بســم اللّـه الرّحمـن الرّحيــم
السّلام عليــكم ورحـمــة اللّـه وبـركاتـه،
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވަނީ ކޮންމެ އަހަރަކުވެސް ވޭތުވެދިޔަ އަހަރު ދައުލަތަށް ލިބުނު އެއްޗަކާއި ޚަރަދުވި އެއްޗެއްގެ ހިސާބާއި ކުރިއަށް އޮތް އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށް. އެގޮތުގެމަތިން 1982 ވަނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓު މިހާރުވަނީ މަޖިލީހަށް ހުށަހެޅިފައި. އެ ބަޖެޓުގެ ތަފުސީލުތައް ތިޔަބޭފުޅުން ދެންމެ ތިޔަ އެއްސެވީ.
އާދެ، މިރޭ އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމައްޗަށް މިއައީ، އެ ބަޖެޓާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވައިލުމުގެ ބޭނުމުގައި. މީގެކުރިން ސަރުކާރުން ނުވަތަ ސަރުކާރުގެ މާލީ ކަންތައްތަކާބެހޭ ވުޒާރާއިން ނުވަތަ އިދާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބަޖެޓާއެކުގައި އެ ހުށަހަޅާ ފަރާތުގެ ބަޔާނެއް މަޖިލީހަށް ދެއްވައިފައެއްނުވޭ. އެހެންނަމަވެސް، ބަޖެޓު ހުށަހެޅުމާއެކު ބަޖެޓާބެހޭ ބަޔާނެއް އެ ހުށަހަޅާ ފަރާތުން މަޖިލީހަށް އެރުވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ވަރަށް މުހިންމު ކަމެއް. ދުނިޔޭގެ ގިނަ ޤައުމުތަކުގައި އެކަން އޮންނަނީވެސް އެގޮތަށް. ބަޖެޓު ހުށަހަޅާ ފަރާތުން ބަޖެޓާއެކުގައި ބަޔާނެއް ހުށަހަޅާ. އެ ބަޔާނުގައި ޤައުމުގެ އިޤުތިޞާދީ ކަންތައްތައް ހުރިގޮތުގެ މައްޗަށް ބަލައިލެވޭ. އަދި ކުރިއަށް އޮތް އަހަރު ސަރުކާރުން ގަސްދުކުރާ އިޤުތިޞާދީ އަދި މާލީ ސިޔާސަތުގެ މައްޗަށްވެސް އަލިއަޅުވައިލެވޭ. ތަރައްޤީގެ މަގުގައި ދައުލަތުން ކުރަން ހަމަޖައްސާ ކަންތައްތަކާއި، އިސްކަންދޭ ކަންތައްތައްވެސް މިދެންނެވި ބަޔާނުން ހާމަވެގެންދޭ. އެހެންވީމާ، އެގޮތުގެމަތިން އަޅުގަނޑު މިރޭ މިތަނަށް މިއައީ 1982 ވަނަ އަހަރަށް ދައުލަތުން މި ޢިއްޒަތްތެރި މަޖިލީހަށް މިހާރު ހުށަހަޅައިފައިވާ ބަޖެޓާ ބެހޭގޮތުން ބަޔާނެއް ދެންނެވުމަށްޓަކައި.
އާދެ، ތިޔަ އެންމެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، މި ބަޖެޓަކީ މި ސަރުކާރުގެ ފަރާތުން ހުށަހަޅާ ހަތަރުވަނަ ބަޖެޓު. މި ސަރުކާރު ދައުލަތް ހިންގުމާ ހަވާލުވީ 1978ގެ ނޮވެންބަރު މަހުގައި. އޭރު ވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު ތައްޔާރު ކުރުމާމެދު އެއްވެސް ޢަމަލެއް ނުހިންގައި. ނަތީޖާއެއްގެ ގޮތުން، 1979 ވަނަ އަހަރުގެ ބަޖެޓު ފާސްކުރެވުނީ، ވަރަށް ކުއްލިގޮތެއްގައި ލަފާކޮށްގެން. އެ ބަޖެޓު ހުށަހެޅުނުއިރު، ސަރުކާރަށް ލިބެމުންދިޔަ އާމްދަނީ ވަނީ ވަރަށް ކުޑަވެފައި. އެންމެބޮޑު އާމްދަނީއެއް، ކުރިން ލިބެމުން އައި އެސް.ޓީ.އޯ.ގެ ވިޔަފާރިން ވަރަށް ކުޑަކުޑަ އެއްޗެއް މެނުވީ ނުލިބޭ. އޭގެ އިތުރަށްވެސް އާމްދަނީ ލިބެމުންއައި އެތައް ދޮރެއްވަނީ ބަންދުކުރެވިފައި. އެހެންކަމުން، ޤައުމުގެ ތަރައްޤީއަށްޓަކައި އަޅަން ޖެހިފައިވާ އެތައް ފިޔަވަޅެއްވަނީ ނާޅައި ހުއްޓައިލަން ޖެހިފައި.
މި ފުރުޞަތުގައި، 1978ގެ ކުރިން ވޭތުވެދިޔަ އަށެއްކަ އަހަރު ސަރުކާރުގެ ބަޖެޓު ހިނގަމުން ގޮސްފައިވާ ގޮތާމެދު ވިސްނައިލުމަކީ، އަޅުގަނޑު ދެކޭގޮތުގައި ކޮންމެހެން ބޭނުންކަމެއް. އާދެ، ސަރުކާރުގެ ބަޖެޓަކީ، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ފެންވަރު ވަރަށް ފުރިހަމައަށް ހާމަކޮށްދޭ ޗާޓެއް ކަމުގައިވާތީ. އަދި ޤައުމުގެ އިޤުތިޞާދީ ކުރިއެރުންވެސް ހާމަވެގެންދާ އެއްޗަކަށްވާތީ. މިގޮތުން 1971 ން 1980 އަށް ސަރުކާރަށް ލިބުނު އާމްދަނީއާއި ހިނގި ޚަރަދަށް ވިސްނައިވަޑައިގެންފިނަމަ، ތަރައްޤީގެ މަގުގައި ރާއްޖެއަށް ފިޔަވަޅު އެޅިފައިވަނީ ކޮންކޮން އަހަރަކު، ކިހާ މިންވަރަކަށްކަން ވަޒަންކުރެއްވޭނެ. 1971ގެ ބަޖެޓު ޚަރަދު ކަމުގައި ދައްކަނީ 17 މިލިއަން ރުފިޔާ. އެއީ 1970 ގައިވެސް ހިނގައިފައިވާ ޚަރަދުގެ ޖުމުލަ. ވިދިގެން އައި ތިން އަހަރުގެ ތެރޭގައިވެސް ދާދި އެއްވަރަކަށް އޮތުމަށްފަހު، 1974 ގައި 28.6 ޕަސެންޓު އިތުރުވެފައިވޭ. ތަކެތީގެ އަގަށް އަންނަމުންދިޔަ ބަދަލަށް ބެލިނަމަވެސް، އެއް އަހަރުން އަނެއް އަހަރަށް އެހާވަރު އިތުރުވަމުންދާނެކަމަށް ލަފާކުރެވޭ. އެހެންކަމުން، އެއިން ދައްކައިދެނީ ތަރައްޤީގެ މަގުގައި އަޅުގަނޑުމެންނަށް އެހާތަނުގައި އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަން.
