بســم اللّـه الرّحمـن الرّحيــم
 
          اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.
 
އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުން، ޔުނިވަރސިޓީގެ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، ޔުނިވަރސިޓީގެ ފެކަލްޓީގެ މެންބަރުން، އަދި ޔުނިވަރސިޓީގެ ދަރިވަރުންނާއި، ޔުނިވަރސިޓީއަށް ހެޔޮއެދޭ ފަރާތްތައް އަދި ޔުނިވަރސިޓީއާއެކީ އެމް.އޯ.ޔޫ އަދި އެއްބަސްވުންތަކުގައި ސޮއިކުރައްވާ ފަރާތްތައް، މި ޙަފްލާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ފަރާތްތައް؛
 
السّلام عليــكم ورحـمــة اللّـه وبـركاتـه.
 
އާދެ، މިރެޔަކީ ޔުނިވަރސިޓީގެ ޙަޔާތުގައި ވަރަށް އުފާވެރި ރެއެއް. އަދި އަޅުގަނޑުގެ ޙަޔާތުގައިވެސް ވަރަށް އުފާވެރި ރެއެއް. ދެންމެ ޑޮކްޓަރ ޒާހިރު ޙުސައިންގެ ވާހަކަފުޅުގައި ވިދާޅުވެއްޖެ، އަޅުގަނޑާ ކޮންމެވެސްކަހަލަ ގުޅުމެއް މި ޔުނިވަރސިޓީއާ އޮންނަ ވާހަކަ. އެއީ ތެދުފުޅެއް. ޔުނިވަރސިޓީއަށް ކުރިން ކިޔަނީ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ. އޭރު މަޢުހަދު ހުރީ ވަރަށް ނިކަމެތިކޮށް. އަޅުގަނޑު ހަނދާންވަނީ މިހާރު ފެކަލްޓީ މެނޭޖްމަންޓް އެ ހިނގަމުންދާ އިމާރާތުގެ ކުޑަކުޑަ ކަނެއްގެ ތެރޭގައި ހުންނަ ކުޑަކުޑަ ކްލާހެއްގެ ތެރޭގައި އަޅުގަނޑުމެން އޭރު ޤުރްއާން ކިޔަވަމުން ގެންދިޔައީ. އެހެންނަމަވެސް، މީގެ ދެމަސްދުވަސް ކުރިން އަޅުގަނޑު އެބޭފުޅުންގެ ދަޢުވަތަކަށް ޔުނިވަރސިޓީއަށް ޒިޔާރަތް ކުރިއިރު، މިހާރުގެ އިމާރާތްތައް، އަޅުގަނޑު ދަންނަވާނީ، މިވަގުތު ލިބެންހުރި އެންމެ ރަނގަޅު އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތޭ. އެހެންނަމަވެސް، ޔުނިވަރސިޓީގެ އިމާރާތަށް  ބަލާއިރު، ޖާގައިގެ ދަތިކަން ހުރިކަން އަޅުގަނޑަށްވެސް ފާހަގަކުރެވޭ. އަދި ސްޓްރެޓީޖިކް ޕްލޭންގައި ސްވޮޓް އެނަލައިސިސް ހަދާފައި އެބައޮތް. އޭގެ  ވީކްނަސްއެއްގެ ގޮތުގައި ވިދާޅުވެފައި އެބައޮތް، ޖާގައިގެ ދަތިކަމުގެ ވާހަކަ. އެހެންވީމާ، އަޅުގަނޑަށް އެނގޭ އެއްޗަކީ، މިހާރު ޔުނިވަރސިޓީ ހިނގަމުންދާ އިމާރާތަކީ، ޔުނިވަރސިޓީއަށް އެންމެ ފުރިހަމަ، އެންމެކަމުދާ އިމާރާތެއް ނޫނޭ. އެހެންވީމާ، ސްޓްރެޓީޖިކް ޕްލޭންގައިވެސް އެބައޮތް، ޔުނިވަރސިޓީގެ އާ އިމާރާތެއް ނުވަތަ އާ ޖާގައެއް ހޯދުމުގެ މަސައްކަތް. އަޅުގަނޑު ދަންނަވާނީ، މި ސަރުކާރުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެކަން ކޮށްދެއްވާނެއޭ. އާދެ، ފަހަރެއްގައި މިއަހަރު ނުވެދާނެ. އެހެންނަމަވެސް، ސްޓްރެޓީޖިކް ޕްލޭންގެ އެ މުއްދަތުގެ ތެރޭގައި އެކަން ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އެބައޮތް. އެހެންވީމާ، އެ އުފާވެރި ޚަބަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން.
 
