بســم اللّـه الرّحمـن الرّحيــم
ކިޔުމާއި، ކިޔެވުމާއި، ޢިލްމު އުނގެނުމަށް ކުރެއްވި އަމުރަކުން ވަޙީ އިފްތިތާޙު ކުރެއްވި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އިސްލާމީ ތަޢުލީމުގެ އެންމެ ފުރަތަމަ މަދަރުސާ، އާދެ، ނަބަވީ މަދަރުސާ އިފްތިތާޙު ކުރެއްވި، مُحَمَّـد صـلّى الله علـيـه وسـلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް، އިފްތިތާޙުގެ މުއައްސިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލްފާޟިލް ޢަބްދުލްޙަކީމް ކާންނާ ކަލޭފާނު، ފާދިއްޕޮޅުގެ އަތޮޅުވެރިޔާ، އިފްތިތާޙުގެ ނާޒިރު، ނައިފަރުގެ ކަތީބު، އިފްތިތާޙުގެ ޠާލިބުންނާއި ޠާލިބާއިން، އަދި މި މުހިންމު މުނާސަބަތުގައި މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން؛
السّلام عليــكم ورحـمــة اللّـه وبـركاتـه.
އާދެ، މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، އެކަމަށް ވަރަށް އެކަށީގެންވާ ގޮތެއްގައި. ޝައްކެއްނެތް، އިފްތިތާޙުގެ ތާރީޚަކީ ދިވެހިރާއްޖޭގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް. އިފްތިތާޙުގެ ތާރީޚުން ދައްކައިދެނީ، ދިވެހިރާއްޖޭގެ މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތާރީޚަށް އައިސްފައިވާ ބަދަލުތައް. މި މަދަރުސާގެ މިހާރުގެ ނާޒިރު، ދެންމެ އެ ދެއްކެވި ވާހަކަފުޅުގައި، މަދްރަސަތުލް އިފްތިތާޙަށް އައިސްފައިވާ އެކިއެކި ތަފާތު ދައުރުތަކުގެ ވާހަކަ އަޅުގަނޑުމެންނަށް ކިޔައިދެއްވައިފި. އެ ދައުރުތަކުން އެނގޭގޮތުގައި، މަދްރަސަތުލް އިފްތިތާޙަށް އައި ބަދަލުތައް އެއީ ހަމަ ދިވެހި ޤައުމަށްވެސް އައި ބަދަލުތަކޭ ދެންނެވިދާނެ.
އާދެ، ދިވެހިރާއްޖޭގެ ސަރުކާރުން ތަޢުލީމަށް އަހަންމިއްޔަތެއް ދެއްވައިފައިވާ ކޮންމެ ފަހަރެއްގައި، މަދްރަސަތުލް އިފްތިތާޙަށް އައީ އާ ދިރުމެއް. މަދްރަސަތުލް އިފްތިތާޙު ތަރައްޤީވަމުން ދިޔައީ ހަލުވިކަމާއެކު. އެއާޚިލާފަށް ދިވެހިރާއްޖޭގެ ސަރުކާރުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު ކުޑަވި ކޮންމެ ފައްތަރެއްގައި އަދި ރާއްޖޭގެ ތަރައްޤީގެ ކަންތައްތައް ދަށަށްދިޔަ ކޮންމެ ދުވަސްވަރެއްގައި، މަދްރަސަތުލް އިފްތިތާޙަށް އައިސްފައިވަނީ ހީނަރުކަމެއް، ނިކަމެތިކަމެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މަދްރަސަތުލް އިފްތިތާޙުގެ ތާރީޚު އެއީ ދިވެހިރާއްޖޭގެ ތާރީޚުގެ، އެންމެފަހުން އަޅުގަނޑުމެން މި ދުށް ބައިސައްތަ އަހަރުގެ ތާރީޚޭ. ކޮންމެއަކަސް އިފްތިތާޙުގެ ތާރީޚާއި ދިވެހި ޤައުމުގެ ތާރީޚާ އެހާބޮޑަށް ގުޅިފައިވުމާއެކު، އިފްތިތާޙަށް 50 އަހަރު ފުރިގެން މި ޢިއްޒަތްތެރި މަދަރްސާގެ ރަންޔޫބީލް ފާހަގަކުރާއިރު، ޝައްކެއްނެތް، އެއީ މުޅި ދިވެހި ޤައުމަށް އަންނަ އުފާވެރި މުނާސަބަތެއް. މުޅި ދިވެހި ޤައުމަށް ލިބޭ ވަރަށްވެސް ޚާއްޞަ އުފަލެއް.
މި މުހިންމު އަދި ތާރީޚީ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މި މަދަރުސާގެ ދާއިރާގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް ދައުލަތުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އިޚުލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކުބާދު ދެންނެވުން. އާދެ، މިދެންނެވި ފަރާތްތަކުގެ ތެރޭގައި، މަދަރުސާގެ ދަރިވަރުން ހިމެނޭ. މަދަރުސާގެ އިސް ދަރިވަރުން ހިމެނޭ. މިހާރު މަދަރުސާ ހިންގަވާ ފަރާތްތައް ހިމެނޭ. މަދަރުސާ ބިނާކުރެއްވި ފަރާތްތައްވެސް ހިމެނޭ. އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އުޅުއްވާ ހުރިހާ ފަރާތްތައްވެސް ހިމެނޭ. އަދި ތެދުތެދަށް ދަންނަވަނީނަމަ، ނައިފަރުގެ ރައްޔިތުންނާއި، ފާދިއްޕޮޅުގެ ރައްޔިތުންވެސް ހިމެނޭ. އެހުރިހާ ފަރާތްތަކަކަށް މިއަދު އަޅުގަނޑު މަރުޙަބާ ދަންނަވަނީ، މުސްތަޤްބަލުގައި އިފްތިތާޙަށް އިތުރު ކުރިއެރުމަކާއި، އިތުރު ތަރައްޤީއެއް ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކު.
އާދެ، ވަރަށް އެކަށީގެންވާ ފަރާތްތަކަކުން މި މަދަރުސާއާބެހޭ ވަރަށްގިނަ މަޢުލޫމާތުތައް އަޅުގަނޑުމެންނަށް ލިބިގެން ހިނގައްޖެ. ޝުކުރު ރައްދުކުރެވެންވީ ފަރާތްތަކަށް ޝުކުރު އަދާކުރެވިއްޖެ. އެހެންނަމަވެސް، ބައެއް ފަރާތްތަކަށް ޝުކުރުގެ ޖިޒީއެއް އަދާކުރުމަކީ، އަޅުގަނޑުގެވެސް ވާޖިބެއް ކަމުގައި ދެކެން. އާދެ، އެންމެ ފުރަތަމަ މި މަދަރުސާގެ ބާނީ ފަޟީލަތުއްޝައިޚުލްމަރްޙޫމް ޢަބްދުﷲ ފަހުމީދީދީ ނުވަތަ ޢަބްދުﷲ ޖަލާލުއްދީން އުއްތަމަ ފަނޑިޔާރު މަނިކުފާނު. އެ މަނިކުފާނު މި މަދަރުސާއަށް ކުރެއްވި ޚިދުމަތްތައް އެއީ މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ އެއްޗެއް ނޫން. އައްޝައިޚް ޢަބްދުﷲ ފަހުމީދީދީއަކީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ލާމަސީލު ޝަޚްޞިއްޔަތެއް. ވަރަށްމަތީ ދަރަޖަޔަކަށް ޢިލްމު ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެއް. ހަމަ އެހާމެ މަތީ ދަރަޖަޔަކަށް ދިވެހި އަދަބަށާއި، ދިވެހި ޝާޢިރިއްޔަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއް. އަދި އޭގެ އިތުރުން އިޖްތިމާޢީ ކަންތައްތަކުގައިވެސް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް އަދާކުރައްވައިފައިވާ ބޭފުޅެއް. އެހެންކަމާއެކު، ޢަބްދުﷲ ފަހުމީދީދީގެ ޚިދުމަތްތައް އެއީ ޤައުމީ ފެންވަރެއްގައި ފާހަގަކުރެވޭ ޚިދުމަތްތަކެއް. މިއަދު އަޅުގަނޑުމެން ހުރިހާ އެންމެންގެވެސް އެންމެ ފުރަތަމަ ޝުކުރާއި ތަޢުރީފު ރައްދުކުރަންޖެހެނީ، އެމަރްޙޫމް ބާނީއަށް.
އާދެ، ހަމައެއާއެކު އަލްމަރްޙޫމް އައްޝައިޚް ޢަބްދުﷲ ފަހުމީދީދީގެ އަރިހުގައި މިމަދަރުސާ އުފެއްދުމުގެ ހަރަކާތްތަކުގައި ވަރަށް މަތިވެރި ދަރަޖަޔަކަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް މިއަދު އަޅުގަނޑުމެންގެ ތެރޭގައި އެބަ އިންނެވި. އެއީ އަލްފާޟިލް ޢަބްދުލްޙަކީމް ކާންނާ ކަލޭފާނު. އޭނާ މި މަދަރުސާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ އޭރު ރަށުގެ ކަތީބުގެ ހައިސިއްޔަތުން. އެތައް ފަހަރެއްގެ މަތިން މި މަދަރުސާއާބެހޭ ކަންތައްތައް ހިންގެވުމާ އޭނާ ހަވާލުވެވަޑައިގެން ހުންނެވި. އަދި އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މަދަރުސާގެ އުފެދުމުގައި ވަރަށް މަތިވެރި ޙިއްޞާއެއް އޭނާ އަދާކުރައްވައިފައިވޭ. އެހެންކަމާއެކު، އޭނާ މިޖަލްސާގައި އިންނެވިކަން އެއީ މި ފުރުޞަތުގައި އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް. އަދި އޭނާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަނީ، މަދަރުސާގެ ދަރިވަރުންނާއި އަދި ދިވެހިރާއްޖޭގެ ތަޢުލީމަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި.
ނައިފަރުގައި މި މަދަރުސާ މިހާ ގިނަދުވަސް ވަންދެން ހިނގަމުންދިޔަދިޔުން އެއީވެސް ސަބަބަކާނުލައި ވީކަމެއް ކަމަކަށް އަޅުގަނޑެއް ނުދެކެން. ކޮންމެ އެއްޗެއްގެވެސް އަސްލެއް އޮންނަންވާނެ. ކޮންމެ ގަހެއްވެސް ފަޅާނީ އޮށަކުން. އެހެންވީމާ، ނައިފަރުގައި 50 އަހަރު ވަންދެން މަދަރުސާއެއް ހިނގިކަން އެއީ ކޮންމެވެސް ފަރާތަކަށް އެކަމުގެ ޝުކުރާއި ތަޢުރީފު ރައްދުވާންޖެހޭނެ ކަމެއް. އެއްވެސް ޝައްކެއްނެތް، އެފަރާތަކީ ނައިފަރުގެ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތުން. ރައްޔިތުންގެ އެއްބާރުލެއްވުމާއި، ރައްޔިތުންގެ އެހީތެރިކަންނެތި، މިކަހަލަ އެއްވެސް މަދަރުސާއެއް، އެއްވެސް ތަނެއްގައި މިހާގިނަ ދުވަސް ވަންދެން ހިނގަމުން ގޮސްފައެއް ނުހުންނާނެ. އެހެންވުމާއެކު، މިއަދު ދިވެހި ދައުލަތުގެ ނަމުގައި ނައިފަރުގެ ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް އަދާކުރުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.
އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން، މަދްރަސަތުލް އިފްތިތާޙަކީ އެތާނގެ ތާރީޚުގެ ތެރެއިންލައިފައި ދިވެހިރާއްޖޭގެ ތާރީޚު ފެނިގެންދާ ތަނެއް. އެހެންވުމާއެކު، މި މަދަރުސާގެ އެކިއެކި ދައުރުތަކުގައި ރާއްޖޭގެ ވަރަށްމަތީ ފެންވަރުގެ ބޭފުޅުންގެ ޚިދުމަތްތައް ފެންނަން އެބަހުރި. ޚިދުމަތްތަކޭ މި ދަންނަވަނީ، މަދަރުސާއަށް ކުރެއްވި ޚިދުމަތްތަކާއި އަދި މަދަރުސާގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވި އުޅުއްވުމާއި، މަދަރުސާ ތަރައްޤީ ކުރެއްވުމަށްޓަކައި އޭގެފަހުންވެސް ކުރައްވައިފައިވާ މަސައްކަތްޕުޅުތަކާ، މިހުރިހާ ކަމެއް އެކުލެވޭގޮތަކަށް. އެހެންވީމާ، މި މަދަރުސާގެ ދަރިވަރުންގެ ގޮތުގައިވެސް ވަރަށްގިނަ ދުވަސް ވަންދެން އަޅުގަނޑުމެންގެ މިހާރުގެ ވަރަށްމަތީ ފެންވަރުގެ ބޭފުޅުންކޮޅެއް އުޅުއްވައިފައިވޭ. އޭގެފަހުގައި މަދަރުސާ ހިންގެވުމާ ހަވާލުވެވަޑައިގެންވެސް ބައެއް ބޭފުޅުން ތިއްބެވި. މަދަރުސާގެ މުދައްރިސުންގެ ގޮތުގައި، މަދަރުސާގެ ނާޒިރުންގެ ގޮތުގައި ނުވަތަ އަތޮޅުވެރިންގެ ގޮތުގައި ދައުލަތުން ފާދިއްޕޮޅަށް ހަމަޖައްސަވައިފައިވާ ހަމަޖެއްސެވުމަކާ ގުޅިގެން މަދަރުސާ ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ގޮތުގައި. އެހެންވީމާ، އެއިންވެސް ދައްކައިދެނީ މި މަދަރުސާއާއި ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ސިޔާސަތާއި، ދިވެހިރާއްޖޭގެ ދައުލަތް ހިންގުމާއި، ދިވެހިރާއްޖޭގެ މަތީ މަޤާމުތަކާ ގުޅިފައިވާ ގުޅުމުގެ ބޮޑުކަން.
އާދެ، މި މުނާސަބަތުގައި ދައްކަން ބޭނުންވާ ވާހަކަތަކުގެ ވަރަށްބޮޑު ބައެއް، ކަމަށް އެންމެ އެކަށީގެންވާ ދޫފުޅުން އަޅުގަނޑުމެންނަށް މިއަދު އިވިގެން ހިނގައްޖެ. އާދެ، ތަޢުލީމީ ޚިދުމަތުގައި ރެޔާދުވާލު މަސައްކަތް ކުރައްވާ، ތަޢުލީމީ ޖިހާދުގައި ޤުރްބާންވެވަޑައިގަންނަވާ، އަޅުގަނޑުމެންގެ ޢިލްމުވެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ދެންމެ ދެއްކެވި ވާހަކަފުޅުތަކުގައި، މިކަހަލަ މުނާސަބަތެއްގައި ދައްކަން ބޭނުންވާ ހުރިހާ މުހިންމު ނުކުތާތަކެއް ހާމަކުރައްވައިފި. އެހެންކަމަށްވުމާއެކު، އެ ރޮނގުން މާގިނަ ވާހަކަތަކެއް މިތާނގައި އަޅުގަނޑު ދެއްކުމަކީ ބޭނުންކަމެއް ކަމުގައި އަޅުގަނޑެއް ނުދެކެން. އެހެންނަމަވެސް، މި ޖަލްސާއަށް ހާޒިރުވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވައި، އަދި މި ޖަލްސާއަށް އަޅުގަނޑު އައިކަން، ޖަލްސާގެ އިންތިޒާމުތައް ރޭއްވެވި ފަރާތުންނާއި އަދި ނައިފަރުގެ ރައްޔިތުންގެ ފަރާތުން ވަރަށްމަތީ ދަރަޖަޔަކަށް ފާހަގަކުރައްވައިފައިވާތީ، ކޮންމެވެސް އެއްޗެއް ދަންނަވައިލުމަކީ އަޅުގަނޑު ހިތުން ބޭނުންކަމެއް. އެ ރޮނގުން ދެތިން ހަތަރު ނުކުތާއެއްގެ މައްޗަށް އަލިއަޅުވައިލަން އަޅުގަނޑު ގަސްދުކުރަން.
އާދެ، އެންމެ ފުރަތަމަ ތަޢުލީމުގެ ބޭނުން. ތަޢުލީމުގެ މުހިންމުކަން. ތަޢުލީމަކީ ކޮންއެއްޗެއްކަން. ތަޢުލީމަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަގޮތުގައި ހަމައެކަނި މަދަރުސާތަކުންނާއި، ކޮލެޖްތަކުންނާއި، ޔުނިވަރސިޓީތަކުން ދޭ އެއްޗެއް ނޫން. ތަޢުލީމުގެ ދާއިރާ އެއަށްވުރެ މާ ފުޅާ. ޙަޤީޤަތުގައި ތަޢުލީމުގެ ދާއިރާއަކީ، ހަމަ ޙަޔާތުގެ ދާއިރާ. އެންމެ ފުރަތަމަ އަޅުގަނޑުމެން ދުނިޔެއަށް އައިއްސުރެ އަޅުގަނޑުމެން މި ދުނިޔޭގައި ވޭތުކުރާ ޢުމުރު ނިންމުމަށްފަހު، އެނބުރި އަޅުގަނޑުމެން އައިތަނަށް ދާންދެން، މި ދުނިޔޭގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެ ގެންދަނީ ތަޢުލީމު ހާސިލުކުރަމުން. ދުނިޔޭގެ ކޮންމެ ތަޖުރިބާއަކީ ތަޢުލީމު. ދުނިޔޭގައި އަޅުގަނޑުމެންނަށް ދިމާވާ ކޮންމެ ކަމަކީ، އެއިން އަޅުގަނޑުމެންނަށް އެއްޗެއް އޮޅުންފިލައި ނުވަތަ އެއިން އަސަރުތަކެއް އަޅުގަނޑުމެންނަށް ކުރުވާ ކަމެއް. އެހެންވީމާ، ތަޢުލީމަކީ ދުނިޔޭގައި އަޅުގަނޑުމެން އުޅޭ އުޅުމުގައި، އަޅުގަނޑުމެންނަށް ފެންނަ ފެނުންތަކާއި، އަޅުގަނޑުމެންނަށް އިވޭ އަޑުތަކާއި، އަޅުގަނޑުމެންނަށް ދިމާވާ ހާދިސާތަކާއި، އަޅުގަނޑުމެންނަށް ކުރާ އަސަރުތަކާއި، އަޅުގަނޑުމެންނަށް ލިބޭ ތަޖުރިބާތަކާ، މިހުރިހާ އެއްޗެއްގެ ހާސިލު ނަތީޖާ. އެ ތަޢުލީމު އަޅުގަނޑުމެންނަށް ލިބިފައިވާ މިންވަރަކުން އަޅުގަނޑުމެންނަށް އެކިކަންކަމުގައި ކުރިއަށް ދެވޭނީ. އެކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމާބެހޭ ކަމެއް ކަމުގައިވިޔަސް، ނުވަތަ ޖަމާޢަތާބެހޭ ކަމެއް ކަމުގައިވިޔަސް، ނުވަތަ ޤައުމާބެހޭ ކަމެއް ކަމުގައިވިޔަސް، އެ ރޮނގެއްގައި އަޅުގަނޑުމެންނަށް އެއްވެސް ފިޔަވަޅެއް ކުރިއަށް އެޅޭނީ، މިދެންނެވި އުސޫލުގެ މަތިން. އަޅުގަނޑުމެންނަށް ލިބިފައިވާ ތަޢުލީމަކާއި، ލިބިފައިވާ ތަޖުރިބާއެއްގެ މަތިން. ކަން އެހެން ހުރުމާއެކު، ކޮންމެ ޤައުމެއްވެސް ކުރިއަށް ދިޔުމުގައި ތަޢުލީމު ކުޅެންޖެހޭ ބައި އެއީ އަޅުގަނޑު ހިތުން މިހާރު އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ އެއްޗެއް ނޫން.
ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދަންޖެހޭނެ އުސޫލުތަކާއި، ތަޢުލީމު ބިނާވެފައިވާންވާނެ މައިގަނޑުތަކާއި ޕުރޮގުރާމުތައް، ދެންމެ ވަރަށް ފުރިހަމަ ގޮތެއްގައި އަޅުގަނޑުމެންނަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ހާމަކޮށްދެއްވައިފި. އަޅުގަނޑު އޭގެ އިތުރުން ދަންނަވަން އޮތް އެއްޗަކީ، އަޅުގަނޑުމެން އެއްވެސް ކަމަކާ ދޭތެރޭގައި ވިސްނާއިރު ވިސްނަންޖެހޭނީ، އަޅުގަނޑުމެންގެ ތާރީޚާއި، އަޅުގަނޑުމެންގެ ހާޒިރާއި، އަޅުގަނޑުމެންގެ މުސްތަޤްބަލް އެއާ ގުޅިފައިވާ ގޮތެއްގައޭ. ކޮންމެ ކަމަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޚިޔާލުކުރާއިރު، އެކަމަކާ ދޭތެރޭގައި ޚިޔާލުކުރަންޖެހޭނީ، އަޅުގަނޑުމެންގެ ޤައުމިއްޔަތާއި، އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތު އޭގައި ގުޅިފައިވާ ގޮތެއްގައޭ. މިރޮނގުން ބަލާއިރު، އެންމެ ފުރަތަމަ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމަކީ، ތަޢުލީމަށް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ދެއްވައިފައިވާ މަތިވެރި މަޤާމު. އާދެ، ދެންމެ އަޅުގަނޑުގެ ވާހަކަ ފަށަމުން ދެންނެވި ފަދައިން، اللّـه سبحـانـه وتعـالى ވަޙީބަސްފުޅު ފަށްޓަވައިފައިވަނީ ކިޔުމަށާއި، ކިޔެވުމަށާއި، ޢިލްމު އުނގެނުމަށް އަންގަވައިފައިވާ އަމުރަކުން. [اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ.](سورة العلق-١) އެއީ، ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތަކީ. [ކަލޭގެފާނު ކިޔަވައިވިދާޅުވާށޭ! ކަލޭގެފާނު ހައްދަވައިބޮޑުކުރެއްވި މާތްރަސްކަލާނގެ އިސްމުފުޅުގެ ބަރަކާތުން.] އެންމެ ފުރަތަމަ އުޑުން އައި އަމުރަކީ، ކިޔެވުމަށް، ނުވަތަ ކިޔުމަށް އައި އަމުރު. އާދެ، އަޅުގަނޑުމެން އެންމެންވެސް ދަންނަމު. މާތްވެގެންވާ އިސްލާމްދީނުގައި، ނަމާދު ޤާއިމުކުރުމަށް ދެއްވައިފައިވާ މަތިވެރި އަހަންމިއްޔަތު. ނަމާދަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެންމެ އިސް އެއްރުކުންކަން. ނަމާދު ޤާއިމުކުރުމަކީ މުސްލިމުންނާއި ކާފަރުންނާ ދެމެދުގައި އޮތް ތަފާތު ފާހަގަކޮށްލެވޭ ޢަމަލުކަން. އެހެންނަމަވެސް، ކީރިތި ޤުރްއާނުގައި އެންމެ ފުރަތަމަ އަންގަވައިފައި އޮތީ ނަމާދުކުރާށެކޭ ނޫން. އެންމެ ފުރަތަމަ އަންގަވައިފައި އޮތީ ކިޔާށޭ! ކިޔަވާށޭ! ޢިލްމު އުނގެނޭށޭ! އެހެންވީމާ، އެއިންވެސް އަޅުގަނޑުމެންނަށް އެބަ އެނގޭ، މާތްވެގެންވާ އިސްލާމްދީނުގައި ކިޔެވުމަށާއި، ކިޔަވައިދިނުމަށާއި، ޢިލްމަށާއި، ތަޢުލީމު ހާސިލުކުރުމަށް ދެއްވައިފައިވާ މަތިވެރި އަހަންމިއްޔަތު.
