بســم اللّـه الرّحمـن الرّحيــم
 
         اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف الأنبياءوالمرسلين، وَعلـى آلـه وأصـحابه أجمـعـين.
 
އާދެ، އަޅުގަނޑުގެ ކެބިނެޓް ކޮލީގްސް. ވަރަށްގިނަ ބޭފުޅުން މިތަނަށް ވަޑައިގެން އެބަ ތިއްބެވި. ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއަރމަން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ސީ.އީ.އޯ އަދި ނޭޝަނަލް ޑްރަގް ކައުންސިލްގެ އެހެން މެންބަރުން، އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ހީވާގި މުވައްޒަފުން، އަދި މި ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ފަރާތްތައް އަދި ނޭޝަނަލް ޑްރަގް އޭޖެންސީއަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ ރާއްޖޭގެ ފަރާތްތަކާއި، އަދި ރާއްޖޭގެ ބޭރު ފަރާތްތައް. އަދި ހަމަ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.
 
السّلام عليــكم ورحـمــة اللّـه وبـركاتـه،
 
އަޅުގަނޑު ހިތަށްއަރާ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ ޗެއަރމަންގެ ވާހަކަފުޅަށްފަހު އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ސީ.އީ.އޯ.ގެ ވާހަކަފުޅަށްފަހު ދެން އަޅުގަނޑު ދަންނަވާނީ ކީކޭބާވައޭ؟ އަޅުގަނޑު ތައްޔާރުކުރި ހުރިހާ ވާހަކައެއް އެބޭފުޅުން ވިދާޅުވެއްޖެ. އެހެންވީމާ، السّلام عليــكم ކިޔާފައި ފައިބަންވީ. އަޅުގަނޑަށް ލިބިފައިހުރި މަޢުލޫމާތުތައް އެހުރިހާ ބޭފުޅުން ވިދާޅުވެދެއްވައިފި. އަދި ޕްރެޒެންޓޭޝަނުންވެސް ވަރަށްގިނަ މަޢުލޫމާތު ލިބިއްޖެ.
 
އަޅުގަނޑު ދަންނަވާނީ ވަރަށް ކުރުކޮށް. މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީ ވަނީ ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ހޯއްދަވައިދެއްވާފައި. އެއީކީ އެންމެ ބަހަކުން ނުވަތަ އެންމެ އަކުރަކުން ލިޔެވޭނެ އެއްޗެއް ނޫން. އެހެންވީމާ، އެކަން އަޅުގަނޑު ފާހަގަކޮށް، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑަށާއި، ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑު މެންބަރުންނަށާއި، ހީވާގި މުވައްޒަފުންނަށް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
އާދެ، މިވީ ހަތަރުވަރަކަށް އަހަރުދުވަހުގެ ތެރޭގައި އެތަނުން ވަނީ، މިހާރު ރާއްޖޭގެ އެކި ފަސް ސަރަޙައްދެއްގައި ޚިދުމަތްދޭ ތަންތަން ހުޅުވާފައި. އެތަނުން ކުރެވެމުންދިޔަ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުގެ ކުރިންވަނީ ހާމަކޮށްދެއްވާފައި. ވަރަށްގިނަ ޚިދުމަތްތަކެއް އެތަނުން ފޯރުކޮށްދޭ. އަޅުގަނޑަށް ޚަބަރު ލިބިފައި އޮތް ގޮތުގައި، ކޮންމެ އަހަރަކު ގާތްގަނޑަކަށް ނުވަސަތޭކައެއްހާ ބޭފުޅުންނަށް އެތަނުން ޚިދުމަތް ދެއްވާ ކަމަށްވަނީ. އަދި އިތުރަށް ގާތްގަނޑަކަށް ފައްސަތޭކައެއްހާ މީހުން މިހާރުވެސް އެތާނގެ ޚިދުމަތުގައި އެބަތިބި.
 
