بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ، وعلى آلـه وصحبـه أجمعـين.
 
އާދެ، ވެހެމުންދާ ބޯވާރޭގައިވެސް މިރަށުގެ ރައްޔިތުން އަޅުގަނޑުގެ އިންތިޒާރުގައި ތިއްބެވި ކަމަށްޓަކައި ހިތުގެ އެންމެ ފުންމިނުން އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެކަނި އަޅުގަނޑުގެ އިންތިޒާރުގައި ވާރޭގައި ތިއްބެވި ކަމަށްޓަކައެއް ނޫން. އަޅުގަނޑު މިރަށަށް އަންނަ އައުން ފާހަގަކުރެވުމުގެ ގޮތުން ރަށުގައި ކުރައްވައިފައިވާ ބޮޑެތި މަސައްކަތްތައްވެސް ފެނިފައި އަޅުގަނޑަށް އިހުސާސް ކުރެވެނީ ވަރަށް ޚާއްޞަ އުފަލެއް. މިކަންތައްތައް މިއީ ވަރަށް ފުރިހަމަގޮތެއްގައި މިރަށުގެ ރައްޔިތުން ކުރައްވައިފައިވާ މަސައްކަތްތަކެއްކަން އަޅުގަނޑަށް ޔަޤީންވޭ. އެއިން އަޅުގަނޑަށް ދޭހަވާ މާނަޔަކީ ހޮޅުދޫގެ ރައްޔިތުން ސަރުކާރަށް ބަހައްޓަވާ ޚާއްޞަ ޢިނާޔަތް ނުވަތަ ހޮޅުދޫގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާމެދު އުފެދިފައިވާ އިޚުލާޞްތެރިކަމުގެ ބޮޑުކަން.
 
އާދެ، އެހެންވުމާއެކު، އަޅުގަނޑު އެންމެ ފުރަތަމަވެސް މިރޭގެ ވާޖިބެއް ކަމަށް ދެކެނީ، ހޮޅުދޫގެ ވެރިންނަށާއި ރައްޔިތުންނަށް ހިތްހެޔޮކަމާއި އަދި އުފަލާއެކު ޝުކުރު އަދާކުރުން. އަޅުގަނޑު ހޮޅުދޫއަށް މިއައި އައުމަކީ އުފާވެރި މުނާސަބަތެއް ކަމުގައި ހޮޅުދޫގެ ރައްޔިތުން ދެކެވަޑައިގަންނަވާ ކަމުގައި ވަނީނަމަ، އަޅުގަނޑު ދަންނަވާނީ އެއީ އަޅުގަނޑަށް އަދި އެއަށްވުރެ މާ އުފާވެރި މުނާސަބަތެކޭ. އަޅުގަނޑު މިހާރު މިއުޅެނީ ނ. އަތޮޅުގެ، މީހުން އުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރެއްގައި. މި އަތޮޅުގެ ތެރެއިން އެންމެ މީސްގިނަ ރަށަކީ މިރަށް. އާދެ، ހޮޅުދޫ. އެހެންވުމާއެކު، މިރަށަށް އައުމުން އަޅުގަނޑަށް ލިބޭ އުފާ އެއީ ވަރަށްވެސް ޚާއްޞަ އުފަލެއް. އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބޭނުމަކީ ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭ ފަދައިން ރާއްޖެތެރޭގެ ހާލު އަހުވާލު އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުން. ރާއްޖެތެރޭގައި މީހުން ދިރިއުޅޭ ގޮތާއި، ދިރިއުޅުމަށް އެމީހުން ކުރާ މަސައްކަތްތަކާއި އަދި އެމީހުން އުފުލާ ބުރަތަކާއި ތަކުލީފުތައް ވަޒަންކުރުން. މި މަޢުލޫމާތުތައް ހޯދުމަށްފަހު، އެ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުން ރާއްޖެތެރޭގެ ރައްޔިތުންނަށް އެކި ކަންތައްތައް ލުއިފަސޭހަކޮށް ކުރެވެން އޮންނާނީ. އެހީވެވެން އޮންނާނީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެ އެހީތައްވުމުގެ އިންތިޒާމު ހަމަޖެއްސުން.
 
އާދެ، އަޅުގަނޑު ދަންނަވާނީ، މި ދަތުރުތަކުން ޚުދު އަޅުގަނޑަށްކުރާ ފައިދާ ވަރަށްވެސް ބޮޑޭ. މިސާލަކަށް، މިއަދު މެންދުރުފަހުގެ ވަގުތެއްގައި އަޅުގަނޑު ދިޔައީ މިއަތޮޅުގެ މާޅެންދޫއަށް. އެ ރަށަށް ފޭބި ފޭބުމުގަޔާއި އަދި އެރަށުން އެނބުރި ވީނަހަށް އައި އައުމުގައި އަޅުގަނޑަށް ފެނުނު މަންޒަރުތަކާއި އަދި ޚުދު އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ޝުޢޫރުތައް އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑު މާލޭގައި ހުރިނަމަ ދުވަހަކުވެސް ހިތަށް ނުގެނެވޭނެ ޝުޢޫރުތަކެކޭ. އަދި ދުވަހަކުވެސް އިހުސާސް ނުކުރެވޭނެ ތަޖުރިބާތަކެކޭ.
 
އާދެ، އެހެންވީމާ، އަޅުގަނޑަށް ކުރިއްސުރެ ޔަޤީންކުރެވިފައި ވަނީ ވަރަށްބޮޑު ތެދެއްކަން މިހާރު އަޅުގަނޑަށް ވަރަށްސާފުކޮށް އެނގޭ. އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ  މަޤާމުގައި ހުންނަ މީހަކު، އެމީހާގެ އޮފީހުގައި އިނދެގެން ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތާއި، އެމީހުންނަށް ދިމާވާ ދަތިތަކާއި އެކިއެކި ބުރަތައް އެއްގޮތަކަށްވެސް އިޙްސާސެއް ނުކުރެވޭނެއޭ. އާދެ، އެއީ ވަރަށްބޮޑު ޙަޤީޤަތެއް. އެހެންވުމާއެކު، އަޅުގަނޑު ރައީސްކަމާ ޙަވާލުވީއްސުރެ މި މަސައްކަތް ކުރަނީ އަޅުގަނޑު އަމިއްލައަށް ރާއްޖެތެރެއަށް ގޮސްގެން ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބެލުން އެއީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ބަލައިގެން. އާދެ، އަޅުގަނޑަށްވެސް މާލޭގައި ހުރެވިދާނެ، އޮފީހުގައި އިނދެވިދާނެ، އެކި އޮފީސްތަކަށް އަންގައިގެން އަތޮޅުތަކުން ރިޕޯޓުތައް ނެގިދާނެ. އެހެންނަމަވެސް، އެ ރިޕޯޓުތައް އެއީ ޙަޤީޤަތް ކަމެއް ނުވަތަ އެ ރިޕޯޓުތަކުގައިވާ މަޢުލޫމާތު އެއީ ތެދު މަޢުލޫމާތުތަކެއްކަން އެއްގޮތަކަށްވެސް އަޅުގަނޑަކަށް ނޭނގޭނެ. އަދި ކިތަންމެވަރަކަށް އެކިއެކި މަޢުލޫމާތު އެ ރިޕޯޓުތަކުގައި ލިޔެވިފައި ހުރި ކަމުގައިވިޔަސް، ޙަޤީޤަތުގައި ކަންތައްތައް ހުރިނެތްގޮތް އެއިން އެއްގޮތަކަށްވެސް ސާފުވާކަށެއް ނޯންނާނެ.
 