ހަމައެފަދައިން، ޤުރްއާނުގެ އެންމެ ކުރީގެ ސޫރަތްތަކުން، އެންމެ ކުރީގެ އާޔަތްތަކަށް ކިތަންމެ ކުޑަ ނަޒަރެއް ނަމަވެސް ހިންގައިލައިފިނަމަ، އެ އާޔަތްތަކާއި އެ ސޫރަތްތަކުގައިވެސް ޢިލްމު އުނގެނުމަށާއި، ޢިލްމު ހާސިލުކުރުމަށް އަންގަވައިފައިވާ އެންގެވުންތައް އަޅުގަނޑުމެންނަށް ފެނިގެންދާނެ. [الرَّحْمَـٰنُ. عَلَّمَ الْقُرْآنَ. خَلَقَ الْإِنسَانَ. عَلَّمَهُ الْبَيَانَ.] (سورة الرّحمن-1،2،3،4) اللّـه سبحـانـه وتعـالى އެކަލާނގެ ރަސްކަންފުޅު ބަޔާންކޮށްދެއްވަނީ، اللّـه سبحـانـه وتعـالى އެ ވަޙީކުރައްވަނީ، އެއީ، "ރަޙްމާނުވަންތަ ރަސްކަލާނގެއޭ. އެކަލާނގެ މީސްތަކުންނަށް ޤުރްއާން އުނގަންނައިދެއްވިއޭ. ކިޔަވައިދެއްވިއޭ. ދަސްކޮށްދެއްވިއޭ." އޭގެފަހުގައި ﷲ ވަޙީކުރައްވަނީ "އެކަލާނގެ އިންސާނާ އުފެއްދެވިއޭ." އިންސާނާ އުފެއްދެވިއޭ، ވަޙީކުރެއްވުމުގެ ކުރިން އަންގަވަނީ، "ކިޔަވައިދެއްވިއޭ." އިންސާނާ އުފެއްދެވުމާ ގުޅިގެން އެ ވާހަކަ ބަޔާންކުރައްވައި، ދެން އެ ވަޙީކުރައްވަނީ،[عَلَّمَهُ الْبَيَانَ.] [އެކަލާނގެ އިންސާނާއަށް ބަޔާން ނުވަތަ ބަސްމޮށެއުޅުމުގެ ކުޅަދާނަކަން ދަސްކޮށްދެއްވިއޭ.] އޭނާގެ ހިތުގައިވާ ޝުޢޫރުތައް ފާޅުކުރުމުގެ ކުޅަދާނަކަން އޭނާއަށް ދެއްވިއޭ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އޭނާއަށް ވިސްނުންދެއްވައި، އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ބާރު އޭނާއަށް ދެއްވިއޭ. އިންސާނާ އުފެއްދެވުމުގެ ކުރިންވެސް އަންގަވަނީ، އިންސާނާއަށް އުނގަންނަވައިދެއްވައިފިއޭ. އިންސާނާއަށް ދަސްކޮށްދެއްވައިފިއޭ. އޭގެފަހުންވެސް އަންގަވަނީ އިންސާނާއަށް ވާހަކަދެއްކުމާއި، އޭނާގެ ހިތުގައިވާ ޚިޔާލުތައް ފާޅުކުރުމާއި އަދި އެހެން މީހުންނާ ގުޅިގެން އުޅުމުގެ ބާރާއި ކުޅަދާނަކަން، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ޢިލްމުގެ ކުޅަދާނަކަން އޭނާއަށް ދެއްވައިފިއޭ.
ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ޤުރްއާނުގެ، ކުރީގެ ސޫރަތްތަކާއި، ކުރީގެ އާޔަތްތަކުގައި އެކިއެކި ކަންކަމާ ދޭތެރޭގައި ވަޙީގެ ބަސްފުޅު ބާވައިލައްވާއިރު، اللّـه سبحـانـه وتعـالى އެކިއެކި އެއްޗެތި ގަންދެއްވައި ހުވާކުރައްވާފައިވާކަން. އެ ވަޙީކުރައްވާ ވަޙީއެއްގެ މުހިންމުކަން ބޮޑުކަމުން ގަންދެއްވައި ހުވާކުރައްވައިފައި، އެކަމެއް ފަށްޓަވަނީ. އެހެން ގަންދެއްވައި ހުވާކުރައްވާ ތަކެތީގެ ތެރޭގައި ހިމެނެނީ ވަރަށް މުހިންމު ތަކެތި. އެންމެ ފުރަތަމަ اللّـه سبحـانـه وتعـالىގެ ޛާތުފުޅު. ޛާތުފުޅު ގަންދެއްވައި ހުވާކުރައްވައިފައި އެބަހުރި. ދެން اللّـه سبحـانـه وتعـالىގެ ކުޅަދުންވަންތަކަމާއި ޤުދްރަތްތެރިކަމަށް އިޝާރާތްކުރާ ބޮޑެތި ކާއިނާތުގެ ތެރެއިން ހިމެނޭ މުހިންމު ތަކެތި ގަންދެއްވައި ހުވާކުރައްވައިފައި އެބަހުރި. [وَالسَّمَاءِ وَالطَّارِقِ.](سورة الطّارق-١) [އުޑު ގަންދެއްވައި ހުވާކުރައްވަމޭ، އަދި ތަރި ގަންދެއްވައި ހުވާކުރައްވަމޭ.] [وَالْعَصْرِ إِنَّ الْإِنسَانَ لَفِي خُسْرٍ.](سورة العصر - 1،2)[ޒަމާން ގަންދެއްވައި ހުވާކުރައްވަމޭ.] މިހެންގޮސް އެންމެ މުހިންމު އަދި އެންމެ ބޮޑެތި ކަންކަމާއި ތަކެތި ގަންދެއްވައި ހުވާކުރައްވައިފައި އެބަހުރި.
އެހެންނަމަވެސް، ތިޔަބޭފުޅުން ޚިޔާލުކޮށްލައްވައިބައްލަވާ! މި ޤަސަމްތަކުގެ، މި ހުވާކުރެއްވި ހުވާކުރެއްވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވައިފައި ވަނީ ކޮން ހުވައެއްތޯ. އާދެ، ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، އެންމެ ފުރަތަމަ ކުރެއްވި ހުވަޔަކީ، ޤަލަމް ގަންދެއްވައި ކުރެއްވި ހުވާ. [ن وَالْقَلَمِ وَمَا يَسْطُرُونَ] (سورة القلم-1) [ޤަލަމް ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާކުރައްވަމޭ.] އަދި ޤަލަމުން އެބައިމީހުން ލިޔެ އެއުޅޭ އެއްޗެއް ގަންދެއްވައި ހުވާކުރައްވަމޭ. އެ ލިޔެއުޅެނީ ކޮންއެއްޗެއްތޯ؟ އެ ލިޔެއުޅެނީ ޢިލްމު. އެމީހުންނަށް އެނގިފައިވާ މަޢުލޫމާތު. އެއީ އެމީހުންގެ ޤަލަމުން ލިޔެ އުޅުނު އެއްޗިއްސަކީ. އެހެންވީމާ، އެ ޤަލަމާއި، އެ ޤަލަމުން ލިޔެއުޅޭ އެއްޗެހި ގަންދެއްވައި اللّـه سبحـانـه وتعـالى ކުރެއްވި ހުވާ އެއީ އެންމެ ފުރަތަމަ ކީރިތި ޤުރްއާނުގައި އެކަލާނގެ ކުރެއްވި ހުވާކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވޭ. އެހެންވީމާ، އެއިންވެސް އަޅުގަނޑުމެންނަށް އެނގެނީ، ޢިލްމަށާއި ތަޢުލީމަށް މާތްވެގެންވާ އިސްލާމްދީނުގައި ދެއްވައިފައިވާ ބޮޑު އަހަންމިއްޔަތު. ދެއްވައިފައިވާ މަތިވެރި މަޤާމު. ޤަލަމަކީ ޢިލްމަށް އިޝާރާތްކޮށްދޭ ރަމްޒެއް. މިހާރުވެސް އަޅުގަނޑުމެން އެ ބޭނުންކުރަމު. ޤަލަމަކީ ބައެއް ތަންތަނުގެ ނިޝާންތަކާއި، ބައެއް ތަޢުލީމީ މަރްކަޒުތަކުގެ އެކިއެކި ނިޝާންތަކާއި އަދި އެކިއެކި ޝިޢާރުތަކާ، އެބާވަތުގެ އެއްޗެހީގައި މިހާރުވެސް ކުރެހެމުންދާ އެއްޗެއް. ޤަލަމް އިޝާރާތް ކުރަނީ ލިޔެކިޔުމަށް، ތަޢުލީމަށް، ޢިލްމު އުނގެނުމަށް. އެހެންވީމާ، އެ މާތް އާލާތް ނުވަތަ އެ މާތް ވަސީލަތް ގަންދެއްވައި ޤުރްއާނުގައި އެންމެ ފުރަތަމައިން اللّـه سبحـانـه وتعـالى ހުވާކުރައްވައިފައިވަނީ.
