بســم اللّـه الرّحمـن الرّحيــم
              
الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين،  وعلى آلـه وصحبـه أجمعـين.
 
އާދެ، މިރޭ އަޅުގަނޑު މިތަނަށް މިއައީ، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒުން ދެއްވި ދަޢުވަތަކަށް، "އަތޮޅުވެރިންނަށް އިރުޝާދު ދިނުމުގެ ކޯހުގެ ފުރަތަމަބުރު" ހުޅުވައިދިނުމުގެ އުފާ ލިބިގަތުމަށްޓަކައި. އާދެ، ތިޔަބޭފުޅުންނަށް ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، މިކޯހަކީ މުޅިން އައު ކޯހެއް. އައު ކޯހެއް ކަމުގައިވިޔަސް މިކޯހަކީ ވަރަށް ބޭނުންތެރި ކޯހެއް. ރާއްޖެތެރެ އޮތްގޮތް އަޅުގަނޑަށްވުރެ ބޮޑަށް ސާފުވެވަޑައިގަންނަވާނީ ތިޔަބޭފުޅުންނަށް. މިކޯހުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، މާލެ ވަޑައިގެން ތިޔަ ތިއްބެވި އަތޮޅުތަކުގެ އަތޮޅުވެރިންނަށް. ތިޔަބޭފުޅުންނަށް ރަނގަޅަށް އިހުސާސް ކުރެއްވޭނެ، ރާއްޖެތެރެ ކުރިޔަށް ގެންދަން ބޭނުންވެފައިވާ މިންވަރު. ރާއްޖެތެރޭގައި ކަންތައް މިހާރުހުރިގޮތާއި، އަދި ރާއްޖެތެރޭގެ ކަންތައް އިޞްލާޙުކޮށް ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް.
 
ކޮންމެއަކަސް، މިހާރު ރާއްޖެތެރެ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެމުން އެބަގެންދޭ. އެ އަހަންމިއްޔަތު ދޭންޖެހޭ ސަބަބަކީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެންމެގިނަ ބަޔަކު ދިރިއުޅެނީ ރާއްޖެތެރޭގައި ކަމަށްވާކަން. އަދި ޙަޤީޤަތުގައި ދިވެހިރާއްޖެ ކުރިޔަށް ދިޔުމަކީ، ރާއްޖެތެރެ ކުރިޔަށްދިޔުން ކަމުގައިވާތީ. ތިޔަހުރިހާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރޭގެ ކަންތައްތައް ހުރިނެތްގޮތް. ރާއްޖެތެރެއަށް ގެންނަން ވެފައިވާ ބަދަލުތައް، ގެންނަންޖެހޭ އިޞްލާޙުތައް. އެހެންކަމަށްވުމާއެކު ރާއްޖެތެރޭގައި، މިހުރިހާ ބަދަލުތަކެއް ދައުލަތުގެ ފަރާތުން ގެންނަވަން ތިއްބެވި ބޭފުޅުންނަކީ ތިޔަބޭފުޅުން، އަތޮޅުވެރިން. ދައުލަތުން ރާވާގޮތެއްގެ މަތިން، ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙު ކުރައްވާން ތިއްބެވި ބޭފުޅުންނަކީ ތިޔަބޭފުޅުން، އަތޮޅުވެރިން. އެހެންވީމާ، ދައުލަތުން އެކަންކަން ރާވާގޮތާއި، އެކަންކަން ކުރިޔަށް ގެންދިޔުމަށްޓަކައި، އަތޮޅުވެރިން ކުރައްވަންވީ މަސައްކަތްޕުޅުތަކާއި، އަދި އެމަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާއިރު ބައްލަވަންވީ އުސޫލުތަކާ، މިހުރިހާ ކަމެއް، ވަރަށް ރަނގަޅަށް އަތޮޅުވެރިންނަށް ސާފުވެވަޑައިގެންފައި އޮވެގެންނޫނީ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ދައުލަތުން ރާވައިގެން މިގެންދާ މަޝްރޫޢު ކާމިޔާބެއްނުވާނެ.
 