އެދުވަސްވަރުގެ ބަޖެޓުތައް ހަދަމުން ގެންގޮސްފައިވަނީ، ބަޖެޓުގެ މުޅި ޚަރަދަކީ މާލޭގައި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރެވޭ ޚަރަދު ކަމަށް ބަލައިގެން އަދި ކުރީ އަހަރު ސަރުކާރަށް ލިބުނު އެއްޗަކީ އަންނަން އޮތް އަހަރުގެ ޚަރަދު ބިނާކުރަންވީ މައިގަނޑު ކަމަށް ހަދައިގެން. އާދެ، ބަޖެޓު ތައްޔާރުކުރުމަކީ، ހަމައެކަނި މިދެންނެވި ގޮތުގެމަތީން ކުރެވޭ ސަރުކާރުގެ ޚަރަދު އަންދާޒާކޮށްލުމަކަށް އޮތީ ވެފައި. ފަހަކަށްއައިސް، އާދެ، 1976ހާ ތާނގައި ތަރައްޤީގެ ބައެއް ޕުރޮޖެކްޓު ފަށައިގަތުމުގެ ފިޔަވަޅު އެޅިފައި އެބަހުރި. ނަމަވެސް، ރާއްޖޭގެ އާންމު ރައްޔިތުންނަށް މިކަމުގެ ފައިދާ ސީދާގޮތެއްގައި ލިބިފައިވަނީ ވަރަށް ކުޑަކޮށް.
ކޮންމެއަކަސް، މިހާރުގެ ސަރުކާރު ދައުލަތް ހިންގުމުގެ ކަންތައްތަކާ ހަވާލުވުމަށްފަހު، އެންމެމަތީ ސަމާލުކަމެއް ދިނީ ޤައުމުގެ ތަރައްޤީއަށް. އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން، ތަޢުލީމީ ރޮނގުންނާއި ޞިއްޙީ ރޮނގުން ރާއްޖޭގެ ހާލަތު ރަނގަޅުކުރުމަށް. މިކަންކަމަށްޓަކައި ސަރުކާރުން ހޭދަކުރަންޖެހޭ ފައިސާގެ އަދަދު އިތުރުކުރަންޖެހުނު. މިގޮތުން ރާއްޖޭގައި އަލަށް ފެށިގެން ހިނގަމުންދާ އެންމެ ވަރުގަދަ މަސައްކަތް ކަމުގައިވާ ޓޫރިޒަމުން އެންމެ ފުރަތަމަ ސަރުކާރަށް އާމްދަނީއެއް ލިބޭގޮތް ހަމަޖެއްސުނީ 1979 ވަނަ އަހަރުގެ ތެރޭގައި. އެއާއެކު، މުދާ އެތެރެކޮށް ބޭރުކުރުމުގައި ނެގޭ ޑިއުޓީއަށްވެސް އެ އަހަރުގެ ތެރޭގައި އިޞްލާޙު ގެނެވުނު. އާމްދަނީ އިތުރުކުރުމަށްޓަކައި އެޅުނު މި ފިޔަވަޅުތަކުގެ ސަބަބުން 1980 ވަނަ އަހަރުގެ ތެރޭގައި ޚަރަދުކުރަންޖެހުނު މަޝްރޫޢުތަކަށާއި، ތަރައްޤީގެ ރޮނގުން އެޅުނު ފިޔަވަޅުތަކަށް ފަހިކަން ލިބުނު. އަދި 1980 ވަނަ އަހަރުގެތެރޭގައި ލިބުނު އެއްޗަކުން އެ އަހަރުގެ ޚަރަދުތައް ދެކޮޅުޖެއްސޭގޮތްވި.
އާދެ، 1980 ވަނަ އަހަރު ސަރުކާރުން ކުރެވުނު ޚަރަދުގެ މުޅި ޖުމުލައަކީ 56.8 މިލިއަން ރުފިޔާ. މިއީ 1978ގެ ޚަރަދާ އަޅައިބަލާއިރު 37 ޕަސެންޓުގެ އިތުރުވުމެއް. މި ޚަރަދުގެ ތެރޭގައި 17.4 މިލިއަން ރުފިޔާއަކީ ކެޕިޓަލް ޚަރަދު. 39.44 މިލިއަން ރުފިޔާއަކީ ރިކަރެންޓު ޚަރަދު. 1980 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް ލިބިފައިވަނީ 59.5 މިލިއަން ރުފިޔާ. އެހެންކަމުން، އެ އަހަރު ސަރުކާރަށް ލިބުނު ފައިސާ، ޚަރަދުވީ ފައިސާއަށްވުރެ 2.7 މިލިއަން އިތުރުވޭ. މި ނަތީޖާ މިގޮތަށް ދެއްކީ، ކުރިންވެސް ދެންނެވިފައިވާ ފަދައިން، މިހާރުގެ ސަރުކާރުގެ ފަރާތުން 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އާމްދަނީ އިތުރުކުރެވޭތޯ އެޅި ފިޔަވަޅުތަކުގެ ސަބަބުން. އެއާއެކު ބޭރުގެ އެކި ފަރާތްފަރާތުން ލިބުނު އެހީތަކުގެވެސް ސަބަބުން.
1980 ވަނަ އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ ތެރޭގައި ކަސްޓަމުން ލިބިފައިވަނީ 12.6 މިލިއަން ރުފިޔާ. އެއީ އެ އަހަރު ލިބުނު އާމްދަނީގެ 21 ޕަސެންޓް. އެސް.ޓީ.އޯގެ ފައިދާއަށް 12.2 މިލިއަން ރުފިޔާ ލިބުނު. އެއީ އާމްދަނީގެ 20.5 ޕަސެންޓް. އެމް.އެސް.އެލް. އިން ބޭރު ފައިސާއިން 4.1 މިލިއަން ރުފިޔާ ދީފައިވޭ. އެއީ އާމްދަނީގެ 7 ޕަސެންޓް. ޓޫރިޒަމުގެ ދާއިރާއިން ލިބިފައިވަނީ 2.8 މިލިއަން ރުފިޔާ. އެއީ އާމްދަނީގެ 4.5 ޕަސެންޓް.
1980 ވަނަ އަހަރު އެންމެމަތީ ޚަރަދުތަކެއް ހިނގައިފައިވަނީ، އެއަރޕޯޓު ހެދުމުގެ މަސައްކަތަށާއި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢަށް، މާލޭ ފަޅުން ބިން ހިއްކުމަށާއި، ރާއްޖޭގެ ތަޢުލީމަށާއި، ޞިއްޙަތަށާއި، އަމަން ޤާއިމްކުރުމަށް އަދި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށާއި، ސަރުކާރަށް ބޭނުންވާ އެކިއެކި ތަންތަން އިމާރާތް ކުރުމަށް. 1981 ވަނަ އަހަރުގެ ތެރޭގައިވެސް އެންމެބޮޑު ޚަރަދުތަކެއް މިހާތަނަށް ހިނގައިފައިވަނީ މި ދެންނެވި ކަންތައްތަކަށް. އޭގެއިތުރަށް، ބައެއް އިންވެސްޓްމަންޓް ޕުރޮޖެކްޓުތަކަށްވެސް ޚަރަދު ކުރެވިފައިވޭ.
1981 ވަނަ އަހަރުގެ ޙަޤީޤީ ޚަރަދުތައް އަދި މިހާތަނަކަށް ނޭނގޭ. ނަމަވެސް މިހާތަނަށް ލަފާކުރެވޭގޮތުގައި، މިއަހަރުވެސް ސަރުކާރުގެ އެކައުންޓު މުޅިން ހަމަޖެހޭނެކަމަށް ފެނޭ. އާދެ، ލިބުނު އެއްޗަކުން އަހަރުގެ ޚަރަދުތައް ކޮށްފައި ދެކޮޅުޖެއްސޭނޭކަމަށް ފެނޭ. މިއަހަރުގެ ޢާންމު ބަޖެޓަށް ޚަރަދުވާނޭކަމަށް ލަފާކުރެވިފައިވަނީ 49.2 މިލިއަން ރުފިޔާ. މީގެތެރެއިން 3.9 މިލިއަން ރުފިޔާއަކީ ކެޕިޓަލް ޚަރަދު. 45.3 މިލިއަން ރުފިޔާއަކީ ރިކަރެންޓު ޚަރަދު. މީގެއިތުރަށް ބޭރުގެ އެހީއާއި، އެކިއެކި ޕުރޮޖެކްޓުތަކަށް ލިބިފައިވާ ލޯނުން ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވޭ ހޭދަޔާއެކު، 1981 ވަނަ އަހަރު ސަރުކާރުގެ މުޅި ޚަރަދު 72 މިލިއަން ރުފިޔާވަރުވާނެ ކަމަށް ލަފާކުރެވޭ.
މިއަހަރުގެ ތެރޭގައި މިހާތަނަށް ސަރުކާރަށް ލިބިފައިވާ އާމްދަނީއަށް ބަލާއިރު، އަހަރުގެ ނިޔަލަށް ކަސްޓަމުން 16 މިލިއަން ރުފިޔާ ލިބޭނެކަމަށް ފެނޭ. ޓޫރިޒަމާއި އެއަރޕޯޓުން ލިބޭނެކަމަށް އަންދާޒާ ކުރެވެނީ، 6.6 މިލިއަން ރުފިޔާ. ސަރުކާރުގެ ވިޔަފާރި ހިންގާ ތަންތަނުން 32.8 މިލިއަން ރުފިޔާ. އޭގެތެރޭގައި އެސް.ޓީ.އޯ އިން 15.9 މިލިއަން ރުފިޔާ، އެމް.އެސް.އެލް އިން 5.8 މިލިއަން ރުފިޔާ، އަދި ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓުން 3.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ފެނޭ. މިއަހަރުގެ ތެރޭގައި ބޭރުގެ އެހީއިން މިހާތަނަށް ލިބިފައިވަނީ 7 މިލިއަން ރުފިޔާ.
ވިޔަފާރި އިތުރުކޮށް ފުޅާކުރުމަށްޓަކައި 1981 ވަނަ އަހަރު ދުނިޔޭގައި ރޭވެމުންދިޔަ ސިޔާސަތާއި ޕުރޮގުރާމުތައް މުޅިން ކާމިޔާބުނުވިނަމަވެސް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ ދާޚިލީ އިޤުތިޞާދިއްޔަތަށް ވަރަށްބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް ފެނޭ. ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމުގެ ރޭޓަކީ 1977 ގައި 1 ޕަސެންޓު ކަމުގައި ދެއްކި ނަމަވެސް، އެ ރޭޓު 1981 ވަނަ އަހަރު ގާތްގަނޑަކަށް 11 ޕަސެންޓު ކަމުގައި ދައްކާ. މިހާބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ މަސްވެރިކަމާއި، ޓޫރިޒަމާއި، ބޯޓުފަހަރު ދުއްވުމުން. ވޭތުވެދިޔަ އަހަރަކީ، މަސްވެރިކަމުގެ ގޮތުން އާދަޔާޚިލާފު އަހަރެއް ކަމުގައިވުމާއެކުވެސް، މިހާތަނަށް މިއަހަރު މަސްވެރިކަމުން ލިބިފައިވާ އާމްދަނީ، ކުރީ އަހަރަށްވުރެ މަދެއްނޫން. މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 160 ދޯނީގައި އިންޖީނު ބެހެއްޓޭނެ. މިކަމުގެ ސަބަބުން މުސްތަޤްބަލުގައި ބޭރުކުރެވޭ މަސް އަދި މިހާރަށްވުރެވެސް އިތުރުކުރެވޭނެ ކަމަށް ފެނޭ. މިހާރު ރޯމަސް ގަންނަމުންގެންދާ ބޭރުގެ ދެ ކުންފުނީގެ އިތުރަށް، މި އަހަރުގެ ތެރޭގައި މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނާއި، ރާއްޖޭގެ އަމިއްލަ ބައެއްގެ ކުންފުންޏަކުންވެސް މަސްގަތުމުގެ ކަންތައް ކުރިއަށް އެބަގެންދޭ.
ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އަނެއް މަސައްކަތް ކަމުގައިވާ ޓޫރިޒަމްވެސް 1981 ގައި ވަރަށް ބޮޑަށް ތަރައްޤީވެގެންދިޔަ. ކުރީ އަހަރާ އަޅައިބަލާއިރު، 1981 ގައި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށްބޮޑުތަން އިތުރުވާނޭކަމަށް ލަފާކުރެވޭ. އެއާއެކު، ޓޫރިސްޓު ރިޒޯޓުތަކުގައި ހުންނަ އެނދުގެ އަދަދުވެސް އަހަރުގެ ނިޔަލަށް 21 ޕަސެންޓު އިތުރުވާނެ ކަމަށް ފެނޭ.
ރާއްޖޭގެ ޤައުމީ ޝިޕިންގ ލައިން ކަމުގައިވާ މޯލްޑިވްސް ޝިޕިންގ ލިމިޓެޑްގެ ހަރަކާތްތަކަށް ވިސްނާއިރު، އެ ކުންފުނީގެ ބޯޓުފަހަރުގެ ޑެޑް ވެއިޓް ޓަނޭޖް، ކުރީ އަހަރަށްވުރެ މިއަހަރު 21 ޕަސެންޓު އިތުރުވި. ދުނިޔޭގެ އިޤުތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން، ދުނިޔޭގެ ތެރޭގައި ދަތުރުފަތުރުކުރާ ބޯޓުފަހަރުގެ ހަރަކާތްތައް ދަށަށް ޖެހިފައިވުމާއެކުވެސް، އެމް.އެސް.އެލް.ގެ ބޯޓުތަކުން މިއަހަރުގެ ތެރޭގައި އުފުލުނު މުދަލުގެ ޓަނޭޖް، ކުރިއަށްވުރެ 10 ޕަސެންޓު އިތުރުވިކަން، މި ފުރުޞަތުގައި ފާހަގަކޮށްލަންޖެހޭ.
މިއަހަރުގެ ތެރޭގައި ހުޅުވުނު މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ހަމައެކަނި ބޭރުގެ ދުނިޔެއާއި އަޅުގަނޑުމެންގެ ރާއްޖެއާ ގުޅައިދޭނެ ވާސިޠާއެއް ނޫން. ރާއްޖޭގެ އިޤުތިޞާދިއްޔަތު ކުރިއަށް ގެންދިޔުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން މި އެއަރޕޯޓް ވަރަށް ބޮޑަށް އެހީވެދޭނެކަން ޔަޤީން.
ރާއްޖޭގެ މާލީ ދާއިރާގައި، 1981 ވަނަ އަހަރު ވަރަށްވެސް މުހިންމު ފިޔަވަޅެއް އެޅުނު. އެއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދުން. މަނިޓަރީ އޮތޯރިޓީއަކީ، ދިވެހިރާއްޖޭގެ ފުޅާވަމުންދާ އިޤުތިޞާދިއްޔަތު ރަނގަޅު އުސޫލެއްގެމަތިން ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ފައިސާ ނެރެ، ފައިސާގެ ވިޔަފާރި ކޮންޓްރޯލްކޮށް ބަލަހައްޓާ ރަސްމީ ފަރާތް. ހަމައެފަދައިން، އެކިއެކި އިޤުތިޞާދީ މައްސަލަތަކުގައި ސަރުކާރަށް ލަފާދޭތަން. މިތަނަކީ، އިޤުތިޞާދީ ގޮތުން ކުރިއަރަމުން އަންނަ ޤައުމެއްގައި ސެންޓްރަލް ބޭންކެއް ނެތްނަމަ ކޮންމެހެން ހުންނަންޖެހޭނެ ތަނެއް.
1 ޖުލައި 1981 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެދުމާ ގުޅިގެން، އޭގެކުރިން ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޓްރެޜަރީ ޑިވިޜަނުން ހިންގަމުން ގެނައި ސަރުކާރުގެ ބަޖެޓުގެ ކަންތައް ގެންދާނީ މަނިޓަރީ އޮތޯރިޓީން ކަމުގައި ހަމަޖެއްސުން. ބަޖެޓު ހިނގަމުންދާނީ އެތާނގައި ހުޅުވިފައިވާ ޓްރެޜަރީ ޑިވިޜަންގެ އެކައުންޓަކުން. އެހެންކަމުން، ސަރުކާރުގެ ބަޖެޓުގެ ކަންތައް ގެންދިޔުމުގައި މަނިޓަރީ އޮތޯރިޓީގެ ފަރާތުން މިހާރު ވަރަށް މުހިންމު ބައެއް އަދާކުރަމުންގެންދޭ.
މިއަހަރުވެސް ރާއްޖެތެރޭގައި ތަރައްޤީގެ ފިޔަވަޅުތައް އެޅެމުންދިޔަ. އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަނުން ލޯނެއްގެ ގޮތުގައި ފައިސާ ލިބިގެން ހިންގާ މަޝްރޫޢެއްގެ ދަށުން ރާއްޖެތެރޭގެ މަސްވެރިންނާއި ދަތުރުވެރީންނަށް ފަސޭހަކޮށްދިނުމަށްޓަކައި ބައްތި ބެހެއްޓުނު. ރާއްޖެތެރޭގެ ރަށްރަށުގައި ތެޔޮތާނގީ ބަހައްޓައި، އެތަންތަނުން ތެޔޮ ގަންނަން ލިބޭގޮތް ހަމަޖައްސަން ފެށުނު. ރާއްޖެތެރޭގެ އިތުރު ދެ އަތޮޅެއްގައި ތަޢުލީމީ މަރްކަޒު ހުޅުވައި އަދި އިތުރު ހަތަރު އަތޮޅެއްގައި އެ މަރްކަޒު ބިނާކުރުމުގެ މަސައްކަތް ކުރެވުނު. އަދި މީގެއިތުރަށް ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ޓޫރިޒަމުގެ މަސައްކަތްވެސް ފެށްޓުނު. ތައްޔާރީ ހެދުން އުފައްދައިގެން އެކްސްޕޯޓް ކުރުމަށްޓަކައި ގަމުގައި ދެ ކުންފުންޏެއް ފަށައިގަނެވުނު. މިކަމުގެ ސަބަބުން އައްޑުއަތޮޅުގެ ވަރަށްގިނަ ބަޔަކަށް ވަޒީފާ ލިބިފައިވޭ. އަދި ހަމައެހެންމެ ބޭރުގެ ފައިސާ އިތުރުކޮށްދިނުމުގައި އެހީވެދޭ. މުސްތަޤްބަލުގައި މިރޮނގުން އަދިވެސް އިތުރު ފިޔަވަޅުތައް އެޅޭނެކަން ކަށަވަރު.
