بســم اللّـه الرّحمـن الرّحيــم
           
اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
 އާދެ، ކުރިން ހަމަޖެހިފައި އޮތުމަކާނުލައި، ކުއްލި ގޮތެއްގައި މިއަދު އަޅުގަނޑު ތުލުސްދޫއަށް އައިސް، ތުލުސްދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަން. މާލެއަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް އަޅުގަނޑަށް އަދި ވަނީ ރަސްމީގޮތުގައި ޒިޔާރަތް ނުކުރެވި. ރާއްޖެތެރޭގެ ވަރަށް ގިނަ އަތޮޅުތަކަށް މިހާރު އަޅުގަނޑަށް ޒިޔާރަތް ކުރެވިއްޖެ. ވަރަށް ގިނަ، މީހުން އުޅޭ ރަށްރަށަށް ގޮސް، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ހާލު އަހުވާލު ބަލައި ހެދިއްޖެ. އަޅުގަނޑު ގަސްދުކޮށްފައި އޮތީ އަދި މިހާރުވެސް އިރާދަކުރެއްވިއްޔާ ގަސްދުކުރަނީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށްވެސް ޒިޔާރަތްކޮށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ގޮސް، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، އެ ރަށްރަށުގައި ކަންތައްތައް ހުރިނެތްގޮތް އަޅުގަނޑު އަމިއްލައަށް ބަލައިލުމަށް.
 
 އާދެ، ކޮންމެއަކަސް މީގެކުރިން މާލެއަތޮޅުގެ ރަށްރަށަށް ދިޔުމުގެ ފުރުޞަތު އަޅުގަނޑަށް އަދި ވަނީ ނުލިބި. އެހެންނަމަވެސް، އަޅުގަނޑު ގަސްދުކުރަނީ މާ ލަސްތަކެއްނުވެ، މާލެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށްވެސް ދާން. ކޮންމެއަކަސް މިއަދު އަޅުގަނޑަށް މިރަށަށް އައުމުގެ ފުރުޞަތު ލިބުނުކަން އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ޚާއްޞަކޮށް، ޤައުމީ ފެންވަރުގައި އަޅުގަނޑުމެން ފާހަގަކުރި ވަރަށް މުހިންމު ދުވަހަކާ ވިދިގެން އައި ދުވަހު މިރަށަށް އަޅުގަނޑަށް މި އާދެވުނީ. އާދެ، އެއީ ރާއްޖޭގައި ފުރަތަމަ ފާހަގަކުރެވުނު މަސްވެރިންގެ ދުވަސް.
 
 އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ޤައުމީ ފެންވަރުގައި ބޭއްވުނު އިޙުތިފާލުތަކުގެ ޚަބަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ވާނީ ރަނގަޅަށް ފިލައިވަޑައިގެންފައި. ހަމައެފަދައިން، އަތޮޅުތަކުގެ ފެންވަރުގަޔާއި، އަދި ރަށްރަށުގެ ފެންވަރުގައި ކުރެވުނު ކަންތައްތައްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މިރަށުގައިވެސް އެދުވަސް އެކަށީގެންވާ ގޮތެއްގައި ފާހަގަކުރެވުނުކަން ނުވަތަ ފާހަގަކުރެވޭނެކަން އަޅުގަނޑަށް ކަށަވަރު. ފާހަގަކުރެވިފައިވާނެކަން އަޅުގަނޑަށް އެނގޭ. ކޮންމެއަކަސް މިކަހަލަ މުހިންމު ދުވަހަކާ ގުޅިގެން އަޅުގަނޑަށް ތުލުސްދޫއަށް އައުމުގެ ފުރުޞަތު މި ލިބުނީ. އަޅުގަނޑު މިރަށަށް މިއަދު އައުމުގެ އެންމެބޮޑު ބޭނުމަކީ ރައްޔިތުންންނާ ބައްދަލުކުރުމެއް ނޫން. އެހެން މިދެންނެވީ، ރައްޔިތުންނާ ބައްދަލުކުރުމަކީ ފަހަރެއްގައިވެސް އަޅުގަނޑު ފަސްޖެހޭނޭ ކަމަކަށްވާތީއެއް ނޫން. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އެކަމަކު ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ނުރަސްމީ ގޮތެއްގައި، ކުރިން ހަމަޖެހިފައިނެތި ވަރަށް ކުއްލި ގޮތެއްގައި މިއަދު މިއައީ. މިރަށަށް އައުމުގެ އެންމެބޮޑު ބޭނުމަކީ، މިއަދު މިރަށުގައި ޢިމާރާތް ކުރުމަށް މިހާރު ހަމަޖެހިފައިވާ މާލެއަތޮޅުގެ ތަޢުލީމީ މަރްކަޒުގެ ބިންގާ އަޅައިދިނުން. ހަމައެޔާއެކު މިރަށުގައި ދައުލަތުގެ ފަރާތުންނާއި އަދި ދައުލަތާއި، އެސް.ޓީ.އޯ.އާއި، އެމް.އެސް.އެލް މެދުވެރިވެގެން މިހާރު ފަށައިފައިވާ މަސައްކަތްތައް ބަލައިލުން. ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން މުޙަންމަދު ޒާހިރު ޙުސައިން އެ ވިދާޅުވި ފަދައިން، މިއަތޮޅުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަދަރުސާއަކީ، މިރަށުގައި ދެންމެ މި ބިންގާ އެޅުނު މަދަރުސާއަކީ މިއަތޮޅުގެ ތަޢުލީމީ މަރްކަޒު. މާލެއަތޮޅުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހިންގަވާ ތަޢުލީމީ ކަންތައްތައް ބަލަހައްޓައި، އެކަމުގެ އެންމެބުރަ މަސްއޫލިއްޔަތު އުފުލުމަށް ހަމަޖެހިފައިވާ މަރްކަޒު. ރާއްޖެތެރޭގައި ތަޢުލީމީ މަރްކަޒުތަކެއް އުފެއްދުމުގެ މަޝްރޫޢަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ތަންކޮޅެއް ކުރިއްސުރެ ފަށްޓަވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ވަރަށްގިނަ އަތޮޅުތަކުގައި މިހާރުވަނީ ތަޢުލީމީ މަރްކަޒުތައް އުފެދިފައި. އަދި އެ މަރްކަޒުތަކުގައި، އެ އަތޮޅުތަކުގެ ދަރިވަރުންނަށް ކިޔަވައިދެމުން އެބަ ގެންދެވޭ. ހަމަ އެއާއެކު އިތުރު އަތޮޅުތަކެއްގައިވެސް ތަޢުލީމީ މަރްކަޒުތައް އުފެއްދުމުގެ މަސައްކަތް ކުރެވެމުން އެބަދޭ.
 
