بســم اللّـه الرّحمـن الرّحيــم
           
اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علٰـىخاتم الأنبياء والمرسلين، سيِّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.
 
ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިން، ޑިރެކްޓަރ އޮފް ސިވިލްއޭވިއޭޝަން، ހުޅުލޭ އެއަރޕޯޓް ކޮންސްޓްރަކްޝަންސް ޕުރޮޖެކްޓު ޔުނިޓުގެ ޑިރެކްޓަރ، ބޭރުން ވަޑައިގެން ތިއްބެވި ޢިއްޒަތްތެރި މެހްމާނުން، އަދި ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން؛
 
  السّــلام عليــكم ورحـمــة اللّـه وبـركاتـه.
 
  ދިވެހިންގެ ހިތްވަރާއި ޢަޒުމް، ދިވެހިންގެ ޖިހާދާއި ޤުރްބާނީ، ދިވެހިންގެ އެއްބައިވަންތަކަމާއި ޤައުމީ ރޫޙު، ދިވެހިންގެ މަސައްކަތްތެރިކަމާއި ހީވާގިކަން، އަދި ދިވެހިންގެ ކެތްތެރިކަމާއި އިޚުލާޞްތެރިކަން ހާމަކޮށްދޭ ދިވެހި ޤައުމުގެ މި ފަޚްރުވެރި ވައިގެ ބަނދަރު، އާދެ، [މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް] ކީރިތިވަންތަ މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މުޅި ދިވެހި އުންމަތުގެ ލާބަޔާއި ފައިދާއަށްޓަކައި، މި ތާރީޚީ ދުވަހު އަޅުގަނޑު މި ހުޅުވައިދެނީ ވަރަށް ޚާއްޞަ އުފަލަކާއެކު. ދިވެހިރާއްޖޭގެ ތާރީޚުގައި، ދިވެހިންގެ އަމިއްލަ މަސައްކަތުން ދިވެހި ޤައުމުގެ ނަމުގައި ފުރަތަމަފަހަރަށް މި ހުޅުވުނު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީ، އެކަމަށް ރޭވިގެން، މިވޭތުވެދިޔަ ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގަމުންދިޔަ މަޝްރޫޢެއްގެ ނަތީޖާ ކަމުގައިވިޔަސް، ޙަޤީޤަތުގައި އެއީ އެއަށްވުރެ މާކުރިން ތަފާތު ދުވަސްވަރު، ތަފާތު ފެންވަރުތަކެއްގައި، ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ފޮނި ކާމިޔާބީ. އެހެންކަމާއެކު، ހުޅުލޭ މަސައްކަތަކީ ފަހަކަށްއައިސް، އަޅުގަނޑުމެންގެ ދިވެހި ތާރީޚުގައި ނުކުރެވޭފަދަ ބޮޑު ޤައުމީ މަސައްކަތެކޭވެސް ދެންނެވިދާނެ. ހުޅުލޭ ސްޓޭޝަން ހެދުމުގެ މަސައްކަތްތަކުގައި، ދިވެހިން ހާމަކޮށްދީފައިވާ ގަދަ ހިންމަތާއި މަތިވެރި ޤައުމީ ރޫޙާއި ވަރުގަދަ ފޯރިއަކީ، އެއާމެދު އަޅުގަނޑު މި މަޤާމުގައި މާގިނަ ވާހަކަތަކެއް ދައްކަން ބޭނުންވާނެ އެއްޗެއް ނޫން.
 
 ކޮންމެއަކަސް، ހުޅުލޭ މަސައްކަތަށް، ޤައުމީ ފެންވަރުގައި ދެވިފައި އޮތް ވަރުގަދަ އަހަންމިއްޔަތެއްގެ ސަބަބުން ހުޅުލޭ އެއަރޕޯޓާމެދު ބެލިފައި ވަނީ ޤައުމީ ޖިހާދާއި ޤައުމީ ފަޚްރު އޭގައި އެކުލެވިފައިވާ ތަނެއްގެ ގޮތުގައި. އާދެ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. މިތަނަކީ ހަމައެކަނި މިހާރު އަޅުގަނޑުމެންގެ ޤައުމީ ޖިހާދުގެ ރަމްޒެއް ކަމުގައި ހިމެނޭ ތަނެއް ނޫން. އޭގެއިތުރުން އެއީ އަޅުގަނޑު ދެކޭގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވުނު ވަރަށް ވަރުގަދަ މަސައްކަތްތަކެއްގެ ނަތީޖާ. ހަމައެފަދައިން، މިޒަމާނުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި އެހީތެރިކަން ދައްކައިދޭ ވަރުގަދަ ނަމޫނާއެއް. އާދެ، އަޅުގަނޑުމެންގެ މި އެއަރޕޯޓް ތައްޔާރުކުރުމުގައި، ބޭރުގެ ވަރަށްގިނަ ފަރާތްތަކެއްގެ އެހީ ލިބިފައިވާކަން އަޅުގަނޑުމެން މިތާނގައި މި ފާހަގަކުރަނީ ވަރަށްބޮޑު އުފަލަކާއެކު. އާދެ، އަޅުގަނޑުމެންގެ ޤައުމުގެ ތަރައްޤީއަށްޓަކައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން މިކަމަށް އެހާބޮޑު އަހަންމިއްޔަތެއްދީގެން، ދައުލަތުގެ ހުރިހާ ކަމެއްވެސް (މި މަސައްކަތަށް) ގާތްގަނޑަކަށް 5 އަހަރު ދުވަސް ވަންދެން ހުއްޓައިލައިގެންނޭ ބުނެވިދާކަހަލަ ގޮތަކަށް މަސައްކަތް ކޮށްގެން. މި ކުރެވުނު މަސައްކަތުގެ ނަތީޖާ މިއަދު އަޅުގަނޑުމެން ދެކޭއިރު، މި ކަމުގައި ބޭރުގެ އެކިއެކި ފަރާތްތަކުން، ޚާއްޞަކޮށް އަޅުގަނޑުމެންގެ ވަރަށްގާތް އެކުވެރި އިސްލާމީ ޤައުމުތަކެއްގެ ފަރާތުން މި މަޝްރޫޢަށް ލިބިފައިވާ އެހީގެ ވާހަކަ ދަންނަވައިނުލައި އަޅުގަނޑަށް ކުރިއަށްދެވޭކަށް ނެތް.
 
  އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށްގިނަ ޤައުމުތަކެއްގެ އެހީ އަޅުގަނޑުމެންނަށް ވަނީ މި މަޝްރޫޢުގައި ލިބިފައި. އާދެ، ކުވައިތު ސަރުކާރުގެ އެހީ، ސަޢޫދީ ޢަރަބިއްޔާ ސަރުކާރުގެ އެހީ، ހަމަ އެފަދައިން އަބޫދާބީގެ އެހީ، އޭގެއިތުރުން ބައެއް ޚާއްޞަ ފަންޑުތައް، އޯޕެކް ސްޕެޝަލް ފަންޑުގެ އެހީ އަދި އެހެނިހެންވެސް ބައެއް އެކުވެރި ރަޙްމަތްތެރި ސަރުކާރުތަކުގެ އެހީތައް ލިބިފައިވޭ. އިނގިރޭސި ސަރުކާރުގެ އެހީ، އޮސްޓްރޭލިއާ ސަރުކާރުގެ އެހީ، އިންޑިއާ ސަރުކާރުގެ އެހީ. ހަމައެފަދައިން، ބައިނަލްއަޤްވާމީ ޖަމާޢަތްތަކެއްގެ އެހީތައްވެސް ލިބިފައިވޭ. އާދެ، އެއީ ޔޫ.އެން.ޑީ.ޕީ. އާއި އިކާއޯ.
 
  މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ، ކަމާ އެކަށީގެންވާ ބޭރުގެ ބައެއް ކުންފުނިތަކެއްގެ ފަރާތުން. މިތާނގެ ހުރިހާ މަސައްކަތްތައް، މަދަނީ މަސައްކަތްތަކާ ޙަވާލުވެގެން، އެ މަސައްކަތް މިހާ ފުރިހަމަގޮތެއްގައި ނިންމަވައިފައިވަނީ އިންޑިޔާގެ ކުންފުންޏަކުން. އެ ކުންފުންޏަކީ ތިޔަބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އިންޓަރނޭޝަނަލް އެއަރޕޯޓްސް އޮތޯރިޓީ އޮފް އިންޑިޔާ. ހަމަ އެފަދައިން، މި މަޝްރޫޢުގައި ހިމެނޭ އެކިއެކި ޓެކްނިކަލް ކަންތައްތައް، ޚާއްޞަކޮށް، ނިޔަމިކަމަށް އެހީވެދޭ ސާމާނު ބެހެއްޓުމާއި، އެކަމުގެ ހުރިހާ އިންތިޒާމުތަކެއް ރޭވުން އަދި އެކަންތައްތައް ވަރަށް ފުރިހަމަގޮތެއްގައި ނިންމުން. އެ ބުރަ މަސައްކަތް ކުރީ ހުޅަނގު ޖަރުމަނުގެ ކުންފުންޏެއް ކަމުގައިވާ އެސް.އީ.އެސް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ، މި އެއަރޕޯޓަކީ ދިވެހި ޤައުމު އެއަށްޓަކައި ފަޚްރުވެރިވުން ޙައްޤު އެއަރޕޯޓަކަށްވީހިނދު އެއީ ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުމުގެވެސް ވަރަށް ކުލަގަދަ ނަމޫނާއެކޭ.
 
  އާދެ، މިއަދު މި ހުޅުވުނު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކީވެސް ހަމަ އެހާ މަތިވެރި ފެންވަރެއްގައި މުޅި ދިވެހި ޤައުމުގެ އެއްބާރުލުން، އެތަން ޙަޤީޤަތަކަށް ހެދުމުގައި ހިމެނިފައިވާ ތަނެކޭ ދެންނެވިދާނެ. އަޅުގަނޑު ހިތުން ހުޅުލޭ މަސައްކަތް ފެށިގެން މިހާތަނާ ޖެހެންދެން ދިވެހި އުންމަތުގެ އަފްރާދުންނާއި ޖަމާޢަތްތަކުގެ ފަރާތުން މިތަނަށް ލިބިފައިވާ އެކިއެކި އެހީތަކާއި، ދިވެހި ޤައުމުގެ ރައްޔިތުން މިކަމުގައި ބައިވެރިވި މިންވަރު އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނޭ ކަމެއް ނޫން. އަޅުގަނޑު ދަންނަވާނީ ޢަމަލީގޮތުން ނުވަތަ ފައިސާގެ ގޮތުން ނުވަތަ މަޢުނަވީގޮތުން މި ބުރަ މަސައްކަތުގައި ބައިވެރިނުވާ އެއްވެސް ދިވެއްސަކު އަޅުގަނޑުމެންގެ ރާއްޖެއަކު ނުހުންނާނެއޭ. އާދެ، މި އެއަރޕޯޓުގެ މަސައްކަތް، އެ މަސައްކަތަށް ކުރިމަތިވި ވަރަށްގިނަ ތަފާތު ހުރަސްތައް ގިރާކޮށް، މިހާ ފުރިހަމަގޮތެއްގައި އެ މަސައްކަތް ނިމިފައިވަނީ اللّـه سبحـانـه وتعـالىގެ ފަޟުލުވަންތަވެރިކަމުން. އަދި އެކަލާނގެ ލެއްވި ހެޔޮ ތައުފީޤުންކަން އަޅުގަނޑުމެން ހަނދާންކޮށް، އެންމެ ފުރަތަމަ އަޅުގަނޑުމެން ޙަމްދު ޘަނާއާއި ޝުކުރު ދަންނަވަންވީ އެކަލާނގެ ޙަޟްރަތަށް. އޭގެފަހުގައި، މިދުވަސް މިއީ ޙަޤީޤަތެއް ކަމުގައި ހެދުމަށްޓަކައި އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެން.
 