އާދެ، އަތޮޅުވެރިންނަކީ، ދައުލަތުގެ ވަރަށް ޚާއްޞަ ބައެއް. އަތޮޅުވެރިންނަކީ ދެންމެ މިކޯހުގެ ކޯޑިނޭޓަރ އެވިދާޅުވި ފަދައިން، ދައުލަތުގެ ފަރާތުން ރާއްޖެތެރޭގައި ހިންގާ ހުރިހާކަމެއް، ހިންގަވަން ތިއްބެވި އެންމެ އިސްވެރިން. އަތޮޅުވެރިންގެ ވާޖިބުތައް އެއީ އެގޮތުން ބަލާއިރު ވަރަށް ބޮޑެތި ވާޖިބުތަކެއް. އަތޮޅުވެރިންގެ މަސްއޫލިއްޔަތުތައް އެއީ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް. އަދި އެހާމެގިނަ މަސްއޫލިއްޔަތުތަކެއް. އެހެން އަޅުގަނޑު މިދެންނެވީ، ސަރުކާރުގެ ފަރާތުން އެކިއެކި ކަންކަން ހިންގުމަށް އުފައްދައިފައިވާ އޮފީސްތައް ވަރަށް ގިނަ. މިނިސްޓްރީތައް ނުވަތަ ޑިޕާރޓްމަންޓްތައް، ނުވަތަ އޮފީސްތައް. އެއިން ކޮންމެ އޮފީހަކުން، ކޮންމެ ޑިޕާރޓްމަންޓަކުން، ކޮންމެ މިނިސްޓްރީއަކުން، ރާއްޖެތެރޭގައި ހިންގަން ކަނޑައަޅުއްވާ ޕުރޮގުރާމު، ނުވަތަ މަޝްރޫޢެއް ކުރިޔަށް ގެންދަވަންޖެހެނީ، ރާއްޖެތެރޭގައި އަތޮޅުވެރިން. އެހެންވީމާ، ސަރުކާރުގައި އެހާގިނަ މިނިސްޓްރީތައް ހުރެފައި، އެއިން ކޮންމެ މިނިސްޓްރީއަކުންވެސް ވަކި ރޮނގަކުން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ހަމަޖެހިފައިވާތީ، އެ ޚިދުމަތްތައް ރާއްޖެތޭރޭގެ އަހުލުވެރިންނަށް، ރާއްޖެތެރޭގެ ރައްޔިތުންނަށް ފޯރުވައިދެއްވަން ތިއްބެވި ބޭފުޅުންނަކީ އަތޮޅުވެރިން. މާލެއާއި ރާއްޖެތެރެއާ ހުރި ތަފާތަކީ އެއީ. އަތޮޅުވެރިންގެ އިސްތަށިފުޅުގައި އެޅިފައިވާ ވާޖިބެއް، ކޮންމެ މިނިސްޓްރީއަކުންވެސް ކޮންމެ ޑިޕާރޓްމަންޓަކުންވެސް ހަމަޖައްސަވާ ކަންތައްތައް އަތޮޅުތެރޭގައި ހިންގެވުން. އަދި އެކަންކަން އެ މިނިސްޓްރީއަކުން ނުވަތަ އެ ޑިޕާރޓްމަންޓަކުން ނުވަތަ އެ އޮފީހަކުން އަންގަވާ ގޮތެއްގެ މަތިން ކުރިޔަށްގެންދެވުން. އެހެންކަމަށްވުމާއެކު، އަތޮޅުވެރިންގެ ވާޖިބުތަކާއި، އަތޮޅުވެރިންގެ މަސްއޫލިއްޔަތުތައް އެއީ ވަރަށް ބޮޑު އެއްޗެއް. ވަރަށް މަތިވެރި އެއްޗެއް.
 
ޙަޤީޤަތުގައި ކޮންމެ އަތޮޅުވެރިޔަކީ، އެބޭފުޅަކު އެހުންނަވާ އަތޮޅުގައި، ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅެއް. ދިވެހި ދައުލަތުގެ ބާރު އަތޮޅުގައި ހިންގަވާ ބޭފުޅެއް. ދިވެހި ދައުލަތުގެ ސިޔާސަތު އަތޮޅުގައި ހިންގަވާ ބޭފުޅެއް. އެބޭފުޅުންގެ ޢަމަލުތައް ހުންނަގޮތަކުން އަތޮޅުގައި ކަންތައްތައް ކުރިޔަށްދާނެ. ދައުލަތުން ކަނޑައަޅާ ސިޔާސަތެއް ހިންގެވުމަށް، އަތޮޅުވެރިޔަކު މަސައްކަތް ނުކުރައްވާ ކަމަށްވަންޏާ އެސިޔާސަތު އެއަތޮޅެއްގައެއް ނުހިނގާނެ. އެހެންވީމާ، އަތޮޅުވެރިންގެ މަސްއޫލިއްޔަތާއި، އަތޮޅުވެރިންގެ ވާޖިބު އެއީ، އެހާބޮޑު އަދި އެހާމަތިވެރި މަސްއޫލިއްޔަތުތަކަކަށް އަދި ވާޖިބުތަކަކަށްވަނީ.
 
އާދެ، ދެން، ފަހަރެއްގައި މީހަކު ޚިޔާލުކޮށްފާނެ އެހާމަތިވެރި ވާޖިބުތަކެއް، އެހާބޮޑެތި މަސްއޫލިއްޔަތުތަކެއް އުފުއްލެވުމަށް ދައުލަތުން ހަމަޖައްސައިފައިވާ ބޭފުޅުން، އެބޭފުޅުންނަށް ކޯހެއް ހަމަޖައްސަން ޖެހޭނެބާއޭ! ދައުލަތުން އަތޮޅުތަކަށް ޢައްޔަންކުރާނީ، އެތަންތާނގައި ކަންތައްތައް ހިންގެވުމުގެ ފުރިހަމަ ޤާބިލިއްޔަތު ހުރި ބޭފުޅުން ނޫންބާވައޭ! އާދެ، އެއީ ކުރެވިދާނެ ޚިޔާލެއް. އެހެން ނަމަވެސް އަޅުގަނޑުހިތުން، ތަންކޮޅެއް ފުންކޮށް އަޅުގަނޑުމެން ވިސްނައިލައިފިނަމަ މިފަދަ ކޯހެއް ހިންގުމުގެ ބޭނުންތެރިކަން، އަޅުގަނޑުމެންނަށް އިހުސާސް ކުރެވޭނެ.
 
