بســم اللّـه الرّحمـن الرّحيــم.
 
ޖުމްހޫރީ ވެރިކަމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމުގެ ހެޔޮ ތައުފީޤު ދެއްވި اللّه سبحانه وتعالى އަށް ޙަމްދާއި ޝުކުރުކުރަން. އިސްލާމީ ވެރިކަމުގެ ހަރުދަނާ އުސޫލުތައް ޢަމަލީގޮތުން ސާބިތުކޮށްދެއްވި محمّد صلّى اللّـه عليه وسلّم މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، މިއަދުގެ މި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން؛
 
السّـلام عليـكم ورحـمة اللّـه وبـركاتـه.
 
ދިވެހިރާއްޖޭގެ ޒުވާން ދެވަނަ ޖުމްހޫރިއްޔަތަށް އާ އަހަރެއް ފުރުމުގެ މުނާސަބަތުގައި މި ޖުމްހޫރިއްޔާ ޤާއިމުކުރެއްވި އަދި މި ޖުމްހޫރިއްޔާ ދިފާޢުކުރައްވައި، ރައްކާތެރި ކުރައްވައި، މި ޖުމްހޫރިއްޔާ ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ މި ޖުމްހޫރިއްޔާގެ ފަޚްރުވެރި އަހުލުވެރިން، އާދެ، ދިވެހިރާއްޖޭގެ ރައްޔިތުން، ދިވެހިއުންމަތުގެ ޢިއްޒަތްތެރި އަފްރާދުން. އެފަރާތަށް ހިތުގެ އެންމެ އިޚުލާޞްތެރި ހެޔޮއެދުންތައް އަޅުގަނޑު މިފޮނުވަނީ، ދިވެހި ޤައުމުގެ ކަންތަކާ މިވަގުތު ހަވާލުވެހުރި ދިވެހި ޤައުމުގެ އިސް ޚާދިމެއްގެ މަޤާމުގައި ހުރި މީހާގެ ޙައިޘިއްޔަތުން.
 
ޝައްކެއްނެތް، އަޅުގަނޑުމެން މިއަދު މި ފާހަގަކުރާ މުނާސަބަތަކީ ވަރަށް މުހިންމު ޤައުމީ މުނާސަބަތެއް. ޖުމްހޫރީ ވެރިކަމެއް ދިވެހިރާއްޖޭގައި ދެވަނަފަހަރަށް ޤާއިމުވިތާ ތޭރަ އަހަރު ފުރިގެން ސާދަވަނަ އަހަރަށް އަޅައިގަތުމުގެ މުހިންމު މުނާސަބަތު. މި މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު ރާއްޖޭގެ ކަންތައްތައް ހުރި ނެތް ގޮތުގެ މައްޗަށް ބަލައިލުމަކީ ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
 
އާދެ، މިއަދުގެ މިއުފާވެރި ޖަލްސާ އަޅުގަނޑުމެން ކުރަމުން މިގެންދަނީ ދިމިޤްރާޠީ އުސޫލުތަކުގެ ދަށުން ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުމެއް އައިސްފައި ވަނިކޮށް، އިޤްތިޞާދީ ކުރިއެރުން ކޮންމެވެސްވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެގެން ދަނިކޮށް، ޤައުމީ ހޭލުންތެރިކަމެއް ވަރަށް ފުރިހަމަ ދަރަޖައަކަށް ދިވެހިރާއްޖޭގެ ކަންކޮޅުތަކުން ފެންނަމުން ދަނިކޮށް. އަދި ބޭރު ދުނިޔޭގައި ދިވެހިރާއްޖެ ތަޢާރުފުވެ، ދިވެހިރާއްޖެއަށް ރީތިނަމެއް ލިބެމުންދަނިކޮށް. އެހެންވުމާއެކު، މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެން ޚިޔާލު ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް ހުންނާނެ.
 
އާދެ، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނެއްގެ ހިޔާވަހިކަމާއި ބޮޑު ނިޢުމަތް ލިބިގެން ތިބި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާ އެންމެ ގާތްކުރާ ސިޔާސީ ނިޒާމަކީ ޖުމްހޫރީ ވެރިކަން. އިސްލާމްދީން ގެނެސްދިން ސިޔާސީ ނިޒާމު ނިޔާކުރާގޮތުން، ވެރިކަމަކީ، ވަކި ދަރިކޮޅަކުން އައިސްތިބި ބަޔަކަށް އޮންނަ ޙައްޤެއްނޫން. ވެރިކަމަކީ ޝޫރާގެ މަތިވެރި އުސޫލުން ރައްޔިތުން ހޮވާ، އުންމަތުގެ އަފްރާދުން ބައިޢަތު ހިފާ ފަރާތަކަށް އޮންނަ ކަމެއް. ނަމަވެސް މިކަހަލަ މަޤާމެއްގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ، އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ، ރައްޔިތުން އިންތިޚާބުކުރާ މީހަކު ވެރިކަމުގައި ހުރިނަމަވެސް އެހިސާބުން އަދި އިސްލާމީ ނިޒާމާ އެއްގޮތަށް ޢަމަލުކުރެވުނީ ކަމަކަށް ނުވާނެކަން. އާދެ، ބޭނުމީ ޤާއިމުވެފައި އޮންނަ ވެރިކަމަކަށް ކިޔާ ނަން ވަކިގޮތަކަށް ހަމަޖެހިފައި އޮތުމެއްނޫން. އެހެން މިދެންނެވީ ޖުމްހޫރީ ވެރިކަން ޤާއިމުވެފައިވާ ބައެއް ތަންތާގައި ޖުމްހޫރީ ވެރިކަމުގެ އަސްލު އުސޫލުތަކާ ޚިލާފަށް ޢަމަލުކުރެވެމުންދާތަން ފެންނާތީ. ޖުމްހޫރީ ވެރިކަން ހިނގާ ބައެއް ތަންތާނގައި ޚުދުމުޚުތާރު ވެރިން ތިއްބަވާތަން ފެންނަމުންދާތީ. ވީމާ، ޙަޤީޤަތުގައި ބޭނުމީ ވެރިކަމުގެ ނަންފިލާގަނޑު ވަކިގޮތަކަށް އޮތުމެއްނޫން. އެ ވެރިކަމެއްގެ ސަބަބުން ޤައުމުގައި ހަމަޖެހުމާއި މުސާވާތު އޮތުން. ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވެމުން ދިޔުން. އުންމަތުގެ ލާބަޔާއި ތަރައްޤީއަށްޓަކައި މަސައްކަތްތައް ކުރެވެމުން ދިޔުން.
 
އަޅުގަނޑުމެންގެ ވަރަށް ކައިރި މާޒީއަށް ވިސްނައިލާއިރުވެސް އަޅުގަނޑު މިދެންނެވި ބަހުގެ ޙަޤީޤަތް ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. 1968 ވަނަ އަހަރުން ފެށިގެން އަޅުގަނޑުމެންގެ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް ޤާއިމުވެގެން އެ ޖުމްހޫރިއްޔަތުގެ ހިޔާވަހިކަމުގެ ދަށުގައި އަޅުގަނޑުމެން އުޅެމުން މިއައީ. އެހެންނަމަވެސް، ޖުމްހޫރީ ވެރިކަމުގެ ނަންފިލާގަނޑުގެ ދަށުން އަޅުގަނޑުމެންނަށް ލިބުނު ޙައްޤުތަކާދޭތެރޭގައި އަދި އެ ވެރިކަމުގެ ހިޔާވަހިކަމުން ދިވެހިރާއްޖެއަށް ލިބުނު ތަރައްޤީއާއި  ކުރިއެރުން އެއީ އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ބަޙުޘްކުރެވިދާނެ ކަންތައްތަކެއް. އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ބޭނުމީ ހަމައެކަނި ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި އޮތޭ ނުވަތަ އެބައޮތޭ، އެހެން ބުނާ ބުނުމެއް ނޫނޭ. ބޭނުމީ އެ ވެރިކަމުގެ ދަށުން އަޅުގަނޑުމެންނަށް ލިބެންވާ ފައިދާތަކާއި ލާބަ ލިބެމުން ދިޔުމޭ. ވެރިކަމުގެ ނަން، ކޮންމެ ގޮތަކަށް އޮތް ކަމުގައިވިޔަސް، މާތްވެގެންވާ އިސްލާމްދީނުގައި ވެރިކަން ހަމަޖައްސަވައިފައިވާ ގޮތުން އެ ވެރިކަމުގެ ސަބަބުން އުންމަތުގެ އަފްރާދުންނަށް ލިބެންޖެހޭ ލުއިފަސޭހަތަކާއި، އުންމަތުގެ އަފްރާދުންނަށް ލިބެންޖެހޭ ހަމަހަމަކަމާއި، ޢަދުލު އިންޞާފު، އެހުރިހާ ކަމެއް ފުރިހަމައަށް ލިބުމޭ ބޭނުމަކީ.
 
އާދެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކިއެކި މުހިންމު ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ ޤައުމަށް މިވަގުތު ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ޚިޔާލު ބަދަލުކޮށްހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މިފަދަ އެހެން ބައެއް މުނާސަބަތުތަކުގައި، އަޅުގަނޑު ކުރިން ދަންނަވައިފައިވާނޭ ފަދައިން، އެކިއެކި ބޮޑެތި ކަންކަމާމެދު އަޅުގަނޑުގެ ހިތުގައި އުފެދޭ ޝުޢޫރުތަކާއި، އަޅުގަނޑަށް ކުރެވޭ ޚިޔާލުތައް ތިޔަބޭފުޅުންގެ އަރިހަށް، އާދެ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ އަރިހަށް ހުށަހަޅަމުން ގެންދިޔުމަކީ، މިފަދަ ޤައުމީ މުނާސަބަތުތަކުގައި ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން.
 
މިގޮތުން ވިސްނާއިރު، މިވަގުތު އަޅުގަނޑުމެން ވިސްނަންވީ އެންމެބޮޑު އެއް މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނަނީ އަޅުގަނޑުމެންގެ އަޚުލާޤިއްޔާތަށް އެދެވޭ ބަދަލުތަކެއް ގެނައުން. އާދެ، އަޚުލާޤިއްޔާތޭ އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެން އާދައިގައި ވާހަކަދައްކާ އުޅޭއިރު، [އަޚުލާޤު] މި ލަފްޒު ބޭނުންކުރުމުން އެއިން ދޭހަވާ މާނައެއްގައެއް ނޫން. އާދެ، އަޅުގަނޑުމެން އާދައިގައި ވާހަކަ ދައްކާއިރު، [އަޚުލާޤު] އެ ލަފްޒު ބޭނުންކޮށް އުޅެނީ މީހެއްގައި ހުރުން އެކަށީގެންވާ ރީތި ސިފަތަކަކާ ގުޅޭގޮތުން. ތެދުވެރިކަން، އަމާނާތްތެރިކަން، އިޚުލާޞްތެރިކަން، މިފަދަ މާތް ސިފަތައް އިންސާނެއްގައި ހުރުން އެއީ [އަޚުލާޤު] އެ ލަފްޒު އަޅުގަނޑުމެން ބޭނުންކުރާގޮތުން ދޭހަވާ މާނަޔަކީ.
 
