަފައިންގެ ބެލުމުގެ ދަށުގައި ތިބެގެން ތަޢުލީމު ލިބޭނެ ފުރުޞަތުތަކެއް ހޯދައިދިނުން. މިހާތަނާ ޖެހެންދެން ރާއްޖެތެރޭގެ ދަރިންވެސް އެކަށީގެންވާ ތަޢުލީމެއް ހޯދަން ބޭނުންވެއްޖެނަމަ، އެކުދިންނަށް ދާންޖެހެނީ މާލެއަށް. މާލެއަށް ގޮސް އެކުދިންގެ މައިންބަފައިންނާ ދުރުގައި ތިބެގެން އަދި ވަރަށްބޮޑު ޚަރަދުތަކެއް ކޮށްގެން، އެކުދިންނަށް އެދެވޭ ފެންވަރަކަށް ތަޢުލީމު ހާސިލުކުރެވެނީ. އެކަމަކު އެއީ އެކަންތައް އޮންނަންވީ ގޮތެއް ނޫން. ރާއްޖެތެރޭގައިވެސް އެކަށީގެންވާ ފެންވަރަކަށް ތަޢުލީމު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަންވާނެ. އަދި އެ އިންތިޒާމުތައް ހަމަޖެއްސުމަކީ ދައުލަތް ހިންގާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމުގައިވެސްވާނެ. އެހެންވުމާއެކު، މިހާރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ މަދަރުސާއެއް އެހުރީ. އޭގެއިތުރަށް އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަމުން ނަން ދެވިފައިވާ މަރުކަޒުތަކެއް މިހާރު ރާއްޖޭގެ ވަރަށްގިނަ އަތޮޅުތަކުގައި ހިނގަމުން އެބަދޭ. އެތަންތަން އެއީވެސް ކިޔަވައިދޭ ތަންތަން. ވަކި ޢުމުރެއްގެ ކުދިންނަށް، ވަކި އުސޫލެއްގެމަތިން ކިޔަވައިދެމުން ގެންދަނީ ސަރުކާރުގެ ޚަރަދުގައި، އެކުދިން އެއްވެސް ކަހަލަ ޚަރަދެއް ކުރަންނުޖެހޭގޮތަކަށް. އަދި މިދެންނެވި މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކުގެ އިތުރަށް، ބޭރު ބައެއް ޤައުމުތަކުގެ އެހީގައި އެހެނިހެން މަދަރުސާތައްވެސް މިހާރު ރާއްޖެތެރޭގައި ބިނާވަމުން އެބަދޭ.

އާދެ، އެހުރިހާ މަދަރުސާތަކެއް ބިނާކޮށް، އެތަންތަން ހިންގުމުގެ ބޭނުމަކީ ކުރިންވެސް ދެންނެވި ފަދައިން، ރާއްޖެތެރޭގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހޯދައިދިނުން. އަދި އަތޮޅެއްގައި އެއް މަދަރުސާ ނުވަތަ ދެ މަދަރުސާ ނުވަތަ ތިން މަދަރުސާ ހުރެގެން ފުދޭނެއެކޭ އަޅުގަނޑު ނުދަންނަވަން. އެވަރަކުން ނުފުދޭނެ. އެހެންނަމަވެސް، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރެވެން އޮންނަނީ ވަކިމިންވަރަކަށް. އަދި ދިވެހިރާއްޖެއަކީވެސް ކުޑަ ޤައުމަކަށްވެފައި، އަދި ރާއްޖެއަށް ލިބޭ އާމްދަނީވެސް މަދުކަމާއެކު، އެއްފަހަރާ ހުރިހާ ކަމެއް ކުރެވޭކަށެއްވެސް ނޯވޭ. އެ ސަބަބުތައް އެހެން ހުރުމާއެކު، މިހާރު ކުރެވެން އޮތްވަރަކީ މިދެންނެވީ. އިރާދަކުރެއްވިއްޔާ، ދައުލަތުގެ ތަނަވަސްކަން އިތުރުވަމުންދިޔަ މިންވަރަކުން އަދި ދައުލަތަށް ލިބޭ އާމްދަނީވެސް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިޔަ މިންވަރަކުން ތަޢުލީމީ ޚިދުމަތްތައްވެސް ރާއްޖެތެރެއަށް އިތުރުވަމުންދާނެ.