އަޅުގަނޑު ކުޑަކޮށް ތާރީޚަށް ޖެހިލާނަން. މަޢުހަދު އެންމެ ފުރަތަމަ އުފެދުނީ، 9 ޑިސެންބަރު 1980 ގައި. މިއީ ފަހަރެއްގައި ދޮގަކަށްވެސް ވެދާނެކަންނޭނގެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން 9 ޑިސެންބަރު 1980 ގައި. އޭގެފަހުން ކުއްލިއްޔާއަކަށް ބަދަލުވީ 21 ފެބުރުވަރީ 2004 ގައި. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިސްލާމިކް އެޑިޔުކޭޝަނަށް ބަހައްޓަވާ ޤަދަރާއި، އަދި އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުގެ ދަށުން އެމަނިކުފާނުވަނީ މިތަން ޔުނިވަރސިޓީއަކަށް 9 ޖޫން 2015 ގައި ބަދަލުކުރައްވާފައި. ހަމައެކަނި ޔުނިވަރސިޓީއަކަށް އެމަނިކުފާނު ބަދަލުކުރެއްވީކީ އެކަންޏެއް ނޫން. ޔުނިވަރސިޓީއަކަށް ބަދަލުކުރެއްވުމަށްފަހު، އެ ޔުނިވަރސިޓީއަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދައިދިނުމުގައި، އެމަނިކުފާނުގެ ލަފާގެމަތިން އެންމެ ކައިރިން މަސައްކަތްކުރި މީހަކަށްވާނެ އަޅުގަނޑު. އެހެންވީމާ، އަޅުގަނޑަށް އެނގޭ، އެމަނިކުފާނު މި ޔުނިވަރސިޓީއަށް ބަހައްޓަވާ ގާތްކަން. މި ޔުނިވަރސިޓީއަށް ބޭނުންވާ ހުރިހާ މުވައްޒަފުން ގާތްގަނޑަކަށްހެން ހަމަޖައްސަވައިދެއްވި. އަދި ޔުނިވަރސިޓީއަށް ބޭނުންވާ ފައިސާއާއި އަދި އެހެން ތަކެތިވެސް ހަމަޖައްސަވައިދެއްވި. އެއީ އަދި ބަޖެޓުގެ ކޮންޓިންޖެންސީގެ ވަރަށްބޮޑު ބައެއް ބޭނުންކުރައްވައިގެން. 2015 ވަނަ އަހަރުވެސް އަދި 2016 ވަނަ އަހަރުވެސް ވަރަށްގިނަ ހޭދަތަކެއް މި ޔުނިވަރސިޓީއަށް ވަނީ ކޮށްދެއްވާފައި. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަޅުގަނޑު ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، ޔުނިވަރސިޓީ އުފެދި، ޔުނިވަރސިޓީ މިހާރު ހަވާލުވެވަޑައިގެން ހުންގާނުގައި ތިއްބެވީ އަޅުގަނޑު ދަންނަވާނީ އަނެއްކާވެސް މިކަމަށް އެންމެ އެކަށޭނަ ދެބޭފުޅުންނޭ. ޗާންސެލަރއަކަށް ހުންނެވީ ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ. އަދި ކުރީގެ ޒުވާނުންނާބެހޭ މިނިސްޓަރ. އެހެންވީމާ، އެގޮތުންވެސް އެމަނިކުފާނަކީ ވަރަށް ޚާއްޞަ ބޭފުޅެއް މި ޔުނިވަރސިޓީއަށް. ދެވަނައަށް ހުންނެވީ ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ. އެހެންވީމާ، އިސްލާމިކް އެޑިޔުކޭޝަން، އިސްލާމާއި އެޑިޔުކޭޝަނާ ދެބައި ގުޅިފައި މިހާރު މިއޮތީ. އެޑިޔުކޭޝަން މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާ ދެބޭފުޅުން މި ތިއްބެވީ ހުންގާނުގައި. އެހެންވީމާ، މިއަށްވުރެ ފުރިހަމަ ކަމެއް އޮންނާނެބާވައޭ އަޅުގަނޑު ހިތަށްއަރަނީ. އެހެންވީމާ، މިބޭފުޅުންގެ ސަމުގާއާ އެއްގޮތަށް މިހާރު ޔުނިވަރސިޓީ ހިނގަމުން އެދަނީ.
 
