بســم اللّـه الرّحمـن الرّحيــم
الحمـد للّه ربِّ العـالمـين، والصّــلاة والسّـــلام عـلى أشـــرف المرســـلين، ســيِّدنا محـمّد وعلى آلـه وصحبــه أجمعـين.
ދައުލަތުގެ ޢިއްޒަތްތެރި މިނިސްޓަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމެޓީގެ ވެރިޔާ، މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމެޓީގެ މެންބަރުން، މިރޭ މި އުފާވެރި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހާ މެހުމާނުން، އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުން؛
السّلام عليكم ورحمـة اللّـه وبركاته.
އާދެ، މިރެއަކީ ވަރަށް އުފާވެރި، ވަރަށް ތާރީޚީ ރެއެއް. މިރެއަކީ މައްޗަންގޮޅީގެ ޢިއްޒަތްތެރި ރައްޔިތުން، އެމީހުންގެ އަމިއްލަ ހިންމަތާއި މިންނަތުން، އަދި އެމީހުންގެ އަމިއްލަ ޚަރަދުގައި، ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައިވާ، މައްޗަންގޮޅީ ރައްޔިތުންގެ މަދަރުސާ ހުޅުވުނުރޭ. މި މަދަރުސާ ހުޅުވައިދިނުމުގެ ޝަރަފު، އަޅުގަނޑަށް ދެއްވިކަމަށްޓަކައި، މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމެޓީގެ ވެރިޔާއަށާއި، އަވަށް ކުރިއަރުވާ ކޮމެޓީގެ މެންބަރުންނަށާއި އަދި ޢާންމުކޮށް މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިމަތިވެރި ކާމިޔާބީ، އަދި މިމަތިވެރި ފަޚުރު ހާސިލު ކުރެއްވިކަމަށްޓަކައި، މައްޗަންގޮޅީގެ އަވަށް ކުރިއަރުވާ ކޮމެޓީއަށާއި، މައްޗަންގޮޅީގެ އެންމެހާ ރައްޔިތުންނަށް، ތެދުވެރިކަމާއި، ހިތްހަމަޖެހުމާއެކު މުބާރަކުބާދީ ދަންނަވަން. އެއްވެސް ޝައްކެއްނެތް. މިރެއަކީ، ހަމައެކަނި މައްޗަންގޮޅީގެ ތާރީޚުގައި ފާހަގަކުރެވޭނެ ރެއެއް ނޫން. މިރެއަކީ، މުޅި މާލޭގެ ތާރީޚުގައިވެސް ފާހަގަކުރެވޭނެ ރެއެއް. އަދި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރެވޭނެ ރެއެއް. އެހެން އަޅުގަނޑު މިދެންނެވީ މިފަދަ ބޮޑު، މަތިވެރި، ބުރަ، މަސައްކަތެއް، ރައްޔިތުންގެ ބަޔަކު އެމީހުންގެ އަމިއްލަ ހިތްވަރާއި ފަންވަރުން، އެމީހުންގެ ހިތުގައި އުފެދިފައިވާ ޤައުމީ ރޫޙެއްގެ ބޮޑުކަމުން އެ މަސައްކަތް ވަރަށް ފުރިހަމަ ނަތީޖާއަކާ ހަމައަށް ވާސިލުކުރެއްވި ރެޔަކީ މިރޭ ކަމަށްވާތީ.
