بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، ވެލިދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ފެނިގެން އެދިޔަ މަރުޙަބާގެ ޢިބާރާތްތަކާއި، މަރުޙަބާގެ ޢަމަލުތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދެންނެވުމާއެކު، އަޅުގަނޑަށް ޖެހެނީ މަޢާފަށްވެސް އެދެން. އާދެ، ސަބަބަކީ މިދިޔަ އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވުނު އިޙުތިފާލުތައް، އެ އިޙުތިފާލުތަކުގައި ބައިވެރިވުމަށްޓަކައި އަޅުގަނޑު އުތީމަށް ކުރި ދަތުރުގައި ކުރިން ހަމަޖެހިފައި އޮތީ ވެލިދޫއަށް މަޑުކޮށްލާގޮތަށް. އެހެންނަމަވެސް، އެފަހަރުވެސް މޫސުމް ދިމާވިގޮތުން އެއްގޮތަކަށްވެސް މިރަށުގައި މަޑުނުކޮށް ދާންޖެހުނީ. އެކަމަށްޓަކައި އަޅުގަނޑު އޭރުވެސް ވަރަށް ބޮޑަށް ހިތާމަކުރިން. އަދި މިރަށުގެ ރައްޔިތުންނަށް އެވާހަކަ ދެންނެވިން. މިއަދު އަޅުގަނޑަށް މިރަށަށް އާދެވުނުކަމަށްޓަކައި އެކަމުގެ އުފާ ފާޅުކުރާއިރު، މީގެކުރިން މިރަށަށް އެންމެ ފުރަތަމަ އަންނަން ގަސްދުކުރި ދުވަހު ނާދެވުނު ކަމަށްޓަކައި މިރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން ވަރަށް ދީލަތި މަޢާފަކަށް އެދެން.
 
އާދެ، ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، ވެލިދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް އިޚުލާޞްތެރި ޝުޢޫރުތަކެއް ހާމަވެގެން ހިނގައްޖެ. މަރުޙަބާގެ ޝުޢޫރުތަކެއް. އަޅުގަނޑު ދާ ކޮންމެ ރަށެއްގެ ރައްޔިތުންވެސް މަރުޙަބާ ވިދާޅުވުމުގައި ވަރަށްގިނަ އިޚުލާޞްތެރި ތެދުވެރި ޢަމަލުތައް ކުރައްވަމުން ގެންދަވާ. އެކަމުން އަޅުގަނޑަށް ދޭހަވާ މާނަޔަކީ، ރާއްޖޭގެ ރައްޔިތުން މިއަދުގެ ސަރުކާރަށް ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ބޮޑުކަން. އާދެ، އެހެނިހެން ރަށްރަށުގައި ކުރާ ކަންތައްތަކުގެ އިތުރަށް ވެލިދޫގެ ފަރާތުން ފުރަތަމަފަހަރު އަލަށް ކަމެއް ފެނިގެން ހިނގައްޖެ. އެއީ ދޯންޏެއްގައި މަރުޙަބާގެ ލަވަކިޔުމާއެކު ދަނޑިޖެހުމާ، އެކަހަލަ ކުޅިވަރު ކުޅުން. އާދެ، ވަރަށް ރީތި ޙަރަކާތްތަކެއް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ވީމާ، އަޅުގަނޑު ތަޢުރީފު ކުރަންޖެހެނީ ހަމައެކަނި [އަންޖަމަން ޙަސަން]ގެ ފަރާތުން މަރުޙަބާގެ ލަވަ އަޅުގަނޑުމެންނަށް އިއްވައިދެއްވި އިއްވައިދެއްވުމަކަށް އެކަންޏެއް ނޫން. އޭގެއިތުރަށް، އެޖަމުޢިއްޔާގެ މެންބަރުންގެ ފަރާތުން ފެނިގެން އެދިޔަ ހުޝިޔާރުކަމަކާއި އަދި ކުޅަދާނަކަމަށް.
 
އާދެ، ކޮންމެއަކަސް މިއަދު ވެލިދޫއަށް އައިސް ވެލިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ފުރުޞަތު ލިބުނުކަން އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާކަމެއް. އަޅުގަނޑު މިހާރު މިއުޅެނީ ނ. އަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ޒިޔާރަތެއްގައި. މިހާރު މިއަތޮޅުގައި ދެން ނުދެވި އޮތީ ހަމައެކަނި އެއްރަށް. އެއީ ލަންދޫ. މޫސުމް ދިމާވިގޮތުން އެއްގޮތަކަށްވެސް އަދި ނުދެވިގެން އުޅެނީ. އިއްޔެވެސް އޮތީ އެރަށަށް ދާން ގަސްދުކޮށްފައި. އަދި އޭގެ ކުރީ ދުވަހުވެސް. އެހެންނަމަވެސް، އަދި އެކަންވާގޮތް ނުވެފައި މިއޮތީ. އަޅުގަނޑު އުންމީދު ކުރަނީ، މޫސުމް ތަންކޮޅެއްވެސް ރަނގަޅުވެއްޖެނަމަ، މާދަމާވެސް ކިރިޔާވެސް ދެވޭވަރުވަންޏާ ލަންދޫއަށްވެސް ދާން.
 
އާދެ، އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބޭނުން، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެއީ އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމުގައި ހުންނަ މީހާ ރާއްޖެތެރެއަށް ދަތުރުކުރަންވާނެ. ހަމައެކަނި ރާއްޖެތެރެއިން ލިބޭ ރިޕޯޓުތަކުން ރާއްޖެތެރޭގެ ހާލު އަހުވާލު ހުރިނެތްގޮތް އެމީހަކަށް ސާފެއްނުވާނެ. އެހެންވީމާ، ރައީސްކަމާ ހަވާލުވީއްސުރެ އަޅުގަނޑު ގަސްދުކޮށްފައިވަނީ އަޅުގަނޑު އަމިއްލައަށް ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރަން. އާދެ، އެ މަޤްޞަދުގައި 1979 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ފެށި ދަތުރުތަކެއް، މިއަދާ ހަމަޔަށްވެސް ކުރިއަށް މިގެންދަނީ. އެއީ އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި، ވަގުތުގެ ގޮތުންނާއި އަދި ރާއްޖޭގައި މުއާޞަލާތުގެ ކަންތައްތައް ހުންނަގޮތުން އެއްފަހަރާ ހުރިހާ އަތޮޅަކަށް، މީހުން އުޅޭ ހުރިހާ ރަށަކަށް ދެވޭގޮތް ހަމަނުޖެހޭތީ.
 
އާދެ، މިދަތުރުތަކުގެ ބޭނުމަކީ، އަޅުގަނޑު އަމިއްލައަށް ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ދެކެ އަދި ރާއްޖެތެރޭގެ ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުވުން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މާލޭގައި ހުރެގެން ރިޕޯޓުތަކެއް ނަގައިގެން، އެ ރިޕޯޓުތަކުން ލިބޭ މަޢުލޫމާތު އެއީ ޙަޤީޤަތް ކަމުގައި ބެލުމަށްވުރެ، އެތައް ގުނައެއް، އެތައްހާސް ބައެއް ރަނގަޅުވާނެ، އަޅުގަނޑު އަމިއްލައަށް މީހުން އުޅޭ ރަށްރަށަށް ގޮސް، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، މީހުންގެ ހާލު އަހުވާލު އޮޅުންފިލުވައި ހެދިއްޔާ. އެހެންވީމާ، އަޅުގަނޑު މި ދަތުރުތައް މިކުރަނީ. މިދަތުރުތަކުގެ ސަބަބުން ޚުދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު ފައިދާތަކެއް އެބައޮތް. އެއީ އަޅުގަނޑު މިހުރި މަޤާމުގައި ހުންނަ ކަމަށްވަންޏާ، ކޮންމެހެން އަޅުގަނޑަށް ލިބެންޖެހޭ މަޢުލޫމާތުތަކެއް މިދަތުރުތަކުގެ ސަބަބުން ލިބެމުންދާތީ.
 
އާދެ، މީގެކުރިންވެސް އަޅުގަނޑު ކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، އަދި އޭގެއިތުރަށް ސަރުކާރުގެ ކަމާބެހޭ އެހެން އޮފީސްތަކުގެ ވެރިންވެސް ރާއްޖެތެރެއަށް ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ދަތުރުތަކުން އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށް ވަރަށްބޮޑު މަޝްރޫޢެއް ވަނީ ރޭވިފައި. އަދި އެމަޝްރޫޢުގެ ދަށުން ވަރަށްގިނަ ޢަމަލުތަކެއް، މަސައްކަތްތަކެއް މިހާރުވަނީ ފެށިފައި. އެމަޝްރޫޢަކީ ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ މަޝްރޫޢެއް. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށަށް އެކި ބާވަތްބާވަތުގެ އެހީ ލިބެމުން އެބަދޭ. އަދި ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތައްވެސް ކުރަމުން އެބަގެންދޭ. މިދެންނެވި މަޝްރޫޢުގެ އެންމެ މުހިންމު އެއްކަމަކީ، ރާއްޖެތެރެއަށް ތަޢުލީމުގެ ޚިދުމަތް ލިބިދެވޭނެގޮތް އިންތިޒާމު ކުރުން. މީގެކުރިން ސަރުކާރުގެ ފަރާތުން ތަޢުލީމުގެ ކަންތައްތައް ހަމަޖައްސައިފައި އޮތީ ހަމައެކަނި މާލެއަށް. ސަރުކާރުގެ ސްކޫލުތައް ހިނގަމުންދިޔައީ މާލޭގައި. ސަރުކާރުގެ ސްކޫލުތަކުން ތަޢުލީމު ހާސިލު ކުރުމުގެ ނަޞީބު ލިބިފައިވަނީ ހަމައެކަނި މާލޭގެ ދަރިންނަށޭ ދެންނެވިދާނެ. ނުވަތަ މާލޭގެ ދަރިންނަށް. އަދި ރާއްޖެތެރޭގެ މީހުންގެ ތެރެއިންވެސް މާލޭގައި ތިބެގެން، އެމީހުންގެ ދަރިންނަށް ތަޢުލީމު ދިނުމުގެ ތަނަވަސްކަން ލިބިފައިވާ މީހުންނަށް. އެކަމަކު ތަޢުލީމަކީ އެގޮތަށް އޮވެގެން ކަމުދާނެ އެއްޗެއް ނޫން. އަޅުގަނޑުމެންގެ ޤައުމު، ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ މަސައްކަތްތަކުގެ އެންމެބޮޑު، އެންމެ އިސް މަސައްކަތަކަށް ވާންޖެހޭނީ ރާއްޖެތެރޭގެ ދަރިވަރުންނަށް ތަޢުލީމު ލިބޭގޮތަށް އިންތިޒާމު ހަމަޖެއްސުން. އެއީ ތަޢުލީމާ ނުލައި އެއްވެސް މަސައްކަތެއް ކުރިއަށްނުދާނެތީ. އެއްވެސްކަހަލަ ކަމެއް، އެކަމާބެހޭ ފުރިހަމަ މަޢުލޫމާތާއި ތަޖުރިބާނެތި، ކާމިޔާބު ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީ.
 
އާދެ، ކިތަންމެ ކުޑަކޮށް މި ނުކުތާއާ ދޭތެރޭގައި ވިސްނައިލި ކަމުގައިވިޔަސް، އެއީ ޙަޤީޤަތެއްކަން އަޅުގަނޑުމެންނަށް އެނގޭނެ. ތަޢުލީމު ބޭނުންވަނީ ހަމައެކަނި ވަކިބާވަތުގެ ކަންތައް ކުރާކަށެއް ނޫން. ތަޢުލީމު ބޭނުންވޭ، ހުރިހާ ބާވަތެއްގެ މަސައްކަތް ކުރަންވެސް. އަޅުގަނޑުމެން ރާއްޖޭގައި ކުރާ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައިވެސް ތަޢުލީމުގެ ބޭނުން އެހާ ބޮޑު. އާދެ، ދުނިޔޭގެ އެތަން މިތާނގައި ދުނިޔޭގެ ކުރިއަށް ގޮސްފައިވާ ޤައުމުތަކުގައި އަދި ޚާއްޞަކޮށް، މަސްވެރިކަމުގެ ގޮތުން ދުނިޔޭގައި ކުރިއަރައިފައިވާ ޤައުމުތަކުގައި އެބަހުރި މަސްވެރިކަން ކިޔަވައިދޭ މަދަރުސާތައް، މަސްވެރިކަން ކިޔަވައިދޭ ސްކޫލުތައް، ކޮލެޖުތައް، ޔުނިވަރސިޓީތައް. މަސްވެރިކަން އެކަންޏެއް ނޫން. ދިރިއުޅުމަށް އިންސާނުން ކުރާ ހުރިހާ ބާވަތެއްގެ މަސައްކަތްވެސް ދަސްކޮށްދޭ ތަންތަން، ދުނިޔޭގެ އެތަންމިތާނގައި އެބަހުރި. ދަނޑުވެރިކަން ކިޔަވައިދޭ މަދަރުސާތައް، ސްކޫލުތައް ދުނިޔޭގައި އެބަހުރި. އަދި އެތަންތަނުން ތަޢުލީމު ހާސިލު ކުރައްވައިގެން މާލެ ވަޑައިގެން ތިއްބެވި ބޭފުޅުން މިހާރު އެބަ ތިއްބެވި މިނިސްޓްރީ އޮފް އެގްރިކަލްޗަރުގައި. އަދި އެހެނިހެން މަސައްކަތްތައްވެސް ދަސްކޮށްދޭ މަދަރުސާތަކާއި ކޮލެޖުތައް، ސްކޫލުތައް ދުނިޔޭގައި އެބަހުރި. ފެހުން، ރޭނުން، އަތްތެރި މަސައްކަތް، ކަރަންޓުގެ މަސައްކަތް، މިހެންގޮސް ކޮންމެ މަސައްކަތެއް އެއީވެސް ހަމަ އެކަމާބެހޭ ފުރިހަމަ މަޢުލޫމާތު އަދި އެކަން ކުރަންވީގޮތް، އޭގެ އަސްލުގޮތަށް އެނގިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަންތައްތައް.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މަސްވެރިކަމާބެހޭ މަދަރުސާއެއް އަދި ނެތް. އެހެންނަމަވެސް، މަސްވެރިކަން އެއީ އެހާ މުހިންމު އިޤުތިޞާދީ މަސައްކަތަކަށްވާތީ، މަސްވެރިކަން ކުރިއަށް ގެންދިޔުމަކީ މިވަގުތު ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއްދޭ އެއްކަންތައް. އެންމެބޮޑު އަހަންމިއްޔަތެއްދޭ އިޤުތިޞާދީ މަސައްކަތް. ވެލިދޫއަކީވެސް މަސްވެރި ރަށެއް. އެހެންކަމަށްވުމާއެކު، މަސްވެރިކަމުގެ ބޭނުންތެރިކަމާއި، މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ މުހިންމުކަމުގެ ވާހަކަ، މިރަށުގެ ރައްޔިތުންނަށް އިތުރަށް ދެންނެވުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ދިވެހިރާއްޖޭގެ އިޤުތިޞާދުގެ އެންމެ ވަރުގަދަ ލޭނާރަކީ މަސްވެރިކަމޭ، އެހެން، ރޭޑިއޯއިން ގޮވާއަޑު ތިޔަ ހުރިހާ ބޭފުޅުންވެސް އައްސަވާނެ. އެއީ ހަމަ ވަރަށްބޮޑު ޙަޤީޤަތެއް. އަޅުގަނޑުމެން ޒަމާނުއްސުރެ އަޅުގަނޑުމެންގެ ދިރިއުޅުން ބިނާކުރަމުން އައިސްފައިވަނީ މަސްވެރިކަމުގެ މައްޗަށް. އަދި ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުމެންނަށް ފެންނަން އޮތް މުސްތަޤްބަލުގައިވެސް މަސްވެރިކަމަށް ހަމަ އެހާ މުހިންމުކަމެއް ދީގެން ނޫނީ އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދެވޭކަށެއް ނޯންނާނެ. އާދެ، މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުން، އަދި މިހާރު ތެލަށް ދަތިވެގެން އުޅޭތީ، ރާއްޖެތެރޭގެ މަސްވެރިންނަށް، ރާއްޖެތެރޭގެ ދޯނިފަހަރުގެ ވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތަކެއް ރާއްޖެތެރޭގައި ހަމަޖެއްސުން.
 