ތިޔަބޭފުޅުން ގަބޫލުކުރައްވާނެ ފަދައިން، 1981 ވަނަ އަހަރު ނިމިގެން މިދަނީ، މި މަޖިލީހުން 1981 ވަނަ އަހަރު، 1981 ވަނަ އަހަރަށް ފާސްކުރެއްވި ބަޖެޓުގެ އިތުރަށް، އެއްވެސް އެހެން ބަޖެޓެއް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ކުރިމައްޗަށް ހުށަނާޅައި، މީގެ ކުރީ އަހަރު ފަދައިން، އަހަރު ތެރޭގައި އެކިއެކި ފަހަރުމަތިން ބަޖެޓަށް އިތުރުކުރާނޭ ޚަރަދުތަކެއް މަޖިލީހަށް ނުގެނެސް. މިގޮތަށް ގެންދެވުނުކަމީ، ސަރުކާރުން ލަފާކުރާ ބަޖެޓަކީ ހަރުދަނާ ބަޖެޓެއްކަން ދޭހަކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ހަމައެފަދައިން، ސަރުކާރުން ޚަރަދުތައް ކުރުމުގައި ވިސްނަމުން ގެންދާކަން ހާމަކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން.
1982 ވަނަ އަހަރުގެ ބަޖެޓަށް ބަލައިލުމުގެ ކުރިން، ދުނިޔޭގެ އިޤުތިޞާދިއްޔަތުގެ މައްޗަށް ހިސާބަކަށް ވިސްނައިލަންޖެހޭ. އާދެ، ބައިނަލްއަޤްވާމީ ދަނޑުގައި، އަގުތައް މައްޗަށް ޖެހެމުންދާ ނިސްބަތުން ބަލާއިރު، އެ ނިސްބަތް ކުޑަކޮށް ނަމަވެސް އަންނަނީ ދަށަށް ކަމަށް ފާހަގަކުރެވޭ. ނަމަވެސް ހިތްހަމަޖެހޭފަދަ ދަރަޖަޔަކަށް އަދިވެސް ތިރިއެއްނުވޭ. ތެލުގެ އަގު މިއަހަރުގެ ތެރޭގައި ވަނީ ބޮޑުނުވެ ހިފެހެއްޓިފައި. 1982 ވަނަ އަހަރަށް ބަލާއިރު، އުންމީދުގެ ކުލަތަކެއް ފެނުނު ކަމުގައިވިޔަސް، އީރާނާއި ޢިރާޤުގެ ހަނގުރާމައާއި، މެދުއިރުމަތީގެ މައްސަލަފަދަ އެތައް ކަމެއްގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދީ ދުވެލި އެދެވޭ ބާރުމިނެއްގައި ކުރިއަށްދާނެކަމަށް ހީކުރެވޭކަށްނެތް.
އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެން ކުރާ މަސައްކަތްތަކާއި އުފައްދާ ތަކެތީގެ އާދެ، ޖީ.ޑީ.ޕީ.ގެ 82 ޕަސެންޓާ އެއްވަރު އަދަދަކަށް ބޭރުން ރާއްޖެއަށް އެތެރެކުރަންޖެހޭ. އެއާޚިލާފަށް ރާއްޖެއިން ބޭރުކުރެވެނީ މިދެންނެވި ޖީ.ޑީ.ޕީ.ގެ 21 ޕަސެންޓާ އެއްވަރު އަދަދެއް. މިހެންކަމުން ރާއްޖޭގެ އިޤުތިޞާދިއްޔަތަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގަމުންދާ ކަންތައްތަކުން ވަރަށް ބޮޑަށް އަސަރުފޯރާފަދަ ގޮތަކަށް އޮތް އިޤުތިޞާދިއްޔަތެއް. އެހެންކަމާއެކުވެސް 1981 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ތެރެއިން ކާޑުގެ ބާވަތްތަކުގެ އަގުބޮޑުކުރެވިފައެއް ނެތް. އަދި ތެލުގެ އަގުވެސް ބޮޑުކުރެވިފައި ވަނީ ހަމައެކަނި ރާއްޖެތެރޭގެ ރަށްރަށުން ތެޔޮ ލިބެން ހުންނާނެ އިންތިޒާމު ކުރެއްވުމާ ގުޅިގެން އެކަމުގެ ޚަރަދުތައް އިތުރުވީ އަދަދަކަށް. މި ދެބާވަތް ފިޔަވައި ރާއްޖެއަށް އެތެރެކުރެވުނު އެހެން މުދަލަށް ބަލާއިރު، 1981ގެ ތެރޭގައި ފާހަގަކުރެވޭފަދަ ބޮޑުވުމެއް އަގުތަކަށް އައިސްފައެއްނުވޭ. އެހެންނަމަވެސް، ރާއްޖޭގައި އުފެދޭ ތަކެއްޗާއި އުފައްދާ ތަކެތީގެ އަގު ވަނީ މިއަހަރުގެ ތެރޭގައި ވަރަށްމަތީ ދަރަޖައަކަށް ބޮޑުވެފައި. އެހެންވާންޖެހޭ ސަބަބަކީ، ބޭނުންވާ ވަރަށް އެތަކެތި ނުއުފެއްދޭކަން. ވުމާއެކު، ރާއްޖޭގައި އުފެއްދޭ ތަކެތި އިތުރުކުރުމުގެ މައްޗަށް ސަރުކާރުގެ ފަރާތުން އިތުރު ހިތްވަރު ދެވޭނެކަން، މި ފުރުޞަތުގައި އަޅުގަނޑު ހާމަކުރަން. ރާއްޖޭގައި އިތުރު މަސައްކަތްތައް އުފައްދައި، އާ ޚިދުމަތްތައް ދެވޭނޭ ކަންތައްތައް ކުރާ އަމިއްލަ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ހިންގާނަމަ، ސަރުކާރުން އެ ފަރާތްތަކަށް ވެދެވޭނެ އެހީވެސް ހުންނާނެ. މި ހިނގާ 1981 ވަނަ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ އިޤުތިޞާދު ކުރިއަށް ގެންދިޔުމަށްޓަކައި އެހީވެދިނުމުގެ ގޮތުން ސަރުކާރުގެ ފަރާތުން އަމިއްލަ ފަރާތްތަކަކަށް ލޯނު ދޫކުރެވުނު. މިގޮތުން ގާތްގަނޑަކަށް 17.1 މިލިއަން ރުފިޔާ ދޫކުރެވިފައިވޭ.
