بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އާދެ، އެންމެ ފުރަތަމަ މާޅެންދޫގެ ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު މަރުޙަބާ ކިޔަން. އަދި މާޅެންދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު ހޫނު ތަރުޙީބަށްޓަކައި ވަރަށް އުފަލާއެކު ޝުކުރު އަދާކުރަން.
 
އާދެ، އަޅުގަނޑު މިއަދު މިރަށަށް މިއައީ ނ. އަތޮޅުގެ، މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއްގައި. މިކުރާ ދަތުރުގެ ބޭނުން އެއީ ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމެއް. އާދެ، ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް ބަލައި، ރާއްޖެތެރޭގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް އެއީ ކޮންކަހަލަ ދަތިތަކެއްތޯ ހޯދައި، އެކަންކަމުގައި ސަރުކާރުން އެހީވެވެން އޮތް މިންވަރު ބަލައި، އެ އެހީގެ އިންތިޒާމެއް ހަމަޖެއްސުން. މީގެކުރިންވެސް ރާއްޖެތެރެއަށް އަޅުގަނޑު ވަރަށްގިނަ ދަތުރުކޮށްފިން. މިދަތުރަށް ފެށުމުގެ ކުރިން ރާއްޖޭގައި މީހުން އުޅޭ ދުއިސައްތަ ދެރަށުގެ ތެރެއިން ސަތޭކަ ބައްތިރީސް ރަށަށް އަޅުގަނޑު ޒިޔާރަތް ކުރިން. މި ދަތުރުގައި މިއީ އަޅުގަނޑަށް ދެވޭ ނުވަވަނަ ރަށް.
 
އާދެ، ކޮންމެއަކަސް އަޅުގަނޑުގެ ބޭނުމަކީ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުން. އެ ރަށްރަށަށް ގޮސް، އެ ރަށްރަށުގެ އަހުލުވެރިންނާ ބައްދަލުކޮށް، އެމީހުންގެ މައްސަލަތަކަކީ ކޮބައިތޯ އޮޅުންފިލުވައި، އަދި އެމީހުންނަށް އަޅުގަނޑަށް ދޭން ފެންނަ ނަޞޭޙަތެއްދީ ހެދުން. އެއީ ޤައުމުގެ ރައީސްކަމާ ޙަވާލުވެގެން ހުންނަ މީހާގެ ވާޖިބަކަށްވާނެ، ރައްޔިތުންނަށް ނަޞޭޙަތްތެރިވެ އިރުޝާދުދީ ހެދުން. އެގޮތުގެ މަތިން އަޅުގަނޑު ރާއްޖެތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ މުޚާޠަބުކޮށް މި ހަދަނީ.
 
އާދެ، ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއް މިހާރު ދެމުން އެބަގެންދޭ. އެކަމަށްޓަކައި ވަރަށް ޚާއްޞަ މަޝްރޫޢެއް ވަނީ ރޭވިފައި. އަދި އެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ހިނގަމުންދާތާ ދެއަހަރެއްހާ ދުވަސްވެއްޖެ. އެމަޝްރޫޢުގެ ބޭނުމަކީ ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުން. ރާއްޖެތެރެވަނީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށްވާތީ. އެއީ އެއްގޮތަކަށްވެސް އެކަން ވާންވީގޮތެއް ނޫން ކަމަށް ސަރުކާރަށް ފެންނާތީ، ރާއްޖެތެރޭގެ ކަންތައްތައް ރަނގަޅު ކުރުން. މިގޮތުން ރާއްޖެތެރޭގައި ތަޢުލީމު ފެތުރުން އެއީ ސަރުކާރުން އެންމެ މުހިންމުކަންދޭ އެއްކަންތައް. މިހާރު ސަރުކާރުގެ ޚަރަދުގައި ކޮންމެ އަތޮޅެއްގައިވެސް ޕްރައިމަރީ ސްކޫލެއް ހިނގަމުން އެބަދޭ. މީގެކުރިން ރާއްޖެތެރޭގައި ސަރުކާރުގެ ޚަރަދުގައި ހިނގާ އެއްވެސް ސްކޫލެއް ނެތް. ހުރިހާ ސްކޫލްތައް ހުރީ މާލޭގައި. މިހާރު ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ އެއް ސްކޫލް، އެއް މަދަރުސާ އެބަހުރި. މިއަތޮޅުގައި އެ މަދަރުސާ ހުރީ މަނަދޫގައި. އާދެ، އެއް މަދަރުސާ ހުރުމުން އަދި އެއީ ރާއްޖެތެރެއަށް ފުދޭވަރަށް މަދަރުސާތައް ހެދުނީކަމަކަށް އަޅުގަނޑު ނުދެކެން. އެކަމަކު އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ ގިނަކަމާއި، ކުރަންޖެހޭ ޚަރަދުތަކުގެ ބޮޑުކަމުން، ކަންތައް ކުރެވެން އަންނަނީ ލަސްލަހުން. އެކިފަހަރު އެކިކަންތައް. އެހެންވީމާ، އެންމެ ފުރަތަމަ ހަމަޖެއްސީ ކޮންމެ އަތޮޅެއްގައިވެސް އެއް މަދަރުސާ ސަރުކާރުގެ ފަރާތުން ހިންގާގޮތަށް. ހަމައެފަދައިން ތަޢުލީމަށް ހިތްވަރު ދިނުމުގެ ގޮތުން، މެދުނުކެނޑި ދިހަ އަހަރު ވަންދެން ހިންގައިފައިވާ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުން މިހާރު ގެންދަނީ އެހީވަމުން. އެގޮތުންވެސް އަށްޑިހަވަރަކަށް ތަނަށް މިހާރު ސަރުކާރުގެ އެހީ ލިބެމުން އެބަދޭ.
 
