بســم اللّـه الرّحمـن الرّحيــم
           
މާތްވެގެންވާ އިސްލާމްދީނަކީ، މިނިވަންކަމާއި އިންސާނީ ކަރާމަތުގެ ދީން ކަމުގައި ލެއްވި اللّـه سبحـانـه وتعـالىއަށް ޙަމްދާއި ޝުކުރުކުރަން. އެ މާތް ދީނާއިގެން ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި، ދުނިޔެއަށް ވަޑައިގެންނެވި مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ މެންބަރުން، މި އުފާވެރި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛
 
 السّلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، ދިވެހިރާއްޖޭގެ ޤައުމީ ދުވަސް. ދުވަހަކީ ޤައުމީގޮތުން ބަލާއިރު، ވަރަށް މުހިންމު ދުވަހެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ޤައުމީ ކަންތައްތަކަށް ވިސްނާއިރު، މިއަހަރު އަޅުގަނޑަށް ހީވަނީ މިއީ ވަރަށް އުފާވެރި ބާއްޖަވެރި އަހަރެއްހެން. ހަމަގައިމުވެސް އެއްއަހަރެއްގެ ތެރޭގައި ޤައުމީ ދުވަސް ދެފަހަރު މިއަހަރު އަޅުގަނޑުމެން އެބަ ފާހަގަކުރަމު. އެކަން އެހެން އޮތުމާއެކު، މިއަހަރަކީ ޤައުމީގޮތުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭނެ އަހަރެއްކަން ކަށަވަރު.
 
އާދެ، 1981 ވަނަ އަހަރުގެ ކުރީކޮޅު، އަޅުގަނޑުމެން ފާހަގަކުރީ ހިޖުރީގޮތުން 1401 ވަނަ އަހަރުގެ ޤައުމީދުވަސް. މީލާދީގޮތުން ހަމަ އެ އަހަރު، އާދެ، އަޅުގަނޑުމެން މިވޭތުކުރާ 1981 ވަނަ އަހަރުގެ ފަހުކޮޅުގައި، އަޅުގަނޑުމެން މިރޭ މި ފާހަގަކުރަނީ، އަދި މާދަމާ ފާހަގަކުރާނީ، ހިޖުރައިން 1402 ވަނަ އަހަރުގެ ޤައުމީދުވަސް. އެހެންވުމާއެކު، މިފަދަ ފުރުޞަތެއް، މިފަދަ އުފަލެއް، މިފަދަ މުހިންމު އަދި މަތިވެރި މުނާސަބަތެއް، އެއް އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމުގައި ނުވެއެއްނުދާނެ.
 
ޤައުމީދުވަސް، އަޅުގަނޑުމެން މި ފާހަގަކުރަނީ މިހާރު ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު. ދެންމެ އަޅުގަނޑުމެންނަށް އިވިގެންދިޔަ ފަދައިން، މިދުވަސް މިގޮތަށް ޚިޔާރު ކުރެވުނީ، މީގެ 38 އަހަރު ކުރިން. މިދުވަސް މީގެ 38 އަހަރު ކުރިން، ޚިޔާރު ކުރެވިގެން ޤައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެމުން، އަހަރުތަކެއް ވަންދެން އައުމަށްފަހު، ދިމާވި ސަބަބުތަކާހުރެ އެހެންގޮތަކަށް ބަދަލުވެގެންދިޔަ. އޭގެފަހުގައި، އަނެއްކާވެސް އަޅުގަނޑުމެން ޤައުމީދުވަސް ފާހަގަކުރަމުން މިގެންދަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު.
 
އާދެ، އަޅުގަނޑު ހިތުން، އަޅުގަނޑުމެން ވިސްނައިލަންޖެހޭ، ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް އެއީ ޤައުމީ ދުވަހެއް ކަމުގައި އަޅުގަނޑުމެން ކަނޑައަޅަންޖެހެނީ ކީއްވެގެންތޯ؟ ޤައުމީ ފެންވަރުގައި ފާހަގަކުރާ މިނޫންވެސް ބައެއް ދުވަސްދުވަސް، އަހަރުގެތެރޭގައި އެބައާދޭ. އާދެ، އެއްދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސް، "ދިވެހިރާއްޖޭގެ މިނިވަންދުވަސް". އަނެއް ދުވަހަކީ، ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް، "ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަސް". އެއިން ކޮންމެ ދުވަހަކީވެސް ޤައުމީގޮތުން ބަލާއިރު ވަރަށް މުހިންމު ދުވަހެއްކަން ކަށަވަރު.
 
އާދެ، ޖުލައި މަހުގެ 26 ވަނަ ދުވަހަކީ، ދިވެހިރާއްޖެއަށް މިޒަމާނުގައި ފުރިހަމަ މިނިވަންކަން ލިބުނު ދުވަހޭ ބުނެވިދާނެ. އެދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ކުރެވުނު އެގްރީމަންޓެއްގެ ދަށުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ. އެގޮތުން، ޖުލައި މަހުގެ 26 ވަނަ ދުވަހަކީ، އަޅުގަނޑުމެންގެ މިނިވަންދުވަސް ކަމުގައި ފާހަގަކުރަމުން މިގެންދަނީ. އަދި ޤައުމީގޮތުން ބަލާއިރު އެއީ މުހިންމު ދުވަހެއް ކަމުގައި ހަމަޖެހިފައިވަނީ. ޖުމްހޫރީ ދުވަސް ނުވަތަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީވެސް ވަރަށް މުހިންމު ދުވަހެއް. އެހެންކަމުން، މި ތިންދުވަސް އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި އާކުރަމުން، އެ ތިންދުވަހު އެކިއެކި އިޙުތިފާލުތައް ބާއްވަމުން ގެންދާއިރު، މީގެތެރެއިން އެންމެ މުހިންމު ދުވަހަކީ ކޮންދުވަހެއްތޯ ކަނޑައެޅުން، އަޅުގަނޑު ހިތުން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ކޮންމެވެސް އިސްކަންދޭ އުސޫލެއް ހަމަޖެހިފައި އޮތުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭ ދުވަސްތައް، އެ ޤައުމުތަކަށް ފެންނަ ތަރުތީބަކުން ހަމަޖައްސައިފައިވޭ. އެންމެ މުހިންމު ދުވަހަކީ މިވެނި ދުވަހެކޭ، އެޔާ ވިދިގެން އަންނަ ދުވަހަކީ މިވެނި ދުވަހެކޭ. އެގޮތަށް އެތަންތާނގެ ޤައުމީ ކަލަންޑަރުގައި އެދުވަސްތައް ފާހަގަކުރެވިފައިވޭ. އަދި ބޭރު ޤައުމުތަކަށްވެސް އެދުވަސްތައް އޮންނަނީ، އެ ތަރުތީބުން، އެ ޤައުމަކުން އެ އިސްކަންދޭ ތަރުތީބަކުންކަން އެނގިފައި.
 
ދުނިޔޭގެ ބައިނަލްއަޤްވާމީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން އެފަދަ ދުވަސް ދުވަހު ކޮންމެ ޤައުމަކުންވެސް އެކަހަލަ ދުވަހެއް ފާހަގަކުރާ ޤައުމަކަށް ތަހުނިޔާއާއި ހެޔޮއެދުމުގެ މެސެޖް ފޮނުވުން އެއީ ހަމަޖެހިފައި އޮންނަ ކަމެއް. އެގޮތުންވެސް، އަޅުގަނޑުމެންގެ ޤައުމީ ދުވަހަކީ ނުވަތަ އަޅުގަނޑުމެން އެންމެ އިސްކަންދޭ ދުވަހަކީ ކޮން ދުވަހެއްކަން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށާއި، ދުނިޔޭގެ އެހެނިހެން ޤައުމުތަކަށްވެސް އެނގިފައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ، މި ތިންދުވަހުގެ ތެރެއިން ޤައުމީ ދުވަހެއްގެ ގޮތުގައި އިޚުތިޔާރު ކުރަން ނުވަތަ ކަނޑައަޅަން އެންމެ އެކަށީގެންވަނީ ކޮން ދުވަހެއްތޯ، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. އެއީ ކުޑަކޮށް ޚިޔާލު ތަފާތުވެދާނެ މައްސަލައެއް ކަމަށް އަޅުގަނޑަށް ހީވޭ. އެހެންނަމަވެސް، ކޮންމެވެސްކަހަލަ މިންގަނޑެއް އަޅުގަނޑުމެން ބޭނުންކޮށްގެން، އެ މިންގަނޑުގެ ވާސިޠާއިން ދުވަހުގެ މުހިންމުކަން ކަނޑައަޅާގޮތަކަށް އަޅުގަނޑުމެން ޢަމަލުކޮށްފިނަމަ، އަޅުގަނޑު ހިތުން މި ތިންދުވަހުގެ ތެރެއިން ކޮންމެވެސް އެއްދުވަހެއް އެއީ އަޅުގަނޑުމެން އެންމެ އިސްކަންދޭން ބޭނުންވާ ދުވަސް ކަމުގައި އަޅުގަނޑުމެންނަށް ހަމަޖެއްސިދާނެ.
 