ތިޔަބޭފުޅުން އައްސަވާނެ، ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައިވެސް ވަޒީފާގައި ތިބެގެން ވަޒީފާ އަދާކުރާ މީހުންނަށް އިތުރު އިރުޝާދު ދިނުމާއި، އިތުރު މަޢުލޫމާތު ދިނުމުގެ ކޯސްތައް ކުރިއަށް ގެންދާ ވާހަކަ. ނުވަތަ ކުރިއަށް ގެންދާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ ވަރަށް ބޭނުންތެރިކަމެއް. ކަމަކަށް އަޅުގަނޑުމެން ތައްޔާރުވާއިރު، އެކަމެއްގެ މަސްއޫލިއްޔަތު ބޮލުގައި އެޅުމުގެކުރިން، އެކަމާބެހޭ ވާޖިބުތައް އަދާކުރަން ފެށުމުގެ ކުރިން އަޅުގަނޑުމެންނަށް އެކަމުގައި ހިމެނިގެންވާ އުނދަގޫތަކެއް އިހުސާސެއް ނުކުރެވޭނެ. އެކަމުގައި އަޅުގަނޑުމެންނާ ދިމާވާ މައްސަލަތަކެއް އަޅުގަނޑުމެންނަށް ވަޒަނެއް ނުކުރެވޭނެ. އެހެންވީމާ، ފުރަތަމަ ކަމެއްގައި ނޫޅެ، ކަމަކަށް ތަމްރީނުދޭ މީހާ އެ ތަމްރީނު ބެލެމުންދަނީ ހަމައެކަނި ނަޒަރީ ގޮތުން. ހަމައެކަނި ޚިޔާލީ ގޮތުންނޭ ދެންނެވިދާނެ. އެމީހެއްގެ ޚިޔާލަށް މަޢުލޫމާތުތަކެއްގެ ސަބަބުން އޭނާ ކުރިމަތިލާންޖެހޭ ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް އަންގައިދެވޭނެ. ޢަމަލީގޮތުން އެވަޒީފާގައި އޭގެކުރީގައެއް އުޅެފައެއްނުވޭ. އެހެންވީމާ، ޢަމަލީގޮތުން ކުރިމަތިވާ ދަތިތަކެއް، އުފުލަންޖެހޭ ބުރަތަކެއް، އެއްގޮތަކަށްވެސް އިހުސާސް ކުރެވިފައެއް ނޯންނާނެ. އެއާ ޚިލާފަށް ވަޒީފާއެއްގައި ހުރި މީހަކަށް، އެމީހަކު އެ އަދާކުރާ ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތާއި އިތުރު އިރުޝާދު ދިނުމުގެ ކޯހެއް ހަމަޖެހިގެން ހިންގަމުން ގެންދާ ކަމުގައިވަންޏާ، އޭގެ ފައިދާ ވަރަށްބޮޑުވާނެ. އޭރުން ހުންނާނީ، އެމީހަކަށް އެމީހަކު އެއުޅޭ ތަނެއްގައިވާ ދަތިތައް ރަނގަޅަށް ވިސްނިފައި. އެމީހަކު އުފުލަންޖެހޭ ބުރަތައް ރަނގަޅަށް އިހުސާސް ކުރެވިފައި. އެހެންވުމާއެކު، މިކަހަލަ ކޯސްތައް ދުނިޔޭގެ އެތަންމިތާނގައި ކުރިއަށް ގެންދޭ. އެކިފެންވަރުގެ ވަޒީފާތަކުގައި ތިބޭ މީހުންނަށް. އެކިރޮނގުގައި ވަޒީފާ އަދާކުރާ މީހުންނަށް. އެމީހަކު އެއަދާކުރާ ވަޒީފާއަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުން. އިތުރަށް ކަންތައްތަކެއް ދަސްކޮށްދިނުން.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ސަރުކާރުގެ ދާއިރާގައި، ކަންތައްތައް ހިނގަމުން އައިސްފައިވަނީ މިހާތަނަށް، މާ ހަމަޖެހޭ އިންތިޒާމެއްގެ މަތިންނެއްނޫން. އެހެން މިދެންނެވީ، ސަރުކާރެއް ހިންގާއިރު، އަދި އެސަރުކާރަކީ، އެތައް އޮފީސްތަކެއްގެ މައްޗަށް އެތައް މިނިސްޓްރީތަކެއްގެ މައްޗަށް ބިނާވެގެން ހިނގަމުންދާ ސަރުކާރަކަށްވާއިރު، ކޮންމެތަނަކުން، އެކުރާކަމެއް އެހެން ތަންތަނަށް އެނގެން ބޭނުންވާނެ. އަޅުގަނޑުމެންގެ ތެރޭގައި އެގޮތް މިހާތަނާ ޖެހެންދެން އޮތީ ވަރަށް ކުޑަކޮށް. އެޑިޔުކޭޝަން މިނިސްޓްރީން ގެންގުޅުއްވާ ތަޢުލީމާބެހޭ ސިޔާސަތު، އެ އެހެން މިނިސްޓްރީތަކަށް ނޭނގޭ. ހަމައެފަދައިން، ފިޝަރީޒް މިނިސްޓްރީން މަސްވެރިކަން ކުރިޔަށް ގެންދެވުމަށް ރާއްވަވާ ޕުރޮގުރާމުތަކެއް އެހެން އޮފީސްތަކަކަށް ނޭނގޭ. މިގޮތަށް ކުރިން ކަންތައްތައް ހުންނަނީ. އެހެންވުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް އަޅުގަނޑުމެންނަށް އަބަދުވެސް ދިމާވަމުންދޭ. ސަރުކާރުގެ ސިޔާސަތު ކޮންމެ ރޮނގެއްގައިވެސް އޮންނަންޖެހޭނީ ކަނޑައެޅިފައި. އެސިޔާސަތު އެނގެންޖެހޭނެ އެންމެންނަށް. ހަމައެކަނި އެސިޔާސަތު އެނގެންޖެހޭނީކީ، އެދަނޑުގައި މަސައްކަތްކުރާ މީހުންނަށް އެކަންޏެއްނޫން.
 