މިރޭ އެ ފެނިގެންދިޔައީ ޔުނިވަރސިޓީ ކޮންދިމާއަކަށްތޯ ދާނީ؟ މިހާރު ތިބީ ކިހާހިސާބެއްގައިތޯ، ކުރިމަގުގައި ދާނީ ކިހާހިސާބަކަށްތޯ؟ ދާނީ ކޮން ރާސްތާއަކަށްތޯ؟ ކުރަހައިދީފައި އޮތް ވަރަށް ރީތި ފޮތެއް އަޅުގަނޑަށް އެބޭފުޅުން ހަދިޔާ ކުރެއްވި. މިވީ ކުޑައިރުކޮޅުގެ ތެރޭގައި އަޅުގަނޑު އެ ފޮތް ބަލައިލިން. ވަރަށް ފުރިހަމަ ފޮތެއް. ދެންމެ އެ ފޮތުގެ އަދީބު އާދެ، ފޮތް ފަރުމާކޮށްދެއްވި ފަރާތުން ވަރަށްގިނަ ވާހަކަ ދައްކަވައިފި. އަޅުގަނޑު ކޮންމެހެން ތަކުރާރުކުރާކަށް ބޭނުމެއް ނޫން. އޭގައި ވަރަށް ފުރިހަމައަށް އެބަހުރި، ކޮބައިތޯ ސްޓްރެޓީޖިކް ޓްރަސްޓް އޭރިއާސްއަކީ. ވިދާޅުވެއްޖެ، ޔުނިވަރސިޓީގެ ތަޞައްވުރު ރަނގަޅު ކުރުމޭ. ޔުނިވަރސިޓީގެ ޕަރސެޕްޝަން ރަނގަޅުކުރުމޭ. ބައެއް މީހުންނަށް ހީވަނީ ޔުނިވަރސިޓީން ކިޔަވައިދެނީ ހަމައެކަނި ޤުރްއާނޭ ނުވަތަ ޢަރަބި ތަޢުލީމު އެކަންޏޭ. އެހެނެއްނޫން، ޔުނިވަރސިޓީގެ އެހެން ވަރަށްގިނަ ފެކަލްޓީޒް އެބަހުރި. ދެން އަޅުގަނޑު ކޮންމެހެން އެ ތަފްޞީލަށް ދާކަށް ބޭނުމެއް ނޫން.
 