  އެންމެ ފުރަތަމަ ސަރުކާރުގެ ނަމުގަޔާއި، އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރާއި ތަޢުރީފު ރައްދުކުރަންޖެހޭ ފަރާތަކީ އެފަރާތެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި އިޚުލާޞްތެރި ތާއީދު، މި މަސައްކަތް ފެށުނީއްސުރެ ނިމެންދެން ލިބެމުންދިޔަ ފަރާތް. އާދެ، އެއީ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން، ދިވެހިރާއްޖޭގެ ރައްޔިތުން. ތަފާތު ފެންވަރުތަކުގައި މި މަސައްކަތަށް ބަހައްޓަވަމުން ގެންދެވި އަހަންމިއްޔަތާއި އެއްބާރުލުންނެތި، މިއަދު މި އެއަރޕޯޓް ޙަޤީޤަތަކަށް ނުވީސްކަން ކަށަވަރު. ހުޅުލޭގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ހެއްދެވުމުގެ މަސައްކަތުގައި، އެ މަސައްކަތް ފެށުނީއްސުރެ މިހާތަނާ ޖެހެންދެން އެފަރާތްތަކެއްގެ ތެދުވެރި ޚިދުމަތް ލިބެމުންދިޔަ ވަރަށް ޚާއްޞަ ފަރާތްތަކެއްގެ ނަންފުޅުތައް، މި މަޤާމުގައި ފާހަގަކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
 
  އާދެ، 1976 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން މި މަޝްރޫޢުގެ ބައެއް މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޙައިޘިއްޔަތުން މަޝްވަރާ ދެއްވައި އަދި ބައެއް ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންދެއްވި އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ.
 
         ޑިޕާޓްމަންޓް އޮފް އެކްސްޓަރނަލް އެފެއާޒްގެ ނައިބެއްގެ ގޮތުން 1976 ވަނަ އަހަރުން ފެށިގެން ކުވައިތު ފަންޑާ ގުޅުއްވައި، ކޮންސަލްޓަންޓުން ޚިޔާރު ކުރެއްވުމުގެ މައްސަލައިގައި، މަސައްކަތް ކުރައްވައި، އެންމެ ފުރަތަމަ މި މަޝްރޫޢަށް ލިބުނު ލޯނު ކަމުގައިވާ ކުވައިތު ފަންޑް ފޮރ ޢަރަބި އިކޮނޮމިކް ޑިވެލޮޕްމަންޓް، އެފަރާތުން ލިބުނު ލޯނުގެ އެގްރީމަންޓުގައި ސޮއިކުރެއްވި، އަދި އޭގެފަހުންވެސް މިހާތަނާ ޖެހެންދެން ތަފާތު ގޮތްގޮތުން މި މަޝްރޫޢަށް ލަފާދެއްވައި އެހީތެރިކަން ދެއްވި މިހާރުގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް.
 
  9 ޑިސެންބަރު 1967 ގައި، ހުޅުލޭ އެއަރޕޯޓް (ހ)ގެ ޚާއްޞަ ވަކީލެއްގެ މަޤާމުގައި އެދުވަހުން ފެށިގެން މެދުކެނޑުމެއްނެތި 11 ނޮވެންބަރު 1978 އާ ހަމަޔަށް ހުޅުލޭ އެއަރޕޯޓުގެ ޚިދުމަތްތަކުގައި އުޅުއްވައިފައިވާ އަދި 1967 ވަނަ އަހަރުގެ ކުރިންވެސް ދެ އަހަރެއްހާ ދުވަހު ހުޅުލޭ އެއަރޕޯޓުގެ ޚިދުމަތުގައި އުޅުއްވި އަދި ކުވައިތު ފަންޑާއި ދިވެހިރާއްޖެއާ ދެމެދު 1976 ވަނަ އަހަރު ސޮއިކުރެވުނު ހުޅުލޭ އެއަރޕޯޓް ޕުރޮޖެކްޓާބެހޭ ލޯނުގެ އެގްރީމަންޓުގައިވާ ގޮތުގެ މަތިން 1976 ވަނަ އަހަރުގެ ތެރޭގައި އުފެއްދުނު ހުޅުލޭ އެއަރޕޯޓް ކޮންސްޓްރަކްޝަން ޕުރޮޖެކްޓު ޔުނިޓުގެ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަދި އޭގެފަހުންވެސް ރަންވޭ ޓާސްކްފޯސްގެ ނަމުގައި ސަރުކާރުން އުފެއްދި ޖަމާޢަތެއްގެ މަސައްކަތްތައް ސީދާ ބައްލަވަމުން ގެންދެވި، އަދި މި މަޝްރޫޢަށް ތައްޔާރުކުރުމަށްޓަކައި ކުރެވުނު ބޮޑެތި މަސައްކަތްތަކުގެ ތެރެއިން ހުޅުލޭގެ ބިން ހިއްކުމާއި، ފަޅުކޮނުމާއި، ހުޅުލޭގެ ގަސްތައް ކަނޑައި، ރަންވޭ ހެދުމަށް ސަރަޙައްދު ސާފުކުރުމާ، މިހުރިހާ މަސައްކަތްތަކެއް ކުރެއްވުމަށް އެދުވަސްކޮޅު ޙަވާލުވެވަޑައިގެން ހުންނެވި، މިހާރުގެ މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ހަމީދު.
 
  އަދި 1976 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ޙައިޘިއްޔަތުން ކުވައިތު ފަންޑާ ގުޅުއްވައި ކޮންސަލްޓަންޓުން ޚިޔާރު ކުރެއްވުމުގެ މައްސަލައިގައި މަސައްކަތް ކުރައްވައި އަދި ޕުރޮޖެކްޓު ފެށުނު ދުވަސްވަރު ކަމާބެހޭ ބޭރުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، އެކަންކަން އެދުވަސްވަރު ބަލަހައްޓަވައިފައިވާ އަދި އޭގެކުރިން 1967 ވަނަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއަރޕޯޓުގެ މަސައްކަތް ހިންގެވުމަށް ދައުލަތުން ހުޅުއްވެވި ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޔުނިޓް IIގެ ވެރިއެއްގެ ގޮތުގައި ހުންނަވައި އަދި ވަޒީރުލް އަޢުޡަމްގެ އޮފީހުގެ ޚާއްޞަ ވަކީލެއްގެ ޙައިޘިއްޔަތުން ވަރަށްގިނަ ދުވަހު ހުޅުލެއަށް ޚިދުމަތް ކުރެއްވި އަދި މި މަޝްރޫޢުގެ މަސައްކަތް ފެށުނީއްސުރެ މިހާތަނާ ޖެހެންދެން ތަފާތު ރޮނގުރޮނގުން މި މަސައްކަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ބޭރުން އެކިއެކި ތަކެތި ހޯއްދެވުމާއި، ބޭރުގެ ފަރާތްތަކާ ގުޅުއްވުމާއި އަދި އޭނާގެ އަމިއްލަ ތަޖުރިބާއިން މިކަމަށް ވަރަށް ފައިދާހުރި މަޝްވަރާތަކެއް ދެއްވަމުން ގެންދެވި އޮނަރަބްލް އަލްފާޟިލް ޢަލީ ޢުމަރު މަނިކު.
 
