بســم اللّـه الرّحمـن الرّحيــم
        اَلحَمْـدُ لِلّـهِ رَبّ العَــالَمِـين، وَالصّـلاة وَالسّـلام علـى أشـرف الأنبياء والمرسـلين، وَعلـى آلـه وأصـحابـه أجمـعـين.
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަޅުގަނޑުގެ އަޚު މުޙައްމަދު ސަޢީދު، މޯލްޑިވްސް ޕޯޓްސް ކޮމްޕެނީގެ ހީވާގި އެމް.ޑީ. އަޅުގަނޑުގެ އަޚު ޖުނައިދު، މި ފޭދޫ ދާއިރާގެ، އަޅުގަނޑުމެންގެ، އަޅުގަނޑު ދަންނަވާނީ، ޒުވާން އެމް.ޕީ. އައި.ބީ. އަދި އަޅުގަނޑުމެންނާ ވަރަށްގާތް އަޚެއް، ހިތަދޫ މެދުދާއިރާގެ އެމް.ޕީ. މިސްޓަރ ޑީ.ޑީ. އަދި އަޅުގަނޑުމެންނާ ތަންކޮޅެއް ދުރުން ނަމަވެސް، އަޅުގަނޑުމެންނާ ވަރަށްގާތް ގުޅުމެއް ބާއްވާ މިލަންދޫ ދާއިރާގެ މެންބަރު މުފީދު. ހަމައެގޮތަށް މި ދާއިރާއަށް ވަރަށްގިނަ އެހީތެރިކަން ދެއްވާ، އަޅުގަނޑު ދަންނަވާނީ، ފްރެޝް މާކެޓުގެ އެމް.ޑީ. އަދި ޗެއަރމަން މިސްޓަރ ނައިކް އަދި މިތަނަށް ވަޑައިގެން ތިއްބެވި މިރަށުގެ ޢިއްޒަތްތެރި ބޭފުޅުންނާއި، ކަމުވޮށިވެގެންވާ އެކިއެކި ބޭފުޅުންނާއި، ކައުސިލް ބޭފުޅުންނާއި އަދި އެހެން ހުރިހާ ބޭފުޅުން. އަދި މާލޭން ވަޑައިގެން ތިއްބެވި ސަރުކާރުގެ ވުޒާރާތަކުގެ ބޭފުޅުންނާއި، ކުންފުނިތަކުގެ ބޭފުޅުން. އަދި މި ޖަލްސާ ދުރާއިގާތުން ބައްލަވަމުން ގެންދަވާ ހުރިހާ ބޭފުޅުން.
السّلام عليــكم ورحـمــة اللّـه وبـركاتـه.
އަޅުގަނޑު ހިތަށްއަރާ، އެމް.ޑީ.ގެ ވާހަކަފުޅަށްފަހު އަދި ވަރަށް ފޯރިއާއެކީގައި އަޅުގަނޑުމެންގެ އެމް.ޕީ. އައި.ބީ.ގެ ވާހަކަފުޅަށްފަހު، އަދި އަޅުގަނޑުމެންގެ ހީވާގި މިނިސްޓަރުގެ ވާހަކަފުޅަށްފަހު، ދެން އަޅުގަނޑު ދައްކާނީ ކޮން ވާހަކައެއްބާވައޭ. އަޅުގަނޑު ދަންނަވާނީ، ތިޔަ ހުރިހާ ބޭފުޅުން ދެއްކެވި ވާހަކަފުޅަށް އަޅުގަނޑު ތާއީދުކުރަމޭ. ޝުކުރިއްޔާ! ހުރިހާ ބޭފުޅުންނަށް.