އާދެ، ކޮންމެއަކަސް، އިސްލާމްދީނުގައި ތަޢުލީމަށް ދެއްވައިފައިވާ މަތިވެރި މަޤާމުގެ ވާހަކަ، މިމޭރުމުން ވަރަށް ގިނައިރުވަންދެން ދެއްކިދާނެ. އެހެންނަމަވެސް، އަޅުގަނޑު ދެކޭގޮތުގައި، އެއީ މި މަޤާމުގައި ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެއް ނޫން. އެހެންނަމަވެސް، އެ ވާހަކަތައް ކުރުކޮށްލުމުގެ ކުރިން، އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، އިސްލާމްދީނުގައި ޢިލްމަށާއި ތަޢުލީމަށް ދެއްވައިފައިވާ އަހަންމިއްޔަތު ބަޔާންވެގެންވަނީ ހަމައެކަނި ކީރިތި ޤުރްއާނުގައެއް ނޫނޭ. ކީރިތި ރަސޫލާގެ ސުންނަތުގައިވެސް ތަޢުލީމަށާއި ޢިލްމުވެރިންނަށް ދެއްވައިފައިވާ މަތިވެރި މަޤާމު ވަރަށް ޞަރީޙަ ޢިބާރާތްތަކުން ފާޅުކުރައްވައިފައިވެޔޭ. އާދެ، އެކަލޭގެފާނު ޙަދީޘް ކުރައްވައިފައިވޭ. [العلماء ورثة الأنبياء.] [ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނޭ.] އާދެ، ނަބީބޭކަލުންގެ ކިބައިން ވާރުތަވާން ހުންނާނީ ކޮންއެއްޗެއްތޯ؟ ގެދޮރުތޯ؟ މުދާތޯ؟ ފައިސާތޯ؟ ނޫނީ އެހެން އެއްޗެއްތޯ؟ އެއްވެސް ޝައްކެއްނެތް، ނަބީބޭކަލުންނަކީ ދުނިޔޭގައި ގެދޮރާއި، މުދަލާއި، ފައިސާ އެއްކުރައްވަން އުޅުއްވި ބޭފުޅުންނެއް ނޫން. އެބޭފުޅުން ދުނިޔެއަށް ވަޑައިގަތީ، އެއަށްވުރެ މާ މަތިވެރި، މާ މާތް މަޤްޞަދެއްގައި. އެބޭފުޅުން އަދާކުރައްވަމުން ގެންދެވީ މުޅި އިންސާނިއްޔަތަށް އެއަށްވުރެ މާ މަތިވެރި ޚިދުމަތްތަކެއް. އެހެންވީމާ، އެބޭފުޅުންގެ ކިބައިން ވާރުތަވާން ހުންނާނީ މުދަލާއި ފައިސާއެއް ނޫން. އެހެން ކޮންމެވެސް އެއްޗެއް. އާދެ، އެއީ ޢިލްމާއި، ޙިކްމަތާއި، ހިދާޔަތު. اللّـه سبحـانـه وتعـالىގެ ހިދާޔަތު. اللّـه سبحـانـه وتعـالى އެބޭކަލުންނަށް އަންގަވައިދެއްވި ޢިލްމުތަކާއި، އެބޭކަލުންނަށް ދެއްވި ޙިކްމަތް. އެއީ ނަބީބޭކަލުންގެ ކިބައިން ވާރުތަވާން ހުންނާނެ އެއްޗަކީ. ކީރިތި ރަސޫލާ ވިދާޅުވަނީ، އެ ވާރުތަވާ ބަޔަކީ ކޮންބައެއް ކަމަށްތޯ؟ ކީރިތި ރަސޫލާ އެ ވިދާޅުވަނީ، ނަބީބޭކަލުންގެ ކިބައިން އެތަކެތި ވާރުތަވާން ތިބި ބަޔަކީ އަދި ވާރުތަވެފައިވާ ބަޔަކީ، އަދި ވާރުތަކުރާ ބަޔަކީ ޢިލްމުވެރިންނޭ.
އާދެ، އަޅުކަންކުރުމުގެ މާތްކަން އަޅުގަނޑުމެންނަށް އެނގޭ. اللّـه سبحـانـه وتعـالى އަށް ޚާލިޞްކޮށް އަޅުކަންކުރުން އެއީ ދީނުގައި ވަރަށް މަތިވެރި މަޤާމެއް ދެއްވައިފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ. އެއިން ތިމާއަށް ލިބޭ ފައިދާތައް، އެކަން ކުރުމުން اللّـه سبحـانـه وتعـالى ތިމާއަށް ލައްވާނެ ރަޙްމަތާއި، އާޚިރަތުގައި ދެއްވާނެ ޘަވާބު. މިހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް އެނގޭ. އެކަން އެހެން އޮއްވައި ކީކޭތޯ رســول اللّـه صـلّى الله علـيـه وسـلّم ޙަދީޘް ކުރައްވަނީ! އެކަލޭގެފާނު ޙަދީޘް ކުރައްވަނީ، [فَضلُ العَالِم على العَابد كَفَضْلِى على أدناكم.] [އަޅުކަންކުރާ މީހާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަންހުރި މިންވަރީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ އާދައިގެ ފެންވަރުގެ، އެންމެ ދަށް ފެންވަރުގެ މީހާގެ މައްޗަށް ތިމަންކަލޭގެފާނުގެ މާތްކަންހުރި މިންވަރޭ.] އާދެ، އަޅުކަންކުރާ މީހާގެ މައްޗަށް ޢިލްމުވެރިޔާގެ މާތްކަންހުރި މިންވަރީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ދަށުދަރަޖައިގެ މީހާގެ މައްޗަށް ތިމަން ކަލޭގެފާނުގެ މާތްކަންހުރި މިންވަރޭ. އެހެންވީމާ، އަޅުކަމާއި، ޢިލްމު އުނގެނުމާއި، އަޅުކަންކުރ މީހާއާއި، ޢިލްމުވެރިޔާއާ، އެ ދެމެދުގައިވާ ތަފާތު ވަރަށް ޞަރީޙަ، ވަރަށް ބަލާޣާތްތެރި ޢިބާރާތަކުން ކީރިތި ރަސޫލާ ބަޔާންކޮށްދެއްވައިފައިވަނީ. އެއިންވެސް އަޅުގަނޑުމެންނަށް އެނގެނީ ހަމައެކަނި އަޅުކަންކޮށްކޮށް އިންނަ މީހަކަށްވުރެ، ޢިލްމު ހާސިލުކޮށްގެން، އެ ޢިލްމު އެހެން މީހުންނަށް އުނގަންނައިދެމުންގެންދާ މީހާގެ މާތްކަން މާބޮޑުކަން. އެއީ ކީއްވެތޯ؟ އެއީ އަޅުކަންކުރާ މީހާގެ ހުރިހާވެސް ޢަމަލެއް އެ ރައްދުވަނީ އޭނާގެ އަމިއްލަ ނަފްސަށް. އެއިން ލިބޭ ފައިދާއެއް ލިބިގަންނަނީ އޭނާ އަމިއްލައަށް. އެއިން ލިބޭ ރަޙްމަތާއި މަޣުފިރަތާއި ޘަވާބު އެއީ ހަމައެކަނި އޭނާއަށް ލިބޭނެ އެއްޗެއް. އެހެންނަމަވެސް، ކިޔަވައިދޭ މީހާ، އޭނާ އެކުރާ ޚިދުމަތް ރައްދުވަނީ ޖަމާޢަތަށް. އެ ޚިދުމަތް ރައްދުވަނީ އެހެން މީހުންނަށް. ތިމާގެ އަމިއްލަ ނަފްސަކަށް ނޫން. އެމީހާ އެކުރާ ޢަމަލެއްގެ ފައިދާ، އެމީހެއްގެ އަމިއްލަ ނަފްސަށް ރައްދުވާ މީހާއަށްވުރެ، ތިމާ އެކުރާ މަސައްކަތުގެ ފައިދާއާއި، ނަތީޖާއާއި، ލާބަ މުޅި މުޖުތަމަޢަށް، މުޅި ޖަމާޢަތަށް، އެހެން މީހުންނަށް ރައްދުވާ މީހާގެ މާތްކަން ބޮޑުކަން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެ.
އާދެ، ހަމައެފަދައިން ކީރިތި ރަސޫލާގެ އަޞްޙާބުން ޢިލްމު އުނގެނުމާއި ތަޢުލީމާ ދޭތެރޭގައި ވިދާޅުވެފައިވާ ބަސްފުޅުތައް އަޅުގަނޑުމެންނަށް މޮޓޯތަކެއް ކަމުގައި ފުދޭ. އަޅުގަނޑުމެން މިއަދު އުފުލަންވީ ޝިޢާރުތަކެއް ކަމުގައި ފުދޭ. على بن أبى طالب ހަތަރުވަނަ ޚަލީފާ ވިދާޅުވެފައިވާކަމަށް ބައެއް ފޮތްފޮތުގައި ހުރޭ. [العلم خيرمن المال.] [މުދަލަށްވުރެ ޢިލްމުގެ ހެޔޮކަން މާބޮޑޭ.] އޭގެ ސަބަބު ވަރަށް ރީތިކޮށް، އަންނަނިވި ޢިބާރާތްތަކުގައި ބަޔާންކޮށްދެއްވައިފައިވޭ. [العلم يحرسك وأنت تحرس المال.] އެންމެ ފުރަތަމަ ކަމަކީ، [ޢިލްމު އެއީ ކަލޭ ރައްކާތެރިކޮށްދޭ އެއްޗެކޭ. ކަލޭ ޙިމާޔަތްކޮށްދޭ އެއްޗެކޭ. އެކަމަކު ކަލޭ މުދާ ޙިމާޔަތްކުރަން އުޅެނީއޭ. މުދާ ރައްކާތެރިކުރަން އުޅެނީއޭ.] އެހެންވީމާ، ޢިލްމުގެ ފައިދާ، ޢިލްމުން އެ ކޮށްދޭ ޙިމާޔަތް ލިބެނީ އަޅުގަނޑުމެންނަށް. މުދާ ޙިމާޔަތްކުރުމާއި މުދާ ރައްކާތެރިކުރުން އެއީ އަޅުގަނޑުމެންކުރާ މަސައްކަތްތަކެއް. [والعلم حاكم والمال محكوم.] ހަމައެފަދައިން، [ޢިލްމަކީ ހިންގާ އެއްޗެކޭ. ނުވަތަ އެ އެހެން އެއްޗެހީގެ މައްޗަށް އޭގެ ބާރުފޯރުވާ ޙާކިމެކޭ. މުދަލަކީ އޭގެ މައްޗަށް އެހެން މީހުންގެ ބާރުފޯރާ އެއްޗެކޭ.] [والمال تنقصه النّفقة والعلم يزكو بالإنفاق.] "އެކިއެކި ހޭދަކުރުމަކީ މުދަލުން އުނިވާ ކަމެކޭ. އެއާ ޚިލާފަށް ހެޔޮކަންތައްތަކުގައި ހޭދަކުރުމަކީ ޢިލްމު އިތުރުވެ މާތްވާ އަދި އެމީހާގެ ނަފްސު ޠާހިރުވުމުގައި މައްޗަށްގެންދާ ކަމެކޭ." އެހެންވީމާ، އިންސާނުން ދުނިޔޭގައި އުޅޭއިރު އެންމެބޮޑަށް ދަހިވެތިކަން އޮންނަ އެއްޗަކީ މުދާ. ކޮންމެ މީހަކުވެސް އުޅެނީ ވީހާގިނަ މުދަލެއް އެއްކުރެވޭތޯ. ވީހާގިނަ ފައިސާއެއް އެއްކުރެވޭތޯ. އެމީހަކަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯ. އެއީ ދުނިޔެ ފެށުނީއްސުރެ މިހާތަނާ ޖެހެންދެންވެސް އަދި މުސްތަޤްބަލުގައިވެސް އެންމެންގެ މަސައްކަތް. އެއީ ދުނިޔެ ނިމެންދެންވެސް އިންސާނީ ޠަބީޢަތުގައި އެކަން އޮތްގޮތް.
