بســم اللّـه الرّحمـن الرّحيــم
 
السلام عليكم ورحمة الله وبركاته.
           
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
 
އާދެ، ނ. އަތޮޅުގެ ރަށްތަކަށް ކުރާ ޒިޔާރަތެއްގައި މިހާރު އަޅުގަނޑު އައިސް މިހުރީ މިރަށުގައި. ފޮއްދޫގައި. ފޮއްދޫގެ ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި ހޫނު ތަރުޙީބަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި، ރަށް މިހާ ރަނގަޅަށް ތައްޔާރުކުރައްވާފައި އޮތުމާއި، ޖަލްސާކުރާ ތަނާއި އަދި އެނޫންވެސް ތަންތަން ޒީނަތްތެރި ކުރައްވާފައި އޮތުމުން، ދޭހަވަނީ ފޮއްދޫގެ ރައްޔިތުން ދިވެހި ސަރުކާރާ ދޭތެރޭގައި ނުވަތަ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަން. އެކަމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދައުލަތުގެ ނަމުގައި ފޮއްދޫގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
ރާއްޖެތެރެއަށް އަޅުގަނޑު ކުރަމުން މިގެންދާ ދަތުރުތަކަކީ 1979 ވަނަ އަހަރުގެ ކުރީކޮޅު ފެށި ދަތުރުތަކެއް. އަޅުގަނޑު ގަސްދުކޮށްފައިވަނީ، اللّـه سبحـانـه وتعـالىގެ ތައުފީޤާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުން. ބޭނުމަކީ، ރާއްޖޭގައި މީހުން ދިރިއުޅޭގޮތް ބެލުން. ރާއްޖެތެރޭގެ ރައްޔިތުންގެ ހާލު އަހުވާލު ބަލައި، އެމީހުންނަށް ސަރުކާރުން ވެވެން އޮންނާނެ އެހީތަކަކީ ކޮބައިތޯ ބަލައި ހެދުން. މިގޮތުން މީގެކުރިން އަޅުގަނޑު ކުރި ދަތުރުތަކުގެ މަޢުލޫމާތު، ދަތުރުތަކުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ކުރިއަށް ގެންދިޔުމުގެ މަޝްރޫޢެއް މިހާރުވަނީ ރޭވިފައި. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށަށް އެކި ބާވަތް ބާވަތުގެ އެހީ ސަރުކާރުގެ ފަރާތުން ލިބެމުން އެބަދޭ. އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރޭގެ ކަންތައްތައް އޮތްގޮތް. ރާއްޖެތެރޭގެ ޙާލަތު އެއީ އަޅުގަނޑު އިތުރަށް ދަންނަވަން ބޭނުންވާނެ އެއްޗެއް ނޫން. އެހެންވީމާ، ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއަށް ގެންދިޔުން އެއީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި މިހާރު ވަނީ ހަމަޖެހިފައި.
 
އާދެ، ދިވެހިރާއްޖެއަކީ މުޅި ރާއްޖެ. އެއީ ހަމައެކަނި މާލެއެއް ނޫން. ރާއްޖެ ކުރިއަރުވަން ކުރާ ކޮންމެ މަސައްކަތެއްގައި ރާއްޖެތެރެވެސް ވަރަށް ހަރުދަނާ ގޮތެއްގައި ޙިއްޞާކުރަންޖެހޭނެ. އެހެންވުމާއެކު، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުމަށް ސަރުކާރުން އެހާ ބޮޑު އަހަންމިއްޔަތެއް ދީގެން، އެހާމަތީ އަދަދަކަށް ފައިސާ ޚަރަދު ކުރަމުން މިގެންދަނީ. އާދެ، މިދެންނެވި މަޝްރޫޢުގެ ދަށުން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ސްކޫލެއް ހިންގުން ހިމެނޭ. ނ. އަތޮޅު މަނަދޫގައި މިއަތޮޅުގެ ޕްރައިމަރީ ސްކޫލް މިހާރު ހިނގަމުންދާތާ ދުވަސްކޮޅެއް ވެއްޖެ. ހަމައެފަދައިން، ރާއްޖޭގެ އެހެން ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލެއް މިހާރު ހިނގަމުން އެބަދޭ. އޭގެއިތުރަށް، ކޮމިއުނިޓީ ސްކޫލްތައްވެސް ރާއްޖެތެރޭގައި ގިނަވަމުން އެބަދޭ. މިހާރު ކޮމިއުނިޓީ ސްކޫލުގެ 6 ސްކޫލް (6 މަދަރުސާ) ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ސަރުކާރުގެ ފަރާތުން ޢިމާރާތްކޮށް ހިންގަމުން އެބަގެންދޭ. ހަމައެފަދައިން، ރާއްޖެތެރޭގެ ތަޢުލީމަށް ހިތްވަރުދީ، ރާއްޖެތެރޭގެ ދަރިންނަށް ތަޢުލީމު ލިބިދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގާފައިވާ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުން އެހީވެދޭގޮތަށްވެސް ވަނީ ހަމަޖެހިފައި. އެގޮތުން ފޮއްދޫގެ މަކްތަބަށްވެސް ނުވަތަ ފޮއްދޫގެ ސްކޫލަށް މިހާރު ސަރުކާރުން ގެންދަނީ އެހީވަމުން.
 