އެހެންވީމާ، މިހާރު ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ވީހާބޮޑަކަށް، ހުރިހާ އޮފީސްތަކެއް ގުޅިގެން، ކޮންމެ އޮފީހަކުންވެސް އަނެއް އޮފީހަކުން ކުރާ މަސައްކަތް އެއޮފީހަކަށް އެނގޭގޮތަށް ކަންތައްތައް ރާވައިގެން ކުރިއަށް ގެންދެވޭތޯ. އެހެން ގެންދިޔައިމާ، ކޮންމެ ކަމެއްވެސް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދޭ. އަދި ވަރަށް މައްސަލަ ކުޑަކޮށް ކަންތައްތައް ކާމިޔާބުވަމުންދޭ. މިދެންނެވި ކަހަލަ މަޢުލޫމާތު ހިއްސާކުރުމަށް އޮފިސްތަކުގެ މެދުގައި ނެތްނަމަ ވާގޮތަކީ، އެއްއޮފީހަކުން ކުރައްވާ ކަމަކާ ދޭތެރޭގައި އަނެއް އޮފީހަކުން ހުރަސްއެޅުއްވޭގޮތް ދިމާވަނީ. ނުވަތަ ހުރަސް ނޭޅުއްވި ކަމުގައިވިޔަސް އެމަސައްކަތެއް ކުރިޔަށް ގެންދިޔުމަށްޓަކައި، އެހެން އޮފީސްތަކުން ބޭނުންވާ އެހީތެރިކަން ނުލިބޭގޮތް ދިމާވަނީ. އަތޮޅުވެރިންނަށް އެގޮތް ވަރަށް ބޮޑަށް އިހުސާސްކުރެވޭނެ. އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަތޮޅުގައި ތަފާތު މިނިސްޓްރީތަކުން ރާއްވަވާ ތަފާތު ޕުރޮގުރާމުތަކާއި މަޝްރޫޢުތައް ހިންގަވަން ޖެހިފައިވާތީ. ހުރިހާ ކަމެއްވެސް ދައުލަތުގެ ކަންތައްތައް ހުންނަން ޖެހޭނީ، އެއްބަޔަކު އަނެއްބަޔަކަށް އެކުރާ މަސައްކަތެއް އެނގޭގޮތަށް. އެހެންނެތިއްޔާ އަޅުގަނޑު މިދެންނެވިފަދަ ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާނެ. އަދި އެއްވެސް އޮފީހަކުން ނުވަތަ އެއްވެސް މިނިސްޓްރީއަކުން ކުރައްވާ ކަމެއް ފުރިހަމަގޮތުގައި ކާމިޔާބުވަމުންނެއް ނުދާނެ.
 
އަތޮޅުވެރިން ތިޔަކޯހުގައި މިތާނގައި ތިއްބަވާއިރު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ވަރަށް ފުރިހަމަ ފުރުޞަތެއް އެކިއެކި މިނިސްޓްރީތައް ހިންގަވާ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރައްވަން. އެހެންވީމާ، އަތޮޅުގައި ހިންގަވާ ކަންތައްތައްތަކުގެ ތެރޭގައި ތިޔަބޭފުޅުންނާ ދިމާވާ ދަތިތައް މިނިސްޓްރީތައް ހިންގަވާ ފަރާތްތަކަށް، ހިންގަވާ ވެރިންނަށް، ސާފުކޮށްދެވޭނެ. އަދި އެފަރާތްތަކުން އެކަށީގެންވާ އިރުޝާދު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. ރާއްޖޭގެ ކަންތައްތައް މިދެންނެވި އުސޫލުގެމަތިން، ސަރުކާރުގެ ދާއިރާގައި ހިމެނޭ ކަންތައްތައް، ޚާއްޞަކޮށް، ހުރިހާ ތަނަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެހެންތަންތަނަށްވެސް އެނގޭނެ ގޮތެއްގެމަތީން ގެންދިޔުމަށް ވަރަށްބޮޑަށް ބާރުއަޅައިދޭނެ ކޯހަކަށްވާނެ، މިކޯސް. ޚާއްޞަކޮށް ރާއްޖެތެރޭގެ ކަންތައްތައް. އެހެންވީމާ އަޅުގަނޑު ދަންނަވާނީ، މިކޯހުގެ ބޭނުންތެރިކަން އެއީ ވަރަށް ބޮޑު އެއްޗެކޭ. އެކަމަށްޓަކައި މިކޯސް ހިންގަވަން ޚިޔާލު ކުރެއްވި ފަރާތަށް އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ. އާދެ، އެއީ މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒް އަދި އެމިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ލަފާދޭ މަޖްލިސް. ވީމާ، އެމަޖްލިސްގެ މެމްބަރުންނަށާއި، އަދި އެމިނިސްޓްރީގެ ވެރިންނަށް މިޖަލްސާގައި ޝުކުރުއަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން. އެމިނިސްޓްރީއަށް ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ، ދައުލަތުން މިހާރު ރާއްޖެތެރެއަށް ދެމުންގެންދާ އަހަންމިއްޔަތާއި، ދެމުންގެންދާ ސަމާލުކަން. ރާއްޖެތެރެ ތަރައްޤީކުރުމަށް ދައުލަތުން މަސައްކަތްކުރަން ބޭނުންވާ މިންވަރު އެމިނިސްޓްރީއަށް އިހުސާސް ކުރެއްވޭތީ، އެމަސައްކަތްތައް ކާމިޔާބު ކުރެއްވުމަށްޓަކައި، އެމިނިސްޓްރީން މިފަދަ ޕުރޮގުރާމުތައް ރާއްވަމުން އެ ގެންދަވަނީ. މީގެކުރިން ވެރިން ތަމްރީނު ކުރުމުގެ ދެކޯސް ފުރިހަމަވެގެން ހިނގައްޖެ. އެކޯހުގެ ބޭނުން އެ ވެރިންނަށް ވަނީ ވަރަށް ބޮޑަށް އިހުސާސް ކުރެއްވިފައި. އަދި މާ ލަހެއްނުވެ ރާއްޖެތެރެއިންވެސް އެކޯހުގެ ފައިދާތައް ފެންނަމުންދާނެ.
 