އާދެ، ޤައުމީ ދުވަހުގެ މައްސަލަ އެއީ އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި، މިހާރުގެ ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮތް ދުވަހެއް ނޫން. އެހެންނަމަވެސް، މިހާރު ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށްޓަކައި ހޮވިފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅިފައިވާ ނަމޫނާ ޤާނޫނުއަސާސީގައި ޤައުމީ ދުވަހެއް އޮވޭ. އެދުވަހަކީ ކޮން ދުވަހެއްކަން ކަނޑައެޅުއްވުން އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑު މިރޭ މިވާހަކަ ދައްކަނީ، އެ މަސްއޫލިއްޔަތަށް އެއްވެސްކަހަލަ އުނިކަމެއް ގެނައުމުގެ މަޤްޞަދުގައެއް ނޫން. އެހެންނަމަވެސް، އެކަމާ ދޭތެރޭގައި އަޅުގަނޑަށްވެސް ފެންނަ ޚިޔާލެއް ދެންނެވުމަކީ ނެތްކަމެއް ނޫން ކަމަށް ފެންނާތީ. އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ގަބޫލުކުރެވޭ ކޮންމެވެސް މިންގަނޑެއްގެ ބޭނުންކޮށްގެން، އެދުވަހެއް ކަނޑައެޅުން އެއީ އަޅުގަނޑުމެން ޢަމަލުކުރާގޮތް ކަމުގައި ހަދައިފިނަމަ، މިދެންނެވި ދުވަސް އަޅުގަނޑުމެންނަށް އިޚުތިޔާރު ކުރުމަކީ ދަތިކަމަކަށްނުވާނެ. އަޅުގަނޑު އަމިއްލައަށް ޚިޔާލުކުރާއިރު، އަޅުގަނޑަށް ފެންނަގޮތުގައި، އެ މިންގަނޑަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށާއި، ދިވެހިރާއްޖޭގެ އަމިއްލަވަންތަ ކަމަށް އެންމެބޮޑު ނަޞްރެއް، އެންމެބޮޑު ކާމިޔާބީއެއް ގެނެސްދިން ދުވަސް ކަމުގައި ވާންޖެހޭނެ. ނުވަތަ އަޅުގަނޑުމެންގެ މިނިވަންކަމަށާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް އެންމެބޮޑު ކުރިއެރުމެއް، އެންމެބޮޑު ތަރައްޤީއެއް، އެންމެބޮޑު ކާމިޔާބީއެއް ގެނެސްދިނުން އެއީ ކަމަށް އެ މިންގަނޑަކީ އަޅުގަނޑުމެން ބަލައިފިނަމަ، މިދެންނެވި ދުވަސްތަކުގެ ތެރެއިން ކޮންމެވެސް ދުވަހެއް ޚިޔާރުކުރުމަކީ އަޅުގަނޑު ހިތުން މާދަތިކަމަކަށްނުވާނެ.
 
އާދެ، އެ ތިންދުވަހާ ދޭތެރޭގައި، އަޅުގަނޑު މިދެންނެވި މިންގަނޑުގެ ބޭނުންކޮށްގެން ބަލައިލަމާ ހިންގަވާ! އެންމެ ފުރަތަމަ ޖުލައި މަހުން 26 ވަނަ ދުވަސް. ޝައްކެއްނެތް، ދިވެހިރާއްޖޭގެ މިނިވަންކަމަށް މުހިންމު ދުވަހެއް އެއީ. އޭގެކުރިން އަޅުގަނޑުމެން ތިބީ، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުގައި. އެހެން ތިބުމަށްފަހުގައި، އަޅުގަނޑުމެންނަށް އެ ޙިމާޔަތުން ސަލާމަތްވެވުނު ދުވަހަކީ، ޖުލައި މަހުގެ 26 ވަނަ ދުވަސް. އެހެންވީމާ، ޝައްކެއްނެތި އަޅުގަނޑުމެންގެ މިނިވަންކަމަށް އެދުވަހު ވަރަށްބޮޑު ނަޞްރެއް ލިބިފައިވޭ. ވަރަށްބޮޑު ކާމިޔާބީއެއް ލިބިފައިވޭ. އެހެންވީމާ، އެދުވަސް އެއީވެސް އަޅުގަނޑުމެން އެދުވަހާ ދޭތެރޭގައި ވިސްނަންޖެހޭ އަދި އަހަންމިއްޔަތު ދޭންޖެހޭ ދުވަހަކަށްވާނެކަން ޔަޤީން. އާދެ، ދެންއޮތީ ނޮވެންބަރު މަހުގެ 11 ވަނަ ދުވަސް. އެދުވަހާ ދޭތެރޭގައި ވިސްނާއިރު، މިދެންނެވި މިންގަނޑު އެއީ އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ދުވަހެއް ކަމަކަށް އަޅުގަނޑަކަށް ޚިޔާލެއްނުކުރެވޭ. އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް، އެދުވަހުގެ ސަބަބުން އިތުރު ނަޞްރެއް، އިތުރު  ކާމިޔާބީއެއް، އިތުރު ތަރައްޤީއެއް ލިބިފައި އޮތްކަމަށް ނުފެންނާތީ. ޖުމްހޫރީ ދުވަހަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އޮތް ސިޔާސީ ވެރިކަން، އެ ސިޔާސީ ވެރިކަން ހިނގާނެ އުސޫލަށް ބަދަލެއް ގެނެވުނު ދުވަހެއް. އޭގެކުރިން ހިނގަމުން އައީ ރަސްކަމެއް. 11 ނޮވެންބަރު 1968، އެދުވަހު އެ ރަސްކަން ބަދަލުވެގެންދިޔައީ ޖުމްހޫރީ ވެރިކަމަކަށް. އެހެންވީމާ، އެދުވަހު އެއައި ބަދަލަކީ، އަޅުގަނޑުމެންގެ ދާޚިލިއްޔާއަށް އައި ބަދަލެއް. އަޅުގަނޑުމެންގެ ސަރުކާރު ހިންގުމުގެ ނިޒާމަށް އައި ބަދަލެއް. އެދުވަހުގެ ސަބަބުން އަޅުގަނޑުމެންގެ މިނިވަންކަމަށް ނުވަތަ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް، އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އިތުރު ނަޞްރެއް، ކާމިޔާބީއެއް، ކުރިން މިދެންނެވި ޖުލައި މަހުގެ 26 ވަނަ ދުވަސްހެން އައިސްފައި އޮތްކަމަކަށްނުވޭ.
 
އާދެ، ދެން އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ ދުވަސް، ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް. އެއްވެސް ޝައްކެއްނެތް، ރަބީޢުލްއައްވަލް މަހުގެ ތެރޭގައި، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ރާއްޖެއަށް މާތްވެގެންވާ އިސްލާމްދީން އައީ. ދެންމެ ވަރަށް ސާފުކޮށް ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ ރައީސް އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު އެވާހަކަ އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި. ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެއަށް އިސްލާމްދީން އައީ. އިސްލާމްދީނާއި ދިވެހި ޤައުމިއްޔަތާ ހުރި ގުޅުން، އަޅުގަނޑު ހިތުން އެއީ މިރޭ އަޅުގަނޑުމެން އެޔާ ދޭތެރޭގައި މާދިގު ވާހަކައެއް ދައްކަން ބޭނުންވާނެ މައުޟޫޢެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އަޅުގަނޑުމެންގެ މާތް ދީނާއި، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާ އޮތް ގުޅުން ވަރަށް ރަނގަޅަށް އެނގޭނެ. ދެން ހަމަ ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެ، ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށުން މިނިވަންވީ. އާދެ، އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް، އެ މާތް ބަޠަލުގެ ވަރުގަދަ ޖިހާދުގެ ސަބަބުން ޕޯޗުގީޒު މީހުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވެގެން އައީ ރަބީޢުލްއައްވަލް މަހެއްގެ ތެރޭގައި. އާދެ، އެހެންވީމާ، ރަބީޢުލްއައްވަލް މަހުގެ ތެރޭގައި، ނުވަތަ އަޅުގަނޑުމެން މިހާރު މި ފާހަގަކުރާ ޤައުމީ ދުވަހު، އަޅުގަނޑުމެންގެ މިނިވަންކަމަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ވަރަށްބޮޑު ނަޞްރެއް، ވަރަށްބޮޑު ކާމިޔާބީއެއް ލިބިއްޖެކަން ކަށަވަރު.
 
ދެން އަޅުގަނޑުމެން ބަލައިލަންޖެހެނީ، ޖުލައި މަހުގެ 26 ވަނަ ދުވަހާއި ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހާ، މި ދެދުވަހުންކުރެން ކޮން ދުވަހެއްގައިތޯ އަޅުގަނޑުމެންގެ މިނިވަންކަމަށާއި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް އެންމެބޮޑު ނަޞްރެއް، އެންމެބޮޑު ކާމިޔާބީއެއް ލިބިފައިވަނީ. އާދެ، އަޅުގަނޑުގެ ޚިޔާލު އަޅުގަނޑު ދަންނަވައިލާކަށް ފަހަކަށް ނުޖެހޭނަން. އަޅުގަނޑަށް ހީވާގޮތުގައި، އަޅުގަނޑުމެންނަށް އެންމެބޮޑު ނަޞްރެއް، އެންމެބޮޑު ކާމިޔާބީއެއް ލިބިފައިވަނީ ރަބީޢުލްއައްވަލް މަހުގެ ތެރޭގައި. ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު. އާދެ، އެއީ ތާރީޚު އެކަމަށް ހެކިދޭ ކަމެއް. ޕޯޗުގީޒު މީހުން، އެމީހުންގެ ވެރިކަން ހިންގި ދުވަސްވަރު، ރާއްޖޭގައި ކަންތައްތައް އޮތްގޮތް، އަޅުގަނޑުމެން އެންމެންނަށް ކޮންމެވެސްވަރަކަށް އެނގޭ. އަޅުގަނޑުމެންގެ އެއްވެސްކަހަލަ މިނިވަންކަމެއް އޭރު އަޅުގަނޑުމެންނަށް ލިބިފައެއްނެތް. އަޅުގަނޑުމެންގެ އަތުން ގެއްލިފައި އޮތީ އެދުވަހު ހަމައެކަނި އަޅުގަނޑުމެންގެ ޚާރިޖީ މިނިވަންކަމެއް ނޫން. އަޅުގަނޑުމެންގެ ޚާރިޖީ މިނިވަންކަމާއި، އަޅުގަނޑުމެންގެ ދާޚިލީ މިނިވަންކަންވެސް އެދުވަހު އޮތީ އަޅުގަނޑުމެންގެ އަތްމަތިން ގޮސްފައި. އެމީހުން ތިބީ ރާއްޖެއަށް ވެރިވެގަނެގެން، ރާއްޖެ ހިފައިގެން. ރާއްޖޭގައި އެމީހުން ބޭނުންގޮތަކަށް ވެރިކަން ކުރަމުން ގެންދިޔަ ބައެއްގެ ގޮތުގައި އެމީހުން ތިބީ. އިނގިރޭސީން އެމީހުންގެ ޙިމާޔަތުގެ ދަށުގައި، ރާއްޖެ އޮތް ދުވަސްވަރު، އިނގިރޭސިންގެ އެއްވެސް މީހަކު ގަވަރނަރެއްގެ ނަމުގައި ނަމަވެސް، ނުވަތަ އެހެން ނަމެއްގައި ނަމަވެސް، ދިވެހިރާއްޖޭގައި ހުރި ޒަމާނެއް އައެކޭ އަޅުގަނޑުގެ ހިތަކަށް ނުވަދޭ. އަޅުގަނޑަށް ގައިމުވެސް އެނގިފައެއް ނެތް، އިނގިރޭސިންގެ ވެރިޔަކު ދިވެހިރާއްޖޭގައި ހުރެގެން، ދިވެހިރާއްޖޭގެ ދާޚިލިއްޔާވެސް އެމީހުން ހިންގިކަމެއް. އެހެންވީމާ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެންގެ އަތުން ގެއްލިފައިވާ މިނިވަންކަން، މިނިވަންކަން ގެއްލިފައިވާ މިންވަރު، ޕޯޗުގީޒު މީހުންގެ ޒަމާނުގައި މާބޮޑު، އިނގިރޭސިންގެ ޒަމާނަށްވުރެ. ހަމައެފަދައިން، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ޕޯޗުގީޒު މީހުން ދިން ގެއްލުމާއި، އަދި ދޭން މަސައްކަތްކުރި ގެއްލުންތައްވެސް އަޅުގަނޑުމެންނަށް ތާރީޚުން ފިލަން އެބަހުރި. އެމީހުން އުޅުނު، ދިވެހިރާއްޖޭގެ ރައްޔިތުން އެމީހުންގެ ދީނުން އެއްކިބައިކުރުމަށް. ޣައިރު ދީނަށް އެނބުރި ގެންދިޔުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރިކަން އަޅުގަނޑުމެންނަށް ތާރީޚުން އެނގޭ. އިނގިރޭސީންގެ ދުވަސްވަރު، އެކަހަލަ މަސައްކަތެއް ހިނގި ކަމަކަށް އެނގިފައެއްނުވޭ.
 
އެހެންވީމާ، އެގޮތުން ބަލާއިރުވެސް، އަޅުގަނޑުމެން ދިވެހިން، ޕޯޗުގީޒުގެ މީހުންގެ އަތްދަށުގައި ތިބި ދުވަސްވަރު ތިބީ މާ ނިކަމެތި ހާލެއްގައި. އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިފައި. އަޅުގަނޑުމެންގެ ދީނަށްވެސް އެހާބޮޑު ގެއްލުން އެމީހުން ދެމުން ގެންދިޔައީ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއި ދިވެހި ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެން އޮތް އޮތުންވެސް ވަނީ ވަރަށްކައިރި ދުވަހެއްގެ ތެރޭގައި މުޅިން ނެތިގެން ހިނގައިދާނެކަމުގެ ބިރުގެތެރޭގައި. އެއާ ޚިލާފަށް، އިނގިރޭސި ޙިމާޔަތުގެ ދަށުގައި އަޅުގަނޑުމެން ތިބިއިރު، މިދެންނެވި ރޮނގުން އެހާ ބޮޑެތި ގެއްލުންތަކަކާ އަޅުގަނޑުމެން ކުރިމަތިލާކަށްނުޖެހޭ. ހަމައެކަނި ކުރެވިފައިވާ އެގްރީމެންޓެއްގެ ދަށުން، ބޭރުގެ ކަންތައްތައް އޮތީ އިނގިރޭސި ދައުލަތާ ހަވާލުވެފައި. އަޅުގަނޑުމެންގެ އަމިއްލަ ވެރިކަން އޭރުވެސް ހިނގަމުން އައީ އަޅުގަނޑުމެންގެ ދާޚިލިއްޔާގައި. އަޅުގަނޑުމެންގެ އަމިއްލަ ރަސްކަލެއް ރަސްކަން ކުރައްވަމުން ގެންދަވަނީ. އެ ރަސްކަލަކު ޢައްޔަން ކުރައްވާ ބައެއް، ވަޒީރުންގެ ގޮތުގައި ތިއްބަވަނީ. އެ ދައުލަތުން، ދިވެހި ސަރުކާރުން ހައްދަވާ ޤާނޫނުތަކެއްގެ ދަށުން، ހައްދަވާ ގަވާއިދުތަކެއްގެ ދަށުން ރާއްޖޭގެ ހުރިހާ ކަމެއް ހިނގަމުން ގޮސްފައިވަނީ. އެހެންވީމާ، އަޅުގަނޑު މިދެންނެވި މިންގަނޑުގެ ބޭނުންކޮށްފިނަމަ، އެއްވެސް ޝައްކެއްނެތި އެބަ އެނގޭ، އަޅުގަނޑުމެންނަށް އެންމެބޮޑު، އަޅުގަނޑުމެންގެ މިނިވަންކަމަށާއި، އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި އޮތް އޮތުމަށް، އަދި އަޅުގަނޑުމެންގެ އަމިއްލަ ސިޔާދަތަށް އެންމެބޮޑު ނަޞްރެއް، އެންމެބޮޑު ތަރައްޤީއެއް، އެންމެބޮޑު ކާމިޔާބީއެއް ލިބުނީ، ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުގައިކަން. ޖުލައި މަހުގެ 26 ވަނަ ދުވަހުގައި ނޫންކަން.
 
އާދެ، ކޮންމެއަކަސް އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، އަޅުގަނޑުގެ މިވާހަކަޔަކީ ފަހަރެއްގައިވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ވަކިގޮތަކަށް ނިންމަވަން އަޅުގަނޑަށް ފެނިގެން، އެހެން ދަންނަވާ ދެންނެވުމެއް ނޫން. އެހެންނަމަވެސް، ދުވަހުގެ މުހިންމުކަމާއި އަދި އަޅުގަނޑުމެން ކޮންމެވެސް އުސޫލަކުން އެކަންތައް ހަމަޖައްސަންޖެހޭތީ، އެކަމާ ދޭތެރޭގައި އަޅުގަނޑަށް ފެންނަ ޚިޔާލެއް ދެންނެވީ.
 
އާދެ، ޤައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު، ވަރަށްގިނަ ކަންތައްތަކާ ދޭތެރޭގައި ވިސްނަންޖެހޭ. އޭގެތެރެއިން އެއްކަމެއް، ޤައުމީ ރޫޙު ދިރުވުމުގެ ބޭނުމަކީ ކޮބައިތޯ ބެލުން. ޤައުމީ ރޫޙު ދިރުވުމުގެ ބޭނުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ހިތްތަކުގައި އޮންނަ ފަޚުރުވެރިކަމެއް އިތުރުކުރުންތޯ؟ ނޫނީ އެއީ ޚިޔާލީ ސުވަރުގެއަކަށް ދެވޭތޯ މަސައްކަތް ކުރުންތޯ؟ މީހުންގެ ކުރިމަތީގައި ފަޚުރުވެރިވާނެ ކަމެއް ކުރަމުން ގެންދިޔުންތޯ؟ ނޫނީ ޙަޤީޤަތުގައި ޤައުމީ ރޫޙު ދިރުވުމުން، އެއިން އަޅުގަނޑުމެންނަށް ލިބޭނެ ފައިދާތަކެއް އެބަހުރިތޯ؟ އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނައިލަންޖެހޭ ނުކުތާއެއް. އެއްވެސް ޝައްކެއްނެތް، އަޅުގަނޑަށް ފެންނަގޮތުގައި، ޤައުމީ ރޫޙު ދިރުވުމުގެ ބޭނުމަކީ ހަމައެކަނި އަޅުގަނޑުމެންގެ ހިތްތަކުގައި މާނައެއް ނެތް ފަޚުރުވެރިކަމެއް އިތުރުކުރުމެއް ނޫން. އެއީކީ އަޅުގަނޑުމެންނަށް ޚިޔާލީ ސުވަރުގެއަކަށް ދެވިދާނެ ކަމުގެ އުންމީދުގައި ކުރާ ކަމެއްވެސް ނޫން. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ޙަޤީޤީ ފައިދާތަކެއް ލިބޭނެތީ ކުރާކަމެއް. އަދި ކުރަންޖެހޭނެ ކަމެއް.
 
އަޅުގަނޑުމެންގެ ރާއްޖެއަކީ، އިންޑިޔާ ކަނޑުގައި އޮންނަ ރާއްޖެއެއް. ވަށައިގެން ވަނީ ކަނޑުގެ ސަރަޙައްދުތަކެއް. އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކާއި އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި، ތާރީޚީ، ދީނީ، ޤައުމީ، ޘަޤާފީގޮތުންވެސް އެއްވެސް ގުޅުމެއް ނެތް. އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކުގައި އުޅޭ މީހުންނަކީ އަޅުގަނޑުމެންގެ ދީނުގެ ބައެއް ނޫން. އަޅުގަނޑުމެންނާ ތާރީޚީގޮތުން ގުޅިފައިވާ ބައެއް ނޫން. މިދެންނެވީ އެންމެކުރީ ޒަމާނުގައި ދިވެހިރާއްޖެއަށް އައިސް ވަޒަންވެރިވި މީހުންނަކީ، އުތުރުކަރައިގެ ބައެއް ކަމުގައިވުން ނުވަތަ އޮޅުދޫކަރައިގެ ބައެއް ކަމުގައިވުން އެއީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އޭގެއިތުރަށް ތާރީޚީ ޙާދިޘާތަކެއްގައި އަޅުގަނޑުމެންނާ އެ ޤައުމުތަކާ ބައިވެރިވެގެން، އަޅުގަނޑުމެންނާ އެމީހުންނާ ދޭތެރޭގައި އެއްވެސް ކަހަލަ ޤައުމީ ގުޅުމެއް އުފެދޭނެކަހަލަ ކަންތައްތަކެއް ތާރީޚުގައި ހިނގައިފައެއް ނެތް. ޘަޤާފީގޮތުން ބެލިނަމަވެސް އަޅުގަނޑުމެންނާ އެ ޤައުމުތަކާ ދޭތެރޭގައި އެހާބޮޑު ގުޅުންތަކެއް ނެތް. އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނައިލަންޖެހޭ. މިދެންނެވި ކަހަލަ ކަންތައްތަކުގައި އަޅުގަނޑުމެން މިތިބީ މުޅިން ދުނިޔޭގެ އެހެން ޤައުމުތަކާ ވަކިން.
 
ސިޔާސީގޮތުން ވިސްނާއިރު އަޅުގަނޑުމެންގެ ރާއްޖެ، މިދެންނެވީ، ބައިނަލްއަޤްވާމީ ސިޔާސީގޮތުން. ބައިނަލްއަޤްވާމީ ސިޔާސަތުގެ މަޝްރަޙުގައި ކަންތައްތައް ހިނގަމުންދާގޮތަށް ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖެ މިއޮތީ ވަރަށް މުހިންމު ތަނެއްގައިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އިންޑިޔާ ކަނޑަކީ ވަރަށް ބޮޑެތި ބާރުތަކެއް، އެ ބާރުތަކުގެ ނުފޫޒު ހިންގޭތޯ މަސައްކަތްކުރާ ތަނެއް. އެތާނގެ މެދުގައި އަޅުގަނޑުމެން މިތިބީ. އަޅުގަނޑުމެންގެ ރާއްޖޭގެ ވަށައިގެން ތަފާތު ޢަސްކަރީ އަދި އެނޫންވެސް ހަރަކާތްތައް ހިނގަމުންދޭ. އަޅުގަނޑުމެންގެ ކައިރީގައި، އަޅުގަނޑުމެން ފޯޅަވައްސޭ މިކިޔާ ތާނގައި، ބޭރު ބާރުތަކެއްގެ ޢަސްކަރީ ކަންތައްތަކެއް ހިނގަމުންދޭ. އަދި އިޤުތިޞާދީ ގޮތުން ބަލާއިރުވެސް، އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑަކީ އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި، އަޅުގަނޑުމެންނަށް އޭގެ ފައިދާ ނިހާޔަތަށް ކުރަން ޖެހިފައިވާ ތަނެއް. ހަމައެއާއެކު، އެ ކަނޑަކީ ބޭރުގެ ވަރަށްގިނަ ޤައުމުތަކުގެ މީހުންވެސް އައިސް، އެކިއެކި އިޤުތިޞާދީ ފައިދާތައް ނަގަމުންދާ ކަނޑެއް.
 
މިކަންތައްތައް މިހެންހުރި ވަގުތެއްގައި، އަޅުގަނޑުމެންގެ އަމިއްލަވަންތަކަމެއް، އަޅުގަނޑުމެންގެ މިނިވަންކަމެއް، އަޅުގަނޑުމެންގެ ޤައުމިއްޔަތެއް، އަޅުގަނޑުމެންގެ ސިޔާދަތެއް ނެތްކަމުގައިވަންޏާ ދެން އަޅުގަނޑުމެންނަށް ވެގެންދާނެގޮތް ތިޔަބޭފުޅުން ވިސްނަވަބައްލަވާ! އަޅުގަނޑުމެންނަކީ އެހާ ބާރުގަދަ ޤައުމެއް ނޫން. ދިފާޢީގޮތުން ބަލާއިރު، ބޭރު ޤައުމަކުން ޙަމަލައެއް ދީފިއްޔާ، اللّـه سبحـانـه وتعـالى ދެއްވާ ރައްކާތެރިކަމެއް ނޫނީ އަޅުގަނޑުމެންގެ އަތްމައްޗަކު ނެތް. މިޒަމާނުގެ ހަތިޔާރުތައް ބޭނުންކޮށްގެން، ބޭރު ޤައުމަކުން އަޅުގަނޑުމެންނާ ދިމާކޮށްފީވިއްޔާ އަޅުގަނޑުމެން ދިވެހިން، އަޅުގަނޑަށް ޔަޤީން، ހަނގުރާމަކޮށްގެން ދިވެހިންގެ ލޭތައް އޮހޮރުވައިލައިގެންނަމަވެސް ޤައުމު ދިފާޢުކުރެވޭތޯ މަސައްކަތް ކުރާނެ. އެހެންނަމަވެސް، އެ މަސައްކަތުގެ ނަތީޖާ އެއީ އަޅުގަނޑުމެންނަށް އެއްގޮތަކަށްވެސް ޔަޤީންކަމާއެކު ބުނަން އެނގޭ އެއްޗެއް ނޫން. ދުނިޔޭގެ މިދެންނެވި ސިޔާސީ އަދި އިޤުތިޞާދީ އޮއިވަރުތައް އަޅުގަނޑުމެންގެ ވަށައިގެން މިހެން ހިނގާ ޒަމާނެއްގައި، އަޅުގަނޑުމެން ފިސާރި ވަރުގަދައަށް އަޅުގަނޑުމެންގެ މިނިވަންކަމުގައި ހިފަހައްޓައިގެން ނުތިބޭ ކަމަށްވަންޏާ އަޅުގަނޑުމެންގެ މުސްތަޤްބަލަށްވާނެގޮތް، އަޅުގަނޑުމެންގެ ރާއްޖެއަށް ފަހުން ވެގެންދާނެގޮތް، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އޮޅިފައެއް ނޯންނާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަޔަކީ، ޤައުމީ ރޫޙު ދިރުވުމަކީ އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތު ހިފެހެއްޓޭތޯ ބެލުމަކީ، ހަމައެކަނި އަޅުގަނޑުމެން ފަޚުރުވެރިވާ ފަޚުރުވެރިވުމެއް ނޫނޭ. އޭގެއިތުރުން އެއީ އަޅުގަނޑުމެންނަށް އޭގައި، އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތްކަމާއި، އަމިއްލަ ރައްކާތެރިކަން ހިމެނިފައިވާ ކަމެކޭ. އާދެ، އެކަން އެގޮތަށް ސަރުކާރަށް ވިސްނޭތީ، ޤައުމީ ރޫޙު ދިރުވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ޤައުމީ ރޫޙު އާލާކުރެވޭތޯ، ޤައުމީ ކަންތައްތަކުގައި ވީހާގިނަ ބަޔަކު ބައިވެރިކުރެވޭތޯ. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން އެންމެންނަކީ ދިވެހިން ކަމަށް ދެކިގެން އަޅުގަނޑުމެންގެ މެދުގައި މިވާ ވަރުގަދަ ތާރީޚީ އަދި ދީނީ، ޤައުމީ ގުޅުން ބަދަހިކޮށްގެން، އެ ބަދަހިވާ ބަދަހިވުމެއްގެ ސަބަބުން އަޅުގަނޑުމެންނަކީ ވަރުގަދަ، ކިތަންމެ ކުޑަ ނަމަވެސް މިދެންނެވި ރޮނގުން ބަލާއިރު، މިދެންނެވި ޙައިޘިއްޔަތުން ބަލާއިރު، ވަރުގަދަ ޤައުމަކަށްވެގެން ބޭރުން އަޅުގަނޑުމެންނާމެދު ދަހިވެތިވެގެން އުޅޭ ފަރާތްތަކުގެ ރޭވުންތަކަށް އަޅުގަނޑުމެން ހުރަސްއަޅާ ބަޔަކަށްވުން. އެގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ނެތްކަމަށްވަންޏާ، މިދެންނެވީ، މި ޙައިޘިއްޔަތުން އަޅުގަނޑުމެން ނުވިސްނާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ނޭނގިތިބެ އޮންނާނީ އަޅުގަނޑުމެންގެ މިނިވަންކަން ނަގައިލެވިފައި. ޤައުމިއްޔަތުވެސް ނަގައިލެވިފައި. ދިވެހިވަންތަކަންވެސް ނަގައިލެވިފައި.
 
