بســم اللّـه الرّحمـن الرّحيــم
الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمّد وعلى آلـه وصحبـه أجمعـين.
މިއަދަކީ ވަރަށް ޚާއްޞަ ދުވަހެއް. ދިވެހިރާއްޖޭގައި ސަރުކާރުގެ ފަރާތުން ކޮށްދެވޭ ޚިދުމަތްތަކަށް ބަލާއިރު، ވަރަށް ކުލަގަދަގޮތެއްގައި އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަކުރެވޭނެ ދުވަހެއް. އާދެ، މިއަދަކީ މާލެއިން ބޭރުގައި އެންމެ ފުރަތަމަފަހަރަށް ދިވެހި ސަރުކާރުގެ ފަރާތުން ޤާއިމުކުރާ، ޞިއްޙީ ޚިދުމަތްތައް ދޭނެ މަރުކަޒެއް ކުޅުދުއްފުށީގައި ހުޅުވުނު ދުވަސް. އެއްވެސް ޝައްކެއްނެތް، މި މުހިންމު މަސައްކަތް ކާމިޔާބީއަކާ ހަމަޔަށް ގެންދެވުނީ ވަރަށްގިނަ ފަރާތްތަކެއްގެ އިޚްލާޞްތެރި މަސައްކަތް އޭގައި ހިމެނިގެން. އެގޮތުން، މި މަސައްކަތުގައި ބައިވެރިވެވަޑައިގެން މި މަސައްކަތް ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަކަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ މިއަދުގެ ވަރަށްބޮޑު އުފަލެއް.
އާދެ، އެންމެ ފުރަތަމަ ޝުކުރު ދަންނަވަންޖެހޭ ފަރާތަކީ اللّـه سبحـانـه وتعـالى. އެއީ އެކަލާނގެ ފަޟުލުވަންތަވެރިކަމުން، އެކަލާނގެ ދެއްވި ހެޔޮ ތައުފީޤުގެ ސަބަބުން މި މަސައްކަތް ކާމިޔާބު ކުރެވުނު ކަމަށްޓަކައި. އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއް، ކުރާ އެއްވެސް ކަމެއް اللّـه سبحـانـه وتعـالىގެ ވާގިފުޅާލައިގެން މެނުވީ ކާމިޔާބެއް ނުކުރެވޭނެ. އެހެންކަމާއެކު، އަޅުގަނޑުމެން އެންމެން މިއަދު ޚުޝޫޢަވެރިކަމާއެކު އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަންޖެހޭ.
އާދެ، އޭގެފަހުގައި މި މަސައްކަތާއިގެން ކުރިއަށް ވަޑައިގެންނެވި އެންމެ އިސް ވެރިއެއް ކަމުގައިވާ، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތު އޮނަރަބްލް އަލްފާޟިލް މުޙަންމަދު މުޞްޠަފާ ޙުސައިނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ކުޅުދުއްފުށީގައި މިއަދު މި ހުޅުވުނު ރީޖަނަލް ހޮސްޕިޓަލް ހުޅުވުމުގެ މަސައްކަތަށް އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހެލްތު ބެހެއްޓެވި ޚާއްޞަ އަހަންމިއްޔަތަކީ، އަޅުގަނޑު ހިތުން ތިޔައިގެ ތެރެއިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނޭ ކަމެއްނޫން. ވަރަށްގިނަ ދުވަސް ވަންދެން މި މަސައްކަތް ކުރެވެމުން ގޮސްފައިވާކަންވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާން ފެށީ މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް މުޞްޠަފާ ޙުސައިން އިސްކުރެއްވުމާ ގުޅިގެން. މިދޭތެރެއިން އެމަނިކުފާނު ރާއްޖެއިން ބޭރުގައި ރަސްމީ ޚިދުމަތުގައި ހުންނެވި ދުވަސްކޮޅުގެ ތެރޭގައިވެސް މި ހޮސްޕިޓަލް ޢިމާރާތް ކުރުމާއި، ހޮސްޕިޓަލް ހުޅުވުމަށް ތައްޔާރުކުރުމުގެ ކަންތައްތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަމުން ގެންދެވި. އެމަނިކުފާނު ޖެނީވާގައި ހުންނެވި ހުންނެވުމުގައިވެސް މިކަމާ ގުޅޭގޮތުން ސީދާ ރައީސް އޮފީހަށްވެސް މެސެޖް ފޮނުއްވައި، މިކަމުގެ ހުރިހާ އިންތިޒާމުތައް ކުރައްވަމުން ގެންދެވިކަމުން ދޭހަވާ އެއްޗަކީ، އެމަނިކުފާނުގެ ހިތްޕުޅުގައި މި މުހިންމު ބޮޑު މަޝްރޫޢަށް ދެއްވައިފައިވާ އަހަންމިއްޔަތުގެ މަތިވެރިކަން.
