السّلام عليــكم ورحـمــة اللّـه ؛
 
"ދިވެހިރާއްޖޭގެއަޑު" ގައި، އަލަށް ބެހެއްޓުނު ޓްރާންސްމީޓަރ، ދިވެހިރާއްޖޭގެ އަޑަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެންމެ އަޅުގަނޑު މިހުޅުވައިދިނީ، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން. އަދި އެކަލާނގެ ޙަޟްރަތުން ވާގިވެރިކަމާއި ތައުފީޤު އެދެމުން.
 
ދެންމެ މިހިންގައިލެވުނު އާ ޓްރާންސްމީޓަރަކީ، ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގައި، ނުވަތަ ރޭޑިޔޯގެ އަޑު ދުރަށް ފޮނުވުމުގައި، މިހާތަނަށް ދިވެހިރާއްޖޭގައި ބޭނުންކުރެވޭ އެންމެ ބާރުގަދަ ޓްރާންސްމީޓަރ.
 
ޝައްކެއްނެތް، ދިވެހިރާއްޖޭގެ އަޑުގެ 19ވަނަ އުފަންދުވަހު، ދިވެހިރާއްޖޭގެ އަޑަށް މިލިބުނު ވަރުގަދަ ތަރައްޤީޤެ ސަބަބުން، ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގެ މުހިންމު ވަސީލަތުން ރާއްޖޭގެ ރައްޔިތުންނަށް ލިބެމުންދާ ބޭނުންތެރި ޚިދުމަތްތަކަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް މިހާރު ދިވެހިރާއްޖޭގެ އަޑުގެ ޕުރޮގުރާމުތައް ލިބެމުންދާވަރަށްވުރެ، މާސާފުކޮށް، މާފުރިހަމަކޮށް، މީގެފަހުން އެ ޕުރޮގުރާމުތައް ލިބެމުންދާނެ.
 
ޝައްކެއްނެތް، ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތަކީ، ޤައުމުގެ ތަރައްޤީގައި، ވަރަށް މުހިންމު ބައެއް ކުޅޭ، އަދި ކުޅެންޖެހޭނެ ޚިދުމަތެއް. އެޚިދުމަތް ބިނާވެފައި ވާންވާނީ ތެދު ޚަބަރުދިނުމާއި އެހުންތެރިންގެ މަޢުލޫމާތު މުއްސަނދިކުރުމާއި، އެކިކަންކަމުގައި، އާންމު ރައްޔިތުންނަށް އިރުޝާދު ދިނުމާއި، މުނިފޫހި ފިލުވައިދިނުމުގެ މައްޗަށް. މިޚިދުމަތްތައް އަދާކުރެވެންވާނީ ރާއްޖޭގެ ދީނީ، އަދި ޤައުމީ، އަދި ޘަޤާފީ، އަދި އިޖްތިމާޢީ އޮނިގަނޑުގެ ތެރެއަށް ފެތިގެން. އެހެން ޢިބާރާތަކުން ދަންނަވާނަމަ، މާތްވެގެންވާ އިސްލާމްދީނުގައި، ހެޔޮބަސް ބުނުމޭ އަންގަވައިފައިވާ ދާއިރާއަށް ފެތިގެން. ކީރިތި ޤުރުއާނުގައި އަންގަވައިފައިވާ ގޮތުގައި، ހެޔޮބަސްބުނުމުގެ މިސާލަކީ، ބިމުގެތެރެއަށް ވަރުގަދަ މޫތަކެއް ފައިބައިފައިވާ، އޭގެ ގޮފިތައް ތާޒާކަމާއެކު ޖައްވުގެތެރެއަށް ފެތުރިފައިވާ އަދިއޭގެ މޭވާތައް ކޮންމެ ވަގުތެއްގައިވެސް ލިބެންހުންނަ ގަހެއްގެ މިސާލު. އެހެންވީމާ، އަޅުގަނޑުމެންގެ ރޭޑިޔޯގެ ޚިދުމަތްވެސް ވާންޖެހޭނީ، ދިވެހި ފަސްގަނޑުގެ ތެރެއަށް ފައިބައިފައިވާ، ދިވެހިވަންތަކަމުގެ ޤައުމީ އަދި ދީނީ، މޫތަކާ ގުޅިފައިވާ އެޚިދުމަތުގެ ގޮފިތައް ރާއްޖޭގެ މިނިވަން ޖައްވުގެ ތެރެއަށް ފެތުރިފައިވާ އަދި އެޚިދުމަތުގެ ފޮނި މޭވާތައް އަބަދުވެސް ދިވެހިންނަށް ލިބިލިބިހުންނަ ބޭނުންތެރި ހަރުދަނާ ޚިދުމަތަކަށް.
 