މިޒަމާނުގައި ވަރަށްގިނަ ޔުނިވަރސިޓީގައި، އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދޭ މާއްދާތައް މިހާރު އެ ޔުނިވަރސިޓީގައި ކިޔަވައިދެއްވަމުން މި ގެންދަވަނީވެސް. މިހާރު ދިމާވެގެން އުޅޭ އެންމެބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި އޮތީ މުވައްޒަފުންގެ ދަތިކަން. ޚާއްޞަކޮށް، ވަރަށްގިނަ އަދަދެއްގެ ޕާޓްޓައިމް މުވައްޒަފުން ތިއްބެވީމަ، އެ ދިމާވާ ދަތިކަން. ގަބޫލުކުރައްވާނެކަންނޭނގެ، ޕާޓްޓައިމް ވަޒީފާގައި އުޅުއްވާ ބޭފުޅުން ފުލްޓައިމް ވަޒީފާ އަދާކުރައްވާ ތަނަށްވުރެން މިތަނާ ގުޅުން ކުޑަވާނެ. އެހެންވީމާ، ޕާޓްޓައިމްގައި ކިޔަވައިދެއްވާ ބޭފުޅުން ތިއްބެވުމަކީ، އަޞްލުގައި އަޅުގަނޑު ދަންނަވާނީ ޔުނިވަރސިޓީއަށް ލިބޭ ނިކަމެތިކަމެކޭ. އެހެންވީމާ، އޭގެ ބަދަލުގައި ޔުނިވަރސިޓީއަށް ބޭނުންވާ ފުލްޓައިމް ބޭފުޅުން ތަމްރީނު ކުރެއްވުމަކީ ކުރައްވަންޖެހޭނެ ކަމެއް. އަޅުގަނޑަށް ހީވަނީ ސްޓްރެޓީޖިކް ޕްލޭންގައި އެއޮތީ އެބައި ލިޔުއްވާފައިހެން. ކޮންމެ އަހަރަކު ގާތްގަނޑަކަށް އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި، ސަތޭކަ ފަންސާސް ގްރެޖުއޭޓުން މިހާރު ތިބި ކަމަށްވަންޏާ، ހަތަރުސަތޭކައާ ދޭތެރޭގެ ގްރެޖުއޭޓުން ތަމްރީނުވެގެން އަންނާނެ. އަދި ހަމައެގޮތަށް މާސްޓަރޒް އެއްވެސް ގްރެޖުއޭޓެއް މިއަހަރަކު ނެތް. އެހެންނަމަވެސް، 2020 ވަނަ އަހަރު އަންނަންވާއިރަށް ގާތްގަނޑަކަށް ހަތްދިހަފަސް ގްރެޖުއޭޓުން މިތަނުން ނުކުންނާނެ ކަމަށްވަނީ. އަދި ޕީ.އެޗް.ޑީވެސް ގާތްގަނޑަކަށް ދެ ގްރެޖުއޭޓުން، 2020 އަށް އަންނައިރު ހަމަޖެހިގެންދާނެ ކަމަށް. ހަމައެޔާއެކީގައި ޔުނިވަރސިޓީގެ ރިސަރޗް ފެކަލްޓީއަށް ބޭނުންވާ ރިސަރޗަރުން ތަމްރީނު ކުރުމާއެކީ ހުރި ވަރަށްގިނަ ކަންތައްތައް މީގައި ލިޔުއްވާފައި އެބައޮތް.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ޔުނިވަރސިޓީ އުފެއްދުމަށްފަހު، ޔުނިވަރސިޓީއަށް މީހުން ހަމަޖެއްސުމަށްފަހު، ދެން މިހާރު ޔުނިވަރސިޓީން މިޞްރާބު ޖަހަނީ ދުނިޔޭގެ ފެންވަރުގައި ނުވަތަ މި ރީޖަންގެ ފެންވަރުގައި ފައިތިލަ ސާބިތުކުރެވޭ ޔުނިވަރސިޓީއަކަށް ހެދުމަށްޓަކައި. އެކަން އެ ސްޓްރެޓީޖިކް ޕްލޭނުން އެ ފާހަގަކޮށްދެނީ. އަޅުގަނޑަށް ތަންކޮޅެއް ގިނައިރު ލިބުނުނަމަ، ތަންކޮޅެއް ބޮޑަށް އެ ސްޓްރެޓީޖިކް ޕްލޭން ބަލައިލެވުނީސް. އެހެންނަމަވެސް، މި ކުޑަވަގުތުކޮޅުގެ ތެރޭގައި ބަލައިލިއިރު، އަޅުގަނޑަށް ވަރަށްގިނަ ކަންތައްތައް ފާހަގަކުރެވުނު. ވަރަށް ރަނގަޅު، ވަރަށްގިނަ ސްޓްރެޓީޖިސް އެބަހުރި. ވަރަށްގިނަ އެކްޝަންސް އެބަހުރި. އަދި ވަރަށްގިނަ ޓާގެޓްސްތަކާއި އަމާޒުތައްވެސް އެބަހުރި.
 