އާދެ، އަތޮޅުވެރިންނާ ބައްދަލުކޮށް، އެކިއެކި އަތޮޅުތަކުގެ އަތޮޅުވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައިލުމަށް ލިބޭ ފުރުޞަތަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް އަގުހުރި ފުރުޞަތެއް. އެހެން ކަމަށްވުމާއެކު ދެތިންބަހެއް އަދިވެސް އަޅުގަނޑު ދަންނަވައިލަން ގަސްދުކުރަން. އޭގެތެރެއިން އެއްވާހަކައަކީ، ރާއްޖެތެރެ ތަރައްޤީކުރުމުގައި ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙު ކުރެއްވުމުގައި އަތޮޅުވެރިން މިހާރަށްވުރެވެސް ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެނެއޭ. އާދެ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، ސަރުކާރުގެ ފަރާތުން ހުރިހާ ކަމެއް އަތޮޅުތަކުގައި ހިންގަވަން ތިއްބެވި ވެރިންނަކީ، އަތޮޅުވެރިން. ރާއްޖޭގައި، ރާއްޖެތެރޭގައި ޢަމްދުން ތަޢުލީމުގެ ކަންތައް ހުރިގޮތުންނާއި، އަދި ރާއްޖެތެރޭގައި އެކިއެކި ދަތިތައް ހުރިގޮތުން ރާއްޖެތެރޭގެ ރައްޔިތުންނަށް އެމީހުން އަމިއްލައަށް އެކި ކަންކަން ފަށައިގަތުން އެއީ ފަސޭހަމަކަމަކަށްނުވާނެ. އެހެންވީމާ، ކަންތައްތައް ފަށައިގަނެވޭނީވެސް އަތޮޅުވެރިން ކޮންމެވެސް އިޝާރާތެއް ކުރައްވައިގެން، އަތޮޅުވެރިން އެކަމަށް ބާރު އަޅުއްވައިގެން، އަތޮޅުވެރިން ލަފާދެއްވައިގެން، އަތޮޅުވެރިން އެކަމެއް ހަރަކާތް ކުރައްވައިގެން. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ، ކޮންމެ އަތޮޅެއްގައިވެސް ތަރައްޤީ ކުރުމާބެހޭ ކަންތައްތައް ހިންގަވަން ފެއްޓެވުމުގައި، އަތޮޅުވެރިން އިތުރު ބާރެއްލެއްވުން. އެމަސައްކަތްތައް އެއީ، ރައްޔިތުން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައިވިޔަސް ރައްޔިތުން އެފަދަ ކަމަކާ ދޭތެރޭގައި ޚިޔާލުކޮށްގެން ކަމެއް ހުށަހަޅަންދެން އަތޮޅުވެރިން ނުތިއްބެވުން.
 