  އާދެ، ހަމައެފަދައިން، އަޅުގަނޑު މި މަސައްކަތް ހިންގުމާ ޙަވާލުވެގެންހުރި ދުވަސްވަރު، އެއީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައި އަޅުގަނޑު ހުރި ދުވަސްވަރު، އެ މިނިސްޓްރީގެ ވަކީލެއްގެ ޙައިޘިއްޔަތުން މި މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއްވި އަދި 11 ނޮވެންބަރު 1978ގެ ފަހުން ހުޅުލޭ އެއަރޕޯޓް ކޮންސްޓްރަކްޝަން ޕުރޮޖެކްޓު ޔުނިޓުގެ ޑިރެކްޓަރގެ މަޤާމުގެ ޙައިޘިއްޔަތުން މެދުކެނޑުމެއްނެތި ވަރަށް ތެދުވެރި އިޚުލާޞްތެރި ޚިދުމަތްތަކެއް މި މަޝްރޫޢަށް ކޮށްދެއްވި އެޗް.އޭ.ސީ.ޕީ. ޔުނިޓުގެ ޑިރެކްޓަރ އަލްފާޟިލް ސިއްކަގޭ ޙުސައިން މަނިކުފާނު. މިބޭބޭފުޅުންގެ ނަންފުޅުތައް، އަޅުގަނޑު މިއަދު މިތާނގައި މި ފާހަގަކުރަނީ އެއީ ދިވެހި ޤައުމުގެ ނަމުގައި، ދިވެހި ޤައުމުގެ ދަރިންތަކެއް، ޤައުމުގެ ތަރައްޤީއަށްޓަކައި ކުރި އިޚުލާޞްތެރި މަސައްކަތްތަކެއް ފާހަގަކުރުމުގެ ގޮތުން.
 
  އާދެ، މިދެންނެވި ބޭބޭފުޅުންގެ އިތުރަށް، ހަމައެފަދަ ވަރަށް ޚާއްޞަ ފަރާތްތަކެއްގެ އެހީވެސް ލިބިގެން އަޅުގަނޑުމެންނަށް މި މަޝްރޫޢު ކާމިޔާބާއެކު މި ނިންމައިލެވުނީ. އާދެ، އޭގެތެރެއިން އެއްބޭފުޅަކީ، އެބޭފުޅެއްގެ ވަރަށް ޒުވާން ޢުމުރަކުން ފެށިގެން މިހާތަނާ ޖެހެންދެން ސަރުކާރުގެ މަސައްކަތުގައި ރެޔާއިދުވާލު ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެއް. ސަރުކާރުގެ ވަރަށް ބޮޑެތި މަސައްކަތްތަކަކާ ޙަވާލުވެވަޑައިގަންނަވައިގެން، މިހާރުވެސް ވަރަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އާދެ، އަޅުގަނޑު މި އިޝާރާތް ކުރަނީ ޕޯޓްކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން.
 
  އާދެ، ސިވިލްއޭވިއޭޝަންގެ ޑިރެކްޓަރުގެ ޙައިޘިއްޔަތުން އަލްފާޟިލް މުޙަންމަދު ނަޢީމް މި މަޝްރޫޢަށްޓަކައި ކުރެއްވި މަތިވެރި ޚިދުމަތްތައް އެއީވެސް އަޅުގަނޑު މި މަޤާމުގައި ފާހަގަކޮށްލަން ބޭނުންވާ ޚިދުމަތްތަކެއް. އެއަރޕޯޓް ޑިރެކްޓަރުގެ ޙައިޘިއްޔަތުން އެތަކެއް ދުވަސް ވަންދެން، ހުޅުލޭގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންނަވައި އެ މަސައްކަތްތައް ކުރިއަށް ގެންދެވި. އޭގެފަހުން މިހާރު ސިވިލްއޭވިއޭޝަންގެ ޑިރެކްޓަރުގެ ޙައިޘިއްޔަތުން މި މަޝްރޫޢުގެ އެންމެފަހު ބައިގައި ވަރަށް ޚާއްޞަ އެހީތަކެއް އޭނާގެ ފަރާތުން ލިބެމުންދިޔަ. ބޭރުގެ ފަރާތްތަކާ ގުޅުއްވުމާއި އަދި ހުޅުލޭ އެއަރޕޯޓަށް ބޭނުންވާ ތަފާތު ޓެކްނިކަލް މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދެވުމާއި އަދި ބޭނުންވާ ސާމާނުތައް އިޚުތިޔާރު ކުރެއްވުމާ، މިކަމުގައި ސަރުކާރުގެ ފަރާތުން ބޭރުގެ އެކިއެކި ޤައުމުތަކަށް ޒިޔާރަތް ކުރައްވައި ވަރަށް އިޚުލާޞްތެރިކަމާއެކު ވަރަށް މަތިވެރި މަސައްކަތްތަކެއް އޭނާވަނީ ކުރައްވައިފައި.
 