އާދެ، މިއަދު އަޅުގަނޑަށް ވަރަށް ޚާއްޞަ ތަޖުރިބާތަކެއް ކުރެވުނު. ވަރަށް މޫސުމް ގޯސް، ވައިބާރު، އަދި ނެރުމަތީގައި ރާޅުބޮޑު ވަގުތެއްގައި އަޅުގަނޑަށް ދިމާވީ މާޅެންދޫއަށް ފައިބަން. އަދި އެއަށްވުރެ ގަދަ، އެއަށްވުރެ ރާޅުބޮޑު ވަގުތެއްގައި. ކަންދިމާވިގޮތުން އަޅުގަނޑަށް ދިމާވީ އެރަށުން ބޯޓަށްދާން. އެދިޔަ ދިޔުމުގައި، ރަށަށް ފޭބި ފޭބުމުގައި އަޅުގަނޑަށް އިޙްސާސް ކުރެވުނު، އެރަށުގެ ރައްޔިތުން އުފުއްލަވަމުން ގެންދަވާ އުނދަގޫތަކާއި، ދަތިތަކާއި، ބުރަތަކާއި އަދި އަބަދުވެސް އެރަށުގެ ރައްޔިތުން ތަންތަނަށް ފުރައިގެންދާ ދިޔުމުގަޔާއި، އަދި އައިސް ރަށަށް ފޭބުމުގައި އެމީހުންނަށް ކުރިމަތިވާ ބޮޑެތި ނުރައްކާތައް. މިކަންތައްތައް މިއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑު މާލޭގައި އޮފީހުގައި އިންނަމަ، އެއްގޮތަކަށްވެސް އަޅުގަނޑު ހިތަށް ގެނެވޭނެ ކަންތައްތަކެއް ނޫން. އެހެންވީމާ، މިއަދު ވަރަށް ފުރިހަމަގޮތެއްގައި، މިދަތުރުތަކުގެ ބޭނުމާއި، އެއިން ޚުދު އަޅުގަނޑަށް ލިބޭ މަޢުލޫމާތުތަކުގެ މުހިންމުކަން އަޅުގަނޑަށް ވަރަށް ބޮޑަށް އިހުސާސް ކުރެވިއްޖެ.
 
އާދެ، ކޮންމެއަކަސް މީގެކުރިންވެސް އަޅުގަނޑު ރާއްޖެތެރޭގެ ވަރަށްގިނަ އަތޮޅުތަކަށް ޒިޔާރަތްކޮށްފިން. މިދަތުރު ފެށުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ދުއިސައްތަ ދެރަށުގެ ތެރެއިން ސަތޭކަ ބައްތިރީސް ރަށަށް އަޅުގަނޑަށް ވަނީ ދެވިފައި. މީގެކުރިން އަޅުގަނޑު މިކުރި ދަތުރުތަކުން ލިބުނު މަޢުލޫމާތުގެމައްޗަށް ބިނާކޮށް، ހަމައެފަދައިން ރާއްޖެތެރޭގެ ކަންތައްތައް ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރު ކުރައްވާ ދަތުރުފުޅުތަކާއި އަދި އޭނާ ހަވާލުވެވަޑައިގެން ހުންނެވި ވުޒާރާގެ އެހެން ބޭފުޅުންވެސް ކުރެއްވި ދަތުރުފުޅުތަކުން ލިބުނު މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ވަރަށްބޮޑު މަޝްރޫޢެއް ސަރުކާރުން ވަނީ ކަނޑައަޅައި، އަދި އެ މަޝްރޫޢަށް ޢަމަލުކުރަން ފަށައިފައި. އާދެ، މިދެންނެވި ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ވަރަށްގިނަ ކަންތައްތައް އެކުލެވިފައިވޭ. އޭގެތެރޭގައި ރަށްރަށުގެ އޮފީސްތައް ބައެއް ރަށްރަށުގައި އަލުން ޢިމާރާތް ކުރުން، އަނެއްބައި ރަށްރަށުގައި އޮފީސް މަރާމާތު ކުރުން، ކޮންމެ ރަށެއްގައި ރަށުކޯޓެއް އުފެއްދުން، މިސްކިތްތައް މަރާމާތު ކުރުން، ނުވަތަ އަލުން މިސްކިތް އެޅުން، އެކި ރަށްރަށުގެ ފަޅުތެރެ ކޮނުން، ނެރުތެރެ ޑައިނަމެޓް އަޅައިގެން ގޮއްވުން، އޮފީސްތަކަށް، ރަށުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން، އަތޮޅުއޮފީސްތަކަށް މުވައްޒަފުން އިތުރުކުރުން، މުވައްޒަފުންގެ މުސާރަ ބޮޑުކުރުން، މިހެންގޮސް ވަރަށްގިނަ ކަންތައްތައް އެ ޕްރޮޖެކްޓުގައި ހިމެނިފައިވޭ އެ މަޝްރޫޢުގައި. އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް ނުވަތަ އިބްތިދާއީ މަދަރުސާއެއް ހިންގަމުން ގެންދިޔުން.
 
އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ތަޢުލީމުގެ މުހިންމުކަން، ތަޢުލީމުގެ ބޭނުން. އަދި ތަޢުލީމާ ނުލައި އެއްވެސް ޖަމާޢަތަކަށް ކުރިއަކަށް ނުދެވޭނެކަން. އަޅުގަނޑުމެންގެ ރާއްޖެވަނީ ކުރިއަށްދާން ބޭނުންވެފައި. ތަރައްޤީގެ މަގުގައި ވަރަށް ހަލުވިކަމާއެކު ވަރަށްގިނަ ފިޔަވަޅުތަކެއް ވަރަށް ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ވަރަށް ކުޑަކުޑަ ފުރުޞަތެއްގެ ތެރޭގައި އަޅަން ބޭނުންވެފައި. އެހުރިހާ ކަމެއްގެވެސް އަސްލަކީ ތަޢުލީމު. އެހެންވީމާ، އެންމެ ފުރަތަމަ ތަޢުލީމަށް އެދެވޭ އަހަންމިއްޔަތެއްދީގެން ނޫނީ އަޅުގަނޑުމެންގެ ޤައުމުގެ އެއްވެސް ކަމަކަށް އެދެވޭ އިޞްލާޙެއް ނުގެނެވޭނެ.
 