ދައުލަތުން މިހާރު ރާއްޖެތެރެ ތަރައްޤީ ކުރުމަށް ކަނޑައަޅައިގެން މިއުޅޭ މަޝްރޫޢުގައި ހިމެނޭ ބައެއް ކަންތައްތައް އަދިވެސް ރާއްޖެތެރޭގައި ނުހިނގައި އެބަހުރި. އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުން އެމަސައްކަތްތައް ހިނގާ ނުހިނގާގޮތް ވަރަށް ރަނގަޅަށް ސާފުވޭ. ބައެއް ކަހަލަ ކަންތައްތައް އެ މަޝްރޫޢުގައި ހަމަޖެހިފައި އޮތް ކަމުގައިވިޔަސް އަދި އެކަމާބެހޭ ފައިސާވެސް ހަމަޖެހިފައިވާ ކަމުގައިވިޔަސް އެބަހުރޭ އެއްވެސް ފިޔަވަޅެއްނޭޅި. އަޅުގަނޑު އެބަ ސުވާލުކުރަން ރާއްޖެތެރެއަށް މިގޮސް އުޅޭ އުޅުމުގައި މިވެނިކަމެއްއޮތީ މަޝްރޫޢުގައި ރޭވިފަޔޭ، އެކަން މިހާރު ކިހާހިސާބަކަށް ހިނގައްޖެތޯއޭ، ވަރަށް ގިނަ ފަހަރަށް ޖަވާބުލިބޭ، ރަނގަޅަށް ހިނގަމުންދާކަމަށް. ނޫނީ މިވެނިކަހަލަ ފިޔަވަޅުތަކެއް އެޅިފައިވާކަމަށް. އެއާ ޚިލާފަށް ބައެއް ފަހަރަށް ލިބޭ ޖަވާބަކީ އަދި އެކަން އޮތީ ކުރިޔަށް ނުގޮހޭ، ދެން އަޅުގަނޑު ސުވާލުކުރަނީ ކީއްވެތޯ އެކަން ކުރިއަށް ނުގޮސްއޮތީ. ދެން ބައެއް ފަހަރަށް ލިބޭ ޖަވާބަކީ، އެއީ އެރަށުގެ މީހުން އަދި އެކަމަކަށް ނޭދެޔޭ. އެއީ އަޅުގަނޑުގެ ނުކުތާއަކީ. އެންމެ ފުރަތަމަވެސް އެމަޝްރޫޢު ރޭވީ ދައުލަތުގެ ފަރާތުން. މަޝްރޫޢު ރާވައިފައި އެއަށް އެކަށީގެންވާ، ވަރަށް ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވޭ. އެބަޖެޓުގެ ދަށުން އެކިއަހަރު އެކި ކަންތައް ކުރަން ހަމަޖައްސައި، ސަރުކާރުގެ ފަރާތުން ފައިސާ ދޫކުރަމުން ގެންދޭ. އެހެންވީމާ، އެ މަޝްރޫޢުގައިވެސް ހިމެނިފައި އޮތް ކަމެއް. އަދި ބަޖެޓުގައި އޭގެ ފައިސާވެސް އެބައޮތް. އަދި އެއަހަރު ކުރިޔަށް ގެންދަންވެސް އޮތީ ސަރުކާރުން ނިންމައިފައި. އެހެންނަމަވެސް އެމަސައްކަތެއް ކުރިޔަކަށްނުދޭ. އެއީ އެރަށުގެ ރައްޔިތުން ނޭދޭތީ. ރަށުގެ ރައްޔިތުންނަށް ކިހިނެއްތޯ އެނގެނީ، އެކަމެއް އޮތީ ކުރިން ކަނޑައެޅިފައިކަން، އަނެއްކާ އެއަހަރަކު ހިންގާ ގޮތަށްވެސް އޮތީ ސަރުކާރުން ނިންމައިފައިކަން، އެއާބެހޭ ފައިސާވެސް  އޮތީ ހަމަޖެހިފައިކަން. ރައްޔިތުންނަކަށް އެހުރިހާ ކަމެއް ސާފެއްނުވާނެ. އަދި އަޅުގަނޑު ކުރިން ދެންނެވި ސަބަބަށްޓަކައި ރައްޔިތުންނަށް އަމިއްލައަށް ޚިޔާލުކުރުން އެއީވެސް ވާނެ ދަތިކަމަކަށް.
 
އެހެންވީމާ، އެކަންކަން ހިންގެވުން ވާނެއޭ އަތޮޅުވެރިންގެ ވާޖިބަކަށް ހައްދަވަން. އަތޮޅުވެރިންނަށް އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނީ، އެއަތޮޅުތެރޭގައި ކޮންކޮން ކަންކަމެއްތޯ އެ މަޝްރޫޢުގެ ދަށުގައި ހިމެނިފައިވަނީ. އަދި ކޮންކޮން ކަންކަމެއްތޯ މިއަހަރު ކުރިޔަށް ގެންދަނީ. ކޮންކޮން ކަންކަމެއްތޯ މިއަންނަ އަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތީ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ މިހާރަށްވުރެ ބޮޑަށް ކަންކަން ފައްޓަވައިގަތުމުގައި އަތޮޅުވެރިން ބާރުއެޅުއްވުން. އަތޮޅުވެރިން ކަންކަން ފައްޓަވައިދެއްވައި، ލަފާދެއްވާ ކަމަށްވަންޏާ ރައްޔިތުން އެކަންތައްތައް ކުރަމުން ގެންދާނެ.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލަން ބޭނުންވާ އަނެއް ނުކުތާއަކީ، ފައިސާއާބެހޭ ކަންތައްތައް އެއީ ވަރަށް ބޮޑަށް ރައްކާތެރިވެވަޑައިގަންނަވަން ޖެހޭނެ ކަންތައްތަކެކޭ. ވަރަށް ހަރުދަނާ އުސޫލެއްގެމަތިން އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކުގެ މަތިން ހިނގަންޖެހޭނެ ކަންތައްތަކެކޭ. އަޅުގަނޑަށް އެނގޭ މިހާރުވެސް ކޮންމެ އަތޮޅެއްގެ އަތޮޅުވެރިންވެސް ފައިސާއާބެހޭ މައްސަލަތައް ނިންމަވަމުން ގެންދަވަނީ، ވަރަށް ފަރުވާތެރިކަމާއެކުގައިކަން. އެހެން ކަމުގައިވިޔަސް އަދިވެސް ބައެއް އަތޮޅުތަކުގައި، ހިސާބަކަށް ބަލައިލަންޖެހޭ ކަހަލަ މައްސަލަތައްހުރޭ. އެހެން އެ ދިމާވަނީ، ފައިސާއާބެހޭ ކަންތައްތަކުގައި އަތޮޅުވެރިން އަމިއްލައަށް ކުރައްވަންޖެހޭ ކަންތައްތައް ނުކުރެއްވި ހުންނާތީ. އަޅުގަނޑު ކުރީގެ މުނާސަބަތެއްގައިވެސް މިވާހަކަ ދެއްކިން. އަޅުގަނޑު ދެންނެވި ހަނދާންވޭ، ފައިސާއާބެހޭ ކަންތައްތައް ހުންނަންޖެހޭނީ ސީދާ އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުގައޭ. އެއީ އެހެންމީހަކާ ހަވާލު ކުރައްވައިގެން ހިންގެވޭނެ ކަންތައްތަކެއްނޫނޭ. ޚާއްޞަކޮށް، މިހާރު ރާއްޖެތެރޭގައި އެކިއެކި ބޮޑެތި މަސައްކަތްތައް ފަށައިގެން ގެންދާއިރު ސަރުކާރުން ވަރަށް ގިނަ އަދަދަކަށް ފައިސާ ގެންގޮސްފައި އަތޮޅުގައި ހުރެދާނެ. މިސްކިތް އަޅަން ބޭނުންވެގެން ސަރުކާރުން އެބަ ދޫކުރޭ ދިހަހާސް ރުފިޔާއިން ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ފައިސާ. އަދި އެނޫން ކަންކަމަށްވެސް  ސަރުކާރުން ވަރަށް މަތީ އަދަދުތަކަށް ފައިސާ ދޫކޮށްފައި އަތޮޅުތަކަށް އެބަފޮނުވާ. އެހާގިނަ އަދަދަކަށް ފައިސާ ގެންގުޅޭ ތަނެއްގައި، ފައިސާއާބެހޭ ކަންތައްތައް ވަރަށް ހަމަޖެހޭ ހަރުދަނާ، ރަނގަޅު އުސޫލަކުން ހިނގާކަމަށް ނުވަންޏާ ވަރަށް ފަސޭހައިން މައްސަލަތައް ނުކުންނާނެ.
 