އަޅުގަނޑުމެންގެ ރާއްޖޭގައި ވަނީ މުޅިން ހުޅުވައިލެވިފައިވާ އިޤުތިޞާދިއްޔަތެއް. އޭގެ ސަބަބުން އެކަށީގެންވާ ފައިދާތައް ދަނީ ލިބެމުން. ނަމަވެސް، ކުރިން ދެންނެވި ފަދައިން، ބައިނަލްއަޤްވާމީ މަސްރަޙުގައި ކަންތައްތައް ހުންނަގޮތުން އަޅުގަނޑުމެންގެ އިޤުތިޞާދަށް ވަރަށްބޮޑަށް އަސަރުކުރޭ. ކަން މިހެން ހުރުމާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ބޮޑު މަޝްރޫޢެއް ފަށައިގަތުމަކީ އެކަމުގެ މައްޗަށް ވަރަށް ފުންކޮށް ޚިޔާލުކުރަންޖެހޭނެ ކަމެއް. މި ސަބަބަށްޓަކައި 1982 ވަނަ އަހަރަށް ސަރުކާރުގެ އޮފީސްތަކުން ލަފާކުރެއްވި ބަޖެޓު ވަނީ ޑިޕާޓްމަންޓް އޮފް ފިނޭންސުން ވަރަށް ބޮޑަށް އުނިކޮށް، 1982 ގައި ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަކާ ގުޅޭގޮތަށް ކުޑަކޮށްލެވިފައި.
1982 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓު ޚަރަދުގެ ޖުމުލައަކީ، ތިޔަބޭފުޅުން ދެންމެ ތިޔަ އެއްސެވި ފަދައިން، 61,538,331 ރުފިޔާ. މިއީ މި ހިނގާ އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ޚަރަދުގެ 25 ޕަސެންޓުގެ އިތުރު އަދަދެއް. 1982 ވަނަ އަހަރުގެ ބަޖެޓު ޚަރަދު ބެހިފައިވާ މައިގަނޑު ބައިތަކާއި، އެބައިތަކަށް ސަތޭކައަކުން ޖެހޭ އަދަދުތައް މި ދަންނަވައިލަނީ.
|
|
ރުފިޔާ
|
ޕަސެންޓު
|
1.
|
މުވައްޒަފުންނަށް ހިނގާ ޚަރަދު
|
26,052,313.00
|
42.3
|
2.
|
ޕެންޝަނާއި، އެހެންގޮތްގޮތުން މުވައްޒަފުންނަށްދޭ ފައިސާ
|
1,781,615.00
|
2.9
|
3.
|
ދަތުރުގެ ޚަރަދު
|
3,074,618.00
|
5.0
|
4.
|
ހޯދޭތަކެތި
|
9,305,153.00
|
15.1
|
5.
|
މަރާމާތުކުރުމާއި ބެލެހެއްޓުން
|
2,616,499.00
|
4.3
|
6.
|
ތަކެތި އުފުލުމާއި މުވާޞަލާތާއި ބޭނުންކުރެވޭ ޚިދުމަތުގެ އަގު
|
8,818,280.00
|
14.3
|
7.
|
ޚިދުމަތުގެ އަގާއި ފައިދާ
|
2,299,090.00
|
3.8
|
8.
|
ސަރުކާރުންދޭ އެހީއާއި އިޝްތިރާކު
|
3,335,053.00
|
5.4
|
9.
|
އަގުބޮޑުތަކެއްޗާއި ބިންބިމަށްހިނގާ ޚަރަދާއި ކުރެވޭ ޢިމާރާތް
|
3,945,910.00
|
6.4
|
10.
|
ލޯން އަނބުރާ ދެއްކުމަށް
|
196,500.00
|
0.3
|
11.
|
އިޤުތިޞާދީ ފައިދާއަށްޓަކައި ކުރާ ޚަރަދު
|
113,300.00
|
0.2
|
|
ޖުމުލަ:
|
61,538,331.00
|
100.0
|
މި ޚަރަދުތައް ސަރުކާރުގެ އެކި އޮފީސްތަކަށް ވަކިވަކިން ލަފާކޮށްފައިވާ ގޮތް މިހާރުވާނީ ތިޔަބޭފުޅުންގެ އަރިހަށް ހުށަހެޅިފައި. އަދި އޭގެއިތުރުން ބޭނުންވެދާނެކަމަށްޓަކައި ވަރަށްގިނަ އެހެން ތަފުޞީލުތައްވެސް ވާނީ މިހާރު ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައި. އޭގެތެރޭގައި 1980 ވަނަ އަހަރުގައި ހިނގި ޚަރަދާއި 1982 އަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ހިސާބު، އޭގެ ސަތޭކައަކުންޖެހޭ އަދަދުތައް ވަކިވަކިން ދައްކައިދޭގޮތަށް، އަދި 1980 ވަނަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ޖުމުލަ ހިސާބުވެސް ތަފުޞީލުކޮށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ގޮތަށްވަނީ ތައްޔާރުކުރެވިފައި، އަދި މިހާރު ލިބިވަޑައިގެންފައި. ހަމައެފަދައިން، 1971 ން 1980 އަށް، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީއާއި ކުރެވުނު ޚަރަދު ދައްކައިދޭ ޗާޓެއްވެސް ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މިހާރުވާނެ. އެހެންވީމާ، ބަޖެޓާ ބެހޭގޮތުން ވަރަށްގިނަ މަޢުލޫމާތު ލިބިވަޑައިގަންނަވާ ގޮތަށް ލިޔުންތައް ތައްޔާރުކުރެވި، މިހާރު ތިޔަބޭފުޅުންނާ ހަމަޔަށް ވަނީ ފޮނުވިފައި. އަދި އޭގެއިތުރުންވެސް ބަޖެޓާ ބެހޭގޮތުން އިތުރަށް ބޭނުންފުޅުވާ މަޢުލޫމާތު ސާފުކޮށްދެއްވުމަށް ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ މިތާ މި އިންނެވީ. އާދެ، އޭނާއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްވެސްމެ. އޭގެއިތުރުން ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރގެ ހައިސިއްޔަތުން ތިޔަބޭފުޅުން ބޭނުންވާ މަޢުލޫމާތު ދެއްވުމަށްޓަކައި އޭނާވަނީ ތައްޔާރުވެވަޑައިގެން.