އާދެ، އެންމެ ފުރަތަމަ، އަޅުގަނޑު މިރަށަށް ފޭބިއިރު، ނުވަތަ މި ސިޓީއަށް ފޭބިއިރު، ނުވަތަ މި އެއަރޕޯޓަށް ފޭބިއިރު، އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މިރަށުގެ ރައްޔިތުންނަށާއި އަދި މިއަތޮޅުގެ ނުވަތަ މި ސިޓީ ކައުންސިލްގެ ރައްޔިތުންނަށް އަޅުގަނޑުގެ ނަމުގައި، އަދި އަޅުގަނޑާއެކު ވަޑައިގެންނެވި ބޭފުޅުންގެ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އޭގެން ދައްކައިދެނީ، މި ސިޓީގެ ރައްޔިތުން ތިބީ، މި ސަރުކާރާއެކުގައޭ. މިއީ ދޮގެއްތޯއޭ. މިއީތެދެއް. އެ މަންޒަރު ދައްކައިދެނީ، މި ސިޓީގެ ހުރިހާ ބޭފުޅުން ތިއްބެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައޭ. އަދި އެފަދައިން މިއަދު އަޅުގަނޑުމެން ބަހުގައި ދަތުރުކުރަމުން ގެންދިޔައިރު، ހިތަދޫގެ އެއޮތްބޮޑު، އެ ދިގު މަގު، އެއްކޮޅުން އަނެއްކޮޅަށް، ނުފެންނަވަރަށް އޮތީ، އެކިއެކި ވެހިކަލްތަކުން ފުރިފައޭ. އޭގެތެރޭގައި، ކާރާއި، މޮޓޯސައިކަލާއި، ވޭނާއި ޖިޕް، މިހުރިހާ އެއްޗެއް. އޭގެން ދައްކައިދެނީ، މި ސިޓީގެ ބޭފުޅުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައޭ. އެކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް، މި ސިޓީގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިރޭ އައްޑޫ، އަދި ފުވައްމުލަކުގައި މި ޚިދުމަތް ތަޢާރުފުކުރުމަށް އަޅުގަނޑަށް ދަޢުވަތުދެއްވައި، އެ ޝަރަފު އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ޚާއްޞަކޮށް މި ސަދަން ޓްރާންސްޕޯޓް ލިންކް ނަމުގައި، މިކަން އިފްތިތާޙު ކުރުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ޕޯޓްސް ލިމިޓެޑުގެ އެމް.ޑީ. އަށް އަދި ކުންފުނީގެ ބޭފުޅުންނަށް އަޅުގަނޑުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.
އާދެ، މިކަމާބެހޭގޮތުން ކޮންމެހެން އިތުރު ވާހަކަ ދައްކާކަށް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު މި މަގާމަށް އައުމަށްފަހު، އެންމެ ފުރަތަމަ ދަތުރެއް ނުވަތަ އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އަތޮޅަކަށް، އެންމެ ފުރަތަމަ ސިޓީއަކަށް މިވީ މި ރަށް، މިއަތޮޅު ނުވަތަ މި ސިޓީ. އޭގެއިން ދައްކައިދެނީ ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި މި އަތޮޅަށް ނުވަތަ މި ރަށަށް ނުވަތަ މި ސިޓީއަށް އޮންނަ ޤަދަރާއި ލޯބި. އެކަމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ތިޔަބޭފުޅުންގެ ނަމުގައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 އާދެ، އަޅުގަނޑު ކޮންމެހެން ވާހަކަ ދިގުކުރާކަށް ބޭނުމެއްނޫން. އަޅުގަނގެ ވާހަކަ ކުރުކޮށްލަން ބޭނުންވަނީ، ދަންވާތީއާއެކީގައި. މިއަދު މި ފެށުނު ރަސްމިއްޔާތުން ދެކަމެއް ޔަޤީންވެއްޖެ. އެއްކަމަކީ، ފަސޭހަކަމާއެކު ދަތުރު ފަތުރުކުރުމުގެ ނިޒާމު މިއަތޮޅުގައި ޤާއިމުކުރެވިއްޖެ. އަޅުގަނޑުމެން މިހާރު ކޮންމެހެން ވިސްނާކަށްނުޖެހޭ، ޓެކްސީ ނުލިބިގެންއުޅޭކަށް. އަޅުގަނޑުމެންގެ ކޮއްކޮ، އަޅުގަނޑުމެންގެ ބައްޕަ، އަޅުގަނޑުމެންގެ ދައްތަ ބަލައިދާން ބޭނުންވެއްޖެ ކަމަށްވަންޏާ، ކޮންމެއިރަކުވެސް، އަޅުގަނޑުމެންނަށް މިއޮތީ އެއަރޕޯޓަށް ދެވޭނެ މަގު ފަހިވެފައި. ކޮންމެހެން ވަކި ކާރެއް ނައިސްގެން، ނުވަތަ ވަކި މީހަކު އަންނަންދެން، ވަކި މީހެއްގެ ސައިކަލު އަންނަންދެން ހުންނާކަށް ނުޖެހޭ. މިކަންމިއޮތީ ޔަޤީންވެފައި. އަޅުގަނޑުމެން ބޭނުންވާ ގަޑިއެއްގައި، އަޅުގަނޑުމެންގެ ބައްޕަ، މިއަތޮޅުގެ ކޮންމެ ތަނަކުންވެސް ފަސޭހަކަމާއެކު ގެނައުމުގެ ފުރުޞަތު މިއޮތީ ތަނަވަސްވެފައި. އެކަން ޔަޤީންކޮށްދެއްވައިފި. ދެވަނަ ކަމަކީ، ފަސޭހަކަމާއެކު މުދާ، އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ފުރުޞަތު މިއޮތީ ފަހިވެފައި. ޕެސެންޖަރުންގެ މުދާ އުފުލޭނެ ވާހަކަ، އެމް.ޑީ.ގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ. ކުރިން އެހާ ފަސޭހައިން ކުރެވޭ ކަމެއްނޫން. މި ބަހުގައި ވަރަށް ފަސޭހަކަމާއެކު އެކަން ކުރެވެންއޮތީ. އޭގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންނަށް ވަރަށްބޮޑެތި ލުއިފަސޭހަތަކެއްވާނެކަމީ، ޝައްކެއްއޮތްކަމެއްނޫން. މިކަމަށްޓަކައި، އަދިވެސް އެއްފަހަރު އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ދެވަނަކަމަކީ، އަޅުގަނޑުމެން ކުރިން ހޭދަކުރަމުންދިޔަ ބޮޑު ހޭދަ، ވަރަށްބޮޑުތަން މިއަދު މިވަނީ ކުޑަކުރެވިފައި. އަޅުގަނޑުމެން ކުރިން -/300ރުފިޔާ، ހޭދަކުރަމުންދިޔަ ދަތުރަށް މިއަދުން ފެށިގެން، މިއޮތީ، އެންމެ ގިނަވެގެން -/30ރުފިޔާ އަށް ކުޑަކުރެވިފައި. އޭގެ މާނައަކީ، ގާތްގަނޑަކަށް %90 ކުޑަވީއޭ. ނުވަތަ އަޅުގަނޑުމެންގެ ޖީބުގައިހުރި ފައިސާއަށް އެކަމަށްޓަކައި %90 އިތުރުވީއޭ. އެހެންވީމާ، ހިތްފަސޭހަކަމާއެކީގައި އަޅުގަނޑުމެން ކޮފީބޯން އޮންނަ ލާރި އިތުރުވެއްޖެ. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ޢީދު ހަދިޔާއެއްގެ ގޮތުގައި %90 އަޅުގަނޑުމެންގެ ޓްރާންސްޕޯޓް ބިލު ކުޑަކޮށްދެއްވީ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އެމް.ޑީ.ގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، މި ބަހުގެ ޚިދުމަތްތައް މިއަށްވުރެ މާ ފުރިހަމައަށް ކުރިއަށްދާނެއޭ. އަޅުގަނޑުމެން އެކަމަށް ޝައްކެއްކުރާކަށް ނެތިން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ، ވަޢުދުވެވަޑައިގަންނަވާ، ވަޢުދު ފުއްދަވާ ބޭފުޅެއް. މިއަދު އެކަން އެއޮތީ ޔަޤީންކޮށްދެއްވާފައި. އަޅުގަނޑުމެންގެ ބައެއް މީހުން ހީކުރީ، މިކަން ނުކުރެވޭނެއޭ މި ދައުރުގައި. އަދި މިއުޅެނީ ދައުރުގެ މެދެއްހާ ހިސާބުގައި. މިއަދު މިއޮތީ ވަރަށް ފުރަހަމަކަމާއެކީ އެކަން ކޮށްދެއްވާފައި. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާއަކީ، ވަޢުދުވެވަޑައިގަންނަވާ، ވަޢުދު ފުއްދަވާ ރައީސެއް. ރައްޔިތުންގެ ކެކުޅުންތަކަށް އިޖާބަދެއްވާ ރައީސެއް. އެކަން މިއޮތީ އަޅުގަނޑުމެންނަށް ޔަޤީންވެފައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ.
