بســم اللّـه الرّحمـن الرّحيــم
 
الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  سيِّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
ދިއްފުށީގައި، މިއަދު އަލަށް މިހުޅުވޭ މިސްކިތް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން، ހަމަ އެފަދައިން، ދިއްފުށްޓަށް އެންމެ ފުރަތަމަ އަޅުގަނޑު އަންނަ އައުން ގުޅިފައިވަނީ މިފަދަ މާތް މުނާސަބަތަކަށްވީކަން އެއީ، އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭކަމެއް.
 
އާދެ، މިއަދު މިހުޅުވުނު މިސްކިތް ޢިމާރާތް ކުރެއްވި ފަރާތަށް ޝުކުރުވެރިވުމަކީ މިއަދު އަޅުގަނޑުމެންގެ ވާޖިބެއް. ޝައްކެއްނެތް. اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމަށްފަހު، މިއަދު އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައިވާ ޝުކުރާއި ތަޢުރީފުގެ ޝުޢޫރުތައް ޙައްޤުވާ ފަރާތަކީ މި މިސްކިތް ބިނާކުރެއްވި ފަރާތް. އާދެ، ފަހަކަށްއައިސް ރާއްޖޭގައި، އަމިއްލަ ފަރާތެއްގެ ޚަރަދުގައި، މިފަދަ ކަންތައްތައް ނުކުރެވި ވަރަށް ގިނަ ޒަމާންތަކެއް ދިއުމަށްފަހު، މިވޭތުވެދިޔަ ދެތިން ހަތަރު އަހަރު ދުވަހުގެތެރޭގައި، އަމިއްލަ ފަރާތްތަކުގެ ޚަރަދުގައި އެކިއެކި މިސްކިތްތައް، ޢިމާރާތް ކުރައްވަމުން ގެންދަވާކަން އެއީ އަޅުގަނޑުމެން މިއަދު ވަރަށް އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމެއް. އެއިން ދައްކައިދޭ އެއްޗަކީ ޝައްކެތްނެތްގޮތުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ހިތްތަކުގައި، މިއަދު އާވެ އާލާވަމުންދާ ދީނީ ރޫޙު. ހަމައެފަދައިން، މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި އަށަގަންނަމުން މިދާ އިޖުތިމާޢީ ރޫޙު. ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙު.
 