އެހެންނަމަވެސް، އަޅުގަނޑު މި މަޤާމުގައި [އަޚުލާޤިއްޔާތު] އެލަފްޒުގެ ބޭނުން މިކުރަނީ އެއަށްވުރެ މާ ފުޅާ މާނައެއް، އެއަށްވުރެ މާ ތަނަވަސް މާނައެއް އެއިން ދޭހަވާ ގޮތުގައި. އާދެ، "އަޚުލާޤިއްޔާތު"ގެ މާނަޔަކީ އެކި ކަންކަމާދޭތެރޭގައި އަޅުގަނޑުމެން ވިސްނާގޮތް، އެކިކަންކަމާ އަޅުގަނޑުމެން ކުރިމަތިލާގޮތް، އެކިކަންކަމުގައި އަޅުގަނޑުމެން ޢަމަލުކުރާގޮތް، މިހުރިހާ ކަމެއް އޭގައި އެކުލެވޭގޮތުގެ މަތިން.
 
އާދެ، އަޅުގަނޑު މި ނުކުތާގައި ދެން ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ޤައުމީ އަޚުލާޤިއްޔާތާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެއޭ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތް އަޚުލާޤިއްޔާތު އެއީ ކުރިއްސުރެ ރާއްޖޭގައި އޮތް އަޚުލާޤިއްޔާތުތޯ ނުވަތަ އެނޫން އެހެން އެއްޗެއްތޯ، އަޅުގަނޑުމެން ވިސްނަންވެއްޖެ. އަޅުގަނޑަށް ފެންނަގޮތުގައި މިހާރު އަޅުގަނޑުމެން މިގެންގުޅޭ އަޚުލާޤިއްޔާތަކީ ނުވަތަ ދިވެހިރާއްޖެއިން މިހާރު ފެންނަމުން މިދާ އަޚުލާޤިއްޔާތަކީ މީގެކުރިން ރާއްޖޭގައި އޮތް އަޚުލާޤިއްޔާތެއް ނޫން. މީގެކުރިން ދިވެހިރާއްޖޭގައި ފެންނަމުން ގޮސްފައިވަނީ މިއަށްވުރެ މާ ހަރުދަނާ، މިއަށްވުރެ މާ މާތް އަޚުލާޤިއްޔާތެކޭ އަޅުގަނޑަށް ދެންނެވިދާނެ.
 
އާދެ، އަޚުލާޤިއްޔާތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، އަޚުލާޤިއްޔާތަށް ގެންނަންވާ ބަދަލުތަކާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ބޭނުންވާނެ. އެކިކަންކަމާ ދޭތެރޭގައި، އަޅުގަނޑުމެން ވިސްނާގޮތާ ދޭތެރޭގައި، މިހާރު ވަރަށް ބޮޑަށް އަޅުގަނޑުމެން ޚިޔާލުކުރަންވެއްޖެ. އަޅުގަނޑުމެންގެ ވިސްނުން އެ ހިންގެނީ ވިސްނުން ހިންގަންވީ ގޮތަށްތޯ، ވިސްނުން ހިންގަންވީ އުސޫލުގެ މަތިންތޯ، ނުވަތަ ނޫންތޯ. އެއީ އަޅުގަނޑުމެން މިހާރު ކަނޑައަޅަން ވެފައިވާ ކަމެއް.
 
ބައެއް މިސާލުތައް ދަންނަވައިލަނިކޮށް އަޅުގަނޑުހިތުން ތިޔަބޭފުޅުންނަށް އަޅުގަނޑު މި ދަންނަވަން އުޅޭ އެއްޗެއްގެ މާނަ ސާފުވެވަޑައިގަންނަވާނެ. މިސާލަކަށް، ކިޔަވާ ކުއްޖެއްގެ ބޭނުމަކީ ކޮބައިތޯ؟ އެ ކުއްޖަކު ކޮން ލަނޑުދަނޑިއަކާ ދިމާއަށްތޯ މަސައްކަތް ކުރަމުން އެ ގެންދަނީ؟ ކޮބައިތޯ އޭނާ ވާސިލުވާން ބޭނުންވާ ކަމަކީ؟ ކިޔަވާ ކުއްޖެއްގެ ބޭނުމަކަށްވާންވާނީ ސަނަދެއް ހޯދުންތޯ؟ އިމްތިޙާނަކުން ފާސްވުންތޯ؟ ނުވަތަ އެނޫން އެހެން ކަމެއްތޯ؟
 
އާދެ، އަޅުގަނޑުމެންނަށް ފެންނަމުންދާ ޙާދިޘާތަކުން އެނގެނީ، ހަމަ ގައިމުވެސް ބައެއް ކިޔަވާ ކުދިންނަށް ހީވަނީ، ބޭނުމަކީ އިމްތިޙާނުން ފާސްވުމޭ. އެހެންވީމާ، ކޮންމެ ގޮތަކުންނަމަވެސް، އިމްތިޙާނުން ފާސްވަނިކޮށް އޭނާގެ ވާޖިބު އަދާކުރެވުނީއޭ. އާދެ، އެގޮތަކީ ތެދުވެރިކަމާ މުޅިން ޚިލާފު ގޮތެއް ކަމުގައިވިޔަސް، ކިޔަވާ ކުއްޖެއްގައި ހުންނަންވާ މަތިވެރި ސިފަތަކާ އިދިކޮޅު ގޮތެއް ކަމުގައިވިޔަސް، އެއްވެސް ފަރުވާލެއްނެތް. ކޮންމެ ގޮތަކުން ނަމަވެސް، އިމްތިޙާނުން ފާސްވަނިކޮށް ނިމުނީ. ކޮންމެ ގޮތަކުންވެސް ސަނަދެއް ލިބެނިކޮށް ނިމުނީ. އެހެންކަމަށް ޚިޔާލުކުރާކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ އެއީ އެކަމާ ދޭތެރޭގައި ވިސްނަންވީ ގޮތަށް ނުވިސްނެނީއޭ. އެހެންވީމާ، އެގޮތަށް އެ ވިސްނާ ކުދިންގެ ވިސްނުމަށް ވަރަށްބޮޑު ބަދަލެއް އަންނަންވެއްޖެއޭ.
 
އާދެ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ކިޔަވާ ކުއްޖެއްގެ ލަނޑުދަނޑިއަކަށް ވާންވާނީ މުސްތަޤްބަލުގައި އޭނާ އަދާކުރަންޖެހޭ ދައުރަށް ތައްޔާރުވުންކަން. އެ ދައުރަށް ތައްޔާރުވުމަށްޓަކައި އޭނާގެ ޝަޚްޞިއްޔަތު ބިނާކުރުމާއި އޭނާއަށް ލިބޭ މަޢުލޫމާތު އިތުރުކުރުމާއި، ހަރުދަނާ އުސޫލެއްގެ މަތިން ކަންތައް ކުރާނެ ގޮތްތައް ދަސްކުރުން، އަދި ވިސްނާނެ ގޮތްތައް ދަސްކުރުން އެއީ ކިޔަވާ ކުއްޖެއްގެ ވާޖިބަކީ. ފަހަރެއްގައިވެސް އެއީ ސަނަދެއް ހޯދުމެއް ނޫން. ނުވަތަ އިމްތިޙާނުން ފާސްވުމެއް ނޫން. އެއަށްވުރެ މާ މުހިންމު ކަމެއް ކިޔަވާ ކުއްޖާގެ ލަނޑުދަނޑިއަކަށް ވާންޖެހޭނެ.
 
ހަމައެފަދައިން، ބައެއް މަސައްކަތްތެރިން އެމީހުން ދިރިއުޅުމަށް އެކިއެކި މަސައްކަތްތައް ޚިޔާރު ކުރަމުންދާއިރުވެސް އެ ވިސްނާ ރޮނގު އެއީ އަޅުގަނޑު ހިތުން މުޅިން ހަމަޖެހޭގޮތަކަށްނުވޭ. އަޅުގަނޑު މި ދެންނެވީ ފަހަރެއްގައިވެސް ހުރިހާ މަސައްކަތްތެރިންގެ ވާހަކައެއް ނޫން. ބައެއް މީހުންނަށް އެކި ކަންކަމާ ދޭތެރޭގައި ޚިޔާލުކުރެވޭ ގޮތުގެ ވާހަކަ.
 
އާދެ، މަސައްކަތްތެރިންގެ ތެރެއިން ބައެއް މީހުންނަށް ކޮންމެއަކަސް ޚިޔާލުކުރެވެނީ އެންމެ އަވަހަށް އާމްދަނީއެއް ލިބޭނެ މަސައްކަތެއް ކުރަމުން ގެންދިޔުން. އެ މަސައްކަތަކީ، އެ މަސައްކަތުގައި ތިމާއަށް ކުރިއަށް ދެވިދާނެކަހަލަ މަސައްކަތަކަށްވޭތޯ ނުވަތަ ނުވޭތޯ ބެލުން، އެ މަސައްކަތަކީ ތިމާއަށާއި ތިމާގެ ޢާއިލާއަށް، ތިމާގެ މުޖުތަމަޢަށް އެއިން ފައިދާއެއް ކުރާނެ މަސައްކަތަކަށްވޭތޯ ނުވަތަ ނުވޭތޯ ބެލުން އެއީ މިދެންނެވި ބައެއް މީހުންގެ ޚިޔާލުގައި އެއްގޮތަކަށްވެސް އޮންނަ ކަމެއް ނޫން. އެމީހުންގެ ބޭނުމަކީ، ވީ އެންމެ އަވަހަކަށް ފައިސާކޮޅެއް ލިބޭނެ މަގެއް ތަނަވަސްވޭތޯ ބެލުން. އެހެންވީމާ، އެކުރާ މަސައްކަތަކީ ކޮންމެކަހަލަ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ބޭނުމަކީ ފައިސާ ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ލިބުން، ހޯދުން. އާދެ، އެހެންވީމާ، އެގޮތަށް އެ ވިސްނާ ވިސްނުން އެއީވެސް އަޅުގަނޑުމެންގެ ޤައުމުގައި ހުންނަންވީ އަޚުލާޤިއްޔާތާ އެއްގޮތްވާ ވިސްނުމެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އާދެ، ސަބަބަކީ ޤައުމުގައި ތަފާތު މަސައްކަތްތައް ކުރެވެމުންދާންވާނެ. އެކި މަސައްކަތްތައް ގައުމަށް ބޭނުންވާނީ އެކިމިންވަރަށް. އެއްވެސް މަސައްކަތެއް، އެ މަސައްކަތެއް ބޭނުންވާ މިންވަރަށްވުރެ  އިތުރަށް ކުރެވިގެން އެއިން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ.
 
މިސާލެއްގެ ގޮތުން ދަންނަވަންޏާ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ އެންމެ މުހިންމު އިޤުތިޞާދީ މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން ދޫކޮށްލައިފައި، މަސްވެރިކަން ކުރާ މީހުން އެ މަސައްކަތް ދޫކޮށްލައިފައި، އެހެން ކަމަކަށް ދިޔުން އެއީ އަޅުގަނޑު ދަންނަވާނީ ޤައުމުގެ މަޞްލަޙަތު އޭގައި އެއްގޮތަކަށްވެސް ހިމެނިފައިނުވާ ގޮތެކޭ. އާދެ، އެއީ މަސްވެރިކަމުން ރާއްޖެއަށް ލިބޭ ފައިދާއަށް، ރާއްޖޭގެ އިޤުތިޞާދަށް އެއިން ލިބޭނެ ކުރިއެރުމާއި އަދި އަޅުގަނޑުމެންގެ އަމިއްލަ ކައިބޮއިއުޅުމަށްވެސް އެއިން ލިބޭ މުހިންމު ފައިދާތަކާ، މިހުރިހާ ކަމަކަށް ވިސްނާއިރު، މަސްވެރިކަން ދޫކޮށްލައިފައި، އެނޫން އެހެން މިޞްރާބުތަކަށް ހުރިހާ އެންމެން މިޞްރާބު ޖަހަން ވެއްޖެނަމަ، ޤައުމުގެ ހަލާކު އެކަމުގައި އެކުލެވިގެންވާނެކަން ކަށަވަރު.
 
އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. ރާއްޖޭގެ އިޤުތިޞާދަކީ އެތައް ފަހަރެއްގެ މަތިން، ވަރަށްގިނަ ފަރާތްތަކުން ތަކުރާރުކުރަމުން ގެންދާ ފަދައިން، ވަރަށްހަނި ދާއިރާއެއްގައި ހިނގަމުންދާ އެއްޗެއް. އެ ދާއިރާ ފުޅާކޮށް ޤައުމަށް ކުރިއެރުން ލިބޭނެ އިތުރު މަގުތައް ވަނީ ހޯދަން ޖެހިފައި. އެގޮތުން، ރާއްޖޭގައި ކުރެވެންހުރި ތަފާތު އިޤުތިޞާދީ މަސައްކަތްތައް ކުރަމުން ގެންދިޔުމުގެ ބޭނުންތެރިކަމަކީ، އެޔާ ދޭތެރޭގައި ދެމީހަކު ޚިލާފުވާނެ ކަމެއް ނޫން. އެހެންނަމަވެސް، ކުރާ އެއް މަސައްކަތެއް އަނެއް މަސައްކަތާ ފުށުއަރައި، އެއްކަމަކުން އަނެއް ކަމަކަށް ގެއްލުން ލިބޭގޮތް ވެއްޖެނަމަ، އެއީ އެއްގޮތަކަށްވެސް ޤައުމުގެ މަޞްލަޙަތު އޭގައި އެކުލެވިގެންވާ ގޮތެއް ނޫން.
 
އާދެ، އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެންމެ ބާރަށް ހިނގާ އެއް މަސައްކަތަކީ ޓޫރިޒަމުގެ މަސައްކަތް. އެއީވެސް ތަރައްޤީ ކުރަންޖެހޭނެ މަސައްކަތެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަން ހުރިލެއް ކުޑަކަމުން. އެކިބާވަތުގެ މަޢުދަންތަކާއި ތެޔޮ ފަދަ އަގުހުރި އެއްޗެތި އަޅުގަނޑުމެންގެ ބިމުގައި ނެތުމުގެ ސަބަބުން. ނުވަތަ ހުރި ނަމަވެސް، ހުރިކަން  އަދި ނޭނގި އޮތުމުގެ ސަބަބުން، އޭގެ ބޭނުން އަދި ނުކުރެވޭތީ. ތަފާތު ގޮތްގޮތުން އިޤުތިޞާދަށް ލިބެންޖެހޭ ފައިދާތައް، ލިބެންޖެހޭ ކުރިއެރުން ހޯދުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރަންޖެހޭނެ. އޭގެތެރޭގައި ވަރަށް މުހިންމު އެއް މަސައްކަތެއް، ޓޫރިޒަމުގެ މަސައްކަތް އެއީ.
 
އެހެންނަމަވެސް އަޅުގަނޑުގެ ސުވާލަކީ، ހުރިހާ އެންމެން ޓޫރިޒަމުގެ މަސައްކަތަށް ކުރިމަތިލައިފިއްޔާ ދެންވާނީ ކިހިނެއްތޯއޭ؟ ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކެއް ދޫކޮށްލައިފައި، މަސްވެރިކަމުގައި އުޅޭ އެންމެންވެސް ޓޫރިޒަމުގެ މަސައްކަތަށް އެނބުރިއްޖިއްޔާ ދެންވާނީ ކިހިނެއްތޯއޭ؟ އެއްވެސް ޝައްކެއްނެތް، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ، ވަރަށް މުހިންމު ބައެއް އުނިވެގެންދާނެ. ކާނާގެ ގޮތުން ބެލިނަމަވެސް، ޓޫރިޒަމުން ފައިސާ ލިބުން އެކަށީގެންވޭ. އެހެންނަމަވެސް، ފައިސާއަކީ ކާންބޯން ކަމުދާ އެއްޗެއް ނޫން. އަޅުގަނޑުމެން މަސްވެރިކަން ދޫކޮށްލައިފިއްޔާ، އެންމެކުޑަމިނުގައި އަޅުގަނޑުމެން ލައިގެންކާނެ އެއްޗެއްވެސް ހޯދަންޖެހޭނީ ބޭރުން. އެ އެއްޗެއް ޖެހޭނީ ރާއްޖެއަށް އެތެރެކުރަން. މިހާރުވެސް އަޅުގަނޑުމެން ރާއްޖެއަށް އެތެރެކުރަމުންދާ ބާވަތްތައް ގިނަކަމުން، އެތަކެތީގެ އަގުބޮޑުވުން އެއީ ވަރަށް ބޮޑަށް އާންމު ރައްޔިތުންނަށް ދަތިވެފައިވާ ކަމެއް. އެކަން އެހެން އޮއްވައި އިތުރު އެއްޗެތިތަކެއް އަޅުގަނޑުމެންނަށް އެތެރެކުރަންޖެހޭގޮތް ވެއްޖިއްޔާ، މިހާރު އަޅުގަނޑުމެންނަށް އެތަކެތި ލިބޭ އަގަށްވުރެ މާބޮޑު އަގެއްގައި މުސްތަޤްބަލުގައި ލިބޭގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށްވަންޏާ، ދެން ވާނެގޮތާ ދޭތެރޭގައި އަޅުގަނޑު ހިތުން އެއްވެސް މީހަކަށް ޝައްކެއްނުކުރެވޭނެ.
 
އާދެ، ހަމައެފަދައިން މަސްވެރިކަމުގެ ދާއިރާއަށް ވިސްނާއިރު، އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެފުޅާ ދާއިރާއެއްގައި ކުރެވެމުން އަންނަ މަސައްކަތަކީ. ރާއްޖޭގައި އެކިއެކި މަސައްކަތްތައް ކުރާ މިންވަރާއި، އެ މަސައްކަތްތަކުގައި އުޅޭ މީހުންގެ އަދަދާއި، ލިބޭ އެއްޗަކާ، މިހުރިހާ އެއްޗެއްގެ ބަރާބަރު ހިސާބުތަކެއް އަދި ހޯދިފައެއްނެތް. އެހެންނަމަވެސް، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރު ގެންދަވަނީ ކުރައްވަމުން. އެ އޭޖެންސީން ލަފާކުރައްވާ ގޮތުގައި، ރާއްޖޭގައި ސީދާ މަސްވެރިކަމުން ދިރިއުޅޭ 29,000 މީހުން އެބަތިބި. އެއީ 1980 ވަނަ އަހަރުގައި އެ އޭޖެންސީގެ ފަރާތުން ލަފާކުރެއްވި ލަފާކުރެއްވުމެއް. އަދި ސީދާގޮތުންނާއި ނުސީދާގޮތުން މަސްވެރިކަމުން ދިރިއުޅޭ މީހުންގެ ޢަދަދަކީ 88,000 މީހުން ކަމުގައި އެ އޭޖެންސީން ލަފާކުރައްވާ. އެއީ ގާތްގަނޑަކަށް ދިވެހިރާއްޖޭގެ މުޅި ރައްޔިތުންގެ 57.2 .
 
ޓޫރިޒަމުގެ މަސައްކަތުގައި 1980 ވަނަ އަހަރުގައި އުޅުނު ކަމަށް އެން.ޕީ.އޭ އިން ލަފާކުރައްވަނީ ގާތްގަނޑަކަށް 2,500 މީހުން. އާދެ، އެއީ ސީދާގޮތުގައި ޓޫރިޒަމުގެ މަސައްކަތުގައި އުޅޭ މީހުންގެ އަދަދު މިދެންނެވީ. ނުސީދާގޮތަށް ޓޫރިޒަމުން ދިރިއުޅޭ، އެއަށްވުރެ ގިނަ އަދަދެއްގެ ބަޔަކު އެބަތިބި. އެހެންވީމާ، ސީދާގޮތުންނާއި ނުސީދާގޮތުން ޓޫރިޒަމުގެ މަސައްކަތުން، އެމީހުންގެ ދިރިއުޅުން ހަމަޖައްސާ މީހުންގެ އަދަދު ކަމުގައި އެން.ޕީ.އޭ އިން ލަފާކުރައްވަނީ ގާތްގަނޑަކަށް 12,600 މީހުން. އާދެ، އެއީ ދިވެހިރާއްޖޭގެ އާންމު ރައްޔިތުންގެ ސަތޭކައަކުން 8.2 . އާދެ، މިދެންނެވި އަދަދުތަކުންވެސް ވަރަށް ރަނގަޅަށް އެބަ ދޭހަވޭ، މަސްވެރިކަމުގެ ފައިދާ އެބަޔަކަށް ލިބޭ އަދި މަސްވެރިކަމުން އެބައެއްގެ ދިރިއުޅުން ހަމަޖައްސާ މީހުންގެ އަދަދަކީ ވަރަށްބޮޑު އަދަދެއްކަން. 88,000 މީހުން ނުވަތަ ސަތޭކައަކުން 57.2 . ދިވެހިރާއްޖޭގައި އާންމު ރައްޔިތުންގެ ނިސްބަތުން ބަލާއިރު ޓޫރިޒަމުގެ މަސައްކަތުން ދިރިއުޅޭ މީހުން، ސީދާގޮތުންނާއި ނުސީދާގޮތުން އެމީހުންގެ މައިގަނޑު އާމްދަނީއަކީ ޓޫރިޒަމުން ލިބޭ އެއްޗެއް ކަމުގައިވާ މީހުންގެ ޢަދަދަކީ 12,600 . ސަތޭކައަކުން 8.2 . އެހެންވީމާ، އެއިން ދައްކާ އެއްޗަކީ، އަޅުގަނޑުމެން މިކުރާ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން އެންމެގިނަ ޢަދަދަކަށް އޭގެ ފައިދާ ރައްދުވާ މަސައްކަތަކީ މަސްވެރިކަންކަން. އާދެ، ސަރުކާރަށް ބޭނުންވާނެ، ވީހާ ގިނަބަޔަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދޭން. އަޅުގަނޑުމެންގެ އުފެއްދުންތެރިކަމާއި އަޅުގަނޑުމެންގެ އާމްދަނީ އިތުރުވަމުން ދިޔަދިޔަހެން އެ ލިބޭ އެއްޗެއް ވީހާވެސް ހަމަހަމަގޮތެއްގައި، ވީހާވެސް ގިނަ ބަޔަކަށް ބެހިގެންދާނެ ގޮތެއް ހޯދައިދިނުން. ޓޫރިޒަމުގެ މަސައްކަތަކީ ތަންކޮޅެއް އަވަހަށް އޭގެ ފައިދާ ލިބޭނެ މަސައްކަތެއް ކަމުގައިވިޔަސް، އޭގެ ފައިދާ ރައްދުވާ މީހުންގެ އަދަދު އެއީ މުޅި ރާއްޖޭގެ ނިސްބަތުގައި މާބޮޑު އަދަދަކަށް އަދި ނުވޭ. އެހެންވީމާވެސް ސަރުކާރުން މަސްވެރިކަމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހެނީ. އެހެންވީމާ، އަޅުގަނޑު މި ނުކުތާގައި ފާހަގަކޮށްލަން ބޭނުންވަނީ އެކިއެކި މަސައްކަތްތައް އަޅުގަނޑުމެން އިޚުތިޔާރު ކުރާއިރު، ނުވަތަ އެއް މަސައްކަތަކުން އަނެއް މަސައްކަތަކަށް ބަދަލުވެގެންދާއިރު، މިކަހަލަ މުހިންމު ނުކުތާތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެއޭ. އެހެން ނުވިސްނޭނަމަ މުސްތަޤްބަލުގައި ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމާއި ހަލާކު އެއީ އަޅުގަނޑުމެންނަށް މިވަގުތު އެއްގޮތަކަށްވެސް އިޙުސާސް ކުރެވޭނެ އެއްޗެއް ނޫނޭ.
 