އާދެ، އެ ޓްރާންސްމީޓަރެއްގެ ވަސީލަތުން އަޑުގަނޑުގެ އަޑު މިހާރު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާ މި ޓްރާންސްމީޓަރަކީ ދިވެހި ސަރުކާރަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާ ކުރެއްވި ޓްރާންސްމީޓަރެއް. އެހެންކަމާއެކު، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރުމަކީ މިރޭ އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެން. އޮސްޓްރޭލިއާއަކީ، ރާއްޖޭގެ ތަރައްޤީއަށް އެކިގޮތްގޮތުން ދީލަތިކަމާއެކު އެހީވަމުންދާ، ރާއްޖެއަށް ހެޔޮއެދޭ ރަޙްމަތްތެރި ޤައުމެއް. ޚާއްޞަކޮށް ރޭޑިޔޯ ބްރޯޑްކާސްޓް ކުރުމުގައި، އަދި ވައިގެ ބަނދަރުގެ ޚިދުމަތްތައް ތަރައްޤީކުރުމާއި ރާއްޖެއަށް ބޭނުންވާ އެކިއެކި ރޮނގުރޮނގުގައި، ރާއްޖޭގެ ދަރިންނަށް ތަމްރީނު ދިނުމުގައި، ޚާއްޞަ އެހީތެރިކަމެއް ބަހައްޓަވަމުންދާ ޤައުމެއްކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން. މިމަޤާމުގައި، މި އާ ޓްރާންސްމީޓަރ ބެހެއްޓުމުގެ ޕުރޮގުރާމު ހިންގައިދިނުމަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރުން ފޮނުއްވައިދެއްވި އިންޖިނޭރު މިސްޓަރ ޖޯޖް ޑިލަހާޕް އެކުރެއްވި ޚިދުމަތްތަކަށް، އޭނާއަށްވެސް ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. ހަމައެއާއެކު، މިޕުރޮގުރާމު ހިންގުމުގައި، ބައިވެރިވެވަޑައިގެންނެވި އަޅުގަނޑުމެންގެ ދިވެހި އިންޖިނިއަރުންނާއި، ޓެކްނީޝަނުންނަށްވެސް މިފުރުޞަތުގައި އަޅުގަނޑު ޝުކުރު އަދާކުރަން.
 
އާދެ، ދިވެހިރާއްޖޭގެ އަޑަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި އަދި މި އާ ޓްރާންސްމީޓަރ ހުޅުވުމުގެ މުނާސަބަތުގައި، އެފަރާތެއްގެ ބެލުމުގެދަށުން، ދިވެހިރާއްޖޭގެ އަޑު ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ވެރިންނަށް، އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތެރި ހީވާގި ހިންގުންތެރިންނަށް، އާންމުކޮށް ދިވެހިރާއްޖޭގެ އަޑުގެ ހުރިހާ މުވައްޒަފުންނަށް، އަދި ޚާއްޞަކޮށް އެތާނގެ ޓެކްނިކަލް ކަންތައްތަކާ ހަވާލުވެ ތިބި މުވައްޒަފުންނަށާއި، ޚަބަރާއި ޕުރޮގުރާމުތައް ތައްޔާރުކުރައްވާ ފަރާތްތަކަށާއި އަދި ޚަބަރާއި، އާ ޕުރޮގުރާމުތައް އެބައެއްގެ އަޑުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭ އެނައުންސަރުންނަށް މަރުޙަބާ ކިޔުމަކީވެސް މިރޭ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
އަޅުގަނޑު އެދެނީ، ދިވެހިރާއްޖޭގެއަޑަށް އިތުރު ކުރިއެރުމާއި ތަރައްޤީ. އަދި އަސީރުގެ ރާޅުތައް ހުރަސްކޮށް ދިވެހިރާއްޖޭގެ އަޑުން ރާއްޖޭގެ ރައްޔިތުންނަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށް އިތުރު މުއްސަނދިކަމާއި ފަހިކަން.
 

          والسّلام عليكم ورحمـة اللّـه.