بســم اللّـه الرّحمـن الرّحيــم
           
  السّلام عليــكم ورحـمــة اللّـه وبـركاتـه،
  
الحمـد للّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އާދެ، އަޅުގަނޑު ފެލިދުއަތޮޅަށް މިކުރާ ޒިޔާރަތުގައި މިއަދު މީގެކުރިން އެހެން ދެރަށަކަށް ޒިޔާރަތް ކުރުމަށްފަހު، މިހާރު އައިސް މިހިރީ ތިޔަބޭފުޅުންގެ މިރަށުގައި، ކެޔޮދޫގައި. އެހެންވުމާއެކު، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، މިރަށުގެ ރައްޔިތުންނަށް ދައުލަތުގެ ނަމުގަޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ހެޔޮއެދުން ރައްދުކުރުން.
 
މިމުނާސަބަތު ފާހަގަކުރެއްވުމުގެ ގޮތުން ކެޔޮދޫގެ ރައްޔިތުން ކުރައްވައިފައިވާ މިންނެތް މަސައްކަތްތައް ފެނި، އަޅުގަނޑު ވަރަށް ބޮޑަށް މިރަށުގެ ރައްޔިތުންނަށް ޝުކުރުވެރިވަން. އަޅުގަނޑު މިކުރާ ޒިޔާރަތަށްޓަކައި ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. ޚާއްޞަކޮށް، އެކަންކަމަކީ ގިނަ ޚަރަދުތަކެއް ކުރަންޖެހޭ އަދި ރައްޔިތުންގެ ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭ ބާވަތުގެ މަސައްކަތްތަކެއް ކަމަށްވަންޏާ، އެއީ އަމުދުންވެސް އަޅުގަނޑު މާހިތްހަމަޖެހޭ ކަމެއް ނޫން. އެހެންނަމަވެސް، އެއާއެކުގައި ދަންނަވަންޖެހެނީ، އަޅުގަނޑަށް ޔަޤީންކުރެވެނީ، މިރަށުގެ ރައްޔިތުން މިމަސައްކަތްތައް ކުރައްވައި، މިހާ ފުރިހަމަގޮތެއްގައި ރަށުތެރެ ޒީނަތްތެރި ކުރައްވައި ހައްދަވައިފައި މިވަނީ ކެޔޮދޫގެ ރައްޔިތުންގެ  ހިތްތަކުގައި ދިވެހި ދައުލަތާމެދު އުފެދިފައިވާ އިޚްލާޞްތެރިކަމުގެ މަތިވެރިކަމުންކަން. އެހެންކަމަށްވުމާއެކު، އެކަމަށްޓަކައިވެސް ދައުލަތުގެ ފަރާތުން ކެޔޮދޫގެ ރައްޔިތުންނަށް ތެދުވެރިކަމާއެކު ޝުކުރު އަދާކުރަން.
 
ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭފަދައިން، އަޅުގަނޑު ރާއްޖެތެރެއަށް ކުރަމުން މިގެންދާ ދަތުރުތައް ވަނީ އަޅުގަނޑު ރައީސްކަމާ ޙަވާލުވީއްސުރެ ފަށައިފައި. މީގެކުރިން ރާއްޖޭގެ އުތުރުގެ އަދި ދެކުނުގެ ވަރަށްގިނަ އަތޮޅުތަކަކަށް އަޅުގަނޑު ހިނގައްޖައިން. މިއަދު ފަށައިގެން މިއުޅޭ ދަތުރަކީ މެދުރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް ކުރަން ގަސްދުކުރެވިފައިވާ ދަތުރެއް. މިދަތުރުތަކުގެ ބޭނުމަކީ ރާއްޖެތެރެ ބަލައިލައި، ރާއްޖެތެރޭގެ އަހުލުވެރިންނާ ބައްދަލުކޮށް، އެމީސްމީހުންނާ ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައި، ރާއްޖެތެރެ ތަރައްޤީ ކުރުމަށް ސަރުކާރުން ވެވެން އޮންނާނެ އެހީތަކަކީ ކޮބައިތޯ އޮޅުންފިލުވައި، ސަރުކާރުން އެހީވެވެން އޮތް މިންވަރަކުން އެހީވެދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން.
 