އާދެ، އެރޮނގުން ސަރުކާރުން ޚިޔާލުކޮށް، ކޮންމެ އަތޮޅެއްގައި ސަރުކާރުން މިހާރު ޕްރައިމަރީ ސްކޫލެއް ހިންގަމުން ގެންދަނީ. ނ. އަތޮޅުގައި އެ ސްކޫލް ހިނގަމުންދަނީ މަނަދޫގައި. މަނަދޫ ޕްރައިމަރީ ސްކޫލަކީ މިދެންނެވި މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގައި ހުޅުވުނު ފުރަތަމަ ސްކޫލް. އަދި އެ ސްކޫލް ހުޅުވައިދިނުމުގެ އުފާ ލިބުނީވެސް ޚުދު އަޅުގަނޑަށް. އާދެ، މިދެންނެވި ސްކޫލުގެ އިތުރަށް ރާއްޖެތެރޭގައި ކޮމިއުނިޓީ ސްކޫލްތައްވެސް ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިހާރު 6 އަތޮޅެއްގައި 6 ކޮމިއުނިޓީ ސްކޫލް އެބަ ހިނގަމުންދޭ. އޭގެއިތުރަށްވެސް އެކުވެރި ޤައުމެއްގެ އެހީގައި ރާއްޖެތެރޭގައި އިތުރު މަދަރުސާތަކެއް އެޅުމުގެ އިންތިޒާމުތައް ދަނީ ހަމަޖެހެމުން. އަދި އޭގެތެރެއިން ބައެއް މަދަރުސާ ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި. ހަމައެފަދައިން، އަމިއްލަ މަދަރުސާތަކާއި މަކްތަބުތަކުގެ ތެރެއިން މެދުނުކެނޑި 10 އަހަރު ވަންދެން ހިނގާފައިވާ ތަންތަނަށް ސަރުކާރުގެ އެހީ ލިބޭގޮތަށްވެސް ވަނީ އެ މަޝްރޫޢުގެ ދަށުން ހަމަޖެހި، އެގޮތަށް ޢަމަލުކުރަން ފެށިފައި.
 
އާދެ، އެގޮތުން ދަންނަވާއިރު، މިރަށުގެ ސްކޫލް، މޭނާ ސްކޫލް އެއީ މިދެންނެވި އަމިއްލަ މަދަރުސާތަކުގެ ތެރެއިން ވަރަށް މުހިންމު މަދަރުސާއެއް. އެ މަދަރުސާއަށް މިހާރު 30 އަހަރަށްވުރެ ގިނަދުވަސްވެއްޖެ. މެދުކެނޑުމެއްނެތި ވަރަށް އެދެވޭ ޚިދުމަތްތަކެއް މިރަށުގެ ކިޔަވާކުދިންނަށް އަދި މިއަތޮޅުގެ ކިޔަވާކުދިންނަށް ކުރަމުންގެންދާ މަދަރުސާއެއް އެއީ. އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މިރަށުގެ ރައްޔިތުންނަށް އުފަލާއެކު ސާބަސް ދަންނަވަން. އެއީ އެހާގިނަ ދުވަސްވަންދެން އެފަދަ މުހިންމު މަސައްކަތެއް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވައިފައިވާތީ. މިހާރު މޭނާ ސްކޫލް އެއީވެސް ސަރުކާރުގެ އެހީ ލިބޭ މަދަރުސާއެއް. ސަރުކާރުގެ ފަރާތުން ކޮންމެ މަހަކު ވަކިވަރަކަށް ފައިސާ އެ ސްކޫލަށް އެހީއެއްގެ ގޮތުގައިދޭ. ހަމައެފަދައިން، އެ ސްކޫލުގައި ސަރުކާރުގެ ފަރާތުން ފޮނުވައިފައި ހުރި އެސިސްޓެންޓް ހެޑްމާސްޓަރެއްވެސް މިހާރު އެބަ ހުންނެވި. އާދެ، މި ސަރުކާރުން ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކަކީ، މީގެކުރިން ތަޢުލީމު އޮތީ ހަމައެކަނި މާލޭގައި ސަރުކާރުން ކޮށްދޭ ޚިދުމަތަކަށްވެފައި. ސަރުކާރުގެ ސްކޫލްތައް ހުރީ ހަމައެކަނި މާލޭގައި. އޭގެ ފައިދާ ލިބެނީ ހަމައެކަނި މާލޭގެ ކިޔަވާ ކުދިންނަށް. މާލޭގެ ދަރިންނަށް. އޭގެއިތުރުން، ރާއްޖެތެރޭގެ މީހުންގެ ތެރެއިންވެސް މާލޭގައި ވަޒަންވެރިވެގެން ތިބެވޭފަދަ ތަނަވަސްކަން ހުރި މީސްމީހުންގެ ދަރިންނަށް. އެކަމަކު ތަޢުލީމަކީ އެއްވެސް ހާލެއްގައި ހަމައެކަނި މާލެއަށް ޚާއްޞަ ކުރެވިފައި އޮންނަންވީ އެއްޗެއް ނޫން. މާލެއަކީ ރާއްޖޭގެ ވެރިކަންކުރާ ރަށް. އެގޮތުން މާލެއަށް ޚާއްޞަ މަޤާމެއް ދިނުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، ތަޢުލީމް، ޞިއްޙަތު އަދި އެނޫނަސް އެބާވަތުގެ، މުޅި ޤައުމަށް ފެތުރެންޖެހޭ ޚިދުމަތްތައް، އެ ވާނެ ޤައުމުގެ ހުރިހާ ކަންކޮޅުތަކަކަށްވެސް އެކަށީގެންވާ ގޮތެއްގެ މަތިން ފެތުރެން. އަދި ޤައުމުގެ ހުރިހާ އަފްރާދުންނަށް އެއިން ފައިދާ ރައްދުވާނެ.
 
އާދެ، އެއީ ރާއްޖެތެރޭގައި ތަޢުލީމު ފެތުރުމަށް ސަރުކާރުން އެހާބޮޑަށް މަސައްކަތް ކުރަމުން މިގެންދާ ސަބަބަކީ. ހަމައެފަދައިން، އަޅުގަނޑުމެންގެ ތެރޭގައި ތަޢުލީމުގެ ފުރުޞަތު ލިބިފައިނުވާ ވަރަށްގިނަ އަދަދެއްގެ ބަޔަކު ތިބުމާއެކު، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ނަމުން ނަން ދެވިފައިވާ މަޝްރޫޢެއް، މިދިޔަ އަހަރު ފެށިގެން މިހާރު ހިނގަމުން އެބަދޭ. އެ މަޝްރޫޢުގެ ބޭނުމަކީ މީގެކުރިން އެއްވެސްކަހަލަ ތަޢުލީމެއް ލިބުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް، އެފުރުޞަތު އަލުން ތަނަވަސްކޮށްދިނުން. ބޮޑެތި މީހުންނަށް ކިޔަވައިދިނުން. އެންމެ ފުރަތަމަ ލިޔަންކިޔަން ދަސްކޮށްދިނުން. އެއީ ލިޔަންކިޔަންދަތުން އެއީ ތަޢުލީމުގެ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށްވާތީ. މިދެންނެވި މަޝްރޫޢުގެ ދަށުން ކިޔަވައިދެނީ ހަމައެކަނި ލިޔެކިޔުމުގެ ކަންތަކެއް ނޫން. އޭގެއިތުރުން ޤައުމުގެ ކޮންމެ ފަރުދަކަށްވެސް ވަރަށް ބޭނުންތެރި މަޢުލޫމާތުތަކެއް، އެމަޝްރޫޢުގައި ހިމެނިފައިވޭ. ދީނާބެހޭ މަޢުލޫމާތު، ޞިއްޙަތާބެހޭ މަޢުލޫމާތު، އަޅުގަނޑުމެންގެ ތިމާވެށްޓާބެހޭ މަޢުލޫމާތު. ހަމައެފަދައިން، ހިސާބާބެހޭ މަޢުލޫމާތު. މިހެންގޮސް އަޅުގަނޑުމެންނަކީ ދިވެހި ޤައުމުގެ އަފްރާދުން ކަމަށްވާތީ އަޅުގަނޑުމެންނަށް އެނގެން ބޭނުންވާ މަޢުލޫމާތު.
 
އާދެ، މި މަޢުލޫމާތުތަކުގެ މައްޗަށް އެކުލެވިގެންވާ ޕުރޮގުރާމެއް އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ކިޔަވައިދެމުން ގެންދަނީ. އެހެންވީމާ، އެއަށް ހުރިހާ ފަރާތްތަކަކުންވެސް ވަރަށް އެދޭވޭ ތަރުޙީބެއް ލިބުމަކީ ކޮންމެހެން ބޭނުންކަމެއް. އާދެ، އަޅުގަނޑު މިދެންނެވި މަޝްރޫޢަށް، އެއީ ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު، އެއީ ވަރަށްގިނަ ޢަދަދަކަށް ފައިސާ ޚަރަދުކުރެވޭނެ މަޝްރޫޢެއް. ކުރިން ކަނޑައެޅިފައި އޮތީ ތިންއަހަރު ދުވަހުގެ ތެރޭގައި އެމަޝްރޫޢު ނިންމުމަށް. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރިގޮތުން އަދި ޚާއްޞަކޮށް، މުވާޞަލާތުގެ ކަންތައްތައް ހުރިގޮތުން، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމަކަށްވާތީ، އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކޮށް ހެދުމުގެ އުނދަގޫތައް ހުރިގޮތުންނާއެކު، އަދި މަސައްކަތް ކުރަންތިބި މީހުންގެ ޢަދަދު މަދުކަމާއެކު، އެމަޝްރޫޢު ތިން އަހަރު ދުވަހުގެ ތެރޭގައި ނިމޭނެކަމަކަށް ލަފައެއްނުކުރެވޭ. ތިންއަހަރު ހަމަވިކަމުގައިވިޔަސް، އަދި ހަތަރު އަހަރު ހަމަވިކަމުގައިވިޔަސް، އަދި އެއަށްވުރެ ގިނަ މުއްދަތެއް އެމަޝްރޫޢުގައި ހޭދަވިކަމުގައިވިޔަސް، އެމަޝްރޫޢަކީ ހަމަ ކޮންމެހެން އެ ނިމެންދެން ކުރިއަށް ގެންދަންޖެހޭނެ މަޝްރޫޢެއް. އަދި އެ މަޝްރޫޢު އެހިސާބުން މުޅިން ނިމުނީ ކަމަށް ބަލައިގެންވެސް ނުވާނެކަމަށް އަޅުގަނޑަށް ފެންނަނީ. އެއީ އޭގައި ހިމެނެނީ ރާއްޖެތެރެ ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ބައެއް ކަންތައްތައް. އެއަށްވުރެ ގިނަ ކަންތައްތައް ކޮށްގެން ރާއްޖެތެރޭގެ ހާލަތު ރަނގަޅު ކުރެވޭނީ. ރާއްޖެތެރޭގެ ރައްޔިތުންގެ ދިރިއުޅުން މިހާރަށްވުރެ ކުރިއަށް ގެންދެވޭނީ. އެހެންވީމާ، މި މަޝްރޫޢު ނިމުމުގެ ފަހުންވެސް އެފަދަ އެތަކެއް މަޝްރޫޢުތަކެއް ރޭވިގެން، އެއަށް ވަރަށް ހިތްވަރާއެކު ޢަމަލުކޮށްގެން ނޫނީ ރާއްޖެތެރޭގެ ކަންތައްތައް އަޅުގަނޑުމެން އެދޭ ފެންވަރަކަށް ނުގެންދެވޭނެކަން ކަށަވަރު.
 
އާދެ، ކޮންމެ ޤައުމެއްގެވެސް އެންމެ މުހިންމު އެއްކަމަކީ، އެ ޤައުމެއްގެ އިޤުތިޞާދު. ޤައުމުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އިޤުތިޞާދީ ކުރިއެރުމުގެ މައްޗަށް. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖެވެސް އިޤުތިޞާދީ މައިދާނުގައި ވަރަށް ބޮޑަށް ކުރިއަށްގެންދަން ޖެހިފައިވޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ތަނެއް، ފަޤީރު ތަނެއް، ދުނިޔޭގެ އެހެން ޤައުމުތަކުގެ ނިސްބަތުގައި. އެހެންވުމާއެކު، އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތް އެއީ އެހެން ޤައުމުތަކުގެ އަފްރާދުން، އެހެން ޤައުމުތަކުގެ އަހުލުވެރިން ކުރަންޖެހޭ މަސައްކަތުގެ އެތައް ގުނައެއް އިތުރު މަސައްކަތެއް. އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން. އަދި މަސްވެރިކަން އެއީ ދިވެހިރާއްޖޭގެ އިޤުތިޞާދުގެވެސް އެންމެ ވަރުގަދަ ބިންގާ. އަދި ހޮޅުދޫގެ ރައްޔިތުންގެވެސް ދިރިއުޅުމަށްޓަކައި ކުރައްވާ މައިގަނޑު މަސައްކަތަކީ މަސްވެރިކަން.
 
އާދެ، އެގޮތުން މަސްވެރިކަމުގެ މުހިންމުކަމަށް މަސްވެރިކަން ކުރިއަށް ގެންދިޔުމުގެ ބޭނުންތެރިކަން އެއީ އަޅުގަނޑު އިތުރަށް މިރަށުގެ ރައްޔިތުންނަށް ދަންނަވަންޖެހޭނެ އެއްޗެއް ނޫން. އަޅުގަނޑުމެންގެ އިޤުތިޞާދުގެ އެންމެބޮޑު ބަޔަކީ މަސްވެރިކަން ކަމަށްވާތީ، އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުން އޮތީ މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި. މަސްވެރިކަން ކުރިއެރުވުމަށްޓަކައި ސަރުކާރުން އެތަކެއް މަޝްރޫޢުތަކެއް ހަމަޖައްސައިގެން، އެއަށް ޢަމަލުކުރަމުންދާކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެތެރެއިން އެއް މަޝްރޫޢެއް، ދޯނިފަހަރުގައި އިންޖީނު ބެހެއްޓުން. އާދެ، އެއަށް ޢަމަލުކުރެވެމުންދާތާ މިހާރު އެތަކެއް އަހަރުވެއްޖެ. މިހާރުވެސް ދޯނިފަހަރުގައި ދަނީ އިންޖީނު ބެހެއްޓެމުން. އަދި ކުރިއަށް އޮތް ތާނގައިވެސް ވަރަށްގިނަ އަދަދަކަށް އިންޖީނު ލިބޭގޮތަށް ވަނީ ހަމަޖެހިފައި. އެހެންވީމާ، ރާއްޖެތެރޭގެ މީހުންގެ ތެރެއިން އިންޖީނަށް އެދޭ މީހުންނަށް އިންޖީނު މުސްތަޤްބަލުގައި ލިބޭނެކަން ޔަޤީން.
 
އާދެ، މަސްވެރިކަން ކުރިއަށް ގެންދިޔުމުގައި އެޅިފައިވާ އެތަކެއް ހުރަސްތަކެއްވެސް އެބަހުރި. އެތަނުން އެންމެބޮޑު އެއް ހުރަހަކީ ތެލުގެ އަގުބޮޑުކަމާއި ތެޔޮ ލިބުން ދަތިކަން. ތެލުގެ އަގުބޮޑުކަމާ ދޭތެރޭގައި، ދިވެހި ސަރުކާރުން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ. އެގޮތް ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. އެއީ ތެލަކީ ދިވެހިރާއްޖޭގައި އުފައްދާ އެއްޗެއް ނޫން. ތެޔޮ އަޅުގަނޑުމެންނަށް ޖެހެނީ އެ އުފައްދާ ޤައުމުތަކުން އެތެރެކުރަން. ދުނިޔޭގެ މާރުކޭޓްތަކުގައި ނުވަތަ ދުނިޔޭގެ ބާޒާރުތަކުގައި ތެޔޮ ލިބެން ހުންނަ އަގަކަށް ތެޔޮ ގަނެގެން އަޅުގަނޑުމެން އެތެރެކުރަނީ. އަދި އެތެރެކޮށްފައި އެއްވެސް ފައިދާއެއްނެތި މަސްވެރިންނަށް އެ ތެޔޮ ގެންދަނީ ސަރުކާރުން ވިއްކަމުން. އެހެންވީމާ، ތެލުގެ އަގު އެއީ އެޔާ ދޭތެރޭގައި އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅެންއޮތް އެއްޗެއް ނޫން. އަޅުގަނޑުމެން އެކަންޏެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ މުއްސަނދި މާ ބާރުގަދަ ޤައުމުތަކަށްވެސް މި މައްސަލައިގައި އެއްވެސްކަހަލަ ޙައްލެއް އޮތީ އަދިވެސް ނުފެނިފައި. އަޅުގަނޑު މިދެންނެވީ މިސާލަކަށް، އެމެރިކާ، ޖަޕާނުފަދަ ބޮޑެތި މުއްސަނދި ޤައުމުތައް. އެމީހުންނަށްވެސް ތެލުގެ މައްސަލައިގައި، އަގުގެ މައްސަލައިގައި އެއްވެސް ކަމެއް ކުރެވިފައެއް ނެތް. އަދި ކުރެވޭކަށެއްވެސް ނެތް. އެއީ އެމީހުންވެސް ތެޔޮ ގަންނަނީ އެހެން ޤައުމުތަކަކުން ކަމަށްވާތީ.
 
އާދެ، ދެންއޮތީ ތެޔޮ ލިބުން ދަތިވުމުގެ މައްސަލަ. އެ މައްސަލައަކީ ސަރުކާރުން ޙައްލެއް ގެނެވިދާނެ މައްސަލައެއް ކަމަށް ފެންނާތީ، އެކަމާ ދޭތެރޭގައި ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ތާނގީ ބަހައްޓައިގެން، އެ ތާނގީތަކަށް މާލެއިން ތެޔޮ ފޮނުވައިގެން މަސްވެރިންނަށް ނުވަތަ ދޯނިފަހަރުގެ ވެރިންނަށް އެ ތެޔޮ ދޫކުރުމުގެ އިންތިޒާމު މިހާރުވަނީ ސަރުކާރުން ހަމަޖައްސައިފައި. އާދެ، މިއަތޮޅުގައިވެސް ދެރަށެއްގައި ތާނގީތައް މިހާރުވަނީ ބަހައްޓައި ނިމިފައި. އެއްރަށަކީ މިރަށް، ހޮޅުދޫ. އަނެއް ރަށަކީ ވެލިދޫ. މި ދެރަށުގައި މިހާރު ވަނީ ތާނގީތައް ބަހައްޓައި ނިމިފައި. މާލަސްތަކެއްނުވެ އެ ތާނގީތަކަށް ތެޔޮ ލިބުމުގެ އިންތިޒާމު ހަމަޖެހޭނެ. އެކަން ސަރުކާރުން ޙަވާލުކޮށްފައިވަނީ، "މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކަމްޕެނީ" މި ނަމުން ނަން ދެވިފައިވާ ކުންފުންޏަކަށް. އެއީ ސަރުކާރާއި ރައްޔިތުންނާ އެއްބައިވެގެން އުފައްދައިފައިވާ ކުންފުންޏެއް. އެ ކުންފުނީގެ ފަރާތުން މިހާރު ބައެއް އަތޮޅުތަކަށް ތެޔޮ ފޮނުއްވައިގެން މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މިހާރު ތެޔޮދަނީ ލިބެމުން. އަދި އެ ތާނގީތަކުން ދަނީ ދޯނިފަހަރުގެ ވެރިންނަށް ތެޔޮ ދޫކުރަމުން. މި އިންތިޒާމުވެސް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ މުޅި ރާއްޖެއަށް ފެތުރިގެންދާނެ. އަޅުގަނޑު ކުރިންވެސް ދެންނެވިހެން، އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ ގިނަކަމާއި އަދި އެ މަސައްކަތް ކުރަން ތިބި މީހުންގެ މަދުކަމާއި އަދި މުވާޞަލާތުގެ ދަތިކަމާއެކު އެއްފަހަރާ ހުރިހާ ތަނެއްގައި މަސައްކަތް އަދި ނުފެށި އޮތީ.
 