އެހެންނަމަވެސް، على بن أبى طالب އެ ވިދާޅުވަނީ، [ތިޔަބައިމީހުން ތިޔަހާ ދަހިވެތިކަމާއެކު އެ އެއްޗެއް އެއްކުރުމަށްޓަކައި ރެޔާދުވާލު ތިޔަ މަސައްކަތްކުރާ މުދަލަށްވުރެ ޢިލްމު އުނގެނުން އެއީ މާ ހެޔޮކަންބޮޑު ކަމެކޭ.] އޭގެ ދަލީލުތައްވެސް އެބަ ދައްކަވާ. އެއީ ޢިލްމު އުނގެނުނީމާ، ފުރަތަމަ އެކަމުން ތިމާއަށް ޙިމާޔަތް އެބަ ލިބޭ. ތިމާއަށް ރައްކާތެރިކަން، ތިމާޔަށް ސަލާމަތްކަން އެބަ ލިބޭ. ދެންމެ މިނިސްޓަރުވެސް އެ ވިދާޅުވީ ޤައުމުގެ ސަލާމަތްކަން އޮތީ، ޤައުމުގެ އަމާންކަން އޮތީ، ޤައުމުގެ ކުރިއެރުން އޮތީ ތަޢުލީމު ފެތުރުމުގައޭ. ހަމަ على بن أبى طالب އެ ވިދާޅުވަނީވެސް އެގޮތަށް. ޢިލްމު އުނގެނުމުން އޭގެ ފައިދާ ތިމާމެންނަށް އެބަ ލިބެޔޭ. އެއާޚިލާފަށް، އަހަރެމެން ކުރާ ހުރިހާ މަސައްކަތެއް މިކުރަނީ މުދާ ރައްކާތެރިކުރުމަށް. އެހެންވީމާ، އަޅުގަނޑުމެންގެ ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ޙަދީޘްފުޅުތަކާއި އަދި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާ، މިހުރިހާ އެއްޗަކުން ޢިލްމު އުނގެނުމާއި، ޢިލްމު އުނގަންނައިދިނުމާއި، ތަޢުލީމު ހާސިލުކުރުމާ، މިކަންކަމުގެ ހުރި ފައިދާއާއި ލާބަ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ސާފުވޭ.
އާދެ، ޢިލްމު އުނގެނުމާއި، ތަޢުލީމު ހާސިލު ކުރުމުގެ ބޭނުމަކީ ހަމައެކަނި ތިމާއަށް އެއިން ލިބޭ ފައިދާތަކެއް ހާސިލުކުރުމެއް ނޫން. އެއީ ކޮންމެ ކަމެއްގައިވެސް ތިމާ ކުރިއަށްދާން ބޭނުންވާ ޝަރުޠުތަކަށްވާތީ. ފަރުދެއްގެ ގޮތުން، ދުނިޔޭގައި ތިމާއަށް ކާމިޔާބު ކުރެވޭނީވެސް ތަޢުލީމު ލިބިގެން. އެމީހަކު އެކުރާ މަސައްކަތެއް، އެކުރަންވީގޮތް ދަސްކޮށްގެން. އަދި ޖަމާޢަތެއްގެ ގޮތުގައި ކުރިއަށްދެވޭނީވެސް މީހުން އެކަންކަމަށް ތައްޔާރުވެ ތިބެގެން. އެކަންތައްތައް ކުރަންވާ އެކަށީގެންވާ މަޢުލޫމާތާއި ތަޖުރިބާ ލިބިފައި ތިބި މީހުން ތިބެގެން. އެއީ މީހުން ބިނާކުރުމަކީ. މީހުން ބިނާކުރުމަކީ، މީހުންގެ ވިސްނުމާއި، މީހުންގެ އަޚުލާޤާއި، މީހުންގެ ސުލޫކާއި، މީހުންގެ ޝަޚްޞިއްޔަތު ބިނާކުރުން. ތަޢުލީމުދޭ މަރުކަޒުތަކުން ކުރާ މަސައްކަތަކީ އެއީ. އިސްލާމީ ތާރީޚަށް ވިސްނާއިރުވެސް، އެންމެކުރީ ޒަމާނުއްސުރެ ފެށިގެން ތަޢުލީމުދޭ މަރުކަޒުތައް، މުޅި ދުނިޔޭގައި ވަނީ މަޝްހޫރުވެފައި.
އާދެ، މިޞްރުގެ ޖާމިޢުލްއަޒްހަރު ނުވަތަ މިހާރު ކިޔާގޮތުންވިއްޔާ، އަލްއަޒްހަރު ޔުނިވަރސިޓީ އެއީ ދުނިޔޭގައިވާ އެންމެ މުސްކުޅި، އެންމެދޮށީ ޔުނިވަރސިޓީ. އެތަން އުފެދުނުތާ މިހާރު އެއްހާސް އަހަރަށްވުރެ ގިނަވެއްޖެ. ހިޖުރީގޮތުން ބަލާނަމަ، މިހާރު ޖާމިޢުލްއަޒްހަރު ނުވަތަ އަޅުގަނޑުމެން އަޒްހަރޭ މިކިޔާ ތަޢުލީމީ މަރުކަޒު އުފެދުނުތާ މިހާރު އެއްހާސް ސާޅީސް އެއްއަހަރު ވެއްޖެ. މީލާދީގޮތުން ބަލާއިރުވެސް އެއްހާސް ތިރީސް އަހަރުވެއްޖެ. އެހާ މުސްކުޅި، އެހާ ދޮށި، ތަޢުލީމީ މަރުކަޒެއް މުޅި ދުނިޔޭގައިވެސް ނެތް. އެންމެ ފުރަތަމަ މުސްލިމުން ބިނާކުރި އެފަދަ ޖާމިޢާތަކާއި ޔުނިވަރސިޓީތައް އެއީ އެތަނުގެ ވާސިޠާއިން ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުން ތަޢުލީމު ހާސިލުކުރި ތަންތަނަކީ. މިޞްރުގެ ޖާމިޢުލްއަޒްހަރުގެ އިތުރަށް، އުތުރު އެފްރިކާގެ އެތަންމިތާނގައި މުސްލިމުން ބިނާކޮށްފައިވާ ޖާމިޢާތައް އެބަހުރި. ޤައިރަވާނުގައި، ސްޕޭނުގައި، ސްޕޭނުގެ ދެކުނުގައި އޮންނަ އަލްއަންދަލުސްގައި. އަދި އެނޫން ތަންތާނގައިވެސް މުސްލިމުން ބިނާކުރި ޖާމިޢާތަކުން، އެ ޒަމާނުގައި ދިރިއުޅުނު ޔޫރަޕުގެ މީހުން އެންމެ ފުރަތަމަ ތަޢުލީމު ހާސިލު ކުރަމުން ގެންދިޔައީ. އަދި ޔޫރަޕުގެ އެކިއެކި ރަސްރަސްކަލުންގެ ދަރިދަރިކަލުން ފޮނުއްވަމުން ގެންދެވީ، މިދެންނެވި އިސްލާމީ ޖާމިޢާތަކަށް. އިސްލާމީ ޔުނިވަރސިޓީތަކަށް.
ގުރީކު މީހުންގެ ފަލްސަފާއާއި، ގުރީކު މީހުންގެ ހުރިހާ ޢިލްމުތައް، މިހާރުގެ ޔޫރަޕު މީހުންނަށް ވާސިލުކޮށްދިން ބަޔަކީ މުސްލިމް ޢަރަބީން. އެމީހުން ގުރީކު ބަހުން ފުރަތަމަ ޢަރަބިބަހަށް ތަރުޖަމާކުރި ގުރީކު މީހުންގެ ފަލްސަފާއާއި، ޙިކުމަތާއި، އެމީހުންގެ އެކިއެކި ޢިލްމުތަކާއި ފަންނުތައް ޢަރަބިބަހަށް ތަރުޖަމާކޮށްގެން ސްޕޭނުގައި ހުރި މި ދެންނެވި ޔުނިވަރސިޓީތަކުގެ ފަރާތުން އެ ޢިލްމުތަކާއި، އެ ހުނަރުތަކާއި، އެ ފަންނުތައް މިހާރުގެ ޔޫރަޕު މީހުންނަށް ލިބުނީ. އެހެންވީމާ، އެއްޒަމާނަކުން އަނެއް ޒަމާނަކަށް ތަޢުލީމު ވާސިލުކުރުމުގެ ކަންތައްތަކާއި، ޔޫރަޕުގެ މިހާރުގެ ތަޢުލީމު ބިނާވެފައިވަނީ އޭރުގެ ގުރީކުގެ ފަލްސަފާއާއި ޢިލްމުތަކުގެ މައްޗަށް ކަމަށްވާނަމަ، އެ ބައި މިހާރުގެ ޔޫރަޕުގެ މީހުންނާ ހަމަޔަށް ގެންގޮސްދިނީވެސް މުސްލިމުން، ޢަރަބީން. އެމީހުން ޔޫރަޕުގައި އޭރު އުފައްދައިގެން އުޅުނު ޖާމިޢާތަކުގެ ވާސިޠާއިން.