މިއީކީ ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން މި ދައްކަނީ، ހަނގުރާމައެއްކުރާ ވާހަކަ. އަދި އެ ހަނގުރާމައިގައި ޝިކާރަވެފައި ތިބި ބައެއްގެ ވާހަކަ. އެހެންވީމާ، އެ ހަނގުރާމައިން ސަލާމަތް ކުރުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީން އެ ކޮށްދެއްވާ ކަންކަން އަޅުގަނޑު ހަމަ ވަރަށް ފާހަގަކުރަން. އެހެންވީމާ، މިކަމަކީ ހަމައެކަނި ސަރުކާރުން އެކަނި ކުރެވޭނެ ކަމެއް ނޫން. އަދި އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުންވެސް މި ވާހަކަ ވިދާޅުވެދެއްވައިފި. ސަރުކާރުން ވަރަށްގިނަ ހޭދަތައް އެކަމަށް ކުރޭ. ކުރިން އަޅުގަނޑު ހުރި މަޤާމުގައި ވަރަށްގިނަފަހަރަށް ދިމާވޭ، ނޭޝަނަލް ޑްރަގް އޭޖެންސީއިން ލާރި ބޭނުންފުޅުވެގެން ވަރަށްގިނަފަހަރަށް ވަޑައިގަންނަވާ. އަދި އޭގެކުރިން އަޅުގަނޑުމެންގެ ޕީ.ޖީ، މިހާރު މިތާ ކުރިމަތީ އެބަ އިންނެވި. ޕީ.ޖީ ކުރީގައި ހުންނެވި މަޤާމުން، ވަރަށްގިނައިން ފޯނުކުރައްވާފައި ވިދާޅުވާނެ، މިވެނި މަޤާމެއް ހަމަޖައްސައިދޭންވީ ނޫންހޭ. ނުވަތަ މިވެނި ބަޖެޓެއް ހަމަޖައްސައިދޭށޭ. އެހެންވީމާ، މީގައި ދައްކައިދެނީ ކޯއްޗެއްތޯ؟ އެ ދައްކައިދެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަރަށް ކައިރިން ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތް ބައްލަވަމުން ގެންދަވާކަން. އެއީ މިހާރު ޕީ.ޖީ. ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެފެއާޒް މަސައްކަތް ކުރެއްވިއިރު އަބަދުވެސް ނޭޝަނަލް ޑްރަގް އޭޖެންސީގެ ވާހަކަ ދައްކަވާ. އަޅުގަނޑު ހިތަށްއަރާ، ކިހިނެއްބާވައޭ، ކޮންކަމަކަށްބާވައޭ، އެހާގިނަ ފައިސާ ހޭދަކުރައްވަނީ؟ މިއަދު އަޅުގަނޑަށް އިވިގެންދިޔައީ، އެ ފައިސާ ޚަރަދު ކުރެއްވި ގޮތުގެ ތަފްޞީލް. އަޅުގަނޑުމެންގެ ޕީ.ޖީ. އަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އެކަމަނާ ކުރިން ކުރެއްވި މަސައްކަތްޕުޅަށްޓަކައި. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، މިހާރު މިކަމަށް ބޭނުންވާ ހުރިހާ އެސް.އޯ.ޕީ ވަނީ ތައްޔާރުކުރެވިފައި. މިއީކީވެސް ފަސޭހަކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވާ ހުރިހާ އެސް.އޯ.ޕީ ތައްޔާރުކޮށްފައި، އެކަމަނާ މިހާރު އެ މަޤާމުން އަނެއް މަޤާމަށް ބަދަލުވެއްޖެ. އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އެކަމަނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެކަމަނާ ކުރެއްވި މަސައްކަތުން އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތާނގައިވެސް ތިޔަބޭފުޅުން ޑްރަގް އޭޖެންސީ ކުރިއަށް ގެންދަވާނެ. އަދިވެސް އެސް.އޯ.ޕީ ތައްޔާރު ކުރައްވަން އުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑަކަށް ދެން ނޭނގެ. އަޅުގަނޑަކީ މި ދާއިރާއަށް ވަރަށް އާ މީހަކަށްވާތީ އަދި ނައިބު ރައީސެއްގެ ޙައިޘިއްޔަތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ ޗެއަރމަނަކަށްވީ ކަމުގައިވިޔަސް އަދި އަޅުގަނޑު އެއްވެސްއިރެއްގައި ބައްދަލުވެފައެއް ނެތް އެ ޙައިޘިއްޔަތަކުން. އެހެންވީމާ، ކުރިއަށް އޮތް ތާނގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަޢުލޫމާތު އަޅުގަނޑަށް ލިބިގެންދާނެ. އޭރުން އަޅުގަނޑަށް ހީވަނީ ދެން މިކަހަލަ ޕޯޑިއަމެއްގައި ވާހަކަ ދައްކާއިރު، މާގިނަ މަޢުލޫމާތު ހުންނާނެކަންނޭނގެ ދަންނަވަން.
 
