بســم اللّـه الرّحمـن الرّحيــم
           
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އާދެ، މިއަދު ކެނދިކުޅުދޫއަށް އައިސް، ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމަށް މި ފުރުޞަތު ލިބުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަޅުގަނޑުގެ މި ދަތުރަކީ ނ. އަތޮޅުގެ މީހުން އުޅޭ ރަށްރަށަށް ކުރާ ދަތުރެއް. މިދަތުރަކީ މީގެކުރިން ރާއްޖެތެރެއަށް އަޅުގަނޑު ކުރަން ފަށައިފައިވާ ދަތުރުތަކުގެ ބައެއް. ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުގެ ބޭނުމަކީ، ރާއްޖެތެރޭގެ ކަންތައްތައް ހުރިގޮތް އަޅުގަނޑުގެ އަމިއްލަ ލޮލުން ދެކިލުން. އަދި ރާއްޖެތެރޭގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ހާލު އަހުވާލު ބަލައި ހެދުން. މިހާރު މުޅި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެ މަސައްކަތްތަކުގައި ރާއްޖޭގެ ހުރިހާ ފަރާތަކުންވެސް، ރާއްޖޭގެ ރައްޔިތުންގެ ފަރާތުންނާއި، އަދި ތަފާތު އެކިއެކި ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކާއި، މަދަރުސާތަކާ، މިހުރިހާ ފަރާތްތަކަކުން ވަރަށް މަތިވެރި ތަރުޙީބެއް ލިބެމުންދޭ. އަޅުގަނޑުމެން ވަނީ، ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ ޤައުމު، ދިވެހި އުންމަތް ތަރައްޤީގެ މަގުގައި ކުރިއަށް ގެންދަން ބޭނުންވެފައި. ޚާއްޞަކޮށް، ރާއްޖެތެރެ. އެހެން މިދެންނެވީ ރާއްޖެތެރެ ވަނީ މީގެކުރިން، ރާއްޖެތެރެ ކުރިއަށް ގެންދިޔުމާ ދޭތެރޭގައި އެއްވެސްކަހަލަ ޚިޔާލެއް ނުކުރެވި އަދި ތަރައްޤީގެ މަގުގައި އެއްވެސް ފިޔަވަޅެއް ނޭޅި އޮތް ތަނެއްގެ ގޮތުގައި. އެކަމަކު ރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫން. އަޅުގަނޑު ދާ ކޮންމެ ރަށެއްގައިވެސް އެ ވާހަކަ އެބަ ބުނަން. ރާއްޖެއަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް، ރާއްޖޭގެ ހުރިހާ ރަށްރަށެއް އެކުލެވިގެންވާ ތަނެއް. އެހެންވީމާ، ރާއްޖެ ކުރިއެރުމަކީ ރާއްޖޭގެ ހުރިހާ ތަނެއްވެސް ކުރިއެރުން. ޚާއްޞަކޮށް ރާއްޖެތެރެ. މިހާތަނަށް ސަރުކާރުން އެންމެބޮޑު އަހަންމިއްޔަތެއް ދީފައި އޮތީ މާލޭގެ ކަންތަކާ ދޭތެރޭގައި. ތަޢުލީމާއި އަދި އެނޫންވެސް ދައުލަތުން ދޭންޖެހޭ ޚިދުމަތްތައް ގާތްގަނޑަކަށް ޚާއްޞަވެފައި އޮތީ މާލެއަށް. އެކަމަކު އެއީ އެކަން އޮންނަންވީ ގޮތެއް ނޫން. ސަރުކާރުން ރާއްޖެތެރެއަށްވެސް ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭނެ. ހަމައެކަނި މާލެއަށް ބޭނުންވާ ޚިދުމަތްތައް ތަނަވަސްކޮށްދީގެން އެއީ ދިވެހި ރައޔިތުންނަށް ޚިދުމަތް ކުރެވުނީ ކަމުގައެއް ނުވާނެ. އެހެންވީމާ، މިހާރުގެ ސިޔާސަތަކީ ސަރުކާރުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރުން. އެ ޚިދުމަތްތައް އެއީ ވަކިރަށަކަށް ޚާއްޞަވެފައި އޮންނަ ޚިދުމަތްތަކެއް ކަމުގައި ނުބޭއްވުން. އެގޮތުން ރާއްޖެތެރެ ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު މަޝްރޫޢެއް ރާވައިގެން މިހާރު ކުރިއަށް އެބަގެންދޭ. އެ މަޝްރޫޢުގެ ދަށުން ވަރަށްގިނަ އަތޮޅުތަކުގަޔާއި، ވަރަށްގިނަ ރަށްރަށުގައި ތަފާތު މަސައްކަތްތައް ފެށިގެން ހިނގަމުން އެބަދޭ. ދާދިފަހުން ހަމަ މިމަހުގެ ތެރޭގައި މިމަހު ކުރީކޮޅު އެ މަޝްރޫޢުގެ ދަށުން މިރަށުގައިވެސް މަސައްކަތެއް ފެށިއްޖެ.
 
އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިރަށުގައި އަލުން މިސްކިތެއް ޢިމާރާތް ކުރުމަށްޓަކައި މި އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހު މިރަށުގައި އެ މިސްކިތުގެ ބިންގާ އެޅިއްޖެކަން. އާދެ، އެއީ މިދެންނެވި މަޝްރޫޢުގެ ބައެއް. މި މަޝްރޫޢުގައި ހިމެނެނީ ހަމަ އެކަނި މިސްކިތް ޢިމާރާތް ކުރުމެއް ނޫން. ވަރަށްގިނަ ތަފާތު ކަންތައްތައް މީގެތެރޭގައި ހިމެނޭ. ރައްޔިތުންނަށް ލުއި ފަސޭހަ ހޯދައިދިނުމަށްޓަކައި، ރަށްރަށުގެ ފަޅު ކޮނުމާއި، ނެރު ގޮއްވުން. މިރަށަށްވެސް ނެރު ގޮއްވުން ހިމެނިފައި އެބައޮތް. ހަމަޖެހިފައި އެބައޮތް، މި މަޝްރޫޢުގެ ދަށުން. އަދި އެ މަސައްކަތް ނުފެށެނީ. އެއީ އެ މަސައްކަތަކީ ވަރަށްބޮޑު، ވަރަށް ޚާއްޞަ، ވަރަށް ގިނަ ޚަރަދު ހިނގާ މަސައްކަތަކަށްވާތީ، އެއްފަހަރާ ހުރިހާ ތަންތަނެއްގައި، ހުރިހާ ރަށްރަށެއްގައި އެ މަސައްކަތް ކުރެވެން ނޯންނަނީ. ތިޔަބޭފުޅުން އައްސަވާނެ، މީގެކުރިން ށ. އަތޮޅުގައި އެ މަސައްކަތް ކުރެވުނު ވާހަކަ. މިހާރު އެ މަސައްކަތް ކުރެވެމުން ދަނީ ފުވައްމުލަކުގައި. މިއަހަރުގެ ނިމުމާ ހަމަޔަށްދާއިރަށް ފުވައްމުލަކުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވޭ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، ދެންހުރި އަތޮޅުތަކުގައި އެ މަސައްކަތް މިއަންނަ އަހަރުގެ ތެރޭގައި ކުރެވެމުންދާނެ ކަމަށް. އާދެ، އެހެން މިދެންނެވީ ވަރަށްގިނަ ރަށްރަށުގެ ފަޅުތެރެ ވަނީ ކޮންނަން ޖެހިފައި. ވަރަށްގިނަ ރަށްރަށުގެ ނެރުވަނީ ގޮއްވަން ޖެހިފައި. މިކަހަލަ އެއްވެސް ކަމެއް ނުކުރެވި ވަރަށްގިނަ ޒަމާންތަކެއް ވޭތުވެގެން ދިޔުމުގެ ސަބަބުން ހުރިހާ ތަނެއްގައިވެސް އެކަހަލަ މަސައްކަތް ވަނީ މިހާރު ކުރަން މަޖުބޫރުވެފައި.
 
އާދެ، މިދެންނެވި މަޝްރޫޢުގެ ދަށުން އެންމެބޮޑު އިސްކަމެއްދޭ ކަމަކީ ރާއްޖެތެރޭގައި ތަޢުލީމު ދިނުމުގެ ވަސީލަތްތައް އުފެއްދުން. އެގޮތުން ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިނގާ ޕްރައިމަރީ ސްކޫލެއް އެބަހުރި. މިހާރު ހިނގަމުން އެބަދޭ. މިއަތޮޅު މަނަދޫގައި ހުޅުވުނު ސްކޫލަކީ މިދެންނެވި ޕްރައިމަރީ ސްކޫލްތަކުގެ ތެރެއިން ރާއްޖެތެރޭގައި ހުޅުވުނު އެންމެ ފުރަތަމަ މަދަރުސާ. އާދެ، އަޅުގަނޑުވެސް އެއްބަސް، ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ފަރާތުން ހިންގާ އެއް މަދަރުސާ ހުރެގެން އަތޮޅުގެ ދަރިންނަށް، ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހަމައެއްނުޖެހޭނެ. އެކަމަކު ސަރުކާރަށްވެސް މަސައްކަތް ކުރެވޭނީ، މަސައްކަތް ކުރެވެން އޮތް މިންވަރަކުން. ޚަރަދު ކުރެވޭނީވެސް ތަނަވަސްކަންހުރި މިންވަރަކުން. އެހެންވީމާ، މިހާރަށް ހަމަޖެހިފައި އޮތީ ހަމައެކަނި ކޮންމެ އަތޮޅެއްގައި އެއް މަދަރުސާ ހިންގާގޮތަށް. އޭގެއިތުރުން ކޮންމެ އަތޮޅެއްގައި ކޮމިއުނިޓީ ސްކޫލެއްވެސް ހުޅުވޭނެ. މިހާރު އޭގެ 6 ސްކޫލް ރާއްޖެތެރޭގައި ހިނގަމުން އެބަދޭ. އަދި އޭގެއިތުރުންވެސް ބައެއް ސްކޫލްތައް ބޭރު ޤައުމެއްގެ އެހީގައި ރާއްޖެތެރޭގައި ޢިމާރާތްކޮށް، ސްކޫލްތައް ހިންގާގޮތަށް މިހާރު ހަމަޖެހިގެން މަސައްކަތް ކުރެވެމުން އެބަދޭ.
 