  އާދެ، ހަމައެފަދައިން މި މަސައްކަތުގެ ޓެކްނިކަލް ބައިގެ ވަރަށްބޮޑު ބައެއް ގެންދެވި، އަޅުގަނޑު މިދެންނެވީ ދިވެހި ސަރުކާރުން މި މަޝްރޫޢު ކާމިޔާބަކާ ހަމަޔަށް ގެނައުމުގައި ކުރަންޖެހުނު ޓެކްނިކަލް މަސައްކަތްތައް، އާދެ، އޭގެތެރޭގެ ވަރަށްބޮޑު ބައެއް އޭނާގެ އިސްތަށިފުޅުގައި އަޅުއްވައިގެން، ރެޔާއިދުވާލު އެ މަސައްކަތުގައި ވަރަށް ތެދުވެރި ޚިދުމަތްތަކެއް ކުރެއްވި އަދި މިހާރުވެސް މި މަޝްރޫޢުގައި، އޭނާގެ ބެއްލެވުމުގެ ދަށުން ތަފާތު ގިނަގުނަ މަސައްކަތްތައް ހިނގަމުންދާ، އާދެ، މި މަޝްރޫޢާ ގުޅިފައިވާ އިންޖީނު އުފައްދާ ޢިމާރާތް، އެތަން ހެއްދެވުމާއި އެތާނގައި އިންޖީނުތައް ބެލެހެއްޓެވުމާއި، އިލެކްޓްރިކް ކަރަންޓު މި މަޝްރޫޢުގެ ހުރިހާ ބައިތަކަށް ދެއްވުމާއި އަދި މިހާރުވެސް މިތަނަށް ގެނެވިފައިވާ އެކިއެކި ބޮޑެތި ސާމާނު ރައްކާކުރުމަށްޓަކައި މިތާނގައި އެޅެމުންދާ ބޮޑު ގުދަން ތައްޔާރުކުރެއްވުމާއި، އަދި ބޮޑެތި ސާމާނު އެއީ އަޅުގަނޑުމެންގެ ފެންވަރު ހުންނަގޮތުން، އަދި ބޯޓުފަހަރުން އެއްގަމަށް ބޭލުން މާ ފަސޭހަ ނޫންވަރުގެ ސާމާނު. އެހުރިހާ އެއްޗެއް ވަރަށް ފުރިހަމަގޮތެއްގައި، އޭގެ އެއްވެސް އެއްޗަކަށް ކުޑަވެސް ގެއްލުމެއް ނުލިބޭކަހަލަ ގޮތެއްގައި، ހުޅުލެއަށް ބޭލުމުގެ މަސައްކަތް ހިންގެވި އަޅުގަނޑުމެންގެ ތަޖުރިބާކާރު އިންޖިނޭރު އަލްފާޟިލް އަޙްމަދު އާދަމްގެ ނަންފުޅުވެސް އަޅުގަނޑު މިތާނގައި މި ފާހަގަކޮށްލަނީ ވަރަށް ޚާއްޞަ އުފަލަކާއެކު.
 
  އާދެ، އަލްފާޟިލް އަޙްމަދު އާދަމަށް އެހީތެރިވެދެއްވުމުގެ ގޮތުން، ހުޅުލޭ މަސައްކަތުގެ ވަރަށްގިނަ ކަންތައްތަކުގައި ލަފާދެއްވައި އެހީތެރިކަން ބެހެއްޓެވި އަލްފާޟިލް ޢަލީ ޙުސައިންދީދީގެ ނަންފުޅުވެސް އަޅުގަނޑު ފާހަގަކޮށްލާހިތްވޭ. އޭނާވެސް ސަރުކާރުން އެންގި ކޮންމެ ވަގުތެއްގައި، އެންގި ކޮންމެ ތަނަކަށް ވަޑައިގެން، ކޮންމެކަހަލަ ބުރަ މަސައްކަތެއްވެސް ކުރައްވައިފައިވަނީ، ހަމަ އޭނާ ނޫން ދެވަނަ އެހެން މީހަކަށް އެފަދަ މަސައްކަތެއް ނުކުރެވޭހާ މަތިވެރި އިޚުލާޞްތެރިކަމަކާ އެކުގައި.
 
  އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވީފަހުން، މި މަޝްރޫޢުގެ މަސައްކަތް ދުވަހުން ދުވަހަށް ހިނގަމުންދާގޮތް ބެލުން، އެއީ އަޅުގަނޑަށް، އަޅުގަނޑުގެ މަސައްކަތް ރޭވިފައި ހުރިގޮތުން މާފަސޭހަކަމަކަށްނުވި. އެހެންކަމަށްވުމާއެކު، އަޅުގަނޑުގެ ފަރާތުން މި މަސައްކަތް ހިނގަމުންދާގޮތް ބައްލަވައި އަދި އެކިއެކި ކަންކަމުގައި އެކި ފަސޭހަތައް ހޯއްދަވައިދެއްވައި، އޭނާގެ ތަޖުރިބާއިން މި މަސައްކަތަށް ފައިދާހުރި މަޝްވަރާތަކެއް ދެއްވި އަލްފާޟިލް އިލްޔާސް އިބްރާހީމްގެ ނަންފުޅުވެސް އަޅުގަނޑު މިތާނގައި ފާހަގަކޮށްލަން.
 
  އާދެ، މިދެންނެވި ވަރަށް ޚާއްޞަ ފަރާތްތަކުގެ އިތުރަށް އަޅުގަނޑުމެންގެ ދިވެހި ޒުވާނުންގެ ވަރަށްގިނަ ބައެއްގެ ހިންމަތާއި މިންނަތް މި މަސައްކަތުގައި ވަނީ ވަރަށް މަތިވެރި ދަރަޖައަކަށް އެކުލެވިގެން ގޮސްފައި. އަޅުގަނޑު މިތަން ބަލައިލަން އަންނަ ދުވަސްވަރު، އެ މިދެންނެވި ފަރާތްތަކުގެ މަސައްކަތްތައް އަޅުގަނޑަށް ފެނިފައި ވަރަށް ބޮޑަށް އުފާކުރިން. އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ޔަޤީންކަމަކާއި ވަރަށް ވަރުގަދަ އުންމީދެއް ވަނތް. އެއީ އެކަހަލަ ލަޔާޤަތްތެރި އަދި ހީވާގި ކެތްތެރި ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްވެސް ކާމިޔާބީއަކާ ހަމަޔަށް ގެންދެވޭނެކަމުގެ ފުރިހަމަ އުންމީދު. އާދެ، އެބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑު ވަކިވަކިން ނުދެންނެވި ކަމުގައިވިޔަސް، ހުރިހާ ބޭފުޅުންގެ ނަންފުޅުތައް ނުދެންނެވި ކަމުގައިވިޔަސް، ބައެއް ބޭފުޅުންގެ ނަންފުޅުތަކަށް އިޝާރާތްކޮށްލާނަން. އަލްފާޟިލް ގަދަގޭ އަޙްމަދު ސަލީމް، އަލްފާޟިލް ރިފްޢަތު ޢަފީފު، އަލްފާޟިލް މުޙަންމަދު ސަޢީދު، އަލްފާޟިލް އިބްރާހީމް ޙަމީދު، އަލްފާޟިލް މުޙަންމަދު ކަމާލް، އަލްފާޟިލް އަޙްމަދު ޝިހާބް. އަދި މިނޫންވެސް މިދެންނެވި މިކަހަލަ ލަޔާޤަތްތެރި، މަސައްކަތަށް ކަމޭހިތްތަވާ، އިޚުލާޞްތެރި އެތައް ޒުވާނުންތަކެއް، މި މަޝްރޫޢުގައި ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވާފައިވޭ. އަޅުގަނޑު މި ދަންނަވައިލި ނަންތަކަކީ، އަޅުގަނޑު މިތަން ބަލަން އަންނަ ދުވަސްދުވަހު އަޅުގަނޑަށް އެންމެ ގިނައިން ބައްދަލުވި ބޭފުޅުންގެ ނަންތައް.
 