 އާދެ، ތުލުސްދޫއަކީ މިހާރު ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ރަށެއް. އޭގެ އެންމެބޮޑު އެއް ހެކި، މިރަށުގައި ތަފާތު މަސައްކަތްތައް ސަރުކާރުގެ ފަރާތުން ފަށައިގެން ހިންގަމުން ގެންދާކަން. އެކަމުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް ވަރަށްގިނަ ފައިދާތަކެއް މުސްތަޤްބަލުގައި ލިބެމުންދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް. ރަށުގައި، މިރަށުގައި ރައްޔިތުން ތިބެގެން އެމީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭކަހަލަ ވަޒީފާތައް ލިބުމާއި އަދި ރަށުގެ އިޤުތިޞާދީ ހާލަތު ކުރިއަށް ދިޔުމާއި، ތަޢުލީމީ ގޮތުންވެސް މިއަދު މިރަށުގައި މި ބިންގާ އެޅުނު މަދަރުސާގެ ސަބަބުން ވަރަށް އެކަށީގެންވާ ރަނގަޅު ޚިދުމަތްތަކެއް މިރަށުގެ ރައްޔިތުންނަށް ލިބުމާއި، މިގޮތްގޮތުން މުސްތަޤްބަލުގައި ވަރަށްގިނަ ފައިދާތަކެއް މިރަށަށް ލިބޭގޮތަށްވަނީ ހަމަޖެހިފައި. ދައުލަތުން އެންމެ އިސްކަންދޭ ރަށްރަށުގެ ތެރެއިން ރަށެއް ކަމުގައި މިހާރުވަނީ ތުލުސްދޫ ހަމަޖެހިފައި. އާދެ، އެއާ ވިދިގެން އަޅުގަނޑު ދަންނަވައިލާހިތްވަނީ މިއަންނަ އަހަރު ތުލުސްދޫއަށް މާލެއަތޮޅުގެ އަތޮޅުއޮފީސް ބަދަލުކުރަން ހަމަޖެހިފައިވާ ވާހަކަ.
 
 އާދެ، މިހާރު މާލެއަތޮޅުގެ އަތޮޅުއޮފީސް ހިނގަމުންދަނީ މާލޭގައި. އެހެންވުމުގެ ސަބަބުން އަތޮޅަށް، އަތޮޅުއޮފީހަށް ލިބެންވާ ޚިދުމަތްތައް ފަސޭހަކަމާއެކު އަދި ހަލުވިކަމާއެކު ލިބެމުންދާނެ ކަމަކަށް ނުފެނޭ. މާލޭގެ ކައިރީގައިވާ ރަށްރަށް، އަޅުގަނޑު ހިތުން ޖެހޭނެ މާލެއަށް އަންނަ ތަރައްޤީތައް، އެ ރަށްރަށަށްވެސް އަންނަން. މާލެ ކުރިއަށްދާ މިންވަރު ނޫންނަމަވެސް، މާލެ ކުރިއަށްދާތީ، މާލޭގެ ތަފާތު ޚިދުމަތްތައް އެ ރަށްރަށަށްވެސް ލިބެންޖެހޭނެ. އެކަމަކު ޙަޤީޤަތުގައި އެކަން ވެފައި އޮންނަނީކީ އެހެނެއް ނޫން. އަޅުގަނޑު ރާއްޖެތެރެއިން މި ދަތުރުކުރި އަތޮޅުތަކުގައިވެސް ވަރަށްގިނަ ރަށްރަށް އެބަހުރި. މާލެއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށްވުރެ ހުރިހާ ގޮތަކުންވެސް މަތީ ފެންވަރަކަށް ގެންދެވިފައިވާ ރަށްރަށް. އެއީ އަޅުގަނޑު ހިތުން އެކަންވާންވީ ގޮތެއް ނޫން. ކުރިންވެސް މިދެންނެވި ފަދައިން، މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް. މާލެއަކީ ރާއްޖޭގެ ފެންވަރުގައި ވަރަށް އެކަށީގެންވާ ދަރަޖައަކަށް ތަރައްޤީވެފައިވާ ރަށެއް. އެހެންވީމާ، މާލެއަތޮޅުގައި ދެންހުރި، މީހުން އުޅޭ ރަށްރަށްވެސް ވާނެ ތަރައްޤީވާން. މީގެކުރިން އޭގެ އެހާބޮޑު އަސަރުތަކެއް ފެނިފައެއްނެތް. އެންމެބޮޑު އެއް ސަބަބެއް ކަމަށް ސަރުކާރަށް ފާހަގަކުރެވެނީ އަތޮޅުއޮފީސް މާލޭގައި ހުރުމުން، އަތޮޅުއޮފީހުގެ ޚިދުމަތްތައް ރަށްރަށަށް ލިބެމުން ނުދިޔުން. އެހެންވުމާއެކު، މިހާރު ސަރުކާރުން ގަސްދުކޮށްފައިވަނީ މާލެއަތޮޅުގެ އަތޮޅުއޮފީސް ތުލުސްދޫއަށް ބަދަލުކުރުން. އެ މަސައްކަތް މިހާރު ހިނގަމުން އެބަ ދޭ.
 
 އާދެ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވިދާޅުވިފަދައިން، މިރަށުގައި މިއަދު މި ބިންގާ އެޅުނު ތަޢުލީމީ މަރްކަޒު އެއީ މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ވަރަށް މަތިވެރި އެހީތަކެއް ލިބިގެން ސަރުކާރުން ޢިމާރާތްކުރާ މަރްކަޒެއް. އެހެންވީމާ، ސަރުކާރުގެ ނަމުގައި، އެމް.އެސް.އެލް. އަށް އަޅުގަނޑު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މީގެކުރިންވެސް ބައެއް މުނާސަބަތުތަކުގައި އަޅުގަނޑު ފާހަގަކުރި ފަދައިން، އެމް.އެސް.އެލް.ގެ ދައުރު މިހާރުވަނީ ވަރަށް ތަނަވަސްވެފައި. ތަންކޮޅެއް ކުރިން އަޅުގަނޑުމެންނަށް އެނގިފައި އޮތްގޮތުގައި އެމް.އެސް.އެލް އިން ކުރައްވަމުން ގެންދެވި މަސައްކަތަކީ ރާއްޖޭގެ ބޯޓުފަހަރު ދުއްވުން. ވިޔަފާރިއާބެހޭ މަސައްކަތެއް. އޭގެއިތުރުން ރާއްޖެއަށް ފައިދާހުރި އިޖްތިމާޢީ ޚިދުމަތްތަކެއް ނުވަތަ ތަޢުލީމީ ޚިދުމަތްތަކެއް ނުވަތަ އެނޫންވެސް ޤައުމަށް ބޭނުންވެފައިވާ އެއްވެސް ޚިދުމަތެއް، އެމް.އެސް.އެލް.ގެ ފަރާތުން ލިބެމުންދާގޮތަކަށް އޮތީ ހަމަޖެހިފައެއް ނޫން. އެއާ ޚިލާފަށް މިހާރު އެމް.އެސް.އެލް.ގެ ފަރާތުން ރާއްޖޭގެ އެކިއެކި ކަންކަމަށް އެކަށީގެންވާ އެހީތަކެއް ވެދެއްވަމުން ގެންދަވާ. އޭގެތެރޭގައި، މާފުށީގައި މިހާރު ހިނގާ ކުޑަކުދިންގެ އިޞްލާޙިއްޔާއަށް އެމް.އެސް.އެލް. އިން ވެދެއްވި އެހީތައްވެސް ފާހަގަކުރެވޭ. އަދި މާލޭގެ އެކިއެކި ކަންކަމުގައި އެމް.އެސް.އެލް.ގެ ފަރާތުން ދެއްވާ ޚިދުމަތްތައްވެސް ފާހަގަކުރެވޭ. އެގޮތުން ތުލުސްދޫގައި މި ހުޅުވޭ ނުވަތަ ހުޅުވުމަށް ހަމަޖެހިފައިވާ ތަޢުލީމީ މަރްކަޒަށްވެސް އެމް.އެސް.އެލް.ގެ ފަރާތުން އެހީ ލިބޭގޮތަށްވަނީ ހަމަޖެހިފައި. އާދެ، ކޮންމެއަކަސް އަޅުގަނޑު ދެކޭގޮތުގައި ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވި ފަދައިން، މިއަދު ހިމެނޭނީ މިރަށުގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހަކަށް. އެއީ މިރަށުގައި މިދެންނެވި ތަޢުލީމީ މަރްކަޒުގެ ބިންގާ އެޅުނު ދުވަސް އެއީ މިއަދު ކަމަށްވާތީ.
 