އާދެ، ފޮއްދޫގައި މި މަކްތަބު ހިނގަމުންދާތާ ވަރަށްގިނަ އަހަރުތަކެއް ވެއްޖެ. އެއިން ދޭހަވާ އެއްޗަކީ ފޮއްދޫގެ ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު. ތަޢުލީމުގެ ބޭނުންތެރިކަން ފޮއްދޫގެ ރައްޔިތުންނަށް އިހުސާސް ކުރެއްވޭތީ، އެއީ ވަރަށް އުފާކުރުން ޙައްޤު ކަމެއް. ކޮންމެ ކުރިއެރުމެއްގެވެސް އެންމެ ފުރަތަމަ ސިއްރަކީ ތަޢުލީމު. އެހެންވުމާއެކު، ތަޢުލީމަށް އަޅުގަނޑުމެން މިއަދު ވަރަށްބޮޑު އަހަންމިއްޔަތެއް ދޭން ޖެހިފައިވޭ. ކޮންމެ ރަށެއްގައިވެސް މަކްތަބެއް އެންމެ ކުޑަމިނުގައި ހިނގަންޖެހޭނެ. ނުވަތަ މަދަރުސާއެއް. ތަންކޮޅެއް މީހުން ގިނަ ރަށްރަށުގައިވިއްޔާ، އެއް މަކްތަބަށްވުރެ ގިނަ މަކްތަބު، އެއް މަދަރުސާއަށްވުރެ ގިނަ މަދަރުސާ ހިނގަމުންދާންޖެހޭނެ. ތަޢުލީމު އެދެވޭ ގޮތެއްގައި ރާއްޖެތެރޭގެ ދަރިންނަށް ދީގެން ނޫނީ، ރާއްޖެތެރެ ކުރިއަށް ދެވޭކަށް ނޯންނާނެ. އެއީ ސަރުކާރުން ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއްދޭ ކަމަކީ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ފޮއްދޫގެ ރައްޔިތުން މީގެކުރިންވެސް ތަޢުލީމަށް އެ ބަހައްޓަވާ ޚާއްޞަ ޢިނާޔަތް، މީގެފަހުންވެސް ބަހައްޓަވަމުން ގެންދެވުން. އަދި މިހާރަށްވުރެވެސް ބޮޑަށް ތަޢުލީމު ކުރިއެރުވޭތޯ މަސައްކަތް ކުރައްވަމުން ގެންދެވުން.
 
އާދެ، އަޅުގަނޑުމެންގެ ރާއްޖެ ވަނީ ހުރިހާ ރޮނގަކުން ކުރިއަށް ގެންދަންވެފައި. ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކުގެ ނިސްބަތުގައި މާ ކުރިއަރައިފައިވާ ޤައުމެއް ނޫން. އެހެންވީމާ، މިއަދު ދިވެހިރާއްޖޭގެ ހުރިހާ ދަރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގެންދިޔުމުގެ ބުރަ މަސްއޫލިއްޔަތު. ރާއްޖެ ކުރިއަށް ގެންދެވޭނީ ހުރިހާ ރޮނގަކުން ރާއްޖެ ކުރިއަށް ގޮސްގެން. އެންމެ ފުރަތަމަ އިޤުތިޞާދީ ގޮތުން. އިޤުތިޞާދީ ރޮނގުން ކުރިއަށް ގޮސްގެން ނޫނީ އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރެއްނުވާނެ. އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން އެކިއެކި ކަންކަން އިޞްލާޙު ކުރެވޭނީ. މިސާލަކަށް، މަދަރުސާތައް ބިނާކޮށް، މަދަރުސާތައް ހިންގައި، ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނީވެސް ކޮންމެވެސްވަރެއްގެ ތަނަވަސްކަމެއް އޮވެގެން. ހޮސްޕިޓަލްތައް ޢިމާރާތްކޮށް، ހޮސްޕިޓަލްތައް ހިންގައި، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާދެމުން ގެންދެވޭނީވެސް ތަނަވަސްކަން ހުރެގެން. އަޅުގަނޑުމެންގެ ޤައުމީ މަސައްކަތްތައް ކުރިއަށް ގެންދެވޭނީވެސް ތަނަވަސްކަން ހުރެގެން. އެއިން ކޮންމެ ކަމަކީވެސް ތަނަވަސްކަމަށް ނުވަތަ ފައިސާއަށް ބޭނުންވާ ކަންކަން. އެހެންވީމާ، ޙަޤީޤަތުގައި އިޤުތިޞާދީ ގޮތުން ކުރިއަށް ގޮސްގެންނޫނީ އެހެން ކަންކަންވެސް ކުރިއަށް ގެންދެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ވިސްނަންވީ އިޤުތިޞާދީ ގޮތުން ކުރިއަށްދާން ކުރަންވީ ކޮންކަމެއްތޯ! އެހެން ވިސްނައިލާއިރު، ވަރަށް ފަސޭހައިން އޭގެ ޖަވާބު އަޅުގަނޑުމެންނަށް ދެވެން އެބައޮތް. އޭގެ ޖަވާބަކީ ކުރަމުންގެންދާ މަސައްކަތް އިތުރުކުރުން. ދިރިއުޅުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކޮށްގެން، އެ މަސައްކަތްތަކުން ލިބޭ އާމްދަނީވެސް އިތުރުކުރުން. އެއީ ތަނަވަސްކަން ހޯދަން ކުރަންޖެހޭނެ މަސައްކަތަކީ. އިޤުތިޞާދީ ގޮތުން ޤައުމު ކުރިއަށް ގެންދަންވެސް ކުރަންޖެހޭނެ މަސައްކަތަކީ.
 
އާދެ، އިޤުތިޞާދީ ގޮތުން ޤައުމު ކުރިއަށް ގެންދަން ތަފާތު ފެންވަރުގައި މަސައްކަތް ކުރެވިދާނެ. އަފްރާދުންގެ ފެންވަރުގައި، އަމިއްލަ ރައްޔިތުންގެ ފެންވަރުގައި އެއީ އެމީހަކު އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކުރަމުން ގެންދިޔުން. މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުކޮށްގެން، އެ މަސައްކަތުން ލިބޭ އެއްޗެއް އިތުރުކުރުން. އޭރުން އެމީހާގެ އާމްދަނީ އިތުރުވާނީ، އެމީހާގެ ޢާއިލާގެ ތަނަވަސްކަންވެސް އިތުރުވާނީ. ރަށުގެ ފެންވަރުގައިވެސް ކުރެވޭނެ ކަންތައް ހުންނާނެ. އަދި ޤައުމުގެ ފެންވަރުގައި ހުންނާނެ ވަރަށް ބޮޑެތި އިޤުތިޞާދީ މަޝްރޫޢުތައް ރޭވިގެން ކުރިއަށް ގެންދެވެން. ސަރުކާރުން އެކަހަލަ މަޝްރޫޢުތައް ރާވައިގެން ކުރިއަށް ގެންދާތާ ދުވަސްކޮޅެއް ވެއްޖެ. ތިޔަބޭފުޅުން އައްސަވާނެ، މަސްވެރިކަން ކުރިއަށް ގެންދަންވެސް ސަރުކާރުން މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުމުގެ މަޝްރޫޢު ކުރިއަށްގެންދާ ވާހަކަ. ކުރިން ބެހެއްޓި އިންޖީނުތައް މިހާރު ހުސްވެގެން އަލުން އިންޖީނު ސަރުކާރަށް ލިބިއްޖެ. އެ އިންޖީނުތައްވެސް ބެހެއްޓުމުގެ ކަންތައް ވަރަށް އަވަހަށް ފެށޭނެ. އެއީ ބޭރުގެ ފަރާތްފަރާތުގެ އެހީގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކެއް އެއީ. އަދި އެނޫންވެސް އިޤުތިޞާދީ ގޮތުން ބޮޑެތި މަސައްކަތްތައް، އެއީ އަމިއްލަ އަފްރާދުންގެ ފެންވަރުގައި ނުކުރެވޭ ކަހަލަ މަސައްކަތްތައް، ސަރުކާރުންވެސް ގެންދަނީ ކުރަމުން.
 
ކޮންމެއަކަސް އަޅުގަނޑުގެ ވާހަކަޔަކީ ކޮންމެ ފެންވަރެއްގައި ނަމަވެސް، އެބަޔަކު އެކުރާ މަސައްކަތެއް ޖެހޭނޭ އިތުރުކުރަން. އެއްވެސް މީހަކު މަސައްކަތެއް ނުކޮށް ހުރުމަކީ މިއަދުގެ ދުނިޔޭގައި ހަމަޖެހޭ ކަމެއް ނޫނޭ. ރާއްޖެތެރޭގެ ރައްޔިތުން، ރާއްޖެތެރޭގެ އަހުލުވެރިން ތަފާތު މަސައްކަތްތައް ދިރުވުމަށްޓަކައި ކުރަމުންގެންދޭ. އޭގެތެރެއިން އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަން ނުކުރެވޭ ރަށްރަށްވެސް ހުރޭ. އެހެންނަމަވެސް، ކޮންމެވެސް އެހެން ބާވަތެއްގެ މަސައްކަތްތަކެއް އެތަންތާނގައިވެސް ކުރެވޭނެ. މިރަށުގެ ރައްޔިތުންނަކީވެސް ކޮންމެވެސްވަރަކަށް މަސްވެރިކަންކުރާ ބައެއް. ކެޔޮޅުކަން ކުރަމުންގެންދާ ބައެއް. އެހެންވީމާ، އެމީހުންވެސް އެމީހުން އެކުރާ މަސައްކަތް ވެވުނުވަރަކުން އިތުރުކޮށްގެން، އެ މަސައްކަތުން އިތުރު އެއްޗެއް ލިބޭތޯ ބަލަންވާނެ. އަދި މަސްވެރިކަން ފިޔަވައި ކުރެވެންހުރި އެހެން މަސައްކަތްތައް ކޮށްގެންވެސް އެމީހުންގެ އާމްދަނީ އިތުރުކުރެވޭތޯ ބަލަންވާނެ.
 
އާދެ، އަޅުގަނޑުގެ ވާހަކަޔަކީ އަޅުގަނޑުމެން ރަށް ދޫކޮށްލައިފައި އެހެން ތަންތަނަށް ގޮސްގެން މަސައްކަތް ކުރުމަށްވުރެ، ރަށުގައި ކުރެވެންހުރި މަސައްކަތް ކުރުން މާރަނގަޅޭ. އޭރުން ރަށަށް އޭގެ ފައިދާއެއް ލިބޭނީ. އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް ހުންނަގޮތުން، ޚާއްޞަކޮށް، ބައެއް ކުދިކުދި ރަށްރަށުގައިވާ ގޮތަކީ، އެތަންތާނގައި ތިބޭ މީހުން، އެމީހުންނަށް ދިމާވާ ދަތިތަކެއް ހުރުމުގެ ސަބަބުން ރަށް ދޫކޮށްލައިފައި، އެހެން ތަންތަނަށް ގޮސް އެހެން ތަންތާނގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދައި ހަދަނީ. އެއީވެސް ވެދާނެގޮތެއް. އަޅުގަނޑުވެސް އެއްބަސް، އެކަހަލަ ގޮތްގޮތް ދިމާވެދާނެ. އެހެންނަމަވެސް، ވަރަށް ބޮޑަށް ބާރުއަޅަންޖެހޭނެ، ކޮންމެ މީހަކުވެސް އެމީހެއްގެ ރަށުގައި ހުރެގެން ކުރެވޭނެ ކަމެއް އޮތްތޯ ބަލައިގެން އެކަމެއް ކޮށްގެން ތަނަވަސްކަން ހޯދުމާ ދޭތެރޭގައި.
 