  މީގެއިތުރުން، އެއަރޕޯޓް އޮފީހުގެ ތަފާތު ބައިތަކުގެ ނުވަތަ މިހާރު ކިޔާގޮތުގައި ވިއްޔާ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ތަފާތު ބައިތަކުގެ މުވައްޒަފުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް މި މަޝްރޫޢަށް ކުރައްވައިފައިވޭ. ހަމައެފަދައިން، އެޗް.އޭ.ސީ.ޕީ ޔުނިޓުގެ މުވައްޒަފުންވެސް ވަރަށްގިނަ ދުވަސްތަކެއް ވަންދެން މި މަޝްރޫޢުގައި، އެހެން އެއްވެސް ކަހަލަ ކަމަކަށް އެބޭފުޅުންގެ ވަގުތުތައް ހޭދަނުކުރައްވައި ހަމައެކަނި މި މަޝްރޫޢަށްޓަކައި އެބޭފުޅުންގެ ވަގުތުތައް ޚާއްޞަ ކުރެއްވި. އެގޮތުން ބަލާއިރު، އަޅުގަނޑަށް މިތާނގައި އެހުރިހާ ބޭފުޅުންގެ ނަންފުޅުތައް ނުދެންނެވުނު ކަމުގައިވިޔަސް، އެހުރިހާ ފަރާތްތަކަކަށް، ޖުމުލަކޮށް ދައުލަތުގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޝުކުރާއި ތަޢުރީފު ރައްދުކުރަން.
 
  އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މި އެއަރޕޯޓަކީ ނުވަތަ ހުޅުލޭގައި ސްޓޭޝަނެއް ހެދުމަށް ކުރެވެމުން އައި މަސައްކަތްތަކާއި އަދި އޭގެފަހުން މިހާރު ހުޅުލޭގައި، ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް އުފެއްދުމަށްޓަކައި ކުރެވެމުން އައި މަސައްކަތްތައް އެއީ ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ކޮށްފައިވާ މަސައްކަތްތަކެއް. އެ މަސައްކަތްތައް ހިމެނިފައިވީ އަޅުގަނޑުމެންގެ ތާރީޚުގައި ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރެވޭނެ ޤައުމީ މަސައްކަތްތަކެއްގެ ގޮތުގައި. އެހެންވުމާއެކު، ތަފާތު ޖަމާޢަތްތަކުގެ ފަރާތުންވެސް މި މަސައްކަތަށް އެކި ދުވަސްވަރު އެކިގޮތްގޮތުން ވަރަށްގިނަގުނަ އެހީތަކެއް ލިބިފައިވޭ. އެންމެފަހުން ރަންވޭއަށް އިތުރުކުރަން ބޭނުންވި 340 މީޓަރ ހެދުމަށްޓަކައި ސަރުކާރުން އުފެއްދި ޓާސްކްފޯސްގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، މާލޭގެ އަވަށް އަވަށުގެ ފަރާތުންވެސް ވަރަށް ވަރުގަދަ އެހީތަކެއް ލިބެމުންދިޔަ. އަވަށް އަވަށުގެ މީހުން ހުޅުލެއަށް އައިސް މިތާނގައި އެމީހުންގެ އަމިއްލަ އަތުން ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރި. އެކުރި މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެން އެ ރަންވޭގެ އެބައި ނިންމަން ބޭނުންވި މުއްދަތުގެ ތެރޭގައި ވަރަށް ފުރިހަމައަށް އެ މަސައްކަތް ވަނީ ނިމިފައި. އެހެންވީމާ، ތަފާތު ގޮތްގޮތުން މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި ދިވެހިރާއްޖޭގެ އެކިއެކި ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރުވެރިވަނީ އިންތިހާދަރަޖައަށް.
 
  އާދެ، އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މި މަސައްކަތުގައި ބޭރުގެ ވަރަށްގިނަ ފަރާތްތަކަކުން ވަނީ އެހީ ލިބިފައި. އެހެންވީމާ، އެ ފަރާތްތައް އަޅުގަނޑުމެން ހަނދާންކޮށް، މި ފޮނި ކާމިޔާބީގެ އުފާ އަޅުގަނޑުމެން މިއަދު ފާޅުކުރަމުންގެންދާއިރު، އެ ފަރާތްތަކަށް އެކަށީގެންވާ ޝުކުރު އަދާކުރުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން.
 