އާދެ، ތުލުސްދޫގެ ރައްޔިތުން އަދި ތުލުސްދޫގެ ވެރިން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު އަޅުގަނޑަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ. މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި މިތިބަ ކުދިންނަކީ މިރަށުގެ މަކްތަބުގައި ކިޔަވާކުދިން. އެކުދިން އެތިބިގޮތުންވެސް، ތިބި ސާފުކަމާއި އަދި އެކުދިންގެ ޔުނިފޯމުތައްވެސް ސާފުކަމާއި ރީތިކަމުން އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭ، ރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން ރަށުގެ ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު. އެއީ ވަރަށް ބޮޑަށް އަޅުގަނޑު އުފާކުރާ ކަމެއް. އަޅުގަނޑު ހުރިހާ މުނާސަބަތެއްގައިވެސް ފާހަގަކުރާ ކަމެއް، ކުރިއެރުމުގެ އެންމެ ފުރަތަމަ ހަރުފަތަކީ ތަޢުލީމުކަން. އަޅުގަނޑުމެންނަށް އެދެވޭ ފެންވަރެއްގައި ތަޢުލީމުގެ ކަންތައް ކުރިއަށް ގެންދެވިގެން ނޫނީ ރާއްޖެ ކުރިއަކަށްނުދާނެ. އަޅުގަނޑުމެން އެދޭގޮތުގެމަތިން ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އެހެންވީމާ، އެންމެ ފުރަތަމަ ބޭނުންވާ ކަމަކީ ތަޢުލީމު. ތަޢުލީމުގެ ފަހުން އެހެން ކަންތައްތައް ހަމަޖެހިގެން ހިނގައިދާނެ. ހަމައެފަދައިން، މިރަށުގައި ތަޢުލީމީ ކަންތައްތަކާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކީ، ކަމަށް ވަރަށް އެކަށީގެންވާ ބޭފުޅެއް. އެކަމަށް، ބޭރު ޤައުމެއްގައި ކަމާބެހޭ ތަމްރީނުތައް ލިބިވަޑައިގެން، އެކަމުގެ ތަޖުރިބާ ހާސިލުކުރައްވައިގެން ވަޑައިގެން ހުންނެވި ބޭފުޅެއް. އެހެންވީމާ، އެބޭފުޅެއްގެވެސް އިރުޝާދުގެ ދަށުން މިރަށުގެ ރައްޔިތުންނާއި އަދި މިރަށުގެ މަކްތަބުގެ ދަރިވަރުން މަސައްކަތް ކުރަމުން ގެންދިޔުމުން އެދެވޭ ނަތީޖާތަކެއް މިރަށަށް ލިބޭނެ.
 
އާދެ، އަޅުގަނޑު މިތަނަށް މިއައީ މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނޫން. އެހެންވުމާއެކު، އަޅުގަނޑުގެ އަމިއްލަ ފަރާތުންނާއި އަދި ސަރުކާރުގެ ފަރާތުން މިރަށުގެ ރައްޔިތުންނަށާއި ވެރިންނަށާއި އަދި މިރަށުގެ ކިޔަވާކުދިންނަށް ހެޔޮއެދުންތައް ރައްދުކުރަން. ހަމަ އެޔާއެކު، ކިތަންމެ ކުއްލިގޮތެއްގައި މިއަދު އަޅުގަނޑު މިރަށަށް އައި ކަމުގައިވިޔަސް، އަޅުގަނޑުގެ އިސްތިޤްބާލުގައި ތިޔަ ހުރިހާ ބޭފުޅުން ތިއްބެވިކަން އުފަލާއެކު އަޅުގަނޑު ފާހަގަކޮށް، އެކަމަށްޓަކައިވެސް ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 

          والسّلام عليكم ورحمـة اللّـه وبركاته.