އާދެ، މިރަށުގެ މަކްތަބު އެއީވެސް ވަރަށް ކުރިއްސުރެ ހިނގަމުން އަންނަ ތަނެއް. މިހާރު އެތަނަށް މިކިޔަނީ، "ކެނދިކުޅުދޫ ސްކޫލް". މި ސްކޫލަކީ މިދެންނެވި މަޝްރޫޢުގެ ދަށުން ސަރުކާރުގެ އެހީ ލިބެމުންދާ ތަނެއް. އެއީ މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގާފައިވާ އަމިއްލަ މަކްތަބުތަކަށާއި މަދަރުސާތަކަށް ސަރުކާރުގެ ފަރާތުން އެހީވެދޭގޮތަށް ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނިފައިވާތީ.
 
އާދެ، ތަޢުލީމަކީ އަޅުގަނޑުމެން މިވަގުތު އެންމެ އިސްކަންދޭންޖެހޭ ޚިދުމަތް. ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށްދެވޭކަށެއް ނޯންނާނެ. އެއްވެސް ރަށަކަށް، އެއްވެސް ޤައުމަކަށް ތަޢުލީމާ ނުލައި ކުރިއަށް ދެވޭކަށެއް ނޯންނާނެ. މިރަށުގެ ރައްޔިތުންވެސް ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު އެއީ ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލާ ކަމެއް. އެހެން މިދެންނެވީ އެހާގިނަ ދުވަސް ވަންދެން މެދުކެނޑުމެއްނެތި މިރަށުގެ މަކްތަބު ހިނގަމުން ގޮސްފައިވާތީ.
 
އާދެ، އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން ކޮންމެ ރަށެއްގެވެސް ރައްޔިތުން، އެރަށެއްގެ ކަންތައްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަންވާނެ. އެހެން ފަރާތެއްގެ އެހީ ލިބެންދެން އެ އެހީގެ އިންތިޒާރުގައި އެއްވެސް ކަމެއް ނުކޮށް ތިބެގެނެއް ނުވާނެ. ސަރުކާރުންވެސް އެހީވެވޭނީ، މަސައްކަތްކުރާ މީހުންނަށް. އޭގެ އެންމެބޮޑު ދަލީލެއް މިދެންނެވީ، މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިންގައިފައިވާ ތަންތަނަށް ސަރުކާރުން އެހީވެދޭކަން. އެބަހުރި ބައެއް ތަންތަން، އެއް އަހަރު ދުވަސް ވަންދެން ހިނގާފައި. ދެ އަހަރު ދުވަސް ވަންދެން ހިނގާފައި، ނޫނީ މެދުކެނޑިގެން ވަރަށްގިނަ ދުވަސް ވަންދެން ހިނގާފައި. އެއިން ދޭހަވާ އެއްޗަކީ އެތަންތާނގެ މީހުންނަށް އެކަށީގެންވާ ހިތްވަރެއް ތަޢުލީމަށްޓަކައި ނުކުރެވޭކަން. ހިތްވަރުކޮށްގެން އަމިއްލަ މަސައްކަތުން ރަށުގެ ކަންތައްތައް ކުރިއަށް ގެންދަން މަސައްކަތްކުރާ ރަށްރަށަށް ސަރުކާރުންވެސް އެހީވެދޭން ފަސޭހަވާނީ. އަނެއްކާ ހުރިހާ ރަށަކަށް އެއްފަހަރާ އެހީވެވެން ނެތުމާއެކު، ހަމަޖެހޭ އުސޫލަކަށްވެސް ވާނީ އެގޮތް. އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން، މިރަށުގެ ރައްޔިތުން ތަޢުލީމަށްދޭ އަހަންމިއްޔަތު މިދެންނެވި ކަންތައްތަކުން ދޭހަވާތީ، އަޅުގަނޑުގެ އެދުމަކީ އެ އަހަންމިއްޔަތު ކުރިއަށް އޮތް ތާނގައިވެސް ހަމަ އެހާ ފުރިހަމަކޮށް ކުރިއަށް ގެންދެވޭތޯ ބެއްލެވުން. އެއީ އަޅުގަނޑު ކުރިންވެސް މިދެންނެވި ފަދައިން، ތަޢުލީމާ ނުލައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނޯންނާނެތީ.
 
ތަޢުލީމުގެ ވާހަކަ ދަންނަވާއިރު، މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ފަށައިގެން ކުރިއަށްގެންދާ، ވަރަށް މުހިންމު މަޝްރޫޢެއްގެ ވާހަކަ ދަންނަވައިލަން އެބަޖެހޭ. އާދެ، އެއީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ވާހަކަ. އަސާސީ ތަޢުލީމަކީ މީގެކުރިން ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް، އެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެކަށައަޅައިފައިވާ މަޝްރޫޢެއް. އެއީ އަސާސީ ތަޢުލީމަކީ މީގެކުރިން ރާއްޖެތެރޭގައި މިހާގިނަ މަކްތަބުތަކެއް ނެތް، މަދަރުސާތަކެއް ނެތް، ރާއްޖެތެރޭގެ ގިނަ މީހުންނަށް ލިޔަންކިޔަން ދަސްކުރާނެ އެއްވެސް ކަހަލަ ފުރުޞަތެއްވެސް ލިބިފައެއް ނެތް. އަދި އޭގެއިތުރުންވެސް އެއްވެސްކަހަލަ ތަޢުލީމެއް ލިބޭނެގޮތެއް ހަމަޖެހިފައެއް ނެތް. އެހެންވީމާ، ނަތީޖާއަކަށްވެފައި އޮންނަނީ އަޅުގަނޑުމެންގެ ތެރެއިން، ބޮޑެތި މީހުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް ލިޔަންކިޔަން ނޭނގޭކަން. އެކަން ނައްތައިލުމަށްޓަކައި، ސަރުކާރުން ރާވައިގެން ހިންގަމުން ގެންދާ މަސައްކަތެއް އަސާސީ ތަޢުލީމުގެ މަޝްރޫޢު އެއީ.
 
އާދެ، މިރަށުގެ މީހުންގެ ތެރެއިންވެސް އެކަށީގެންވާ ގިނަ ޢަދަދެއްގެ ބަޔަކު ލިޔަންކިޔަން ނުދަންނަކަން ފާހަގަކޮށްލަންޖެހޭ ހިތާމަޔާއެކު. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މިރަށުގެ ބޮޑެތި މީހުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށް މިހާރަށްވުރެ ބޮޑު ތަރުޙީބެއް ދެއްވުން. އެއީ ލިޔަންކިޔަންދަތުމުން ނުވަތަ އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނޭ މަޢުލޫމާތުތައް ލިބިގަތުމުން އެއިން ފައިދާ ލިބޭނީ ސަރުކާރަކަށް ނޫން. އެއިން ފައިދާ ލިބޭނީ އެ ކިޔަވާ މީހުންނަށް. އެހެންވީމާ، ލިޔަންކިޔަންދަތުމަކީ ތަޢުލީމުގެ އެންމެ ފުރަތަމަ ހަރުފަތް. އެކަން އަޅުގަނޑުމެންނަށް ނުކުރެވި އެއްވެސް ކަހަލަ ތަޢުލީމެއް ނުލިބޭނެ. އަސާސީ ތަޢުލީމުގައި ހިމެނެނީ ހަމައެކަނި ލިޔަންކިޔަން ދަސްކޮށްދިނުމެއް ނޫން. އަސާސީ ތަޢުލީމުގެ ކްލާސްތަކަށްދާ މީހުންނަށް އެކަން ރަނގަޅަށް އެނގޭނެ. އެހެން ވަރަށް މުހިންމު ކަންތައްތަކެއްވެސް ދަސްކޮށްދޭ. އަޅުގަނޑުމެންގެ ދީނާ ބެހޭގޮތުން އަޅުގަނޑުމެން ދަންނަންޖެހޭ މުހިންމު މަޢުލޫމާތު ދަސްކޮށްދިނުން. ނަމާދު، ރޯދަ، ޙައްޖު، މި އަޅުކަންތައްތައް ކުރާނެގޮތް. އެކަމާ ގުޅިފައިވާ އެހެން ކަންތައްތައް. އެއީ ހަމަ ކޮންމެ މުސްލިމަކުވެސް ދަތުން، ދީނުގެ ފަރާތުން ވާޖިބު ކުރައްވައިފައިވާ ކަންތައްތަކެއް. ހިސާބު، އެއިންވެސް ކޮންމެވެސްވަރެއް އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ. ކޮންމެ މީހަކީވެސް ކޮންމެވެސްކަހަލަ މަސައްކަތެއް ކުރާ މީހެއް. އެހެންވީމާ، އެ މަސައްކަތުން ލިބޭ ފައިސާ، އޭގެ ލިބޭވަރަކާއި، ޚަރަދުވާވަރަކާ، މިކަންތައްތައް ބެލެހެއްޓުމަށްޓަކައި ކޮންމެވެސްވަރަކަށް ހިސާބުވެސް ދަންނަންޖެހޭނެ. ދެން ޞިއްޙަތާބެހޭ މަޢުލޫމާތު. ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ކުރަންޖެހެނީ ކޮންކަހަލަ ކަންކަމެއްތޯ! ބަލިވަނީ ކީއްވެގެންތޯ! ބަލިވަނީވެސް އެކިއެކި ސަބަބު މެދުވެރިވެގެން. ހަމަ ހުރެފައި މީހަކު ބަލިވަނީކީ ނޫން.
 
އާދެ، ބަލިވުން އެއީ އަޅުގަނޑުވެސް ގަބޫލުކުރަން، ގަބޫލުކުރަންޖެހޭނެ. އެއީވެސް ޤުދްރަތުން މިންވަރު ކުރައްވައިގެންވާ ކަންތައްތައް. އެކަމަކު އެއިން ކޮންމެ ކަމެއް އެވަނީވެސް ކޮންމެވެސް ސަބަބެއް މެދުވެރިވެގެން. ބަލީގެ ޖަރާސީމު، ބަލީގެ ފަނިތައް، އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ގޮސްގެން އެ ބަލިވަނީ. އެހެންވީމާ، ބަލިވަނީ ކިހިނެއްތޯ! ބަލިން ސަލާމަތްވާން އަޅަންއޮތް ފިޔަވަޅުތަކަކީ ކޮބައިތޯ! ބަލިވެއްޖިއްޔާ ފަރުވާކުރަންވީ އުސޫލަކީ ކޮބައިތޯ! އެކަހަލަ ކަންތައްތައްވެސް އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ކިޔަވައިދޭގޮތަށް ހަމަޖެހިފައިވަނީ. އަދި އަޅުގަނޑުމެން މިރަށްރަށުގައި ހައްދާ ތަކެތީގެ ތެރެއިން ހަށިގަނޑަށް ފައިދާހުރީ ކޮންކޮން އެއްޗެއްސެއްތޯ، ހަށިގަނޑަށް ފައިދާނުކުރަނީ ކޮންބާވަތެއްގެ އެއްޗެއްސެއްތޯ! އެކަހަލަ މަޢުލޫމާތުވެސް އެނގެންޖެހޭނެ. އެއީ އަޅުގަނޑުމެންނަކީ ހުރިހާ ބާވަތެއްގެ އެއްޗެއް ގަނެގެން އެ އެއްޗެތި ކައިގެން ދިރިއުޅެވޭ ފެންވަރު ހުރި ބައެއް ނޫން. އަޅުގަނޑު މިދެންނެވީ ދިވެހިރާއްޖޭގެ ރައްޔިތުން. އަޅުގަނޑުމެންނަކީ މާ ތަނަވަސް، މުއްސަނދި ބައެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ހައްދާ އެއްޗެތިވެސް ކާންޖެހޭނެ. އެއީ ވަރަށް ރަނގަޅު ގޮތެއް. އެހެންވީމާ، ކޮންކަހަލަ އެއްޗެއްސެއްތޯ ހައްދަންވީ. ކޮންކަހަލަ އެއްޗެއްސެއް ކޭމާތޯ ހަށިގަނޑަށް ފައިދާކުރާނީ. މިކަހަލަ މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ހަމައެފަދައިން އަޅުގަނޑުމެން މިއުޅެނީ ކޮންތަނެއްގައިތޯ! ދިވެހިރާއްޖެ އެއީ ކޮން ޤައުމެއްތޯ! ރާއްޖެ އޮންނަނީ ދުނިޔޭގެ ކޮން ތަނެއްގައިތޯ! ރާއްޖޭގައި އޮންނަނީ ކިތައް ރަށްތޯ! ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރަނީ ކޮންކޮން މަސައްކަތްތަކެއްތޯ! އެހެން އަތޮޅުތަކުގެ މީހުން ކުރަނީ ކީއްތޯ! މިހުރިހާ މަޢުލޫމާތެއްވެސް އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ނޭނގި ތިބެގެން އެއްވެސް ކަމެއް ނުކުރެވޭނެ. ހުރިހާ ކަމެއް އެނގިގެން ކުރިއަށް ދެވޭނީ.
 
އެހެންވީމާ، މިދެންނެވި ކަހަލަ މަޢުލޫމާތު އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައިވޭ. އެ މަޢުލޫމާތުތައް ލިބިގަތީމާ އޭގެ ފައިދާކުރާނީ ހަމަ އެ މަޢުލޫމާތު ލިބިގަންނަ މީހަކަށް. މުސްލިމުންގެ ތެރޭގައި ލިޔަންކިޔަން ނުދަންނަ މީހުން ތިބުން އެއީ އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއްނޫން. އެހެން މިދެންނެވީ ދުނިޔޭގައިވާ ހުރިހާ ދީންތަކުގެ ތެރެއިންވެސް ތަޢުލީމަށް އެންމެމަތީ އަހަންމިއްޔަތެއް ދީފައިވާ ދީނަކީ އަޅުގަނޑުމެންގެ ދީން ކަމުގައިވާތީ. މާތްވެގެންވާ އިސްލާމްދީން ކަމުގައިވާތީ. އިސްލާމްދީނުގައި އަންގަވައިފައިވަނީ ކޮންމެ މީހަކުވެސް ތަޢުލީމު ހާސިލުކުރަން ޖެހޭނެއޭ. އެމީހަކީ ފިރިހެނަކު ކަމުގައިވިޔަސް، އަންހެނަކު ކަމުގައިވިޔަސް. އެހެންވީމާ، އަޅުގަނޑުމެން ތަޢުލީމު ހާސިލުކުރަންޖެހޭނެ. ކުރީގައި އަޅުގަނޑުމެން ޅައިރުގައި މިދެންނެވީ މިހާރު ތިބި ބޮޑެތި މީހުން، އެމީހުންގެ ޅަދުވަސްވަރުގައި އެއްވެސް އެއްޗެއް ކިޔެވުމުގެ ފުރުޞަތު ލިބިފައި ނުވިކަމުގައިވިޔަސް، މިހާރު ސަރުކާރުން އެ ފުރުޞަތު އެ ދެނީ، އެމީހުންނަށް. ދިނީމާ އޭގެ ބޭނުންކުރަންވާނެ. އާދެ، އަޅުގަނޑުގެ އުންމީދަކީ އަދި ނަޞޭޙަތަކީ މިރަށުގެ ރައްޔިތުން އަސާސީ ތަޢުލީމުގެ މަޝްރޫޢަށްވެސް މިހާރަށްވުރެ ބޮޑު ތަރުޙީބެއް ދެއްވުން.
 
އާދެ، ދެން އަޅުގަނޑުގެ ވާހަކައިގައި ހިސާބަކަށް މިހާރު އަޅުގަނޑުމެން ކުރާ މަސައްކަތުގެ ވާހަކަވެސް ދެއްކިއްޖެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް ކޮންމެވެސް މަސައްކަތެއް ކޮށްގެން އުޅޭ މީހެކޭ ބުނަނީ. އެއީ ވަރަށްބޮޑު ޙަޤީޤަތެއް. އަޅުގަނޑުމެންނަކީ މާ މުއްސަނދި ބައެއް ނޫން. ފައިސާތަކެއް އަޅުގަނޑުމެންގެ އަތްމައްޗަކު ނެތް. އެހެންވީމާ، ދިރިއުޅުމަށްޓަކައި ބޭނުންވާ ހުރިހާ ކަމެއްވެސް ކުރަންޖެހެނީ އަޅުގަނޑުމެންނަށް ލިބޭ ލާރިކޮޅަކުން. އެ ލާރިކޮޅު ލިބެނީ ކޮންމެވެސް މަސައްކަތެއް ކޮށްގެން. ހަމަ އެއްވެސް ކަމެއް ނުކޮށް ގޭގައި އިނދެގެން ލާރިކޮޅެއް ނުލިބޭނެ. އެހެންވީމާ، ކޮންމެވެސް ކަމެއް ކުރަން އެބަޖެހޭ ދިރިއުޅުމަށްޓަކައި. އެގޮތަށް ދިރިއުޅުމަށް މަސައްކަތް ކުރުން އެއީވެސް ވަރަށް ބޭނުންތެރި ކަމެއް. ދީނުގައިވެސް އަންގަވައިފައި އޮންނަ ކަމެއް. ކޮންމެ މީހަކުވެސް ދިރިއުޅުމަށް ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭނެ. ރާއްޖެތެރޭގެ ގިނަމީހުން ކުރާ މަސައްކަތަކީ މަސްވެރިކަން. އެކަމަކު ބައެއް ސަބަބުތަކާހެދި މަސްވެރިކަން ނުކުރެވޭ ރަށްރަށްވެސް ހުންނާނެ. އަޅުގަނޑު ހިތުން ކެނދިކުޅުދޫ އެއީ މަސްވެރިކަމަށް މާމޮޅު ރަށެއް ނޫން. ސަބަބުތަކެއްވެސް ހުންނާނެ. އެކަމަކު މިތާނގައިވެސް ކޮންމެވެސް ކަހަލަ މަސްވެރިކަމެއް ކުރޭ، ވަދާދިޔުން ކަހަލަ. އެހެންވީމާ އެބަޔަކު އެކުރާ މަސައްކަތެއް ވީހާ ރަނގަޅަކަށް ކޮށްގެން، އެބައެއްގެ އަމިއްލަ އާމްދަނީ އިތުރުވޭތޯ ބަލަންވާނެ. ކާބޯތަކެތީގެ އަގާއި އަދި އެހެންވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން. އެއާ ދޭތެރޭގައި އަޅުގަނޑުމެން ކުރާނެ ކަމެއްނެތް. އެ އެއްޗެއްސަކީ ރާއްޖޭގައި އުފައްދާ އެއްޗެއްސެއް ނޫން. އަޅުގަނޑުމެން ކައިބޮއި މިއުޅެނީ ހަނޑޫ ހަކުރު ފުށް. އެއިން އެއްވެސް އެއްޗެއް އެއީ ރާއްޖޭގައި ހެދޭ އެއްޗެއް ނޫން. އަޅުގަނޑުމެން އެތަކެތި ގަންނަންޖެހެނީ ބޭރުން. ގަނެގެން ރާއްޖެއަށް އެތެރެކޮށްގެން މި ވިއްކަނީ. ސަރުކާރުން އެ އެއްޗެއް ވިއްކާއިރުވެސް ސަރުކާރުން ވަރަށްބޮޑު ބައެއް އެއަށްލައިފައި، ރައްޔިތުންނަށް ފަސޭހަވާވަރަށް އަގުހެޔޮކޮށް ވިއްކަނީ. އެހެންވީމާ، ރާއްޖޭގައި ކާބޯތކެތީގެ އަގު ހުންނަވަރު އެއީ، ރާއްޖޭގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކުގައި، އެތަކެތީގެ އަގު ހުންނަ ވަރަށްވުރެ މާކުޑަ އަގެއް. މިހާރުވެސް ރާއްޖޭގައި ކާބޯތކެތީގެ އަގު އެހެން ތަންތަނަށްވުރެ މާކުޑަވާނެ. މިދެންނެވީ މުހިންމު އެއްޗެތި. ހަނޑޫ، ހަކުރު، ފުށް ކަހަލަ އެއްޗެތި.
 