1982 ވަނަ އަހަރަށް ހުށަހަޅާ އާންމު ބަޖެޓު ޚަރަދުގައި އެންމެމަތީ ޕަސެންޓެއް ކަނޑައަޅައިފައިވަނީ ތަޢުލީމުގެ މައްޗަށް. އެއީ މީހުން ބިނާކުރުމަކީ ސަރުކާރުން އެންމެމަތީ އަހަންމިއްޔަތެއްދޭ ކަންތައް ކަމުގައިވާތީ. ތަޢުލީމަށް ބަޖެޓުގެ ގާތްގަނޑަކަށް 16.7 ޕަސެންޓު ޚާއްޞަކުރެވިފައިވާނެ. ދެން އެންމެމަތީ ޚަރަދެއް ލަފާކުރެވިފައިވަނީ އަމަން ޤާއިމުކުރުމަށާއި، ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދު ރައްކައުތެރިކުރުމުގެ މައްޗަށް. އެއީ ބަޖެޓުގެ 13 ޕަސެންޓު. މަސްވެރިކަމަށް ކަނޑައެޅިފައިވަނީ ބަޖެޓުގެ 2.6 ޕަސެންޓު. މިއީ އާންމު ބަޖެޓުގައި ކަނޑައެޅިފައިވާވަރު. އޭގެއިތުރުން ބޭރުގެ އެހީއިން ލިބޭ ވަރަށްގިނަ އަދަދެއްގެ ފައިސާއިން، ލޯނުގެ ވާސިޠާއިން މަސްވެރިކަމުގެ އެކިއެކި މަޝްރޫޢުތަކަށް ވަރަށް ބޮޑެތި ޚަރަދު ހިނގާގޮތަށް ވަނީ ހަމަޖެހިފައި. ދަނޑުވެރިކަމާބެހޭގޮތުން ވަނީ 1 ޕަސެންޓު. ޞިއްޙީ ދާއިރާއަށް ކަނޑައެޅިފައިވަނީ 8.6 ޕަސެންޓު. އިޖުތިމާޢީ ޚަރަދަށް 3.9 ޕަސެންޓު.
މިދެންނެވި އާންމު ބަޖެޓުގެ ޚަރަދުތަކުގެ އިތުރަށް، ކުރިއްސުރެ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ ޚާއްޞަ ބަޖެޓުތަކުންނާއި، ބޭރުގެ އެކިއެކި ފަރާތްފަރާތުގެ ތަފާތު ޕުރޮޖެކްޓުތަކަށް ލިބޭ އެހީއިންނާއި އަދި ލޯނުން ތަރައްޤީގެ މަޝްރޫޢުތަކަށް 1982 ވަނަ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 16 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ. މިގޮތުން ޚަރަދު ހިނގާނެ ކަމަށް 1982 ވަނަ އަހަރަށް ލަފާކުރެވޭ އެންމެބޮޑެތި މަޝްރޫޢުތަކަކީ، އަދިވެސް އެއަރޕޯޓާއި، މާލެއާއި ރާއްޖެތެރެ ގުޅުވައިދޭ މުވާޞަލާތުގެ މަޝްރޫޢާއި، މަސްވެރިކަން ތަރައްޤީ ކުރުމާއި، މާލޭ ފަޅުން ބިން ހިއްކުމާއި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢާއި، ސަރުކާރަށް ބޭނުންވާ ތަންތަން ޢިމާރާތް ކުރުމާ، މިކަންތައްތައް.
1982 ވަނަ އަހަރު ސަރުކާރުގެ އާމްދަނީއަށް ލިބޭނެކަމަށް ލަފާކުރެވެނީ، 77.1 މިލިއަން ރުފިޔާ. ވީމާ، މިހާތަނަށް ލަފާކުރެވޭގޮތުގައި 1982 ވަނަ އަހަރު ސަރުކާރަށް ލިބޭ އާމްދަނީއަށްވުރެ ސަރުކާރުން ކުރަންޖެހޭ ޚަރަދު ކޮންމެވެސްވަރަކަށް އިތުރުވުން އެކަށީގެންވޭ. އެހެންނަމަވެސް، ވޭތުވެދިޔަ ދެއަހަރު ކަންތައްތައް ހިނގައިފައިވާގޮތަށް ބަލާއިރު 1982 ވަނަ އަހަރު ނިމޭއިރު، ލިބޭ އެއްޗަކުން ދެކޮޅުޖެހޭވަރުވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވޭ.
އާދެ، ސަރުކާރުގެ ބަޖެޓު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް ހުށަހަޅާއިރު، ސަރުކާރުގެ އާންމު ބަޖެޓުގެ އިތުރަށް ޚާއްޞަ ބަޖެޓުތަކުންނާއި، ބޭރުގެ އެކިއެކި ފަރާތްފަރާތުން ނެގޭ ލޯނުތަކުން، ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދުކުރެވެމުންދާ ވާހަކަ މީގެކުރިން ވާނީ ދެންނެވިފައި. އެހެންވުމާއެކު، ސަރުކާރަށް ނަގައިފައިވާ ލޯނުތަކާމެދު މި ފުރުޞަތުގައި ކޮންމެވެސް އެއްޗެއް ދަންނަވައިލުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހޯދުންފަދަ ބައެއް މުހިންމު ބޭނުންތަކަށް ބޭރުގެ އެކިއެކި ފަރާތް ފަރާތުން ސަރުކާރަށް ބައެއް ދަރަނި ކުރިން ނެގިފައިވިނަމަވެސް، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކިއެކި މަޝްރޫޢުތަކަށް، ސަރުކާރުގެ ފަރާތުން ލޯނު ނަގަން ފެށީ، 1976 ވަނަ އަހަރުގެ ތެރޭގައި. މިގޮތުން އެންމެ ފުރަތަމަ ނެގުނީ، ޓެލެކޮމިއުނިކޭޝަންގެ ކަންތައް ތަރައްޤީ ކުރުމަށް ނެގުނު ލޯނު. އެއަށްފަހު އެއަރޕޯޓު ހެދުމަށް ނެގުނު ލޯނު. އޭގެފަހުން ރަޙްމަތްތެރި މުސްލިމް ޤައުމުތަކުންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ރާއްޖޭގެ ތަރައްޤީގެ އެކިއެކި ރޮނގު ރޮނގަށްޓަކައި ލޯނުތައް ލިބިފައިވޭ. ލޯނު ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި، ކުވައިތު ފަންޑު، ސަޢޫދީ ފަންޑު، އޯޕެކް ފަންޑު، އަބޫދާބީ ފަންޑު، އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓު އެސޯސިއޭޝަން، މި ފަރާތްތައް ހިމެނޭ. މިހާތަނަށް ނެގިފައިވާ ލޯނުތަކުގެ ޖުމުލައަކީ؛
އެއަރޕޯޓު ހެދުމަށް:
|
20.2 މިލިޔަން ޑޮލަރ
|
ބެލެންސް އޮފް ޕޭމަންޓާބެހޭ އެހީއެއްގެ ގޮތުން:
|
2.6 މިލިޔަން ޑޮލަރ
|
މަސްވެރިކަން ކުރިއެރުވުމަށް:
|
2.5 މިލިޔަން ޑޮލަރ
|
ޓެލެކޮމިއުނިކޭޝަނަށް:
|
1.1 މިލިޔަން ޑޮލަރ
|
އާދެ، ޖުމުލަ:
|
26.4 މިލިޔަން ޑޮލަރ
|
ގިނަ ލޯނުތައް ލިބިފައިވަނީ ވަރަށްކުޑަ ސަރވިސް ޗާޖަކާއެކު، ދިގު މުއްދަތެއްގެ ތެރޭގައި އަނބުރައި ދައްކާގޮތަށް. އެހެންކަމާއެކު، އެ ލޯނުތައް ކަނޑައެޅިފައިވާ ގޮތުގެ މަތީން އަދާކުރަމުން ގެންދިޔުމަކީ ދަތިކަމަކަށްވާނެ ކަމަކަށް ނުފެނޭ.