  އާދެ، މިއަދު މި ހުޅުވުނު އެއަރޕޯޓް އަޅުގަނޑުމެންގެ މުސްތަޤްބަލަށް ވިސްނާއިރު އެއީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ތަނަކަށްވާނެ. އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިއަށްދިޔުމަށް އިތުރު ދޮރުތަކެއް ހުޅުވައިދޭ ތަނަކަށްވާނެ. މިހާތަނާ ޖެހެންދެން ދިވެހިރާއްޖޭގެ އިޤުތިޞާދީ މަސައްކަތްތައް އެކަށީގެންވާ ފެންވަރަކަށް ކުރިއަށް ނުގެންދެވިފައި އޮތުމުގެ އެންމެބޮޑު އެއް ސަބަބެއް ކަމަށްވަނީ، ދިވެހިރާއްޖެ ދުނިޔޭގެ އެހެން ޤައުމުތަކާ އޮތްލެއް ދުރުކަން. މުވާސަލާތުގެ ގޮތުން ދިވެހިރާއްޖެއާއި ދުނިޔޭގެ އެކިއެކި ޤައުމުތަކާ ދޭތެރޭގައި އޮތް ގުޅުން ކުޑަކަން، މިފަދަ ބައިނަލްއަޤްވާމީ ފެންވަރުގައި ތަފާތު ބަނދަރެއް ދިވެހިރާއްޖޭގައި ހުޅުވުމުން، އެއްވެސް ޝައްކެއްނެތި ބޭރު ދުނިޔެއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ ގުޅުން ވަރަށް ވަރުގަދަވެގެންދާނެ. އަޅުގަނޑުމެން ބޭނުންވާ ވަގުތެއްގައި، ބޭނުންވާ ތަނަކަށް ދިޔުމުގެ ފުރުޞަތު މިހާރު އަޅުގަނޑުމެންނަށް އޮންނާނީ ލިބިފައި. އަޅުގަނޑުމެން ބޭނުންވާ ބަޔަކު ބޭނުންވާ އިރަކަށް ރާއްޖެއަށް ގެނައުމުގެ ފުރުޞަތުވެސް އަޅުގަނޑުމެންނަށް ވާނީ ލިބިފައި. އެހެންކަމުން، މި އެއަރޕޯޓަކީ އަޅުގަނޑު ދަންނަވާނީ އިޤުތިޞާދީ ތަރައްޤީގެ އާ އުދަރެސްތަކަކަށް އަޅުގަނޑުމެން ދިޔުމަށް ހުޅުވިގެންދިޔަ ވަރަށްފުޅާ ދޮރެކޭ.
 
  އާދެ، އެންމެ ފުރަތަމަ މި އެއަރޕޯޓުގެ ސަބަބުން އަޅުގަނޑުމެންގެ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން ޓޫރިޒަމަށް ވަރަށްބޮޑު ބާރެއް ލިބިގެންދާނެ. ޓޫރިޒަމް ތަރައްޤީވުމަށް މި އެއަރޕޯޓް ވަރަށްބޮޑު އެހީއެއް ވެދޭނެ. ޓޫރިޒަމަކީ އަޅުގަނޑުމެން އެންމެންވެސް މިހާރު ދަންނަ ފަދައިން، ރާއްޖޭގައި މިހާރު ހިނގަމުންދާ އިޤުތިޞާދީ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް. އެ މަސައްކަތް އެއްދުވަހުން އަނެއްދުވަހަށްދަނީ ކާމިޔާބުވަމުން. އަދި ދިވެހިރާއްޖެއަކީ ވަރަށްހަނި އިޤުތިޞާދެއް ކުރިއްސުރެ ގެންގުޅޭ ތަނަކަށްވެފައި، އަޅުގަނޑުމެން ވަނީ ހުރިހާ ގޮތަކުންވެސް ކުރިއަށްދާން ބޭނުންވެފައި ކަމަށްވުމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެންހުރި ހުރިހާ އިޤުތިޞާދީ މަސައްކަތްތަކެއް ވާނެ އަޅުގަނޑުމެން ކުރަން. އެހެންވީމާ، ޓޫރިޒަމަށް ލިބޭ ތަރައްޤީއަކީ އޭގެ އެންމެފަހު ތަޙުލީލުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށް ލިބޭ ތަރައްޤީއަކަށް ނުވެއެއްނުދާނެ. އާދެ، ރާއްޖޭގެ މަސައްކަތްތަކުގެ ތެރެއިން ހަމައެކަނި ޓޫރިޒަމަކަށް ނޫން، މި އެއަރޕޯޓުގެ ފައިދާ ލިބެމުންދާނީ. ދިވެހިރާއްޖޭގެ ވިޔަފާރިއަށްވެސް ވަރަށްބޮޑު ފައިދާތަކެއް މި ހުޅުވުނު އެއަރޕޯޓުގެ ސަބަބުން ލިބެމުންދާނެކަން ޔަޤީން. އަޅުގަނޑުމެންގެ ރާއްޖެ ވިޔަފާރީގެ ގޮތުންވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް.
 
  އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ މީހުން ދިވެހިރާއްޖެއަށް ބާޒާރުކުރަން އަންނަ އައުން ދައްކައިދެނީ، ދިވެހިރާއްޖެއަކީ އެމީހުންގެ ކުރިމަތީ ވަރަށް އެކަށީގެންވާ ތިޖާރީ ވިޔަފާރީގެ މަރުކަޒަކަށް ވެއްޖެކަން. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، މި އެއަރޕޯޓް ހުޅުވުމަށްފަހު، އެ ލިބޭ ފުރުޞަތުގެ ސަބަބުން އަދި ޚާއްޞަކޮށް، މި އެއަރޕޯޓް ހުޅުވުމަށްފަހު، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން އެ ފާސްކުރި، ދިވެހިރާއްޖޭގައި، ޑިއުޓީ މަޢާފު ދާއިރާތަކެއް ކަނޑައެޅުމުގެ ގާނޫނު ހިންގަން ފެށުމުން، އެ ޤާނޫނުގެ ދަށުން ޑިއުޓީ މަޢާފު ދާއިރާތަކެއް ކަނޑައެޅުމުގެ ސަބަބުން އަޅުގަނޑު ހިތުން ރާއްޖޭގެ ވިޔަފާރިއަށް ވަރަށްބޮޑު ތަރައްޤީއެއް ލިބެމުންދާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މި އެއަރޕޯޓް ހުޅުވުމުގެ ސަބަބުން ދިވެހިރާއްޖެއަށް އެއިން ލިބޭ ފައިދާތަކުގެ މުޤާބިލުގައި އެއްވެސް އެހެން ތަނަކަށް މި އެއަރޕޯޓުގެ ސަބަބުން އެއްވެސްކަހަލަ ގެއްލުމެއް، އުނިކަމެއް ނާންނާނެއޭ.
 