އާދެ، މުސްލިމު ޖަމާޢަތެއްގައި، މި ދެންނެވިފަދަ ދީނީ ރޫޙާއި، އިޖުތިމާޢީ ރޫޙު އޮތުމަކީ ހަމަކޮންމެހެން ބޭނުންކަމެއް. އެކަހަލަ ރޫޙެއް، އަޅުގަނޑުމެންގެ ހިތްތަކުގައި، ދިވެހިންގެ ހިތްތަކުގައި، ކާބަފައިންގެ ޒަމާނުއްސުރެ ފެށިގެން އޮންނަމުން އައިސްފައިވާކަން ކަށަވަރު. އެއީ މިއަދު އަޅުގަނޑުމެން ޝައްކުކުރުން އެކަށީގެންވާ ކަމެއްނޫން. އެހެން ނަމަވެސް ރާއްޖޭގައި، މިވޭތުވެދިޔަ އެތަކެއް އަހަރު ދުވަހުގެ ތެރޭގައި ކަންތައްތައް ވަމުން ދިޔަ ގޮތުގެ ސަބަބުން ޖަމާޢަތަށް ޚިދުމަތް ކުރުމުގެ ރޫޙާއި، ދީނީ ރޫޙު އަޅުގަނޑުމެންގެ ހިތްތަކުން ކޮންމެވެސް ވަރަކަށްވަނީ ފިލައިގެން ގޮސްފައި. މިހާރު އެ ހުރިހާކަމެއްދަނީ  ރަނގަޅުވަމުން. އޭގެ އެންމެ ފުރިހަމަ ނަމޫނާ އަޅުގަނޑުމެން މިއަދު މި ދެކެނީ. މި މަތިވެރި މާތް ޢިމާރާތް. އާދެ، މިނޫނަސް ފަހަކަށް އައިސް މާލޭގައި، އަދި މާލޭގެ އިތުރަށް ރާއްޖެތެރޭގައި، އަމިއްލަ ފަރާތްތަކުގެ ޚަރަދުގައި، މިފަދަ މިސްކިތްތައް ވަނީ ޢިމާރާތް ކުރައްވައިފައި. މިހާރުވެސް ޢިމާރާތް ކުރައްވަމުން އެބަގެންދަވާ. ހަމަ މިރަށުގައި، އަންހެނުން ނަމާދުކުރުމަށް ބިނާކުރެވޭ މިސްކިތެއްގެ މަސައްކަތްވެސް މިހާރުދަނީ ކުރެވެމުން. އެއީވެސް މިރަށުގެ އިޚުލާޞްތެރި ތެދުވެރި ރައްޔިތެއްގެ އަމިއްލަ ޚަރަދުގައި ކުރައްވާ ކަމެއް. އެހެންވީމާ، މި ކަންކަން މިގޮތަށް ބަދަލުވަމުންދާ ދިއުން އެއީ އެކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އަޅުގަނޑުމެން ޝުކުރު ކުރަންޖެހޭނޭ ކަމެއް. އަޅުގަނޑުމެން އަބަދުވެސް ދުޢާ ކުރަންވާނީ އެފަދަ މަތިވެރި ރޫޙެއް އަޅުގަނޑުމެންގެ ހިތްތަކުގައި އާލާކުރައްވައި، އެފަދަ ރޫޙެއް އުފެދުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށާއި މުޖުތަމަޢަށް އިތުރު ލާބައާއި މަންފާތައް އެކަލާނގެ މެދުވެރި ކުރެއްވުން.
 
އާދެ، މިސްކިތުގެ މަޤާމު މާތްވެގެންވާ އިސްލާމްދީނުގައި، އެއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އެނގޭނެ އެއްޗެއް. މިސްކިތަކީ ޙަޤީޤަތުގައި، މާތްވެގެންވާ އިސްލާމްދީނުގެ އެންމެ ފުރަތަމަ އަޞްލު ކަމުގައިވާ، اللّـه سبحـانـه وتعـالىގެ އެއްކައުވަންތަކަމަށް އިޝާރާތް ކުރާތަނެއް. [لا إله إلاّ اللَّـه]  މި މަތިވެރި ޝިޢާރު ރަމްޒުކޮށްދޭ ތަނެއް. އާދެ، މިސްކިތަކީ ހަމައެކަނި اللّـه سبحـانـه وتعـالى އަށް އަޅުކަންކޮށް، އެކަލާނގެ ކިބައިން ވާގި އެދުމަށް ހުރިތަނެއް. اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا.] ހަމަކަށަވަރުން މިސްކިތްތަކަކީ اللّـه سبحـانـه وتعـالى އަށް ވާ ތަންތަނޭ. އެކަލާނގެ ޙަޟްރަތަށް މިލްކުވެގެންވާ ތަންތަނޭ. އެހެންވުމާއެކު ތިޔަބައިމީހުން އެކަލާނގެއާ އެކުގައި، އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ. އެކަލާނގެއާ އެކުގައި، އެކަލާނގެ ޝަރީކުކޮށް އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ. އެހެންވީމާ، އެނގެނީ މިސްކިތަކީ މާތްވެގެންވާ އިސްލާމްދީނުގެ އެންމެފުރަތަމަ މައިގަނޑު އޭގެމައްޗަށް ބިނާވެފައިވާ ތަނެއްކަން، [لاإله إلاّالله] ގެ މަތިވެރި ޝިޢާރު އޭގެ މައްޗަށް ބިނާވެފައިވާ މާތް ޢިމާރާތެއްކަން.
 