މަސްވެރިކަމުގެ ދާއިރާގައި އުޅޭ ބައެއް މީހުން، ޓޫރިޒަމުގެ މަސައްކަތަށް މަޑުމަޑުން ނަމަވެސް ބަދަލުވަމުން އެބަދޭ. އެއީ ވަރަށް ހިތާމަކުރަންޖެހޭނެ ކަމެއް. އަޅުގަނޑު މިދެންނެވި ޙަޤީޤަތްތަކަށް ވިސްނާއިރު، އެގޮތަށް ބަދަލުވާ ބަދަލުވުން އެއީ ރާއްޖޭގެ މަޞްލަޙަތުގައި ބަދަލުވާ ބަދަލުވުމެއް ނޫން. އެހެންވާންޖެހޭ ސަބަބަކީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަންޖެހޭ ބަދަލުތަކެއް ނުގެނެވި އޮތްކަން. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އިޙުސާސް ކުރެވެނީ އެމީހަކަށް އެންމެ އަވަހަށް ފައިދާ ލިބޭނެ މަގެއް ހޯދުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި. އެކަމަކު އަޅުގަނޑު މިދަންނަވަނީ އެއެއް ނޫނޭ ރަނގަޅު ގޮތަކީ. އަޅުގަނޑުމެން މަސައްކަތެއް އިޚުތިޔާރު ކުރުމުގައިވެސް ރަނގަޅު ގޮތަކީ، އެނޫން އެހެން ބޮޑެތި ނަތީޖާތަކަށް ވިސްނައިފައި، ޖަމާޢަތަށް ޤައުމަށް އެންމެ މަޞްލަޙަތު ހުރި މަސައްކަތެއް އިޚުތިޔާރު ކުރެވޭތޯ ބެލުމޭ. އާދެ، މިދެންނެވި ބަދަލުތައް އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަން އެބަޖެހޭ.
 
އަދިވެސް އިތުރު މިސާލެއް އަޅުގަނޑު ދަންނަވައިފާނަން. ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ބައެއް މީހުން ވިސްނަނީ މުސާރަ ބޮޑު ތާކަށްދާން. އާދެ، އެއީ ޠަބަޢީ ކަމަކަށްވުންވެސް އެކަށީގެންވޭ. އެހެންނަމަވެސް، ތިމާ، ތިމާ އަދާކުރާ ވަޒީފާއެއް އިޚުތިޔާރު ކުރުމުގައި ނުވަތަ ތިމާ އުޅޭނެ އޮފީހެއް އިޚުތިޔާރު ކުރުމުގައި ހަމައެކަނި ބަލަންވީ އެ ވަޒީފާއަކުން ލިބޭނެ ފައިސާއަކަށް ނޫން. ލިބޭނެ މުސާރައަކަށް ނޫން. އެއީވެސް ބަލަންޖެހޭނެ އެއްޗެއް. އެހެންނަމަވެސް، އެއާއެކުގައި އަދި އެހެން މިންގަނޑުތަކަށްވެސް ބަލަންޖެހޭނެ. ކޮންމެ މީހަކުވެސް، އަޅުގަނޑު ދަންނަވާނީ، އިޚުތިޔާރު ކުރަންވާނީ ތިމާ އެކަމަށް ޝައުޤުވެރިކަން ހުންނަ، އެކަމަކަށް ތިމާއަށް ހިތްހަމަޖެހުމެއް ލިބޭ އަދި އެކަމެއް ފަރުވާތެރިކަމާއެކު ކުރަމުން ގެންދިޔުމުން ތިމާއަށް، ތިމާގެ ޤައުމަށް ފައިދާތަކެއް ލިބޭނެ ކަމެކޭ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މި ރޫޙު މާބޮޑަށް އޮތް ކަމަށް ނުފެންނާތީ، އެ ނުކުތާއާ ދޭތެރޭގައި، އަޅުގަނޑު އެއްޗެއް މި ދަންނަވަނީ. ކޮންމެ މީހަކުވެސް ސަރުކާރުގެ ދާއިރާގައިވެސް އުޅެން ބޭނުންވާ އޮފީހެއް އިޚުތިޔާރު ކުރާއިރު، މިކަންކަމާ ދޭތެރޭގައި ވިސްނަންވާނެ. މިކަމަކީ ތިމާއަށް ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ، މިރޮނގުގައި ތިމާއަށް ކުރިއަށް ދެވިދާނެތޯ، ތިމާގެ އެއްވެސްކަހަލަ ޝައުޤުވެރިކަމެއް މިކަމުގައި އެބައޮތްތޯ، ނުވަތަ ނެތްތޯ، މިކަން އެދެވޭ ގޮތެއްގައި ކުރަމުން ގެންދިޔުމުން ތިމާއަށް ހިތްހަމަޖެހުން ލިބޭނެތޯ، ތިމާއަށް އުފަލެއް އިޙުސާސް ކުރެވޭނެތޯ، އަދި މާއްދީގޮތުންވެސް ތިމާއަށް ފައިދާއެއް ލިބޭނެތޯ، ތިމާގެ ޤައުމަށް އެންމެފަހު ތަޙުލީލުގައި އެއިން އިތުރު ލާބަޔާއި މަންފާ ލިބޭނެތޯ. އެގޮތްގޮތަށް ވިސްނައިފައި އަޅުގަނޑުމެން އެކިއެކި ވަޒީފާތައް ޚިޔާރު ކުރަންވާނީ. ކުރިއަށް ދެވޭނެ ގޮތްތައް ތިމާއަށް ފެނިގެން ރަނގަޅަށް އެގޮތްތައް ވަޒަންކުރުމަށްފަހުގައި.
 
އެހެންނޫނީވިއްޔާ ވާގޮތަކީ، މިހާރުވެސް ދިމާވަމުންދާ ގޮތެއް އެއީ، އެއް ވަޒީފާއެއްގައި ހުންނަ މީހަކު، އެމީހާ އެ އުޅޭ އޮފީހުގައި ކިތަންމެ ގިނަ ދުވަހެއް ހޭދަކުރިކަމުގައިވިޔަސް، އޭނާ އެ އުޅޭ ވަޒީފާއަށްވުރެ އެހެން ތަނެއްގެ މުސާރަ އެންމެ ދިހަރުފިޔާ ބޮޑުވިކަމުގައިވިޔަސް، އެތަނަށް ދާހިތްވޭ. ވަގުތުން ސިޓީލައިގެން ބަދަލުވަނީ، ނޫނީ އެހެންގޮތެއް ނެތިއްޔާ ކެނޑިގެން ނަމަވެސް ދަނީ. އެހެން ދާ ދިޔުމުގައި އެއްގޮތަކަށްވެސް އަޅުގަނޑު މިދެންނެވި މުހިންމު ނުކުތާތަކާ ދޭތެރޭގައެއް ނުވިސްނާ. އެހެންވީމާ، އެކިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާގޮތް އެއީ ވަރަށް ބޮޑެތި ބަދަލުތަކެއް އެކަމަށް ގެންނަންވެފައިވާ ކަމެއް. އަޅުގަނޑުމެން ވިސްނަންވީ ހަމައެކަނި ތިމާވަންތަކަމުގެ ރޮނގަކުންނެއް ނޫން. ހަމައެކަނި ތިމާއަށް އެކަމުން ލިބޭނެ ފައިދާއެއްގެ ގޮތަކުންނެއް ނޫން. އޭގެއިތުރުން ވިސްނަން އެބަޖެހޭ، ޖަމާޢަތަށް އެކަމުން ލިބޭނެ ފައިދާއަކީ ކޮބައިތޯ، ނުވަތަ އެކަމަކުން ލިބޭނެ ގެއްލުމަކީ ކޮބައިތޯ.
 
އަޅުގަނޑުމެން ބޭނުންވަނީ ޤައުމު ތަރައްޤީކުރަން. ޤައުމުގައި ހަމަޖެހުން އުފައްދަން. އެއްދުވަހުން އަނެއް ދުވަހަށް ހުރިހާ ކަމެއްވެސް ރަނގަޅުވަމުންދާން. އެހެން އަޅުގަނޑުމެން އެންމެން ބޭނުންވާއިރު އަޅުގަނޑުމެންގެ ވިސްނުން، މިދެންނެވި ކަހަލަ ހަމަޖެހޭ އުސޫލެއްގެ މަތިން ނުގެންދާކަމަށްވަންޏާ އެ އުންމީދާ ހަމައަކަށް އަޅުގަނޑުމެންނަށް ދުވަހަކުވެސް ވާސިލެއް ނުވެވޭނެ.
 
އާދެ، ދެންމެ އަޅުގަނޑު ދަންނަވައިލިން، ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައިވެސް ބައެއް މީހުންނަށް ޚިޔާލު ގެންގުޅެވޭގޮތުގެ ވާހަކަ. ޚިޔާލު ގެންގުޅެވެނީ މިވެނިކަހަލަ ގޮތަކަށޭ. އެއަށްވުރެ އާންމުކޮށް ސަރުކާރުގެ ވަޒީފާއާ ދޭތެރޭގައިވެސް އަޅުގަނޑު ހިތުން އެއްޗެއް ދަންނަވައިލުމަކީ ބޭނުންކަމެއް. އެއީ މިވަގުތު ޤައުމަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކުގެ ތެރެއިން މައްސަލައެއް. ސަރުކާރަށް ބޭނުންވާ މީހުން، ބޭނުންވާ އަދަދަށް ނުލިބޭކަން. މިސާލަކަށް، އިއްޔެ އަޅުގަނޑުމެން މި ފާހަގަކުރި މުހިންމު މުނާސަބަތަކީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމުގެ މުހިންމު މުނާސަބަތު. އެ އެއަރޕޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤުތިޞާދަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރާނެ ފައިދާތަކާއި އަންނާނެ ބަދަލުތައް އަޅުގަނޑުމެންނަށް ރަނގަޅަށް ވަޒަންކުރެވޭ. އެހެންނަމަވެސް، އެއަރޕޯޓުން ލިބެންވާ ފައިދާތައް އަޅުގަނޑުމެންނަށް ލިބޭނީ އަދި އަޅުގަނޑުމެންގެ އިޤުތިޞާދަށް އެއިން ލިބެންޖެހޭ ތަރައްޤީ ލިބޭނީ އެއަރޕޯޓު ހިންގާނެ ބަޔަކުވެސް ތިބެގެން. ހަމައެކަނި ޢިމާރާތްތަކެއް ހަދައިފައި، ބޮޑެތި ސާމާނުތަކެއް ބޭރުން ގެނެސްފައި އެތާނގައި ބެހެއްޓުމަކުން އެއަރޕޯޓުން ލިބެންވާ އެއްވެސް ފައިދާއެއް ނުލިބޭނެކަން ކަށަވަރު. އަނެއްކާ އެ މަސައްކަތްކުރާ ބަޔަކީ، އެއަރޕޯޓު ހިންގުމާ ހަވާލުވެ ތިބޭނެ ބަޔަކީ ހަމަ އަޅުގަނޑުމެން ދިވެހިން. ވަގުތީގޮތުން ބޭރުގެ ބައެއް މާހިރުން ގެނެވިދާނެ. ދުވަސްކޮޅަކަށް އަޅުގަނޑުމެންނަށް ލަފާދީ، ބައެއް ކަންތައްތައް ހިންގުމާ ހަވާލުވެގެން ތިބޭނެ ބަޔަކު ގެނެވިދާނެ. އެކަމަކު ދާއިމީ ގޮތެއްގައި ބޭރު ބަޔަކު ގެނެސްގެން އެކަހަލަ މުހިންމު ތަނެއް ނުހިންގޭނެ. އެތަން ހިންގަންޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ ޤައުމުގެ ދަރިން. ދިވެހިން އެތަން ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވާންޖެހޭނީ. އެހެންނަމަވެސް، އެއަރޕޯޓަށް ބޭނުންވާ އަދަދަށް މީހުން ލިބުން އެއީ ވަރަށްބޮޑު މައްސަލައަކަށް މިހާރުވަނީ ވެފައި.
 