އާދެ، މިރަށުގެ ރައްޔިތުންނަކީ މަސްވެރި ބައެއް. އެއީ މިރަށުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތަކީ. އެހެންވީމާ، އެ މަސައްކަތްވެސް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަކީ މިރަށުގެ ރައްޔިތުންގެވެސް ވާޖިބަކަށް ނުވެއެއްނުދާނެ. ކޮންމެ ބަޔަކުވެސް އެ ބަޔަކު ދިރިއުޅެން އެކުރާ މަސައްކަތެއް ކުރިން ކުރަމުން އައި ގޮތަށްވުރެ މޮޅު ގޮތްތަކެއް ހޯދައިގެން، އެގޮތްތަކަށް ކުރެވޭތޯ ބަލަންވެއްޖެ. އެކުރާ މަސައްކަތަކުން ލިބޭ އާމްދަނީ އިތުރުކުރެވޭތޯ ބަލަންވެއްޖެ. އާދެ، އެއީ އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޤައުމުގެ ކުރިއެރުން ބިނާވެފައިވަނީ ޤައުމުގެ އިޤުތިޞާދުގެ ކުރިއެރުމުގެ މައްޗަށް ކަމަށްވާތީ، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރަންޖެހޭނީ. އަދި އަފްރާދުންގެ ގޮތުން ބެލި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީވެސް އެމީހަކަށް ލިބޭ އެއްޗަކުން، އެމީހަކު ކުރަންޖެހޭ ޚަރަދުތައް ކުރާ މީހެއް. އަޅުގަނޑުމެން ދުނިޔޭގައި ދިރިއުޅެމުންދާއިރު، ވަރަށްގިނަ ބޭނުންތައް ފުއްދަން ޖެހިފައި އޮންނާތީ، އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭން. ބޭނުންވޭ އަޅުގަނޑުމެންގެ ގެދޮރު ހަދަން. ބޭނުންވޭ އަޅުގަނޑުމެން ބަލިވެއްޖިއްޔާ ބޭސްކުރަން. އަދި މިނޫނަސް ވަރަށްގިނަ މުހިންމު ބޭނުންތަކެއް ފުއްދަން އަޅުގަނޑުމެން އޮންނަނީ އަބަދުވެސް ބޭނުންވެފައި. އެއިން ކޮންމެ ބޭނުމެއް ފުއްދޭނީވެސް އަތުގައި ތަނަވަސްކަމެއް ހުރެގެން. އަތްމަތީގައި ޚަރަދުކުރާނެ ފައިސާ ހުރެގެން. ފައިސާ ލިބޭނީ މަސައްކަތް ކޮށްގެން. ކޮންމެ އިންސާނަކުވެސް ދިރިއުޅެން ކުރާ މަސައްކަތަކުން، އެމީހާއަށް ފައިސާ ލިބޭނީ، އެމީހާއަށް އާމްދަނީ ލިބޭނީ.
 
ތަކެތީގެ އަގުދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އަޅުގަނޑުމެން އެއީ ރުހޭ ކަމެއް ކަމުގައިވިޔަސް، އަދި ނުރުހޭ ކަމެއް ކަމުގައިވިޔަސް، އެކަން ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް، އެކަމަކީ އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންގެ ބާރުގެ ދަށުން ނެއްޓިގެންދާ ކަމެއް. ދިވެހިރާއްޖެއަށް އެތެރެކުރާ ހުރިހާ އެއްޗަކީވެސް ބޭރު ޤައުމުތަކުގައި އުފައްދާ ތަކެތި. އެތަކެތި ލިބެން ހުންނަ އަގަށް އެއްވެސްކަހަލަ ބަދަލެއް އަތުވެއްޖިއްޔާ ރާއްޖޭގެ ބާޒާރުގައިވެސް އެތަކެތީގެ އަގަށް ބަދަލު އަންނާނެ. އެހެންވީމާ، އެ އެއްޗެތީގެ އަގު ކޮންޓްރޯލް ކުރުމަކީ ނުވަތަ ވަކި ހިސާބެއްގައި ހިފެހެއްޓުމަކީ އޭގެ ކުޅަދާނަކަން އަޅުގަނޑުމެންނަށް ލިބިފައިވާ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހެނީ އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރުކުރަން. މަސައްކަތް އިތުރުކޮށްގެން، ލިބޭ އެއްޗެއް އިތުރުކޮށްގެން އަޅުގަނޑުމެންނަށް ދެކޮޅުޖެއްސެން އަންނަނީ. އެހެންވީމާ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގައި އެންމެ ބޮޑަށް ބާރުއަޅާ އެއް ނުކުތާއަކީ، ދިވެހިން ކުރަމުންގެންދާ މަސައްކަތްތައް އިތުރުކޮށް، އެ މަސައްކަތްތަކުން އިތުރު އެއްޗެއް ހޯދޭތޯ ބަލަމުން ގެންދިޔުން.
 
އާދެ، އިތުރަށް މަސައްކަތް ކުރުމުން އޭގެ ފައިދާ ލިބެނީ ހަމަ އެކުރާ މީހަކަށް. މަސައްކަތް ކުރާ މީހަކަށް. އޭގެފަހުގައި އެމީހާގެ ޢާއިލާއަށް، އެމީހާގެ ރަށަށް، އެމީހާގެ ޤައުމަށް. އެހެންވީމާ، އިތުރަށް މަސައްކަތް ކުރުމުން، އެއީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ރަނގަޅަކަށްޓަކައި، އަޅުގނޑުމެންގެ އަމިއްލަ ހެވަށްޓަކައި އަޅުގަނޑުމެން ކުރާ ކަންތައް. ހަމައެކަނި މަސައްކަތް އިތުރުކުރަންވީކީ ނޫން. މަސައްކަތުގައި ގިނަވަގުތު ހޭދަކުރަންވީ. އަދި ފަރުވާތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދަންވީ. އެކުރާ މަސައްކަތަކީ ކޮންމެކަހަލަ މަސައްކަތެއް ކަމުގައިވިޔަސް އެންމެ ރަނގަޅު. ބައެއް ރަށްރަށުގައި ތަފާތު މަސައްކަތްތައް ކުރެވޭގޮތަށް ހުންނާނެ. މިރަށުގައިވެސް އަޅުގަނޑު ހިތުން އެހެން ބާވަތްބާވަތުގެ މަސައްކަތްތައްވެސް މިރަށުގެ އަހުލުވެރިން ކުރަމުން ގެންދާނެ، ޚާއްޞަކޮށް އަންހެނުން. އެހުރިހާ މަސައްކަތްތައް ކުރިއަރުވައި، އެ މަސައްކަތްތަކުން ލިބޭ އެއްޗެއް އިތުރުކުރަމުން ގެންދިޔުން އެއީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ދެކެންވާނެ.
 