މީގެކުރިން އަޅުގަނޑު ބައެއް އަތޮޅުތަކަށް ކުރި ޒިޔާރަތްތަކުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙު ކުރުމުގެ ވަރަށްބޮޑު މަޝްރޫޢެއް ވަނީ ރޭވިފައި. އެ މަޝްރޫޢަށް މިހާރުދަނީ ޢަމަލުކުރެވެމުން. އޭގެތެރޭގައި، ވަރަށްގިނަ ރަށްރަށަށް އެކިކަހަލަ ކަންތައްތައް ކޮށްދިނުން ހިމެނިގެންވޭ. މިސާލަކަށް، ބައެއް ރަށްރަށުގައި އަލުން ރަށުއޮފީސް ޢިމާރާތް ކުރުން، ނުވަތަ ހުންނަ އޮފީހެއް މަރާމާތުކޮށް ހަދައިދިނުން. ބައެއް ރަށްރަށުގައި އަލުން މިސްކިތް އެޅުން. ނުވަތަ ހުންނަ މިސްކިތް މަރާމާތުކުރުން. ފަޅުކޮނުން އަދި މިނޫންވެސް މިބާވަތުގެ އެތައް ކަންތައްތަކެއް މިދެންނެވި މަޝްރޫޢުގައި ހިމެނިފައިވޭ. އޭގެތެރެއިން އެއްކަމެއް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ޚަރަދުގައި ހިނގާ ސްކޫލެއް ހުޅުވުން. އެހެންވީމާ، އެގޮތުން މި މަޝްރޫޢުގައި، ރާއްޖޭގެ ރައްޔިތުންނަށް މިދެންނެވީ ރާއްޖެތެރޭގެ އަހުލުވެރިންނަށް ވަރަށް ފައިދާހުރި ކަންތައްތަކެއް އެކުލެވިގެންވޭ. އެހުރިހާ ކަމެއްގެ ބޭނުމަކީ ރާއްޖެތެރޭގެ ރައްޔިތުންނަށް، ދައުލަތުގެ ޚިދުމަތްތައް ފޯރުވައިދިނުން. އަދި ރާއްޖެތެރޭގެ ރައްޔިތުން ތަރައްޤީގެ މަގުގައި ކުރިއަށްދާނެ ގޮތްތައް، ސަރުކާރުން ހަމަޖައްސައިދިނުން.
 
އާދެ، ސަރުކާރުން އެކިކަންކަމަށް ޚަރަދު ކުރެވިދާނެ، ސަރުކާރަށް ތަނަވަސްކަން އޮތް މިންވަރަކުން. އެހެންނަމަވެސް، އެއްވެސް ކަމެއް ކާމިޔާބުވާނީ އެކަމެއްގައި ރައްޔިތުން އެއްބާރުލެއްވި މިންވަރަކުން. އެކަން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، އެދެވިގެންވަނީ ސަރުކާރުން މި ރާވާ ކަންތައްތަކުގައި، ރައްޔިތުން ފުރިހަމައަށް ބައިވެރިވެވަޑައިގަތުން. އަދި ފުރިހަމައަށް އެއްބާރުލެއްވުން. ރައްޔިތުން އެއްބާރުލައްވައިގެން ސަރުކާރުން ފަށައިގެން މިއުޅޭ ކަންތައްތައް ކުރިއަށް ގެންދަވާ ކަމަށްވަންޏާ، އެއްވެސް ޝައްކެއްނެތި އެއްދުވަހުން އަނެއްދުވަހަށް ރަށުގެ ޢާންމު ޙާލަތުވެސް ރަނގަޅުވަމުންދާނެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވަމުންދާނެ. އަދި ހުރިހާ ރޮނގަކުންވެސް، އަޅުގަނޑުމެންނަށް ތަރައްޤީވެވޭނެ މަގުތައް ފަހިވެގެންދާނެ.
 