 އެހެންވީމާ، އަޅުގަނޑު ދަންނަވާނީ އަދިވެސް ހުރިހާ ބޭފުޅުންވެސް މިކަމަށް އެބަޖެހެޔޭ، އަޅުގަނޑުމެން އެންމެން، ޤައުމުގެ އެންމެން ސަމާލުވާން. އަޅުގަނޑުމެންނަށް މި ހަނގުރާމައިގައި ކާމިޔާބު ކުރެވޭނީ، ދިވެހި މުޖުތަމަޢުގެ ހުރިހާ އަފްރާދުން، ހުރިހާ ކުންފުނިތައް، ދައުލަތުގެ ކުންފުނިތައް، އަމިއްލަ ކުންފުނިތައް އަދި އަމިއްލަ ޖަމާޢަތްތައް، ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން. އެނޫން ގޮތަކަށް މިކަމުން ސަލާމަތެއްނުވާނެ. އަޅުގަނޑަށް ކައިރިންވެސް ވަރަށް ގިނައިން ފެނޭ، އަޅުގަނޑުގެ ރައްޓެހިން މި މަސްތުވާތަކެތި ބޭނުންކުރާތަން. އަދި މަސްތުވާތަކެތި ބޭނުންކުރުމަށްފަހު، އެމީހުންނަށް އެކުރާ އަސަރު. ބައެއްފަހަރު އަޅުގަނޑު ހިތަށްއަރާ، އިންސާނެއްގެ ސިފައިގައި ހުންނަ މީހަކު މަސްތުވާތަކެތި ބޭނުންކުރީމަ ޖަނަވާރެއްގެ ސިފަޔަށް ބަދަލުވާހެން. ތެދުތެދަށް. މިއީ ހަމަ އަޅުގަނޑަށް ދިމާވެފައި ހުރި ކަމެއް. މުޅިން އެހެން މީހަކަށް ބަދަލުވަނީ އަޞްލު. އަޅުގަނޑަށް ހީވަނީ އެމީހާގެ ބޮލުގެތެރެއަށް އަންނަ ކެމިކަލް ޗޭންޖަސް މުޅިން އެހެން ގޮތަކަށް ބަދަލުވަނީ. މިއީ ވަރަށްދެރަ ކަމެއް އަޞްލު. އެހެންވީމާ، އަޅުގަނޑުމެން ދިވެހި މުޖުތަމަޢުގެ ހުރިހާ އަފްރާދުން މިކަމުން ސަލާމަތްވުމަކީ ވަރަށް މުހިންމު ކަމެއް އަޞްލު. ހަމަ ވަރަށްބޮޑު ހަނގުރާމައެއް. މި ހަނގުރާމަ ހަމަ ކާމިޔާބު ކުރެވޭނެ.
 