އާދެ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެންމެ ކުރިއްސުރެ ތަޢުލީމަށް ލޯބިކުރައްވާ ބައެއްކަން ތާރީޚުން ވަރަށް ރަނގަޅަށް އެނގެން އެބައޮތް. ރާއްޖޭގެ ތަނަވަސްކަން ހުރި މިންވަރުން އެކިޒަމާނުގައި އެކިކަހަލަ ކިޔަވައިދޭ ތަންތަން، އެކިކަހަލަ މަދަރުސާ އުފެދިފައިވޭ. އަދި ރާއްޖޭގައި އުފެދުނު ޢިލްމުވެރިން، އެ ބޭފުޅުންގެ ޚިދުމަތްތައް ރާއްޖޭގެ ދަރިންނަށް ވަރަށް ފުރިހަމަ ގޮތެއްގައި ވާސިލުކޮށްދެއްވައިފައިވޭ. އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ރައްޔިތުން މިކަމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. އާދެ، އެގޮތަކީ، މާލޭގައި ސަރުކާރުގެ ސްކޫލްތަކެއް އެބަހުރި. ކުރިއްސުރެ މާލޭގެ ދަރިންނަށް ތަޢުލީމު ހާސިލުކުރެވޭނޭ މަގުތައް ސަރުކާރުން ތަނަވަސްކޮށްދީފައިވޭ. އެއާ ޚިލާފަށް ރާއްޖެތެރޭގައި، ތަޢުލީމު ހާސިލުކުރެވޭނޭ މަގުތައް ސަރުކާރުން ހަމަޖައްސައިދީފައެއް ނުވޭ. އެކަން އެހެން އޮތުމާއެކު ރާއްޖެތެރޭގެ ރައްޔިތުން، އެކި ރަށްރަށުގައި އެމީހުންގެ އަމިއްލަ ފައިސާ ޚަރަދުކޮށްގެން، އެމީހުންގެ އަމިއްލަ ބުރަ މަސައްކަތުން ވަރަށް ގިނަ މަދަރުސާތައް މީގެކުރިން ބިނާކުރައްވައިފައިވޭ. އަދި އެ މަދަރުސާތަކުގައި، އެ އަތޮޅުތަކުގެ އަދި އެ ރަށްތަކުގެ ޅަދަރިންނަށް ތަޢުލީމު ހާސިލުކޮށްދެއްވަމުން ގެންދަވާ. އެހެންވުމާއެކު، މިކަމަކީ އަޅުގަނޑު ދަންނަވާނީ މާލެއަށްވުރެ ރާއްޖެތެރޭގައި، ކުރިއަރައިފައިވާ ކަމެކޭ.
އާދެ، 1979 ވަނަ އަހަރުގެ ކުރީކޮޅުގައި، އެކިއެކި އަވަށް އަވަށުގެ މަންދޫބުންނާ އަޅުގަނޑު ބައްދަލުކޮށްލިން. އެ ބައްދަލުކުރުމުގެ ބޭނުމެއް ކަމުގައި ވެފައިއޮތީ، އަވަށް އަވަށުގައި އެކިއެކި އިޖްތިމާޢީ ޙަރަކާތްތައް އުފެއްދެވުމަށް އިލްތިމާސްކުރުން. އާދެ، ސަބަބަކީ، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެ ހުރިހާ ރޮނގަކުންވެސް ތަރައްޤީކުރަން ވެފައިވާލެއް ބޮޑުކަން. އެ ބުރަ މަސައްކަތް ދައުލަތުން ކުރަމުން ގެންދާއިރު، އެ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީއާއި އެއްބާރުލުން ބޭނުންވާތީ. ހަމައެފަދައިން، ކުރަންޖެހިފައިވާ ކަންތައްތައް ގިނަކަމާއި ކުރަންޖެހިފައިވާ ޚަރަދުތައް ބޮޑުކަމުން ސަރުކާރުގެ ފަރާތުން ހުރިހާކަމެއް ކުރެއްވެން ނޯންނާނެތީ. އާދެ، އަޅުގަނޑު  އެކުރި އިލްތިމާސަށް މާލޭގެ ހުރިހާ އަވަށްތަކެއްގެ ފަރާތުންވެސް ލިބުނީ ވަރަށް މަތިވެރި، ވަރަށް ތެދުވެރި ތަރުޙީބެއް. އެކަމަށްޓަކައި މާލޭގެ އަވަށް އަވަށުގެ ރައްޔިތުންނަށް އުފަލާއެކު އަޅުގަނޑު ޝުކުރު އަދާކުރަން.
އާދެ، އަޅުގަނޑު ދެކޭގޮތުގައި، އަދި ދެންމެ މި މަދަރުސާގެ ތަޢާރުފު ދެއްވިއިރު އަލްފާޟިލް ޢަބްދުއްރަޝީދު ޢަލީ އެ ވިދާޅުވި ގޮތުގައި، މިއަވަށުގައިވެސް މަދަރުސާއެއް ބިނާ ކުރުމުގެ ޚިޔާލު އަވަށް ކުރިއަރުވާ ކޮމެޓީއަށް ލިބިވަޑައިގަތީ، ނުވަތަ އެ ޚިޔާލު މިއަވަށުގެ ތެރޭގައި އުފެދުނީ ރާއްޖޭގައި އެކިއެކި އިޖުތިމާޢީ އަދި ޤައުމީ ޚިދުމަތްތައް ރައްޔިތުން އަމިއްލައަށް ފެށުމަށް އަޅުގަނޑު ކުރި އިލްތިމާސާ ގުޅިގެން. އެހެންކަމަށްވުމާއެކު، މިހާ މަތިވެރި ތަރުޙީބެއް، އަދި މިހާ ފުރިހަމަ އިޖާބައެއް، އަޅުގަނޑު އެކުރި އިލްތިމާސަށް މައްޗަންގޮޅީގެ ރައްޔިތުންގެ ފަރާތުން ދެއްވިކަމީ ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑަށް ލިބޭ ކަމެއް.