  އާދެ، އަޅުގަނޑުމެންގެ ބޭނުމަކީ، ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީކޮށްފައި، އެހެން ތަންތަނަށް އަޅުގަނޑުމެން އެކުރާ މަސައްކަތްތަކުގެ ސަބަބުން އުނިކަން އަންނަ ގޮތަކަށް ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދިޔުމެއް ނޫން. އެއާޚިލާފަށް، އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހިރާއްޖެ ތަރައްޤީކުރުން. ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސް ފުރުޞަތުތަކެއް ހޯދައިދީ، ރާއްޖޭގެ ރައްޔިތުންގެ އިޤުތިޞާދީ ތަނަވަސްކަން އެއްދުވަހުން އަނެއް ދުވަހަށް މައްޗަށްދާނެގޮތް ހަދައިދިނުން. ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ވަށައިގެންވާ އަވަށްޓެރި ޤައުމުތަކަށްވެސް އޭގެ ފައިދާ ލިބެމުންދިޔުން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިއަދު އަޅުގަނޑުމެން މި ހުޅުވި އެއަރޕޯޓުގެ ސަބަބުން އެހެން އެއްވެސް ފަރާތަކަށް އެއްވެސްކަހަލަ ދައްޗެއް، އުނދަގުލެއް، އުނިކަމެއް ނާންނާނެއޭ.
 
  އާދެ، ކޮންމެއަކަސް މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ މުނާސަބަތަކީ، ވަރަށް ތާރީޚީ މުނާސަބަތެއް. މި މަޝްރޫޢަށް ޚަރަދުކުރެވިފައިވާ ފައިސާއަށް އެކަނި ބަލައިލިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައި މިވަރުގެ އެހެން މަސައްކަތެއް މީގެކުރިން ކުރެވިފައިނުވާކަން ވަރަށް ބޮޑަށް ސާފުވެގެންދާނެ. އާދެ، އަދި މި އެއަރޕޯޓަށް ކުރެވުނު ހުރިހާ ޚަރަދުތަކުގެ ތަފްޞީލު ދެންނެވެން ނެތް ކަމުގައިވިޔަސް، މިހާރުވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ގާތްގަނޑަކަށް 18 މިލިއަން ޔޫ.އެސް. ޑޮލަރު ޚަރަދުވެގެން ހިނގައްޖެ. އެއީ ބޭރު ފައިސާއިން ޚަރަދުވި އެއްޗެއް. އޭގެއިތުރުން ދިވެހި ސަރުކާރުން ދިވެހި ފައިސާއިންވެސް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ މި މަޝްރޫޢަށް، މި މަސައްކަތަށް ޚަރަދުވެގެން ހިނގައްޖެ. އަދި މި މަސައްކަތް މިހާތަނަށް ނިމުނީއަކީ ނޫން. މި އެއަރޕޯޓް ޕުރޮޖެކްޓު ކަނޑައެޅިފައިވާ ގޮތުން އޭގެ މަސައްކަތްތައް އިންތިޒާމު ކުރެވި ރޭވިފައިވާ ގޮތުން، އަދި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއް އެބަހުރި. ހަދަންޖެހޭ ޢިމާރާތްތަކެއްވެސް އެބަހުރި. އެހެންވީމާ، އެހުރިހާ ކަމެއް ނިމިގެންދާއިރު، އަޅުގަނޑު ދަންނަވާނީ، މި މަޝްރޫޢަށް ވަރަށްގިނަ އަދަދަކަށް ފައިސާ ޚަރަދުވެގެންދާނެއޭ. އެއީ ބޭރު ޤައުމުތަކުގެ އެހީގައި ލިބުނު ފައިސާއާއި އަދި ދިވެހި ސަރުކާރުން އަމިއްލައަށް ޚަރަދުކުރި ދިވެހި ފައިސާއާ ދެބައި. އާދެ، އެހެންވީމާ، ފައިސާގެ ގޮތުން ބެލިނަމަވެސް، އަދި މި މަސައްކަތުގައި ބައިވެރިވި މީހުންނަށް ބެލިނަމަވެސް، މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ތަފާތު ފެންވަރުތަކުގައި ތަފާތު ގޮތްގޮތަށް މި މަސައްކަތްތަކުގައި ބައިވެރިވެފައިވާ ކަމަށް ވިސްނައިލިޔަސް، މި މަސައްކަތަކީ ޤައުމީ ފެންވަރުގައި މިހާތަނަށް އަޅުގަނޑުމެންނަށް މީގެކުރިން ނުކުރެވި އޮތްވަރުގެ މަސައްކަތެކޭ ދެންނެވިދާނެ.
 
  އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މިއަދު މި ޖަލްސާއަށް ވަޑައިގެންނެވި އަޅުގަނޑުމެންގެ ޢިއްޒަތްތެރި މެހުމާނުންނަށް، ބޭރު ޤައުމުތަކުން ވަޑައިގެން ތިއްބެވި ބޭފުޅުންނަށް ދިވެހި ސަރުކާރުގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަރުޙަބާ ދަންނަވަމުން. އެބޭފުޅުން މިތަނަށް މިއަދު ވަޑައިގެންދެއްވިކަން އަޅުގަނޑުމެން ދެކެނީ، އެބޭފުޅުން ދިވެހިރާއްޖެއަށް ބަހައްޓަވާ ޚާއްޞަ ޢިނާޔަތުގެ ދަލީލެއް ކަމުގައި. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މި މަޝްރޫޢަކީ ވަރަށްގިނަ ޤައުމުތަކެއްގެ އެހީ އަޅުގަނޑުމެންނަށް ލިބިފައިވާ މަޝްރޫޢެއް. ބައިނަލްއަޤްވާމީ އެހީތެރިކަން ދައްކައިދޭ ނަމޫނާއެއް. ހަމައެފަދައިން، އިސްލާމީ އުޚުއްވަތްތެރިކަންވެސް މި މަޝްރޫޢުގައި ވަރަށް ވަރުގަދަ މިންވަރަކަށް އެކުލެވިފައިވޭ. އެހެންވުމާއެކު، މިއަދު އަޅުގަނޑުމެންގެ މި ޖަލްސާއަށް ވަޑައިގެންދެއްވި  ބޭރުގެ ޢިއްޒަތްތެރި މެހުމާނުންނަށް، ޝުކުރާއި މަރުޙަބާ ދަންނަވަން.
 
  އާދެ، އަޅުގަނޑު އެދެނީ، މި ހުޅުވުނު މުހިންމު އެއަރޕޯޓުގެ ސަބަބުން ދިވެހިރާއްޖެ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުންދިޔުން. اللّـه سبحـانـه وتعـالى އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގައިވެސް ހެޔޮ ތައުފީޤު ލައްވައި އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އަޅުގަނޑުމެން ކުރިއަށްދާނެ މަގުތައް ފަހިކޮށްދެއްވުން.
 

                       والسّلام عليــكم ورحـمــة اللّـه وبـركاتـه.