އާދެ، އެކަން އެހެން އޮތުމާއެކު، މާތްވެގެންވާ އިސްލާމްދީނުގައި، މިސްކިތަށް ދެއްވައިފައިވަނީ، ވަރަށްވެސް ޚާއްޞަ މަޤާމެއް. މިސްކިތުގެ މަޤާމު އިސްލާމްދީނުގައި ހިމެނިފައިވަނީ، ހަމައެކަނި ނަމާދު ޤާއިމު ކުރުމަކަށް ނޫން. އެއްވެސް ޝައްކެއް ނެތް. ނަމާދު ޤާއިމުކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި، اللّـه سبحـانـه وتعـالى ކަނޑައަޅުއްވައިފައިވާ ފަރުޟުތަކުގެ ތެރެއިން އެންމެ އިސް ފަރުޟު. ނަމާދު ޤާއިމުކުރުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބު ވެގެންވާ ކަމެއް. ނަމާދު ޤާއިމުކުރުމާނުލައި، އެއްވެސް މީހަކު އެއީ މުސްލިމަކުކަމުގައި، ދީނުގައި، ބެލޭނެތަނެއް ނެތް. [الصّلاة عماد الدِّين]. [ނަމާދަކީ ދީނުގެ ތަނބެވެ.] އެފަދައިން، ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ.
 
އާދެ، މިސްކިތުގެ އެންމެ ފުރަތަމަ މަޤްޞަދަކީ، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް އަޅުކަންކޮށް، ނަމާދު ޤާއިމުކުރުން ކަމުގައިވިއަސް، އޭގެ އިތުރުން އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި މިސްކިތް އަދާކޮށްފައިހުރި އެހެނިހެން ވަޒީފާތަކެއްވެސް އެބަހުރި. އާދެ، އޭގެތެރެއިން އެންމެ ޚާއްޞަ އެއް ވަޒީފާއަކީ ޤައުމީ ވަޒީފާ. އެންމެ ފުރަތަމަ އިސްލާމްދީން ފާޅުވެގެން އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި، ކީރިތިރަސޫލާ އެޅުއްވި ދުވަހުން ފެށިގެން ކީރިތި ރަސޫލާގެ މިސްކިތް މަދީނާގައި ހިމެނިފައި އޮތީ، ޤައުމީ ކަންތައްތަކުގައިވެސް އެންމެ ފުރަތަމަ ވާހަކަދެކެވި، އެކިއެކި މުހިންމު ކަންތައްތައް ފާސްކުރެވި، މަޝްވަރާކުރެވޭ ތަންކަމުގައި، އޭރުގެ އިސްލާމީ ދައުލަތަށް ކޮންމެ ފަދަ ބޮޑު ޙާދިސާއެއް ކުރިމަތިވި ކަމުގައިވިޔަސް ކީރިތިރަސޫލާ އެކަންކަމާ ދޭތެރޭގައި، ވާހަކަފުޅު ދައްކަވައި، އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދަވަމުން ގެންދެވީ އެކަލޭގެފާނުގެ މިސްކިތުގެ ތެރޭގައި. އެހެންވީމާ، މިސްކިތް އެޒަމާނުއްސުރެ ފެށިގެން ކުޅެފައިވަނީ ވަރަށް ބޮޑު، ވަރަށް މުހިންމު ދައުރެއް. ތަޢުލީމީގޮތުން ބެލިނަމަވެސް މިސްކިތަކީ އެހާމެ މުހިންމު ތަނެއް. މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުކަމުގައިވާ ކީރިތި ޤުރުއާން މީސްމީހުންނަށް ކިޔަވައިދެއްވުމާއި، ޤުރުއާނުގައި އަންގަވާފައިވާ ޙުކުމްތައް އޮޅުންފިލުވައިދެއްވުމާއި، އަދި މިނޫން ގޮތްގޮތުންވެސް މީސްތަކުންނަށް ކީރިތިރަސޫލާ އިރުޝާދު ދެއްވަމުންގެންދެވީ އެކަލޭގެފާނުގެ މިސްކިތުގައި. ކީރިތިރަސޫލާ އަވަހާރަވުމުގެ ފަހުންވެސް އެކަން ހިނގަމުންއައީ ހަމަ އެގޮތަށް. އެހެނިހެން އަޞްޙާބު ބޭކަލުން، އެބޭކަލުންގެ ދަރިވަރުންނަށް ކިޔަވައި ދެއްވަމުން ގެންދެވީ މިސްކިތުގައި، ނުވަތަ މިސްކިތްތަކުގައި. އެކަން އެހެން އޮތުމާއެކު އިސްލާމީ ތާރީޚުގައި ފާހަގަކުރެވޭ އެންމެ މުހިންމު ތަޢުލީމީ މަރުކަޒުތައް ހިމެނިފައިވަނީ މިސްކިތްތަކެއްގެ ގޮތުގައި.
 