އާދެ، މައްޗަންގޮޅީގެ ރައްޔިތުންގެ މަދަރުސާ ނުވަތަ [އަލްމަދަރުސަތުލް އަޙްމަދިއްޔާ] އަޅުގަނޑުމެންނަށް ރަމްޒުކޮށްދެނީ ވަރަށް މަތިވެރި ކަންތައްތަކެއް. އޭގެތެރެއިން އެއްކަމަކީ، މުޅި އަވަށުގެ ރައްޔިތުންގެ ހިންމަތާއި މިންނަތް. އަވަށުގެ ރައްޔިތުންގެ އެއްބާރުލުމާއި އެކުވެރިކަން. އަވަށުގެ ރައްޔިތުންގެ އިޚްލާޞްތެރި މަސައްކަތާއި ޚިދުމަތް. ހަމަ އެއާއެކު، މި ތާރީޚީ، ތަޢުލީމީ މަރުކަޒު އަޅުގަނޑުމެންނަށް ރަމުޒުކޮށްދެނީ، އަނެއް ނަޒަރަކުން ބަލާއިރު އެންމެ ފަރުދެއްގެ މަސައްކަތާއި، އެންމެ ފަރުދެއްގެ ޚިޔާލާއި، އެންމެ ފަރުދެއްގެ ހިއްމަތޭވެސް ބުނެވިދާނެ. އާދެ، ތިޔަހުރިހާ ބޭފުޅުން ދެންމެ އެއްސެވި ފަދައިން، މި މަދަރުސާ ޢިމާރާތް ކުރެއްވުމުގެ ހުރިހާކަމެއް، ހިންގެވީ ހަމަ އެންމެ ބޭފުޅަކު. އެއީ އަލްފާޟިލް އަޙުމަދުދީދީ. މި ބޮޑު ޢިމާރާތް މިހާ ފުރިހަމައަށް ތައްޔާރު ކުރައްވައި އަދި އެކަމަށް ހިނގި ހުރިހާ ޚަރަދުތަކެއް އުފުއްލަވައި، މައްޗަންގޮޅީގެ ރައްޔިތުންނަށްޓަކައި، އަދި ތަޢުލީމު ހާސިލުކުރުމުގެ ތަނަވަސްކަން ލިބިފައިނުވާ ކުދިންގެ ޙައްޤުގައި، އޭނާ އެ ކުރެއްވި މަތިވެރި ހޭދަޔާއި ޚިދުމަތް، އެއީ ފަހަރެއްގައިވެސް މައްޗަންގޮޅީގެ ރައްޔިތުން އަދި ކީއްތޯ؟ މާލޭގެ ރައްޔިތުންވެސް ހަނދާންނެތިކޮށްލާނެ ކަމެއްނޫން.
އެއްވެސް ޝައްކެއްނެތް، މިބާވަތުގެ ކަންކަމަށް ހޭދަކުރުމަކީ ހުރިހާ އުސޫލަކުން ބަލާއިރުވެސް ވަރަށް އެދެވިގެންވާކަމެއް. އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް އަންގަވައިފައިވަނީ، ތަނަވަސްކަން ލިބިގެންވާ މީހުން، އެ މީހުންގެ ތަނަވަސްކަމުން ހޭދަކުރުމަށް. [لِيُنفِقْ ذُو سَعَةٍ مِّن سَعَتِه.] އާދެ، [ތަނަވަސްކަން ލިބިގެންވާ މީހާ، އެ މީހާއަށް، އެ ލިބިގެންވާ ތަނަވަސްކަމުން ހޭދަކުރާހުށިކަމެވެ.] ހޭދަކުރަންވީ ކޮންކޮން ކަންކަމަކަށްތޯ؟ އެއީވެސް މާތްވެގެންވާ އިސްލާމްދީނުގައި، އަޅުގަނޑުމެންނަށް އަންގަވައިފައިވާ ކަމެއް. ހޭދަކުރަންވީ ހެޔޮ ކަންތައްތަކުގައި. ފަޤީރުންނާއި މިސްކީނުންނަށް އެހީވެދިނުމުގައި، ބަލިމީހުންނަށް އެހީތެރިކަން ބެހެއްޓުމުގައި، މިސްކިތްތައް ޢިމާރާތް ކުރުމުގައި، ތަޢުލީމު ހާސިލުކުރާނެ ތަންތަން ހެދުމުގައި، ޤައުމުގެ ދިފާޢުގައި، އެހެން ޢިބާރާތަކުން ދަންނަވަންޏާ ތިމާގެ މުޖުތަމަޢަށާއި، ތިމާގެ ޤައުމަށާއި އަދި އެކިއެކި ދަތިތައް ކުރިމަތިވެފައިވާ މީހުންނަށް އެހީވެދިނުމުގައި. އެހެންވީމާ، މި މަތިވެރި ޚިދުމަތް އަލްފާޟިލް އަޙުމަދުދީދީ އެ ކުރެއްވީ ވަރަށް އިޚްލާޞްތެރިކަމާއެކުގައިކަން އަޅުގަނޑުމެން އެންމެން މިރޭ ގަބޫލުކުރަމު. އަދި އޭނާ އެ ކުރެއްވި މަތިވެރި ޚިދުމަތަށާއި އެ ކުރެއްވި ހޭދައަށްޓަކައި، ސަރުކާރުގެ ނަމުގައިވެސް އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައިވެސް އަދި ތިޔަބޭފުޅުންގެ ނަމުގައިވެސް، އޭނާއަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، މިރޭ އަޅުގަނޑު އުފާކުރަންޖެހޭ، ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އެއް ސަބަބަކީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިކަމަކީ އަވަށް އަވަށުގެ ރައްޔިތުންނަށް، އެ އަވަށް އަވަށުގައި އެކިއެކި ޤައުމީ އަދި އިޖުތިމާޢީ ޚިދުމަތްތައް ހިންގެވުމަށް އަޅުގަނޑުކުރި އިލްތިމާސަކާ ގުޅިގެން ޢިމާރާތް ކުރެވުނު މަދަރުސާއަކަށްވީކަން. ދެވަނަ ސަބަބަކީ، މި މަދަރުސާގެ ސަބަބުން ދިވެހިރާއްޖޭގެ ތަޢުލީމަށް، އަދި ޚާއްޞަކޮށް މާލޭގެ ތަޢުލީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން. ސަރުކާރުން ތަޢުލީމަށްދޭ އަހައްމިއްޔަތު ތިޔަހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވަޒަން ކުރެއްވޭނެ. ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކުރާކަމަކީ ތަޢުލީމު. އެންމެ ގިނަ މަސައްކަތްކުރާ ކަމަކީ ތަޢުލީމު. މުޅި ރާއްޖޭގައި މިވަގުތު ތަޢުލީމީ މައިދާނުގައި، ސަރުކާރުން ޙަރަކާތްތެރިވަމުން ދަނީ ހަލުވިކަމާއެކު، ހުރިހާ ދިމާއެއްގައި އެއްފަހަރާ.
އާދެ، މިވަގުތު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، ސަރުކާރުގެ ޚަރަދުގައި ހިންގާ މަދަރުސާއެއް އެބަހުރި. ހަމަ އެންމެ މަދަރުސާއެއް ނޫން. މިހާރު ރާއްޖެތެރޭގައި، ސަރުކާރުގެ ޚަރަދުގައި ހިންގާ 29 މަދަރުސާ އެބަހުރި. ހަމަ އެފަދައިން، މާލޭގައި ސަރުކާރުގެ ޚަރަދުގައި ހިނގަމުންދާ 5 މަދަރުސާ އެބަހުރި. ތަޢުލީމު ހާސިލުކުރަމުންދާ ކުދިންގެ އަދަދު 1978 އާ އަޅާބަލާއިރު މިހާރުވަނީ އެތައް ގުނައެއް އިތުރުވެފައި. އަދި އަމިއްލަ ގޮތުން ހިންގާ މަދަރުސާތަކަށާއި، މަކުތަބުތަކަށް، ވަކި މުއްދަތެއް ހަމަވުމުން ސަރުކާރުގެ ފަރާތުން ވެވެން އޮތް އެހީއެއް މިހާރުދަނީ ވަމުން. އަދި މިނޫންވެސް ވަރަށް ގިނަ ގޮތްގޮތުން ތަޢުލީމަށްޓަކައި ސަރުކާރުން ވަރަށް މަތިވެރި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ.