އާދެ، ތެލާ ބެހޭގޮތުން އުޅެނީ ދެ މައްސަލައެއް. އެއް މައްސަލައަކީ ތެލުގެ އަގު ބޮޑުވުން. އަނެއް މައްސަލައަކީ ތެޔޮ ލިބުން ދަތިވުން. އަގުގެ މައްސަލަޔާ ދޭތެރޭގައި އަޅުގަނޑުމެންނަށް އެޅޭނެ މާބޮޑު ފިޔަވަޅެއް ނޯންނާނެ. ސަބަބަކީ ތެލަކީ ދިވެހިރާއްޖޭގައި އުފައްދާ އެއްޗަކަށްނުވާކަން. ތެލަކީ ބޭރުގެ ބައެއް ޤައުމުތަކުގައި އުފައްދާ އެއްޗެއް. އެތަންތަނުން ކަނޑައަޅާ އަގަކަށް، އެހެން ހުރިހާ ޤައުމަކަށްވެސް ވިއްކަމުން ގެންދާ އެއްޗެއް. އެހެންވީމާ، އަޅުގަނޑުމެންނަށްވެސް ޖެހެނީ ދުނިޔޭގެ މާކެޓްތަކުގައި ތެޔޮ ލިބެން ހުންނަ އެންމެ ހެޔޮ އަގަކަށް ތެޔޮ ގަނެގެން ރާއްޖެއަށް އެތެރެކުރަން. ރާއްޖެއަށް އެތެރެކުރުމަށްފަހު މަސްވެރިންނަށް ސަރުކާރުން ތެޔޮ ދޫކުރަމުން ގެންދަނީ އެއްވެސް ފައިދާއެއްނުލައި. އެހެންވީމާ، ތެލުގެ އަގުގެ މައްސަލަ އެއީ އަޅުގަނޑުމެންނަށް ހަމަޖެއްސޭކަހަލަ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ ކޮންޓްރޯލުން ނެއްޓިފައިވާ، އަޅުގަނޑުމެންގެ ބާރު އެއަށް ނުފޯރާ މައްސަލައެއް. ހަމައެކަނި ދިވެހިރާއްޖޭގެ ބާރެއް ނޫން. ދިވެހިރާއްޖެއަށްވުރެ މާ ވަރުގަދަ، މާ މުއްސަނދި، މާ ތަނަވަސް ޤައުމުތަކުގެ ބާރުވެސް، އެ މައްސަލައިގެ މައްޗަކަށްވެސް ނުފޯރާ. ތިޔަބޭފުޅުން އައްސަވާނެ، އެމެރިކާ، ޖަޕާން، ކެނެޑާ، މިފަދަ ކުރިއަށް ގޮސްފައިވާ ޤައުމުތަކުންވެސް ތެލުގެ މައްސަލައާ ބެހޭގޮތުން އެމީހުންނަށް ދަތިވެގެން އުޅޭ މައްސަލަ. އެމީހުންނަށްވެސް އަގާ ބެހޭގޮތުން އެއްވެސް ފިޔަވަޅެއް އެޅޭކަށެއް ނެތް. އެއީ އެތަންތާނގައި އުފައްދާ އެއްޗެއް ނޫން. ނުވަތަ އުފެއްދި ކަމުގައިވިޔަސް، އެތަންތާނގެ ބޭނުންތަކަށް ފުދޭވަރަކަށް އެތަންތާނގައި ތެލެއް ނުއުފެއްދޭ. އެހެންވީމާ، އެމީހުންނަށްވެސް ޖެހެނީ އެ ތެޔޮ ބޭރުގެ ޤައުމުތަކުން ގަންނަން. އާދެ، އެހެންވީމާ، އެ މައްސަލައާ ދޭތެރޭގައި އަޅުގަނޑުމެން މާބޮޑަށް ވިސްނުމުގެ މާނައެއްވެސް ނެތް. އެޔާ ދޭތެރޭގައި ފިޔަވަޅެއް އެޅެން ނޯންނާނެތީ.
 
އެހެންވީމާ، ދެން އޮތް މައްސަލައަކީ ތެޔޮ ލިބުން ދަތިވުން. އެޔާ ދޭތެރޭގައި ސަރުކާރުން ވަރަށް ބޮޑަށް ވިސްނައިފައި މިހާރު ދަނީ ޢަމަލީ ފިޔަވަޅުތަކެއް އަޅަމުން. އާދެ، އެ ފިޔަވަޅުތަކަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ތެޔޮ ތާނގީތަކެއް ބަހައްޓައިގެން، އެތަނަށް މާލެއިން ތެޔޮ ފޮނުވައިގެން، އެ ތާނގީތަކުން ދޯނިފަހަރުގެ ވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހުން. އެގޮތުން މިހާރު ފަންސާހަށްވުރެ ގިނަ އަދަދެއްގެ ރަށްރަށުގައި ރާއްޖެތެރޭގައި ތާނގީ ބެހެއްޓިފައި އެބަހުރި. އޭގެތެރެއިން އެއް ރަށް ވެލިދޫ މިއީ. ހޮޅުދޫގައިވެސް އެބަހުރި. މިތަންތަނަށް ތެޔޮ ފޮނުވުމުގެ އިންތިޒާމު މިހާރުދަނީ ސަރުކާރުން ހަމަޖައްސަމުން. އެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ "އެމް.ޓީ.ސީ.ސީ" މިނަމުން ނަން ދެވިފައިވާ ކުންފުންޏަކަށް. އާދެ، އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ. އެ ކުންފުންޏަކީ ދާދިފަހުން ސަރުކާރާއި ރައްޔިތުންނާ ބައިވެރިވެގެން އުފެދިފައިވާ ކުންފުންޏެއް. އެކުންފުނީގެ ފަރާތުން މިހާރު ބައެއް އަތޮޅުތަކަށް ތެޔޮ އެބަ ފޮނުއްވާ. މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މިހާރުދަނީ ތެޔޮ ލިބެމުން. އަދި އެ ތާނގީތަކުން ދަނީ އެހިސާބުގަނޑުގެ ދޯނިފަހަރަށް ތެޔޮ ދޫކުރަމުން. އަޅުގަނޑު ޔަޤީންކުރާގޮތުގައި، މާ ލަސްތަކެއްނުވެ އެ އިންތިޒާމު މުޅި ރާއްޖެތެރެއަށް ފެތުރިގެންދާނެ. އެމް.ޓީ.ސީ.ސީ އަކީ ދާދިފަހުން އުފެދުނު ކުންފުންޏަކަށްވާތީ، އެ ކުންފުނީގެ މަސައްކަތްތައްވެސް ދާނީ މަޑުމަޑުން ކުރިއަށް. އެހެންވީމާ، އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރަކުން މާ ލަސް ނޫން ފުރުޞަތެއްގައި މި ރަށަށްވެސް އަދި މި ރަށް ފިޔަވައި ތާނގީތައް ބެހެއްޓިފައި ހުރި އެހެން ރަށްރަށަށްވެސް ތެޔޮ ލިބުމުގެ އިންތިޒާމު ހަމަޖެހޭނެ.
 