އާދެ، އަޅުގަނޑު މިދެންނެވި، ސަރުކާރުން ހިންގާ މަދަރުސާތަކުގެ އިތުރަށް ރާއްޖެތެރޭގައި އެކިރަށްރަށުގެ ރައްޔިތުން މަކްތަބުތަކާއި މަދަރުސާތައް ހިންގަވަންވާނެ. އެއީ ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރުގެ ޚަރަދުގައި ކޮންމެ ރަށެއްގައި މަދަރުސާއެއް ހިންގެން އަދި ނޯންނާނެތީ. ކޮންމެއަކަސް ތަޢުލީމަކީ އެއަށް އަޅުގަނޑުމެން މިވަގުތު އެންމެ ފުރަތަމަ އަހަންމިއްޔަތު ދޭންވީ ޚިދުމަތް. ތަޢުލީމާ ނުލައި، އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ އެކަށީގެންވާ މުސްތަޤްބަލެއް ނުފެންނާނެ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ދިރިއުޅުމެއް ނުފެންނާނެ. އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ، ކޮންމެ ބައްޕަޔަކުވެސް ބޭނުންވާނެ އަދި ކޮންމެ މަންމަޔަކުވެސް ބޭނުންވާނެ، އެމީހާގެ ދަރިންނަށް ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް ފެނުން. އާދެ، އެ ހަމަޖެހޭ ރަނގަޅު ދިރިއުޅުން އެކުދިންނަށް ފެންނާނީ އެކުދިންނަށް، ފުދޭ މިންވަރަކަށް ތަޢުލީމު ހާސިލު ކުރެވިގެން. އެކުދިންނަކީ ތަންދޮރު ދަންނަ ކުދިބަޔަކަށް ވެގެން. މިއަދުގެ ދުނިޔެ މިއޮތީ މުޅިން ބަދަލުވެފައި. އިއްޔެ ދުނިޔެ އޮތްގޮތަކަށް ނޫން މިއަދު މިއޮތީކީ. އަދި މާދަމާ ދުނިޔެ އޮންނާނީ މިއަދު އޮތް ގޮތަކަށްވެސް ނޫން. އެހުރިހާ ކަމަކާދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. ވިސްނައިގެން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހޭނީ. އަޅުގަނޑުމެންގެ ދަރިން އެއީ ޤައުމަށް ޚިދުމަތްކުރާނެ ތެދުވެރި މުވާޠިނުންތަކެއް ކަމުގައި ހެދޭތޯ. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ އެކުދިންނަށް އެކަށީގެންވާ ފެންވަރަކަށް ކިޔަވައިދެވިގެން.

އާދެ، ކޮންމެއަކަސް މިރަށުގައި މަކްތަބެއް ހިނގަމުންދާތާ ދުވަސްތަކެއް ވެއްޖެ. އެހެންވުމާއެކު، މިރަށުގެ ރައްޔިތުންނަށް އެކަމަށްޓަކައި އަޅުގަނޑު ތަހުނިޔާ އަދާކުރަން. ބައެއް ރަށްރަށުގައި އެއްގޮތަކަށްވެސް މަދަރުސާއެއް ނެތި އެބަހުރި. އެއާ ޚިލާފަށް މިރަށުގައި ދުވަސްތަކެއް ވަންދެން އަމިއްލަގޮތުންނަމަވެސް މަކްތަބެއް ހިނގަމުން ގޮސްފައިވާކަން، އަޅުގަނޑު މި ފުރުޞަތުގައި އުފަލާއެކު ފާހަގަކޮށްލަން. އަދި މިރަށުގެ މަކްތަބުގައި ވަރަށް ގިނަ އަދަދަކަށް ކުދިން ކިޔަވަމުންދާކަންވެސް އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންވީމާ، އެ ޚިދުމަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުމަކީ އަޅުގަނޑު މިރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެދޭ ކަމެއް.

އާދެ، އަޅުގަނޑުމެންގެ ރާއްޖެތެރޭގައި ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދިޔުން އެއީ ސަރުކާރުގެ އެންމެ މުހިންމު އެއް މަޤްޞަދުކަމުގައިވާއިރު، ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކޮށްދީ، އެމީހުންނަށް އިޤްތިޞާދީ ތަރައްޤީއެއް ގެނެސްދިނުން އެއީވެސް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއް. އިޤްތިޞާދީ ތަރައްޤީ ގެނެވޭނީ، ރާއްޖެތެރޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތަކަށް ތަރައްޤީއެއް ގެނެސްގެން، އެ މަސައްކަތްތައް ކުރިއަރުވައިގެން. އާދެ، އަޅުގަނޑުމެން ކުރާ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. އެހެންވީމާ، އެންމެ ފުރަތަމަ ބޭނުންވޭ މަސްވެރިކަން ކުރިއަރުވަން. މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ އިތުރުކުރަން. އަޅުގަނޑު ހިތުން ތިޔައިގެ ތެރެއިން ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ފަރާތުން މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތައް. އޭގެ ވާހަކަ ތަފުޞީލުކޮށް ތިޔަބޭފުޅުންނަށް ނުދެންނެވި ކަމުގައިވިޔަސް، އެކަންތައްތައް އެނގިވަޑައިގަންނަވާނެ. މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން އެއީ އޭގެ އެއްކަމެއް. އަދި ރާއްޖެތެރޭގައި ރާއްޖެތެރޭގެ އިންޖީނުދޯނިފަހަރު ދުއްވާ މީހުންނަށް ތެޔޮލިބޭނެ އިންތިޒާމުތައް ހަމަޖެއްސުނު. މިހާރު ވަރަށްގިނަ ރަށްރަށުގައި ތާނގީތައް ބެހެއްޓިއްޖެ. އެތަންތަނަށް އަދި ތެޔޮ ފޮނުވުމުގެ އިންތިޒާމު މުޅިން ފުރިހަމަ ނުކުރެވޭކަމުގައިވިޔަސް، މާލަހެއްނުވެ އެކަންތައްވެސް ހަމަޖެހޭނެ. އޭރުން ތެލުގެ ދަތިކަން އެއީ އެއްވެސް ފަރާތަކުން ފަހުން އިހުސާސް ކުރަންޖެހޭނެ ކަމެއް ނޫން.

[މަސްވެރިންގެ ދުވަސް] އެ ނަމުގައި ދުވަހެއް ގެނެވިއްޖެ. އޭގެ ބޭނުމަކީ މަސްވެރިންގެ ޤަދަރު މުޖުތަމަޢުގައި ވަޒަންކުރުން. މީގެކުރިން މަސްވެރިއެކޭ ބުނުމުން އެމީހާ އެއީ މުޖުތަމަޢުގެ ކުރިމަތީގައި އެއްވެސްކަހަލަ ޤަދަރެއް ހުރި މީހަކަށްނުވޭ. އެކަމަކު އެއީ ވަރަށް ދެރަކޮށް، ކުރިން ދިމާވެފައި އޮތް ކަމެއް. އެއީ އެކަންވާންވީ ގޮތެއް ނޫން. ޙަޤީގަތުގައި މަސްވެރިންނަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބިންގާ ހަދައިދޭ މީހުން. އެހެންވީމާ، އެމީހުންނަށް ދިވެހި ޤައުމުގެ ފަރާތުން އަބަދުވެސް ލިބެންވާނީ ތަޢުރީފާއި ޝުކުރު. މަސްވެރިންނަށް މުޖުތަމަޢުގެ ކުރިމަތީގައި ރީތިނަން ހޯދައިދިނުމަށްޓަކައި އަދި މަސްވެރިންގެ ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން [މަސްވެރިންގެ ދުވަސް] އެނަމުގައި ދުވަހެއް ގެނެވި، ކޮންމެ އަހަރަކު އެއްފަހަރު އެދުވަސް ގެނެސް، އެދުވަސް ފާހަގަކޮށް، އެދުވަހު މަސްވެރިންގެ ތަރައްޤީއަށްޓަކައި ކަންތައްތައް ކުރެވެމުންދާނެ. ހަމައެކަނި އެދުވަހަކު ނޫން. މިދެންނެވި ދުވަސް ގެނެވުމުން، އެކަމާ ވިދިގެން އެކިއެކި ފަރާތްފަރާތާ މަޝްވަރާކޮށްގެން، ސަރުކާރުން ނިންމާ ކަންތައްތައް އެއީ އަހަރު ދުވަހުގެ ތެރޭގައިވެސް ހިނގާނެ ކަންތައްތައް.