ކޮންމެއަކަސް އެ އެއްޗެތީގެ އަގުވެސް ދަނީ ބޮޑުވަމުން. އަދި އެހެން އެއްޗެތީގެ އަގުވެސް ދަނީ ބޮޑުވަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއިން ދެކޮޅުޖެއްސޭކަށެއް ނޯންނާނެ. މިހާރު މިލިބޭ އެއްޗަކުން މާދަމާ ދެކޮޅެއްނުޖެއްސޭނެ. މިއަންނަ އަހަރު ދެކޮޅެއްނުޖެއްސޭނެ. އެއްޗެތީގެ އަގުބޮޑުވަމުން ދިޔަދިޔަހެން، ދާވަރަށް އެ ނިސްބަތުން އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެގެން ނޫނީ އަޅުގަނޑުމެން މިހާރު މިތިބަ ފެންވަރުގައިވެސް ނުތިބެވޭނެ. އަނެއްކޮޅުން ވިސްނާއިރު އަޅުގަނޑުމެން ބޭނުމެއްވެސް ނޫން، މިހާރު މިތިބަ ފެންވަރުގައި ތިބޭކަށެއް. އެއަށްވުރެވެސް މައްޗަށް ދާން ބޭނުންވަނީ. އެއަށްވުރެވެސް އަޅުގަނޑުމެންގެ ކަންތައް ރަނގަޅުކުރަން ބޭނުންވަނީ. އެހެންވީމާ، އޭގެ މާނަޔަކީ މިހާރު ކުރާ މަސައްކަތަށްވުރެ މާގިނަ މަސައްކަތް ކުރަންވެއްޖެޔޭ. މިހާރު މަސައްކަތުގައި ހޭދަކުރާ ވަގުތަށްވުރެވެސް މާގިނަ ވަގުތުތަކެއް ހޭދަކުރަން ވެއްޖެޔޭ. އަޅުގަނޑު މިވާހަކަ މި ދަންނަވަނީ އެއިން އެއްވެސް ކަހަލަ ފައިދާއެއް ސަރުކާރަށް ލިބޭނޭތީކީއެއް ނޫން. އޭގެ ފައިދާވެސް ލިބޭނީ ހަމަ އެ މަސައްކަތްކުރާ މީހަކަށް. އެ މަސައްކަތްކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ހުރިހާ ބޭނުންތަކެއް ފުއްދަންޖެހެނީ އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން. އެހެންވީމާ، އެ މަސައްކަތް އިތުރުކޮށްގެން ނޫނީ ލިބޭ އެއްޗެއް އިތުރެއްނުވާނެ.
 
ދެން ހަމައެކަނި މަސައްކަތް އިތުރުކޮށްގެންވެސް އަޅުގަނޑުމެން އެދޭގޮތަށް ރަށުގެ ކަންތައްވެސް ކުރިޔަކަށް ނުގެންދެވޭނެ. އެޔާއެކުގައި އަޅުގަނޑުމެން އެންމެންގެ މެދުގައި އޮންނަ ގުޅުން އެއީވެސް ވަރަށް ރަނގަޅު ގުޅުމަކަށް ހަދަންވާނެ. އެކަކު އަނެކެއްގެ ހާލު ދެކި، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، އެންމެންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހިކުރަންވާނެ. އެއީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. ފުރަތަމަ އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވައިފައިވަނީ ހުރިހާ މުސްލިމުންނަކީ އަޚުންނޭ، އަޚުންތަކެކޭ، އެއްބަނޑުއެއްބަފާ ބަޔެކޭ. އެހެންވީމާ، އެގޮތުންވެސް އަޅުގަނޑުމެންގެ މެދުގައި އޮންނަން ޖެހޭނީ އުޚުއްވަތްތެރިކަމުގެ ގުޅުން. އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަންވާފަދަ ގުޅުން. ޤައުމީގޮތުން ބަލާއިރު އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ ބައެއް. އެއް ޤައުމެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އެގޮތުން ބަލާއިރުވެސް އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާ ބައެއްގެ މެދުގައި އޮންނަފަދަ ހަރުދަނާ ރަނގަޅު ގުޅުމެއް.
 
އަޅުގަނޑު މިވާހަކަ މިހެން މި ދަންނަވަނީ އެއީ ވަރަށް ފަސޭހައިން ބައެއް ރަށްރަށުގައި އެކިބާވަތުގެ ހަމަނުޖެހުން އުފެދޭގޮތް ދިމާވޭ. އެކިއެކި ކަންކަމާ ދޭތެރޭގައި ޚިޔާލު ތަފާތުވެގެން، ނޫނީ އެކި މައްސަލަތައް ޖެހޭގޮތް ދިމާވެގެން، މީހުންގެ މެދުގައި އޮންނަ ގުޅުން ގޯސްވެގެންދޭ. ހަމަނުޖެހުން އުފެދޭ. ރުޅިވެރިކަމެއް އުފެދިދާނެ. އެކަހަލަ ކަންތައްތައް އުފެދުނަދީގެން ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންޖެހޭނެ، އެކަހަލަ ކަމެއް ފެށޭކަން އެނގިއްޖިއްޔާ، އެކަން ހުއްޓުވޭތޯ ބަލަން. ހަމަޖެހުމާއި އެއްބާރުލުން ޖަމާޢަތުގައި ވެރިވެގެން ނޫނީ އެ ޖަމާޢަތަކަށް އެއްވެސް ރޮނގަކުން ކުރިޔަކަށް ނުދެވޭނެ. އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް އަންގަވައިފައި އޮންނަނީ [إِنَّمَا الْمُؤْمِنُونَ إِخْوَةٌ]. [ހަމަކަށަވަރުން ހުރިހާ މުއުމިނުންނަކީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެން އެގޮތް ރަނގަޅަށް ދަންނަންވާނެ. ހަމައެކަނި އެއީ އަޅުގަނޑުމެން ވާހަކަ ދައްކާއިރު ބޭނުންކުރާ ޢިބާރާތަކަށްވެގެން ކަމަކުނުދާނެ. ޢަމަލީގޮތުން އެކަކު އަނެކަކާ ކުރާ މުޢާމަލާތުތަކުގައި މިދެންނެވި މާނަ ތަރުޖަމާވެވެންވާނެ. އެއީ ޙަޤީޤަތަކަށްވާންޖެހޭނެ. އެގޮތުގެ މަތިން ރަށުގެ އެއްވެސް ޖަމާޢަތެއްގެ މެންބަރުން، އެއްވެސް ރަށެއްގެ އަހުލުވެރިން އެފަދަ މަތިވެރި ގުޅުމެއް އެމީހުންގެ މެދުގައި ބާއްވައިގެން ދިރިއުޅުން ތަނަވަސްކުރުމަށް، އެ ޖަމާޢަތުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާ ކަމުގައި ވަނީނަމަ، ވަރަށް އަވަހަށް އެ މަސައްކަތްތަކުގެ ނަތީޖާ ފެނިގެންދާނެ.
 
އާދެ، މިއަދު އަޅުގަނޑު ކެނދިކުޅުދޫއަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމުގެ މުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން، މިރަށުގެ ވެރިންނާއި ރައްޔިތުން ކުރައްވައިފައިވާ ބޮޑެތި މަސައްކަތްތައް ފެނިފައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ހުރިހާ ރައްޔިތުންނަށާއި ވެރިންނަށް ޝުކުރު ދަންނަވަން.
 
އާދެ، މިކަހަލަ މުނާސަބަތުތަކުގައި އަޅުގަނޑު ބޭނުންވަނީ ރަށަށް ފައިދާ ހުންނާނެ މަސައްކަތްތައް ކުރުން. ހުރިހާ ރަށްރަށެއްގެ ރައްޔިތުންވެސް އެކަމަށް ޚިޔާލު ބަހައްޓަވައިގެން، އެކުރާ މަސައްކަތެއްގެ ފައިދާ އެއީ ހަމައެކަނި އެދުވަހު ކުރާނެ އެއްޗަކަށް ނުވެފައި، އޭގެފަހުންވެސް އޭގެ ފައިދާ ރަށަށް ލިބޭނެގޮތަކަށް އޮންނާނެ ކަހަލަ މަސައްކަތްތައް ކުރެއްވުން އެއީ އަޅުގަނޑުގެ އެދުމަކީ. މިސާލަކަށް، މިތާ ހައްދަވައިފައި މިއޮތް ފާލަން އެއީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ރަނގަޅު މަސައްކަތެއް. އެއީ އެ ފާލަމުގެ ބޭނުން ރައްޔިތުންނަށް ހިއްޕެވޭނީ ހަމައެކަނި މިއަދަކު ނޫން. މާދަމާވެސް، އަނެއް ދުވަހުވެސް، ވަރަށްގިނަ ދުވަސް ވަންދެން މިރަށުގެ ރައްޔިތުންނަށް އެ ފާލަމުގެ ބޭނުންކުރެއްވޭނެ. އެހެންވީމާ، މުޅި ރަށަށް ފައިދާހުރި ކަމެއް އެއީ. އެކަހަލަ ކަންތައް ކުރެއްވުން އެއީ އަޅުގަނޑުގެ އެންމެބޮޑު އެދުމަކީ. އަޅުގަނޑުގެ ދަތުރާ ގުޅޭގޮތުންވެސް އެކަހަލަ ކަމެއް ރަށެއްގައި ކުރެވިއްޖިއްޔާ، އޭގެ ފައިދާ އެ ރުޖޫޢަވަނީ ހަމަ އެރަށެއްގެ އަހުލުވެރިންނަށް. އެރަށެއްގެ ރައްޔިތުންނަށް. އެހެންވީމާ، އެކަހަލަ ކަންތައް ކުރެއްވުން އެއީ ރަނގަޅު ކަމެއް. އޭގެއިތުރުން ދެން ކުރައްވައިފައި ހުންނަ ބައެއް ކަންތައް އެއީ އަޅުގަނޑު މާހިތްހަމަޖެހޭ ކަމެއް ނޫން، އެކަންކަމުގައި ރައްޔިތުން ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރައްވައި، ވަރަށްގިނަ ބުރަތަކެއް އުފުއްލަވައިފައިވާތީ. އެހެންނަމަވެސް، އެކަންތައްތައްވެސް އަޅުގަނޑު ގަބޫލުކުރަން، އެއީ ރައްޔިތުން އެކަންތައް ކުރައްވައިފައި އެވަނީ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ މެދުގައި އުފެދިފައިވާ އިޚުލާޞްތެރިކަމެއްގެ ބޮޑުކަމުންކަން އަޅުގަނޑަށް ރަނގަޅަށް ވިސްނޭތީ. ކޮންމެއަކަސް ވަރަށް ފުރިހަމަގޮތަކަށް މިރަށަށް އަޅުގަނޑު މިއައި އައުން ފާހަގަކުރެވުން އޮތީ. އަދި މި ޖަލްސާ ޒީނަތްތެރި ކުރެއްވުމުގެ ގޮތުން މަސައްކަތް ކުރައްވައިފައި އެބަހުރި. އެކަމަށްޓަކައި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
 

                     والسّلام عليــكم ورحـمــة اللّـه وبـركاتـه.