އާދެ، މި ޙަފްލާގައި އަޅުގަނޑު ދަންނަވާލަން ބޭނުން، ތަރައްޤީ އަންނަނީކީ، ހަމައެކަނި ބޮޑެތި އިމާރާތް ހަދައިގެންނެއްނޫނޭ. ތަރައްޤީ އަންނާނެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްގެންވެސް. އެހެންވީމާ، މިއަދު މިއަތޮޅުގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ، ތަރައްޤީގެ އާ ބޮޅެއް އިތުރުވެގެން މިދިޔައީ، މީގެ ސަބަބުން. ރައްޔިތުން އެއްތަނުން އަނެއްތަނަށް ދިޔުމާއި އަދި ރައްޔިތުން ބޭނުންވާ މުދާތައް އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، އިނގިރޭސިބަހުން ދަންނަވާކަމަށް ވަންޏާ، މޮބިލިޓީއަކީ، އެއީ، ޖީ.ޑީ.ޕީ.އަށް އޮތް ވަރަށްބޮޑު ފަސޭހަކަމެއް. ރައްޔިތުންނަށް ފަސޭހަކަމާއެކު، މޯބައިލްކޮށް ދަތުރުކުރެވޭ ކަމަށްވަންޏާ، އޭގެ ސަބަބުން އެތަނުގެ ފުދުންތެރިކަން އިތުރުވެގެން އަންނާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މިއަދުން ފެށިގެން އައްޑޫސިޓީގެ ފުދުންތެރިކަން، އުފެއްދުންތެރިކަން އެތައް ގުނައެއް އިތުރުވާން ފަށާނެއޭ. މިއީ، އަޅުގަނޑުމެން އެއްވެސް މީހަކު ޝައްކުކުރާނެ ކަމެއްނޫން. އަޅުގަނޑުމެންގެ މުދާތައް އެއްތަނުން އަނެއްތަނަށް، ފަސޭހަކަމާއެކު ގެންދެވޭ ކަމަށްވަންޏާ، އެ މުދާ ތަނުގެ ތެރޭގައި އެނބުރޭ މިންވަރު އިތުރުވެގެން އަންނާނެ. ހަމައެގޮތަށް މުދާ ވިއްކުމަށްވެސް ފަސޭހަވެގެން އަންނާނެ. އައްޑުއަތޮޅުގެ އުފެއްދުންތެރިކަމަށް، އައްޑުއަތޮޅުގެ އިކޮނޮމީއަށް ބޮޑެތި ކުރިއެރުންތަކެއް މީގެ ސަބަބުން ލިބިގެން އަންނާނެ. މިއީކީ އެއްވެސް ބަޔަކު ދެބަސްވާނެ ކަމެއްނޫން. އެހެންވީމާ، މިއަދު މިކަން ވެގެން މިދިޔައީ، އަޅުގަނޑު ދަންނަވާނީ، ބްރޭކް ތުރޫވެގެނޭ. މިއީ، މި އައްޑުއަތޮޅުގެ ތަރައްޤީއަށް ލިބުނު ވަރަށްބޮޑު އިތުރު ބޮޅެކޭ. މިކަމަށްޓަކައި، އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް އަދި މި މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް އުފާވެރި ވާހަކަކޮޅެއް ދަންނަވާލަން ބޭނުން. ޢިއްޒަތްތެރި އެމް.ޑީ. ދެންމެ ވިދާޅުވެއްޖެ، އަޅުގަނޑު މިވާހަކަ އިޢްލާނުކޮށްދޭށޭ. މާދަމާއިން ފެށިގެން ބަހުގެ ޚިދްމަތް ފަށާއިރު، އެއް ހަފްތާވަންދެން ތިޔަ ހުރިހާ ބޭފުޅުންނަށް ބަހުގައި ދަތުރުކުރެވޭނީ ހިލޭ. އެއްވެސް ބޭފުޅަކު އެންމެ ލާރިއެއްވެސް ހޭދަކުރައްވާކަށް ނުޖެހޭނެ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިއޮތީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެންމެ ފުރަތަމަ ހަފްތާގެ ތެރޭގައި، ތިޔަބޭފުޅުން ބޭނުންވާ ތަނަކަށް، ބޭނުންވާ ގަޑިއަކަށް އެއްވެސް ޚަރަދެއްނެތި ދެވޭގޮތަށް. އެއީ، އައިސްކްރީމް ބޯންވިޔަސް، ނުވަތަ ރައްޓެހިވެގެންއުޅޭ ފިރިހެން ކުއްޖަކު އަންހެން ކުއްޖަކާ ބައްދަލުކުރަން ބޭނުންވި ކަމުގައިވިޔަސް، އެއޮތީ މަގު ފަހިކޮށްދެއްވާފައި. އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށްބޮޑު ފަސޭހައެކޭ. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް، މިހާބޮޑު ފަސޭހަތަކެއް ކޮށްދެއްވިކަމަށްޓަކައި ޝުކުރު އަދާކުރަން.