 އެންމެ ފުރަތަމަ ކަމަކަށްވާނީ، [ޗެރިޓީ ބިގިންސް އެޓް ހޯމް] އޭ ބުނާގޮތަށް، އެންމެ ފުރަތަމަ އަޅުގަނޑުމެން ފަށަންޖެހޭނީ ގޭތެރެއިން އަޞްލު. މައިންބަފައިން އެމީހުންގެ ދަރިންނަށް އަޅާލަން އެބަޖެހޭ. ފުރާވަރަށް އަންނައިރު، އެމީހުންނާއެކީ އުޅެނީ ކޮންބައެއްތޯ ބަލަން އެބަޖެހޭ. އެމީހުން ފޯނުކުރަނީ ކޮންބަޔަކަށްތޯ ބަލަން އެބަޖެހޭ. އެމީހުންނާ އެކީގައި އެކިއެކި ކަންކަމުގައި ބައިވެރިވަނީ ކޮންބައެއްތޯ ބަލަން އެބަޖެހޭ. އެމީހުންނާއެކީ ގެޔަށް އަންނަނީ ކޮންބައެއްތޯ ބަލަންޖެހޭ. ގޭތެރޭގައި ކޮޓަރިތަކުގައި އެމީހުން އުޅެނީ ކިހިނެއްތޯ ބަލަން އެބަޖެހޭ. އެހެންވީމާ، ގޭތެރެއިން މި މަސައްކަތް ފަށަންޖެހޭނީ ފުރަތަމަ. މިއީ އަޅުގަނޑަށް ފެންނަގޮތް. ފަހަރެއްގައި ނޭޝަނަލް ޑްރަގް އޭޖެންސީ ނުވަތަ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ބޯޑުން ނުވަތަ ޑްރަގް ކައުންސިލުން ފަހަރެއްގައި ތަފާތުވެދާނެކަންނޭނގެ. އެކަމަކު އަޅުގަނޑަށް ފެންނަގޮތް މިއީ.
 
އެހެންވީމާ، އަޅުގަނޑު އެންމެ ފުރަތަމަ ތަކުރާރުކޮށްލާހިތްވަނީ އަޞްލުގައި އެންމެ ފުރަތަމަ ގޭތެރެއިންނޭ މި މަސައްކަތް ފަށްޓަންޖެހެނީ. މައިންބަފައިން ފަށްޓަންޖެހެނީ. ދެން އެއަށްފަހު އެންމެ ގިނައިން އެކުދިން އުޅެނީ ސްކޫލްގައި. ސްކޫލްގެ ތެރޭގައިވެސް، ސްކޫލްގެ ޓީޗަރުންނާއި ޕްރިންސިޕަލުންވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދެއްވަން އެބަޖެހޭ. ސްކޫލްގައި ތިބެފައި އަޅުގަނޑަށް އަޑުއިވޭ ބައެއްފަހަރަށް އެކްސްކިއުޒް ކޮށްފައި ނުވަތަ ވަކިހިސާބަކުން ސްކޫލް ގަޑީގައި ސްކޫލުން ބޭރަށް ނުކުމެގެން ގޮސް، ދެން އެހެން ދިމަދިމައިގައި އުޅޭތަންވެސް ފެނޭ. އެހެންވީމާ، ސްކޫލުންވެސް އެބަޖެހޭ ސްކޫލް ކުދިން އެ އުޅޭގޮތް ވަރަށް ރަނގަޅަށް ދަސްކުރަން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ހުރިހާ މައިންބަފައިންނާއި، ސްކޫލްގެ ޓީޗަރުންނާއި، ސްކޫލްގެ ޕްރިންސިޕަލުންނާއި، ސްކޫލްގެ މެނޭޖްމަންޓުން މިކަން ވަރަށް ކައިރިން ބަލައިގެން، މިކަންތައް ޙައްލުކޮށްދެވޭތޯ މަސައްކަތް ކުރަން އެބަޖެހޭ. އަޅުގަނޑުމެންނަކީ ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއް. މުޅި ދުނިޔޭގައިވެސް ސަތޭކަ ޕަސެންޓް މުސްލިމް ޤައުމަކަށް އޮތީ ދެ ޤައުމޭ. އެއީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާ. އެކަމަކު ރާއްޖޭގެ ބޮލަކަށްޖެހޭ ނިސްބަތުން ބަލާކަމަށްވަންޏާ، ޑްރަގް ނަގާ މީހުންގެ އަދަދު ފުދޭވަރަކަށް ބޮޑު. ދެން އަޅުގަނޑަށް ގަބޫލުކުރެވޭގޮތް މިއީ.
 
