السّلام عليكم ورحمـة اللّـه وبركاته.
              
ވަރަށް އުފާވެރި އުންމީދުން ފުރިގެންވާ ދެތިންދުވަހެއް ނައިފަރުގެ ރައްޔިތުންގެ ދީލަތި ޤިޔާދަތުގައި ހޭދަކުރުމަށްފަހު، އަޅުގަނޑު ގަސްދު ކުރަނީ މާދަމާ ހެނދުނު މާލެދާން ފުރަން. އެހެންވީމާ، މިފަހަރު އަޅުގަނޑު ނައިފަރަށް އައިސް ނައިފަރުގައި، މިހޭދަކުރި ދުވަސްކޮޅު ހޭދަކުރުމަށްފަހު އެނބުރި މާލެ ދިއުމުގެ ކުރިން، ނައިފަރު ރައްޔިތުންނާ މުޚާޠަބުކޮށް، އެއްޗެއް ދަންނަވައިލަން ބޭނުންވެގެން، އަޅުގަނޑު އެދެނު އެދުމެއްގެމަތިން މިރޭގެ މި ކުއްލި، އަދި ނުރަސްމީ ޖަލްސާ މި ބޭއްވުނީ.
 
އާދެ، އެންމެފުރަތަމަ އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، އަޅުގަނޑުގެ ހިތުގައި ވަރަށް ޚާއްޞަ، ވަރަށް އިޚުލާޞްތެރި ޝުޢޫރުތަކެއް އުފެދިއްޖެއޭ، ނައިފަރުގެ ރައްޔިތުންނާ ދޭތެރޭގައި. އެއީ އަޅުގަނޑު މިފަހަރު މި ރަށަށް އައިސް ހުންނަން މި ދިމާވީ މި ރަށުގައި. އެހެންކަމަށްވުމާއެކު، އަޅުގަނޑަށްޓަކައި، ނައިފަރުގެ ލޮބުވެތި ރައްޔިތުން، ކުރައްވައިފައިވާ މަތިވެރި އިންތިޒާމުތަކާއި އަދި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބާއި، މަތިވެރި އެހީތެރިކަމަށްޓަކައި، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުޢޫރުތަކެއް އެއީ. އެހެންކަމަށްވުމާއެކު، އެކަމަށްޓަކައި އެއްވެސް ހިފެހެއްޓުމެއްނެތް ގޮތެއްގައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ނައިފަރުގެ ރައްޔިތުންނަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑަށް މިފަދަ އުފަލެއް އިހުސާސް ކުރަންޖެހުނު އެންމެ ބޮޑު ސަބަބަކީ، ރާއްޖެތެރެއަށް އަޅުގަނޑު ކުރާ ދަތުރުތަކުގައިވެސް އެއްވެސް ރަށެއްގައި ގިނަ ވަގުތު ހޭދަކުރަން ނުލިބޭތީ. އަޅުގަނޑު މިކުރާ ދަތުރުތަކުގައި، ކޮންމެ ރަށެއްގައިވެސް ހޭދަކޮށްލަން ލިބެނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް. ރަށަށް ފޭބުމާއެކު ރަށުތެރެ ބަލައިލައި، ރައްޔިތުންނާ ބައްދަލުކޮށް، ކުޑަ ވާހަކަކޮޅެއް ދައްކައިލުމަށްފަހު، އަޅުގަނޑަށް ޖެހެނީ ފުރަން. އެހެންވީމާ، ގިނަ ރަށްރަށުގައި ހޭދަކުރެވެނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ނުވަތަ ދޮޅުގަޑިއިރު، ނޫނީ އެންމެ ދިގުވެގެން ދެގަޑިއެއްހާއިރު. އެކަން އެހެން އޮއްވައި، ރާއްޖޭގެ ރަށަކަށް އައިސް ދެތިންދުވަސް ހޭދަކޮށްލަން ލިބުނުކަން އެއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް. އެ ފުރުޞަތުގެ ބޭނުން އަޅުގަނޑު ވަރަށް ރަނގަޅަށް ހިފޭތޯ ބެލިން. ވަރަށް ގިނަ މުނާސަބަތުތަކުގައި، ރައްޔިތުންގެ އާންމު އަފުރާދުންނާ ބައްދަލުކޮށް، އަދި ރައްޔިތުންގެ ހާލު އަހުވާލު ބަލައި، ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކައި، މިކަހަލަ ކަންތައްތައް އަޅުގަނޑަށް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރިން. ކޮންމެއަކަސް، މި ދެތިން ދުވަސް ހިމެނުނީ، ވަރަށް އުފާވެރި ދެތިން ދުވަސް ކަމުގައި. ސަބަބަކީ، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ލިބުނު ތަރުޙީބާއި އެހީތެރިކަން. އަދި އަޅުގަނޑު މިރަށަށް މިކުރި ޒިޔާރަތުގެ ކަންތައް ހަމަޖެއްސުމަށްޓަކައި، މިރަށުގެ ފަރާތުން ކުރައްވައިފައިވާ މަސައްކަތްތަކުގެ ބޮޑުކަމާއި، އެމަސައްކަތްތަކުގެ ފުރިހަމަކަން. އާދެ، އެހެންވީމާ ނައިފަރުގެ ރައްޔިތުންނަށާއި، ނައިފަރުގެ ވެރިންނަށާއި، އަދި މިއަތޮޅުގެ އަތޮޅުވެރިޔާއަށް ވަރަށް ޚާއްޞަ ގޮތެއްގައި، މިފުރުޞަތުގައި، އަޅުގަނޑު ޝުކުރު އަދާކުރަން.