އާދެ، ކޮންމެއަކަސް ރަށުގައި ހުރެގެން ނަމަވެސް، ނުވަތަ އެހެން ރަށަކަށް ގޮސްގެން ނަމަވެސް، މަސައްކަތެއް ކުރުން އެއީ މިހާރު އަޅުގަނޑުމެން އެންމެބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމަކީ. އާދެ، އޭގެފަހުގައި ނުވަތަ އެއާއެކުގައި އަޅުގަނޑުމެން ތަރައްޤީވާން، ކުރިއަރަން، ތަނަވަސްކަން އިތުރުކުރަން މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ މެދުގައި އަބަދުވެސް ވަރަށް ހަމަޖެހޭކަހަލަ އުސޫލުތަކެއް އޮންނަންވާނެ. އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި ދެކިގެން، އެގޮތުގެ މަތިން އަޅުގަނޑުމެން ޢަމަލުތައް ބަހައްޓަންވާނެ. ކޮންމެ މީހަކުވެސް، އެހެން މީހުން ދެކެންވާނީ ތިމާގެ އަޚުން ކަމުގައި. ތިމާގެ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި. އެއީ މާތްވެގެންވާ އިސްލާމްދީނުގައިވެސް އަންގަވައިފައިވާ ގޮތް. އަޅުގަނޑުމެންނަކީ އެދީނުގެ އަހުލުވެރިން. ﷲ އަންގަވައިފައިވަނީ، "ހުރިހާ މުއުމިނުންނަކީ އަޚުންތަކެކޭ." އެހެންވީމާ، އަޚުންގެ މެދުގައި އޮންނަ ކަހަލަ އޯގާތެރިކަމާއި އެއްބާރުލުމުގެ ގުޅުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަންވާނީ. އެއްވެސްކަހަލަ ހަމަނުޖެހުމެއް، ދެކޮޅުވެރިކަމެއް، އަރާރުންވުމެއް އޮވެގެނެއް ނުވާނެ. ބައެއްކަހަލަ މައްސަލަތައް ދިމާވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ހަމަނުޖެހުން އުފެދޭ. އެކަމަކު އެއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ތަންދޭންވީ ކަމެއްނޫން. އެއްވެސްކަހަލަ ހަމަނުޖެހުމެއް ރަށުތެރޭގައި އުފެދިގެން ނުވާނެ، ދޭދޭ މީހުންގެ މެދުގައިވެސް އަދި އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައިވެސް. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެކުވެރިކަމުގެ ގުޅުން. އެކުވެރިކަން އާލާކޮށްގެން، އެންމެން އެކަތިގަނޑަކަށް ވެގެންނޫނީ އަޅުގަނޑުމެން ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް ނުފެންނާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުންވެސް އެންމެން އެކުވެރިވެގެން، އިސްލާމީ އުޚުއްވަތުގެ މާތް އުސޫލުގެ ދަށުން ހުރިހާ ކަމެއްގައިވެސް އެކަކު އަނެކަކަށް އެހީތެރިވެގެން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެގެން އެންމެންގެ މެދުގައި މިދެންނެވި ކަހަލަ އަޚުލާޤީ ރަނގަޅު ގުޅުމެއް ބާއްވައިގެން ކުރިއަށް ގެންދެވޭތޯ ބެލުން.
 
އާދެ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ނަތީޖާ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްކެވުން. އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކޮށްދެއްވައި، މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި އަޅުގަނޑުމެންގެ ފައިތިލަތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވައި، އަދި ދިވެހިރާއްޖެއަށް ފާގަތިކަމާއި އުފާވެރިކަން މިންވަރު ކުރެއްވުން.
 

                     والسّلام عليــكم ورحـمــة اللّـه.