އާދެ، ތަރައްޤީއަކީ މަސައްކަތްނުކޮށް އެއާ ހަމައަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ ކަމެއް ނޫން. އެހެންވީމާ، ތަރައްޤީގެ މަގުގައި ކުރިއަށް ދާން ބޭނުންވާނަމަ، އެންމެ ފުރަތަމަ އަޅުގަނޑުމެން މަސައްކަތާއި ހިއްމަތްތެރިކަމުން އަތުކުރި އޮޅައިލަންޖެހެނީ. ކޮންމެ ބައެއްގެވެސް ތަރައްޤީ ބިނާވެފައި ވާނީ އެބައެއްގެ މަސައްކަތްތެރިކަމުގެ މައްޗަށް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ވަރަށް މަސައްކަތްތެރި ހީވާގި ބައެއް. މިއީ އަޅުގަނޑު ތިޔަބޭފުޅުންނަށް ހަމައެކަނި ވާހަކަ ރީތިކޮށްލުމުގެ ގޮތުން ދަންނަވައިލާ އެއްޗެއް ނޫން. ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ މެހުމާނުންވެސް ފާހަގަކުރައްވާ ކަމެއް. ރާއްޖޭގެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެއްކަން. ހީވާގި ބައެއްކަން. އެހެންވީމާ، އެރޮނގުން އަޅުގަނޑު ހިތުން އަޅުގަނޑު މިދަންނަވާ ވާހަކަތަކުގެ މާނަ، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ.
 
އާދެ، ކޮންމެއަކަސް އަޅުގަނޑުމެން މިހާރު ކުރަމުން މިގެންދާ މަސައްކަތްތައް މިހާރަށްވުރެވެސް އިތުރުކުރަން ޖެހިއްޖެ. ސަބަބަކީ އެއްދުވަހުން އަނެއް ދުވަހަށް، ތަކެތީގެ އަގުބޮޑުވަމުންދާކަން. އެއީ މުޅި ދުނިޔެއަށް ޢާންމުވެފައިވާ ކަމެއް. ކާޑުގެ އެއްޗެތިވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އަގުބޮޑުވަމުން. އަދި އަޅުގަނޑުމެން އެކިގޮތްގޮތުން ކުރަންޖެހޭ ޚަރަދުތައްވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއެއް އިތުރުކޮށްގެން ނޫނީ، އެއްގޮތަކަށްވެސް އަޅުގަނޑުމެން އެކަކަށްވެސް މި ޚަރަދުތައް ފޫބެއްދޭކަށެއް ނޯންނާނެ. މިރަށަކީ މަސްވެރި ރަށެއް. މިއަތޮޅަކީ މަސްވެރި އަތޮޅެއް. މަސްވެރިކަމުގައި މިއަތޮޅުގެ ރައްޔިތުން ވަރަށް މަތިވެރި ދަރަޖައަކަށް ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާކަމުގެ ހެކިތައް އަޅުގަނޑަށް ފެންނަން އެބަހުރި. އެހެންވުމާއެކުގައި، އެކަމަކީ ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ފާހަގަކުރާ ކަމެއް. އެކަމަށްޓަކައި މިއަތޮޅުގެ ރައްޔިތުންނަށް ޝުކުރުވެސް އަދާކުރާ ކަމެއް. އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ މިހާރު އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތްތައް އިތުރު ހިތްވަރަކާއެކު، އިތުރު ބާރަކާއެކު ކުރިއަށް ގެންދިޔުން. އޭރުން އަޅުގަނޑުމެން މި އެދޭކަހަލަ މުސްތަޤްބަލެއް އަޅުގަނޑުމެންނަށް ފެންނާނީ.
 