އެކަންއޮތީ އެހެން ކަމަށްވުމާއެކު، މިރޭ މިހުޅުވުނު މައްޗަންގޮޅީ ރައްޔިތުންގެ މަދަރުސާގެ ސަބަބުން މިއަވަށުގެ ރައްޔިތުންނަށާއި، އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެތީ، އެއީވެސް އަޅުގަނޑު މިރޭ އުފާކުރާ، ވަރަށް މުހިންމު ސަބަބެއް. ހަމަ އެފަދައިން، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި ބާވަތުގެ ހޭދަ ކުރުމަކީ ދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމެއް. ތަޢުލީމުދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގެ ކަންތައްތައް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދިނުން. اللّـه سبحـانـه وتعـالى ފަރުޟު ކުރައްވައިފައިވާ ކަންތައްތައް، އެ ކުދިންނަށް އޮޅުންފިލުވައިދިނުން. اللّـه سبحـانـه وتعـالى ނަހީ ކުރައްވައިފައިވާ ކަންތައްތައް، ކިޔަވާ ކުދިންނަށް ހާމަކޮށްދިނުން. މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތައް ކުދިންގެ ހިތްތަކުގައި ޤާއިމުކުރުން. ނުވަތަ އުފެއްދުން ނުވަތަ ހަރުދަނާކުރުން. ހަމައެއާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލާއި ސުލޫކު މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކުގެމަތިން ގެންދިއުމަށް ބާރުއެޅުން.
އާދެ، ތަޢުލީމުގެ އެންމެ ފުރަތަމަ ބޭނުމަކީ އެއީ. އެއާއެކުގައި، ތަޢުލީމުގެ އެހެނިހެން ބޭނުންތަކެއްވެސްވޭ. އެއީ އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި ބާރުއަޅައިދޭ މަސައްކަތަކަށް ނުވަތަ ޚިދުމަތަކަށްވާތީ. ދުނިޔޭގައި އަޅުގަނޑުމެން އުޅޭ އުޅުމުގައި އެކިބާވަތުގެ މަސައްކަތްތައް ކުރަންޖެހޭ. އެ މަސައްކަތްތައް އަޅުގަނޑުމެންނަށް ދަސްވާ ވަސީލަތަކީ ތަޢުލީމު. އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ޚިދުމަތަކީ ތަޢުލީމު. މި ރޮނގުރޮނގުންވެސް ތަޢުލީމުގެ މުހިންމުކަމާއި އޭގެ ބޭނުންތެރިކަން އަޅުގަނޑުހިތުން އިތުރަށް މީހަކު ބަޔާންކުރާކަށް ނުޖެހޭނެ. އެހެންވުމާއެކު، މި މަދަރުސާ ހުޅުވުމުން މިއަވަށުގެ ރައްޔިތުންނަށާއި، އަދި ޚާއްޞަކޮށް މިއަވަށުގައި ކިޔަވާނޭ ގޮތެއް ނެތިފައި ތިބި ކުދިންނަށް މި ދެންނެވި ރޮނގުރޮނގުން ދީނީ، އަދި އިޖުތިމާޢީ، އަދި ޤައުމީ ޚިދުމަތްތަކެއް މި މަދަރުސާގެ ސަބަބުން ލިބެމުންދާނެކަން އެއީވެސް މިރޭ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަންޖެހޭ ސަބަބެއް. އާދެ، ހަމައެއާއެކު އިތުރު ސަބަބެއްވެސްވޭ. އާދެ، އަޅުގަނޑު މިހާރު މި އަދާކުރާ މަޤާމުގެ ގޮތުން އަޅުގަނޑަކީ ރާއްޖޭގެ ވަކި ރަށަކަށް، ނުވަތަ ވަކި ރަށެއްގެ ވަކި އަވަށަކަށް ނިސްބަތްވާ ގޮތަށް ހުރި މީހެއް ނޫން. ރާއްޖޭގެ އެންމެ މަތީ ވެރިކަމުގެ މަޤާމުގައި ހުންނަ މީހާ ވާންޖެހޭނީ، މުޅި ދިވެހިރާއްޖެއަށް ނިސްބަތްވާ ދިވެހިރާއްޖޭގެ މުޥާޠިނަކަށް.
