بســم اللّـه الرّحمـن الرّحيــم
 
         اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وَعلـى آلـه وأصـحابه أجمـعـين.
 
އާދެ، މިރެޔަކީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަށް ލިބޭ ވަރަށް އުފާވެރި ރެއެކޭ. މިރޭގެ އުފާވެރިކަން އެތައް ގުނަޔަކަށް އިތުރުވެގެން ގޮސްފައިވާ ސަބަބުތައް އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާލެވޭތޯ ބަލާނަން.
 
އެއްކަމަކީ މިރެޔަކީ، ފިޠުރުޢީދުވިލޭރޭ ކަމަށްވާތީ، މާދަމަޔަކީ، ފިޠުރުޢީދު ދުވަސް ކަމަށްވާތީ ލިބޭ އުފާ. ދެވަނަޔަށް އަޅުގަނޑު އުފާވަނީ، ރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ މި އުފާވެރި ޙަފްލާ ޝަރަފުވެރިކުރުމަށްޓަކައި، އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އަޅުގަނޑަށް ލިބޭ ޚާއްޞަ އުފާ. އަޅުގަނޑު ދަންނަވާނީ މިކަހަލަ މަޤާމެއްގައި އަދި މިކަހަލަ ޙަފްލާއެއްގައި އަދި މިހާތަނަށް އަޅުގަނޑު ވާހަކަ ދައްކާފައެއް ނުވާނެ. އާދެ، މިކަހަލަ އަގުބޮޑު އިނާމުތަކެއް ލިބިގެންދިޔަ ޙަފްލާއެއްގައިވެސް އަދި މިހާތަނަށް ވާހަކަ ދައްކާފައެއް ނުވާނެ. އެހެންވީމާ، އެގޮތުން ބަލާއިރު އަޅުގަނޑު ދަންނަވާނީ ވަރަށް އުފާވެރި ރެއެކޭ. އަޅުގަނޑުގެ ޙަޔާތުގައިވެސް ވަރަށް އުފާވެރި ރެއެކޭ.
 
އަޅުގަނޑާ ދޭތެރޭގައި ކުރިން މެނެޖިންގ ޑިރެކްޓަރާއި އަދި ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ މި ނޭވާގައި މާދަމަޔަކީ، ފިޠުރުޢީދު ދުވަސް ކަމަށްވާތީ، ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަދި އަޅުގަނޑުމެންގެ ލޮބުވެތި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ނަމުގައި، އަޅުގަނޑުގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.
 
އާދެ، ހަމައެގޮތަށް، ކަންދިމާކުރި ގޮތުން އަދި އެއްވަނަޔަށް، ދެވަނަޔަށް އަންނަނީ ކޮންބޭފުޅުންނެއް ކަމެއް ނޭނގެ. އެހެންނަމަވެސް، ޖުމްލަ ގޮތެއްގައި އެކެއް، ދޭއް، ތިނަކަށް ހޮވިފައި މިތިބަ ބޭފުޅުންނަށް އަޅުގަނޑުގެ ނަމުގައި އަދި ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. އަޅުގަނޑު ގަބޫލުކުރާހިތްއޮތީ، ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ނަތީޖާ ފާޅުވެގެން، އެންމެ އަލިގަދަ ތަރިޔަކީ ކޮންބޭފުޅެއްކަން އެނގިގެންދާނެ.
 
އާދެ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑަކީވެސް ކޮންމެވެސްވަރަކަށް ޤުރްއާން ކިޔެވުމުގެ ފަންނުގައި ކުޑައިރު އުޅުނު މީހެކޭ. އޭރު އަޅުގަނޑު އުޅުނީ އިނގިރޭސިބަހުން ކިޔަވައިދޭ ސްކޫލެއްގައި. އަޅުގަނޑާއެކީ އުޅުނު ފާޠިމަތު ރަޝީދާ، މިތާ އަޅުގަނޑުގެ ކުރިމަތީގައި އެބަ އިންނެވި. މި މުބާރާތުގެ ޖަޖް. އަޅުގަނޑާ އެކީގައި، އަޅުގަނޑުގެ ކްލާހުގައި އެކީގައި ކިޔެވި ބޭފުޅެއް. އޭރު އަޅުގަނޑުމެން ތިބިގޮތާއި ސިފަޔާވެސް ތަފާތުވާނެ މިހާރު ތިބިގޮތް. އޭރު އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަގޮތްވެސް ތަފާތުވާނެ މިހާރާ. އެހެންވީމާ، ޚާއްޞަކޮށް، ފާޠިމަތު ރަޝީދާ މިރޭ ޖަޖްކަން ކުރައްވާ ޙަފްލާއެއްގައި އަޅުގަނޑަށް މި ވާހަކަ ދައްކަން ޖެހުނީމަ، އަޅުގަނޑު ހިތަށްއަރަނީ އަޅުގަނޑުމެންގެ އޭރުގެ ހަނދާންތައް ވަރަށްބޮޑަށް އާވެޔޭ. އަޅުގަނޑުމެން ޤާރީ ޔޫނުސް ކްލާހުގައި ތިބެގެން، ޤާރީ ޔޫނުސްގެ އަޑުދަށުން އެ ކިޔަވަންޖެހޭ ކިޔެވުން، ޚާއްޞަކޮށް، އަޅުގަނޑަކީ އެހެން ފީލްޑަކުން ކިޔަވާ މީހަކަށްވާތީ، ބައެއްފަހަރު ތަކުލީފުތަކާވެސް ކުރިމަތިވާނެ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ، މިހުރިހާ ބޭފުޅުންނާ އެއްކޮށް ކޮމްޕީޓްކޮށްގެން، ވާދަކޮށްގެން އަޅުގަނޑުވެސް އެއްވަނަ ދަރަޖައިގެ ސެޓްފިކެޓް ލިބުނު.
 
އާދެ، އަޅުގަނޑަކީ ވަރަށް ޤުރްއާނަށް ލޯބިކުރާ މީހެއް. އަޅުގަނޑު ރާއްޖެއިން ބޭރަށް ގޮސްފި ކަމަށްވަންޏާ، ޤުރްއާނާބެހޭ ވަރަށްގިނަ ފޮތްތައް ހޯދަން. އަދި ޤުރްއާނާބެހޭ ސީޑީތައް ހޯދަމުން ގެންދަން. މިހާރު އަޅުގަނޑަށް ކުރެވޭ ކަމަކީ، ހަމައެކަނި އެ ސީޑީތައް އަޑުއެހުން. އެއަށްވުރެ ބޮޑު ފުރުޞަތެއް އަޅުގަނޑަކަށް ނުލިބޭ. އަޅުގަނޑާއެކީ ޤާރީ ކްލާހުގައި އުޅުއްވި އަޅުގަނޑުމެންގެ ޤާރީ އެމް.ޕީ ރަޝީދު އަޅުގަނޑަށް އިތުރު ކްލާހެއް ނަންގަވައި ދެއްވަން ދާދިފަހުން ދެންނެވިން، އަޅުގަނޑުމެން ރޭގަނޑު ބައްދަލުކޮށްފައި، އެކަން ކުރެވިދާނެތޯ. ވިދާޅުވީ ވަރަށް އުފަލާއެކީ އެކަން ކޮށްދެއްވާނަމޭ ވިދާޅުވެފައި އޮތީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު ގަސްދުކުރަން، އަދި މި މަޤާމުން ދުރުވުމަށްފަހު ރީތިކޮށް ޤުރްއާން ކިޔެވުމުގެ ޢަމަލީ މަސައްކަތް ފަށްޓާނަމޭ. އަޅުގަނޑަށް ހީވަނީ ޤުރްއާން ކިޔެވުމަކީ ވަކި ޢުމުރަކަށް، ވަކިއިރަކަށް އޮތް ކަމެއް ނޫނޭ. ދިވެހި ހުރިހާ ރައްޔިތުންވެސް ކުރަންޖެހޭ ކަމެކޭ.
 
އަޅުގަނޑު ހަމަ މި ނޭވާގައި ދަންނަވާލަން، ރާއްޖޭގައި ދިވެހި ސަރުކާރުން ޤުރްއާނުގެ ފަންނު ކުރިއެރުވުމަށްޓަކައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދޭ. އަޅުގަނޑުމެންގެ ފުރަތަމަ ޤާރީ ޔޫނުސް އައި އިރުއްސުރެ ފެށިގެން ޤުރްއާނުގެ އެކިއެކި މަރްޙަލާތައް ނުވަތަ ޤުރްއާން އިންސްޓިޓިއުޝަނަލައިޒް ކުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވަނީ. އޭރު ޤުރްއާނާބެހޭ މަރުކަޒެއް ނުހުރޭ. އޭރު ހުންނަނީ މަޢުހަދު ކިޔާ ތަނެއް. އެތަނުގައި ވަކި ޚާއްޞަ ކްލާސްތަކެއް އޭރު އޮންނަނީވެސް. މިހާރު ސީދާ ޤުރްއާނާބެހޭ މަރުކަޒެއް އިސްލާމިކް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިނގަމުން އެދަނީ. އަޅުގަނޑަށް ޚަބަރު ލިބިފައި އޮތް ގޮތުން، މިހާރު ފައްސަތޭކަވަރަކަށް ދަރިވަރުން އެތަނުން ކިޔަވަމުން އެބަގެންދޭ. މިއިން ކޮންމެ ދަރިވަރަކީ ކިޔަވައި ނިމުމަށްފަހު މުޖުތަމަޢަށް ޚިދުމަތްކޮށްދޭނެ ފަރާތްތައް. ސަރުކާރުން ވަރަށްގިނަ ހޭދަތަކެއް އެބަ ކުރައްވާ. ހަމައެގޮތަށް އަދި އަމިއްލަ ފަރާތްތަކުންވެސް އެކިއެކި ޤުރްއާން ކްލާސްތައް ފޯރުކޮށްދޭ. މިއިން ދައްކައިދެނީ ދިވެހި ރައްޔިތުންނަކީ ޤުރްއާނަށް ލޯބިކުރާ ބައެއްކަން.
 
އާދެ، ދެންމެ އަޑުއިވިގެން ހިނގައްޖެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު މި ފަންނު ދިރުވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ބައެއް ކަންތައްތައް. އޭގެތެރެއިން އެއްކަމަކީ މިއަހަރު ބާއްވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް. އަނެއްކަމަކީ އަލިގަދަ ތަރި ޖޫނިއަރ ޕްރޮގްރާމް ބޭއްވުން. މިއިން ދައްކައިދެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ޤަދަރާއި ލޯބި. މިކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، މިރެޔަކީ މާގިނަ ވާހަކަތަކެއް ދައްކަންވީ ރެއެއް ނޫންކަންނޭނގެ. ވަރަށްގިނަ ބޭފުޅުން މިހާރު އިންތިޒާރު ކުރައްވާނީ، ކޮންބޭފުޅެއްތޯ އެއްވަނައަށް، އެންމެ އަލިގަދަ ތަރިޔަކަށްވާނީ. އެހެންނަމަވެސް، އަޅުގަނޑު އަދިވެސް ދެތިން އެއްޗެއް ދަންނަވާލަން ބޭނުން.
 
އާދެ، އަޅުގަނޑުމެން ހުރިހާ ދިވެހިންނަކީވެސް ޤުރްއާނަށް ލޯބިކުރާ ބަޔަކަށްވާއިރު، އަޅުގަނޑުމެން ދަރިން ސްކޫލް ނިންމާއިރު ބައެއްފަހަރަށް އެބަ ފެނޭ، ބަލައިގެން ރީއްޗަށް ކިޔަވަން ނޭނގޭތަން. ނޫނީ އެކަހަލަ ކަންތައްތަކެއް ދިމާވެގެން އަޅުގަނޑާވެސް ބައްދަލުކުރި. އަދި ބައެއްކަހަލަ ސޫރަތްތައް، ޢަންމާފޮތުން ފެށިގެންވެސް ބައެއް ސޫރަތްތައް އަޞްލު ހިތުން ކިޔަން ނޭނގުނީމަ، ބައެއްފަހަރަށް ނަމާދުކުރަންވެސް ދަތިވާ ވާހަކަ. އަޅުގަނޑު ހުރިހާ ބެލެނިވެރިންނަށް، އޭގެތެރޭގައި އަޅުގަނޑުވެސް ހިމެނޭގޮތަށް ދަންނަވައި އިލްތިމާސް ކުރަނީ، އަޅުގަނޑުމެން ހުރިހާ އެންމެން މަސައްކަތްކޮށްގެން، އަޅުގަނޑުމެން ދަރިން ސްކޫލް ނިމޭއިރު ބަލަމާ ހިނގާށޭ، ހުރިހާ ކުދިންނަކީވެސް ކުށެއް ނުޖެހި ރީތިކޮށް ބަލައިގެން ކިޔަވާ ބަޔަކަށް ހަދަން. ދެވަނަޔަށް ޢަންމަ، މިފޮތުން ހުރިހާ އާޔަތްތައް ހިތުން ދަސްކޮށްގެން ތިބި ކުދިންތަކަކަށްވޭތޯ ބަލަމާ ހިނގާށޭ. އޭރުންނޭ އަޅުގަނޑުމެންގެ މިކުދިން ޤުރްއާންދެކެ ލޯބިވެ، އަދި މި ފަންނު ދިރުވުމުގެ މަސައްކަތް ކުރެވޭނީވެސް.
 
 އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑު ވަރަށް ސާބަސް ދަންނަވަން، ޕީ.އެސް.އެމް.އިން މިކުރައްވާ މަސައްކަތަށް. ދާދި ދެންމެއަކުވެސް ފެނިގެން ހިނގައްޖެ، ޕީ.އެސް.އެމް.އިން ކުރައްވާ މިންނެތް މަސައްކަތް. ކޮންމެ އަހަރަކުން އަހަރަކަށް މި މުބާރާތަށް އިތުރު މުއްސަނދިކަމެއް ގެނެސްދީފި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން މިއަހަރު މި މުބާރާތުގެ ބައިވެރިންނަށް އިތުރު ކަންތައްތަކެއް ޙަވާލުކުރި. އިތުރު އިމްތިޙާންތަކެއް. އޭގެތެރޭގައި، ރީތިކޮށް ބަންގި ގޮވަންވެސް ޖެހުނު. އަނެއްކަމަކީ ބައެއް ތަފްސީރު، ޤުރްއާން ތަފްސީރު ވަގުތުން އެ ތަފްސީރު ކިޔަން، އެ އޮންނަ ހުނަރުތަކާ އެކީގައި ކިޔަންޖެހުން. އެހެންވީމާ، މިގޮތަށް ވަރަށްގިނަ ކަންތައްތަކެއް ތަޢާރުފް ކުރައްވާފައި އެބަހުރި. އެހެންވީމާ، މިއަންނަ އަހަރުވެސް އިތުރު ކަންތައްތަކެއް ތަޢާރުފް ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި މި ބައިވެރިންނަށް އިތުރު ފުރްޞަތު ހޯއްދަވައިދެއްވުމަށްޓަކައި ދެންމެ އިންޓަރނޭޝަނަލް މުބާރާތް ބާއްވަން އެ ހަމަޖެއްސީ. މިހުރިހާ ކަމަކީވެސް އަޅުގަނޑު ދަންނަވާނީ، ޤުރްއާން ފަންނު ދިރުވުމަށްޓަކައި ޕީ.އެސް.އެމް. އިން ކުރައްވާ މިންނެތް މަސައްކަތް. އެހެންވީމާ، މި މަސައްކަތް ކުރައްވާތީ، ޕީ.އެސް.އެމް.ގެ ޗެއަރމަން މަނިކަށާއި، ޕީ.އެސް.އެމް.ގެ މެނެޖިންގ ޑިރެކްޓަރ ޚަލީލަށް އަދި ޑެޕިއުޓީ މެނެޖިންގ ޑިރެކްޓަރ އިކުރާމަށް އަދި ބޯޑުގެ ހުރިހާ މެންބަރުންނަށް، ޕީ.އެސް.އެމް.ގެ ހީވާގި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދަންނަވާނީ، މިގޮތަށް ޕީ.އެސް.އެމް. އިން ޙަރަކާތްތައް ބަހައްޓަވާ ކަމަށްވަންޏާ، އަޅުގަނޑުމެން ދިވެހިންނަކީ، ޤުރްއާނަށް ލޯބި ބަހައްޓާ ބަޔަކަށްވާނެކަމާމެދު ޝައްކެއްނެތޭ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން އެންމެ ގިނައިން ކިޔާ ފޮތަކަށް ޤުރްއާން ނުވަތަ ޚަތިމް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެ ލޯބިވާ ފޮތަކީ ޤުރްއާން ނުވަތަ ޚަތިމް ކަމަށް ހަދަމާ ހިނގާށޭ. އަޅުގަނޑުމެން އެންމެ ގިނައިން ޢިބްރަތް ލިބިގަންނަ ފޮތަކީ ޚަތިމް ކަމުގައި ބަލަމާ ހިނގާށޭ. އަޅުގަނޑު ކުޑަކޮށް މިސާލެއް ދަންނަވާލަފާނަން. ބައެއްފަހަރަށް ބައެއް މީހުން މާޔޫސްވީމަ ކަންތައްތައް ކުރާގޮތް. ބައެއް މީހުން ގޮސް މާޔޫސްވީމަ ފާރުގައި ނިތްކުރިޖަހައި ނިތްކުރިވެސް ފަޅާލާ، އެކަހަލަ ކަންތައްތައްވެސް ކުރޭ. މިއީކީ ރަނގަޅު ގޮތެއްނޫން. އިސްލާމްދީނުގައި އެބައޮތޭ ފަރުވާ. އަޅުގަނޑު ގައިމުވެސް އަޅުގަނޑު ކުޑައިރު ބައެއްކަހަލަ ކަންތައްތައް ދިމާވީމަ، އަޅުގަނޑު ކުރާކަމަކީ މިސްކިތަށް އަރައި ޤުރްއާން ކިޔަވަނީ. އަޅުގަނޑަށް ހަމަ އޭގެ ޝިފާވެސް ފެނިފައި އެބަހުރި.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ކަންތައްތައް ދިމާވީމަ ގޮތް ހުސްނުވާށޭ. ﷲ އަންގަވާފައި އެބައޮތޭ އެކަން ކުރަންވާގޮތް. އަޅުގަނޑު ތިޔަބޭފުޅުންނަށް ކުރާ އިލްތިމާސަކީ، ކަމެއް ދިމާވެއްޖެނަމަ، އެއްކަމަކީ މިސްކިތަށް އަރައި ހަމަ ރީތިކޮށް ޤުރްއާން ކިޔެވުން. ނުވަތަ ގޭގައިވެސް ޤުރްއާން ކިޔެވިދާނެ. މިއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ކުރާ އިލްތިމާސަކީ. އަޅުގަނޑު މިއީ އެކަން ޢަމަލީގޮތުން ތަޖުރިބާ ކޮށްފައި ހުރި ކަމަކަށްވާތީވެސްމެ. ދެން މިހާރު ތަންކޮޅެއް އުނދަގޫވާނެކަންނޭނގެ، އަޅުގަނޑު އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ މިސްކިތަށް އަރައި ޤުރްއާން ކިޔަވަން. މިހާރު އަޅުގަނޑު ޤުރްއާން ކިޔަވަނީ ގޭގައި. އަޅުގަނޑު އެކަނި އިނދެގެން ޤުރްއާން ކިޔަވަނީ.
 
 އެހެންވީމާ، އަޅުގަނޑު ހީކުރަން، ތިޔަ ހުރިހާ ބޭފުޅުންވެސް އަޅުގަނޑު މިދެންނެވި ވާހަކަ ގަބޫލުފުޅު ކުރައްވާނެ ކަމަށް. އަދި ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެދެނީ ޕީ.އެސް.އެމް. އިން ކުރައްވާ މަސައްކަތް އިތުރަށް ހަރުދަނާވެ، އިތުރަށް މުއްސަނދިވެ، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤުރްއާން ކުރިއެރުވުމަށްޓަކައި، އެ ކުރައްވާ މަސައްކަތްޕުޅުގައި މާތްﷲ ބަރަކާތް ލެއްވުން. އަދި ދިވެހި ހުރިހާ އަޚުންނާއި އުޚުތުންނަކީ ރީތިކޮށް ޤުރްއާން ކިޔަވަން ދަންނަ، ޤުރްއާންދެކެ ލޯބިވާ ބައެއް ކަމުގައި ލެއްވުން.
 

               والســّلام عليــكم ورحـمــةاللّـه وبـركاتـه.