އާދެ، ތަޢުލީމުގެ ދާއިރާގައި ދެން ސަރުކާރުން މިހާރު ފަށައިގެން ހިންގާ މަޝްރޫޢަކީ އަސާސީ ތަޢުލީމުގެ މަޝްރޫޢު. އޭގެ ވާހަކަ ތިޔަބޭފުޅުންނަށް ރަނގަޅަށް އެނގިލައްވާނެ. އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ބޭނުމަކީ މިހާރު ކިޔެވުމުގެ ފުރުޞަތު، އެމީހުންގެ ޅަދުވަހުގައި ލިބިފައިނުވާ މީހުންނަށް ކޮންމެވެސްވަރަކަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުން. އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް އެބަތިބި، ލިޔަންކިޔަން ނުދަންނަ މީހުން. ދީނާ ބެހޭގޮތުންވެސް އަޅުގަނޑުމެން ދަންނަންޖެހޭ މަޢުލޫމާތު ނުދަންނަ މީހުން އެބަތިބި. އަދި އެނޫންވެސް ދިރިއުޅުމަށް ބޭނުންތެރި، ވަރަށްގިނަ މަޢުލޫމާތު އަޅުގަނޑުމެން ދަންނަންޖެހޭ. އެހެންވީމާ، ޢުމުރުގެ ގޮތުން މިހާރު މަދަރުސާތަކަށް ނުދެވޭވަރުގެ ބޮޑެތި މީހުންނަށް ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތެއް ހަމަޖައްސައިދިނުމުގެ ގޮތުން އަސާސީ ތަޢުލީމުގެ މަޝްރޫޢު މިހާރު ސަރުކާރުން ހިންގަމުން މިގެންދަނީ.
 
އާދެ، އަޅުގަނޑުގެ އެދުމަކީ މިރަށުގައިވެސް ތަޢުލީމަށް އެދެވޭ އަހަންމިއްޔަތެއް ދެއްވަމުން ގެންދެވުން. އަޅުގަނޑަށް އެނގޭ، މިރަށުގެ ރައްޔިތުން ތަޢުލީމަށް އަހަންމިއްޔަތު ދެއްވާކަން. އާދެ، މިރަށުގައި ހިނގަމުންއެދާ މަކްތަބުލް ޢިނާޔާ އެއީ މީގެކުރިންވެސް ހިނގަމުންދިޔަ މަކްތަބެއް ކަމަށް އަޅުގަނޑަށް އެނގިފައިވޭ. އެ މަކްތަބުގެ ކަންތައް މިހާރަށްވުރެ ރަނގަޅު ކުރައްވައި، އެކަށީގެންވާ ގޮތެއްގައި ހުއްޓުމެއް ނާރައި ހިނގަމުންދާނެ ގޮތަކަށް ހަމަޖެއްސެވުމަށް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަންވާނެ. އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރުގެ ޚަރަދުގައި ކޮންމެ ރަށެއްގައި އަދި މަދަރުސާއެއް ހެދޭކަށް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހޭނެ، އަޅުގަނޑުމެންގެ ކުދިންނަށް ތަޢުލީމު ލިބޭނެ ފުރުޞަތުތައް ހޯދައިދޭން. އެއީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުން މަކްތަބު، މަދަރުސާފަދަ ތަންތަން ހިންގައިގެން ރާއްޖެތެރޭގެ ވަރަށްގިނަ ރަށްރަށުގައި ވަރަށް އެދެވޭ ފެންވަރަކަށް މިހާރު އަމިއްލަ މަދަރުސާތައް ހިންގަމުން އެބަގެންދޭ. އެމީހުންގެ އަމިއްލަ މަސައްކަތުން އަމިއްލައަށް ޚަރަދުކޮށްގެން. އެއީ އެމީހުންނަށް ތަޢުލީމުގެ މުހިންމުކަން އިހުސާސްވާލެއް ބޮޑުކަމުން. ހަމަ އެގޮތުގެ މަތިން މިރަށުގެ ރައްޔިތުންނަށްވެސް އެކަން ކުރެއްވިދާނެ. އަދި ކުރައްވާނެކަމާމެދަކު އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަން. އަމިއްލައަށް މަސައްކަތް ފަށައިގެން ވަރަށް ވަރުގަދަ ޢަޒުމަކާއެކު އެކަން ކުރިއަށް ގެންދިޔުމުން، އޭގެފަހުން ސަރުކާރުގެ އެހީތައްވެސް ލިބެމުންދާނެ.
 