އާދެ، މިނިސްޓަރުގެ އިތުރަށް، މިނިސްޓްރީ އޮފް ހެލްތުގެ ވަރަށްގިނަ ވެރިންވެސް މި މަސައްކަތުގައި ވަރަށްބޮޑު ބައެއް އަދާކުރައްވައިފައިވޭ. އެހެންވުމާއެކު، އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް މިއަދު އަޅުގަނޑު މިތާނގައި ނުދެންނެވި ކަމުގައިވިޔަސް މިނިސްޓްރީ އޮފް ހެލްތުގެ ހުރިހާ ވެރިންނަށް، މިކަމުގައި މަސައްކަތް ކުރައްވައި ޚިދުމަތް އަދާކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކު، ހދ. އަތޮޅުގެ އަތޮޅުވެރިންވެސް މިކަމުގައި ވަރަށް ޚާއްޞަ ޢިނާޔަތެއް ބެހެއްޓެވިކަން އެނގިފައިވޭ. އެހެންވުމާއެކު، މިއަތޮޅުގެ އަތޮޅުވެރިންނަށާއި، ކުޅުދުއްފުށީގެ ވެރިންނަށާއި، އަދި ވަކިން ޚާއްޞަކޮށް ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުންނަށް މި ފުރުޞަތުގައި ޝުކުރާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ދިވެހި ސަރުކާރުން މި ރީޖަނަލް ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ ބައިނަލްއަޤްވާމީ، ވަރަށް ޚާއްޞަ ޖަމާޢަތެއްގެ އެހީއާއެކުގައި. އާދެ، އެއީ ކުޑަކުދިންގެ ކަންތައްތަކާބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތް ކަމުގައިވާ ޔުނިސެފް. ޔުނިސެފުގެ އެހީ މި މަޝްރޫޢުގައި ލިބިފައިވަނީ ވަރަށްމަތީ ދަރަޖައަކަށް. އަދި ކުރިއަށް އޮތް ތާނގައި، ރާއްޖެތެރޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އެހެނިހެން ރީޖަނަލް ހޮސްޕިޓަލްތައް އެޅުމުގައިވެސް ޔުނިސެފުގެ އެހީ ލިބޭގޮތަށްވަނީ ހަމަޖެހިފައި. އެހެންވުމާއެކު، ޔުނިސެފަށާއި، އަދި ޔުނިސެފުގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަވާ މަންދޫބު މިސްޓަރ ބްރައިޑްލްއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.
އާދެ، އަނެއްކާވެސް ތަރައްޤީގެ މަގުގައި އިތުރު ފިޔަވަޅެއް އެޅުނީ. ހަމައެފަދައިން، ތަރައްޤީގެ މަގުގައި މި އެޅުނު ފިޔަވަޅު މި އެޅުނީ، ތިޔަބޭފުޅުންގެ މި ކުޅުދުއްފުށީގައި. އާދެ، އެއީ އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް ފާހަގަކުރައްވާނޭ ކަމެއް. އަދި ރާއްޖޭގެ ވަރަށްގިނަ މީހުންވެސް ފާހަގަކުރާނޭ ކަމެއް. ކުޅުދުއްފުށްޓަކީ ޒަމާނުއްސުރެ ވަރަށް ހީވާގި މަސައްކަތްތެރި ބަޔަކު ދިރިއުޅެމުން އައިސްފައިވާ ރަށެއް. މުޅި ރާއްޖެއަށް މަޝްހޫރު ރަށެއް. އަދި ޚާއްޞަކޮށް، މާލެއިން އުތުރުގައި އެންމެ ގިނަ އަދަދަކަށް މީހުން އުޅޭ ރަށްވެސްމެ. އެހެންކަމަށްވުމާއެކު، ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ރީޖަނަލް ހޮސްޕިޓަލް ހުޅުވުނުކަން އެއީ އަޅުގަނޑު ހިތުން ވަރަށް ފުން މާނަތަކަކަށް އިޝާރާތްކޮށްދޭ ކަމެއް. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނޭ ފަދައިން، މީގެ ބަރާބަރު ތިންއަހަރު ކުރިން، އާދެ، 1979 ވަނަ އަހަރުގެ ހަމަ މިދުވަހު، މާޗުމަހުން އެއްވަނަ ދުވަހު، އަޅުގަނޑަށް ކުޅުދުއްފުށްޓަށް ޒިޔާރަތްކުރުމުގެ އުފާ ލިބުނު. އެފަހަރު އައީ ކުޅުދުއްފުށީގައި ހުޅުވުނު ކޮމިއުނިޓީ ސްކޫލް ނުވަތަ ތަޢުލީމީ މަރްކަޒު ހުޅުވުމަށްޓަކައި. އާދެ، އެ ކޮމިއުނިޓީ ސްކޫލް ހިމެނުނީ މި ދައުރުގައި ރާއްޖެތެރޭގައި ހުޅުވޭ ފުރަތަމަ ކޮމިއުނިޓީ ސްކޫލް ކަމުގައި. އޭގެކުރިން އޭދަފުށީގައި ސްކޫލެއް ހިނގަމުން އައި. އެހެންނަމަވެސް، އެއީ ކުރީ ދައުރުގައި ހުޅުވިފައިވާ ސްކޫލެއް. އެހެންވުމާއެކު، މި ދައުރަށް ފެށުނީއްސުރެ ހިނގަމުން އަންނަ ކަންތައްތަކުގައި، ކުޅުދުއްފުށި، އަދި ކުޅުދުއްފުށީގެ ރައްޔިތުން އިސްނަންގަވައިފައިވަނީ ވަރަށް މަތިވެރި ދަރަޖައަކަށްކަން އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލަން.