ދެންމެ ވައިސް ޗާންސެލަރ އެ ވިދާޅުވިގޮތަށް، ޕްލޭނަކީ ވަރަށް ފަސޭހައިން ހެދިދާނެ އެއްޗެކޭ. ނުވަތަ ވަރަށްގިނަ މީހުންނާ މަޝްވަރާކޮށްގެން ހެދިދާނެ އެއްޗެކޭ. ގިނަފަހަރަށް ރާއްޖޭގައިވެސް، ވަރަށްގިނަ ފަރާތްތަކުން ބޭރު މީހުން އައިސްގެން، ވަރަށްގިނަ ރިޕޯޓްތަކާ އެއްޗެހި ހަދާފައި ހުރީ. އެހެންނަމަވެސް، ވަކިހިސާބަކުން އޭތި އޮންނަނީ ކޮންމެވެސް ތަނެއްގައި ބޭއްވިފައި. އޭގައި އެ ލިޔެވިފައި އޮންނަނީ ކީކޭތޯވެސް ބައެއްފަހަރަށް ނުބަލާ. ކޮންމެވެސް ދުވަހެއް ޖެހުނީމަ ހިރަފުސް ފޮޅައިލައިގެން ބޭނުންކުރަނީ. މިހެން ވެގެންނުވާނެ. ސްޓްރެޓީޖިކް ޕްލޭން، އޭގެތެރޭގައި އެބަހުރި ބައެއް ލަނޑުދަނޑިތައް. 2018 ގައި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް. އަދި 2020 ގައި ހާސިލުކުރަންޖެހޭ ލަނޑުދަނޑިތައް. އެހެންވީމާ، މިހާރުއްސުރެ ފަށައިގެން އަޅުގަނޑުމެން މަސައްކަތް ނުކޮށްފި ކަމަށްވަންޏާ، ޙަޤީޤަތުގައި އަޅުގަނޑުމެން ބޭނުންވާ ލަނޑުދަނޑިތަކެއް ހާސިލެއްނުވެވޭނެ. އަދި ޕްލޭނެއް ހާސިލު ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ ފައިސާ. ފައިސާނެތި އެއްވެސް ކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، މި ސަރުކާރުން މި ސްޓްރެޓީޖިކް ޕްލޭން ތަންފީޛު ކުރުމަށްޓަކައި ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެކަމަށް. އެއީ ފައިސާގެ ގޮތުންވިޔަސް އަދި އެހެން ގޮތަކުންވިޔަސް، އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
 
އަޅުގަނޑުމެން ބައެއްފަހަރަށް ޕްލޭން ލިބުމަށްފަހު، ޕްލޭންގައި ހުންނާނެ ކޭ.ޕީ.އައި.އެސް.  ކީ ޕަރފޯމަންސް އިންޑިކޭޓަރސް. މިއީ އަޅުގަނޑުމެން ދޭތެރެއަކުން ބަލަންޖެހޭ އެއްޗެހި. ހަމަ އެހެން ޕްރޮޖެކްޓެކޭ އެއްގޮތަށް މި ޕްލޭން ޕަރފޯމް ކުރޭތޯ، ނުކުރޭތޯ އެއީ ކީ ޕަރފޯމަންސް އިންޑިކޭޓަރސް ބޭނުންކޮށްގެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި މިހާރުވެސް ޔުނިވަރސިޓީގައި މި ޕްލޭން އިމްޕްލިމެންޓް ކުރުމުގައި ނުވަތަ އިމްޕްލިމެންޓޭޝަން މޮނިޓަރ ކުރަން ވަކި ޚާއްޞަ ޔުނިޓެއް ހުންނާނެ. ނުވަތަ ޚާއްޞަ ބޭފުޅުންކޮޅެއް އުޅުއްވާނެ. އެހެންވީމާ، އަޅުގަނޑު އެބޭފުޅުންނަށް ދަންނަވާލާނީ، ފަރުވާކުޑަނުކޮށް އަޅުގަނޑުމެން އެއްގޮތަކަށްވެސް ގަބޫލެއްނުކުރަން ފަރުވާކުޑަކުރައްވާނެ ކަމަކަށް. މި ޕްލޭން ތަންފީޛު ކުރުމުގައި ބަރާބަރަށް މަސައްކަތް ކޮށްދެއްވާށޭ. ސަރުކާރުން ވެދެވެންޖެހޭ ހުރިހާ އެހީތެރިކަމެއް ލިބޭނެ. އެހެންވީމާ، 2020 ގައި އަޅުގަނޑުމެން މި ބޭނުންވާ ލަނޑުދަނޑިތައް ހާސިލުވާނެކަމާމެދު އެއްވެސް ޝައްކެއްނެތް.
 