ހަމައެފަދައިން، އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް، އަޅުގަނޑުމެންގެ މުސްތަޤްބަލް އެއީ އުފާވެރި މުސްތަޤްބަލަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާއިރު އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ގުޅުމާދޭތެރޭގައިވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ޚިޔާލުކުރަންޖެހޭނެ. އަޅުގަނޑުމެންނަކީ ކޮންބައެއްކަން ރަނގަޅަށް އަޅުގަނޑުމެން ދަންނަންވާނެ. އަޅުގަނޑުމެންނަކީ ދިވެހިން. އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނަކީ اللّـه سبحـانـه وتعـالى މުޅި އިންސާނިއްޔަތަށް ހަދިޔާ ކުރެއްވި އެންމެބޮޑު ނިޢުމަތް. އަޅުގަނޑުމެންނަކީ އެ ނިޢުމަތް ލިބިފައިވާ ބައެއް. اللّـه سبحـانـه وتعـالى އަންގަވަނީ، ހުރިހާ މުސްލިމުންނަކީ، ހުރިހާ މުއުމިނުންނަކީ އަޚުންތަކެކޭ. [إِنَّمَا الْمُؤْمِنُونَ إِخْوَةٌ.] [ހަމަކަށަވަރުން އެންމެހައި މުއުމިނުންނަކީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އަޚުންގެ މެދުގައި އާދެ، އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަ ކަހަލަ ގުޅުން. އެއީ އެކުވެރިކަމާއި، އެހީތެރިކަމާއި، އޯގާތެރިކަމާއި އަދި ލޯބީގެ ގުޅުން. ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚުންނަށް ހެޔޮއެދެންވާނެ. އެއީ އަޅުގަނޑު ދަންނަވާ އެއްޗެއް ނޫން. އެއީ ކީރިތި ރަސޫލާގެ ބަސްފުޅެއް. ރަސޫލާ ޙަދީޘްކުރައްވަނީ، [لا يُؤمنُ أَحَدُكُم حتّٰى يُحِبّ لِأخِيْه ما يحبُّ لِنفسه.[ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާނެއްނުވެޔޭ، އެމީހާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، ތިމާގެ އަޚާއަށްވެސް ހެޔޮއެދޭ ކަމުގައި ނުވަންޏާ.] އާދެ، އެ ވިދާޅުވަނީ، އެ އިރުޝާދު ދެއްވަނީ، އަންގަވަނީ، އެއްވެސް މުސްލިމަކު އެއީ ފުރިހަމަ މުއުމިނެއް ކަމުގައެއް ނުވާނެޔޭ، އެމީހާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އެހެން މީހުންނަށް ހެޔޮނޭދޭ ކަމަށްވަންޏާ. އެހެން މީހުންނަށްވެސް ހެޔޮއެދުމުންނޭ އަދި އެހެން މީހުންގެ ހެވަށްޓަކައި ތިމާ މަސައްކަތް ކުރުމުންނޭ، ތިމާ ފުރިހަމަ މުއުމިނަކަށްވަނީ. އަދި ވާނީ. އެއީ، އިސްލާމްދީނުގައި އަންގަވައިފައިވަނީ، އަދި اللّـه سبحـانـه وتعـالى ވަޙީކުރައްވައިފައިވޭ. [وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ.] [ތިޔަބައިމީހުން އަރައިރުންނުވާށޭ، ޚިލާފުނުވާށޭ، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިނުވާށޭ. އެހެންވެއްޖެނަމަ، ތިޔަބައިމީހުން ނާކާމިޔާބުވާހުއްޓޭ. ކުރާ އެއްވެސް މަސައްކަތެއްގެ ފައިދާއެއް ތިޔަބައިމީހުންނަކަށް ނުފެންނާނެޔޭ. އަދި ތިޔަބައިމީހުންގެ ބާރުވެސް ފިލައިގެން ހިނގައިދާނެޔޭ. ތިޔަބައިމީހުންނަކީ އެއްވެސް ބާރެއް، އެއްވެސް އާރެއް، އެއްވެސް ޢިއްޒަތެއް ނެތް ބައެއް ކަމުގައި ވެދާނެޔޭ.] ނިކަން ވިސްނަވައިބައްލަވާ، އިސްލާމީ އުންމަތް، އޭގެ އެންމެ ކުރީގެ ދުވަސްވަރުގައި، އެންމެ ފުރަތަމަ ޤަރުނުގެ ތެރޭގައި، ދެވަނަ ޤަރުނުގެ ތެރޭގައި، ތިންވަނަ ޤަރުނުގެ ތެރޭގައި ތިބިގޮތް، އެ އުންމަތް އޮތްގޮތް. އޭރު އިސްލާމީ އުންމަތް ވަނީ މުޅި ދުނިޔޭގައިވާ އުންމަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ، އެންމެ ޝަރަފްވެރި، އެންމެ މީހުން އިޙުތިރާމުކުރާ އުންމަތުގެ ގޮތުގައި. އެއީ އޭރު އެމީހުން ތިބީ އެކުވެރި ބައެއްގެ ގޮތުގައި. އިސްލާމްދީނުގައި އަންގަވައިފައިވާ އުސޫލުގެ މަތިން، އެމީހުން ޢަމަލުކުރަމުން ގެންދިޔައީ. އެހެންވީމާ، އެމީހުން ހުރިހާ ރޮނގެއްގައިވެސް ދިޔައީ ކާމިޔާބީއަކަށްފަހު ކާމިޔާބީއެއް ހާސިލު ކުރަމުން. އެންމެންގެ ކުރިމަތީގައި ވަރަށް ބާރުގަދަ ޢިއްޒަތްތެރި ބަޔަކަށް އެމީހުން އެދުވަހު ތިބީ ވެފައި.
 
މިއަދު މުސްލިމުންގެ ހާލު ވަރަށްވެސް ދެރަ. ތިޔަބޭފުޅުންވެސް އައްސަވާނެ، ރޭޑިއޯތަކުންވެސް އަދި ނޫސްތަކުންވެސް ވިދާޅުވާނެ، ދުނިޔޭގެ އެތަންމިތާނގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ. އިސްލާމީ ޤައުމުތަކުގެ މެދުގައިވެސް ހަމަޖެހުމެއް ނެތް. އެއްޤައުމު އަނެއް ޤައުމާ ހަނގުރާމަ ކުރަނީ. އެއް ޤައުމެއްގެ ތެރޭގައި ދިރިއުޅޭ މުސްލިމުންގެ މެދުގައިވެސް ބައެއް ތަންތާނގައި ހަމަޖެހުމެއްނެތް. އެކަން އެހެންވުމުގެ ސަބަބުން އެޤައުމުތަކުގެ މިނިވަންކަން ގެއްލި، ބޭރު ބައެއްގެ އަތްދަށަށް އެ ޤައުމުތައް ދަނީ، ނުވަތަ ބޭރު ޤައުމުތަކުގެ ނުފޫޒުގެ ދަށަށް ބައެއް އިސްލާމީ ޤައުމުތައް އެބަދޭ. މިހުރިހާ ކަމަކުން އަޅުގަނޑުމެން ތަޖުރިބާ ހޯދަންޖެހޭނެ. ޢިބްރަތް ހާސިލު ކުރަންޖެހޭނެ. އެ ޖަމާޢަތަކީ ކިތަންމެ ކުޑަ ޖަމާޢަތެއް ކަމުގައިވިޔަސް، އަދި ކިތަންމެ ބޮޑު ޖަމާޢަތެއް ކަމުގައިވިޔަސް، އެކަން އޮތީ އެހެން. އެ ޙަޤީޤަތަކަށް އެއްވެސް ބަދަލެއް ނާންނާނެ. މިދެންނެވި ޙަޤީޤަތަކީ ކިތަންމެ ކުޑަ ޖަމާޢަތެއްގެ އަފްރާދުން ނަމަވެސް، އެއީ އެކުވެރި ބަޔަކަށް ވެއްޖިއްޔާ، އެމީހުން ކުރާ މަސައްކަތްތަކުގެ ފައިދާ ފެންނާނެ. އެމީހުން ދާނީ އެއްދުވަހުން އަނެއް ދުވަހަށް ކުރިއަށް. އެ ޖަމާޢަތަކީ ކިތަންމެ ބޮޑު ޖަމާޢަތެއް ކަމުގައިވިޔަސް، އެ ޖަމާޢަތުގެ މީހުންގެ މެދުގައި ޚިލާފު އުފެދިފައިވާނަމަ، ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެދިފައިވާނަމަ، އެއްވެސް ހަމަޖެހުމެއް ނެތްނަމަ، އެމީހުން ކިތަންމެ ބޮޑެތި މަސައްކަތްތަކެއް ކުރި ކަމުގައިވިޔަސް، އެމީހުން އެއްދުވަހުން އަނެއް ދުވަހަށް ދާނީ ކުރިއަކަށް ނޫން. އެއްދުވަހުން އަނެއް ދުވަހަށް ދާނީ ފަހަތަށް.
 
އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ރާއްޖޭގެ މީސްތަކުންގެ އަދަދުވެސް މަދު. ރާއްޖޭގެ މުސްތަޤްބަލުގައިވެސް އެކުވެރިކަމާއި އެއްބާރުލުން އެއީ ޤައުމު ކުރިޔަށް ދިޔުމުގެ އެންމެބޮޑު ސިއްރު. އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައް. އަދި އެކިއެކި ރަށްރަށުގެ ނިސްބަތުގައިވެސް، މިސާލަކަށް، ހޮޅުދޫ. ހޮޅުދޫއަކީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން ރަށެއް. ފުދޭވަރަކަށް މީހުން އުޅޭ ރަށެއް. ގާތްގަނޑަކަށް ތޭރަސަތޭކަ މީހުން މިރަށުގައި އެބައުޅޭ. މިރަށުގެ ނިސްބަތުގައިވެސް ރަށް ކުރިއެރުވުމަށް އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރަށުގެ ރައްޔިތުން އެކަތިގަނޑަކަށްވުން. ރައްޔިތުންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތުން. އަޅުގަނޑުމެންގެ މެދުގައި ހަމަނުޖެހުމެއް އުފެދެންވީ އެއްވެސް ސަބަބެއް ނެތް. އެއީ އަޅުގަނޑުމެންނަކީ އެއް ދީނެއްގެ އަހުލުވެރިން. އެއް ޤައުމެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަ ދައްކާ ބައެއް. ދުނިޔޭގެ ބައެއް އެހެން ތަންތާނގައި އަޅުގަނޑު ކުރިންވެސް ދެންނެވި ކަހަލަ ޚިލާފުތައް އުފެދިފައި ވަނީ މިދެންނެވި ކަހަލަ ސަބަބުތައް ހުރެގެން. އެއީ ތަފާތު އަސްލުތަކަކުން އުފެދިފައިވާ ބަޔަކަށްވެދާނެ. ތަފާތު ބަސްބަހުން ވާހަކަ ދައްކާ ބަޔަކަށްވެދާނެ. ތަފާތު ދީންތަކެއްގެ އަހުލުވެރިން ކަމުގައި ވެދާނެ. މިކަހަލަ ސަބަބުތައް ހުރެގެން އެހެން ތަންތާނގައި ފިތުނަވެރިކަން އުފެދެނީ، ހަމަނުޖެހުން އުފެދެނީ. އެކަމަކު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި اللّـه سبحـانـه وتعـالىގެ ހެޔޮ މިންވަރުފުޅުން އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުމެއް ދެކޮޅުވެރިކަމެއް އުފެދެންވީ އެއްވެސް ސަބަބެއްނެތް. އެހެންވީމާ، މިނުކުތާއަށް އަޅުގަނޑުމެން ސަމާލުކަން ދޭންވާނެ. އަޅުގަނޑު އެހެން މިދަންނަވަނީ، އަޅުގަނޑުމެންގެ ތަންދޮރު ނުފިލާކަމުން ބައެއްފަހަރަށް ކިތަންމެ ކުޑަ ޖަމާޢަތެއްގެ ތެރޭގައި ނަމަވެސް، ދެކޮޅުވެރިކަން އުފެދިފައި ހުންނާތީ. އެއްބަޔަކު އަނެއް ބައެއްގެ ޙައްޤުތަކަށް އަރައިގަނެ، އެއްބަޔަކު އަނެއް ބައެއްގެ މުދާތަކަށް ގެއްލުންދީ، މިކަހަލަ ކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައި ވަމުންދޭ. އެކަހަލަ ކަންތައްތައް އެއްގޮތަކަށްވެސް ވެގެން ނުވާނެޔޭ، އަޅުގަނޑު މިދަންނަވަނީ. އެހެންވާންވީ ސަބަބެއް ނެތޭ. ކޮންމެ މީހަކުވެސް ތިމާގެ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާނަމަ، ނުވަތަ ތިމާގެ އަމިއްލަ ހެވަށް އެދޭ ފަދައިން، އެހެން މީހުންގެ ހެވަށް އެދޭ ކަމުގައިވާނަމަ، އެކަހަލަ އެއްވެސް ހަމަނުޖެހުމެއް އުފެދެންވީ ސަބަބެއް ނޯންނާނެ.
 
އާދެ، އެހެންވީމާ، އަޅުގަނޑު މިދެންނެވި ވާހަކައިގެ މައްޗަށް ހޮޅުދޫގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނެވުން އެދެން. އަދި ވިސްނަވައިގެން އެގޮތަށް ޢަމަލުކުރަމުން ގެންދަވާ ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ، ވަރަށް އަވަހަށް ހޮޅުދޫވެސް ދާނީ ކުރިއަށޭ. އަދި ރައްޔިތުންގެ ތަނަވަސްކަމާއި، ތިޔާގިކަމާއި، އުފާވެރިކަންވެސް ދާނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނޭ.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީވެސް މިރަށުގެ ވެރިންނާއި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން. އެއީ އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މިރޭ މި ޖަލްސާއަށް ހާޒިރުވިކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. އަދި ހޮޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންނާ މުޚާޠަބު ކުރުމުގެ ފުރުޞަތު ލިބުނު ކަމަށްޓަކައިވެސް ވަރަށް ބޮޑަށް އުފާކޮށްފިން. އަދި ޚާއްޞަކޮށް، ތަޢުލީމުގެ ކަންތައް މިރަށުގައި ކުރިއަރައިފައިވާތީ. އަދި ތަޢުލީމު ހާސިލުކުރާ ކުދިންގެ އަދަދުވެސް އެހާ ގިނަކަމުން، އެކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް އުފާކޮށްފިން.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮމަގު ދެއްކެވުން. އެކަލާނގެ ރުއްސަވާވޮޑިގެންވާ މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން. އަދި އަޅުގަނޑުމެންނަށް ކެތްތެރިކަމާއި ހެޔޮވިސްނުން ދެއްވުން.
 

            والسّلام عليــكم ورحـمــة اللّـه وبـركاتـه.