އާދެ، އަޅުގަނޑު ކުރިން އިޝާރަތް ކުރިން، ތަޢުލީމުގެ ވާހަކަޔަށް. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެންމެބޮޑު އަހަންމިއްޔަތެއްދޭ އެއްކަމަކީ ތަޢުލީމޭ ދެންނެވިން. އާދެ، އެއީ ރާއްޖެއިން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް ހިންގުން، އެ މަޝްރޫޢުގައި ހިމެނިފައިވާތީ. ނ. އަތޮޅު މަނަދޫގައި ހުޅުވުނު ސްކޫލަކީ އެންމެ ފުރަތަމަ މި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ހުޅުވުނު ޕްރައިމަރީ ސްކޫލް. އޭގެއިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މިހާރު ތަޢުލީމީ މަރްކަޒުތަކެއް ހުޅުވިގެން ހިނގަމުން އެބަދޭ. އެއީވެސް ރާއްޖެތެރޭގެ ތަޢުލީމަށް ވަރަށްބޮޑު ކުރިއެރުމެއް ގެންނާނެ ތަންތަން. އޭގެތެރެއިން އެއްތަން ހުރީ ތިޔަބޭފުޅުންގެ މިރަށުގައި ވެލިދޫގައި. ތަޢުލީމީ މަރްކަޒުގެ އިތުރަށްވެސް ރާއްޖެތެރޭގައި، އެހެން ބޭރުގެ ޤައުމެއްގެ އެހީގައި، އެހެން މަދަރުސާތަކެއް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ގެންދަނީ ކުރިއަށް. އާދެ، އެގޮތަށް މަސައްކަތް ކުރަންޖެހޭ ސަބަބަކީ ކޮންމެ އަތޮޅެއްގައި އެއް މަދަރުސާ ހުރެގެން، އެ މަދަރުސާއިން އެ އަތޮޅުގެ ހުރިހާ ކުދިންނަށް، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ލިބޭނެ އިންތިޒާމު ހަމަނުޖެއްސޭނެތީ. އަދި އެއް މަދަރުސާ ހުރި ކަމުގައިވިޔަސް، ނުވަތަ ދެ މަދަރުސާ ހުރި ކަމުގައިވިޔަސް، ތިން މަދަރުސާ ހުރި ކަމުގައިވިޔަސް، އެއަކުންވެސް ނުފުދޭނެ. އަޅުގަނޑުވެސް އެއްބަސް. އެހެންނަމަވެސް، ސަރުކާރުންވެސް ކަންތައް ކުރެވޭނީ ސަރުކާރުގެ ތަނަވަސްކަންހުރި މިންވަރަކުން.
 
އަޅުގަނޑުމެންނަކީ މީގެކުރިން ރާއްޖެތެރޭގެ ތަޢުލީމަށް އެއްވެސްކަހަލަ އަހަންމިއްޔަތެއް ބަހައްޓާފައި ނުވާ ބަޔަކަށްވާތީ، މިހާރު ޖެހެނީ އެއްފަހަރާ ހުރިހާ ކަމެއް ކުރަން. ތިޔަބޭފުޅުންނަށްވެސް އެއްފަހަރާ ހުރިހާ ކަމެއް ނުވެވޭނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ މާ މުއްސަނދި ތަނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ކުރެވޭކަހަލަ ކުޅަދާނަކަން ހުރި އެހާގިނަ މީހުންނެއްވެސް ނެތް. ހުރިހާ ކަމަކަށް ޖެހެނީ މީހުން ތައްޔާރުކުރަން. މީހުން ބިނާކުރަން. އެއީވެސް މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެބޮޑު އެއް މައްސަލަ. ކިތަންމެ މަދަރުސާއެއްވެސް ހުޅުވިދާނެ. ފަހަރެއްގައި ފައިސާ ހުރީވިއްޔާ، އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ކޮންމެ އަތޮޅެއްގައި ހުޅުވޭގޮތް ހަމަޖެއްސިދާނެ. އެކަމަކު ކިޔަވައިދޭނީ ކޮންބައެއްތޯ؟ އެ މަދަރުސާތައް ހިންގާނީ ކޮންބައެއްތޯ؟ އެއީ ސުވާލަކީ. އަޅުގަނޑުމެންގެ ތެރޭގައި އަދި ނެތް، އެހުރިހާ ތަނެއްގައި ކިޔަވައިދޭނެ މުދައްރިސުންނެއް. އެހުރިހާ ތަންތަން ހިންގާނެ މީހުންނެއް، ނާޒިރުންނެއް. އެހުރިހާ ކަންތަކަށްވެސް ޖެހެނީ މީހުން ތައްޔާރުކުރަން. މިހާރު ސަރުކާރުން އެކަންވެސް ގެންދަނީ ކުރިއަށް. ތަޢުލީމީ މަރްކަޒުތައް ހިންގާނެ ހެޑްމާސްޓަރުންނާއި އަދި އެތަންތަނާއި، އެތަންތަން ފިޔަވައި ސަރުކާރުގެ ފަރާތުން ހިންގާ އެހެނިހެން މަދަރުސާތައް ހިންގާނެ މީހުންނާއި، އެތަންތާނގައި ކިޔަވައިދޭނެ މީހުން ދަނީ ސަރުކާރުގެ ފަރާތުން ތަމްރީނުކޮށްދެމުން. ތަމްރީނު ކުރުމުގެ ދެ ބާވަތެއް އޮވޭ. އެއްބާވަތަކީ ރާއްޖޭގައި ކުރެވޭ ތަމްރީނު. ރާއްޖޭގައި ތަމްރީނުކޮށްދީގެން ތަމްރީނު ލިބޭ މީހުން އެތަންތަނަށް އެބަ ފޮނުވޭ. އޭގެ އަނެއް ބާވަތަކީ ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެން ތަމްރީނުކޮށްދިނުން. އެ ރޮނގުންވެސް ސަރުކާރުން  ގެންދަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އަޅުގަނޑުމެންގެ މައްސަލައަކީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫން. ފައިސާގެ މައްސަލައާއި، މުއާޞަލާތުގެ މައްސަލައާއި އަދި މީހުންގެވެސް މައްސަލަ. މިހުރިހާ މައްސަލަތައް މިގޮތަށް ހުރުމާއެކު، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭހާ ހަލުއިކޮށް އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ. އެކަން އަޅުގަނޑުމެން ރަނގަޅަށް ވަޒަންކުރަންވާނެ. އަދި އެކަން ގަބޫލުވެސް ކުރަންވާނެ.
 