އާދެ، ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، ރާއްޖެތެރޭގެ އެހެން ތަންތާނގައިވެސް މިފަދަ ހޮސްޕިޓަލްތައް ޤާއިމުކުރުމުގެ މަޝްރޫޢު މިހާރުދަނީ ހިނގަމުން. ސަބަބަކީ ޞިއްޙީ ޚިދުމަތްތައް ދޭ ފަރާތް އެއީ ހަމައެކަނި މާލޭގައި ހުރެގެން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެދެވޭ ފެންވަރަކަށް ޞިއްޙީ ޚިދުމަތްތައް ފޯރުވެން ނޯންނާނެތީ. މިހާރު ރާއްޖެތެރޭގެ ރައްޔިތުންނަށް ދިމާވާ އެންމެބޮޑު އެއް ދައްޗަކީ، ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް، ޞިއްޙީ ފަރުވާއަކަށް ބޭނުންވެއްޖިއްޔާ މާލެ ދާންޖެހޭކަން. އާދެ، އަޅުގަނޑު ހަނދާނެއްނުނެތޭ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެލްތު ސެންޓަރެއް ހުންނަކަން. އަދި ހެލްތު ސެންޓަރުގައި ޚިދުމަތްތެރި ހެލްތު އެސިސްޓެންޓުން މަސައްކަތް ކުރައްވަމުން ގެންދަވާކަމެއް. އެހެންނަމަވެސް، ހެލްތު ސެންޓަރުތައް ޤާއިމުވެފައި ހުރިކަމުގައިވިޔަސް، އެތަންތާނގައި މާގިނަ ބަލިތަކަށް ފުދޭވަރަކަށް ބޭސްވެސް ނުހުރޭ. އެހެންވުމާއެކު، ވަރަށްގިނަފަހަރަށް، ރާއްޖެތެރޭގެ މީހުންނަށް ދާންޖެހެނީ ސީދާ މާލެއަށް. އަޅުގަނޑުމެންގެ ރާއްޖޭގައި ދަތުރުފަތުރުކުރުމުގެ ކަންތައްތައް އޮންނަ ގޮތުންނާއި، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ، ވަރަށްބޮޑު ކަނޑުގެ ސަރަޙައްދެއްގެ ތެރޭގައި އޮންނަ ތަނަކަށްވުމާއެކު، ކޮންމެ ކަމެއް ދިމާވުމުން، މާލެ ދިޔުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. އެއީ ވަރަށް އުނދަގޫ ކަމަކަށްވާނީ. ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން ނޫނީ ނުކުރެވޭ ކަމަކަށްވާނީ. އެކަން އެހެން އޮތުމާއެކު، ރާއްޖެތެރޭގައި ޞިއްޙީ ޚިދުމަތްތައް ކޮންމެވެސް މިންވަރަކަށް އަދާކޮށްދިނުމަށް ސަރުކާރުން އަހަންމިއްޔަތު ދިނުމަކީ ވަރަށް  ބޮޑަށް ބޭނުންވެފައިވާ ކަމެއް. މިގޮތުން މިއަދު ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށީގައި މި ހުޅުވުނު ރީޖަނަލް ހޮސްޕިޓަލުގެ ސަބަބުން މިހިސާބުގަނޑުގެ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް. އާދެ، އެ ފަސޭހަތައް ލިބިގެންދާނީ ހަމައެކަނި ކުޅުދުއްފުށީގެ ރައްޔިތުންނަކަށް ނޫން. ކުޅުދުއްފުށީގެ ރައްޔިތުންގެ އިތުރަށް، މިހިސާބުގަނޑުގައި މިވާ ރާއްޖޭގެ އެންމެ އުތުރު ތިން އަތޮޅުގެ ރައްޔިތުންނަށްވެސް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމާމެދަކު ޝައްކެއްނެތް. އާދެ، މިފަދަ އެހެނިހެން ޞިއްޙީ މަރްކަޒުތައް ރާއްޖެތެރޭގައި ޤާއިމުކުރެވެމުންދާނެ. އެކަން ވަމުން ދިޔަދިޔަހެން، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭ ޞިއްޙީ ޚިދުމަތް، އެއްދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަރަމުން ތަރައްޤީވަމުން.
އާދެ، މީގެކުރިން ހުރީ ހަމައެކަނި އެންމެ ހޮސްޕިޓަލެއް، ސަރުކާރުގެ ޚަރަދުގައި ހިނގަމުންދާ. އެއީ މާލޭގައި ހުންނަ، ސަރުކާރުގެ ހޮސްޕިޓަލް ނުވަތަ ގަވަރންމަންޓް ހޮސްޕިޓަލް. މިތަން މިއީވެސް ސަރުކާރުގެ ހޮސްޕިޓަލެއް. އެހެންވުމާއެކު، މާލޭގައި ހުންނަ ގަވަރންމަންޓް ހޮސްޕިޓަލުގެ ނަން ކޮންމެވެސް އެހެން ގޮތަކަށް ބަދަލުވެގެންދިޔުމަކީ އަޅުގަނޑު ހިތުން ކުރަންޖެހޭނޭ ކަމެއް. އެހެންވުމާއެކު ގަސްދުކުރެވިފައިވަނީ މާލޭގައި ހުންނަ ހޮސްޕިޓަލުގެ ނަން އެހެން ނަމަކަށް ބަދަލުކުރަން. އެއީ އެތަނުންދޭ ޚިދުމަތާ ގުޅޭ ނަމަކަށް ހެދުމަށް. އެކަމަށްޓަކައި ޤާނޫނެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ. މިހާރު ގަވަރންމަންޓް ހޮސްޕިޓަލް، އެ ނަން އެވަނީ އަޅުގަނޑުމެންގެ އޮފިޝަލް ކަންތަކުގައި ފާސްކުރެވިފައި. އެހެންވީމާ، ސަރުކާރުން ގަސްދުކުރަނީ އެކަށީގެންވާ އެހެން ނަމަކަށް، އެ ހޮސްޕިޓަލުގެ ނަން ބަދަލުކުރުމަށްޓަކައި ވަރަށް އަވަސް ފުރުޞަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނެއް ހުށަހަޅައިގެން، އެ ޤާނޫނު ފާސްވިހާ އަވަހަކަށް އެތަނުގެ ނަން ބަދަލުކުރުމަށް.
އާދެ، ކޮންމެއަކަސް މިފަދަ މުހިންމު މުނާސަބަތުތަކުގައި، އަޅުގަނޑުމެން ވަރަށްގިނަ ކަންތައްތަކާ ދޭތެރޭގައި ވިސްނަންޖެހޭނެ. ތަރައްޤީގެ މަގުގައި އެޅޭ ކޮންމެ ފިޔަވަޅަކީ، އޭގެއިތުރުން އެތައް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ފިޔަވަޅެއް. ހަމައެކަނި އެއް ފިޔަވަޅު އެޅުމުން އެއީ އެ މައިދާނުގައި ނުވަތަ އެ ރޮނގުގައި އަޅުގަނޑުމެންނަށް ކުރިއަރަންވީވަރަށް ކުރިއެރުނީ ކަމަށް ބަލައިގެން އެއްގޮތަކަށްވެސް ފަރުޖެހޭކަށް ނޯންނާނެ. އެހެންވީމާ، މިއަދު މި އެޅުނީ މުހިންމު ފިޔަވަޅެއް. ވަރަށް މުހިންމު ފިޔަވަޅެއް. އެ ފިޔަވަޅުގެ އިތުރަށް ފިޔަވަޅުތަކެއް އަޅުގަނޑުމެން އަޅަންޖެހޭނެ. އެހެންކަމުން، މި މުހިންމު މުނާސަބަތުގައި އަޅުގަނޑު މުޅި ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލާނީ، ރާއްޖޭގައި އާ ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށްޓަކައި އެންމެން އެއްބާރުލައިގެން މަސައްކަތް ކުރުމަށް. އާދެ، ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަކީ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ އެންމެ ފުރަތަމަ ޝަރުޠުކަމާމެދަކު އެއްވެސް ޝައްކެއްނެތް. ޞިއްޙަތު ސަލާމަތުން ބަހައްޓަންވީ ކީއްވެގެންކަމާއި، ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ބޭނުމަކީ ކޮބައިކަމާއި، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކަންތައްތައް ކުރަންވީ ކިހިނެއްކަމާ، މިކަންތައްތައް އަޅުގަނޑުމެންގެ ޢާންމު ރައްޔިތުންނަށް ސާފުކޮށް އޮޅުންފިލައިގެން ނޫނީ ޞިއްޙީ ރޮނގުގައި އަޅުގަނޑުމެންނަށް އެއްވެސް ތަރައްޤީއަކާ ހަމަޔަކަށް ވާސިލުވެވޭކަށެއް ނޯންނާނެ. އާދެ، އެހެންވީމާ، އެންމެ ފުރަތަމަ ކަމަކީ އަޅުގަނޑުމެންނަށް އެނގުން، ޞިއްޙަތުގެ މާނަ، ޞިއްޙީގޮތުން އަޅުގަނޑުމެން ޢަމަލުކުރަންވީ ގޮތްތައް. އެހެންވީމާ، މި ދެންނެވިފަދަ ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށްޓަކައި ސަރުކާރާއި އަދި ސަރުކާރު ފިޔަވައި އެނޫން ހުރިހާ ފަރާތެއްގެވެސް މަސައްކަތް އޭގައި ހިމެނިގެންދާގޮތަކަށް، ޤައުމީ ޚިދުމަތެއްގެ ގޮތުގައި މި މަސައްކަތް ކުރުމަށް ފެށްޓުމަށް މިއަދު އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރަން.
އާދެ، މިދެންނެވި ހޭލުންތެރިކަން އުފެއްދުމުގައި، ސަރުކާރުގެ ވަރަށްގިނަ ފަރާތްތަކެއްވެސް ވަރަށް އެކަށީގެންވާ ޙިއްޞާއެއް އަދާކުރައްވަންޖެހޭނެ. މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ހެލްތުގެ ދަށުގައިވާ އެންމެހާ ޑިޕާޓްމަންޓްތަކާއި އޮފީސްތައް. ހަމައެފަދައިން، ސަރުކާރުގެ ކަމާބެހޭ އެހެނިހެން އޮފީސްތައް. ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އެއީ ޚަބަރު ފެތުރުމާއި، މަޢުލޫމާތު ދިނުމާއި، އިރުޝާދު ދިނުމުގެ އެންމެ މުހިންމު މަރުކަޒަކަށްވާތަން. އެތާނގެ ދަށުގައިވާ، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްއާ މިތަންތާނގެ ޒަރީޢާއިން ޞިއްޙީ ހޭލުންތެރިކަން އުފެއްދުމާބެހޭ ޕުރޮގުރާމުތައް ތައްޔާރުކުރައްވައި ފޮނުއްވުން އެއީ އަޅުގަނޑު މިދެންނެވި މަސައްކަތުގެ ތެރޭގައި ހިމެނެންވާނެ ކަމެއް. ހަމައެފަދައިން، މިހާރު ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ކުރިއަރުވާ ކޮމިޓީއެއް ވަނީ އުފެދިފައި. އަދި ކޮންމެ ރަށެއްގައި ރަށް ކުރިއަރުވާ ކޮމިޓީއެއް ވަނީ އުފެދިފައި. މާލެފަދަ ތަންތާނގައި އަވަށް ކުރިއަރުވާ ކޮމިޓީތައްވެސް އެބަހުރި. އެހެންވީމާ، މިހުރިހާ ކޮމިޓީތައްވެސް މިދެންނެވި ޞިއްޙީ ހޭލުންތެރިކަން އުފެއްދުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވަންޖެހޭނެ. ހަމައެފަދައިން، އަންހެނުން ކުރިއަރުވާ ކޮމިޓީތަކާއި، އަންހެނުންގެ ޤައުމީ މަޖިލިހާ، މިގޮތުން މިހާރު އުފެދިފައިވާ، ސަރުކާރުން އުފައްދައިފައިވާ ނުވަތަ އަމިއްލަ ފަރާތްތަކުން އުފައްދައިފައިވާ ހުރިހާ ޖަމާޢަތްތަކާއި ޖަމްޢިއްޔާތައްވެސް މި މުހިންމު މަސައްކަތުގައި ބައިވެރިވާންޖެހޭނެ. އޭގެއިތުރުން ސަރުކާރުގެ މަދަރުސާތައް، އަމިއްލަ މަދަރުސާތައް، މަކްތަބުތައް، މިހުރިހާ ތަނަކުންވެސް މިދެންނެވި ފަދަ ގޮތަކަށް މަސައްކަތްކޮށްގެން ނޫނީ އަޅުގަނޑުމެން އެދޭ ފެންވަރަށް، އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންނަށް ޞިއްޙަތުގެ ބޭނުމާއި، ޞިއްޙަތު ސަލާމަތުން ބަހައްޓާނޭ ގޮތާއި، އަދި އެކަމާގުޅިގެން ކަންތައްތައް ކުރަންވީގޮތް އެއްގޮތަކަށްވެސް ނޭނގޭނެ. އެހެންވުމާއެކު، މިފަދަ ޤައުމީ ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމަށް އަޅުގަނޑު މިއަދު ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް އިލްތިމާސް ކުރަން.
އާދެ، ޞިއްޙަތަކީ ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ހަމައެކަނި ބަލިތަކުން ސަލާމަތްވެ ތިބުމެއް ނޫން. އާދެ، އެއީ އެއަށްވުރެ މާފުޅާ ދާއިރާއަކަށް ރައްދުވާ ބަހެއް [ޞިއްޙަތު] އެއީ. ދުނިޔޭގެ ބައެއް މުހިންމު ބައިނަލްއަޤްވާމީ ޖަލްސާތަކުން ފާސްކޮށްފައިވާ ގޮތުގައި ޞިއްޙަތަކީ، ޞިއްޙީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، އަދި އިޖުތިމާޢީ ގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް މުޖުތަމަޢުގައި އުފެއްދުންތެރި ޙަޔާތެއް ޙިއްޞާކުރެވޭވަރުގެ ކުޅަދާނަކަން އެމީހެއްގައި ހުރުން. އެހެންވީމާ، ހަމައެކަނި ބަލިތަކުން ސަލާމަތްވެ ހުރީމާ އެއީ ފުރިހަމަ ޞިއްޙަތު ލިބިގެންވާ މީހެއް ކަމުގައި ބެލޭނެ ތަނެއްނެތް. މީގެއިތުރުން މުޖުތަމަޢުގައި އުފެއްދުންތެރި ޙަޔާތެއް، އާދެ، އެމީހާގެ ސަބަބުން މުޖުތަމަޢަށް ޙިއްޞާކުރެވޭ ބައެއް އޮންނަ ފެންވަރަށް، އެމީހާގައި ކުޅަދާނަކަން ހުންނަންޖެހޭނެ. އެއީ އެންމެ ފުރަތަމަ ޞިއްޙަތު ސަލާމަތުން ހުރުން. ބަލިތަކުން ސަލާމަތްވެ ހުރުން. އޭގެއިތުރުން، ނަފްސާނީ ގޮތުންވެސް އެކަށީގެންވާ ފެންވަރެއްގައި އެމީހާ ހުރުން. އިޖުތިމާޢީ ގޮތުން އެދެވޭ އުފެއްދުންތެރި މަސައްކަތެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކަށްވުން. އެހެންގޮސް، މިދެންނެވި ހުރިހާ މަޤްޞަދުތަކެއް ހާސިލުވާގޮތަށް ހުރުން އެއީ ޞިއްޙަތު ސަލާމަތުން ހުރުމަކީ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި، ދެންމެ އަޅުގަނޑު މި އިލްތިމާސް ކުރި ޞިއްޙީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރާއިރު، ޞިއްޙަތުގެ މާނަވެސް މިދެންނެވި އުސޫލުގެމަތިން ހުރިހާ އެންމެންނަށް ރަނގަޅަށް ސާފުވެފައި އޮންނަންވާނެކަން ކަށަވަރު. އާދެ، ޞިއްޙީ ހޭލުންތެރިކަން އުފައްދާއިރު، އަޅުގަނޑުމެން ސަމާލުކަންދޭންވީ ކަންތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ޞިއްޙަތަށް ގެއްލުން ލިބޭ ކަހަލަ ކަންތައްތަކަށް ޚާއްޞަ އަހަންމިއްޔަތެއް ދިނުން އެއީ ވަރަށް މުހިންމު ކަމެއް. އެހެން މިދެންނެވީ، އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ބަލިބަލި ފެތުރުމާއި އަދި އަޅުގަނޑުމެންގެ ޞިއްޙަތަށް ނުރައްކާތެރި ގޮތްތައް މެދުވެރިވަމުން ދިޔުމުގެ އެންމެބޮޑު ސަބަބެއް ކަމަށްވާނެ، އަޅުގަނޑުމެންގެ މެދުގައި ރަނގަޅު ޞިއްޙީ އާދަކާދަތަކެއް ނެތުން. ޞިއްޙީގޮތުން ކުރަންޖެހޭ ކަންތައްތަކާއި، ޞިއްޙީގޮތުން ކުރުން އެކަށީގެންނުވާ ނުވަތަ ކުރުން ނޭދެވޭ ކަންތައްތައް އަޅުގަނޑުމެންނަށް ނޭނގުން. ނުވަތަ އެނގިފައި އޮތްކަމުގައިވިޔަސް، އެކަމަށް އެކަށީގެންވާ ދަރަޖަޔަކަށް އަޅައިނުލެވުން. އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް ސާފުތާހިރުކަމަށް ސަމާލުކަންދިނުން، ކައިބޮއި އުޅުމުގައިވެސް ޞިއްޙީ އުސޫލުތަކަށް ރައްކާތެރިވުން، ބޯފެނާއި ފާޚާނާކަންތައްތަކުގައިވެސް ހުރިހާ ކަމެއްވެސް ޞިއްޙީ އުސޫލުތައް ނިޔާކުރާ ގޮތުގެމަތިން ކަންތައްތައް ކުރުން. ބައްޔެއް ޖެހިއްޖެނަމަ، އަވަހަށް އެކަށީގެންވާ ބޭސްވެރިއެއްގެ ފަރުވާ ހޯދުން. އެކަންތައްތައް އިހުމާލު