 
އާދެ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން ބޭނުންވި އަނެއް ސަބަބަކީ، އަޅުގަނޑުމެން މިފާހަގަކުރާ މުނާސަބަތު. އާދެ، މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުނާސަބަތު. މި މުނާސަބަތު ފާހަގަކުރުމާ ގުޅިގެން މަދްރަސަތުލް އިފްތިތާޙަކީ، އިއްޔެއިން ފެށިގެން ސަރުކާރުގެ ސްކޫލެއް ކަމުގައި ހަމަޖެއްސުނު ހަމަޖެއްސުމާ ގުޅިގެން، އިތުރަށް އެއްޗެއް ދަންނަވައިލުން. އާދެ، އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އެއްޗަކީ، މަދަރުސަތުލް އިފްތިތާޙަކީ ސަރުކާރުގެ ސްކޫލެއް ކަމުގައި ހަމަޖެއްސީ، އެ ސްކޫލުގެ ފައިދާއަށްޓަކައޭ. އެއީ މިހާރުވެސް އެ ސްކޫލަކީ ވަރަށް ގިނަދުވަސް ވަންދެން ނައިފަރުގެ ރައްޔިތުންނަށާއި، މިއަތޮޅުގެ ރައްޔިތުންނަށާއި، އަދި މުޅި ރާއްޖޭގެ ރައްޔިތުންނަށް، ތަޢުލީމީގޮތުން ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްފައިވާ ތަނަކަށްވުމާއެކު، އެ ޚިދުމަތްތައް ކުރުމަށް، ސަރުކަރުގެ ފަރާތުން އިތުރު ފަސޭހަތަކެއް ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކޭތީ.
 
އާދެ، މިހާރު މި މަދަރުސާގެ ކަންތައްތައް ހިނގަމުންދާގޮތުން، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިމަދަރުސާ ހިންގުމުގައި ދިމާވާ ދަތިތައް. ނައިފަރުގެ ރައްޔިތުންނަށާއި، ވެރިންނަށާއި އަދި މަދަރުސާގެ ހިންގަވަން ތިއްބެވި ފަރާތްތަކަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭނެ. ފުދޭވަރަކަށް މުދައްރިސުންނެއް ނެތް. މުދައްރިސުންނަށް މުސާރަދޭން ބޭނުންވާ ފައިސާ ހަމަޖެހިފައެއް ނެތް. މަދަރުސާގެ އިދާރީ ކަންތައްތައް ހިންގަން ބޭނުންވާ މުވައްޒަފުންނެއް ނެތް. މަދަރުސާގައި، ހުންނަންޖެހޭ ގޮނޑި، މޭޒުފަދަ ތަކެއްޗެއް ނެތް. މިހެންގޮސް މަދަރުސާއެއްގައި ހުރުން ލާޒިމުވާ، އަދި މަދަރުސާއަކަށް ބޭނުންވާ، ރަނގަޅު ފެންވަރެއްގައި މަދަރުސާއެއް ހިންގުމަށް މަދަރުސާއަށް ބޭނުންވާ ކަންތައްތައް މިވަގުތު ހަމަޖެހިފައެއް ނެތް. އެހެންވީމާ، މިމަދަރުސާއަކީ ސަރުކާރުގެ ސްކޫލެއް ކަމުގައި ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ މިދެންނެވި ހުރިހާ ފަސޭހަތައް ސަރުކާރުގެ ފަރާތުން މިމަދަރުސާއަށް ހޯދައިދިނުން.
 
އާދެ، މީގެފަހުން މަދަރުސަތުލް އިފްތިތާޙުގައި ތިބޭނީ ސަރުކާރުން މުސާރަދޭ ހިންގުންތެރިން. ސަރުކާރުގެ މުވައްޒަފުން. ސަރުކާރުން މުސާރަލިބޭ މުދައްރިސުން. އަދި މިމަދަރުސާއަށް ބޭނުންވާ އެހެން ހުރިހާ ކަންތައްތަކެއްވެސް ކޮށްދޭނީ ސަރުކާރުގެ ޚަރަދުގައި. މީގެފަހުން އިރާދަކުރެއްވިއްޔާ، ނައިފަރު އޮފީހުން ނުވަތަ ނައިފަރުގެ ރައްޔިތުންގެ ފަރާތުން، މިމަދަރުސާއަށް އެއްވެސް  ޚަރަދެއް ކުރައްވާކަށް ނުޖެހޭނެ. އާދެ، ނައިފަރުގެ މަދަރުސަތުލް އިފްތިތާޙަކީ، ވަރަށް ޚާއްޞަ މަދަރުސާއެއްކަން އެންމެ ފުރަތަމަ ދެނެވަޑައިގަންނަވާނީ މިރަށުގެ ރައްޔިތުން. އެ މަދަރުސާ އުފެދުނު ގޮތާއި، މިހާތަނަށް އެމަދަރުސާ ހިނގަމުން އައިގޮތާ މިހުރިހާކަމެއް، މިރަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. މި މަދަރުސާގެ އުފެދުން އައިސްފައިވަނީ ދީނީ ތަޢުލީމުގެ ތެރެއިން. ޢަރަބިބަސް ކިޔަވައިދިނުމުގެ ތެރެއިން، މަދަރުސާގެ އެންމެ މުހިންމު މަޤްޞަދަކީ، މާތްވެގެންވާ އިސްލާމްދީނުގެ ޙުކުމްތައް ދަރިވަރުންނަށް އަންގައިދިނުމާއި، ޢަރަބިބަސް ކިޔަވައިދިނުމާއި، ދިވެހިބަސް ކިޔަވައިދިނުން. އެހެން ގޮތަކަށް ދަންނަވަންޏާ، އަޅުގަނޑުމެންގެ ޤައުމީ، އަދި ދީނީ ކަންތައްތަކަށް ރައްކާތެރިވެ ތިބެ، އަޅުގަނޑުމެންގެ ތަޢުލީމު ކުރިޔަށް ގެންދިޔުން. އާދެ، މި މަދަރުސާއަކީ އެގޮތުން ބަލާއިރު ވަރަށް ޚާއްޞަ މަދަރުސާއެއް. މަދަރުސާގެ ނަމަށް ވިސްނައިލިޔަސް، ނަމަށްވެސް ކިޔަނީ ޢަރަބި ނަމެއް. އަދި އެންމެ ފުރަތަމަ މަދަރުސާގައި، ކިޔަވައިދެމުން ގެންދެވުނީވެސް ހަމަ ސީދާ ޢަރަބި ބަހުން. ޢަރަބިފޮތް ތަކަކުން. އެކަމުގެ ނަތީޖާއެއްގެ ގޮތުން ނައިފަރުގައި، އަދި މި އަތޮޅުގައި، އަދި ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައިވެސް ވަރަށް ރަނގަޅަށް ޢަރަބި ދެނެވަޑައިގަންނަވާ ބޭފުޅުން މިހާރު އެބަ ތިއްބެވި.
 
އާދެ، މި މަދަރުސާއަކީ ސަރުކާރުގެ ސްކޫލެއް ކަމުގައިވިޔަސް، މިމަދަރުސާގެ މިދެންނެވި ޚާއްޞަބައި، ނުވަތަ މިމަދަރުސާއަށް ޚާއްޞަ ވެގެންވާ މިދެންނެވި، ދީނީ އަދި ޤައުމީ ރޫޙު، ހަމަ އެގޮތަށް އޮންނާނެ. އެއަށް އެއްވެސް ބަދަލެއް ނާންނާނެ. އާދެ، އަންނާނެ ބަދަލަކީ މިހާރު މިމަދަރުސާއިން ކިޔަވައިދެއްވަމުން ގެންދަވާ މުޤައްރަރަށް، މިވަގުތަށް ކޮންމެހެން ބޭނުންވާ މާއްދާތަކެއް އިތުރުވެގެންދިއުން. އެންމެ ފުރަތަމަ އިނގިރޭސިބަސް ކިޔަވައިދިނުން. އިނގިރޭސި ބަހަކީ މިވަގުތު އަޅުގަނޑުމެންނަށް ކޮންމެހެން ދަތުން ލާޒިމު ބަހެއް. ސަރުކާރުގެ ހުރިހާ ސްކޫލުތަކެއްގައިވެސް އިނގިރޭސިބަސް ކިޔަވައިދެމުން ގެންދޭ. ވަރަށް ބޮޑު ސަބަބަކަށްޓަކައި، ވަރަށް ބޭނުންތެރި ސަބަބަކަށްޓަކައި. އެހެންވީމާ، މަދަރުސަތުލް އިފްތިތާޙުގައިވެސް މީގެފަހުން ސަރުކާރުގެ އެހެން ސްކޫލުތަކެކޭ އެއްގޮތަށް އިނގިރޭސިބަސް ކިޔަވައިދެއްވުމުގެ އިންތިޒާމު ހަމަޖެހޭނެ. ހަމަ އެފަދައިން، އިނގިރޭސިބަސް ފިޔަވައި މިޒަމާނުގެ ތަޢުލީމަށް ބޭނުންވާ އެހެނިހެން މާއްދާތައްވެސް މިމަދަރުސާގައި ކިޔަވައިދެމުން ގެންދެވޭނެ. އާދެ، އެގޮތުން މަދަރުސާއަށް ލިބޭނީ ފައިދާތަކެއް، މަދަރުސާގެ ރޫޙަށް، މަދަރުސާގެ އަޞްލަށް، މަދަރުސާގެ ހިނގަމުންއައި އުސޫލަށް، އެއްވެސް ބަދަލެއް ނައިސް، އޭގެ ބަދަލުގައި ޒަމާން ތަރައްޤީވަމުން ދިޔަދިޔަހެން މަދަރުސާއަށްވެސް އަންނަން ޖެހޭނެ ބަދަލުތަކެއް، މި ބަދަލުގެ ސަބަބުން އަންނާނީ.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މިވާހަކަކޮޅު ފެށުމުގެ ކުރީގައި ނުވަތަ ފަށައިގަތުމުގައި، އަޅުގަނޑު ދެންނެވިން، މި ރަށުގައި އަޅުގަނޑު މި ހޭދަކުރި ދެތިން ދުވަހަކީ ވަރަށް އުފާވެރި އަދި އުންމީދުން ފުރިގެންވާ ދެތިން ދުވަހޭ. އެ ދެތިން ދުވަސް ހިމެނުނީ އުފާވެރި ދެތިން ދުވަސްކަމުގައިވުމުގެ ސަބަބު ބަޔާންކޮށްދެވޭތޯ އަޅުގަނޑު ބަލައިފިން. ވީމާ، މިހާރު އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅެނީ އެ ދެތިން ދުވަސް ހިމެނުނީ އުންމީދުން ފުރިގެންވާ ދެތިން ދުވަސް ކަމުގައި ވީ ކީއްވެތޯ! އާދެ، އޭގެ ސަބަބަކީ އަޅުގަނޑަށް މިރަށުގެ ދަރިވަރުންނާއި، ޒުވާނުންގެ ކިބައިން ފެނިގެންދިޔަ، ރޫޙުގެ ވަރުގަދަކަން. މިރަށުގެ ދަރިވަރުންނަކީ، އާދެ، އަޅުގަނޑު މިދަންނަވަނީ ހަމައެކަނި މަދަރުސަތުލް އިފްތިތާޙުގެ ވާހަކައެއް ނޫން. މަދަރުސަތުލް އިފްތިތާޙުގެ ޠާލިބުންނާއި، ޠާލިބާއިން، އަދި އެނޫންވެސް މިރަށުގައިހުރި އެހެން މަކްތަބުތަކުގެ ދަރިވަރުންނާއި އަދި އާންމުކޮށް، ނައިފަރުގެ ޒުވާނުންގެ ފަރާތުން އަޅުގަނޑަށް ފެނިގެންދިޔައީ ވަރަށް ވަރުގަދަ މަތިވެރި ރޫޙެއް. މިފަދަ މުހިންމު މުނާސަބަތެއް ފާހަގަކުރުމުގައި، އެ ހުރިހާ ފަރާތްތަކަކުން ލިބެންވާނެ އެހީތެރިކަމާއި، ލިބެންވާނެ ޚިދުމަތް، ފިސާރި ފުރިހަމައަށް ލިބުނުކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ. ނައިފަރުގެ ޠާލިބުންނާއި، ޠާލިބާއިންނަކީ ކެރޭ، ހިތްވަރުގަދަ، ކަމަށްކަމޭހިތާ ކުދިބައެއްކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ. އެހެންވުމާއެކު، މިރަށުގެ ޠާލިބުންނަށާއި، ޠާލިބާއިންނަށް، އަޅުގަނޑު ތަޢުރީފުކުރަން. ހަމައެފަދައިން، ނައިފަރުގެ ޒުވާނުންނަށްވެސް އެފަދަ ތަޢުރީފެއް ރައްދުކުރަން.