އާދެ، މަސްވެރިކަމުގެ އިތުރަށް، ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރެވިދާނެ އެތަކެއް މަސައްކަތްތަކެއް އެބަހުރި. ރަށުގައި ތިބެގެން ކުރެވޭކަހަލަ ވަރަށްގިނަ މަސައްކަތްތައް އެބަހުރި. އެހެންވީމާ، މަސްވެރި ރަށަކަށްވިޔަސް، މަސްވެރިކަމުގެ އިތުރަށް، އެހެން ބައެއްކަހަލަ މަސައްކަތްތައްވެސް ކުރުމަކީ ބުއްދިވެރި ގޮތެއް. އެއީ މަސްވެރިކަން އަބަދު ހުންނާނީ އަޅުގަނޑުމެން އެދޭ ގޮތަކަށެއް ނޫން. ބައެއްފަހަރަށް މަސްވެރިކަން ރަނގަޅުވާނެ. އަނެއްބައިފަހަރަށް މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެ. މަސްނުބޭނި ކިތަންމެ ދުވަހެއްވެސް ބައެއްފަހަރަށް އެބަދޭ. އެހެންވީމާ، ހަމައެކަނި އެއް މަސައްކަތެއްގެ މައްޗަށް އަޅުގަނޑުމެންގެ ދިރިއުޅުން ބިނާކޮށްގެން ތިބުމަކީ ބުއްދިވެރި ގޮތަކަށެއްނުވޭ. އެއާ ޚިލާފަށް ވީހާގިނަ ބާވަތުގެ މަސައްކަތްތައް ދަސްކޮށްގެން ގިނަ ކަންތައްތައް ކުރަމުން ގެންދިޔުން އެއީ ބުއްދިވެރިގޮތަކީ.
 
އާދެ، އަޅުގަނޑަށް ޔަޤީންކުރެވޭ، އަޅުގަނޑު މި ދައްކާ ވާހަކަ ތިޔަ ހުރިހާ ބޭފުޅުންނަށް ގަބޫލުކުރެއްވޭނެ ކަމަށް. އެހެންވުމާއެކުގައި މާދިގުކޮށް އެވާހަކަ ދައްކާކަށެއް އަޅުގަނޑު ގަސްދެއްނުކުރަން. ދެން އަޅުގަނޑު އެނބުރިލާނީ އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ވަސީލަތެއް ކަމުގައިވާ ތަޢުލީމުގެ މައްޗަށް. ތަޢުލީމަކީ ބޭނުންތެރި އެއްޗެއް. ޙަޤީޤަތުގައި ތަޢުލީމަކީ ހުރިހާ ފެށުމެއްގެ އެންމެބޮޑު މައިގަނޑު. އެންމެބޮޑު ސަބަބު. ތަޢުލީމަކާ ނުލައި، އެއްވެސް ޖަމާޢަތެއް، އެއްވެސް ޤައުމެއް އެއްވެސް އިރެއްގައި ކުރިއަށް ގޮސްފައެއްނުވޭ. އަދި ނުވެސްދާނެ. އެހެންވީމާ، ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ. ސަރުކާރުންވެސް ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ. ސަރުކާރުންވެސް ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދެނީ މިސަބަބަށްޓަކައި. ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި ތަޢުލީމު ކުރިއަށް ގެންދިޔުމުގެ ވަސީލަތްތައް ފެތުރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އެބަގެންދެވޭ.
 