އެހެންވީމާ، މަސްވެރިންގެ ދުވަހެއް ގެނައުމުން، އޭގެ ފައިދާ އޮންނާނީ ހަމައެކަނި އެންމެ ދުވަހެއްގައެއް ނޫން. މުޅި އަހަރުދުވަހުގެ ތެރޭގައިވެސް ލިބޭގޮތަށް. ކޮންމެއަކަސް މިހާރު އަލުން އިންޖީނަށް ބޭނުންވާ ފަރާތްތަކަށް އިންޖީނު ލިބޭގޮތްވަނީ ހަމަޖެހިފައި. މަސްވެރިންގެ ދުވަހުގައި މިނިސްޓްރީ އޮފް ފިޝަރީޒުގެ ފަރާތުން އެކަންވަނީ އިޢުލާނު ކުރައްވައިފައި. އިޢުލާނު ކުރައްވައިފައިވާ މުއްދަތުގެތެރޭގައި، އިޢުލާނުކުރައްވައިފައިވާ މަޢުލޫމާތުތަކާއެކު ކަނޑައެޅިފައިވާ ފޯމު ހުށަހަޅާ ފަރާތްތަކަށް އިންޖީނު ލިބުމުގެ ވަރަށްބޮޑު އުންމީދު އެބައޮތް. އާދެ، ހުރިހާ އެންމެންނަށް ލިބޭނެކަމެއް ނޭނގެ. އެހެން މިދަންނަވަނީ، އެކަން ސާފުވާނީ އިންޖީނަށް އެދޭ މީހުންގެ ޢަދަދު އެނގުމުން. އަދި މުއްދަތު ހަމަނުވާތީ އިންޖީނަށް އެދިފައި ތިބީ ކިތައް މީހުންކަމެއް ސާފެއްނުވޭ. ކޮންމެއަކަސް ސަރުކާރަށް ލިބިފައިވާ އިންޖީނުތަކުގެ ޢަދަދަށްވުރެ އިންޖީނަށް އެދިފައިވާ މީހުންގެ ޢަދަދު ގިނަނުވާކަމަށްވަންޏާ، ހަމަ އެދުނު ކޮންމެ މީހަކަށްވެސް ލިބޭނެ. އިންޖީނަށް އެދުނު މީހުންގެ ޢަދަދު ގިނަކަމަށްވަންޏާ، ކުރިއްސުރެ ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން، ކުރިން އެދުނު މީހުންނަށް ލިބޭގޮތަށް އޮންނާނީ. ނުވަތަ އެ ކަނޑައެޅިފައިވާ ޝަރުޠުތަކާ އެއްގޮތަށް ލިބެންޖެހޭ މީހުންނަށް ފުރަތަމަ ލިބޭނީ. ކޮންމެއަކަސް ވަރަށްގިނަ ޢަދަދެއްގެ މީހުންނަށް ލިބޭނެކަމަށް އުންމީދު ކުރެވޭ. އެއީވެސް ދިވެހިރާއްޖޭގެ މަސްވެރިކަމަށް އަންނާނެ ތަރައްޤީއެއް ކަމަށްވެސްވާނެ.