އާދެ، އަޅުގަނޑަށް ވަރަށް ކައިރިން ފެންނަ މަންޒަރެއްގެ ވާހަކަ ދަންނަވާލަން. ގަން އެއަރޕޯޓް ކޮމްޕެނީގެ އެމް.ޑީ. ނުވަތަ ޗެއަރމަން އިބްތިޝާމް އެބައިންނެވި މިތާނގައި. އާދެ، މި ކުންފުނިން ވަރަށްބޮޑު ހޭދައެއްކޮށްގެން އެއޮތީ، އެއަރޕޯޓުގެ ރަންވޭ ވަރަށްބޮޑުތަން ބޮޑުކުރައްވާފައި. އެ ކުންފުނިން ކުރި ހޭދަ ކޮންމެވެސްގޮތަކަށް ނުލިބޭ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ ކުންފުނި ކުރިއަށް ގެންދަން އުނދަގޫވާނެހެން. އެހެންވީމާ، ރައީސުލްޖުމްހޫރިއްޔާ މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ، މި އަތޮޅުގައި އަޅުގަނޑު ނުދަންނަވާނަން ވަކި އަދަދެއް، ވަރަށްގިނަ އަދަދެއްގެ ބެޑު އިތުރުކުރުމަށްޓަކައި. އެ އަދަދާއި، ބެޑު އިތުރުކުރާނެ މިންވަރު ކުރިއަށްއޮތްތާނގައި ފެނިގެންދާނެ. މިއީ، އަޅުގަނޑު ދަންނަވާނީ، އައްޑުއަތޮޅަށް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެއޭ. އަދި މި ބަސް ދަތުރަށްވެސް ލިބޭ ވަރަށްބޮޑު ކުރިއެރުމަކަށްވާނެއޭ. އެއީ، ބަހުގައިވެސް ބައެއް ޕެސެންޖަރުން ގެންދަންޖެހިދާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ގަން އެއަރޕޯޓް ކޮމްޕެނީއަށް އަދި ޕޯޓްސް ލިމިޓެޑަށްވެސް ވަރަށްބޮޑެތި ކުރިއެރުން ލިބި، އަދި އައްޑުއަތޮޅު ރައްޔިތުންނަށްވެސް ވަރަށްބޮޑެތި ކުރިއެރުންތަކެއް ލިބިގެންއަންނާނެ ކަމެކޭ. އެހެންވީމާ، މި ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން.
އާދެ، މިވަގުތަކީ، މާގިނަ ވާހަކަތަކެއް ދައްކަންއޮތް ވަގުތެއްނޫން. އެހެންނަމަވެސް، މިވީ ދޭއްބައި އަހަރު ތެރޭގައި ރާއްޖޭގެ އެއްވެސް ރައީސަކު ނުކުރައްވާވަރު މަޝްރޫޢުތަކެއް، މިވޭތުވެދިޔަ ދެއަހަރު ބައި ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުތައް ފަށްޓަވާފައި. އެ މަޝްރޫޢުތަކުގައި މަޑުނުޖެހި ކުރިއަށްދަނީ. އޭގެ މާނައަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ، ރާއްޖޭގެ ރައްޔިތުންގެ އެދުންތައް ފުއްދަވައިދެއްވާ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދެއްވާ، ރައްޔިތުން ދެކެ ލޯބިވާ ރައީސެކޭ. އެ މަނިކުފާނަކީ، ދުރުވިސްނޭ އަދި ހަމައެކަނި ރޭޑިޔޯ ޚިޠާބުން އެކަން ނިންމަވާލައްވާ ބޭފުޅެއްނޫނޭ. އެ މަނިކުފާނު ދައްކަވާ ވާހަކަފުޅާއި ޢަމަލާ ދިމާވާ ބޭފުޅެކޭ. އެ މަނިކުފާނު ރޭޑިޔޯ ޚިޠާބެއް ނުދެއްވާ. ބޭނުންފުޅެއްވެސް ނުވޭ ރޭޑިޔޯ ޚިޠާބު ދެއްވާކަށް. ކަންކުރައްވާ ބޭފުޅެއް. އެހެންވީމާ، މި ވޭތުވެދިޔަ ދޭއްބައި އަހަރަކީ، ދަންނަވާނީ ރާއްޖޭގެ ހިސްޓްރީގައި ރާއްޖޭގެ ތާރީޚުގައި، މިހާތަނަށް ހިންގުނު އެންމެގިނަ މަޝްރޫޢުތައް ހިންގުނު ރިޔާސީ ދައުރު. މިކަން އަދި ކުރިއަށްއޮތް ތާނގައިވެސް ކުރިއަށްދާނެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސްއިރަކު އެއްވެސް