އާދެ، އޭގެހުރި ވީކްނަސް، ވަރަށްގިނަ ވީކްސްނަސް އެބަހުރި ފާހަގަކޮށްފައި. އަޅުގަނޑުމެން ކޮންމެހެން ހުރިހާ ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނޫން. އަޅުގަނޑު ކުޑަކޮށް އަޅުގަނޑުމެންގެ ދާއިރާއާބެހޭ ވާހަކަ ދައްކާލަން ބޭނުމީ. އަޅުގަނޑު މީގެކުރިންވެސް ދަންނަވާފައި އޮންނާނެ، ރާއްޖޭގެ އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ޤާއިމުކުރާ ވާހަކަ. އެހެންވީމާ،  މި ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނިފައި ނެތަސް އަޅުގަނޑު ބޭނުން، މި ދާއިރާތަކުން ތަމްރީނުވާން. އިސްލާމިކް އިކޮނޮމިކްސް، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ، އިސްލާމިކް ޝަރީޢާ. މި ދާއިރާތަކުން ތަމްރީނު ލިބިފައި ތިބި މީހުން މި ޔުނިވަރސިޓީ ތެރެއިން ތަމްރީނު ކުރެވިއްޖެ ކަމަށްވަންޏާ، އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރަށް ބޭނުންވާ މީހުން ހޯދުމުގައި ދަތިކަމެއް ނާންނާނެ. އެހެންވީމާ، މިއީ ސަރުކާރަށް ލިބޭނެ ވަރަށްބޮޑު، ނުވަތަ މި ފައިނޭންސް ސެންޓަރު ޤާއިމުކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރަކަށް ނުވަތަ އެހީތެރިކަމަކަށްވާނެ.
 
އެހެންވީމާ، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޔުނިވަރސިޓީގެ ކައުންސިލުން އެދެނީ، ތިޔަބޭފުޅުން ކުރިއަށް އޮތް މަރްޙަލާތަކަށް މީހުން ނަންގަވާއިރު، އެކިއެކި ޕްރޮގްރާމްތަކަށް ނަންގަވާއިރު މިކަންތަކަށް ވިސްނާވަޑައިގެން، އެކަމަށް އަމާޒުކޮށްގެން މަސައްކަތް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެކޭ.
 
އާދެ، އަޅުގަނޑަށް ހީވަނީ މިރެޔަކީ މާގިނަ ވާހަކަތަކެއް ދެއްކެން އޮތް ރެއެއް ނޫންހެން. އެއަށްވުރެ މާ އުފާވެރި ރެއެއް. އަނެއްކާ މާ އުފާވެރި ވަގުތެއް. އެހެންވީމާ، އަޅުގަނޑު މިވަގުތު ކުރުކޮށްލާނީ، އަޅުގަނޑަށް މި ފުރްޞަތު ދެއްވި ކަމަށްޓަކައި އަޅުގަނޑުމެންގެ ލޮބުވެތި ޗާންސެލަރއަށާއި، ވައިސް ޗާންސެލަރއަށް އަދި ކައުންސިލްގެ ކަމާބެހޭ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.
 
އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިސްލާމިކް އެޑިޔުކޭޝަން ކުރިއެރުވުމަށްޓަކައި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި ބަރަކާތް ލެއްވުން. އަދި އިސްލާމީ ޔުނިވަރސިޓީން ކުރައްވާ ކަންތައްތަކުގެ ފަލާޙާއި މަދަދު. އަޅުގަނޑު އެދެނީ ރާއްޖެއަށް އަދަށްވުރެ ފެހި މުސްތަޤްބަލެއް.
 
 
والســّلام عليــكم ورحـمــةاللّـه وبـركاتـه