އާދެ، ތަޢުލީމުގެ އިތުރަށް އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރަންވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވާނެ. ދިރިއުޅުން ތަނަވަސްވާނީ ކުރާ މަސައްކަތް އިތުރުކޮށްގެން. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހަކު ކުރާ މަސައްކަތަކުން ލިބޭ އެއްޗަކުން ދިރިއުޅޭ މީހަކަށްވާތީ. އެކި ރަށްރަށުގެ މީހުން ކުރާނީ އެކިބާވަތުގެ މަސައްކަތް. ރާއްޖޭގެ އަހުލުވެރިންގެ އެންމެބޮޑު މަސައްކަތަކީ މަސްވެރިކަން. އެކަމަކު މަސްވެރިކަން ނުކުރެވޭ ބައެއް ރަށްރަށްވެސް ހުރޭ. ސަބަބުވެސް ހުރެގެން. އެހެންވީމާ، މަސްވެރިކަން ކުރުމާއި އަދި އެނޫންވެސް އެހެން މަސައްކަތްތައް ކުރުން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް. ރަށުގައި ތިބެގެން ކުރެވޭ ޒާތުގެ މަސައްކަތްތައް ކުރުން. އަޅުގަނޑަށް އެނގޭ، މިރަށުގެ މީހުންވެސް އެކަހަލަ މަސައްކަތްތައް ކުރާކަން. ރޯނުވެށުން، ފަންގިވިނުން އަދި މިނޫނަސް ރަށުގައި ތިބެގެން ކުރެވިދާނެ ކަހަލަ މަސައްކަތްތައް ކުރުމަށް ވަރަށްބޮޑު އަހަންމިއްޔަތެއް މިހާރު ދޭންޖެހޭނެ. އެއީ އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށްދާން. އެންމެ ފުރަތަމަ ކޮންމެ އިންސާނަކުވެސް ބޭނުންވޭ، އެމީހާގެ ދިރިއުޅުން ތަނަވަސްވާން. އަދި އެމީހާގެ ޢާއިލާގެ ދިރިއުޅުންވެސް ތަނަވަސްވާން. އެހެންވީމާ، އެ ދިރިއުޅުން ތަނަވަސް ކުރެވޭނީ އަމިއްލައަށް، އެ ދިރިއުޅުން ތަނަވަސްކުރަން ކުރާ މަސައްކަތެއްގެ ސަބަބުން. މަސައްކަތް ނުކޮށް ތިބެގެން އެއްވެސް ކަހަލަ ފައިދާއެއް ނުލިބޭނެ. ދިރިއުޅުން ތަނަވަހެއްނުވާނެ. އަދި އަޅުގަނޑުމެންނަށް މިނޫން ދުވަހެއްވެސް ނުފެންނާނެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ހުރިހާ އެންމެންވެސް ހިތްވަރާއެކު މަސައްކަތް ކުރަމުން ގެންދިޔުން. އެގޮތުން ކުރާ މަސައްކަތަކުން، އެމީހަކަށް ލިބޭ އެއްޗެއް އިތުރުކުރަމުން ގެންދިޔުން.
 
އާދެ، ހަމައެފަދައިން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހެއްގެ ދިރިއުޅުން ތަނަވަސްކުރަން މަސައްކަތް ކުރަމުން ގެންދާއިރު، އެމީހަކީ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ފަރުދެއްކަން ހަނދާންކުރަންވާނެ. އެ ޖަމާޢަތް ހިމެނިފައިވަނީ ހަމައެކަނި އޭނާގެ މައްޗަށް ނޫންކަން، އެ ޖަމާޢަތުގައި އެހެން ވަރަށްގިނަ މީހުންވެސް އެބަތިބިކަން ހަނދާންކުރަންވާނެ. އެހުރިހާ އެންމެންނަކީ އަޚުންތަކެއްކަން ހަނދާންކުރަންޖެހޭނެ. އެއީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާތީ. މުސްލިމުންނަކީ އަޚުންތަކެއް. اللّـه سبحـانـه وتعـالى ހުރިހާ މުސްލިމުން ލައްވައިފައިވަނީ އެއްބަނޑުއެއްބަފާ ބައެއް ކަމުގައި. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަ ކަހަލަ ގުޅުން. އެހީތެރިކަމުގެ ގުޅުން. އެއްބާރުލުމުގެ ގުޅުން. ހުރިހާ ކަމެއްގައިވެސް އެކަކު އަނެކަކަށް ކަމޭހިތައި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، އެއްބާރުލައި، މިގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަމުން ގެންދާ ކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ މަސައްކަތުގެ ފައިދާ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ފެންނަމުންދާނެ. އެއްވެސް ޙާލެއްގައި އަޅުގަނޑުމެންގެ މެދުގައި ނޭދެވޭ ކަންތައްތައް ހުރެގެން ނުވާނެ. އިޖުތިމާޢީ ގޮތުން ބަލާއިރު، ދެކޮޅުވެރިކަން، ޙަސަދަވެރިކަން، އެއްބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި އެކަށީގެންނުވާ ޢަމަލުކުރުން، މިބާވަތުގެ ކަންތައްތައް މިއީ ވަރަށް ބޮޑެތި ނުރައްކާތައް، އެކަންކަމުން މެދުވެރިވެދާނެ ކަންތައްތައް. ކިތަންމެ މަސައްކަތެއް ކުރާ ބަޔަކުވެސް، އެމީހުން އެއީ ވަކިވަކިވެފައި ތިބި ބަޔަކަށްވާނަމަ، އެއްގަލަކަށް ނާރާ ބަޔަކަށްވާނަމަ، އެބަޔަކު އެކުރާ މަސައްކަތެއްގެ ނަތީޖާއެއް ނުފެންނާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އެއީ. ހުރިހާ އެންމެންވެސް އެކަތިގަނޑަކަށްވުން. އެކުވެރިވުން. އެންމެންނަކީ އެކުވެރި ރަޙްމަތްތެރި އަޚުންތަކެއް ކަމުގައިވުން. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ޙައްޤުތަކަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ ޙައްޤުތަކަށްވެސް ރައްކާތެރިވާންޖެހޭނެ. ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ގެދޮރަށް ޙުރުމަތްތެރިކޮށްހިތާ ފަދައިން، އެހެން މީހުންގެ ގެދޮރަށް ޙުރުމަތްތެރިކޮށްހިތުން. ތިމާގެ އަމިއްލަ މުދަލަށް ރައްކާތެރިވާ ފަދައިން، އެހެން މީހުންގެ މުދާތަކަށްވެސް ރައްކާތެރިވުން. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނެ އުސޫލަކީ އެއީ. އެއީ އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ މާތް އިޖުތިމާޢީ އުސޫލު.
 
އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އަދި މިއަދު އަޅުގަނޑު ދާންޖެހޭ ބައެއް ރަށްރަށްވެސް އެބަހުރި. މޫސުމްވެސް މާރަނގަޅެއް ނޫން. އެހެންކަމަށްވުމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ. މުޅިން ނިންމައިލުމުގެ ކުރިން، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ބެހެއްޓެވި ޢިނާޔަތަށްޓަކައި އަދިވެސް އެއްފަހަރު މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ރައްޔިތުން އެކުރައްވާ މަސައްކަތްތަކުގެ ސަބަބުން މިއަދަށްވުރެ ތަނަވަސް، އުފާވެރި މުސްތަޤްބަލެއް  اللّـه سبحـانـه وتعـالى ދެއްކެވުން.
 

                     والسّلام عليــكم ورحـمــة اللّـه وبـركاتـه .