އެހެންވީމާ އަޅުގަނޑު އެދެނީ، މިހާރަށްވުރެވެސް ބޮޑަށް ފައިސާއާބެހޭ ކަންތައްތައް އަތޮޅުވެރިންގެ އަމިއްލަ ބެއްލެވުމުގެ ދަށަށް ގެންނަވައި، އަތޮޅުވެރިން އެއާ ބެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދެވުން. މިބަހުގެ މުރާދަކީ އެއްވެސް ހާލެއްގައި އެހުރިހާ ފޮތްތަކުގައި ހިސާބުތައް ލިޔުއްވައި، އެކަހަލަ ކަންތައްތައް ކުރައްވަން ޖެހޭނެއެކޭނޫން. އެހެން ނަމަވެސް  އެހަރަދު ކުރައްވަންޖެހޭ ކަންތައްތަކާއި، ހަރަދުވެފައިވާ މިންވަރާއި، ބާކީހުރި އެއްޗަކާ، މިހެންގޮސް ނުވަތަ ތިޖޫރީގައި ހުންނަންޖެހޭ ފައިސާއާ، މިހުރިހާ އެއްޗެއް އަތޮޅުވެރިންނަށް ރަނގަޅަށް އެނގިވަޑައިގަންނަވަންވާނެއޭ. ސުވާލެއް އައިމާ އަތޮޅުވެރިންނަށް ވަގުތުން ޖަވާބުދެއްވެންވާނެއޭ. އެއީ އެކަމެއް ބައްލަވައިފައެއްނޫނޭ ޖަވާބު ދެއްވަން ޖެހޭނީއަކީ. އަތޮޅުވެރިންނަށް އެމަޢުލޫމާތު އޮންނަންޖެހޭނީ އެނގިވަޑައިގެންފައި. އެހެންވީމާ، އެކަހަލަ ކަންތަކަށް ޚާއްޞަކޮށް ފައިސާއާ ބެހޭ ކަންތަކަށް، އިތުރު ސަމާލުކަމެއް ދެއްވުން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
 
އާދެ، ކޮންމެއަކަސް މިކޯހަކީ، މީގެކުރިން މިތާނގައި ވާހަކަ ދެއްކެވި ދެބޭފުޅުންވެސް ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި ފަދައިން، ވަރަށް މުހިންމު ކޯހެއް. މިކޯހުގެ ސަބަބުން ރާއްޖެތެރެ ތަރައްޤީކުރުމަށް އިތުރުބާރެއް ލިބޭނެކަމާމެދަކު ޝައްކެއްނެތް. އަޅުގަނޑު ޔަޤީންކުރަން، މިކޯހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ އަތޮޅުވެރިންވެސް ވަރަށް ފަރުވާތެރިކަމާއެކު، މިކޯހުގެ ކަންތައްތައް ކުރިޔަށް ގެންދަވާނެކަމަށް. އަދި އަތޮޅުވެރިންނަށް އެ ލިބިވަޑައިގަންނަވާ ފައިދާ، ލިބިވަޑައިގަންނަވާ އިރުޝާދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅު ކުރައްވައިގެން އަތޮޅަށް ވަޑައިގެން އަތޮޅުގެ ކަންތައްތައް ކުރިޔަށް ގެންދަވާނެކަމަށް. ސަރުކާރުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތައް ވީހާ ހަލުވިކަމާއެކު، ވީހާ ފުރިހަމަކަމާއެކު ކުރިޔަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން.
 