އާދެ، ކޮންމެއަކަސް ތަޢުލީމުގެ މުހިންމުކަމާ ދޭތެރޭގައިވެސް މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނޯންނާނެ. މިރަށަކީ ކުރިއްސުރެ ތަޢުލީމަށް ވަރަށް އަހަންމިއްޔަތު ދެއްވާ ރަށެއްކަން، ވަރަށް ރަނގަޅަށް އެބަ އެނގޭ. އެއީ އަޅުގަނޑުމެން މިހާރު މި ޖަލްސާ ކުރަމުން މިގެންދާ ޢިމާރާތް، އާދެ، "ނަހުޒާ ސްކޫލު"ގެ ޢިމާރާތް އެއީ މިރަށުގެ ރައްޔިތުން ތަޢުލީމަށް ބަހައްޓަވާ ޝައުޤުވެރިކަމުގެ ވަރަށްބޮޑު ދަލީލެއް. މި މަދަރުސާ ހިނގަމުންދާތާވެސް ވަރަށް ގިނަދުވަސް ވެއްޖެ. މި މަދަރުސާއަކީވެސް މިހާރު ސަރުކާރުގެ ފަރާތުން އެހީ ލިބެމުންދާ މަދަރުސާއެއް. އެއީ މިދެންނެވި މަޝްރޫޢުގެ ދަށުން ހަމަޖެހިފައިވަނީ މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގައިފައިވާ އަމިއްލަ މަދަރުސާތަކަށާއި މަކްތަބުތަކަށް ސަރުކާރުން އެހީވެދޭގޮތަށް. އެގޮތުން މިހާރު އަށްޑިހަވަރަކަށް މަދަރުސާއަށް ސަރުކާރުގެ އެހީ ދަނީ ލިބެމުން. މިރަށުގެ މި ސްކޫލް މިއީވެސް އޭގެތެރެއިން އެއް ސްކޫލް. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ މިކަމުންވެސް ވަރަށް ބޮޑަށް އެނގެޔޭ، މިރަށުގެ ރައްޔިތުން ތަޢުލީމަށް ބަހައްޓަވާ އަހަންމިއްޔަތު. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އެރޫޙު މިރަށުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުގެ ހިތުގައި އެބައޮތް. އަޅުގަނޑުގެ ނަޞޭޙަތަކީ، އެދުމަކީ، އަދި އިލްތިމާސަކީ، މިރަށުގެ ރައްޔިތުން ތަޢުލީމަށް މިހާރުވެސް ތިޔަ ބަހައްޓަވާ މަތިވެރި އަހަންމިއްޔަތު ކުރިއަށް ގެންދެވުން. އަދި އެއަށްވުރެވެސް ބޮޑު އަހަންމިއްޔަތެއް ދެއްވެން އޮތް ކަމަށްވަންޏާ، އެ އަހަންމިއްޔަތު ދެއްވައިގެން، ކުރިއަށް އޮތް ތާނގައި މިރަށުގެ ދަރިންނަށާއި އަދި މިއަތޮޅުގެ އެހެނިހެން ރަށްރަށުގެ ދަރިންނަށްވެސް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވޭތޯ ބެއްލެވުން.
 
އާދެ، ދެން އަޅުގަނޑު ދަންނަވައިލާހިތްއޮތީ، އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރުކުރުމާބެހޭގޮތުން އެއްޗެއް. އަޅުގަނޑުމެންނަކީ ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ކުޑަކުޑަ ޤައުމެއް، ފަޤީރު ޤައުމެއް. ދުނިޔޭގައި މިހާރު އެކިޔާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރެއިން ޤައުމެއް. އާދެ، އެއީ އެތަކެއް ސަބަބުތަކެއް ހުރެގެން. އަޅުގަނޑުމެންގެ ރާއްޖެއަކީ ކުޑަ ތަނަކަށްވެފައި، ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވެފައި، އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދްރަތީ މުއްސަނދިކަމޭ ކިޔާ ކަންތައްތަކުގެ ތެރެއިން މާގިނަ ކަންތައްތަކެއް ނެތުމުގެ ސަބަބުން އެހެން ދިމާވެފައިވަނީ. އާދެ، ބައެއް ތަންތާނގައި ތެޔޮވެސް ހުރޭ. އެކި ވައްތަރު ވައްތަރުގެ އަގުހުރި މަޢުދަން ހުރޭ. ނޫނީވިއްޔާ އެނޫންވެސް އެ އެއްޗެއްގެ ބޭނުންކޮށްގެން، އެތަނަށް އެކަށީގެންވާ އިޤުތިޞާދީ ފައިދާތަކެއް ލިބޭ ކަހަލަ އެކިއެކި އެއްޗެތި ހުރޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެބާވަތުގެ މާބޮޑު އެއްޗެއް ނެތް. އެހެންވުމާއެކުގައި އަޅުގަނޑުމެންގެ ރާއްޖެ މިހާތަނަށް ހިމެނިފައިވަނީ ދުނިޔޭގައި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކޭ މިކިޔާ ޤައުމުތަކުގެ ތެރެއިން ޤައުމެއް ކަމުގައި. އަޅުގަނޑުމެންގެ މަސައްކަތަކީ އެހެންވީމާ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުން. ތަރައްޤީ ކުރުމަށް ކުރަންޖެހޭ އެންމެބޮޑު މަސައްކަތަކީ އިޤުތިޞާދީ މަސައްކަތްތައް. އެއީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ކުރާ މަސައްކަތްތައް. އަފްރާދުންގެ ގޮތުގައި އަދި ޖަމާޢަތުގެ ގޮތުގައި އަދި މުޅި ޤައުމުގެ ފެންވަރުގައިވެސް އަޅުގަނޑުމެން އެކުރާ މަސައްކަތްތައް އިތުރުކޮށްގެން ނޫނީ އަޅުގަނޑުމެންގެ އިޤުތިޞާދުގެ ފެންވަރު މައްޗަށް ގެންދެވޭކަށެއް ނޯންނާނެ. އަޅުގަނޑު ކުރިންވެސް ދެންނެވިހެން، ރާއްޖޭގެ އިޤުތިޞާދުގެ އެންމެ ވަރުގަދަ ލޭނާރަކީ މަސްވެރިކަން. އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑުމެން ސަމާލުކަން ދޭންވީ މަސްވެރިކަމަށް. މަސްވެރިން ކުރިއަށް ގެންދަން ބޭނުންވެއްޖެ، ކޮންމެ ގޮތަކުންވެސް. ދުނިޔޭގައި ކާބޯތަކެއްޗާއި އަދި އެނޫންވެސް ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް. އެހެންވީމާ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކޮށްގެން، އަޅުގަނޑުމެން އުފައްދާ އެއްޗަކުން ލިބޭ އާމްދަނީ އިތުރުކޮށްގެން ނޫނީ، އަޅުގަނޑުމެންނަށް ދެކޮޅުޖެއްސޭކަށެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި މިހާރު މިތިބޭ ފެންވަރުގައި ތިބޭކަށެއް ނޫން. އެއަށްވުރެވެސް ކުރިއަށްދާން ބޭނުންވަނީ.
 