މިއާއެކު ރާއްޖޭގެ ބޯޓުފަހަރު ދުއްވުމުގެ މަސައްކަތް ތަރައްޤީ ކުރުމަށްޓަކައި އިތުރު ބޯޓު ގަތުމަށް ކުރު މުއްދަތެއްގެ ލޯނުވެސް ވަނީ ހޯދިފައި. މިރޮނގުން ކުވައިތު ފަންޑުންނާއި، އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުންނާއި، ޙަބީބް ބޭންކުން ލިބިފައިވާ ގިނަ ލޯނު މިހާރުވަނީ އަދާކޮށް ނިމިފައި. އަދި ނުނިމިހުރި ލޯނުތަކަށްވެސް، ކަނޑައެޅިފައިވާ ގޮތުގެ މަތިން ދަނީ ފައިސާ ދެއްކެމުން.
ސަރުކާރުގެ ބަޖެޓު ހެދެމުންދަނީ އަޅުގަނޑުމެންގެ ތެރެއިން އަމިއްލަ މީހެއްގެ ބަޖެޓާ ވަރަށް ތަފާތުގޮތަކަށް. އަމިއްލަ މީހެއްގެ ބަޖެޓު އޮންނާނީ، އެމީހަކަށް ލިބޭ އެއްޗެއްގެ މައްޗަށްކުރާ ޚަރަދު ބިނާކޮށްފައި. އެއާ ޚިލާފަށް، ޤައުމެއްގެ ސަރުކާރުގެ ބަޖެޓު، ހަމައެކަނި ވޭތުވެދިޔަތާނގައި ލިބުނު އެއްޗެއްގެ މައްޗަށް ބިނާކުރަމުން ގެންދާނަމަ، އެ ޤައުމެއްގެ ކުރިއެރުން އިންތިހާއަށް ލަސްވާނެ.
ކޮންމެ ޤައުމެއްގެވެސް ސަރުކާރުން މަސައްކަތް ކުރަންވާނީ އެ ޤައުމެއްގެ އާންމު ރައްޔިތުންނަށް ފަސޭހަ ހޯދައިދެވޭތޯ. ރައްޔިތުންގެ ދިރިއުޅުން ފަހިކޮށްދެވޭތޯ. އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ތަޢުލީމީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި އަދި އެނޫންވެސް ގޮތްގޮތުން ރައްޔިތުންގެ ހާލަތު މައްޗަށް ޖެއްސޭތޯ. މިގޮތުން ސަރުކާރަށް އާންމު ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތު ކުރިއަށް ނުގެންދެވޭނަމަ، އެއީ ރައްޔިތުންގެ ފައިދާއަށްޓަކައި މަސައްކަތްކުރާ ސަރުކާރެކޭ ނުބުނެވޭނެ. ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި މަސައްކަތްކުރާ ސަރުކާރެކޭ ބުނަމުން، ރައްޔިތުންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުންތަކަށް ސަމާލުކަންނުދީ ހިނގަމުންދާ ސަރުކާރަކީ، ސަރުކާރަކުން އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރާ ސަރުކާރަކަށްވާނޭ ކަމުގައި އަޅުގަނޑު ނުދެކެން.
ޤައުމެއްގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހާލަތު ތަރައްޤީ ކުރެވޭނީ، އެ ޤައުމެއްގެ އާންމު ރައްޔިތުންގެ އެއްބާރުލުމާއި ކެރުން ސާބިތުކޮށްދީގެން. ތަރައްޤީއަކީ ރައްޔިތުންގެ ފައިދާއަކަށްވާއިރު، ރައްޔިތުންވެސް އެ މަސައްކަތުގައި ޤުރްބާންވެގެން. ކޮންމެ މީހަކުވެސް އެމީހަކާ އެކަށީގެންވާ މިންވަރަކުން ޙިއްޞާވެގެން.
އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެން ކުރިއެރުމަށްޓަކައި ކުރަންޖެހޭ ހޭދަ މަތިވެރި. ނަމަވެސް ދިވެހީންނަކީ ހިތްވަރުގަދަ، ޤުރްބާންވާންކެރޭ ބައެއް. ބޭރުގެ އިޤުތިޞާދީ މާހިރުން ރާއްޖޭގެ އިޤުތިޞާދު ހިނގަމުންދާގޮތާމެދު ތަޢުރީފުކޮށްފައިވާކަން، މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. ބައެއް ރޮނގުރޮނގުގައި ދިވެހިން އެއީ ނަމޫނާއަކަށް ބަލަންޖެހޭ ބައެއް ކަމުގައި ފާހަގަކުރޭ.
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ، އަޅުގަނޑުގެ މި ބަޔާނަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ބަޖެޓާ ގުޅޭގޮތުން އެންމެ ފުރަތަމަ މިގޮތަށް ދެވޭ ބަޔާންކަން ހަނދާންކޮށްލަމުން އަދި އަޅުގަނޑު މި ބަޔާނުން ބަޖެޓާ ބެހޭގޮތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ހޯއްދަވަން ބޭނުންފުޅުވާނޭ މަޢުލޫމާތުތަކަށް އަލިއަޅުވައިލެވިއްޖެ ކަމުގައި ޔަޤީންކުރަމުން.
އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް އަދަށްވުރެ ތަނަވަސް މާދަމާއެއް. ސަރުކާރުން ރާވާ ރޭވުމުން ހިންގޭ މަސައްކަތްތަކުން ރައްޔިތުންނަށް އިޖުތިމާޢީ އަދި އިޤުތިޞާދީ ފައިދާތަކެއް އަވަހަށް ލިބުން.
والسّلام عليكم ورحمـة اللّـه وبركاته.