ނުކުރުން. މިހެންގޮސް މިބާވަތުގެ ކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަށަގަންނަންވާނެ. ހަމައެއާއެކުގައި، ޞިއްޙަތަށް ގެއްލުން ލިއްބައިދެނިވި އާދަތަކުން އެއްކިބާވުމަށްވެސް ބާރުއަޅަން ޖެހޭނެ. މިސާލަކަށް،  އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ކުޑަކުޑަ ދާއިރާއެއްގައިނަމަވެސް، މަސްތުވާތަކެތީގެ ބޭނުންކުރުން އެއީ ފަހަކަށްއައިސް ފާހަގަކުރެވިފައިވާ ކަމެއް. އެއީ ޞިއްޙަތަށް ވަރަށް ނުރައްކާތެރި ކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް ގަބޫލުކުރެއްވޭނެ. އަދި އެންމެ ހިތާމަކުރަންޖެހޭ ކަމަކީ، އެބާވަތުގެ ކަންތައްތައް ރާއްޖޭގައި ފެތުރިގެންދަނީ ޒުވާނުންގެ ތެރޭގައި ކަމަށްވާތީ.
އާދެ، ޒުވާނުންނަކީ އެމީހުންގެ އަތްމަތީގައި ރާއްޖޭގެ މުސްތަޤްބަލު އޮތް މީހުން، އޮތް އަފުރާދުން. އެހެންވުމާއެކު، އެމީހުން ހުރިހާ ގޮތަކުން ބަލާއިރުވެސް ރަނގަޅު ފެންވަރެއްގައި ޚިދުމަތްކުރެވޭ ކަހަލަ ގޮތަކަށް ތިބެގެން މެނުވީ، އަޅުގަނޑުމެންގެ މުސްތަޤްބަލު އަލިވެގެން ނުދާނެ. އެހެންވީމާ، މަސްތުވާތަކެތީގެ ބޭނުންކުރުން ހުއްޓުވޭތޯ ބެލުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެއް. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، އެކަމަކީ މާފުޅާ ދާއިރާއެއްގައި އަދި ފެތުރިފައިވާ ކަމެއް ނޫން. އެހެންނަމަވެސް، މިހާރުވެސް ކޮންމެވެސް ދަރަޖަޔަކަށް އެކަން އޮތީމާ، މިހާރުއްސުރެ އެކަމަށް ސަމާލުކަންދީގެން އެކަމަށް އަޅުގަނޑުމެން ހޭލުންތެރިވެގެން، އެކަން މަނާކުރަން އެންމެން އުޅެގެން ނޫނީ އެކަން މަނައެއް ނުކުރެވޭނެ.
އާދެ، މިދެންނެވީ ވަރަށް ކުޑަކުޑަ ދާއިރާއެއްގައި ފެތުރިފައިވާ ކަމެއް. އެއަށްވުރެ ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަމެއްގެ ވާހަކަވެސް މިއަދު އަޅުގަނޑު ދަންނަވައިލާހިތްވޭ. އާދެ، އެއީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވާހަކަ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީވެސް ޞިއްޙީގޮތުން ވަރަށް ނުރައްކާތެރި ކަމެއްކަން މިހާރު ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ގަބޫލުކުރޭ. އެކިއެކި ޑަކްޓަރުންނާއި އަދި އެކިއެކި ޖަމްޢިއްޔާތަކުން ކޮށްފައިވާ ސަރވޭތަކާއި، ހޯދައިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި، ދުންފަތުގެ އިސްތިޢުމާލު ގިނައިން ކުރުމަކީ ވަރަށް ބޮޑެތި ނުރައްކާތެރި ބަލިތަކެއް އޭގެ ސަބަބުން ހަށިގަނޑަށްޖެހޭ ކަމެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ރަނގަޅަށް ދެނެގަތުމަކީ ކޮންމެހެން ބޭނުންކަމެއް. އާދެ، އަޅުގަނޑަށް އެނގޭ، އެއީ ވަރަށްގިނަ ބަޔަކަށް ވަރަށް ކުރިއްސުރެ އާދަވެފައި އޮންނާނެ ކަމެއްކަން. އެހެންވީމާ، ދުންފަތުގެ އިސްތިޢުމާލު ކުރެއްވުން ހަމަ އެއްފަހަރާ ހުއްޓައިލައްވާށެކޭ ފަހަރެއްގައިވެސް، އަޅުގަނޑެއް ނުދަންނަވަން. އެއީ ފަސޭހަކަމަކަށް ނުވާނެ. އަޅުގަނޑު މިދަންނަވާހާވެސް އެއްޗަކީ އެކަމާދޭތެރޭގައި ވިސްނަވާށޭ! ކޮންމެ ބޭފުޅަކަށްވެސް ވެވަޑައިގެންނެވި ވަރަކުން، އެ ދުންފަތުގެ އިސްތިޢުމާލު ކުރެއްވުން މަދުކުރެއްވޭތޯ ބައްލަވާށޭ!
އާދެ، އަޅުގަނޑު އެހެން މިދަންނަވަނީ، އެކަމަކީ ވަރަށް ނުރައްކާތެރި ބަލިތަކެއް، އޭގެސަބަބުން ފެތުރޭ، ވަރަށް ނުބައި އާދަޔަކަށްވާތީ. އެހެންވުމާއެކު، ވަރަށްގިނަ ޤައުމުތަކުގައިވެސް މިހާރު ސިނގިރެޓް ބުއިން، މިފަދަ ކަންތައްތަކުން މީހުން ސަލާމަތް ކުރެވޭތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް ވަރަށް ބޮޑެތި ފިޔަވަޅުތަކެއް، ވަރަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ. މިސާލަކަށް، އެމެރިކާ ނަގަމާހިންގަވާ! އެމެރިކާއަކީ ދުނިޔޭގައިވާ އެންމެ ތަރައްޤީވެފައިވާ ޤައުމު. އެންމެ ތަހުޒީބުވެފައިވާ ޤައުމު. އަފްރާދުންނަށް އެންމެބޮޑަށް މިނިވަންކަން ލިބިފައިވާކަމަށް އިވެމުންދާ ޤައުމު. އެހެންނަމަވެސް، އެމެރިކާގައިވެސް މިހާރު ސިނގިރެޓުގެ އިޝްތިހާރެއް ކުރަނީ ކަމަށްވަންޏާ، އެ އިޝްތިހާރުގައި، [ސިނގިރެޓް ބުއިމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެކޭ.] އެ ޢިބާރާތް، ކަނޑައެޅިގެން ލިޔެފައި އޮންނަންޖެހޭ. އެމެރިކާގައި ކޮންމެ ސިނގިރެޓެއްގައިވެސް އެ ޢިބާރާތް ލިޔެފައި އޮންނަންޖެހޭ. ކޮންމެ ފޮށްޓެއްގައިވެސް އަދި ސިނގިރެޓް އިޝްތިހާރުކުރާ ކޮންމެ އިޝްތިހާރެއްގައިވެސް ނިންމައިލަމުން އެ ވާހަކަ އޮންނަންޖެހޭ. އެއީ އެމެރިކާ ސަރުކާރުން ފާސްކުރި ޤާނޫނެއްގެ ސަބަބުން، އެމެރިކާގެ ކޮންމެ ތަނެއްގައި، އެކަންކުރަން ކަނޑައަޅައިފައި އޮންނަގޮތް. ޓީ.ވީ.ގެ ޒަރީޢާއިން އިޝްތިހާރު ދައްކާއިރުވެސް ނިންމައިލަމުން ބުނާނެ، [ސިނގިރެޓް ބުއިމަކީ ޞިއްޙަތަށް ގެއްލުންހުރި ކަމެކޭ]. ކޮންމެ ސިނގިރެޓް ފޮށްޓެއްގައިވެސް އެހެން ލިޔެފައި އޮންނަންޖެހޭ. ސިނގިރެޓް ވިއްކާ ކޮންމެ ފިހާރައެއްގައިވެސް އެހެން ލިޔެފައި އޮންނަންޖެހޭ. އެހެންވީމާ، މީހުންނަށް އެކަން އެ ދަސްކޮށްދެވެނީ. އެގޮތުން ސިނގިރެޓް ވިއްކުން މަނާކުރުމުގެ ބަދަލުގައި މީހުންގެ ހޭލުންތެރިކަން އުފައްދައިގެން މީހުން އަމިއްލައަށް އެމީހުންގެ ހިތުންރުހުމުގައި އެކަން ދޫކޮށްލާގޮތަށް މަސައްކަތް ކުރަނީ. އެއީ އަޅުގަނޑުމެން ދިވެހި ސަރުކާރުންވެސް އަޅުގަނޑު ހިތުން ވިސްނަންވެއްޖެ ކަމެއް. މިގޮތުން ވިސްނަންވީ، އެއްގޮތަކަށްވެސް ޤާނޫނީގޮތުން އެކަން މަނާކުރާކަށެއް ނޫން. މީހުންނަށް އޭގައިހުރި ނުރައްކާތެރިކަން އަންގައިދީގެން، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ހިތުންރުހުމުން އަމިއްލަ އިޚްތިޔާރުގައި، އެކަން މަޑުމަޑުންނަމަވެސް ހުއްޓައިލަމުން ގެންދާގޮތަކަށް. އެހެން އަޅުގަނޑަށް ދަންނަވަންޖެހެނީ އަޅުގަނޑުމެންގެ ރާއްޖޭގައި މިކަންތައްތައް ވަރަށް މަތިވެރި ދަރަޖަޔަކަށް ފެތުރެމުންދާތީ. އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިންވެސް ވަރަށްގިނަ އަދަދަކަށް މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރަމުންދޭ. އެއީ ވަރަށް ހިތާމަހުރި ކަމެއް. މާލޭގައިވެސް މަގުމަތިންވެސް ފެންނާނެ، ޢުމުރުން ހައެއްކަ އަށެއްކަ އަހަރުގެ ކުދިންވެސް ސިނގިރެޓް ބޮމުންދަނިކޮށް. އެއީ ދުނިޔޭގެ އެހެން ތަންތާނގައި ނުފެންނަ މަންޒަރެއް. އަދި މައިންބަފައިން ކުރިމަތީގައިވެސް ހަމަ ކުޑަކުދިންވެސް، ޒުވާނުންވެސް ސިނގިރެޓުބޮއި އެބަހަދާ. އެއީ އަޅުގަނޑު ދުށް އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން. ބޭރުގެ އެހެން ޤައުމުތަކުގައި، އެއްވެސް މީހަކު އެމީހެއްގެ މައިންބަފައިންގެ ކުރިމަތީގައި އެކަހަލަ ޢަމަލެއް ނުކުރާނެ. އެއީ ހުތުރު ކަމަކަށްވާތީ. ސިނގިރެޓް ރޯކޮށްގެން ހުއްޓާ ބައްޕަ އަތުވެއްޖެނަމަ، ނޫނީ މަންމަ ނޫނީ ބޮޑުބޭބެ ނުވަތަ އޭނާ އިޙުތިރާމުކުރާ، އެއްވެސް މީހަކު އަތުވެއްޖެނަމަ، އަވަހަށް ސިނގިރެޓް އެއްލައިލާ. އެމީހެއްގެ ކުރިމަތީގައި އެ ބޭނުމެއްނުކުރާނެ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން ކުރެވެމުންދަނީ އެހެނެއްނޫން. އެއީ ހުތުރު ކަމެއް ކަމަކަށް އެއްވެސް މީހަކު ނުދެކޭ. އަނެއްކާ ކުޑަކުދިންނަށްވެސް ސިނގިރެޓް ވިއްކާ މީހުންވެސް ވިއްކަމުން ގެންދަނީ.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ވިސްނައިގެން އެއިން ދުރުހެލިވެވޭތޯ މަސައްކަތް ކުރަންވީ. ކީއްކުރަންތޯ، ކުޑަކުދިންނަށް އެ އެއްޗެތި ވިއްކަންވީ. އަޅުގަނޑަށް ހީވާގޮތުގައި، ވިއްކަވާ ފަރާތްތަކުންވެސް ކުޑަކުދިންނަށް ނުވިއްކަވާގޮތަށް ހައްދަވައިފިއްޔާ ވަރަށްބޮޑު ސަލާމަތްކަމެއް އަޅުގަނޑުމެންގެ މުސްތަޤްބަލަށް ލިބިގެންދާނެ. އާދެ، ކޮންމެއަކަސް މި މުހިންމު މުނާސަބަތުގައި، އަޅުގަނޑުގެ އިލްތިމާސަކީ އެކަހަލަ އެކަށީގެންނުވާ ނުވަތަ ޞިއްޙަތަށް ކަނޑައެޅިގެން ގެއްލުން ލިބޭނެކަން އަޅުގަނޑުމެންނަށް އެނގޭ ނުބައި އާދަތަކުން އަޅުގަނޑުމެން އެންމެން އަމިއްލައަށް ރައްކާތެރިވުން. ސަރުކާރުން އަޅާ ފިޔަވަޅެއްގެ ސަބަބަކުންނެއް ނޫން. ހަމަ އަމިއްލައަށް އެކަން ވިސްނިގެން، އަމިއްލަ ރުހުމުގައި ތިމާގެ އަމިއްލަ މަޞްލަޙަތަށްޓަކައި ތިމާ އަޅާ ފިޔަވަޅެއްގެ ގޮތުން އެކަންތައްތަކުން އެއްކިބާވުން، ނުވަތަ ދުރުހެލިވުން، ނުވަތަ އެކަންތައްތައް ކުރުން މަދުކުރުން. އެކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ކަންތައްތައް ބަހައްޓައިގެން ނޫނީ ކިތަންމެ ހޮސްޕިޓަލްތަކެއް ޤާއިމުކުރެވުނު ކަމުގައިވިޔަސް، ކިތަންމެ ޞިއްޙީ މަރްކަޒުތަކެއް ރާއްޖެތެރޭގައި ޤާއިމުކުރެވުނު ކަމުގައިވިޔަސް، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތެއް ނުކުރެވޭނެ.
އާދެ، އަޅުގަނޑު ޔަޤީންކުރަން، އަޅުގަނޑު މި ދެއްކި ވާހަކަތަކަށް ތިޔަ ހުރިހާ ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ދެއްވާނެކަމަށް. އަދި އޭގައި ރަނގަޅު ނަޞޭޙަތެއް، ރަނގަޅު އިރުޝާދެއް އެކުލެވިގެންވާ ކަމަށް ވަނީނަމަ، އެ ނަޞޭޙަތަކާއި ނުވަތަ އެ އިރުޝާދަކާ އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދަވާނެ ކަމަށް.
އާދެ، އަޅުގަނޑުގެ އެދުމަކީ މިއަދު ކުޅުދުއްފުށީގައި މި ޤާއިމުކުރެވުނު ރީޖަނަލް ހޮސްޕިޓަލުގެ ސަބަބުން ކުޅުދުއްފުށީގެ ރައްޔިތުންނަށާއި އަދި މާލެއިން އުތުރުގެ ވަރަށްގިނަ ބަޔަކަށް އެކަށީގެންވާ ޞިއްޙީ ޚިދުމަތްތަކެއް ލިބެމުންދިޔުން. އަދި ހަމައެޔާއެކު، މިފަދަ އެހެނިހެން ޞިއްޙީ މަރުކަޒުތައް ރާއްޖެތެރޭގައި ޤާއިމުކުރުމުގެ މަގު اللّـه سبحـانـه وتعـالى ފަހިކޮށްދެއްވުން. އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާ ޞިއްޙީ ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދާނެ ގޮތްތައް އެކަލާނގެ އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވުން.

                  والسّلام عليكم ورحمـة اللّـه وبركاته.