 
މަދަރުސަތުލް އިފްތިތާޙުގެ ވާހަކަ ނިންމައިލުމުގެ ކުރިން، އަޅުގަނޑާއި މަދަރުސަތުލް އިފްތިތާޙާ ދޭތެރޭގައި އޮތް ގުޅުމާ ދޭތެރޭގައިވެސް އަޅުގަނޑު އެއްޗެއް ދަންނަވައިލަން ބޭނުންވާނެ. އަޅުގަނޑު މިހެން ދެންނެވީމާ ފަހަރެއްގައި، ހިތްތަވައިފާނެކަންނޭގެ އަޅުގަނޑު މިއީވެސް މި މަދަރުސާގެ ދަރިވަރެކޭ. އާދެ، އެކަން އެހެން  ދިމައެއްނުވޭ. މަދަރުސަތުލް އިފްތިތާޙުގެ ދަރިވަރަކަށް ވުމުގެ ނަޞީބު އަޅުގަނޑަކަށް ލިބިފައެއް ނެތް. އެހެން ނަމަވެސް ދަރިވަރަކަށްވުމުގެ ބަދަލުގައި، ބައެއް އެހެން ގޮތްގޮތުން އަޅުގަނޑުވަނީ މި މަދަރުސާއާ ގުޅިފައި. އާދެ، އަޅުގަނޑުގެ ތަޢުލީމީ ދައުރުގެ އެންމެކުރީކޮޅުގައި މާލޭގައި އޭރު ހިނގަމުންދިޔަ މަދަރުސަތުއް ސަނިއްޔާ، މިހާރުގެ މަޖީދިއްޔާ ސްކޫލް، މަދަރުސަތުއް ސަނިއްޔާގައި އަޅުގަނޑު ކިޔަވަމުން ގެންދިޔައިރު އަޅުގަނޑުގެ ވަރަށް ޢިއްޒަތްތެރި ދެ އުސްތާޛުން ކަމުގައި، ދެ މުދައްރިސުން ކަމުގައި މި މަދަރުސާގެ ބޭފުޅުން ހިމެނިވަޑައިގެންވޭ. އާދެ، އެންމެ ފުރަތަމަ މި މަދަރުސާގެ ބާނީ، ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޢަބްދުﷲ ފަހުމީދީދީ، އެމަނިކުފާނު އެއީ އަޅުގަނޑުގެވެސް އުސްތާޛެއް. އަޅުގަނޑަށް ކިޔަވައިދެއްވީ މަދަރުސަތުއް ސަނިއްޔާގައި. އެހެންވުމާއެކު، މިމަދަރުސާގެ ބާނީއަށް ދަރިވަރުވުމުގެ ދޮރު އަޅުގަނޑާއި މި މަދަރުސާއާ ދޭތެރޭގައި އެބައޮތް. އާދެ، އޭގެ އިތުރުން އޭރު އަޅުގަނޑުގެ މަދަރުސީ ދައުރުގައި، މަދަރުސަތުއް ސަނިއްޔާގައި އުޅުނު އުޅުމުގެ ތެރޭގައި، އަޅުގަނޑުގެ ވަރަށް ޤަދަރުހުރި އުސްތާޛެއްގެ ގޮތުގައި، މި މަދަރުސާގެ ވަރަށް ޢިއްޒަތްތެރި ދަރިވަރެއް ހިމެނިވަޑައިގަންނަވާ. އާދެ، އަޅުގަނޑު މި އިޝާރާތްކުރަނީ، އަޅުގަނޑުގެ ކަނާތްފަރާތުގައި އިންނެވި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚުލްއުސްތާޛު މޫސާ ފަތުޙިލްއަޒްހަރީ އަށް. ފަޟީލަތުއްޝައިޚުލްއުސްތާޛު މޫސާ ފަތުޙިލްއަޒްހަރީ، އެއީވެސް އަޅުގަނޑުގެ އުސްތާޛެއް. އަޅުގަނޑަށް މަދަރުސަތުއް ސަނިއްޔާގައި ކިޔަވައިދެއްވި ލޮބުވެތި މުދައްރިސެއް. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑާ މިމަދަރުސާއާ ވަނީ ވަރަށް ބޮޑަށް ގުޅިފައިކަން ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގަންނަވާނެ. ހަމައެފަދައިން، މި މަދަރުސާގެ މިހާރުގެ ނާޒިރު އަލްފާޟިލް ޢަބްދުﷲ ޢަލީ އެއީ އަޅުގަނޑާ އެކުގައި އޭރު މަދަރުސަތުއް ސަނިއްޔާގައި އުޅުއްވި ބޭފުޅެއް. އަޅުގަނޑު ހަނދާންވާގޮތުގައި، އަޅުގަނޑުމެން ދެކުދިން. އާދެ، އޭރު އަޅުގަނޑުމެން ތިބީ ކިޔަވާ ކުދިންގެ ގޮތުގައި. އެހެންވީމާ، އަޅުގަނޑުމެން ދެކުދިން ތިބީ އެއް ޑެސްކެއްގެ ކައިރީގައި ޖެހިޖެހިގެން، ކައިރިކައިރީގައި އަޅުގަނޑުމެން ދެކުދިން ކިޔަވަމުން ގެންދިޔައީ. އެހެންވީމާ، އެގޮތުންވެސް މި މަދަރުސާއާ އަޅުގަނޑާ އޮތް ގުޅުން އެއީ އެއްގޮތަކަށްވެސް ކުޑަ ގުޅުމެކޭ ދެންނެވޭކަށް ނެތް.
 
އާދެ، އަޅުގަނޑު މިރޭ މި ކުއްލި އަދި ނުރަސްމީ ޖަލްސާ ބާއްވަން އެދުނީ، މާ ގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން. މީގެފަހުންވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް ހަމަޖެހިފައި އެބައޮތް. ދެންމެ މިޖަލްސާ ތަޢާރަފު ކޮށްދެއްވަމުން، އަލްފާޟިލް ޢައްބާސް އިބްރާހީމް އެވިދާޅުވި ފަދައިން، ލަވަކިޔުމާއި މިއުޒިކުގެ ޝޯއެއް، މީގެފަހުން އޮންނަގޮތަށް ވަނީ ހަމަޖެހިފައި. އެކަން އެހެން އޮތުމާއެކު، އަދި އިއްޔެ ތިޔަބޭފުޅުންގެ ކުރިމަތީގައި، އަޅުގަނޑު މިތާ ހުރެގެން ސާޅީސް މިނެޓުއިރު ވަންދެން ވާހަކަ ދައްކައިފައި އޮތުމާއެކު، މިރޭ އަނެއްކާ އަނެއް ސާޅީސް މިނެޓުއިރު ވަންދެން ވާހަކަ ދައްކަން ތިޔައިން އެއްވެސް ބޭފުޅަކު އެދިވަޑައިނުގަންނަވާނެކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަނީ.
 
އަޅުގަނޑު އެދެނީ، ނައިފަރަށް ހުރިހާ ރޮނގަކުންވެސް އިތުރު ތަރައްޤީއާއި ކުރިއެރުން. މަދަރުސަތުލް އިފްތިތާޙަށް، އެ މަދަރުސާގެ އާ ދައުރުގައި، އިތުރު ހިތްވަރަކާއި، އިތުރު ޢަޒުމަކާއެކު، ތަޢުލީމީ މައިދާނުގައި ކުރިޔަށް ދިއުން. އަދި ކުރިޔަށް ދެވޭނޭގޮތް اللّـه سبحـانـه وتعـالى މެދުވެރިކޮށްދެއްވުން، އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް، އެއްދުވަހުން އަނެއް ދުވަހަށް އިތުރު ފަހިކަމާއި، އިތުރު ފައިދާތައް ލިބޭނޭގޮތްތައް اللّـه سبحـانـه وتعـالى މެދުވެރިކޮށްދެއްވުން.

           والسّلام عليكم ورحمـة اللّـه.