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިފަދަ އެއަރޕޯޓެއް ހިންގުމަށް ވަރަށްގިނަ ޢަދަދަކަށް މުވައްޒަފުން ބޭނުންވޭ. ތަފާތު އެކި ރޮނގުރޮނގުގައި މަސައްކަތް ކުރާނެ މުވައްޒަފުން. އެއަރޕޯޓުގެ މަސައްކަތަކީ ވަރަށްގިނަ ގޮފިތަކަކަށް ބެހިފައިވާ މަސައްކަތްތަކެއް. މިހާރު މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރަށް އަޅުގަނޑު ހިތުން މަދުވެގެންވެސް ދުއިސައްތަވަރަކަށް މީހުން ލިބިގެންނޫނީ އެއަރޕޯޓު ފުދޭވަރަކަށް ނުހިންގޭނެ. އެއަރޕޯޓުގެ މަސައްކަތަށް މީހުން ބޭނުންވެގެން ކަމާބެހޭ ފަރާތްތަކުން އިޢުލާނު ކުރައްވާނެ. އަޅުގަނޑު ހިތުން އެކަށީގެންވާ އަދަދަށް މީހުން ތިބޭނެވެސްކަންނޭނގެ. އެހެންނަމަވެސް، މީހުން ކުރިމަތިނުލާގޮތް ދިމާވުން އެއީ ވަރަށް ފަސޭހައިން ވެދާނެގޮތެއް. ސަރުކާރުގެ ވަރަށްގިނަ ވަޒީފާތަކަށް އިޢުލާނު ކޮށްގެންވެސް މީހުން ނުލިބޭތަން އެބައާދޭ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ހަމައެކަނި އެއަރޕޯޓެއް ޢިމާރާތްކޮށްގެން ބޭނުންވާ ބޮޑެތި ސާމާނުތަކާއި އިކްވިޕްމަންޓާއި، އެކިއެކި ވެހިކަލްސް އެތަނަށް ގެނެސް އަދި އެތާނގައި ދައްކަން ބަހައްޓައިގެން އަޅުގަނޑުމެންނަށް އެއަރޕޯޓުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެއަރޕޯޓުގެ ކަންތައްތައް އަޅުގަނޑުމެންނަށްވާނެ ހިންގެން. ހިންގޭނީ ކަމަށް އެކަށީގެންވާ ލިޔާޤަތްތެރި ބަޔަކު އެކަމަށް ކުރިމަތިލައިގެން.
 
އާދެ، ސަރުކާރަކީ ކޮންއެއްޗެއްތޯ އަޅުގަނޑުމެން ވިސްނައިލަން އެބަޖެހޭ. ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯ؟ ސަރުކާރަށް ޚިދުމަތް ކުރުމަކީ ކޮބައިތޯ؟އާދެ، ސަރުކާރަކީ ރައްޔިތުންނަށް އޭގެ ފައިދާތަކެއް ލިބިދިނުމަށްޓަކައި ރައްޔިތުން ޤާއިމުކުރާ ޖިހާޒެއް. ނުވަތަ މެޝިނަރީއެއް. އެ ޖިހާޒުގެ ފަރާތުން ނުވަތަ އެ މެޝިނަރީގެ ފަރާތުން ރައްޔިތުންނަށް ފައިދާތަކެއް، ޚިދުމަތްތަކެއް ލިބިދިނުމަށްޓަކައި ރައްޔިތުން އިޚުތިޔާރުކުރާ ޖިހާޒެއް. ނުވަތަ މެޝިނަރީއެއް. އެތަން ނެތި އެފަދަ ޖިހާޒެއް ނުވަތަ މެޝިނަރީއެއްނެތި ރައްޔިތުންނަށް އެ ބޭނުންވާ ޚިދުމަތްތަކެއް ނުލިބޭނެކަން ކަށަވަރު. މިސާލަކަށް، ތަނުގައި އަމަންއަމާންކަން ޤާއިމުކުރުން، މީސްތަކުންގެ ގެދޮރާއި މުދާތައް ރައްކާތެރިކުރުން، މުޖުތަމަޢުގެ ސަލާމަތަށްޓަކައި ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ހަދައި، އެ ޤާނޫނުތަކާއި ގަވާއިދުތައް ހިންގުން. ދޭދޭ އަފްރާދުންގެ މެދުގައި ޖެހޭ މައްސަލަތައް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމައި، ޝަރީޢަތްތައް ހިންގައި، ޢަދުލު އިންޞާފު ޤާއިމުކުރުން. އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދިނުމުގެ ވަސީލަތްތައް ހޯދައި، މަދަރުސާތައް ހުޅުވައި، އެތަންތަން ހިންގައި ކުދިންނަށް ތަޢުލީމު ދެވޭނެ ގޮތްތައް އިންތިޒާމު ކުރުން. ރައްޔިތުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބަލިމީހުންނަށް ބޭސްފަރުވާ ލިބިދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮތުން. ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުރިހާ އެންމެންނަށް އެއް އަގެއްގައި ލިބޭނެގޮތަކަށް، ހެޔޮ އަގެއްގައި ލިބޭނެ ގޮތަކަށް އިންތިޒާމުތައް ރާވައި، އެކަންތައްތައް ކުރިއަށް ގެންދިޔުން. މިފަދަ އެތައް މުހިންމު ކަންތައްތަކެއް ސަރުކާރުން ހިންގަމުން ގެންދަނީ. އެހެންވީމާ، ސަރުކާރުން އެކަންތައްތައް ކުރިއަށް ނުގެންދެވިއްޖިއްޔާ، ދެން އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ދަތިތައް ތިޔަބޭފުޅުން އިޙުސާސް ކުރައްވަބައްލަވާ! އަޅުގަނޑު ހިތުން އެކަކަށްވެސް އެ ދަތިތައް އިޙުސާސް ކުރުން ދައްޗެއްނުވާނެ. މިފަދަ ބޮޑެތި ޚިދުމަތްތައް އަދާކުރާ ފަރާތެއް މުޖުތަމަޢުގައި ނެތިއްޖިއްޔާ، ދެން ވާނެގޮތް އެއީ އަޅުގަނޑު ހިތުން ކޮންމެ މީހަކަށްވެސް ވަރަށް ސާފުކޮށް ވަރަށް ރަނގަޅަށް އެނގޭނެ ކަމެއް. އެކަމަކު މިދެންނެވި ކަހަލަ ޚިދުމަތްތައް ރައްޔިތުންނަށް ލިބިދެވޭނީ، އެކަންތައްތައް ހިންގަން ބަޔަކު މީހުން ތިބެގެން. އެކަންތައްތައް ހިންގުމަށްޓަކައި ބައެއްގެ ވަގުތުތައް ހޭދަކުރަން އެއްބަސްވެގެން. އެވަގުތުތައް، އެ ޚިދުމަތްތައް އަދާކޮށްދިނުމަށްޓަކައި ހޭދަކުރަން އެއްބަސްވެގެން އެކަމުގައި އެމީހުން އުޅެގެން.
 
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ، މިދެންނެވި ފަދަ ޚިދުމަތްތައް އެމީހަކަށް ލިބެމުން ދިޔުން. ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހާގެ ދަރިންނަށް ތަޢުލީމު ހާސިލުކޮށްދެވޭނެ މަގުތަކެއް ސަރުކާރުން ފަހިކޮށްދީފައި އޮންނަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދަރިން ގެންދާނެ މަދަރުސާތަކެއް ހުރި ކަމުގައިވިޔަސް، މަދަރުސާތަކުގައި ކިޔަވައިދޭނެ މުދައްރިސުން ނެތްކަމުގައިވާނަމަ، ނުވަތަ އެ މަދަރުސާތައް ހިންގާނެ ނާޒިރުން ނެތްކަމުގައިވާނަމަ، ނުވަތަ އެ މަދަރުސާތައް ހިންގުމަށް ބޭނުންވާ އެހެނިހެން މުވައްޒަފުން ނެތްކަމުގައިވާނަމަ، ދެން ކިހިނެއްތޯ ކުދިންނަށް ތަޢުލީމު ހާސިލުކޮށްދެވޭނީ؟ އަޅުގަނޑުމެން ބަލިވެގެން ބޭސްކުރަންދާއިރު ކިތަންމެ ރީތިކޮށް ކިތަންމެ ފުރިހަމަކޮށް ޢިމާރާތްކޮށްފައި ހުރި ހޮސްޕިޓަލެއް ހުރި ކަމުގައިވިޔަސް، އެތާނގައި އަޅުގަނޑުމެންނަށް ބޭސްފަރުވާކޮށްދޭނެ ޑޮކްޓަރެއް ނެތްނަމަ، ނުވަތަ ނަރުހުން ނެތްނަމަ، ނޫނީ އެކިއެކި ތަޙުލީލުތައް ކުރަން ބޭނުންވާނެ މީހުން އެ ހޮސްޕިޓަލުގައި ނެތްނަމަ، ނޫނީ ހޮސްޕިޓަލް ހިންގުމަށް ދެންވެސް ބޭނުންވާ އެހެން މުވައްޒަފުން ނެތްނަމަ، ދެން އަޅުގަނޑުމެންނަށް އެ ބޭސްފަރުވާގެ ޚިދުމަތް ލިބޭނީ ކިހިނެއްތޯ؟ތިމާގެ ޙައްޤެއް އެހެން މީހަކު އަތުލައިގެންފިނަމަ، އެ ޙައްޤެއް ތިމާ އަނބުރާ ލިބިގަތުމަށް މަސައްކަތް ކުރާނީ ކިހިނެއްތޯ؟ އެކަމަށް އެހީވެދޭނެ ބާރުހުރި ފަރާތެއް ނެތްކަމުގައިވާނަމަ، މިސާލަކަށް ފުލުހުން، ސިފައިން، އެޓަރނީޖެނެރަލްގެ އޮފީސް، އެކިއެކި ކޯޓުތައް، ޤާޟީން، އެ ކޯޓުތަކުގައި ތިބެންޖެހޭ މީހުން. މިހުރިހާ އެންމެން ނެތްކަމަށްވަންޏާ އަޅުގަނޑުމެންގެ ޙައްޤުތައް އަޅުގަނޑުމެން ހޯދައިގަންނާނީ ކިހިނެއްތޯ؟ އެހެންބަޔަކު އަޅުގަނޑުމެންގެ ޙައްޤުތައް ފޭރިގެންފިއްޔާ އެ އަނބުރާ ލިބިގަތުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނީ ކިހިނެއްތޯއޭ؟
 
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މިކަންކަން ހިންގުމަށްޓަކައި މި ޚިދުމަތްތައް އަދާކުރުމަށްޓަކައި ސަރުކާރަކަށް މީހުން ބޭނުންވެއޭ. އާދެ، ސަރުކާރެއް ހިންގޭނީ، ސަރުކާރު ހިންގަން ބޭނުންވާ އަދަދަށް މީހުން ތިބެގެންނޭ. މީހުން ނުލިބޭކަމަށްވަންޏާ މިދެންނެވި ޚިދުމަތްތައް އެއްގޮތަކަށްވެސް އެ ޚިދުމަތްތައް ލިބެންވާ އަވަސްކަމާއެކު، އެ ޚިދުމަތްތައް ލިބެންވާ ފުރިހަމަކަމާއެކު ލިބެމުންނެއް ނުދާނެއޭ. މިސާލަކަށް، ބައިސްކަލެއް ރަޖިސްޓަރީކުރަން ބޭނުންވެގެން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދާއިރު، އެކަމާބެހޭ ސެކްރެޓަރީ ނެތްކަމުގައިވާނަމަ، ނުވަތަ އެ މަޤާމު ހުސްވެފައިވާނަމަ، މީހަކު ނުލިބިގެން އުޅެންޏާ ކިހިނެއްތޯ އެ ބައިސްކަލް ރަޖިސްޓަރީ ކުރާނީ؟ ވަރުވާ ދައްކަންދާއިރު ފައިސާ ބަލައިގަންނާނެ ކާތިބަކު އެގްރިކަލްޗަރ މިނިސްޓްރީގައި ނެތިއްޔާ، މަޤާމު ހުސްވެފައިވަންޏާ. މީހަކު ނުލިބިގެން އިޢުލާނު ކުރާތާ އެތައް ދުވަހެއްވެއްޖެ. މީހަކު ނެތް، ކިހިނެއްތޯ ވަރުވާ ދައްކައިފައި އެކަމަކުން ނިމޭނީ؟ ކޮންމެވެސް މައްސަލައެއް ދިމާވެގެން ޝަރީޢަތަށް ގޮސްގެން ޝަރީޢަތް ނިމުނުފަހުން އެ މައްސަލައާ ދޭތެރޭގައި އިތުރު ފިޔަވަޅެއް އަޅަން ބޭނުންވެގެން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހޯދަން، ކަމާބެހޭ ކޯޓަށްދާއިރު، އެ ރިޕޯޓު ލިޔާނެ ކާތިބަކު ނެތިއްޔާ ކިހިނެއްތޯ ހަދާނީ؟ ރާއްޖެއިން ބޭރަށްދާން ކުއްލިއަކަށް ބޭނުންވެގެން ޕާސްޕޯޓު ހައްދަން ކަމާބެހޭ އޮފީހަށްދާއިރު، އެތާނގައި މަސައްކަތް ކުރާނެ މުވައްޒަފުން ނެތިއްޔާ ޕާސްޕޯޓެއް ހޯދާނީ ކިހިނެއްތޯ؟ ޕާސްޕޯޓަކާ ނުލައި ރާއްޖެއިން ބޭރަށްދާނީ ކިހިނެއްތޯ؟ އަޅުގަނޑުމެން ދޫކޮށްފާނަން، ދެވިދާނެ. އެކަމަކު އެހެން ޤައުމަކުން އޭނާ ބަލައިގަންނާނެތޯ، ޕާސްޕޯޓެއް ނެތް މީހަކު؟ މުހިންމު އަވަސް ކަމެއްގައި ތަނަކަށް މެސެޖެއް ފޮނުވަންވެގެން ރާއްޖެތެރެއަށް ނަމަވެސް ނުވަތަ ރާއްޖެއިން ބޭރަށް ނަމަވެސް ކަމާބެހޭ އޮފީހަށްދާއިރު، އެ އޮޕަރޭޓަރަކު ނެތިއްޔާ ނުވަތަ އެ މެސެޖު ބަލައިގަންނާނެ މީހަކު ނެތިއްޔާ ދެން ހަދާނީ ކިހިނެއްތޯ؟
 
އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މިކަންކަން މިއީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ ކަންކަމޭ. މި ޚިދުމަތްތައް މިއީ ހަމަ ކޮންމެ ދިވެހި ފަރުދަކުވެސް އެ ޚިދުމަތްތަކަށް ބޭނުންވެފައިވާ ޚިދުމަތްތަކެކޭ. އެކަމަކު އެ ޚިދުމަތްތައް އަދާކުރަން ކުރިމަތިލާ މީހުންގެ ޢަދަދު މަދުކަމުން، އެކަންތައްތައް ކުރުން އެކަށީގެންވާ ވަރަށްވުރެ ލަސްވަމުން އެބަދެއޭ. ބައެއް ކަންތައްތަކުގެ ސަބަބަކާ ދޭތެރޭ ވިސްނާއިރު ސަބަބަކަށްވަނީ އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ކަންތައް. އެއީ މުސާރަ. އެންމެބޮޑު އެއް ސަބަބެއް ކަމަށްވަނީ ސަރުކާރުން ލިބޭ މުސާރައަށްވުރެ ސަރުކާރުގެ ބޭރު ތަންތަނުން، އަމިއްލަ ފަރާތްތަކުން ލިބޭ މުސާރަ ބޮޑުވުން. އާދެ، އެއީ ތެދެއް. ސަރުކާރަކަށް ނޯންނާނެ، އެހެން ތަންތަނުން ލިބޭވަރަށް މުސާރަ ބޮޑުކޮށްދެވޭކަށް. އެއީ ސަރުކާރަކީ ވިޔަފާރީގެ އޯގަނައިޒޭޝަނެއް ނޫން. އެހެން މިދެންނެވީ، އަމިއްލަ މަސައްކަތްކުރާ ތަންތަން އެއީ ވިޔަފާރި ހިންގާ ތަންތަން. އެތަނުން ލިބޭ އެއްޗަކުން އެތަންތާނގައި އުޅޭ މުވައްޒަފުންނަށް މުސާރަދެނީ، އެހެނިހެން ޚަރަދުތައް ކުރަމުން ގެންދަނީ.
 
ސަރުކާރުގެ ގިނަ ކަންތައްތައް އެއީ ހަމަ ހިލޭ ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކެއް. އަޅުގަނޑު މިދެންނެވި ކަހަލަ ކަންތައްތައް. ދުނިޔޭގެ ބައެއް ތަންތާނގައި ސްކޫލުތަކުގައި ފީވެސް ނަގާ. ދިވެހިރާއްޖޭގައި ފީ ނެގުމެއް ނޯވޭ. ކިޔަވާ ކުދިންނަށް ސަރުކާރުގެ ސުކޫލުތަކުން ކިޔަވައިދެނީ ހިލޭ. ހޮސްޕިޓަލުގައިވެސް ވަރަށްގިނަ ކަންތައްތައް އޮންނާނީ ހިލޭ. ބައެއްކަހަލަ ކަންތަކަށް އަގުނެގި ކަމުގައިވިޔަސް، އަދި އެނޫންވެސް ކަންތައްތަކުގައި، މުހިންމު ކަންތައްތަކުގައި، ޢަދުލު އިންޞާފު ޤާއިމުކުރުމުގައި، ފުލުސް އޮފީހުގެ ވާޖިބުތައް އަދާކުރުމުގައި، ސިފައިންގެ މީހުންގެ ވާޖިބުތައް އަދާކުރުމުގައި އެއްވެސް ފީއެއް ނުނަގާ. ހަމަ އަމިއްލައަށް އެހުރިހާ ޚިދުމަތްތަކެއް، ހަމަ ހިލޭ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދެނީ.
 
އެހެންވީމާ، މިގޮތުން ބަލާއިރު ސަރުކާރުގެ ޚިދުމަތްތައް އެއީ އެއްވެސް މުޤާބިލެއްނެތި ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކެއް. އެހެންވީމާ، ސަރުކާރަށް ލިބޭ އެއްޗަކީ މާބޮޑު އެއްޗަކަށްނުވޭ. އެގޮތުން ބަލާއިރު އަމިއްލަ ވިޔަފާރި ހިންގާ ތަންތަނުން އެތަންތާނގެ މުވައްޒަފުންނަށްދޭވަރުގެ މުސާރައެއް، އެއްވެސް ސަރުކާރަކުން، ދިވެހި ސަރުކާރަކުން ނޫން، އެއްވެސް ޤައުމެއްގެ ސަރުކާރަކުން ދެވޭކަށް ނޯންނާނެ. އަދި ދޭން އުޅުމަކީވެސް މޮޔަކަމެއް. އެއީ ސަރުކާރުން މުސާރަ މައްޗަށް ޖައްސާލާއިރަށް އެތަންތަނުން އެއަށްވުރެ މައްޗަށް ޖައްސާނެ. އެހެންވީމާ، އެއީ އެއްގޮތަކަށްވެސް މަސައްކަތް ކުރަންވީ ރޮނގެއްވެސް ނޫން. ދުނިޔޭގެ އެއްވެސް ޤައުމަކުން މަސައްކަތްކުރާ ރޮނގެއްވެސް ނޫން. ވާހަކަޔަކީ ކޮންމެވެސް ބަޔަކު މިކަމަށްވެސް ކުރިމަތިލާންވެއްޖެއޭ. އެއީ ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެންނަމަވެސް، އިޖުތިމާޢީ ޚިދުމަތެއް ކަމުގައި ދެކިގެންނަމަވެސް، ނުވަތަ ތިމާ އަމިއްލަ ތިމާއަށް އެންމެފަހު ތަޙުލީލުގައި ހަމަ ތިމާއަށް ރުޖޫޢަވާނެ ޚިދުމަތެއްގެ ގޮތުގައި ދެކިގެން ނަމަވެސް، ސަރުކާރުގެ ކަންތައްތައް ކުރަންވެސް ކޮންމެވެސް ބަޔަކުވެއްޖެއޭ. އެހެންވީމާ، ސަރުކާރުން މީހުން ބިނާކުރުމަށް އެހާބޮޑު މަސައްކަތްތައް ކުރަމުން މިގެންދަނީ، އެކި ކަންކަމަށް މީހުން ތަމްރީނުކޮށް، އެމީހުންގެ ޚިދުމަތް ސަރުކާރަށް ލިބޭތޯ. ޙަޤީޤަތުގައި އެ ޚިދުމަތް އެއީ ސަރުކާރަށް ލިބޭ އެއްޗެއް ނޫން. ސަރުކާރަށް ޚިދުމަތް ކުރުމޭ އެ ކިޔަނީ މަޖާޒީ ގޮތުން. ޙަޤީޤަތުގައި އެ ޚިދުމަތް ކުރެވެނީ ރައްޔިތުންނަށް.
 
އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އެހުރިހާ ޚިދުމަތްތައް އެއީ ރައްޔިތުންނަށް އެނބުރިދާ އެއްޗެއް. އެހެންވީމާ، ސަރުކާރަކަށް ކޮންމެހެން ޚިދުމަތެއް ބޭނުމެއްނުވޭ. ސަރުކާރު އެއީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ތަނެއް. ސަރުކާރަށް ކުރާ ޚިދުމަތަކީ ރައްޔިތުންނަށް ރައްދުވާ ޚިދުމަތް. ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ބަޔަކު ކުރިމަތިލައިގެން ނޫނީ އެ ޚިދުމަތްތައް ފުރިހަމަޔަށް ރައްޔިތުންނަށް ލިބިދެވޭކަށެއް ނޯންނާނެ.
 