ރައްޔިތެއްގެ ފަރާތުން މާގިނަ ކަންތަކެއް ބޭނުންފުޅެއްނުވޭ. އެ މަނިކުފާނު ބޭނުންފުޅުވަނީ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށްފެންނަނީ އެންމެ ކަމެކޭ. އެއީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފަހަތުގައި ތިއްބެވުން. އެ މަނިކުފާނު ކުރައްވާ ކަންތައްތަކަށް ތާއީދުކުރައްވައިގެން، އެ މަނިކުފާނު ކުރައްވާ ކަންތައްތަކުގައި ރައްޔިތުން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރުން. އެގޮތަށް ވެއްޖެ ކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ، ކުރިއަށްއޮތް ދޭބައި އަހަރު ތެރޭގައި، އަދި މި ވޭތުވެދިޔަ ދޭއްބައި އަހަރަށްވުރެ މާގިނަ ކަންތައްތަކެއް، މާގިނަ މަޝްރޫޢުތަކެއް ފެށި ނިމިގެންދާނެއޭ. އަދި އައްޑުއަތޮޅު ރައްޔިތުންނަށްވެސް އޭގެ މަންފާ ލިބި ކުރިއަށްދާނެއޭ.
އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ހުރިހާ ރައްޔިތުންނަކީވެސް، ސަރުކާރާ އެކީގައި ތިއްބަވާ ބޭފުޅުންނަށް ހެދުން. އަދި އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް ނުދައްކައި، މި މަޝްރޫޢުތައް ހިންގުމުގައި އެއްބާރުލުންދެއްވާ ރައްޔިތުންތަކެއް ތިއްބެވުން. އޭރުން އަޅުގަނޑުމެން ބޭނުންވާ މަންޒިލް މަޤްޞޫދަށް ޙާޞިލުވެވޭނީ. އެހެންނޫނީ، ސަރުކާރުގެ، ދައުލަތުގެ އަމަންއަމާންކަން ބަލަހައްޓަން ކުރަންޖެހޭ ޚަރަދުތައް މާބޮޑުވެ، އަޞްލު ޙަޤީޤީ އުފެއްދުންތެރިކަމަށް ކުރަންޖެހޭ ޚަރަދުތައް މަދުވެގެން އަންނާނީ. މިއީ، އަޅުގަނޑުމެން ބޭނުންވާ ކަމެއްނޫން. އަޅުގަނޑުމެން ބޭނުންވާނީ، ޑިފެންސުން ކުރާ ޚަރަދު ކުޑަކޮށް، ތަރައްޤީކުރަން ކުރާ ޚަރަދު އިތުރުކުރުން. މިކަން ކުރެވޭނީ، ރާއްޖޭގެ ރައްޔިތުން ސަރުކާރާ އެކީގައި ތިއްބަވައިގެން. އަމާން ތަނެއްގެ ގޮތުގައި ރާއްޖެ އޮވެގެން.
އެހެންވީމާ، އަޅުގަނޑު އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ރައްޔިތުންނަށް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތައްތަކުގައި އެހީތެރިވެދީ، އެ މަނިކުފާނާ އެކީގައި މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ސާބިތުކަންމަތީގައި ތިއްބެވުން. މިއީ، އަޅުގަނޑުމެން އެދޭ އެދުން. އިރާދަކުރެއްވިއްޔާ ތިޔަ ހުރިހާ ރައްޔިތުންނަކީ، އަޅުގަނޑު ދަންނަވާނީ، ވަރަށް ކިޔަމަންތެރި ރައްޔިތުންތަކެކޭ. އެހެންވީމާ، މި އިލްތިމާސާ އެކީގައި، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ.
 އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ކެބިނެޓުގެ ހީވާގި ވަޒީރުންނާއި، އަދި ސަރުކާރާ އެކިއެކި ދައުލަތުގެ މުއައްސަސާތަކުން ރާއްޖޭގެ ތަރައްޤީއަށްޓަކައި އެކުރައްވާ މަސައްކަތުގައި ބަރަކާތްލެއްވުން. އަދި ރާއްޖެއަށް އަދަށްވުރެ ފެހި މުސްތަޤުބަލެއް ދެއްކެވުން.
والسّلام عليــكم ورحـمــةاللّـه وبـركاتـه