އާދެ، ޝައްކެއްނެތް، ސަރުކާރުގެ ފަރާތުން ޤައުމީ ރޫޙު ދިރުވުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދޭ. ޙަޤީޤަތުގައި އެ ރޫޙު އެއީ ސަރުކާރުން ދިރުވާ އެއްޗެއް ނޫން. ޙަޤީޤަތުގައި އެ ރޫޙަކީ ދިވެހިންގެ ހިތްތަކުގައި ޒަމާނުއްސުރެ އޮތް ރޫޙެއް. މިހާރުވެސް ހަމަ އެހާގަދަޔަށް، ކުރީގައި އޮތް ވަރަށް އެބައޮތް. އެހެންނަމަވެސް، ވޭތުވެދިޔަ ދުވަސްވަރެއްގެ ތެރޭގައި އެކަމަށް އެއްވެސްކަހަލަ ރަސްމީ އަހަންމިއްޔަތެއް ދެވިފައި ނުވުމުގެ ސަބަބުން ފެންނަ ހިސާބުގައި އޭގެ ޙަރަކާތްތައް ފެނިފައި ނެތީ. އެހެންނަމަވެސް، އަސްލު ދިވެހިންގެ ހިތްތަކުގައި އަބަދުވެސް އޮތް އަދި އަބަދު އޮންނާނެކަން އަޅުގަނޑަށް ޔަޤީން. ކޮންމެއަކަސް މިހާރު އަޅުގަނޑުމެންގެ ވަށައިގެން ހިނގަމުންދާ ޤައުމީ ކަންތައްތަކަށް ބަލައިލައިފިނަމަ އުފާކުރުން އެކަށީގެންވޭ. އެންމެފަހުން ދާދި އިހަކަށްދުވަހު، އާދެ، އިހަށްދުވަހު އަޅުގަނޑު މިއައީ ރާއްޖެތެރޭގެ ރަށަކުން، ފާދިއްޕޮޅުގެ ނައިފަރުން. އެރަށުގެ ރައްޔިތުން ވަރަށް މުހިންމު މުނާސަބަތެއް ފާހަގަކުރައްވާތީ، އެ މުނާސަބަތުގައި ބައިވެރިވުމުގެ ނިޔަތުގައި އަޅުގަނޑު އެރަށަށް ދިޔައީ. އާދެ، އެއީ އެރަށުގައި ހިނގަމުން އަންނަ މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުހިންމު މުނާސަބަތު އެރަށުގެ ރައްޔިތުން ފާހަގަކުރެއްވީތީ، އެކަމުގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު ދިޔައީ. އެރަށަށް ގޮސް، ނައިފަރުގެ ރައްޔިތުން، ނައިފަރުގެ ރައްޔިތުންނޭ އަޅުގަނޑު މިދަންނަވަނީ ރަށުގެ އެންމެން އެއްވެސް އިސްތިސްނާއެއްނެތި، ރަށުގެ އަންހެނުންނާއި ފިރިހެނުން، ކުޑަކުދިންނާއި ބޮޑެތި މީހުން، މުސްކުޅިންނާއި ޒުވާނުން، އެންމެން އެކުރި މަސައްކަތްތައް ފެނިފައި، އަޅުގަނޑުގެ ހިތުގައި ނައިފަރުގެ ރައްޔިތުންނަށް އުފެދިގެން ދިޔައީ ވަރަށްވެސް މަތިވެރި ސާބަހަކާއި ތަޢުރީފެއް.
 
 އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، އެ ޤައުމީ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އެބައޮތޭ. މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރަން ސަރުކާރުން މާބޮޑު މަސައްކަތްތަކެއް ނުކުރޭ. އެއީ ސަރުކާރުން އަންގައިގެން އެމީހުން ކުރި ކަމެއް ނޫން. އެއީ ހަމަ އެމީހުންގެ އަމިއްލަ ހިތްތަކުގެ ތެރެއިން ނިކުމެގެން އައި ޚިޔާލެއް. އެމީހުން އަމިއްލައަށް އެ އިޙުތިފާލު ކުރަން ބޭނުންވެގެން އެހުރިހާ ކަމެއް ރާވަމުން ގެންދިޔައީ. ސަރުކާރުން ކޮށްދިންހާވެސް ކަމަކީ އެކަންތައްތައް ވީހާ ރަނގަޅަކަށް ގެންދެވޭތޯ ބެލުމަށްޓަކައި އެހީތެރިވެވެން އޮތް ހުރިހާ ރޮނގަކުން އެހީތެރިވަމުން ގެންދިޔުން. އެހެންވީމާ، އެ ރޫޙު އަޅުގަނޑުމެންގެ ތެރޭގައި އެބައޮތް. މިދެންނެވި ކަހަލަ މުނާސަބަތުތަކުން އެ ރޫޙު ފާޅުވެގެން އެބަދޭ. އެ ރޫޙު ދިރުވަން ކޮންމެވެސްކަހަލަ މަސައްކަތްތަކެއް އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ނުވަތަ ކޮންމެ ޖަމާޢަތަކުންވެސް ކުރުމަކީ އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރި ކަމެއް. އަދި ޚާއްޞަކޮށް ދަންނަވަންޏާ އަޅުގަނޑުމެންގެ ޒުވާނުން، އެކަމަށް އަހަންމިއްޔަތެއް ދިނުމަކީ ވަރަށް ބޮޑަށް އެދެވޭ ކަމެއް.
 
އަޅުގަނޑު މީގެކުރިންވެސް އެތައް މަޤާމެއްގައި ވާހަކަދައްކަމުން ދަންނަވައިފައިވާނޭ ފަދައިން، ޤައުމެއްގެ މުސްތަޤްބަލް އޮންނާނީ އެ ޤައުމެއްގެ ޒުވާނުންގެ އަތްމަތީގައި. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލް އޮތީ މިއަދުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުން އެއީ ހަރުދަނާ ޤައުމިއްޔަތެއް ހުރި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާޢުކުރާނެ ބައެއް ކަމުގައި ވުމަކީ ކޮންމެހެން ބޭނުންކަމެއް. އެމީހުންގެ ހިތުގައި ޤައުމީ ރޫޙު އާލާވާންވާނެ. ޤައުމީ ރޫޙު އާލާވުމުގެ ސަބަބުން އެމީހުންގެ ޚިދުމަތްތައް ދިވެހި ޤައުމަށް ލިބެމުންދާންވާނެ. ޒުވާނުންގެ ކަންތައްތައް ބަލަހައްޓައި އިރުޝާދުދީ ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހެއް އުފައްދައިފައި. އެ މަޖިލީހުގެ މަސައްކަތް ކުރިއަށްދޭ. އެހެންނަމަވެސް، އެހިސާބުން އަދި އެ ފުދުނީކަމަށް އަޅުގަނޑުމެން ބަލައިގެން، އަޅުގަނޑު ހިތުން އެއީ މާ ހަމަޖެހޭ ކަމަކަށްނުވާނެ. ޒުވާނުންގެ ޙަރަކާތްތައް މިހާރަށްވުރެ އިތުރުކުރުމަކީ ބޭނުންކަމެއް. އެމީހުންގެ ހިތްތަކުގައި، ޤައުމީ ރޫޙު އުފެދިގެން ނުވަތަ މިހާރު އޮތް ޤައުމީ ރޫޙު އެއަށްވުރެ އިތުރުކުރެވިގެން އެމީހުންގެ ޚިދުމަތާއި، މަސައްކަތާއި، އެމީހުންގެ ފިކުރާއި ޚިޔާލު، ދިވެހިރާއްޖެއަށްޓަކައި ޚާއްޞަ ކުރެވުން އެއީ އަޅުގަނޑު ހިތުން މިވަގުތު ވަރަށް ބޭނުންވެފައިވާ ކަމެއް.
 
އާދެ، މިގޮތުން އިތުރު މަސައްކަތްތަކެއް ސަރުކާރުން ކުރަންޖެހޭނެ ކަމަށް ފެންނާތީ، މިހާރު ގަސްދުކުރެވިފައި ވަނީ ޒުވާނުންނާބެހޭ އިތުރު ފިޔަވަޅުތަކެއް އަޅަން. ސަރުކާރުގެ ކަމާބެހޭ ފަރާތްތައް ގުޅިގެން، އެންމެ ޚާއްޞަ ގޮތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސަރުކާރުގެ އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޒުވާނުން އެއްތަންކޮށް ޒުވާނުންގެ ތެރޭގައި އެކުވެރިކަން އުފައްދައި، ޒުވާނުންގެ ހިތްތަކުގައި ޤައުމަށް ޚިދުމަތް ކުރުމުގެ ޝުޢޫރު އުފައްދައި އަދި އެމީހުންނަށް އެކިއެކި ފުރުޞަތުދީ، ކުރިއަށް ދިޔުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، މިކަހަލަ ކަންތައްތައް ރާވައި ކުރިއަށް ގެންދިޔުން އެއީ މިހާރު ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއްދޭ ކަމެއް. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެކަންތައްތައް ފެށޭނެ. އަޅުގަނޑު ގަސްދުކުރަނީ ޚުދު އަޅުގަނޑުވެސް އެކަމުގައި ބައިވެރިވެގެން ޒުވާނުންނާ އެކުގައި އެ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަން. އާދެ، މި ދެންނެވި ކަންތައްތަކުގެ ތެރޭގައި ޒުވާނުން އެއްތަނަކަށް ގެނެސްގެން، އެކިއެކި ބޭނުންތެރި ފައިދާހުރި ކަންތައްތައް ހިންގުން ހިމެނޭ. އެއީ ކުޅިވަރު ކުޅުން ކަމުގައިވެސް ވެދާނެ. ނުވަތަ އެކިއެކި ކޭމްޕް ހަދައިގެން އެމީހުންނަށް ޖިސްމާނީ ގޮތުންވެސް އެކަށީގެންވާ ތަމްރީނުދީ، އަދި އޭގެއިތުރުންވެސް އެމީހުންނަކީ ވަރަށް ބާރުހުރި ހަރުދަނާ އަދި ޤައުމު ދިފާޢު ކުރުމުގެ ޤާބިލިއްޔަތު ލިބިގެންވާނެ ބައެއް ކަމަށްވާންޖެހޭނެ. އެރޮނގުންވެސް އެމީހުންނަށް ބޭނުންވާ ތަމްރީނުތަކެއް ދިނުންވެސް ހިމެނޭނެ. މިބާވަތުގެ އެތައް ކަމެއް ކުރުން އެއީ އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން ކުރަންވެއްޖެ ކަމެއް. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައިވެސް ޒުވާނުންނަށް މިދެންނެވި ކަހަލަ ތަމްރީނުތައް ދެމުންގެންދޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މީގެކުރިން އެކަން ނެތް ކަމުގައިވިޔަސް، ދުނިޔެއަށް އެ އަންނަ ބަދަލުތަކާ ގުޅިގެން އަދި އަޅުގަނޑުމެންގެ ވަށައިގެން އަޅުގަނޑުމެންނާ ގުޅިގެން މި ހިނގާ އެކިއެކި ހަރަކާތްތައް އެހެން ހިނގާތީއާއެކު، އަޅުގަނޑުމެންވެސް އެކަހަލަ މިދެންނެވި ބާވަތުގެ، ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އާދެ، އެހެންވީމާ، ކުރިއަށްވުރެ ބޮޑަށް ބާރުލައިގެން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ޒުވާނުންގެ ހަރަކާތްތައް ފުޅާކޮށް، އެމީހުންނަށް އިތުރު ފުރުޞަތުތައްދީ، އެމީހުންގެ ޚިދުމަތް ރާއްޖެއަށް ލިބޭނެ މަގުތައް ތަނަވަސްކުރެވޭތޯ ސަރުކާރުން ބަލާނެ.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކަޔަކީ، މިކަހަލަ މުނާސަބަތެއް ފާހަގަކުރާއިރު އަޅުގަނޑުމެން އެންމެން، ދިވެހި ރައްޔިތުން ވިސްނަންވާނެއޭ، އަޅުގަނޑުމެން މިދަނީ ރަނގަޅު މިޞްރާބަކަށްތޯ، އަޅުގަނޑުމެން މިދަނީ ދާންވީ މަގުންތޯ، އަޅުގަނޑުމެން މި އަމާޒުކުރަނީ އެކަށީގެންވާ ރަނގަޅު ލަނޑުދަނޑިތަކަކަށްތޯ، ނުވަތަ އަޅުގަނޑުމެން މިދަނީ ދާންވީ މަގަކުން ނޫންތޯ، އަޅުގަނޑުމެން މިހާރު މިވަނީ ގޯޅި އަޅާފައިތޯ. މިކަންކަމާ ދޭތެރޭގައި ހުރިހާ އެންމެންވެސް ޚިޔާލުކުރަން ބޭނުންވާނެހެން އަޅުގަނޑަށް ހީވޭ. އާދެ، އަޅުގަނޑަށް ފެންނަ ބައެއް ޚިޔާލުވެސް ދަންނަވައިލާނަން. އަޅުގަނޑުވެސް އެއްބަސް، މިހާރު މިކަހަލަ ވާހަކައެއް ދައްކަން އެންމެ އެކަށީގެންވާ މީހަކީ އަޅުގަނޑެއް ނޫންކަން. އެއީ ކަންދިމާވިގޮތުން މިވަގުތު ސަރުކާރު ހިންގުމާ ހަވާލުވެހުރީ އަޅުގަނޑު. އެހެންވީމާ، މިހާރު ކަންތައްތައް މިދަނީ ރަނގަޅަށޭ، އެހެން ދެންނެވުން އެއީ އަޅުގަނޑު ހިތުން މާހަމަޖެހޭ ކަމަކަށްނުވާނެ. އެކަން ޙަޤީޤަތުގައި ވާންޖެހޭނީ ރައްޔިތުން ކުރާ ކަމަކަށް. ރައްޔިތުން ނިންމާ ނިންމުމަކަށްވާންޖެހޭނީ، ސަރުކާރުން އެކިއެކި ކަންތައްތައް ގެންދަނީ ރަނގަޅަށްތޯ ނުވަތަ ނުބައިކޮށްތޯ އެކަން ނިންމުން. ކޮންމެއަކަސް އަޅުގަނޑަށް ވިސްނޭ ބައެއް ނުކުތާތައް ދަންނަވައިލުމަކީ، ދިވެހި ރައްޔިތެއްގެ ގޮތުން ނެތް ކަމެއް ނޫންކަމަށް އަޅުގަނޑު ދެކެން. އެހެންވީމާ، އަޅުގަނޑަށް ފެންނަގޮތުގައި، ހަމަގައިމުވެސް ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް ގެންދެވެނީ ރަނގަޅަށް. ދާ މިޞްރާބުވެސް ގޯހެއް ނޫން. އެއީވެސް ބައެއްކަހަލަ މިންގަނޑުގެ ބޭނުންކޮށްގެން އަޅުގަނޑު މިހެން މި ދަންނަވަނީ. އާދެ، އޭގެ ބައެއް ކަންތައްތަކަކީ، އަޅުގަނޑު ހިތުން ބަލައިލަންޖެހޭނީ، ދާޚިލީގޮތުން އަޅުގަނޑުމެން މިދަނީ ކުރިއަށްތޯ ނުވަތަ ފަހަތަށްތޯ. އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން އަޅުގަނޑުމެން އެބަ ތަރައްޤީވަމުންދޭތޯ ނުވަތަ ނޫންތޯ. ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިދޭތޯ. ރައްޔިތުންގެ ފެންވަރު މައްޗަށް ގެންދެވޭތޯ، މަސައްކަތް ކުރޭތޯ. ތަޢުލީމާއި ޞިއްޙަތާއި އަދި އެނޫންވެސް ރައްޔިތުންނަށް ލިބެންޖެހޭނޭ ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން އެބަދޭތޯ. އެއީ މިންގަނޑެއް، ބަލައިލަންޖެހޭ. ބޭރު ދުނިޔޭގެ ނިސްބަތުގައިވެސް ބަލައިލަންޖެހޭ މިންގަނޑެއް އެބައޮތް. ރާއްޖެއަށް ލިބެނީ ރީތި ނަމެއްތޯ ނުވަތަ ރާއްޖޭގެނަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ހުތުރުވަމުންތޯ. ދުނިޔޭގެ ކުރިމަތީގައި ރާއްޖެ އެއީ މިހާރު އޮތް ތަނެއް ކަމުގައި ގަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ. މިކަހަލަ ކަންކަމަށް ބަލައިލީމާ އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީ ރަނގަޅު މަސައްކަތެއްކަން ނުވަތަ ނޫންކަން އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ. މި ދެވެނީ ރަނގަޅު މިޞްރާބަށްތޯ ނުވަތަ ރަނގަޅު މިޞްރާބަކަށް ނޫންތޯވެސް އަޅުގަނޑުމެންނަށް ކަނޑައެޅިދާނެ. އާދެ، ދާޚިލީގޮތުން ބަލާއިރު އަދަދުތައް ބުނާގޮތުން އަޅުގަނޑުމެން ދަނީ ކުރިއަށް.
 