އާދެ، މަސްވެރިކަން ފިޔަވައި އަޅުގަނޑުމެން ކުރާ އެހެން ބޮޑެތި މަސައްކަތްތަކެއްވެސް އެބަހުރި. ރާއްޖޭގެ ރައްޔިތުން މިދެންނެވީ. ރާއްޖެތެރޭގެ ރައްޔިތުން ޚާއްޞަކޮށް، ރަށްރަށުގައި ތިބެގެން ކުރެވޭ ޒާތުގެ މަސައްކަތް. އޭގެތެރޭގައި ދަނޑުވެރިކަން، ރޯނުވެށުން، ކުނާވިޔުން، ވަޑާންކުރުން، ރޭނުން، މިހެންގޮސް ވަރަށްގިނަ ކަންތައްތައް އެބަހުރި. އެބާވަތުގެ ކަންތައްތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެއް. އަޅުގަނޑުމެންގެ ހުރިހާ ކަމަކީ މަސްވެރިކަން ކަމުގައި ހަދައިގެން ތިބޭކަށްނުވާނެ. އެހެން ތިބީމާ ވާގޮތަކީ ރާއްޖޭގެ އިޤްތިޞާދިއްޔަތު ބިނާވެފައި އޮންނަނީ ވަރަށްހަނި ބިންގަލެއްގެ މައްޗަށް. އެއީ އެއްގޮތަކަށްވެސް ބުއްދިވެރި ގޮތެއް ނޫން. އަޅުގަނޑުމެންނަށް އާމްދަނީ ލިބޭނެ ތަފާތު ގޮތްތައް ހުންނަންވާނެ. ފަހަރެއްގައި ކަންދިމާވާގޮތުން އާމްދަނީ ލިބޭ އެއްމަގެއް ބަންދުވާތަން އަތުވެއްޖިއްޔާ ނުވަތަ އެއްމަގަކަށް ހުރަހެއްއެޅޭތަން އަތުވެއްޖިއްޔާ، ދެންހުރި ކަންތައްތަކުން އަޅުގަނޑުމެންނަށް އާމްދަނީ ލިބޭތޯ މަސައްކަތް ކުރެވޭނީ އޭރުން. އެހެންވީމާ، ރާއްޖެތެރޭގައި ރައްޔިތުންކުރާ އެހެނިހެން މަސައްކަތްތައްވެސް ދިރުވައި، އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، އެ މަސައްކަތްތަކުންވެސް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބެލުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެކަމެއް. އެއްދުވަހުން އަނެއްދުވަހަށް މުދަލުގެ އަގުދަނީ މައްޗަށް. އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެން ކުރަންޖެހޭ ޚަރަދުތައް ދަނީ މައްޗަށް. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކޮށްގެންނޫނީ އެއްގޮތަކަށްވެސް ދެކޮޅުޖެއްސޭކަށް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެ ރަނގަޅުކުރަން. ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނެ. އަޅުގަނޑުމެން ބޭނުންވޭ އަޅުގަނޑުމެންގެ ގެދޮރު ރަނގަޅުކުރަން. ރާނާލަން ނުވަތަ ޓިނުން ހިޔާކޮށްލަން. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން ބަލިވެއްޖިއްޔާ ބޭސްކުރަން. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން ރަނގަޅު އެއްޗެތި ކާން. ޞިއްޙަތަށް ފައިދާހުރި އެއްޗެތި ކާން. ބަލިވެއްޖިއްޔާ ބޭސްކުރަން. ކުދިންނަށް ތަޢުލީމުދޭން. މިހެންގޮސް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ވަރަށްގިނަ. އަދި އެކަންތައްތަކަށް ކުރަންޖެހޭ ޚަރަދުތައްވެސް އެހާގިނަ. އެހެންވީމާ، އަޅުގަނޑުމެންކުރާ މަސައްކަތްތައް އިތުރުކޮށްގެން، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުކޮށްގެން ނޫނީ، އެހުރިހާ ޚަރަދުތަކެއް ބެލެހެއްޓޭކަށް ނޯންނާނެ. އަދި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރުވެސް ކުރިއަށް ގެންދެވޭކަށް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑު މި ނަޞޭޙަތްތެރިވަނީ ރާއްޖޭގެ ރައްޔިތުން ކޮންމެ މީހަކުވެސް އެމީހަކު އެކުރާ މަސައްކަތެއް، އެ ހެޔޮ ކޮންމެ ކަމަކަށްވިޔަސް، އެމީހަކު އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަށް. އެ މަސައްކަތަކުން ވީހާ ރަނގަޅު އާމްދަނީއެއް ލިބޭތޯ ބެލުމަށް. އާދެ، އޭގެ މާނަޔަކީ ފަހަރެއްގައިވެސް އެކުރާ މަސައްކަތެއްގައި ހަމަނުޖެހޭ ކަންތައްތައް ކުރާށެކޭ ނޫން. މަކަރުހެދުމާއި، އެބާވަތުގެ ކަންތައްތައް ކުރާށެކޭ ނޫން. އެހެންނަމަވެސް، މަސައްކަތް ފަރުވާތެރިކަމާއެކު ކޮށްގެން، ފުރިހަމައަށް ކޮށްގެން، ގިނަވަގުތު މަސައްކަތުގައި ހޭދަކޮށްގެން، ގަވާއިދުން އެމީހަކަށް ލިބެންޖެހޭ އާމްދަނީއެއް އިތުރުކުރާށޭ! އެއީ އަޅުގަނޑު މިދަންނަވާ އެއްޗަކީ. އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް އެގޮތަށް މަސައްކަތް ކުރަމުން ގެންދާކަމަށްވަންޏާ، އަޅުގަނޑުމެންގެތެރޭގައި ނިކަމެއްޗަކު ނުވަތަ ފަޤީރަކު ނުހުންނާނެ. މަސައްކަތް ކުރުމަކީ އެއްވެސް ޙާލެއްގައި ދެރަކަމެއްކަމުގައި އަޅުގަނޑުމެން ދެކިގެންނުވާނެ. އެއީ ރަނގަޅުކަމެއް. އެއީ ޝަރަފެއް، މާތްކަމެއް. މަސައްކަތް ނުކޮށް ހުރުން، މަސައްކަތް ނުކޮށް މީސްމީހުންގެގާތަށް ގޮސްގެން އެއްޗިއްސަށް ކިޔައިއުޅުން ނުވަތަ ސަލާމްޖެހުން އެއީ ހުތުރުކަމެއް. އަތުންފައިން މަސައްކަތް ކޮށްގެން ދިރިއުޅުން އެއީ ހަމަ ރަނގަޅުކަމެއް، މާތްކަމެއް، ރީތިކަމެއް. އެކަން އަޅުގަނޑުމެން އާދަކޮށްގެން އެއްވެސް މީހަކު މަސައްތެއް ނުކޮށް ނުހުރުން. ހަމަ ކޮންމެ މީހަކުވެސް ކޮންމެވެސް ބާވަތެއްގެ މަސައްކަތެއް ކޮށްގެން ދިރިއުޅުން އާދަކުރުން އެއީ އަޅުގަނޑުމެން މިހާރު ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް.

އާދެ، އަޅުގަނޑު މިދެންނެވި ފަދައިން، މަސައްކަތްތައް އިތުރުކޮށްގެން، އެ މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުރުކޮށްގެން، އަޅުގަނޑުމެންނަށް ދިރިއުޅުން ކުރިއަށް ގެންދެވޭނީ. ހަމައެޔާއެކުގައި އަޅުގަނޑު ވަރަށް ބާރުއަޅާ ނުކުތާއެއްވެސް އެބައޮތް. އެއީ އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރަން، އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމުގެ ރޫޙު ފެތުރުން. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ ދިވެހިން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ މުސްލިމުންގެ މެދުގައި އޮންނަންވާ ގުޅުން. އެއްޤައުމެއްގެ އަހުލުވެރިންގެ މެދުގައި އޮންނަންވާ ގުޅުން. އާދެ، އެ ގުޅުން އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ގުޅުމެއް ނޫން. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، [إِنَّمَا الْمُؤْمِنُونَ إِخْوَةٌ.] [ހަމަކަށަވަރުން ހުރިހާ މުއުމިނުންނަކީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އަޚުންގެ މެދުގައި އޮންނަ ބާވަތުގެ ގުޅުން. އެކުވެރިކަމާއި އެހީތެރިކަމުގެ ގުޅުން. އެކަކު އަނެކަކަށް ކަމޭހިތައި، ކޮންމެ މީހަކުވެސް އަނެކުންގެ ޙާލުދެކެ، އެމީހަކަށް ވެވުނުވަރަކުން އެހެން މީހުންނަށް އެހީތެރިވެދިނުމުގެ ރޫޙު ނުވަތަ އުސޫލު ނުވަތަ ގޮތް. އެއީ އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނެގޮތަކީ. އެއްވެސް މީހަކު އެހެން މީހުންނަށް އުނދަގޫކޮށް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ، އެހެން މީހުންނަށް ގެއްލުން ލިބޭކަހަލަ ކަންތައްތައް ކޮށްގެނެއް ނުވާނެ. އެއީ އިސްލާމީ އުޚުއްވަތްތެރިކަމުގެ އުސޫލާ މުޅިން ޚިލާފުވާކަމެއް. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާހެން، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާންވާނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާހެން، އެހެން މީހުންގެ މުދާތަކަށް ރައްކާތެރިވާންވާނެ. އެކަން އެގޮތަށް އޮތްކަމަށްވަންޏާ އަޅުގަނޑުމެންގެ މެދުގައި އެއްވެސްކަހަލަ މައްސަލައެއް ނޯންނާނެ. ހަމަނުޖެހުމެއް ނުއުފެދޭނެ. ހަމަނުޖެހުމާއި ފިތުނަވެރިކަމާއި، ދެކޮޅުވެރިކަން އުފެދެނީ ކޮންމެ މީހަކުވެސް އެމީހަކުގެ އަމިއްލަ ނަފްސަށް ކަމޭހިތާފަދައިން އެހެން މީހުންނަށް ކަމޭނުހިތާތީ. އެމީހެއްގެ އަމިއްލަ ޙައްޤަށް ރައްކާތެރިވާހެން، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިނުވާތީ. އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވާކަމަށްވަންޏާ، އެހެން މީހަކު އަޅުގަނޑުމެންދެކެ ރުޅިއަންނަންވީ ސަބަބެއް ނޯންނާނެ. އެހެން މީހަކު އަޅުގަނޑުމެންނާ މައްސަލައެއް ޖައްސަންވީ ސަބަބެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވީތީ، އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިން ކަމުގައިވީތީ، އަޅުގަނޑުމެން ވެއްޖެ، އެއްބަނޑުއެއްބަފާ ބަޔަކަށްވާން. އަދި އަޅުގަނޑުމެން ވެއްޖެ، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުންތައް އިޞްލާޙުކުރަން.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުންވެސް ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް އިޞްލާޙު ކުރެއްވުން. އެއީ އެކުވެރިކަމާއި، އެއްބާރުލުމާއި، އެހީތެރިކަމުގެ ގުޅުމަކަށް ހެއްދެވުން. އެގޮތަށް އަޅުގަނޑުމެންގެ ގުޅުންތައް ބަހައްޓައިގެން ތަރައްޤީގެ މަގުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާ ކަމަށްވަންޏާ، އެކުރާ މަސައްކަތެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނެ. އެޔާޚިލާފަށް އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މެދުގައި އެކިބާވަތުގެ ހަމަނުޖެހުން އުފެދިފައިވާ ބަޔަކަށްވާނަމަ، ނުވަތަ އަޅުގަނޑުމެންގެ މެދުގައި ދެކޮޅުވެރިކަން އުފެދިފައިވާ ބަޔަކަށްވާނަމަ، ނޫނީ އަޅުގަނޑުމެންނަކީ ބައިބައިވެފައިވާ ބަޔަކަށްވާނަމަ، އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއްގެ ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ. އެއީ އެއްގޮތަކަށްވެސް އިތުރު ތަފުސީލަކަށް ބޭނުންވާ ކަމެއް ނޫން. އެއީ ހަމަ ތެދު ޙަޤީޤަތެއް. އަޅުގަނޑުމެންގެ ވަށައިގެން ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުރި ޙަޤީޤަތެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ރަނގަޅަށް ހަނދާންކުރަންޖެހޭނެ. އާދެ، އަޅުގަނޑު މިދެއްކި ވާހަކަތަކުގެ ތެރޭގައި ހުރި ނުކުތާތަކުގެ މައްޗަށް ގުރައިދޫގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވައި، އެއާ އެއްގޮތަށް ޢަމަލުކުރައްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑުގެ އުންމީދަކީ އަދި އެދުމަކީ، ގުރައިދޫއަށް ތަނަވަސްކަމާއި ބާއްޖަވެރިކަން اللّـه سبحـانـه وتعـالى ދެއްކެވުން. އަދި ގުރައިދޫގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލައްވައި، ގުރައިދުއަށާއި މިއަތޮޅަށާއި އަދި ދިވެހިރާއްޖެއަށް އަޅުގަނޑުމެން އެންމެން އެދޭފަދަ ބާއްޖަވެރި ތަނަވަސް ދުވަސްތަކެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.