އާދެ، މިޞްރުގެ މަޝްހޫރު އަލްޖާމިޢުލްއަޒްހަރު، މިހާރު އެއީ އެއްހާސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ، ވަރަށް ވަރުގަދަ ތަޢުލީމީ މަރުކަޒެއް. އެއީވެސް މިސްކިތެއްގައި އުފެދުނު މަރުކަޒެއް. ހަމައެފަދައިން އެކިއެކި ބޮޑެތި އިސްލާމީ ޤައުމުތަކުގައި، އެކިއެކި ބޮޑެތި މަދަރުސާތަކާއި، ތަޢުލީމީ މަރުކަޒުތައް އުފެދިފައިވަނީ މިސްކިތްތަކުގެ ޢިމާރާތުގެ ތެރޭގައި. އޭގެ އިތުރުން އެކިއެކި އިޖުތިމާޢީ ކަންތައްތައްވެސް މިސްކިތްތަކުގެ ތެރޭގައި ކުރެވެމުން އައިސްފައިވޭ. ކައިވެނިކުރުން، އަދި އެނޫންވެސް ބޮޑެތި މުހިންމު ކަންތައްތައް، އިޖުތިމާޢީ ކަންތައްތައް މިސްކިތްތަކުގެ ތެރޭގައި ކުރުމަކީ އިސްލާމީތަޤުލީދެއް. އެހެންވުމާއެކު މިސްކިތުގެ މަޤާމު އަޅުގަނޑުމެންގެ ދީނުގައި، އަދި އަޅުގަނޑުމެންގެ އިސްލާމީ ޖަމާޢަތުގައި ވަރަށް މުހިންމު އެއްޗަކަށްނުވެ ނުދާނެ. އާދެ، އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ އެންމެންގެ ހިތްތަކުގައި މިސްކިތްތަކާ ދޭތެރޭގައި ވަރަށް ބޮޑު ޤަދަރެއް އުފެދެންވާނެ. ވަރަށް ބޮޑު ޙުރުމަތްތެރިކަމެއް އޮންނަންވާނެ. މިސްކިތަށް އަޅުގަނޑުމެން އަރާ އެރުމުގައި އަޅުގަނޑުމެން ބަލަންޖެހޭ އަދަބުތަކެއް ހުންނަކަން ދަންނަންވާނެ. އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގައި ކަންތައްތައް ހުންނަ ގޮތުންވެސް އެކިއެކި ރަސްމީ ޢިމާރާތްތަކާއި، އެކިއެކި ރަސްރަސްކަލުންގެ ގަނޑުވަރުތަކާއި، މިތަންތާގައި ހިފަހައްޓަންޖެހޭ އަދަބުތަކާއި ކަންތައްތަކެއް ހުރޭ. އެއީ ކޮންމެހެން ހިފަހައްޓަންޖެހޭނެ އަދަބުތަކަކަށް ވާނަމަ، اللّـه سبحـانـه وتعـالىއަށް ނިސްބަތްވާ ޢިމާރާތުގައި، اللّـه سبحـانـه وتعـالىއަށް ނިސްބަތްވާ ގޭގޭގައި އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނީ އަދި އެއަށްވުރެވެސް މާ މަތިވެރި، މާ ރީތި، މާ ފުރިހަމަގޮތަކަށް. އެހެންވީމާ، މިސްކިތްތަކުގައި އަޅުގަނޑުމެން ތިބޭ ތިބުމުގައި އަޅުގަނޑުމެންގެ ސުލޫކު، އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ހުންނަންވާނީ މިސްކިތުގެ މަތިވެރި މަޤާމާ އެކަށީގެންވާ ގޮތެއްގައި.
 