އާދެ، މި ޖަލްސާއަކީ އެކަހަލަ އަދަދުތަކެއް ދަންނަވާކަހަލަ ޖަލްސާއަކަށްނުވާތީ، އެ އެއްޗެއްސެއް އަޅުގަނޑު ނުގެންނަން. އެހެންނަމަވެސް، ވަރަށްފަހުންވެސް އަޅުގަނޑު ހިތުން ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން އައްސަވާނެ، އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުން އެ މައްޗަށްދާ ރޭޓު، ވަރަށްފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަޅުގަނޑު ދެންނެވިން. އެކަހަލަ ކަންތައްތައް ދުނިޔޭގެ ޤައުމުތަކުގައި ކުރިއަށްދާ މިންވަރު ބަލައި އުޅެނީ، ޤައުމެއްގައި އުފައްދާ ތަކެއްޗާއި، އުފައްދާ ޚިދުމަތްތަކުގެ ޖުމުލަ އަގު، އެއަށް ވިސްނައިގެން އަދި ޤައުމީ އާމްދަނީއަށް ލިބޭ ވަރަށް ވިސްނައިގެން. އަދި ޤައުމީ އާމްދަނީއިން ބޮލަކަށްޖެހޭ މިންވަރަށްވެސް ވިސްނައިގެން. މިކަހަލަ މިންގަނޑުތަކެއް ބޭނުންކޮށްގެން، ބޭރު ޤައުމުތަކުގައި ޤައުމުގެ ކުރިއެރުން ވަޒަންކުރަނީ. އެ މިންގަނޑުތައް އަޅުގަނޑުމެން ބޭނުންކޮށްފިނަމަ، އަޅުގަނޑުމެން ދަނީ ކުރިއަށްކަން އެއްވެސް ޝައްކެއްނެތި އެނގޭ. 1977 ގައި އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިއަށް ދިޔުމުގެ ރޭޓަކީ ސަތޭކައަކުން އެކެއް ކަމުގައި ހިސާބުތަކުން ދައްކާ. 1981 ގައި އެ ރޭޓު 11 އަށް ބަދަލުވެއްޖެ. އެހެންވީމާ، އެއީ ވަރަށްބޮޑު ކުރިއެރުމެއްކަން ޔަޤީން.
 
 ހަމައެފަދައިން، މަދަރުސާތައް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. ކުރީގައި ހުރީ ހަމައެކަނި މާލޭގައި ބައެއް މަދަރުސާ. މިހާރު ސަރުކާރުގެ މަދަރުސާތަކެއް ރާއްޖެތެރޭގައި ހިނގަމުން އެބަދޭ. ކިޔަވާ ކުދިންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ހިނގައްޖެ. ޞިއްޙީ ރޮނގުންވެސް އިތުރު ފަސޭހަތައް ރައްޔިތުންނަށް ލިބެމުން އެބަދޭ. އެއްކަމަކީ ބޭހުގެ އަގު ތިރިކުރެވުން. ހަމަ، ބޭސް ގެންނަނީ އާދައިގެ މި ބާޒާރުގައި ހުންނަ ރޭޓުން. ބޭހުގެ އަގު ހެދެނީ، އެއީ މީގެކުރިން ބޭހުގެ އަގު ސަރުކާރުން  ގެންދިޔައީ، ޑޮލަރަކީ ހަތްރުފިޔާ ފަންސާސްލާރި ކަމަށް ބަލައިގެން. އެހެންނަމަވެސް، މިހާރު ޑޮލަރަކީ ސަރުކާރުން މާރުކޮށްދޭ އެއްޗަކަށް ހަދައިފައި، ބޭހަށް ބޭނުންވާ ޑޮލަރުގެ އަގު މި ބަލަނީ ތިންރުފިޔާ ނުވަދިހަ ތިންލާރީގެ ރޭޓުން ބަލައިގެން. އެހެންވީމާ، އޭގެ ސަބަބުން ބޭހުގެ އަގުވެސް ޖެހުނީ ތިރިއަށް. އިތުރު މީހުން، ޞިއްޙީ ރޮނގުން ބޭނުންވާ އިތުރު މީހުން ތައްޔާރުކުރެވެމުން އެބަދޭ. ޑޮކްޓަރުން ދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. ނަރުހުން ދަނީ ގިނަވަމުން. ރާއްޖެތެރޭގެ ހެލްތު ސެންޓަރުތަކުގައިވެސް، އެތަންތަނަށް ތައްޔާރު ކުރެވޭ މީހުން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. ހަމައެފަދައިން، ވަރަށް ކައިރި މުސްތަޤްބަލެއްގައި ރާއްޖެތެރޭގައި ހުޅުވޭ ފުރަތަމަ ހޮސްޕިޓަލް ހުޅުވޭނެ. އާދެ، ހދ. ކުޅުދުއްފުށީގައި، އެންމެ ފުރަތަމަ ރީޖަނަލް ހޮސްޕިޓަލް ހުޅުވުން، އަޅުގަނޑު ހިތުން މަހެއްހާ ދުވަހުގެ ތެރޭގައި އެކަން ހަމަޖެހިގެންދާނެ. އެހެންވީމާ، ޞިއްޙީ ގޮތުންވެސް މީހުންނަށް ލިބޭ ލުއިފަސޭހަ ނުވަތަ ލިބޭ ޚިދުމަތްތައް ދަނީ ކުރިއަށް.
 
ދެންއޮތީ ބޭރު ދުނިޔެއަށް ބަލައިލުން. ބޭރު ދުނިޔޭގެ ކުރިމަތީގައި، ދިވެހިރާއްޖެ އޮތީ ކޮން މަޤާމެއްގައިތޯ؟ އާދެ، އަޅުގަނޑު ވަރަށް ކުޑަކުޑަ ދެ މިސާލެއް ދަންނަވައިލާނީ. އޭގެތެރެއިން އެއް މިސާލަކީ، ދާދިފަހުން އ.ދ. މަޖިލީހުގައި އޮންނަ ޞުލްޙައާބެހޭ ކޮމިޝަނަކަށް ދިވެހިރާއްޖެ ހޮވުނުކަން. އާދެ، އެ ކޮމިޝަނުގައި ތިބެނީ އެންމެ 12 މެންބަރުން. އޭގެތެރޭގައި މިތިބެނީ ދުނިޔޭގެ ވަރަށް ބޮޑެތި ޤައުމުތަކުގެ މީހުން. ގިނަ މެންބަރުންނަކީ، މިސާލަކަށް އެމެރިކާ، ރަޝާ، ފަރަންސޭސިވިލާތް، މިކަހަލަ ބޮޑެތި ޤައުމުތައް އެ ކޮމިޝަނުގައި ތިބެނީ. ޔޫ.އެން.ގައި ނުވަތަ އ.ދ. މަޖިލީހުގައި 150 އަށްވުރެ ގިނަ މެންބަރުން ތިބޭއިރު، އެތަނުން ހުސްވި ގޮނޑިއަކަށް ދިވެހިރާއްޖެ އިއްތިފާޤުން ހޮވުނުކަން. އ.ދ. މަޖިލީހުގެ އިއްތިފާޤުން އެއްވެސް އިޢުތިރާޒެއްނެތި ހޮވުނުކަން، އަޅުގަނޑު ދެކެނީ އެއީ ދިވެހިރާއްޖެއަށް ލިބުނު ވަރަށްބޮޑު ފަޚުރެއް ކަމުގައި. އަޅުގަނޑުމެންގެ ޤައުމީ އަދި ޘަޤާފީ ކަންތައްތަކަށް އަޅުގަނޑުމެންދޭ އަހަންމިއްޔަތުވެސް، ބޭރު ދުނިޔޭގައި ވަޒަންކުރެވެމުންދާކަން މިހާރު ވަރަށް ރަނގަޅަށް އެބަ އެނގޭ. އޭގެ މިސާލެއް އަޅުގަނޑު ދަންނަވައިލާނަން. ތިޔަބޭފުޅުން އައްސަވާނެ، އަދި މިހާރުވެސް ތިޔަބޭފުޅުންގެ އަތްޕުޅުގައި ތިޔައޮތް ލުއިފޮތުގައި، އަޅުގަނޑުމެން އެ ބަޠަލެއްގެ ޒިކުރާ މިރޭ މި އާކުރާ އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ ބޮޑުތަކުރުފާނު. އެ މާތް ބަޠަލުގެ ހަނދާން އާކުރުމުގެ ގޮތުން ސަރުކާރުން އުތީމުގައި ހަދަން ގަސްދުކުރާ މަރުކަޒުގެ ވާހަކަ، ތިޔަބޭފުޅުންގެ އަތްޕުޅުމަތީގައި އޮތް ލުއިފޮތުގައި އޮންނާނެ. އެކަމަށް ސަރުކާރުން އެހާބޮޑު އަހަންމިއްޔަތެއް ދޭކަން ޔުނެސްކޯއަށް އެނގިގެން ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް އެކަމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި އޭނާ ޚާއްޞަ ޓީމެއް ރާއްޖެއަށް ފޮނުވަން ގަސްދުކުރެއްވިކަން މިހާރު އޮތީ އަންގަވައިފައި. އަދި އެ އަންނަ ވަފުދުގެ ފަރާތުން އެ މަޝްރޫޢު ބަލައި، އެއަށް ޔުނެސްކޯގެ ފަރާތުން އެހީދޭނެ އިންތިޒާމުތަކެއްވެސް ހަމަޖައްސަވާނެ. ހަމަ އެގޮތުން ޔުނެސްކޯގެ ސެކްރެޓަރީ ޖެނެރަލް ވަރަށް އަވަދިނެތިކޮށް އުޅުއްވަމުންވެސް، ވަރަށް ކައިރި މުސްތަޤްބަލެއްގައި އެކަމަށްޓަކައި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެކަން މިހާރުވަނީ އަންގަވައިފައި.
 