އާދެ، މިބާވަތުގެ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވާނެއޭ، އަޅުގަނޑު މިދަންނަވަނީ. ވިސްނުމަށް މި ބަދަލު ގެންނަންވެއްޖެއޭ. ހުރިހާވެސް އެއްޗަކީ ފައިސާ ކަމަށް ހީވާހީވުން، ނުވަތަ ގަބޫލުކުރެވޭ ގަބޫލުކުރެވުން އެއީ އަޅުގަނޑުމެން މުޅިން ނައްތައިލަންވެއްޖެ އެއްޗެކޭ. ފައިސާގެ މުހިންމުކަން އެބައޮތް. އެންމެންވެސް ގަބޫލުކުރާނެ. އެހެންނަމަވެސް ހުރިހާ އެއްޗަކީ ފައިސާއެއް ނޫން. ފައިސާއަށްވުރެ މުހިންމު ކަންތައްތައްވެސް އެބަހުރި. އަދި ފައިސާގެ އިތުރަށް އަޅުގަނޑުމެން ބަލަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އެހުރިހާ ކަމަކަށް ނުވިސްނައި، ޤައުމުގެ ކަންތައް އެއްދުވަހުން އަނެއް ދުވަހަށް އެދެވޭ ގޮތެއްގައި ކުރިޔަކަށް ނުގެންދެވޭނެ.
 
އާދެ، [އަޚުލާޤިއްޔާތު] މި މުހިންމު މައުޟޫޢާދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކުރާއިރު، ނުވަތަ ވާހަކަ ދައްކަމުން ގެންދާއިރު، މިދެންނެވި ނުކުތާތަކަށްވުރެ ފުޅާ ދާއިރާއަކަށް އަޅުގަނޑުމެންގެ ވިސްނުން ގެންދަން އެބަޖެހޭ. ވަރަށްގިނަ ކަންތައްތަކާ ދޭތެރޭގައި ވިސްނާގޮތާއި، ވަރަށްގިނަ ކަންތައްތަކާދޭތެރޭގައި އަޅުގަނޑުމެން ޢަމަލުކުރަމުން ގެންދާގޮތާ، މިކަންކަން ޤައުމުގެ ފައިދާއަށްޓަކައި، ޤައުމުގެ މަޞްލަޙަތަށްޓަކައި ބަދަލު ކުރަން ވެއްޖެ.
 
އާދެ، އޭގެތެރެއިން އެއްކަމެއް، އެކަކު އަނެކަކާ ވާހަކަ ދައްކައި މުޢާމަލާތްކޮށް ހަދާއިރު ގެންގުޅެންވާ އުސޫލަށް ބަދަލު ގެނައުން. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަފްރާދުން. އެއް ދީނެއްގެ އަހުލުވެރިން. އެހެންވީމާ، އަޅުގަނޑުމެންނަކީ އަޚުން. އެއްބަނޑު އެއްބަފާ ބައެއް. އަޅުގަނޑުމެންގެ މެދުގައި މުޢާމަލާތުގެ ކަންތައްތައް ހިނގަންވާނީވެސް މި އުސޫލަށް ވިސްނައިގެން. ކޮންމެ މީހަކުވެސް ތިމާ ނޫން އެހެން މީހުންނާ ވާހަކަ ދައްކާހަދާއިރުވެސް ވީހާ އޯގާތެރިކަމަކާއެކު، ކަމޭހިތުމާއެކު ވާހަކަ ދެއްކުމަކީ ބޭނުންކަމެއް. އެހެންމީހުންނަށް އެކި ކަންތައް ކޮށްދޭއިރުވެސް ހެޔޮހިތުން ކަންތައްތައް ކޮށްދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެކަކު އަނެކަކަށް އަޅައިލުން އެއީ ކޮންމެހެން އަޅުގަނޑުމެންގެ ތެރެއިން އޮންނަންވާނޭ ކަމެއް. ކީރިތި ރަސޫލާވެސް ޙަދީޘް ކުރައްވައިފައިވަނީ، "މުސްކުޅިންނަށް ކަމޭނުހިތައި، ކުޑަކުދިންނަށް އޯގާވެރިނުވާ މީހުން އެއީ ތިމަންކަލޭގެފާނުގެ އުންމަތުގެތެރެއިން ހިމެނޭ ބައެއް ނޫނޭ". އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ އަޚުންނާދޭތެރޭގައި ކަންތައްތައް ކުރާއިރު މި މާތް އުސޫލަށް ކަންތައް ކުރަންޖެހޭނެ. ދޭދޭ މީހުން އެކަކު އަނެކަކާ ވާހަކަ ދައްކައިހަދާއިރު، ކަމޭހިތުމާއެކު، އޯގާތެރިކަމާއެކު، އަދަބުވެރިކަމާއެކު، ވާހަކަ ދެއްކޭތޯ ބަލަންވާނެ. އަދި ތިމާ ނުދަންނަ މީހަކާދޭތެރޭގައި މުޢާމަލާތް ކުރަންވާނީވެސް ހަމަ މި އުސޫލުން. ވަކި އަދަބުވެރިވާންވީ ތިމާ ދަންނަ މީހަކަށް ވީތީއެއް ނޫން. ކަމޭހިތަންވީ ތިމާ ދަންނަ މީހަކަށް ވީތީއެއް ނޫން. ގާތް މީހަކަށް ވީތީއެއް ނޫން. ރައްޓެއްސަކަށް ވީތީއެއް ނޫން. ތިމާ ކަހަލަ އިންސާނަކަށް ވީތީ ކަމޭހިތަންވީ، ހެޔޮކޮށް ހިތަންވީ. މަގުމަތީގައި ހިނގައިފައި ދާއިރުވެސް އެހެން މީހުންނަށްވެސް ފަސޭހަވާނެގޮތަށް ހިނގުން. ބައިސްކަލެއްގައި ދާނަމަވެސް، އެހެން މީހުންނަށް ދަތި ނުވާގޮތަކަށް، ކާރެއްގައި ދާނަމަވެސް، މަގުމައްޗަށް ދޭންޖެހޭ ޙައްޤުތައް ދީގެން. މީހަކު މަގުމަތީގައި ކަމެއް ދިމާވެގެން އުޅޭއިރު، މިސާލަކަށް، އޭނާ ދާން ބޭނުންވާ އެޑްރެހެއް ނުފެނިގެން، ގެއެއް ނުފެނިގެން ސުވާލެއް ކޮށްފިއްޔާވެސް، އޯގާތެރިކަމާއެކު އެމީހަކަށް އެހީތެރިވެދިނުން. އެމީހާ ނޭދޭކަހަލަ ހަރުކަށި ޖަވާބެއް ދިނުމެއް ނޫން.
 
އެކިއެކި ކަންކަމުގައި އެތައް ބަޔަކު އެއްތަނަކަށް އެއްވާއިރު، އެކަކު އަނެކަކަށް ކަމޭހިތައި، ތިމާއަށްވުރެ އެހެން މީހުން އިސްކުރެވޭތޯ ބެލުން. މިސާލަކަށް، ބޭސްކުރަންވެގެން ހޮސްޕިޓަލަށްދާ ދިޔުމުގައި އެތާނގައި ވަރަށް ގިނަ ޢަދަދަކަށް މީހުން އެއްވެފައި ތިބެދާނެ. ކޮންމެ މީހަކުވެސް ބޭނުންވާނެ، ވީ އެންމެ އަވަހަކަށް އެމީހާގެ ކަންތައް ނިންމައިގެން ގެޔަށްދާން. އެހެންނަމަވެސް، ދެންތިބީވެސް ތިމާ ކަހަލަ އަޚުންކަން ދަނެގެން، މާ ފަހުން އައި މީހަކު އެހެން މީހުންނަށްވުރެ ކުރިން ޑަކްޓަރު ކައިރިޔަށް ދެވޭތޯ މަސައްކަތް ކުރުން، ނުވަތަ އެކަމުގައި ހަރުކަށިގޮތަކަށް ޢަމަލުކުރަމުން ދިޔުން. މިހުންނަނީ އަޅުގަނޑު މިދެންނެވި މަޑުމައިތިރިކަމާއި، އޯގާތެރިކަމާއި، އެހީތެރިކަމުގެ އުސޫލާ މުޅިން ޚިލާފުވާ ކަންތައްތައް. މިކަންތައްތައް ގެންގުޅެންވީ ހަމައެކަނި އަޅުގަނޑުމެންގެ ތެރެއަކު ނޫން. އަޅުގަނޑުމެންނާ ބިދޭސީންނާދޭތެރޭގައި އޮންނަ އެކިއެކި މުޢާމަލާތު ކުރުމުގައިވެސް މި އުސޫލުތަކަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. އެއީ މިއާ ޚިލާފަށް ޢަމަލު ކުރުމުން އޭގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމަށް ލިބޭ ހުތުރު ނަމަށްޓަކައި އެމީހުންނާ ދޭތެރޭގައިވެސް ކަންތައް ކުރަންވާނީ، އެމީހުންނަށް ކަމޭހިތައިގެން، އެމީހުންނަށް އޯގާތެރިކަން ބަހައްޓައިގެން. އެއީ އަޅުގަނޑުމެންގެ މެހުމާނުން ކަމުގައި ދެކިގެން.
 
އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނަ މީހުން ސަރުކާރުގެ އޮފީސްތަކަށްވެސް ދާންޖެހޭ، އެކިއެކި މުހިންމު ބޭނުންތަކުގައި. އެހެން ދާއިރު އެ ދެފަރާތުގެ ދޭތެރޭގައިވެސް އޮންނަންޖެހޭނީ އަޅުގަނޑު މިދެންނެވި ކަހަލަ ގުޅުމެއް. ދާ މީހާއާއި އެ އޮފީހުގެ އެ އިންނަ މީހަކާ ދެމީހުންވެސް އެކަކު އަނެކަކަށް އިޙުތިރާމު ކުރަންވާނެ. އެކަކު އަނެކަކަށް ކަމޭހިތަންވާނެ. އެކަކު އަނެކަކާދޭތެރޭގައި ވާހަކަ ދައްކަންވާނީ އަދަބުވެރިކަމާއެކު. އާދެ، ވަރަށް ގިނައިން އަޅުގަނޑަށް ޝަކުވާގެ ސިޓީތައް ލިބޭ. ސަރުކާރުގެ ބައެއް އޮފީސްތަކަށް އާންމު ރައްޔިތުންގެ މީހުން ދިޔުމުން، އެތަންތަނުން ކަންތައް ހިނގާގޮތާ ދޭތެރޭގައި. އިޙުތިރާމު ނުކުރުމާއި، ހަރުކަށި ޖަވާބު ދިނުމާ، މިބާވަތުގެ ކަންތައްތައް އޮފީސްތަކުން ވަމުންދާކަމުގެ ޝަކުވާ ލިބޭ. އާދެ، އެއީ ވުން އެކަށީގެންވާ ގޮތެއް. އެއީ ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައިވެސް ތިބޭނީ ތަޢުލީމުގެ ގޮތުންނާއި، ވިސްނުމުގެ ގޮތުންނާއި، މިޒާޖުގެ ގޮތުން ތަފާތު މީސްމީހުން. އެކި މީސްމީހުން އެކި ކަންކަމާ ދޭތެރޭގައި ޢަމަލުކުރާނީ އެކިގޮތަށް. އެހެންވީމާ، އެކަހަލަ ކަންތައްތައް ދިމާވުން އެއީ އެކަށީގެންވާ ކަމެއް. އަޅުގަނޑު ގަބޫލުކުރަން އެހެންވެދާނެ ކަމަށް.
 