އާދެ، ކޮންމެއަކަސް މި ފުރުޞަތަކީ މާ ދިގު ވާހަކަތަކެއް ދެކެވޭކަހަލަ ފުރުޞަތެއް ނޫން. ވަރަށް އަވަހަށް މެންދުރު ނަމާދުގެ ވަގުތުޖެހިދާނެ. ހަމައެއާއެކުގައި މި މިސްކިތް ހުޅުވުމަށްފަހު މި މިސްކިތުގައި އެންމެ ފުރަތަމަ ޤާއިމުކުރާ ނަމާދު ޤާއިމު ކުރުމަށްވަނީ ހަމަޖެހިފައި. އެހެންވުމާއެކު، މާގިނަ ވާހަކަތަކެއް ދެން ނުދައްކައި އަޅުގަނޑު ޤަޞްދުކުރަނީ ކުރުކުރަން. އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެންގެ ތެރޭގައި اللّـه سبحـانـه وتعـالى މިސްކިތްތައް ގިނަކުރެއްވުން. މިސްކިތްތަކަށް އަޅުގަނޑުމެންގެ ހިތުގައި އޮންނަ ލޯބި އިތުރުކުރެއްވުން. އާދެ، اللّـه سبحـانـه وتعـالىގެ ހިޔާވަހިކަން ފިޔަވައި، އެހެން އެއްވެސް ހިޔާވަހިކަމެއް ނޯންނަ ދުވަހު، ޤިޔާމަތްދުވަހު އެ ހިޔާވަހިކަން ލިބޭނެކަމަށް اللّـه سبحـانـه وتعـالىގެ ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަންގަވައިފައިވާ ހަތް މީހުންގެ ތެރެއިން އެކަކީ، އެ މީހެއްގެ ހިތުގައި މިސްކިތްތަކުގެ ލޯބި އުފެދިފައިވާ މީހާ. އާދެ، އެހެންވީމާ އަޅުގަނޑުމެންގެ ދުޢާއަކީ މިސްކިތުގެ ލޯބި އަޅުގަނޑުމެންގެ ހިތްތަކުގައި اللّـه سبحـانـه وتعـالى އުފެއްދެވުން. އެ ލޯބި އިތުރު ކުރައްވަމުން ގެންދެވުން. އަދި މިސްކިތްތަކުން އަޅުގަނޑުމެންގެ މުސްލިމު ޖަމާޢަތަށް ލިބެންވާ ފައިދާތައް ލިބެމުންދާނެގޮތް މެދުވެރިކުރެއްވުން. އަޅުގަނޑުމެންނަށް، މިސްކިތްތަކުގެ މަޤުޞަދަކީ ކޮބައިކަން ވިސްނޭފަދަ ހެޔޮ ވިސްނުމެއް ދެއްވުން. އަދި މިފަދަ ތަންތަން ރައްކާތެރިކޮށް، މިފަދަތަންތަން ބިނާކޮށް، ޢިމާރާތްކޮށް، އެކަމުން މުޖުތަމަޢަށާއި ޤައުމަށް ލިބޭނެ ހުރިހާ ފައިދާތަކެއް ލިބުމުގެމަގު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވުން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެކުރިން އަދިވެސް އެއްފަހަރު، މި މިސްކިތް ޢިމާރާތް ކުރެއްވި އަލްފާޟިލް އޮގަރު މުޙައްމަދުފުޅަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ އަމިއްލަ ނަމުގައި، ސަރުކާރުގެ ނަމުގައި، އަދި ދިއްފުށީގެ ރައްޔިތުންގެ ނަމުގައި.

          والسّلام عليكم ورحمـة اللّـه وبركاته.