އާދެ، އެހެންވީމާ، މިކަހަލަ ކަންތައްތަކަށް ބަލާއިރު، އަޅުގަނޑުމެން މިދަނީ ރަނގަޅު މިޞްރާބަކުންނޭ އަޅުގަނޑު ހިތުން ދެންނެވޭނެ ތަން އެބައޮތް. އެއީ ދުނިޔޭގެ ކުރިމަތީގައިވެސް ރާއްޖެއަށް ލިބެމުންދާ ރީތިނަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް، މައްޗަށް. މީގެކުރިން އަޅުގަނޑުމެންނަށް ނުވެވޭކަހަލަ ކާމިޔާބީތައް ބައިނަލްއަޤްވާމީ ދާއިރާގައި މިހާރު އަޅުގަނޑުމެންނަށް އެބަ ކުރެވެމުންދޭ. އަޅުގަނޑުމެންގެ ބައެއް ބޭފުޅުން ބޭރު ޤައުމުތަކުގެ ޖަލްސާތަކުގައި، ރައީސުންނަށް ނުހޮވުނު ކަމުގައިވިޔަސް، ނައިބު ރައީސުންގެ މަޤާމަށް އެބަ ހޮވެމުންދޭ. ހަމައެފަދައިން، ދުނިޔޭގެ ވަރަށް މުހިންމު ބައެއް ކޮމިޓީތަކުގައި ދިވެހިރާއްޖެ މިހާރު ހިމެނެމުން އެބަދޭ. ހަމައެއާއެކު، އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ތާރީޚާއި، ޘަޤާފަތާއި، ޤައުމިއްޔަތު ރައްކާތެރި ކުރުމަށްޓަކައި ކުރާ މަސައްކަތްތަކަށް، ބޭރުގެ ފަރާތްތަކުން އެހީއާއި، ބޭރުގެ ފަރާތްތަކުގެ ތަޢުރީފު ލިބެމުން އެބަދޭ. އާދެ، މިގޮތްގޮތުން ވިސްނާއިރު، އަޅުގަނޑުމެން ދަނީ ފަހަތަށޭ ދެންނެވޭކަށް ނެތްކަމަށް އަޅުގަނޑަށް ހީވަނީ. އާދެ، ކޮންމެއަކަސް މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެން މިދަނީ ރަނގަޅު މިޞްރާބުންތޯ ނުވަތަ ނޫންތޯ ނިންމުން އެއީ ތިޔަބޭފުޅުންގެ ކަމެއް. ރާއްޖޭގެ ރައްޔިތުންގެ ކަމެއް. އެހެންވީމާ، ތިޔަބޭފުޅުން އެކަންކަމާ ދޭތެރޭގައި ވިސްނަވާނެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރަން.
 
 އާދެ، އަޅުގަނޑު މިތަނަށް އައިސް ހުއްޓުނީ ހަމަގައިމުވެސް މާގިނަ ވާހަކަތަކެއް ދައްކާނަމޭ ހިތަށްއަރައިގެނެއް ނޫން. ޙަޤީޤަތުގައި މިރޭ މިތަނަށް އައިސް ވާހަކަ ދެއްކުން އެއީ ކުޑަކޮށް އަޅުގަނޑު ޖެހިލުންވެސްވީ ކަމެއް. ސަބަބަކީ މިދޭތެރޭ މިދިޔަ ގާތްގަނޑަކަށް ދެމަހެއްހާ ދުވަހުގެ ތެރޭގައި، ވަރަށްގިނަ މުނާސަބަތުތަކުގައި، ވަރަށް ދިގުކޮށް އަޅުގަނޑަށް ވާހަކަ ދެއްކިފައިވާކަން. ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އަޅުގަނޑު ވާހަކަ ދެއްކިން. [މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް] ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދެއްކިން. އޭގެފަހުން ނައިފަރުގައިވެސް އިހަކަށްދުވަހަކު ވަރަށް ދިގުކޮށް ވާހަކަ ދައްކަން ދިމާވި. އަނެއްކާ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅި ރޭވެސް ވާހަކަ ދެއްކިން. މިހެންގޮސް މިދޭތެރެއިން ވަރަށްގިނަފަހަރު އަޅުގަނޑަށް ދިގުކޮށް އެކަންކަމާ ދޭތެރޭގައި ވާހަކަ ދެކެވިއްޖެ. އެހެންވީމާ، މިރޭ މިތަނަށް އައުން އެއީވެސް އަޅުގަނޑު އެންމެ ހިތްހަމަޖެހޭ ކަމެކޭ ނުދެންނެވޭނެ. އެހެންނަމަވެސް، މުނާސަބަތުގެ މުހިންމުކަމާއި އަދި އަޅުގަނޑަށް ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހުގެ ފަރާތުން ދެއްވި ދަޢުވަތަށް، އަދި އެ ދަޢުވަތު ގަބޫލުކުރުން އެއީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށްވާތީއާ އެކުގައި އަޅުގަނޑު މިރޭ މިތަނަށް މިއައީ. އެހެންވީމާ، ދެން އަޅުގަނޑު ގަސްދުކުރަނީ މިހިސާބަށް އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަން.
 
އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިވެހިވަންތަކަމާއި ދިވެހި ޤައުމިއްޔަތު ދިރުވައި، އެކަމަށްޓަކައި ފަޚުރުވެރިވުމުގެ ތައުފީޤު اللّـه سبحـانـه وتعـالى ދެއްވުން. ފަޚުރުވެރިވުމޭ އަޅުގަނޑު މި ދަންނަވަނީ ހަމަ ގަސްދުގައި. އެއީ އަޅުގަނޑުމެންނަކީ ދިވެހިން ކަމަށްވީތީ ފަޚުރުވެރިވާންޖެހޭނެ. އަޅުގަނޑުމެން ފަޚުރުވެރިނުވެ އަޅުގަނޑުމެންގެ މިނިވަންކަމެއް ޙިމާޔަތެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމެއް ރައްކާތެރިއެއް ނުކުރެވޭނެ. ކީއްކުރަންތޯ އަޅުގަނޑުމެންނަކީ ދިވެހިން ނޫންކަމުގައި ވާންވީ. ނުވަތަ އަޅުގަނޑުމެންގެ ޝަޚްޞިއްޔަތު، އެހެން ބައެއްގެ ޝަޚްޞިއްޔަތުގެތެރެއަށް ވިރުވައިލަންވީ ކީއްވެގެންތޯ؟ އެއްވެސް ހާލެއްގައި، ދިވެހި ޤައުމަކީ، ޤައުމީގޮތުން ބަލާއިރު  އެހެން ޤައުމުތަކަށްވުރެ ފަހަތުގައިވާ ޤައުމެކޭ ނުދެންނެވޭނެ. މާއްދީގޮތުން އެހެންވެދާނެ. އަޅުގަނޑުމެންނަކީ މާ މުއްސަނދި ޤައުމެއް ނޫން. ރައްޔިތުންގެ ޢަދަދުގެ ގޮތުން އެހެންވެދާނެ. އަޅުގަނޑުމެންނަކީ މާގިނަ ބަޔަކު ދިރިއުޅޭ ތަނެއް ނޫން. އެހެންނަމަވެސް، ޤައުމީގޮތުން ބަލާއިރު އަޅުގަނޑުމެންގެ ވަރަށް ފަޚުރުވެރި ތާރީޚެއް އެބައޮތް. ވަރަށް ފަޚުރުވެރި ޘަޤާފީ ތަރިކައެއް އަޅުގަނޑުމެންގެ އެބައޮތް. އެހެންވީމާ، އަޅުގަނޑުމެންނަކީ ޤައުމީގޮތުން ބަލާއިރު، އެހެން އެއްވެސް ޤައުމަކަށްވުރެ ދަށުގައިވާ ނުވަތަ ފަހަތުގައިވާ ޤައުމެކޭ ދެންނެވޭކަށްނެތް. އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ޝަޚުޞިއްޔަތު ދިރުވަންވާނީ. އަޅުގަނޑުމެންގެ އަމިއްލަ ޝަޚުޞިއްޔަތަށްޓަކައި ފަޚުރުވެރިވާންވާނީ. އަޅުގަނޑުމެންގެ ހިތްތަކުގައި ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް އިތުރު ލޯތްބެއް އުފެދިގެން، އެޝަޚުޞިއްޔަތު ޙިމާޔަތް ކުރުން އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ދެކެންޖެހޭނެ.
 
އާދެ، އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް އެ ތައުފީޤު ދެއްވުން. އަޅުގަނޑުމެންގެ ރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ދެއްވުން. ރާއްޖޭގެ ރައްޔިތުންނަކީ އެކުވެރި ބައެއް ކަމުގައި ލެއްވުން. ރާއްޖޭގެ ރައްޔިތުންގެ މަސައްކަތާއި ޚިދުމަތުން ދިވެހިރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދިޔުން.
 

             والسّلام عليكم ورحمـة اللّـه وبـركاتـه.