އަޅުގަނޑުމެންގެ ސަރުކާރުގެ ކަންތައްތައް އަދިވެސް ހުންނަގޮތުން ބައެއް ކަހަލަ ކަންތައްތައް ހިނގަނީ ވަރަށް ލަހުން. ވަރަށް ގިނަފަހަރަށް ސުވާލުކުރަންޖެހޭ، އެކިކަންތައްތައް ހިނގަމުންދާގޮތާ ދޭތެރޭގައި. ސުވާލު ކުރީމާ ފެންނަނީ ބައެއްކަހަލަ ކަންތައްތައް ކޮންމެވެސް ސަބަބަކާހުރެ ވަރަށް ގިނަ ދުވަސް ވަންދެން ހުއްޓިފައި ހުންނަކަން އެނގެމުންދަނީ. އެހެންވީމާ، ސަރުކާރުގެ މެޝިނަރީ، ސަރުކާރުން ހިންގާ ކަންތައްތައް މިހާރަށްވުރެ އަވަހަށް ހިނގާނެގޮތެއް ހެދުން އެއީ ސަރުކާރުގެ ވަރަށް ބޮޑު ބޭނުމެއް. އެހެންވޭތޯ އަޅުގަނޑު ވަރަށް ގިނަ މަސައްކަތްތައް ކުރަމުން އެބަގެންދަން. އަތޮޅުތަކުގައި މިދެންނެވި ކަހަލަ ކަންތައްތައް ކުރިޔަށްދާނީ، ހަލުވިކަމާއެކު ކުރިޔަށްދާނީ، އަތޮޅުވެރިން އެކަމުގައި ހަރަކާތްތެރިވެވަޑައިގެންނެވި މިންވަރަކުން. އެކަން، ކޮންމެ އަތޮޅެއްގެވެސް އަތޮޅުވެރިޔަކު ވަރަށް ބޮޑަށް ހަނދާންކުރެއްވުން އަޅުގަނޑު އެދެން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުން ނޭދޭތީ ނުވަތަ އެކަމަށް އަދި އެއްވެސް މީހަކު ސުވާލެއްނުކުރާތީ، ކަމެއް ނުފަށްޓަވައި އޮވެގެނެއްނުވާނެ. އަތޮޅުވެރިން އަމިއްލަފުޅަށް، އެކި ކަންކަން ފަށްޓަވައި، މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ލަފާ ހޯއްދަވައިގެން ކަންކަމާއިގެން ކުރިޔަށް ވަޑައިގަންނަވަންވާނެ. އެހެންނޫނިއްޔާ މަޝްރޫޢުތައް އޮންނާނީ ހަމަ ކަރުދާހުގައި. އެމަޝްރޫޢު ރޭވިފައި އޮންނަގޮތަށް ފައިސާވެސް ހުންނާނީ، ބަޖެޓުގައި ކަނޑައެޅިފައި އޮތް ގޮތަށް. އެއިން އަތޮޅަށް ކުރާ އެއްވެސް ފައިދާއެއް ނޯންނާނެ.
 
އާދެ، އެހެންވީމާ އަޅުގަނޑުގެ އުއްމީދަކީ، މިކޯހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ އަތޮޅުވެރިންވެސް ކޯހުން ލިބިވަޑައިގަންނަވާ އިރުޝާދުތައް ރަނގަޅަށް ހަނދާން ކުރެއްވުން. އަދި ލިބިވަޑައިގަންނަވާ މަޢުލޫމާތު ރަނގަޅަށް ހަނދާންކުރެއްވުން. ކޯސް ނިންމަވައިގެން އަތޮޅަށް ވަޑައިގެން އަތޮޅު ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވުން. އާދެ، އަޅުގަނޑު ޝައްކެއްނުކުރަން، މިކޯހުގެ ނަތީޖާ ރަނގަޅުވާނެކަމާ ދޭތެރެއަކު. މިކޯހުން ލިބެންވާ ފައިދާ އަތޮޅުވެރިންނަށް ލިބޭނެކަން ޔަޤީން. ހަމައެފަދައިން، އެކޯހުގެ ފައިދާ ރައްދުވާންވީ ފަރާތަށް ޙަޤީގަތުގައި ރައްދުވާނެކަން. އެއީ، އަތޮޅުތަކުގެ ރައްޔިތުން. ތިޔަބޭފުޅުންނަށް މިއެރުވެނީ، ކަންތައްތައް ކުރިޔަށް ގެންދަވާނެ ގޮތުގެ އިރުޝާދު. އަދި ތިޔަބޭފުޅުން އަތޮޅުތަކުގައި ހުރި އެކިއެކި ދަތިތަކާއި އެކިއެކި އުނދަގޫތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުއްވުމުން ލިބިވަޑައިގަންނަވާ އިރުޝާދުތައް. އެއިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތީން ޙަޤީޤަތުގައި މިކޯހުގެ ފައިދާ ރައްދުވާންޖެހެނީ، އަތޮޅުތަކަށް، އެއަތޮޅުތަކުގެ ރައްޔިތުންނަށް. އެހެންވީމާ، ތިޔަބޭފުޅުން މެދުވެރިވެވަޑައިގަންނަވައިގެން، ސަރުކާރުގެ ޚިދުމަތްތައް ރާއްޖެތެރޭގެ ރައްޔިތުންނަށް ވީހާ ފުރިހަމަކޮށް، ވީހާ ރަނގަޅަކަށް، ވީހާ ހަލުވިކަމާއެކު ރައްދުކުރުން އެއީ ސަރުކާރުގެ ބޭނުމަކީ. އަދި އެއީ މިކޯސް ރޭވުމުގެވެސް މަޤްޞަދަކީ.
 
ކޮންމެއަކަސް ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އަޅުގަނޑު އެދެން. އަދި އަޅުގަނޑު ޔަޤީންކުރަން، މިކޯހުގެ ސަބަބުން ތިޔަބޭފުޅުންނަށް ތިޔަ ލިބިވަޑައިގަންނަވާ ފައިދާތައް ޢަމަލީގޮތުން ސާބިތުކޮށްދެއްވާނެ ކަމަށް.

          والسّلام عليكم ورحمـة اللّـه وبركاته.