އެހެންވީމާ، މިހާރު މިތިބިގޮތަށް ތިބެވޭނީވެސް މިހާރު ކުރާ މަސައްކަތަށްވުރެ އިތުރަށް މަސައްކަތްކޮށްގެން، ލިބޭ އެއްޗެއް އިތުރުކޮށްގެން. އަދި ކުރިއަށް ދެވޭނީ އެއަށްވުރެވެސް މަސައްކަތް އިތުރުކޮށްގެން. އަދި އެއަށްވުރެވެސް ލިބޭ އެއްޗެއް އިތުރުކޮށްގެން. އެހެންވީމާ، އަޅުގަނޑު ރާއްޖެތެރޭގެ ހުރިހާ ރައްޔިތުންނަށް އަބަދުވެސް އިލްތިމާސް ކުރަމުން މިގެންދަނީ، މަސައްކަތް އިތުރުކުރަން. ތަފާތު މަސައްކަތްތައް ދިރިއުޅުމަށްޓަކައި ކުރަމުން ގެންދިޔުމަށް. މަސްވެރިކަން ކުރާ ބަޔަކު، އެކަން ވީހާ ރަނގަޅަށް ކުރެވޭތޯ ބެލުމަށް. މަސްވެރިކަން ކުރިއަށް ގެންދިޔުމުން އަދި ލިބޭ އެއްޗެއް އިތުރުކުރުމުން، އެންމެ ފުރަތަމަ އޭގެ ފައިދާ ލިބޭނީ މަސްވެރިންނަށް. އެމީހުންގެ ޢާއިލާތަކަށް. އެމީހުންގެ ރަށަށް. ސަރުކާރަކަށް ނޫން. މަސްވެރިކަން ފިޔަވައި ދެން ރާއްޖޭގައި ކުރާ އެހެން މަސައްކަތްތައްވެސް ކުރިއަށް ގެންދިޔައިމާވެސް ހަމަ މިދެންނެވި ގޮތުގެ މަތިން އޭގެ ފައިދާ ލިބޭނީ އެ މަސައްކަތްކުރާ ބަޔަކަށް.
 
ދަނޑުވެރިކަން، ބައެއް ރަށްރަށުގައި ދަނޑުހައްދައި ނުވަތަ ކާބޯތަކެތި އަޅާ އެހެން ގަސްގަސް އިންދާ. އެ މަސައްކަތުން ލިބޭ އެއްޗެއް ވިއްކައިގެންވެސް އޭގެ އެންމެ ފުރަތަމަ ފައިދާ ލިބޭނީ އެ މަސައްކަތް ކުރާ ބަޔަކަށް. އަދި ރާއްޖޭގައި ކުރާ އެހެނިހެން މަސައްކަތްތައްވެސް އެބަހުރި. ރޯނުވެށުން، ފަންގިވިނުން، ބޮލިހިލުން. މިހެންގޮސް ވަރަށްގިނަ ތަފާތު މަސައްކަތްތައް އެބަހުރި. އެހުރިހާ ކަންތައްތަކެއް ކޮށްގެންވެސް އަޅުގަނޑުމެން ވެއްޖެ، އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރަން. އަޅުގަނޑުމެން ވެއްޖެ، އަޅުގަނޑުމެންގެ ދިރިއުޅުން މިހާރަށްވުރެން ތަނަވަސްކުރަން. އޭރުން އަޅުގަނޑުމެންނަށް އިޤުތިޞާދީ ގޮތުން ކުރިއަށް ދެވޭނީ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ، އެއްވެސް މީހަކު މަސައްކަތެއްނުކޮށް ހުރެގެން ނުވާނެޔޭ. އާދެ، މުސްކުޅިވެގެން ގައިގެ ބާރުދެރަވެގެން ނުވަތަ އެހެނިހެން ގޮތެއް ދިމާވެގެން، ވަރުގަދަ ސަބަބެއް މެދުވެރިވެގެން މަސައްކަތް ނުކުރެވޭވަރުގެ މީހުންވެސް ތިބޭނެ. އެކަހަލަ މީހުންނަކަށް ނޫން، އަޅުގަނޑު މިވާހަކަ މިދައްކަނީ. ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ މީހަކުވެސް، މަސައްކަތް ކުރެވޭ ފެންވަރުގެ ޞިއްޙަތެއްހުރި ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެ. ބައެއްފަހަރަށް އަޅުގަނޑު ވަރަށް ޙައިރާންވޭ، ބައެއް ރަށްރަށަށް ގޮސްފައި، ކޮން މަސައްކަތެއްތޯ ކުރަނީ، މީސްމީހުން ކުރެން އަހައިލީމާ، ބައެއް މީހުން ބުނާނެ، އެއްވެސް ކަމެއް މިހާރަކު ނުކުރަމޭ. ނުވަތަ މާލެ އަންނަ ރާއްޖެތެރޭގެ ބައެއް މީހުންވެސް ބައެއްފަހަރަށް އެހެން ބުނޭ. އެއީ ވަރަށް ޙައިރާންވާންވީ ކަމެއް. ޞިއްޙަތު ސަލާމަތުން ހުރި އިންސާނަކު ދިރިއުޅުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަކީ ވެގެންވާނެ ގޮތެއް ނޫން. ދީނީގޮތުން ބަލާއިރުވެސް އެއީ ރަނގަޅު ގޮތެއް ނޫން. އަދި އިޖުތިމާޢީ ގޮތުން ބަލާއިރުވެސް ރަނގަޅު ގޮތެއް ނޫން. އިޤުތިޞާދީ ގޮތުން ބަލާއިރުވެސް ރަނގަޅު ކަމެއް ނޫން. އެއީ ވަރަށްދެރަ ކަމެއް. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރެގެން ނުވާނެ. ހަމަ ކޮންމެވެސް މަސައްކަތެއް ކޮށްގެން، އެމީހެއްގެ ދިރިއުޅުން ތަނަވަސްކުރެވޭތޯ ބަލަންޖެހޭނެ. އެމީހެއްގެ ޢާއިލާއަށް އިތުރު ތަނަވަސްކަމެއް ހޯދައިދެވޭތޯ ބަލަންޖެހޭނެ.
 
 އަޅުގަނޑުމެން މަސައްކަތް ކޮށްގެން އަދި އުފެއްދުންތެރިކަން އިތުރުކޮށްގެން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކޮށް، އަޅުގަނޑުމެންގެ އިޤުތިޞާދީ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ގެންދަން މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ހަމަޖެހޭ އުސޫލުތަކެއް ރޭވިފައި އޮންނަންވާނެ. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިންކަން އަބަދުވެސް ހަނދާންކުރަންވާނެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން އަބަދުވެސް ހަނދާންކުރަންވާނެ. އަދި އިސްލާމްދީނުގައި އަންގަވައިފައިވާ ގޮތުން ހުރިހާ މުއުމިނުންނަކީ، ހުރިހާ މުސްލިމުންނަކީ އަޚުންތަކެއްކަންވެސް ހަނދާންކުރަންވާނެ. އެ މާތް އުސޫލުތައް ހަނދާންކޮށްގެން، އެ އުސޫލުތަކާ ޚިލާފުނުވާ ގޮތުގެ މަތިން އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަންވާނީ. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އަޚުންގެ މެދުގައި އޮންނަ ބާވަތުގެ ގުޅުން. އެއީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން. އޯގާތެރިކަމުގެ ގުޅުން. އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގުޅުން. މާތްވެގެންވާ ދީނުގައި އަންގަވައިފައިވަނީ [إِنَّمَا الْمُؤْمِنُونَ إِخْوَةٌ] [ހަމަކަށަވަރުން މުއުމިނުތަކުންނީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެން އެގޮތް ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ލެއްވީ اللّـه سبحـانـه وتعـالى. އަޅުގަނޑުމެން އަމިއްލައަކަށް ނޫން. އެހެންވީމާ، ﷲގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުންވެސް އަޅުގަނޑުމެންނަކީ އަޚުންތަކެއް ކަމުގައި ދެކެންވާނެ. އެއްވެސް މީހަކު އެހެން މީހަކަށް ދެރަވާގޮތަށް، އެހެން މީހަކަށް އުނިކަމެއް ލިބޭގޮތަށް ކަމެއް ކޮށްގެން ނުވާނެ. ބަހެއް ބުނެގެންވެސް ނުވާނެ. އަދި ޢަމަލެއްވެސް ކޮށްގެންނުވާނެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވޭ.  [المسلم من سلم المسلمون من لسانه ويده.އޭގައި އެ އަންގަވަނީ ކޮބައިކަން ޙަޤީޤަތުގައި މުސްލިމަކީ. ރަސޫލާ އެ ޙަދީޘް ކުރައްވަނީ، [މުސްލިމަކީ ތިމާގެ އަތްފަޔާއި އަދި ދުލުގެ ނުބައިން އެހެން މީހުން ސަލާމަތްވެގެންވާ މީހާއޭ، ތިމާގެ އަތުންވިޔަސް އަދި ދުލުންވިޔަސް އެހެން މީހަކަށް އެއްވެސްކަހަލަ ގެއްލުމެއް، އުނިކަމެއް ނުދޭ މީހާއޭ." އެހެންވީމާ، ޙަޤީޤަތުގައި މުސްލިމުންނަށް ވެވޭނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތަކުން އެހެން އެއްވެސް މުސްލިމަކަށް، އެހެން އެއްވެސް އަޚަކަށް ގެއްލުމެއްނުވާގޮތަށް، އުނިކަމެއް ނުލިބޭގޮތަށް، ތިމާގެ ޢަމަލުތައް ހުންނަކަމަށްވަންޏާ. އެއީ މުސްލިމުންނަކީ.
 
