بســم اللّـه الرّحمـن الرّحيــم
           
އާދެ، މިއަދު އަޅުގަނޑު ނައިފަރަށް މި މަޑުކޮށްލީ މިލަދުންމަޑުލު ދެކުނުބުރީގެ، މީހުން އުޅޭ ރަށްރަށަށް ކުރި ދަތުރެއް ނިންމައިފައި، މާލެ ދިއުމުގެ މަގުމަތީގައި. މީގެކުރިން ދެފަހަރެއްގެ މަތިން، އަޅުގަނޑު ރައީސްކަމާ ހަވާލުވިފަހުން ނައިފަރަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. މިފަހަރު މިއައި އައުން ދިމާވަނީ ނައިފަރުގެ ވެރިންނާއި ރައްޔިތުން ވަރަށް ޚާއްޞަ މުނާސަބަތެއް ފާހަގަކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތަކާ.
 
އާދެ، ނައިފަރުގައި ހުޅުވިގެން ހިނގަމުންދާ، މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމުގެ މުނާސަބަތު މިހާރު ވަރަށް ކައިރިވެއްޖެ. މި މުނާސަބަތާ ގުޅިގެން ނައިފަރުގެ ރައްޔިތުން އެކި ޕްރޮގްރާމްތައް ރާއްވަވައި، އެކަށީގެންވާ ގޮތެއްގެ މަތިން އެ އިޙުތިފާލު ކުރެއްވުމުގެ ކަންތައްތައް ރާއްވަވަމުން ގެންދަވާކަން އަޅުގަނޑު ދެނަހުރިން. އަދި އެކަންތައްތައް ވަރަށް ބޮޑު ސަމާލުކަމަކާއެކު އަޅުގަނޑު މިދަނީ ބަލަމުން.
 
އާދެ، ރާއްޖެތެރޭގެ މަދަރުސާއަކަށް 50 އަހަރު ފުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ޚާއްޞަ މުނާސަބަތެއް. މީގެ ދެތިން ހަތަރު އަހަރު ކުރިން މަޖީދިއްޔާ ސްކޫލަށް ނުވަތަ އެންމެ ފުރަތަމަ އެތަނަށް ކިޔުނުގޮތުގައި ވިއްޔާ މަދްރަސަތުއް ސަނިއްޔާއަށް، އޭގެފަހުން މަދްރަސަތުލް މަޖީދިއްޔާއަށް 50 އަހަރު ފުރުމުގެ މުނާސަބަތު މާލޭގައި ފާހަގަކުރެވިގެން ހިނގައްޖެ. މާލޭގައި އެކަހަލަ މުނާސަބަތެއް ފާހަގަކުރުމާއި، ރާއްޖެތެރޭގައި ހަމަ އެބާވަތުގެ އެހެން މަދަރުސާއަކަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމާ، މިއީ ވަރަށް ތަފާތު ދެކަންތައް. މިހެން މިދެންނެވީ، ސަރުކާރުގެ އެހީތައް އަބަދުވެސް މީގެކުރިން ލިބެމުން ގޮސްފައިވަނީ މާލޭގެ މަދަރުސާތަކަށް ކަމަށްވާތީ. އަދި މަޖީދިއްޔާ ސްކޫލް އެއީ ސަރުކާރުގެ ޚަރަދުގައި ކުރިއްސުރެ ހިނގަމުން އައިސްފައިވާ ސްކޫލަކަށްވާތީ، މީގެކުރިން ރާއްޖެތެރޭގައި އެކަހަލަ އެއްވެސް ސްކޫލެއް ސަރުކާރުގެ ޚަރަދުގައި ހިނގަމުން އައިސްފައެއްނެތް. ދާދިފަހާ ޖެހެންދެން އެކަން އޮތީ އެހެން. މިހާރު ސަރުކާރުގެ ޚަރަދުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އިބްތިދާއީ މަދަރުސާއެއް ނުވަތަ ޕްރައިމަރީ ސްކޫލެއް ހިނގަމުން އެބަދޭ. އޭގެއިތުރުން، 6 އަތޮޅެއްގައި ތަޢުލީމީ މަރްކަޒުތަކެއްވެސް ހިނގަމުން އެބަދޭ.
 
ރާއްޖެތެރޭގެ ތަޢުލީމަށް ސަރުކާރުން އަހަންމިއްޔަތު ދިނުމަކީ މިހާރު ފެށިގެން އުޅޭ ކަމެއް. ވަރަށް ހިތާމަޔާއެކު ދަންނަވަން ޖެހެނީ، މީގެކުރިން އެބާވަތުގެ އެހާ މުހިންމު ޚިދުމަތަކަށްވެސް ސަރުކާރުގެ އެހީ ލިބިފައި ނެތްކަން. ކޮންމެއަކަސް، މަދްރަސަތުލް އިފްތިތާޙަށް 50 އަހަރު ފުރުމަކީ ޤައުމީގޮތުން ބަލާއިރުވެސް އަދި ތަޢުލީމީ ގޮތުން ބަލާއިރުވެސް ވަރަށް ކުލަގަދަ އަދި ތާރީޚީ މުނާސަބަތެކޭ އަޅުގަނޑު ދަންނަވާނީ. އެހެންވީމާ، އެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ނައިފަރުގެ ރައްޔިތުން، ނައިފަރުގެ ވެރިން އަދި ފާދިއްޕޮޅުގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑަށް ތަރުޙީބުދީ، އެކަންކަމުގައި ސަރުކާރުންވެސް ބައިވެރިވެވެން އޮތް މިންވަރަކަށް ބައިވެރިވާނެ. އަދި ޚުދު އަޅުގަނޑުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑަށްވެސް ބައިވެރިވެވެން އޮތް ވަރަކަށް ބައިވެރިވާނަން.
 
އެހެންވީމާ، އެގޮތުން މިރަށުގެ ރައްޔިތުން ކުރިން ނިންމަވައިފައިވަނީ، އެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ޚާއްޞަ ފަންޑެއް ހުޅުވުމަށް ކަމަށްވާތީ، އެ ފަންޑަށް ކޮންމެވެސް އަދަދަކަށް ފައިސާ ދެއްކުމުގެ ގޮތުން ނުވަތަ އެ ފަންޑު ހުޅުވައިދިނުމުގެ ގޮތުން އަޅުގަނޑު ކޮންމެވެސް އަދަދަކަށް ފައިސާ ދައްކަން ގަސްދުކުރާ ވާހަކަ ދަންނަވައިލަން.
 

           والسّلام عليــكم ورحـمــة اللّـه وبـركاتـه.