އާދެ، އެހެންވީމާ، ތަޢުލީމަށާއި ޢިލްމަށް ދީނުގައި ދެއްވައިފައިވާ އަހަންމިއްޔަތު ފާޅުވާން އޮތީ ހަމައެކަނި ޤުރްއާނުންނެއް ނޫން. އަދި ހަމައެކަނި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުންނެއް ނޫން. އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކުންނެއްވެސް ނޫން. އެބޭފުޅުން ޢަމަލީގޮތުން އަޅުގަނޑުމެންނަށް ދެއްކެވި އަދި މިހާތަނާ ޖެހެންދެން އަޅުގަނޑުމެންނާ ހަމަޔަށް ވާސިލުވެފައިވާ ކަންތައްތަކުން. އަޅުގަނޑު ދެންނެވީ، އެންމެ ފުރަތަމަމަދަރުސާގެ ބާނީއަކީ، ކީރިތި ރަސޫލާއޭ. އެކަލޭގެފާނު އަޞްޙާބު ބޭކަލުންނަށް ކިޔަވައިދެއްވީ، ކީރިތި ޤުރްއާން އަދި ދީނުގެ ޙުކުމްތައް. އޭގެ އިތުރަށް ޙަޔާތުގައި، ދިރިއުޅޭއިރު ދިމާވާ ކަންތައްތަކާއި އެކަންތައްތަކުގައި ޢަމަލުކުރަންވީ ގޮތްތައްވެސް ކިޔަވައިދެއްވި. އެކިއެކި މަޢުލޫމާތާއި ތަޖުރިބާ، އެބޭކަލުންނަށް ދެއްވީ، އެންމެ ފުރަތަމަ ކީރިތި ރަސޫލާ. އޭގެފަހުގައި ކީރިތި ރަސޫލާގެ އަރިހުން އޭރު ދަރިވަރުވި ބޭފުޅުންނަކީ، އެންމެ ފުރަތަމަ ޚަލީފާއިންނާއި އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ ބޮޑެތި، އެންމެމާތް ޢިލްމުވެރި ބޭފުޅުން. ހަމައެއާއެކު، ކީރިތި ރަސޫލާއާއި، އަޞްޙާބު ބޭކަލުންގެ އަނބިއަނބިކަނބަލުން. އޭގެފަހުން އައި މުސްލިމުންނަށް ޢިލްމީ ހުރިހާ ތަރިކައެއް ވާރުތަވެފައިވަނީ މިދެންނެވި ބޭބޭފުޅުންގެ ފަރާތްޕުޅުން. ހަމަ އެ ތަޤްލީދު މުސްލިމުން ގެންދިޔައީ ކުރިއަށް. މުސްލިމުން ފަތަޙަކުރާ ކޮންމެ ޤައުމެއްގައިވެސް އެންމެ ފުރަތަމަ އެމީހުން ބިނާކުރަނީ މިސްކިތެއް ނޫން. އެންމެ ފުރަތަމަ އެމީހުން ބިނާކުރަނީ ތަޢުލީމީ މަރުކަޒެއް. އެމީހުންދާ ކޮންމެ ތަނެއްގައިވެސް އެންމެ ފުރަތަމަ އަޅަނީ މަދަރުސާއެއް. ކޫފާގައި، ބަޝަރާގައި، ދިމިޝްޤުގައި، ބަޣްދާދުގައި، މިޞްރުގައި. މިހެންގޮސް ހުރިހާ ތަނެއްގައިވެސް އެންމެ ފުރަތަމަ މުސްލިމުން ބިނާކުރި ތަންތަންވީ ތަޢުލީމީ މަރުކަޒުތަކަކަށް. ހަމަ އެތާނގައި ނަމާދުވެސް ޤާއިމުކޮށް ހަދަނީ. އެހެންވީމާ، އެތަންތަން މިސްކިތްތަކަށްވެސް ވަނީ. އެހެންނަމަވެސް، އެންމެ ފުރަތަމަ އެމީހުން އަހަންމިއްޔަތު ދީފައި އޮތީ މީހުންނަށް ކިޔަވައިދިނުމަށް. އެހެންވީމާ، އިސްލާމީ ޙަޟާރަތު، އެހާ އަވަސް މުއްދަތެއްގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން އެދިޔައީ.
އާދެ، މިކަންކަން މިހެން ހުރުމުން، އަޅުގަނޑުމެން މިހާރުވެސް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީ ކުރަން ބޭނުންވާނަމަ، ތަރައްޤީގެ މަގުގައި ކުރިއަށްދާންވީ މަގު އެއޮތީ އަޅުގަނޑުމެންނަށް ސާފުކޮށް އެނގެން. އަޅުގަނޑު ދެންނެވިން. ކޮންމެ ކަމަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭނީ، އަޅުގަނޑުމެންގެ މާޒީއާއި، އަޅުގަނޑުމެން މިހާރު މިއުޅޭ ހާޒިރާއި އަދި އަޅުގަނޑުމެންގެ މުސްތަޤްބަލް އެޔާ ގުޅިފައިވާ ގޮތެއްގައޭ. ހަމަ ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާއިރުވެސް، ވިސްނަންޖެހޭނީ އަޅުގަނޑުމެންގެ ޤައުމިއްޔަތާއި، ދީނާއި، ޘަޤާފަތާއި އަދި އަޅުގަނޑުމެންގެ ކުރިއެރުން އޭގައި އެކުލެވިގެންވާ ގޮތެއްގައޭ. އެހެންވީމާ، މާޒީގައި މުސްލިމުން ތަޢުލީމަށާއި ޢިލްމަށް ދީފައިވާ އަހަންމިއްޔަތު އަޅުގަނޑުމެންނަށް މިއަދު ސާފުވެގެން އަދި އެ ދިން އަހަންމިއްޔަތެއްގެ ސަބަބުން އެމީހުން އެ ކުރިއެރި ކުރިއެރުން އަޅުގަނޑުމެންނަށް ރަނގަޅަށް ވަޒަންކުރެވިގެން މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮންނާނީ. އޭރު އެމީހުން ތަޢުލީމަށް އެ ދިން އަހަންމިއްޔަތެއްގެ ސަބަބުން އެޒަމާނުގެ މުސްލިމުން ތިބީ މުޅި ދުނިޔޭގައި އެންމެ މަތިވެރި އެންމެ ޝަރަފުވެރި ބައެއްގެ ގޮތުގައި. އެންމެ ބާރުގަދަ ބައެއްގެ ގޮތުގައި. މިހާރު އަޅުގަނޑުމެން މިއަހަނީ ރަޝާގެ ވާހަކަ. އެމެރިކާގެ ވާހަކަ. ފަރަންސޭސިވިލާތުގެ ވާހަކަ. އެމީހުން ހަދައިގެން އުޅޭ އެޓޮމިކް ބޮމާއި، ހައިޑްރޯޖަން ބޮމާއި، ރޮކެޓްތަކާއި، އެކިއެކި ނުރައްކާތެރި ހަތިޔާރުތަކުގެ ވާހަކަ މިހާރު އަޅުގަނޑުމެން އަހައިގެން އަޅުގަނޑުމެން މިތިބެނީ އެމީހުންދެކެ ބިރުން. އެކަމަކު އެޒަމާނުގައި ކަންތައް އޮތީއަކީ އެހެނެއް ނޫން. އެޒަމާނުގައި އެހުރިހާ ކަމެއްގައިވެސް ކުރިއަށް ގޮސްފައި ތިބީ މުސްލިމުން، ޢަރަބިން. އޭރު ދުނިޔޭގެ އެހެން ޤައުމުތައް އިސްލާމީ އުންމަތްދެކެ ބިރުގަނޭ. އެހެން ހުރިހާ ޤައުމުތަކުގެ ކުރިމަތީގައި، އިސްލާމީ އުންމަތް ހިމެނިފައި އޮތީ އެންމެ މަތިވެރި، އެންމެ ޝަރަފުވެރި މަޤާމުގައި. އެއީ ކީއްވެތޯ؟ އެއީ އެމީހުން ތަޢުލީމަށާއި ޢިލްމަށް އެ ޒަމާނުގައި ދިން އަހަންމިއްޔަތެއްގެ ބޮޑުކަމުން.
މުސްލިމުން ފަހަށްޖެހުނީ އެކަންތައްތައް އެމީހުން ދޫކޮށްލީމާ. އެމީހުންގެ ޚިޔާލު ބަދަލުވީމާ. އެމީހުންގެ ވިސްނުމަށް އައި ބަދަލުތަކެއްގެ ސަބަބުން، ދިމާވި ކަންތައްތަކެއްގެ ސަބަބުން ތަޢުލީމަށާއި ޢިލްމަށް އެމީހުން ދެމުން ގެނައި އަހަންމިއްޔަތު ދޫކޮށްލީ. އެގޮތަށް ދޫކޮށްލުމުގެ ސަބަބުން މިހާރު މުސްލިމުން މިތިބީ، އަޅުގަނޑުމެން އެންމެންވެސް ދަންނަ ފަދައިން، ވަރަށްދަށު ދަރަޖަޔަކަށް ގޮސްފައި. ދުނިޔޭގެ އެހެން މީހުންގެ ކުރިމަތީގައި އެއްވެސް ޤަދަރެއް ނެތް ބަޔަކަށްވެފައި. ޤަދަރެއްނެތޭ މިދެންނެވީ ބާރުގެ ގޮތުން ޤަދަރެއް ނެތް ވާހަކަ. މިއަދު މުސްލިމުންނަކީ ބާރުހުރި ބައެއް ކަމަކަށްނުވޭ. މިއަދު މުސްލިމުންނަށްވުރެ އެހެން ޤައުމުތަކުގެ މީހުން ވަނީ މާބޮޑަށް ކުރިއަރައި ގޮސްފައި. އެހެންވާންޖެހުނު ސަބަބަކީ، ތަޢުލީމަށް އިސްލާމުން ދެމުން ގެންދިޔަ އަދި ދެމުން އައިސްފައިވާ އަހަންމިއްޔަތު ދޫކޮށްލުން. މިކަހަލަ މުނާސަބަތެއްގައި، އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެން ކުރިއަށްދާން އޮތް މަގު އެއީ ކޮން މަގެއްކަން އަޅުގަނޑުމެން ބަލައި އެކަށައަޅަން އެބަޖެހޭ.