އެހެންވީމާ، އަޅުގަނޑުމެންނަކީ މުސްލިމުންނޭ، ހަމައެކަނި ނަމުން ވެގެން ކަމަކުނުދާނެ. އިސްލާމްދީނުގައި އޮންނަނީ ހަމައެކަނި މުސްލިމުންނޭ ބުނުމެއް ނޫން. އިސްލާމްދީނުގައި އަންގަވައިފައިވާ ކަންތައްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އިސްލާމްދީނުގެ ފަރުޟުތައް. ނަމާދުކުރުން، ރޯދަ، ޙައްޖު، ޒަކާތްދިނުން، މިހުރިހާ ކަންތައްތައް އެނގިވަޑައިގަންނަވާނެ. އެކަންތައްތައް ކުރަންޖެހޭނެ. އެކަންތައްތައް ކޮށްފައި، އޭގެއިތުރުން މީހުންގެ މެދުގައި އޮންނަ މުޢާމަލާތު ރަނގަޅު ނުކުރާ ކަމަށްވަންޏާ ޙަޤީޤަތުގައި އެކަންތައްތައް  އެކުރެވެނީވެސް  ރަނގަޅަކަށެއް  ނޫން.  ﷲ ވަޙީކުރައްވަނީ، [إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ.] [ހަމަކަށަވަރުން ނަމާދަކީ ފާޙިޝް ޢަމަލުތަކުންނާއި، ނޭދެވޭ ޢަމަލުތަކުން އިންސާނާ ދުރުކުރުވާ އެއްޗެކޭ.] އޭގެ މާނަޔަކީ ޙަޤީޤަތުގައި ހެޔޮގޮތުގައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ނަމާދުކުރާ މީހާގެ ފަރާތުން އެއްވެސް ކަހަލަ ފާޙިޝް ޢަމަލެއް ނުފެންނާނެއޭ. އެއްވެސްކަހަލަ މުންކަރެއް، ނޭދެވޭ ޢަމަލެއް ނުފެންނާނެއޭ. އަޅުގަނޑުމެންގެ ފަރާތުން އެކަހަލަ ނުބައި ފާޙިޝް ޢަމަލުތައް ފެންނަމުންދާ ކަމަށްވަންޏާ، ނުވަތަ އަޅުގަނޑުމެންގެ ފަރާތުން ނޭދެވޭ ނުބައި ޢަމަލުތައް ފެންނަމުންދާ ކަމަށްވަންޏާ، ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެކުރެވެނީކީ ރަނގަޅު ނަމާދެއް ނޫން. ކަނޑައެޅިގެން ޤުރްއާނުގައި އަންގަވައިފައި އޮންނަނީ އެހެން. އަދި ވަޙީކުރައްވައިފައިވޭ. [خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ.] [އެބައިމީހުންގެ މުދާތަކުން ކަލޭގެފާނު ނަންގަވާށޭ ޞަދަޤާތެއް.] އޭގެ މާނަޔަކީ ޒަކާތް. އެ ޒަކާތުގެ ސަބަބުން އެމީހުންގެ ނަފްސުތައް ޠާހިރުވެގެންދާ. އެހެންވީމާ، ހެޔޮގޮތުގައި ޒަކާތްދޭ މީހާގެ ޢަމަލުތައްވެސް ހުންނާނީ އެހެން. އެމީހާ ވާނެ، ޠާހިރުވެގެންވާ މީހަކަށް. އެމީހާގެ ފަރާތުން އެހެން މީސްމީހުންނަށް އެކިއެކިފާޑުގެ ނުބައި ކަންތައްތަކެއް ރައްދެއްނުވާނެ. އެއްވެސް ގެއްލުމެއް، އުނިކަމެއް، އަނިޔާއެއް އެމީހާގެ ފަރާތުން އެހެން މީހުންނަކަށް ލިބެމަކުންނެއް ނުދާނެ. ދީނުގެ ހުރިހާ ރުކުންތަކެއްވެސް ހުންނަނީ އެހެން. އޭގެ އިޖުތިމާޢީ ވަރަށްބޮޑު މައްސަލައެއް އެބައޮތް. ކޮންމެ ރުކުނެއްވެސް ރައްދުވަނީ، އޭގެ ނަތީޖާއަކަށްވަނީ ތިމާގެ ހިތް ޠާހިރުވުމާއި، ތިމާގެ ނަފްސު މަތިވެރިވުމާއި، ތިމާގެ ޢަމަލުތައް އެއީ ވަރަށް މާތް ޢަމަލުތަކެއް ކަމުގައިވުމާއި، އަދި ތިމާގެ ފަރާތުން މުޖުތަމަޢަށް ގިނަގުނަ ލާބަތަކެއް ލިބުން.
 