ހަމައެފަދައިން، އެ އޮފީސްތަކަށްދާ މީހުންވެސް، އެމީހުންގެ ފަރާތުންވެސް އެކަހަލަ ކަންތައްތައް ވަމުންދާކަން އަޅުގަނޑަށް އެނގޭ. ފުރަތަމަވެސް ގޮސްފައި، އެމީހުންގެ މައްސަލަ ހަމަ ވަގުތުން ނިންމައިލަދޭން އެދޭނެ. ނިންމައިނުދީފީވިއްޔާ ކޮންމެވެސް ކަހަލަ ޒުވާބެއް ކުރެވޭތަން އަތުވެދާނެ. އެހެންވީމާ، އެކަމަކަށް ބޭނުންވެގެންދާ މީހާވެސް އެ އޮފީހުގައި އިންނަ މީހަކަށް އިޙުތިރާމު އަދާކުރަންޖެހޭނެ. ކަމޭހިތަންޖެހޭނެ. އެމީހަކަށްވެސް އެނގެންވާނެ، އެ މުވައްޒަފަކު ކުރާނެ އެހެން ބައިވަރު ކަންތައްތައްވެސް ހުންނާނެކަން. މިކަން ފިޔަވައި އަދި އޭނާ ނޫން އެހެން ރައްޔިތުންނަށްވެސް އޭނާ ޚިދުމަތް ކޮށްދޭން ޖެހޭނެކަން. އެހެންވީމާ، ކޮންމެވެސް އުސޫލަކުންކަން ކަންތައް ގެންދެވޭނީ. ވަކި މިހާރު ދާ މީހަކަށް އެންމެ ފުރަތަމަ އެހެން ހުރިހާ މަސައްކަތެއް ހުއްޓައިލައިފައި، އެމީހަކު އެ ދާ ކަންތަކެއް ނިންމައެއް ނުދެވޭނެކަން. މިކަންކަން ރަނގަޅަށް ދަންނަންވާނެ. ދަނެގެން އެ އޮފީހުގައި ތިބޭ މީހުންނަށްވެސް އެ ދާ މީހާވެސް އިޙުތިރާމު ކުރާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން އޮފީހުގައި ތިބޭ މީހުންވެސް އެމީހަކަށްވެސް އިޙުތިރާމު ކުރާނެ. މިދެންނެވި ކަހަލަ ޝަކުވާތައް އައުން އޭރުން ވަރަށް މަދުވާނެ.
 
އާދެ، އެހެންވީމާ، އަޅުގަނޑު މި މަޤާމުގައި މި ދަންނަވަނީ އަޅުގަނޑުމެންގެ އަޚުލާޤިއްޔާތާ ދޭތެރޭގައި ވިސްނައި ރަނގަޅު ބަދަލުތަކެއް ގެންނަން ވެއްޖެއޭ. އެކި ކަންކަމާ ދޭތެރޭގައި ވިސްނާގޮތަށްވެސް ބަދަލު ގެންނަން ވެއްޖެއޭ. އަޅުގަނޑުމެން އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތު ކުރާއިރު، އެ ކުރާގޮތަށްވެސް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެންނަން ވެއްޖެއޭ. އަޅުގަނޑުމެން އިންސާނުންނަށްވީތީ، އަދި އިންސާނުންނަށް ވުމުގެ އިތުރަށް، އެއް ޤައުމެއްގެ އަހުލުވެރިންނަށްވީތީ، އަދި އެއް ޤައުމެއްގެ އަހުލުވެރިންގެ އިތުރަށް، އެއް ދީނެއްގެ އަހުލުވެރިންނަށްވީތީ، އެކަކު އަނެކަކާ ދޭތެރޭގައި ކަމޭހިތުން އޮންނަންވާނެ. އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތް ކުރާއިރު، އޯގާތެރިކަން ބަހައްޓަންވާނެއޭ. އަދަބުވެރިވާންވާނެއޭ. އެއީ ފަހަރެއްގައިވެސް މީހަކަށް މާތްކޮށް ހިތައިގެން، މީހަކަށް އަދަބުވެރިވެގެން އެއީ ގޯސްކަމެއް ކަމުގައި ވެފައެއް ނޯންނާނެ.
 
އާދެ، އަޅުގަނޑު އެދެނީ، އަޅުގަނޑު މި މުނާސަބަތުގައި މި ދެއްކި ވާހަކަތަކާ ދޭތެރޭގައިވެސް ދިވެހިރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވުން. އަދި އަޅުގަނޑު މި ދެއްކި ވާހަކަތަކުގެ ތެރޭގައި ރަނގަޅު ޚިޔާލެއްވާނަމަ، އެ ޚިޔާލަކާ އެއްގޮތަކަށް ޢަމަލު ކުރައްވަމުން ގެންދެވުން. ހުރިހާވެސް ބޭނުމަކީ، އަޅުގަނޑުމެންގެ ޤައުމު އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން ދިޔުން. އަޅުގަނޑުމެންގެ މެދުގައި ހަމަހަމަކަމާއި އުޚުއްވަތްތެރިކަން ފެތުރިގެން ދިޔުން. އެއްވެސްކަހަލަ ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް، ރުޅިވެރިކަމެއް، އަޅުގަނޑުމެންގެ ތެރޭގައި ފެތުރޭގޮތް ދިމާނުވުން. ހުރިހާ އެންމެން އެކުވެރިވެގެން އެއްބާރުލައިގެން ޤައުމަށާއި މުޖުތަމަޢަށް ފައިދާކުރާނެ ގޮތްތަކެއް ހޯދުން.
 
އާދެ، މިއަދު އަޅުގަނޑުމެންގެ މި ޖުމްހޫރީދުވަސް ފާހަގަކުރާއިރު، މި މަޤާމާ ހަވާލުވުމަށް ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް އަމުރު ކުރެއްވިތާ ތިންއަހަރު ހަމަވެއްޖެ. މިހާރު މި ހިނގަނީ، މި ފެށެނީ ހަތަރުވަނަ އަހަރަށް. މި މުނާސަބަތުގައި އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ މިދިޔަ ތިން އަހަރުދުވަހުގެ ތެރޭގައި އެއްވެސް ރޮނގަކުން ރާއްޖެއަށް ކުރިއެރުމެއް ލިބިފައިވާނަމަ، އެއީ اللّه سبحانه وتعالىގެ ފަޟުލުވަންތަވެރިކަމުން، އަދި ދިވެހިރާއްޖޭގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެކޭ. އަޅުގަނޑު މި މަސައްކަތް ކުރަނީ ރައްޔިތުންގެ އުންމީދުތައް ޢަމަލީގޮތުން ޙަޤީޤަތްތަކަކަށް ތަރުޖަމާ ކުރެވޭތޯ. އަޅުގަނޑަކީވެސް ރައްޔިތުންގެ މީހެއް. ވަރަށް އާދައިގެ މީހެއް. މި މަޤާމާ ހަވާލުވުމުގެ ކުރިންވެސް އަދި މިހާރުވެސް އާދައިގެ ރައްޔިތުންނާއި އަޅުގަނޑާ ދޭތެރޭގައި ގުޅުން އޮވޭ. އާދައިގެ ރައްޔިތުންނަށް އިހުސާސް ކުރެވޭ އެކިއެކި ޝަކުވާތައް އަޅުގަނޑަށްވެސް އިހުސާސް ކުރެވޭ. އެމީހުން ކުރަމުންގެންދާ އުންމީދުތައް އަޅުގަނޑަށްވެސް ކުރެވޭ.
 
އަޅުގަނޑު ރައީސްކަމާ ހަވާލުވުމުގެ ކުރިން، ކަންދިމާކުރިގޮތުން ރާއްޖެތެރޭގައިވެސް ދުވަސްކޮޅެއް ހޭދަކުރަންޖެހުނު. އެދުވަސްކޮޅުގެ ތެރޭގައި ރާއްޖެތެރޭގައި ރައްޔިތުން ދިރިއުޅޭ ހާލު އަޅުގަނޑަށް ވަނީ ވަރަށް ރަނގަޅަށް އޮޅުންފިލައިފައި. އެމީހުންގެ ޝަކުވާތައް ވަނީ އަޅުގަނޑަށް އިވިފައި. އެމީހުންގެ އުންމީދުތައް އަޅުގަނޑަށް ވަނީ ރަނގަޅަށް އެނގިފައި. އެހެންވުމާއެކު، އަޅުގަނޑު މި މަސައްކަތް ކުރަމުން މިގެންދަނީ އެންމެ އާދައިގެ ރައްޔިތުން އެމީހުން ކުރާ ޝަކުވާތައް އެއީ ޙައްޤު ޝަކުވާތަކަކަށްވާތީ، އެކަންކަން ރަނގަޅުކުރެވޭތޯ. އަދި އެންމެ އާދައިގެ ރައްޔިތުން ކުރާ އުންމީދުތައް އެއީ ޙައްޤު އުންމީދުތަކަކަށްވާތީ، އެ އުންމީދުތައް ޢަމަލީ ސިފައެއްގައި ތަރުޖަމާ ކުރެވޭތޯ. އާދެ، އަޅުގަނޑަށް މި ތިން އަހަރު ދުވަހުގެ ތެރޭގައި އެދެވޭގޮތަށް އެއްވެސް ކަމެއް ނުގެންދެވިފައިވާނަމަ، އަޅުގަނޑު އެއްބަސްވަން، ހުންނާނެ އެދެވޭގޮތަށް ނުކުރެވޭ ކަންތައްތައް. އެބާވަތުގެ ކަންތައްތައް ހުރިކަމުގައިވާނަމަ، އެއީ އަޅުގަނޑުގެ ވިސްނުންކޮށިކަމާއި، އަދި އަޅުގަނޑުގެ ނާޤާބިލުކަމުން ވެފައި ހުރި ކަންތައްތަކެކޭ.
 
ކޮންމެއަކަސް، އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ގޮތްތަކެއް މެދުވެރިކުރެވޭތޯ މަސައްކަތް ކުރުމޭ. އެހެންވީމާ، މިވޭތުވެދިޔަ ތިން އަހަރުގެ ތަޖުރިބާއަށް ބަލައިފައި، ކުރިއަށް އޮތް ތާނގައި އިތުރު ހިންމަތަކާއި، އިތުރު ޢަޒުމަކާ އެކުގައި ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ތައުފީޤު اللّه سبحانه وتعالى އަޅުގަނޑަށް ދެއްވުން އެދި ދުޢާކުރަމޭ. އެއީ އަޅުގަނޑު ދަންނަވާނެ އެއްޗަކީ. އަޅުގަނޑު މިހާރު މިހުރި ރައްޔިތުންގެ އިސް ޚާދިމުގެ މަޤާމުގައި ހުރެގެން ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ކުރެވިއްޖެނަމަ އެއީ އަޅުގަނޑުގެ ހުރިހާ އުންމީދުތަކެއް ޙާޞިލުވީއޭ.

         والسّلام عليكم ورحمـة اللّـه وبركاته.