ރާއްޖެ ކުރިއަށްދާނީ އެންމެ ފުރަތަމަ ރާއްޖޭގައި އެކަށީގެންވާ ތަޢުލީމެއް އޮވެގެން. ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އެ ވިދާޅުވި ފަދައިން، މުޅި ރާއްޖޭގައި ޕްރައިމަރީ ތަޢުލީމު ފެތުރިގެން. މުޅި ރާއްޖޭގައި ހުރިހާ އެންމެންނަށް، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް އިބްތިދާއީ ތަޢުލީމު، އާދެ، ޕްރައިމަރީ ތަޢުލީމުގެ ފައިދާ ލިބިގެން. އެއީ އެންމެ ފުރަތަމަ ފިޔަވަޅު. އޭގެފަހުގައި އެކިއެކި ކަންކަމަށް ޚާއްޞަވާނެ ފަރާތްތަކެއް ހޮވިގެން. އެކިއެކި ކަންކަމަށް ބޭނުންވާ އިތުރު މަޢުލޫމާތާއި ތަޖުރިބާ ލިބޭނޭ ގޮތްތަކެއް ހަމަޖެހިގެން. އެގޮތަށް އަޅުގަނޑުމެންގެ ތަޢުލީމު ރާވައިގެން ނުގެންދާ ކަމަށްވަންޏާ، މުސްތަޤުބަލުގައި އަޅުގަނޑުމެންނަށް ކުރިއަށްދާނެ މަގު އެއީ ފެންނާނެ އެއްޗެއް ނޫން. މިހާރުވެސް އަޅުގަނޑުމެންނަށް އެންމެ ދަތިވެގެން އުޅޭ ކަންތައް، ދެންމެ މިނިސްޓަރުވެސް އެ ބަޔާންކުރެއްވީ. އާދެ، މީހުން މަދުކަން. އެއްވެސް ކަމެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ މީހުން ނެތްކަން. އެއީވެސް އަޅުގަނޑުމެން ތަޢުލީމާ ދޭތެރޭގައި މުޅިން އިހުމާލުކޮށްލައިފައި އޮތުމުގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް. މިހާރު ސަރުކާރުގެ ސްކޫލުތަކުގައި، މާލޭގައި ސަރުކާރުގެ ސްކޫލުތަކުގައި ކިޔަވައިދޭ ގިނަ ޓީޗަރުން އެއީ ދިވެހިންނެއް ނޫން. ބޭރު ޤައުމުތަކުން ގެންނަން ޖެހިފައިވާ ބައެއް. އެމީހުން ކިހިނެއްތޯ އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ހެޔޮހިތުން، އޭގެ މަޤްޞަދު ހާސިލުވާގޮތަށް ދޭނީ! އަޅުގަނޑުމެންގެ ދަރިންގެ މަޞްލަޙަތު އޮންނާނީ އަޅުގަނޑުމެންގެ ހިތުގައި. އެ ދަރިންނަށް ފައިދާހުރި ގޮތަކަށް ތަޢުލީމު ދެވޭނީ ހަމަ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ތެރެއިން އުފެދޭ މުދައްރިސުންނަށް، ޓީޗަރުންނަށް. ކުރިން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އެހެން ގޮތަކަށް ބަދަލުވެގެންދިޔައިރު، އާދެ، އެއީ 1960 ވަނަ އަހަރު ނޫނީ 1961 އެހާ ތާނގައި. އެދުވަސްވަރު ތަޢުލީމީ ނިޒާމު ބަދަލުވެގެން ދިޔައިރު، ސަރުކާރުން މި ނުކުތާއަށް ވިސްނެވިކަމަށްވާނަމަ، މިއަދު އަޅުގަނޑުމެން މި ކުރިމަތިލާންޖެހޭ ދައްޗާ ކުރިމަތިލާކަށް ނުޖެހޭނެ. މިދެންނެވީ އޭރުއްސުރެ ވިސްނައިގެން އަޅުގަނޑުމެން ޓީޗަރުން، މުދައްރިސުން އުފައްދަމުން ގެންދިޔަނަމަ، މިއަދު މަޖީދިއްޔާ ސްކޫލުގައާއި، އަމީނިއްޔާ ސްކޫލުގައާއި، އިސްކަންދަރު ސްކޫލުގައާއި އަދި އެނޫން ތަންތާނގައިވެސް ޓީޗަރުންގެ ގޮތުގައި ތިބޭނީ ދިވެހިން. އެކަމަކު އަޅުގަނޑުމެން ވަކިގޮތަކަށް ގެންދަން ސިޔާސަތެއް ކަނޑައެޅީ. އެއީ އިނގިރޭސިބަހުން ކިޔަވައިދީގެން ކުރިއަށް ގެންދަން. އެއީ ހަމަ އެކަން އޮންނަންވީގޮތް. އަޅުގަނޑުމެންގެ ތަޢުލީމު ކުރިއަށް ގެންދިޔުމުގައި އިނގިރޭސިބަސް ބޭނުންކުރަންޖެހޭނެކަމަށް އަޅުގަނޑުވެސް ހަމަ މުޅިން އެއްބަސް. އެއީ އަޅުގަނޑުމެންގެ ދިވެހިބަހުގައި އެހެނިހެން ޢިލްމުތަކުގެ ފޮތްތަކެއް އަދި އެކުލެވިފައެއްނެތް. އަޅުގަނޑުމެންގެ ބަހުން ސައިންސާބެހޭ މާއްދާތަކެއް ލިޔެވިފައެއް ނެތް. ހިސާބު ޢިލްމުގެ ފޮތްތަކެއްވެސް އެ ފެންވަރަކަށް ލިޔެވިފައެއް ނެތް. މިއަދުގެ ތަޢުލީމަށް ބޭނުންވާ މާއްދާތައް ލިޔެވިފައި ހުރީ އިނގިރޭސިބަހުން. އެހެންވީމާ، އަޅުގަނޑުމެންގެ ހިސާބުގަނޑުގައި އިނގިރޭސިބަސް އެއީ ވާސިޠާއެއް ކަމަށް ނަހަދައި، އަޅުގަނޑުމެންނަށް ކުރިއަށްދެވޭކަށް ނެތް. އެކަމާ މުޅިން އަޅުގަނޑު އެއްބަސް. އެހެންނަމަވެސް، އެ މުހިންމު ސިޔާސަތު ސަރުކާރުން ކަނޑައެޅުއްވިއިރު، ރާއްޖޭގައި މުދައްރިސުން އުފެއްދުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް އަޅުއްވައިފައެއްނުވޭ. އެއްވެސް ކަހަލަ ޕުރޮގުރާމެއް ރާއްވަވައިފައެއްނުވޭ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު އަޅުގަނޑުމެން މި ހިތި ތަޖުރިބާތަކާ ކުރިމަތިލާން ޖެހިފައި މިތިބީ. އެކަން މިހާރުގެ ސަރުކާރަށް އިހުސާސް ކުރެވޭތީ، މުދައްރިސުން ތަމްރީނު ކުރުމަށް އެހާބޮޑު އަހަންމިއްޔަތެއްދީގެން، ތަޢުލީމީ ދާއިރާއަށް އެހާމަތީ މަޤާމެއްދީގެން، އެހާބޮޑު ހަރަދުތައް ކުރަމުން މި ގެންދަނީ. ދެންމެ މިނިސްޓަރު އެ ވިދާޅުވި ފަދައިން، މީގެ ތިން އަހަރު ކުރީގައި ތަޢުލީމާބެހޭ މުވައްޒަފުންގެ ތެރެއިން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ރާއްޖެތެރެއަކު ނެތް. މިއަދު ސަތޭކަ އެތައް މީހުނެއް ތިބިކަމަށް އޭނާ އެ ވިދާޅުވީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން، އަޅުގަނޑުމެންގެ ރާއްޖޭގައި، ރާއްޖޭގެ ދަރިންނަށް ކިޔަވައިދޭނޭ، ރާއްޖޭގެ މުދައްރިސުން ތިއްބަވައިގެން އަޅުގަނޑުމެންނަށް ތަޢުލީމު ފެތުރެން އަންނަނީ ދިވެހިން އުފައްދައިގެން. އަޅުގަނޑުމެންގެ އެހެން ކަންތައްތައް ކުރިއަށް ގެންދެވެން އަންނަނީވެސް ތަޢުލީމު ލިބުނު މިންވަރަކުން.
އާދެ، ކޮންމެއަކަސް މިއަދުގެ ޖަލްސާ މިހާރުވެސް ވަރަށް ދިގުލައިގެން ހިނގައްޖެ. އަޅުގަނޑުވެސް ގަސްދުކޮށްގެން ހުރީ ތަންކޮޅެއް ކުރުކޮށް ވާހަކަ ނިންމައިލަން ކަމަށް. އެހެންނަމަވެސް، ދުވަހުގެ މުނާސަބަތުގެ މުހިންމުކަމުންނާއި، އަދި އަޅުގަނޑުމެން ވިސްނަންޖެހޭ ވިސްނުންތަކުގެ މުހިންމުކަމުން، ބައެއް ވާހަކަތައް ދަންނަވައިލަން ޖެހުމުގެ ސަބަބުން ތަންކޮޅެއް ދިގުވެގެންދިޔައީ.
އަޅުގަނޑުގެ ވާހަކަ ނިންމައިލުމުގެ ކުރިން އަދި އެއްވާހަކައެއް ދަންނަވައިލަން ބޭނުންވޭ. އެއީ މި މަދަރުސާ، އާދެ، މަދްރަސަތުލް އިފްތިތާޙު މިހާތަނާ ޖެހެންދެން މިއައީ ތަޢުލީމީ މައިދާނުގައި ވަރަށް ވަރުގަދަ ޖިހާދެއް ކޮށްގެން. 50 އަހަރުގެ ދިގު ޖިހާދެއް، މި މަދަރުސާގެ ފަރާތުން ވަނީ ކޮށްފައި. އެ ޖިހާދު ކުރުމުގައި މި މަދަރުސާ ދިވެހިރާއްޖޭގެ ތަޢުލީމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ވަނީ ކޮށްފައި. މި މަދަރުސާއަށް އެކިއެކި ދައުރާ ކުރިމަތިލާން ޖެހުނު. ބައެއްފަހަރު ސަރުކާރުގެ ތަނެއްގެ ގޮތުގައި. އަނެއްބައިފަހަރު ނައިފަރު ރައްޔިތުންގެ ތަނެއްގެ ގޮތުގައި. އަނެއްބައިފަހަރު ފާދިއްޕޮޅު ރައްޔިތުންގެ ތަނެއްގެ ގޮތުގައި. ބައެއްފަހަރު ސަރުކާރުގެ އެހީ ލިބޭ. އަނެއްބައިފަހަރު ސަރުކާރުގެ އެހީއެއް ނުލިބޭ. އެކަހަލަގޮތަކަށް ދައުރުތަކެއް ކަޑައްތު ކުރަމުން ގޮސް، މި މަދަރުސާގެ ކަންތައް މިހާތަނަށް އައިސް މިއޮތީ. މިހާރުވެސް މި މަދަރުސާ ހިމެނިފައިވަނީ ސަރުކާރުން އެހީ ލިބޭ ތަނެއްގެ ގޮތުގައި. އެއީ އަމިއްލަ މަދަރުސާތަކާއި މަކްތަބުތަކުގެ ތެރެއިން މެދުނުކެނޑި 10 އަހަރު ވަންދެން ހިނގާފައިވާ ތަންތަނަށް ސަރުކާރުން އެހީދޭ އިންތިޒާމު ހަމަޖެއްސުމާ ގުޅިގެން. އެ އިންތިޒާމުގެ ދަށުން މިތަނަށް އެހީ ލިބެމުން ދަނީ. އަދި ޚާއްޞަކޮށް، މި 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ހަމަޖެހުމާ ގުޅިގެން، މި މަދަރުސާގެ ޢިމާރާތް ބިނާކުރުމުގަޔާއި އަދި އެނޫންވެސް ކަންކަމުގައި، ސަރުކާރުގެ އެހީ އެކަށީގެންވާ މިންވަރަކަށް ވަނީ ލިބިފައި. އެހެންވީމާ، މި މަދަރުސާ އެތައް ދައުރުތަކެއް ކަޑައްތު ކޮށްގެން މިހާތަނަށް މިއައީ. އެހެންވާންޖެހުނު ސަބަބަކީ އަޅުގަނޑު ހިތުން ކަނޑައެޅިގެން އެއްގޮތަކަށް ހަމަޖެހިފައި ނެތިގެން. ވަކި އުސޫލެއްގެ މަތިން ސަރުކާރުން ހަމަޖެއްސި ގޮތެއްގެ މަތިން ހިނގަމުން އައިނަމަ، ތަފާތު އެކި ދައުރުތަކާ ކުރިމަތިލާކަށް ނުޖެހޭނެ. ބައެއްފަހަރު ކުރިއަށް، އަނެއްބައިފަހަރު ފަހަތަށް އެހެންދާކަށް ނުޖެހޭނެ.