އާދެ، ރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހަކީ ވަކި ރަށަކަށް، ނުވަތަ ވަކި އަވަށަކަށް ނިސްބަތްވެވޭ ގޮތަށް ހުންނަ މީހެއްކަމުގައި ނުވިއަސް، މީގެ ވަރަށް ގިނަ އަހަރުތަކެއްގެ ކުރިން އާދެ، އަޅުގަނޑުގެ ހަނދާންވެސް ނުހުންނަހާ ގިނަ އަހަރުތަކެއްގެ ކުރިން އައި ރަމަޟާން މަހެއްގެ 22 ވަނަ ވިލޭރޭ ފަތިހު ޖެހެމުންދިޔަ ގަދަވަޔާއި، ވެހެމުން ދިޔަ ބޯ ވާރޭގަނޑެއްގެ ތެރޭގައި، މި ދުނިޔެއަށް އަޅުގަނޑުލީ އެންމެ ފުރަތަމަ ނޭވާލީ މައްޗަންގޮޅީގެ ގެއެއްގައިކަން އެއީ ތާރީޚަށް ތެދުވެރިވާނަމަ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އާދެ، އެކަން އޮތީ އެހެންކަމަށްވުމާއެކު، މިރޭ އަޅުގަނޑުގެ ހިތަށް ވަރަށް ޚާއްޞަ އުފަލެއް އިޙްސާސްކުރެވޭ. ވަރަށް ޚާއްޞަ ފަޚުރެއް އަޅުގަނޑަށް ހާސިލުކުރެވޭ. އެ ގޮތުންވެސް މި ރެއަކީ، އަޅުގަނޑު ވަރަށް ގިނަ ސަބަބުތަކެއް ހުރުމާއެކު އުފާކުރާ ރެއެއް.
އާދެ، މިބާވަތުގެ ބޮޑު މަސައްކަތެއް ރާއްޖޭގެ ރައްޔިތުންގެ ބަޔަކު އެ މީހުންގެ އަމިއްލަ ޚަރަދުގައި، އެމީހުންގެ އަމިއްލަ މަސައްކަތުން ކުރުމާއެކު ސަރުކާރުގެ ފަރާތުން އެކަން ވަޒަންކުރަން ޖެހޭނެކަން އެއީ އަޅުގަނޑު ޤަބޫލުކުރާ ޙަޤީޤަތެއް. އާދެ، ރައްޔިތުން އެކިއެކި ކަންކަން ކުރިޔަށް ގެންދާނީ، އެ ކަންކަން ސަރުކާރުގެ ފަރާތުން ވަޒަންކުރާ ކަމަށްވަންޏާ، އަދި ސަރުކާރުގެ ފަރާތުން އެފަދަ ކަންކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް އެހީތެރިވަމުންދާ ކަމަށްވަންޏާ. އެގޮތުން މިރޭ މި ހުޅުވުނު، މައްޗަންގޮޅީ ރައްޔިތުންގެ މަދަރުސާއަށް ސަރުކާރުން އެތައްގޮތަކުން އެހީވަމުން ގެންދާނެކަން އަޅުގަނޑު މިތާ މި ދަންނަވަނީ ވަރަށް ޚާއްޞަ އުފަލަކާއެކު.