އެހެންވީމާ، އަޅުގަނޑު މިދަންނަވާ ވާހަކަޔަކީ، ދީނުގައި އޮންނަނީ ހަމައެކަނި އަޅުގަނޑުމެން ބައެއް މީހުން ހިތަށްއަރާގޮތަށް، ވަގުތު ޖެހުނީމާ މިސްކިތަށް ގޮސް ނަމާދުކޮށްލީމާ ނިމުނީކަމަށް. ރޯދަމަސް އައިމާ ރޯދަހިފީމާ އެ ނިމުނީ. އެމީހާގެ ޢަމަލުތައް ހުންނާނީ ހުންނާނެ ގޮތަކަށް. މީހުންނަށް ގޯނާކުރާނެ. މީހުންގެ ޙައްޤުތަކަށް އަރައިގަންނާނެ. މީހުންނާ ދޭތެރޭގައި އެކަށީގެންނުވާ ނޭދެވޭ ވާހަކަ ދައްކާނެ. މީހުންގެ އަބުރާ ބެހޭނެ. މިހުރިހާ ކަމެއް ކޮށްފައިވެސް އެމީހާގެ ހިތުގައި އޮންނަނީ ތިމަންނަ މިއީ މުސްލިމެކޭ. ތިމަންނަ ނަމާދުކުރަމޭ، ރޯދަހިފަމޭ. އެކަމަކު އެއީކީ ނޫން މުސްލިމުންގެ ގޮތަކީ. ޙަޤީޤަތުގައި މުސްލިމުންނަކީ ކޮންބައެއްކަން، ޤުރްއާނުގައި ކަނޑައެޅިގެން އަންގަވައިފައި އެބައޮތް. ކީރިތި ރަސޫލާ އެކަމުގެ އިރުޝާދުތައް އަޅުގަނޑުމެންނަށް ދެއްވައިފައި އެބައޮތް. އެހުރިހާ ކަމަކުންވެސް އެނގޭ، މުސްލިމުންނަކީ ކޮންބައެއްކަން. އެމީހުންގެ ކުރިމަތީގައި އެންމެބޮޑަށް ފާޅުވެގެންދާނެ ކަމަކީ އެމީހާގެ މުޢާމަލާތުކަން. އެހެން މީހުންނާ ދޭތެރޭގައި އޮންނަ ގުޅުން. ރަސޫލާ ޙަދީޘް ކުރައްވަނީ، [الدِّين المعاملة.] [ދީނަކީ މުޢާމަލާއޭ.] އޭގެ މާނަޔަކީ މީހާގެ ދީންވެރިކަން އަޅުގަނޑުމެންނަށް އަންގައިދޭ މިންގަނޑަކީ، އެމީހާ އެހެން މީހުންނާ ދޭތެރޭ ކަންތައް ކުރާގޮތޭ. ހެޔޮކޮށް ކަންތައްކުރާ މީހެއްނަމަ އެއީ ދީންވެރިއެއް ކަމަށް ބުނެވިދާނެ. މީހުންނާ ދޭތެރޭ ކަންތައް ކުރަނީ ހަރުކަށިކޮށް، ނުބައިކޮށް ކަމަށްވަނީނަމަ، އެއީކީ ދީންވެރިއެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނެ ގުޅުމަކީ ކީރިތި ޤުރްއާނުގަޔާއި އަދި ޙަދީޘްތަކުގައި އަންގަވައިފައިމިވާ، މާތް އުޚުއްވަތްތެރި ކަމުގެ ގުޅުން. އެއްވެސް މީހަކު، އެހެން މީހެއްގެ ޙައްޤާ ބެހިގެން ނުވާނެ. އެހެން މީހެއްގެ ޙައްޤަކަށް އަރައިގެންނެއް ނުވާނެ. އެހެން މީހަކަށް ތިމާގެ ދުލުންވިޔަސް، އަދި އަތުންވިޔަސް ގެއްލުމެއް، އަނިޔާއެއް ކޮށްގެން ނުވާނެ.
 
އާދެ، މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ހަނދާންކޮށްގެން އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގެވެސް ފައިދާ، އޭގެ ނަތީޖާ މާތްﷲ އަޅުގަނޑުމެންނަށް ދައްކަވާނެ. އެހެނެއް ނޫން. ކިތަންމެ ބޮޑު ޖަމާޢަތެއްގެ މީހުންވެސް ކިތަންމެ ބުރަ، ކިތަންމެ ވަރުގަދަ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެމީހުންނަކީ ބައިބައިވެފައިވާ ބައެއް ކަމުގައިވަނީނަމަ، އެމީހުންނަކީ އެމީހުންގެ މެދުގައި އެއްވެސްކަހަލަ ހަމަޖެހުމެއްނެތް ބައެއްކަމުގައި ވަނީނަމަ، އެމީހުން އެކުރާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނުފެންނާނެ. އެއިން އެއްވެސް ކަހަލަ ލާބައެއް މަންފާއެއް މުޖުތަމަޢަކަށް ނުލިބޭނެ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ހަނދާންކުރަންވާނެ. އަޅުގަނޑުގެ ނަޞޭޙަތަކީ އެއީ. އަޅުގަނޑުމެންނަކީ މުސްލިމުންކަން ހަނދާންކޮށްގެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ކަހަލަ މާތް އުޚުއްވަތްތެރިކަމުގެ ގުޅުމެއް، އަޅުގަނޑުމެންގެ ތެރޭގައި ބަދަހިކުރަމުން ގެންދިޔުން. އަދި އެގޮތަށް އެންމެންވެސް ގޮވައިލުން. ކޮންމެ މީހަކީވެސް މިދެންނެވި އުސޫލަށް ތަބަޢަވާން ގޮވައިލާ މީހަކަށްވާންޖެހޭނެ. ހަމައެކަނި އެހެން ގޮވައިލުން އެއީ ރައީސްކަމާ ހަވާލުވެގެން ހުންނަ މީހާގެ ވާޖިބެއް ނޫން. ނޫނީ ވެރިންގެ ވާޖިބެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހަކީ މުސްލިމަކަށްވީތީ، އެމީހެއްގެ ވާޖިބެއް އެއީ. ކޮންމެ މުސްލިމަކުވެސް އެގޮތަށް ޢަމަލުކުރުމާއެކު، އެގޮތަށް މީހުންނަށް ނަޞޭޙަތްތެރިވެ ގޮވައިލަންޖެހޭނެ. ދީނުގައި އަންގަވައިފައި އޮންނަނީ އެގޮތަށް. އިސްލާމީ އުންމަތް މިއީ އެންމެ މާތް އުންމަތް ކަމުގައި ލައްވައިފައިވަނީ މީހުންގެ މެދުގައި ރަނގަޅު ކަންތައްތައް އަށަގެންނެވުމަށްޓަކައި. ނަޞޭޙަތްތެރިވުމާއި، ނުބައި ޢަމަލުތަކުން މީހުން އެއްކިބާކުރުމަށް މީހުންނަށް ނަޞޭޙަތްތެރިވާ ބައެއް ކަމުގައި މުސްލިމުންވާތީ.
 
އެހެންވީމާ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމުގެ މާތް އުސޫލު ޤާއިމުކުރެވޭތޯ ބަލަންވާނެ. އެ މަތިވެރި އުސޫލަށް އެންމެން ތަބަޢަވެގެން، އަޅުގަނޑުމެންގެ ރަށް ކުރިއެރުވުމަށް، އަޅުގަނޑުމެންގެ ޖަމާޢަތް ކުރިއެރުވުމަށް، އަޅުގަނޑުމެންގެ އުންމަތް ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް އަވަހަށް  اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދައްކަވާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމައިލާނީ، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އިޚުލާޞްތެރި މަރުޙަބާއަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވެލިދޫގެ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު އަދާކުރަމުން.
 
އަޅުގަނޑު އެދެނީ، ދިވެހިރާއްޖެއަށް اللّـه سبحـانـه وتعـالى ނަޞްރާއި ނަޞީބު މިންވަރު ކުރެއްވުން. ހުރިހާ ރޮނގަކުންވެސް ރާއްޖެ ތަރައްޤީވުމުގެ މަގު ފަހިކޮށްދެއްވުން. އަދި އަޅުގަނޑުމެންނަށް އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނަށް ތަބަޢަވެގެން ތިބި، اللّـه سبحـانـه وتعـالىގެ އަމުރުފުޅުތަކަށް ބޯލަނބައި، ކީރިތި ރަސޫލާގެ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރަމުންގެންދާ ބައެއް ކަމުގައި ލެއްވުން.

                     والسّلام عليكم ورحمـة اللّـه وبركاته.