އޭގެތެރެއިން އެއްކަމެއް، އަސާސީ ތަޢުލީމުގެ މަޝްރޫޢު އެއީ. ވަރަށްބޮޑު މަޝްރޫޢެއް. މުޅި ރާއްޖެ އެ މަޝްރޫޢުގައި ހިމެނިގެންވާ ގޮތުގެ މަތިން ރޭވިގެން ހިނގަމުންދާ މަޝްރޫޢެއް. މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި އެ މަޝްރޫޢަށް ޢަމަލުކުރެވެން ފެށުނީ. ރާއްޖެތެރޭގައި އެދެވޭ ގޮތެއްގެ މަތިން އަސާސީ ތަޢުލީމުގެ ކަންތައްތައް ކުރިއަށްދާކަން ފާހަގަކުރެވޭ. އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ މިރަށުގެ ރައްޔިތުންވެސް އަދި ޢާންމުކޮށް އަތޮޅުގެ ރައްޔިތުންވެސް އަސާސީ ތަޢުލީމުގެ ފައިދާ ހޯއްދެވުމަށް އަވަސްވެވަޑައިގަތުން. އެއްގޮތަކަށްވެސް އެއީ ބޭނުންނެތް ކަމެއް ކަމުގައި ދެކެވަޑައިނުގަތުން. އަސާސީ ތަޢުލީމުން ލިބޭ ފައިދާ ލިބެނީ ހަމަ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ އަފްރާދުންނަށް. އެއީ އެއްވެސް ބޭރުގެ ފަރާތަކަށް ލިބޭ ފައިދާއެއް ނޫން. އަނެއްކޮޅުން އަސާސީ ތަޢުލީމުގައި ބައިވެރިވުމުން އަޅުގަނޑުމެންގެ އަތުން އެއްވެސް ޚަރަދެއް ނުހިނގާ. ސަރުކާރުން ހުރިހާ ކަމެއް ކުރަނީ. ފޮތާއި ފަންސުރާ، މިބާވަތުގެ އެއްޗެތިވެސް ސަރުކާރުން ހޯދައިދެނީ. ރޭގަނޑު ކްލާސްތައް ބޭއްވުމަށް ބޭނުންވާ ތަން ދިއްލުމުގެ ޚަރަދުވެސް ސަރުކާރުން ދެނީ. ކިޔަވާ ފޮތްވެސް ދެނީ. އެހެންވީމާ، އެއޮތީ ހަމަ ހިލޭ އަޅުގަނޑުމެންނަށް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމެއް. އެކަމުގެ ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް ކަމަށް ނުވެއެއްނުދާނެ.
 
އާދެ، ތަޢުލީމާ ބެހޭގޮތުން އަޅުގަނޑު ވަރަށް އުފާކުރަން، މިރަށުގައި އަމިއްލަ މަކްތަބެއް މިހާރު އުފެދިގެން ހިނގަމުންދާތީ. އެކަން ކުރިއަށް ގެންދެވުމަކީ، މިރަށުގެ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް. މި މުނާސަބަތުގައި، މިރަށުގެ ކަތީބު ތަޢުލީމު ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ މަސައްކަތްތަކަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އޭނާގެ އަމިއްލަ ޚަރަދުގައި މުދައްރިސަކު ހޯއްދަވައިގެން، އެކަން ކުރިއަށް ގެންދަވަމުން އެބަގެންދަވާ. އެއީ އަޅުގަނޑު ދަންނަވާނީ އޭނާ އަދާކުރައްވާ ވަރަށް މަތިވެރި ޚިދުމަތެކޭ. އާދެ، އެހެންވުމާއެކުގައި ސަރުކާރުން ގަސްދުކުރަނީ އެމަކްތަބަށް، މިރަށުގެ މަކްތަބަށް، މަކްތަބުއްޞިރާޠަށް، ދާއިމީ ކޮންމެވެސް އެހީއެއް ދިނުމަށް. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދާއިމީގޮތުން އެހީވެދިނުމަށް މިވަގުތު ސަރުކާރުން ހަމަޖައްސައިފައިވަނީ އަމިއްލަ މަކްތަބްތަކާއި މަދަރުސާތަކުގެ ތެރެއިން މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގައިފައިވާ ތަންތަނަށްކަން. އެހެންނަމަވެސް، މިރަށުގައި އެކަން ހިނގަމުންދާ ގޮތާ ދޭތެރޭގައި ޚިޔާލުކޮށް، އަދި މިރަށުގެ ރައްޔިތުން އެކަމަށް ދެއްވާ އަހަންމިއްޔަތު ވަޒަންކޮށް، އަދި މިރަށުގެ ކަތީބު އެކުރައްވާ ޚިދުމަތްތަކުގެ އަގުވެސް ވަޒަންކުރުމާ އެކުގައި، މިހާރު އަޅުގަނޑު ގަސްދުކުރަނީ ކޮންމެވެސްވަރެއްގެ އެހީއެއް އެ މަކްތަބަށް ދާއިމީ ގޮތެއްގައި ލިބެމުންދާނެގޮތަށް ހަމަޖެއްސުމަށް.
 
 އާދެ، އޭގެއިތުރުން އަޅުގަނޑު ކުރިންވެސް އިޝާރަތްކުރި، ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި، މިރަށުގެ ފަޅު ކޮނުން ހިމެނޭ. އެ މަސައްކަތް ކޮންމެވެސްވަރަކަށް މިހާރު ހިނގަމުން އެބަދޭ. ނިމުމަކާ ހަމަޔަށް ވަރަށް އަވަހަށް ހިނގައިދާނެ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އެހެންވީމާ، އެގޮތުންވެސް މިރަށަށް އެ މަޝްރޫޢުގެ ދަށުންވެސް ފުދޭވަރެއްގެ އެހީއެއް ލިބިފައިވާކަން ކަށަވަރު.
 
 އާދެ، އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންވީ އަނެއްކަމަކީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަން. އެހެންވުމާއެކުގައި އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެއް. ދީނުގައި ފަރުޟު ކުރައްވައިފައިވާ ކަންތައްތަކަށް ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެވެސް އެންމެ އިސް ވާޖިބު. ހަމައެއާއެކުގައި ދީނުގައި މަނާކުރައްވައިފައިވާ ކަންތައްތަކުން އެއްކިބާވެގެން ތިބުމަކީވެސް މުސްލިމުންގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް. އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، اللّـه سبحـانـه وتعـالى ބަރަކާތް ލައްވާނީ، އެކަލާނގެ އަންގަވާ ގޮތުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށްގެން ތިބޭ ކަމަށްވަންޏާ. އެހެންވީމާ، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރަން ބޭނުންވާ ނަމަވެސް، އަދި އަޅުގަނޑުމެންނަށް އިތުރު ކާމިޔާބާއި ނަޞްރު ލިބެން ބޭނުންވާ ކަމުގައިވާނަމަވެސް އެންމެ ފުރަތަމަ އަޅުގަނޑުމެން ތަބަޢަވާންވީ އަޅުގަނޑުމެންގެ މާތް ދީނުގެ އުޞޫލުތަކަށް. އެދީނުގެ އިޖްތިމާޢީ އުޞޫލުތައް އަޅުގަނޑުމެންނަށް އަންގައިދޭ ގޮތުގައި، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއް. އަޚުންތަކެއް. اللّـه سبحـانـه وتعـالىވަޙީކުރައްވަނީ [إِنَّمَا الْمُؤْمِنُونَ إِخْوَةٌ][ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ.] އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އަޚުންގެ މެދުގައި، އެއްބަނޑު އެއްބަފާ ބައެއްގެ މެދުގައި އޮންނަންޖެހޭ ގުޅުން. އެކަކު އަނެކަކަށް އެހީތެރިވުމުގެ ގުޅުން. އެއްބަޔަކު އަނެއްބަޔަކަށް ވާގިދިނުމުގެ ގުޅުން. އެއްބަޔަކު އަނެއް ބައެއްގެ ޙާލުދެކެ، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުވުމުގެ ގުޅުން. އެއްވެސް ޙާލެއްގައި، އަޅުގަނޑުމެންގެ މެދުގައި ފިތުނަވެރިކަމެއް އޮވެގެނެއްނުވާނެ. ހަމަނުޖެހުމެއް އޮވެގެނެއްނުވާނެ. ހަމައެފަދައިން، ރައްޔިތުންނާއި ވެރިންނާ ދެމެދުގައިވެސް އޮންނަންޖެހޭނީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން. ދައުލަތުން އިރުޝާދުދޭ ގޮތުގެ މަތިން ވެރިންގެ މަސްއޫލިއްޔަތަކަށްވާނީ، ރައްޔިތުންނާއިގެން ކުރިއަށް ދިޔުން. އަދި ރައްޔިތުންގެ ވާޖިބަކަށްވާނީ ވެރިންނަށް ކިޔަމަންތެރިވުން. އެއީ ވެރިންނަށް ކިޔަމަންތެރިވުމުގައި، ރަށުގެ ފައިދާ ހިމެނިފައިވާތީ، އަދި ވެރިން އެ އަންގަވާ ކަންތައްތައް އެއީ ދައުލަތުން އިރުޝާދުދީގެން ނަޞޭޙަތްތެރިވެގެން އަންގަވާ ކަންތައްތަކެއް ކަމަށްވާތީ. މިގޮތުގެ މަތިން، ވެރިންނާއި ރައްޔިތުން އެކަތިގަނޑަކަށްވެގެން، މަތިވެރި އިޖްތިމާޢީ ރޫޙެއްގެ ހިޔާވަހިކަމުގެ ދަށުގައި، އަޅުގަނޑުމެން މަސައްކަތް އިތުރުކުރަމުން ގެންދާ ކަމަށްވަންޏާ، މާ ލަސްތަކެއްނުވެ އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް ތަރައްޤީވެ ކުރިއަށް ދާނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
 އާދެ، މީގެ ހައެއްކަ އަހަރު ކުރިން އަޅުގަނޑު މިރަށަށް ޒިޔާރަތް ކުރިން. މިރަށުގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކު އެކަން ހަނދާންހުންނާނެ ކަމަށް އަޅުގަނޑު ހީކުރަން. ކޮންމެއަކަސް އެދުވަހާ މިއަދާ ދެމެދުގައި ވަރަށްގިނަ ކަންތައްތަކެއް ހިނގައިފައިވޭ. އަދި މިރަށުގެ ކަންތައްތައްވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. އެއަށްވުރެ މިހާރު ހުރިހާ ކަމެއްވެސް ރަނގަޅުކަން އަޅުގަނޑަށް ރަނގަޅަށް ފެނޭ. އެއީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. އަޅުގަނޑުގެ އެދުމަކީ، މިރަށުގެ ރައްޔިތުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ރަށަށް އެއްދުވަހުން އަނެއް ދުވަހަށް ތަނަވަސްކަން އިތުރުވަމުންދިޔުން. އަދި ރަށުގެ ހުރިހާ ކަމެއްވެސް އިޞްލާޙުވަމުން ދިޔުން. އަޅުގަނޑުމެން އެންމެން އެދޭ ކަހަލަ އުފާވެރި ތަނަވަސް މުސްތަޤްބަލަކަށް ވާސިލުވެވުން.
 
 އާދެ، އަޅުގަނޑު އަދިވެސް މިއަދު އެހެން ރަށަކަށްވެސް ދާންޖެހިފައި އޮތުމާ އެކުގައި މިރަށުގައި މާގިނަ ވަގުތުތަކެއް ހޭދަކުރެވޭކަށެއް ނެތް. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ اللّـه سبحـانـه وتعـالىގެ ޙަޟްރަތުން އަޅުގަނޑުމެން އެންމަންނަށް ހެޔޮ ތައުފީޤު ލެއްވުމަށް އެދި ދުޢާކުރަމުން. އަޅުގަނޑުމެން އެންމެން އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މިކުރާ މަސައްކަތްތަކުގައި اللّـه سبحـانـه وتعـالى ތައުފީޤު ލެއްވުން އެދި ދުޢާކުރަމުން. އަޅުގަނޑުމެންނަށް މިއަދަށްވުރެ ތަނަވަސް، މިއަދަށްވުރެ ބާއްޖަވެރި މާދަމައެއް ދެއްކެވުމަށް އެދި ދުޢާކުރަމުން.
 

          والسّلام عليكم ورحمـة اللّـه وبركاته.