އާދެ، އެގޮތުން ސަރުކާރުން ވެދޭން ޤަޞްދުކުރާ އެއްއެހީއަކީ، މި މަދަރުސާ މިހާރު ޢިމާރާތް ކުރެވިފައި ހުރިގޮތުން، މަދަރުސާގެ ތެރޭގައި އޮންނަ ހުސް ބިންކޮޅު ކުޑަކަމާއެކު އަދި މިތަންކޮޅުގެ ތެރޭގައި، މި މަދަރުސާގެ ޠާލިބުންނާއި، ޠާލިބާއިން އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވުން ދަތިވާނެކަމަށްވާތީއާއެކު، އަދި މައްޗަންގޮޅީ އަވަށް ކުރިއަރުވާ ކޮމެޓީގެ އެދިވަޑައިގަތުމާއެކު، މި މަދަރުސާޔާ ގުޅިގެން މަދަރުސާގެ ދެކުނުން އެކަށީގެންވާ ބިންކޮޅެއް، މި މަދަރުސާއަށް ސަރުކާރުގެ ފަރާތުން ދިނުން. އާދެ އެއީ އަޅުގަނޑު ހިތުން މި މަދަރުސާއަށް މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. މަދަރުސާގެ ކަންތައްތައް އެކަށީގެންވާ ގޮތަކަށް ތަރައްޤީކުރެވޭނީ މި ދެންނެވިފަދަ ބިންކޮޅެއްވެސް އޮވެގެން. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ހަމަޖެހޭނެ. ހަމަ އެއާއެކު އަޅުގަނޑު ދަންނަވާނީ ނުވަތަ ދަންނަވަން ބޭނުންވަނީ މި މަދަރުސާގައި ކިޔަވައިދިނުމަށް، މަދަރުސާ ހިންގަވާ ފަރާތުން، ބައެއް ބިދޭސީ ޓީޗަރުން މިހާރު ގެންނަން ޤަޞްދު ކުރައްވައިފައިވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މަދަރުސާ ފެށޭއިރު ބިދޭސީ ދެ ޓީޗަރުން ތިބޭނެ. އެހެންވީމާ އެ ދެ ޓީޗަރުންނަށް މުސާރަ ދިނުމާއި، އެ މީހުން ތިބޭނެ ތަނެއް ހަމަޖެއްސުމާއި، އެ މީހުންނާ ބެހޭ ހުރިހާ ޚަރަދެއް ސަރުކާރުން ކުރަމުން ގެންދާނެކަންވެސް އުފަލާއެކު އަޅުގަނޑު ދަންނަވަން.
އާދެ، މި ދެންނެވި ގޮތުގެ އިތުރުން، ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާއިން މި މަދަރުސާއަށް ވަރަށް ޚާއްޞަ އެހީތެރިކަމެއް ބަހައްޓަވާނެ. އަޅުގަނޑުމެންގެ ތަޢުލީމީ ހަރުފަތްވަނީ މިހާރު އާގޮތަކަށް ރޭވިފައި. މުޅި ރާއްޖޭގައި އެއް އުސޫލަކުން، އެއް ހަމަތަކެއްގެ މަތިން ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖެހިފައި. އެއީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވެފައި، ދިވެހިން ކަމަށްވެފައި، އަޅުގަނޑުމެންގެ ޚާއްޞަ ޘަޤާފަތަކާއި ތާރީޚެއް އޮތް ބަޔަކަށް ވެފައި، އަދި އަޅުގަނޑުމެންގެ އަމިއްލަ ބަހަކުން ވާހަކަ ދައްކާ ބަޔަކަށްވެފައި މި ހުރިހާ ގޮތްގޮތުން އެއް ޖަމާޢަތަކަށްވާތީ، އަޅުގަނޑުމެންގެ މެދުގައި ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުރުމުގެ ސަބަބުން ވަކި އުސޫލަކަށް ފެތިގެން، ވަކި ހަމަތަކެއްގެ މަތިން، ތަޢުލީމުގެ ކަންތައްތައް ގެންދަން ޖެހޭނެކަން ސަރުކާރަށް ވަޒަންކުރެވޭތީ، އެ ގޮތުން ރޭވިކަމެއް. އެހެންވީމާ، މި ދެންނެވި ތަޢުލީމީ ހަރުފަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ރާއްޖޭގައި ތަޢުލީމު ފަތުރަން ސަރުކާރުން މިހާރު ކަނޑައަޅަމުންގެންދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި މަދަރުސާއަށް ބޭނުންވާ އެކިއެކި އިރުޝާދާއި ލަފާ އަދި މި ނޫންވެސް އެހީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން، އިރާދަކުރެއްވިއްޔާ ލިބެމުންދާނެ.
އާދެ، މިރޭ އަޅުގަނޑުގެ އުފަލަކީ ހަމަ އެކަނި މި މަދަރުސާ ހުޅުވައިދިނުމެއް ނޫން. ހަމަ އެއާއެކުގައި، މައްޗަންގޮޅީގެ އަވަށް ކުރިއަރުވާ ކޮމެޓީގެ އޮފީސް ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބިއްޖެ. އެކަން އަޅުގަނޑާ ހަވާލުކުރެއްވި ކަމަށްޓަކައިވެސް އަވަށް ކުރިއަރުވާ ކޮމެޓީއަށާއި، މިއަވަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑު ދެކޭގޮތުގައި، އަވަށް ކުރިއަރުވާ ކޮމެޓީތަކުން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި، ވަރަށް ގިނަ ޚިދުމަތްތަކެއް އެބަހުރި. އެހެންނަމަވެސް އެ ކަންތައްތައް ކުރެއްވުމަށް އެޅިފައިހުރި ހުރަސްތަކެއްވެސް އެބަހުރި. އެއީވެސް ސަރުކާރުން ޤަބޫލުކުރާ ޙަޤީޤަތެއް. ކިތަންމެވަރަކަށް ކިތަންމެ އިޚުލާޞްތެރިކަމާއެކު، ރައްޔިތުން ކަމެއް ކުރަން ބޭނުންވެގެން އުޅުނުކަމުގައިވިޔަސް، ދިމާވާ ދަތިތަކާއި އުނދަގޫތަކެއްގެ ސަބަބުން އެކަންކަން އެ މީހުން ބޭނުންވާހާ ހަލުވިކަމާއެކު، އެމީހުން ބޭނުންވާހާ ފުރިހަމަކަމާއެކު ކުރިޔަށް ނުގެންދެވި ހުރެދާނެ.
އާދެ، މި ވަގުތު މާލޭގެ ހުރިހާ އަވަށް އަވަށަށްވެސް މި ދެންނެވި މައްސަލަތައް ކުރިމަތިވެފައިވޭ. ވަރަށް ގިނަ ޤައުމީ އަދި އިޖުތިމާޢީ ކަންތައްތަކުގައި، މާލޭގެ ހުރިހާ އަވަށެއްގައިވެސް ރައްޔިތުން ވަރަށް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ޙަރަކާތްތެރިވަމުން އެބަ ވަޑައިގަންނަވާ. ހެންވޭރުގެ ރައްޔިތުން، ގަލޮޅުގެ ރައްޔިތުން، މާފަންނުގެ ރައްޔިތުން، އަދި މައްޗަންގޮޅީގެ ރައްޔިތުން. އެހެންނަމަވެސް އެހުރިހާ ފަރާތްތަކުން އެކުރައްވާ ޚިދުމަތްތައް ފުރިހަމަޔަށް ރައްޔިތުންނަށް ލިބިދިނުމުގައި، ހުރަސްއަޅާ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެކަން ވަރަށް ރަނގަޅަށް ސަރުކާރަށް އިޙްސާސް ކުރެވޭތީ، އިރާދަކުރެއްވިއްޔާ ކައިރި މުސްތަޤުބަލެއްގައި އަވަށް އަވަށަށްވެސް އެހީވެދޭނޭ ކޮންމެވެސް އުސޫލެއް ސަރުކާރުން ރާވަން ގަސްތުކުރޭ. އާދެ، އެހެން މިދެންނެވީ، ކިތަންމެ ކުޑަނަމަވެސް ދާއިމީ އެހީއެއް ދައުލަތުގެ ފަރާތުން ނުލިބޭ ކަމަށްވަންޏާ، އަވަށް އަވަށުގައި އެކިއެކި ކަންކަން ހިންގަމުން ގެންދިއުމަކީ ފަސޭހަކަމަކަށް ނުވާނެ. އެހެންވުމާއެކު، މިދެންނެވި ދަތިތައް ސަރުކާރުން އިޙުސާސްކުރާތީ، މާ ލަސްތަކެއްނުވެ އެކަށީގެންވާ ފިޔަވަޅު އެޅެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، މިރޭ އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީވެސް މައްޗަންގޮޅީ ރައްޔިތުންނަށް މުބާރިކުބާދީ ދަންނަވަމުން. މައްޗަންގޮޅީގެ ރައްޔިތުން އެ ކުރެއްވި މަތިވެރި ޚިދުމަތަށް ޝުކުރު އަދާކުރަމުން. އަދި ޚާއްޞަކޮށް، މައްޗަންގޮޅީގެ އަވަށްކުރިއަރުވާ ކޮމެޓީގެ ފަރާތުންނާއި، އަދި އެއަށްވުރެ ޚާއްޞަކޮށް، މައްޗަންގޮޅީގެ އަވަށް ކުރިއަރުވާ ކޮމެޓީގެ ރައީސް ނުވަތަ ވެރިޔާ، އަލްފާޟިލް އަޙްމަދުދީދީގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ވަރުގަދަ ޤައުމީ ޚިދުމަތް، ވަރުގަދަ އިޖްތިމާޢީ ޚިދުމަތް. އެ ޚިދުމަތް، ސަރުކާރުގެ ފަރާތުންނާއި އަދި ރައްޔިތުންގެ ފަރާތުން ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.

               والسّلام عليكم ورحمـة اللّـه وبركاته.