އެހެންވީމާ، ސަތޭކަ ޕަސެންޓް މުސްލިމް ޤައުމެއްގައި އިސްލާމްދީނާ ޚިލާފު މިކަހަލަ ޢަމަލުތަކެއް ވެގެން ދިޔުމަކީ އަޞްލު ކުރެވިގެންވާނެ ކަމެއް ނޫން. ބައެއް މީހުން ބުނާގޮތުގައި އެންމެ ފުރަތަމަ ފަށަނީ ސިނގިރެޓް ބޯން. ދެން ސިނގިރެޓް ބޯން ބޭނުންކުރަނީ ދުންފަތް. ދުންފަތް ފަހުން ބަދަލުވަނީ ކޮންމެވެސް އެހެން ފަތަކަށް. އެ ފަތް ނުލިބިގެން ދެން މި ހަދަންޖެހޭ ގޮތަކީ ވައްކަން ކުރަން ފަށަނީ. ނުވަތަ މައިންބަފައިންނަށް ނާންގައި ސިއްރުން ފައިސާ ހޯދައިގެން ނުވަތަ ފައިސާ ނަގައިގެން ގޮސް ގަންނަނީ. އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލުން. އެއީވެސް އަޅުގަނޑުމެން މިކަމަށް އޮތް ޙައްލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ވަރަށް މުހިންމު ކަމެއް އަޞްލު. ހަމަ އެގޮތަށް ރަލުގެ، ރާ ބޭނުންކުރާ، ރަލުގެ މަސްތުގައި އުޅޭ މީހުންނަކީވެސް މި ފޯރަމާ ތަފާތު ފޯރަމެއްކަންނޭނގެ. އެކަމަކު އެއީވެސް މަސްތުވާތަކެތި. އެހެންވީމާ، އެލްކަހޯލް ބޭނުންކުރުންވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫން. އޭގެ މަސްތުގައި ޖެހިއްޖެ ކަމަށްވަންޏާ، ދެން މި ވަބާތައް އޭނާގެ އަށަގަންނާނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ސިނގިރެޓް ބުއިން ހުއްޓާލަމާ ހިނގާށޭ. އަޅުގަނޑުމެން މަސްތުވާތަކެތި އެލްކަހޯލް ބޭނުންކުރުމުގެ ކަންތައްވެސް ހުއްޓާލަމާ ހިނގާށޭ. އޭރުންނޭ މި ހަނގުރާމައިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނީވެސް.
 
އެހެންވީމާ، އަޅުގަނޑު ދިވެހި މުޖުތަމަޢަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކަމުގައި ޙައްލެއް ބޭނުންވާ ކަމަށްވަންޏާ، އިސްލާމީ ރިވެތި އަޚްލާޤަށް ރުޖޫޢަވާންޖެހޭނެއޭ. އަޅުގަނޑުމެން އިސްލާމިކް ޕްރިންސިޕަލް ހިފަހައްޓައިގެން ނޫނީ، އަޅުގަނޑުމެން މިކަމުން ސަލާމަތެއްނުވާނެއޭ. އަޅުގަނޑުމެން ކޮންމެފަހަރަކު ހިތްހަމަނުޖެހޭ ކަމެއް ދިމާވެއްޖިއްޔާ 12 ޕެކެޓް ސިނގިރެޓް ބޯން ފަށްޓާ. ސިނގިރެޓެއްފަހު ސިނގިރެޓެއް، ސިނގިރެޓެއްފަހު ސިނގިރެޓެއް، ސިނގިރެޓެއްފަހު ސިނގިރެޓެއް. އެއެއްނޫން އުފާ ހޯދަން ކުރަންޖެހޭނެ ކަމަކީ. އަޅުގަނޑުމެން އުފާ ހޯދަންޖެހޭނީ އިސްލާމްދީނުގެ ހަމަތަކުގެ މަތިން. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ. ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑުމެން ދުޢާ ދަންނަވަންޖެހޭނީ ﷲ އަށް. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ. އަޅުގަނޑުމެން ސިނގިރެޓް ބޮއިގެނެއް ނޫން އުފާ ހޯދަންޖެހޭނީކީ. އަޅުގަނޑުމެން މަސްތުވާތަކެތި ބޭނުންކޮށްގެނެއް ނޫން އުފާ ހޯދަންޖެހޭނީކީ. އަދި ނާކޮޓިކް ޑްރަގް ބޭނުންކޮށްގެނެއް ނޫން އުފާ ހޯދަންޖެހެނީކީ. އަޅުގަނޑުމެން އުފާ ހޯދަންޖެހޭނީ، ކަމެއް ދިމާވެއްޖިއްޔާ. ދުނިޔޭގައި އުޅޭއިރު ކަންތައްތަކާ ދިމާވާނެ. އެކަންތައްތަކުގައި އުފާ ހޯދަންޖެހޭނީ ﷲ އަންގަވާފައި އޮތް ގޮތުގެ މަތިން އުޅެގެން. އެހެންވީމާ، ހުރިހާ ކަމެއްވެސް، ބައެއްފަހަރު އޮންނާނެ އަންގަވާފައި، ރޯދަ ހިފުންވެސް. ބައެއްކަހަލަ ކަންތަކުގައި ރޯދަ ހިފުންވެސް އަންގަވާފައިވޭ. ވަކި ހިސާބަކަށް މީހާ މާޔޫސްވީމަ ރޯދަ ހިފަންވެސް. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.
 
އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންވެސް މިގޮތަށް އަޅުގަނޑުމެންގެ ދަރިންނަށްވެސް އަދި އަޅުގަނޑުމެންގެ އެކުވެރިންނަށްވެސް، އަޅުގަނޑުމެންގެ ރައްޓެހިންނަށްވެސް މިގޮތަށް ކިޔައިދެމާ ހިނގާށޭ. އަޅުގަނޑުމެން އުފާ ލިބިގަންނަންޖެހެނީ އިސްލާމްދީނުގެ ހަމަތަކުގެ މަތިންނޭ. އެނޫން ގޮތަކަށް އުފާ ހޯދަންވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ މި ހަނގުރާމަ، ދުވަހެއް ދުވަހަކަށް ބޮޑުވެގެން ހިނގައިދާނެ، އަތްނުފޯރާ ހިސާބަށް. އެއީކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން. ދައުލަތުން ވަރަށްގިނަ ހޭދަތަކެއް މިކަމަށް އެބަކުރޭ. މި ހޭދަތައް މަދުކޮށްފައި، އެ ސޭވް ކުރެވިއްޖެ ކަމަށްވަންޏާ، މިއަށްވުރެ މާ މުހިންމު ކަންތައްތަކަށް އެ ލާރި ހޭދަކުރެވޭނެ. މިއީ އަޅުގަނޑުމެން ބޭނުންވާ ކަމަކީ.
 
އެހެންވީމާ، ނޭޝަނަލް ޑްރަގް އޭޖެންސީގެ ރާއްޖެ ގޮފިތައް ރާއްޖޭގެ އެތަންމިތަނުގައި ފުޅާކުރުމެއް ނޫން މުހިންމީ. ގޮފިތައް މަދުކުރެވޭނެ ގޮތްތައް ބަލަންވީ އަޞްލު. ގޮފިތައް ހަދަން މިޖެހޭ ސަބަބަކީ އެ ބޭނުންކުރާ މީހުން ގިނަވާތީ. އެހެންވީމާ، އަޅުގަނޑުމެން ބަލަންވީ ދެބައި. ޑްރަގް، ޑްރަގް ސަޕްލައިކުރާ މީހުންވެސް އެބަޖެހޭ ހުއްޓުވަން. އަޅުގަނޑުމެންނަށް ވަރަށްގިނަފަހަރު ޓީ.ވީ އިން ފެނޭ ދުވާލަކު އެތައް ކިލޯގެ މަސްތުވާތަކެތި ސަރުކާރުން އަތުލައިފިއޭ، ނުވަތަ ކަސްޓަމްސްއިން އަތުލައިފިޔޭ. އަދި އަޅުގަނޑަށް ގަބޫލުކުރެވޭ އަތުނުލެވޭ އެއްޗިއްސޭ މުޖުތަމަޢަށް މި އަންނަނީ އަޞްލު. ކަސްޓަމްސް އޮފިސަރަކަށް ކޮންމެ މީހެއްގެ ފަހަތުގައެއް ނުހުރެވޭނެ. އަދި ޕޮލިހެއްވެސް، ޕޮލިސް އޮފިސަރެއްވެސް، ޑިފެންސް ބޭފުޅަކަށްވެސް ކޮންމެ މީހެއްގެ ފަހަތަކު ނުހުރެވޭނެ. ނުހުރެވޭނެ. އެއީ ވާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން އަމިއްލައަށް މިކަމުން، މި ވަބާއިން ސަލާމަތްވާންޖެހޭނީ.
 