އެހެންވީމާ، އަޅުގަނޑަށް ހީވަނީ މިހާރު މި މަދަރުސާ، "މަދްރަސަތުލް އިފްތިތާޙް" އާ ދައުރަކާ ކުރިމަތިލާންވެއްޖެހެން. 50 އަހަރަކީ ވަރަށްދިގު މުއްދަތެއް. 50 އަހަރު މަދަރުސާއެއް ޚިދުމަތް ކުރަމުން ގެންދިޔުމަކީ ކުޑަކަމެއް ނޫން. އަދި ޚާއްޞަކޮށް، ރާއްޖޭގައި އަދި އެއަށްވުރެ ޚާއްޞަކޮށް، ރާއްޖެތެރޭގައި ކަންތައްތައް ހުރިގޮތަށް ބަލާއިރު ތަޢުލީމު ދޭ މަދަރުސާއެއް، މަކްތަބެއް ނުވަތަ މަރުކަޒެއް އެހާގިނަ ދުވަސް ވަންދެން ހިނގިކަން އެއީ ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. ސަރުކާރުގެ އެހީއެއް ދާއިމީގޮތެއްގައެއް ނެތް. މުދައްރިސުން ލިބުން އެހާދަތި. ހަރަދުކުރާނެ ފައިސާއެއް ނުހުރޭ. ރާއްޖެތެރޭގެ މުއާޞަލާތުގެ ކަންތައް އޮންނަގޮތް އަޅުގަނޑުމެން އެންމެންނަށް އެނގޭ. މިކަންކަން މިހެން ހުރުމާއެކުވެސް 50 އަހަރު ވަންދެން އެހާގިނަ ޚިދުމަތްތަކެއް ކުރިކަން އެއީ އަޅުގަނޑު ދަންނަވާނީ މި މަދަރުސާގެ ފަރާތުން ކުރި ވަރަށް ވަރުގަދަ ޖިހާދެކޭ. އެހެންވީމާ، މި މަދަރުސާއަށް ވޭތުވެދިޔަ ތާނގައި ކުރިމަތިލާންޖެހުނު ދަތިތައް އެއީ ދެން މީގެފަހުން އެއްގޮތަކަށްވެސް މި މަދަރުސާ ކުރިމަތިލާން ޖެހިގެންވާނެ ދަތިތަކެއް ނޫން. އަދި އެ ދަތިތައް މުޅިން އެއްކިބާކުރުމަށްޓަކައި އަޅުގަނޑަށް ހީވަނީ މި މަދަރުސާ، އާ ދައުރަކާ ކުރިމަތިލާންވެއްޖެހެން. އެއީ މި މަދަރުސާގެ 6 ވަނަ ދައުރު.
އެހެންވީމާ، ވަރަށް އުފަލާއެކު އަޅުގަނޑު މިއަދު މި ދަންނަވަނީ، މިއަދުން ފެށިގެން މަދްރަސަތުލް އިފްތިތާޙު ވާނީ ސަރުކާރުގެ މަދަރުސާއެއް ކަމަށް. އާދެ، އެއީ ހަމައެކަނި މަދަރުސާ ނިސްބަތްވާ ފަރާތުގެ ނަމަށް އައި ބަދަލެއް ނޫން. ނައިފަރު ރައްޔިތުންގެ ނަމުގައި އޮތް މަދަރުސާއެއް، ސަރުކާރުގެ ނަމަށް ބަދަލުވާ ބަދަލުވުމެއް ނޫން. މިގޮތަށް ބަދަލުވެގެން ލިބޭނެ ފައިދާތަކަށްޓަކައި ގެނެވޭ ބަދަލެއް. މިހާރުގެ މުދައްރިސުންގެ އަދަދަށް ބަލާއިރު ތިބެނީ 7 މުދައްރިސުން. އެއްބައި މުދައްރިސުން ތިބެނީ ބައެއް ވަގުތު ކިޔަވައިދޭގޮތަށް. އެ މުދައްރިސުންގެ މުސާރައަށް ދޭންޖެހޭ ފައިސާ، ނައިފަރު ރައްޔިތުންނަކަށް ޙިއްޞާކުރެވޭކަށެއް ނޯވޭ. ނައިފަރު އޮފީހަކުންވެސް އެބައި ދެވޭކަށެއްނޯވޭ. މަދަރުސާއަށް ބޭނުންވާ އެހެން ހަރަދުތައްވެސް ކުރާނެ ފައިސާއެއް މަދަރުސާއަކަށް ލިބިފައެއްނޯވޭ. އެހެންވީމާ، މި މަދަރުސާއަކީ ސަރުކާރުގެ ތަނެއް ކަމަށްވުމުން، އެހުރިހާ ކަމެއް ހަމަޖެހޭނެ. ވީމާ، މަދަރުސާގެ ހުރިހާ މުވައްޒަފުންނަށާއި މުދއްރިސުންނަށް މުސާރަދޭނީ ސަރުކާރުގެ ފަރާތުން. މަދަރުސާއަށް ބޭނުންވާ ހުރިހާ ކަމެއް ކުރަމުން ގެންދާނީ ސަރުކާރުން. ގޮނޑި މޭޒު ހޯދައިދޭނީ ސަރުކާރުން. ކިޔަވާފޮތް، އެހެންގޮސް ސަރުކާރުގެ ސްކޫލުތަކުގައި ހަމަޖެހިފައިވާ ހުރިހާ އިންތިޒާމުތަކެއް އިރާދަކުރެއްވިއްޔާ މަދްރަސަތުލް އިފްތިތާޙުގައި ހަމަޖެހޭނެ.
ހަމައެއާއެކު، އަޅުގަނޑު ދަންނަވަން، މި ފިޔަވަޅު އަޅަން ސަރުކާރުން މިއަދު މި ގަސްދުކުރީ މިދެންނެވިފަދަ ދިގު މުއްދަތެއްގައި އެހާ މަތިވެރި ވަރުގަދަ ޖިހާދެއް، މި މަދަރުސާގެ ފަރާތުން މެދުކެނޑުމެއްނެތި ކުރަމުން އައުމުގެ ސަބަބުން. އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނާއި އަދި އެ ޖިހާދުގެ އަގު ސަރުކާރުން ވަޒަންކުރުމުގެ ގޮތުން. 50 އަހަރު ހަމަނުވިކަމުގައިވިޔަސް، ވަރަށްގިނަ ދުވަސް ވަންދެން ޚިދުމަތްކޮށްފައި ހުރި މިނޫންވެސް މަދަރުސާތައް ރާއްޖެތެރޭގައި އެބަހުރި. ބައެއް ރަށްރަށުގައި އެބަހުރި 30 އަހަރުވެފައި ހުރި ތަންތަން. އަނެއްބައި ރަށްރަށުގައި އެބަހުރި 20 އަހަރު ވެފައި ހުރި ތަންތަން. އެތަންތަނަށްވެސް މިހާރު ސަރުކާރުން މިގެންދަނީ ހަމައެކަނި 10 އަހަރުވީ ތަންތަނަށްދޭ އެހީދެމުން. އެހެންވީމާ، މިއަދުން ފެށިގެން އެ އުސޫލަށްވެސް ބަދަލެއް އަންނާނެ. 20 އަހަރުވީ ތަންތަނަށް އިތުރު އެހީ ލިބޭނެ. އަދި 30 އަހަރުވީ ތަންތަނަށް އެއަށްވުރެ އިތުރު އެހީ ލިބޭނެ. އެ އުސޫލުތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިޢުލާނު ކުރެވޭނެ. ކޮންމެއަކަސް އަޅުގަނޑުގެ ބޭނުމަކީ މި މުނާސަބަތުގައި މިކަން ނައިފަރުގެ ރައްޔިތުންނަށާއި، މަދްރަސަތުލް އިފްތިތާޙުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރިންނަށް އަދި މުޅި ދިވެހިރާއްޖޭގެ ތަޢުލީމަށް ލޯބިކުރާ އެންމެންނަށް ދަންނަވައިލުން. ހަމައެއާއެކުގައި ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގެ ތަޢުލީމަށްދޭ އަހަންމިއްޔަތާއި، ޚަރަދުކުރާ ފައިސާ، ކުރިއަށް އޮތް ތާނގައި އެތައް ގުނައެއް އިތުރުވެގެންދާނެކަން ހާމަކޮށްދިނުން.
އާދެ، 1982 ވަނަ އަހަރަށް ފާސްވި ބަޖެޓުގައި ތަޢުލީމަށް ގާތްގަނޑަކަށް ސަތޭކައަކުން ސަތާރަ ހިމެނިފައިވާ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. ޙަޤީޤަތުގައި ދައުލަތުގެ ހަރަދުގެ ސަތޭކައަކުން ސަތާރައަށްވުރެ މާބޮޑު ބައެއް ތަޢުލީމަށްދާނެ. އެއީ އަޅުގަނޑުމެންގެ އާންމު ބަޖެޓުގައި އެބައި އެކުލެވިގެން ނުވިޔަސް، ސަރުކާރުން ކުރާ އެކިއެކި މަސައްކަތްތަކުގެ ސަބަބުން ބޭރުގެ ފަރާތްތަކުން ލިބޭ އެހީއާއި، ލޯނާއި އަދި ކުރިން ފާސްވެފައިވާ ޚާއްޞަ ބަޖެޓުތަކާ، މިކަހަލަ އެއްޗެހިން ލިބޭ ފައިސާގެ ވަރަށްބޮޑު ބައެއް ތަޢުލީމަށް ހަރަދުވެގެންދާނެ. އެހެންވީމާ، ދައުލަތުގެ ޙަޤީޤީ ހަރަދުގެ ސަތޭކައަކުން ސަތާރައަށްވުރެ މާގިނަ އަދަދެއް ތަޢުލީމަށް މިހާރުވެސް ހަރަދުވޭ. އަދި މިއަންނަ އަހަރުވެސް ހަރަދުވާނެ. އެހެންވީމާ، ހަމައެކަނި ދައުލަތުގެ ބަޖެޓުގެ ސަތޭކައަކުން ސަތާރަ ކަމަށް ދެންނެވުމާއެކު، އެ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ވަރަށްވުރެ، މާގިނަ އަދަދަކަށް ފައިސާ ހަރަދުވާނެކަން ތިޔަބޭފުޅުންނަށް އަޅުގަނޑު މި ހާމަކޮށްދެނީ، އެއީ ބައެއް ފަރާތްތަކަށް ކުޑަކޮށް އޮޅިފައި އޮވެދާނެ ކަމަކަށްވާތީ.
ކޮންމެއަކަސް، އަދިވެސް އެއްފަހަރު މަދްރަސަތުލްއިފްތިތާޙުގެ ދަރިވަރުންނަށާއި، މަދްރަސަތުލްއިފްތިތާޙުގެ މުދައްރިސުންނަށާއި، ހިންގުންތެރިންނަށާއި، ނައިފަރުގެ ރައްޔިތުންނަށާއި، ފާދިއްޕޮޅުގެ ރައްޔިތުންނަށް މި މުހިންމު މުނާސަބަތުގައި އިޚުލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަން. އަޅުގަނޑު އެދެނީ، މަދްރަސަތުލްއިފްތިތާޙަށް، ކުރިއަށް އޮތް ދައުރުގައި އިތުރު ތަރައްޤީ ލިބެމުންދިޔުން. ރާއްޖޭގެ ތަޢުލީމަށް މުސްތަޤްބަލުގައި އިތުރު ކުރިއެރުމެއް ލިބެމުން ދިއުން. ރާއްޖޭގެ ހުރިހާ ކަމަކަށްވެސް މުސްތަޤްބަލުގައި ކުރިއެރުމާއި ތަރައްޤީ ލިބެމުން ދިއުން. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުން ކުރާ މަސައްކަތެއްގެ ސަބަބުން ދިވެހިރާއްޖެއަށް ނަޞްރާ ނަޞީބާއި، ރީތި ނަމާއި، ކުރިއެރުމާއި، ސަލާމަތާއި، އަމާންކަން ލިބެމުން ދިއުން.
والسّلام عليكم ورحمـة اللّـه وبركاته.