އެހެންވީމާ، ހުރިހާ ރައްޔިތުން، ކޮންމެ މީހަކު ޢަޒުމް ކަނޑައަޅަންވީ މިއަދުން ފެށިގެން އަޅުގަނޑުމެން ހުރިހާ އެންމެންނަކީ މިވަބާއިން، މި ނާކޮޓިކްސް ނުވަތަ މަސްތުވާތަކެތި ވަބާއިން ސަލާމަތްވެފައި ހުރި މީހެއް ކަމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަމާ ހިނގާށޭ. ހަމަ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ރޯދައަށް މިތިބީ. ރޭގެ ދަމުނަމާދުވެސް ކުރިއިރު ލައިލަތުލްޤަދުރި ވިލޭރޭ ވަރަށް ކައިރި. ލިބޭތޯ މަސައްކަތް ކުރަނީވެސް. ހަމައެގޮތަށް އަޅުގަނޑުމެން ހުރިހާ އެންމެންވެސް މި ވަބާއިން ސަލާމަތްވޭތޯއަދި ލައިލަތުލްޤަދުރި ވިލޭރެއަށް ނުވިކަމުގައިވިޔަސް ދުޢާވެސް ކުރަމާ ހިނގާށޭ މިކަމުން ސަލާމަތްވޭތޯ. ދުޢާކުރުމަކީވެސް ކުރަންޖެހޭ ކަމެއް.
 
އެހެންވީމާ، އަޅުގަނޑު ކޮންމެހެން އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއްނޫން. އަޅުގަނޑު އިތުރަށް ދެތިން އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ އަޅުގަނޑާ މުޚާޠަބުކޮށް ސީ.އީ.އޯ ދެއްކެވި ވާހަކަފުޅަށްޓަކައިވެސް. އަޅުގަނޑުވެސް ގަބޫލުކުރަން، މަނިކުފާނުގެ މި ދާއިރާގައި އޮތް ޖާގައިގެ ދަތިކަން. ވަރަށްގިނަފަހަރަށް އެ ވާހަކަ ވިދާޅުވެދެއްވައިފި. އަދި މުވައްޒަފުން ހޯދުމުގައިވެސް ވަރަށްގިނަ ދަތިތައް ހުރި ވާހަކަ. އަދި ދެންމެ ނާކޮޓިކްސް ކޮންޓްރޯލް ކައުންސިލްގެ ޗެއަރމަންވެސް ވިދާޅުވެދެއްވައިފި. އަޅުގަނޑު ޔަޤީންކަން އަރުވަން އޮތީ އެކަމަށްޓަކައި އަޅުގަނޑުގެ ފަރާތުން ލިބެން ހުރި ހުރިހާ އެހީތެރިކަމެއް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއޭ. އިއްޔެވެސް މިނިސްޓްރީ އޮފް ފިނޭންސްގައި އިނދެގެން ސީ.އީ.އޯ.އާ ބައްދަލުކުރިން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެއީކަންނޭނގެ އަޞްލު ބޮޑަށް މިއަދު އަމާޒަކީ. އެހެންވީމާ އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަނީ މި މަގާމުގައި ހުރެގެން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ވެދޭނަމޭ.
 
މި ރޯދަމަހުގެ ދުވަސްތަކަކީ އަޞްލު މާގިނަ ވަގުތަކު އަޅުގަނޑުމެންނަށް ތިބެވޭ ވަގުތެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން. އަޅުގަނޑުގެ ދުޢާއަކީ، މަސްތުވާތަކެތިން ރާއްޖޭގެ މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކެނޑިނޭޅި ކުރައްވާ މަސައްކަތްޕުޅުގައި ބަރަކާތް ލެއްވުން. އަދި ނޭޝަނަލް ޑްރަގް އޭޖެންސީއާއި، އަދި ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި އަދި އެކިއެކި ދާއިރާތަކުން ކުރައްވާ މަސައްކަތުގައި މާތްﷲ ތައުފީޤު ދެއްވުން. އަދި ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައި އޮތް ރާއްޖެއަކަށްވުން.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه