بســم اللّـه الرّحمـن الرّحيــم
           
          الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، وعلى آلـه وصحبـه أجمعـين.
 
އަޅުގަނޑު މިރޭ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނާ ނުރަސްމީގޮތުން މިބައްދަލުކޮށްލަނީ، ޚާއްޞަ މަޖިލީހުގެ ރަސްމީ ޖަލްސާތައް ފެށުމުގެ ކުރީގައި ބައެއް މުހިންމު ނުކުތާތަކާ ބެހޭގޮތުން އެއްޗެއް ދަންނަވައިލުމަށްޓަކައި.
 
އާދެ، އެންމެ ފުރަތަމަ އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ދަންނަވަން. އެއީ، ތިޔަބޭފުޅުންނަކީ، ދިވެހިރާއްޖޭގެ ރައްޔިތުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް އިންތިޚާބު ކުރައްވައިފައިވާ ބޭފުޅުން ކަމަށްވާތީ. ރައްޔިތުން ތިޔަބޭފުޅުންނަށް އަރުވައިފައިވާ އިތުބާރަށްޓަކައި.
 
އާދެ، މި މަޖިލިސް އިންތިޚާބު ކުރެވިފައި މިވަނީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް. ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވައިފައި. އެ ފާސްކުރެއްވި ފާސްކުރެއްވުމާ ވިދިގެން، ޤާނޫނުއަސާސީ ބުނާގޮތުގެ މަތިން ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރެއްވުނީ. އިންތިޚާބު ކުރެވުނު ފަހުން ދުވަސްކޮޅެއްވެއްޖެ. މިހާތަނަށް ދިމާވި ބައެއް މުހިންމު ސަބަބުތަކާހުރެ މަޖިލިސް އެއްކުރެވޭގޮތް ނުވެފައި އޮތީ. މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ދެއްކި ވާހަކައިގައިވެސް އެކަމަށް އިޝާރަތްކުރިން. ކޮންމެއަކަސް މިހާރު މާތްﷲގެ ވާގިފުޅާއެކު، ޚާއްޞަ މަޖިލިސް އެއްކުރުމުގެ ކަންތައް އިންތިޒާމު ކުރެވި ނިމިއްޖެ. މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލަނީ ނުރަސްމީގޮތުން. އިރާދަކުރެއްވިއްޔާ މި ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެރޭ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ރަސްމީ ޖަލްސާ ބޭއްވޭނެ.
 
އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހާ ބެހޭގޮތުން ޤާނޫނުއަސާސީގައި މާގިނަ މާއްދާތަކެއްނޯވޭ. މަޖިލީހުގެ ކަންތައްތައް ހިންގާނެ ގޮތަކާ ދޭތެރޭގައިވެސް ޤާނޫނުއަސާސީގައި މާބޮޑު އައްޔެއް އެޅިފައެއްނޯވޭ. ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގައި އޮންނަނީ، "ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނުތައް ފިޔަވައި، އެހެން ހުރިހާ ޤާނޫނުތަކެއް ހަދާނީ ރައްޔިތުންގެ މަޖިލީހުންނެވެ". އާދެ، ދެން 63 ވަނަ މާއްދާގައި މި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުންނަށް ލާޒިމުވެގެންވާ ސިފަތައް. 67 ވަނަ މާއްދާގައި އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމށާއި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ވޯޓްދޭ މީހުންނަށް ހުރުން ލާޒިމުވާ ސިފަތައް. 70 ވަނަ މާއްދާގައި އޮންނަނީ، "ތިރީގައި ބަޔާންވެގެންވާ ކަންކަމުގެ މައްޗަށް ޤާނޫނު ހަދާނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުންނެވެ.
          ހ. ރާއްޖޭގެ ސިއްކައިގެ އަގު ތަފާތުވާނޭ އެއްވެސް ޤާނޫނެއް.
         ށ. ވެރިކަމުގެ ޙައްޤަކަށް ނުވަތަ ރައްޔިތުންގެ ޙައްޤަކަށް އުނިކަމެއް ލިބިދާނެ އެއްވެސް ޤާނޫނެއް."
 
82 ވަނަ މާއްދާގައި އޮންނަނީ، "ޤާނޫނުއަސާސީން މާއްދާއެއް ބަދަލުކުރާން ނުވަތަ އުނި އިތުރުކުރާން ޖެހިއްޖެނަމަ، އެ މާއްދާއެއް ބަދަލުކުރެވޭނީ، ނުވަތަ އުނި އިތުރުކުރެވޭނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވެގެންނެވެ". ދެން 83 ވަނަ މާއްދާގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލެވިގެންވާގޮތް ބަޔާންކޮށްދީފައި އޮވޭ. އޭގައި ބުނެފައި އޮންނަނީ، "ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެކުލެވިގެންވާނީ؛
ހ.  ވަޒީރުންގެ މަޖިލީހުގެ މެންބަރުން.
ށ.  ރައްޔިތުންގެ މަޖިލީހުގެ މެންބަރުން.
ނ. މާލެއާއި ރާއްޖެތެރެއިން އިންތިޚާބު ކުރެވޭ 40 މެންބަރުން. (މާލެއިން އިންތިޚާބު ކުރެވޭ 2 މެންބަރުންނާއި، ރާއްޖޭގެ ކޮންމެ އަތޮޅަކުން އިންތިޚާބު ކުރެވޭ 2 މެންބަރުން.)
ރ. ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ 8 މެންބަރުން.
މި މީސްމީހުންގެ މައްޗަށެވެ".
 
84 ވަނަ މާއްދާގައި އޮންނަނީ "ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ މަޖިލީހުގެ އެޖެންޑާގައިވާ ކަންތައް ނިމުމުން މަޖިލިސް އުވުނީއެވެ". މިއީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހާ ބެހޭގޮތުން އޮންނަ މާއްދާތަކަކީ، އަދި ކަނޑައެޅިފައިވާ ކަންތައްތަކަކީ.
 
އެހެންނަމަވެސް، ޚާއްޞަ މަޖިލިސް ހިންގުމާ ބެހޭގޮތުން މިއަށްވުރެ އިތުރު ކަންތައްތަކެއް ހަމަޖައްސަން އެބަޖެހޭ. މިސާލަކަށް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކު ހޮވާނީ ކިހިނެއްތޯ؟ އެއީ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެއް ނޫން. އަދި އެހެން އެއްވެސް ޤާނޫނެއްގައިވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް ހޮވާނެގޮތެއް ބަޔާންކޮށްފައެއް ނެތް. މީގެކުރިން ކަންތައްތައް ހިނގާފައިވަނީ އެކިފަހަރު އެކިގޮތަށް. ބައެއްފަހަރު ޚާއްޞަ މަޖިލީހުގެ މެންބަރުން، ޚާއްޞަ މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު މަޖިލީހުގެ ރައީސްގެ ކަމަށް އިންތިޚާބު ކުރައްވަނީ. އަނެއްބައިފަހަރު ފަހަރު ވެފައި އޮންނަ ގޮތަކީ އޭރަކު ދައުލަތުގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނަވާ ބޭފުޅަކު ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ރައީސަކު ޢައްޔަން ކުރައްވަނީ. އެހެންވީމާ، ކަނޑައެޅިގެން އަޅުގަނޑުމެން ގެންދާނެގޮތެއް ޤާނޫނުއަސާސީގައިވެސް އަދި ރާއްޖޭގެ ޤާނޫނުތަކުގައިވެސް އަދި ޤާނޫނުއަސާސީގެ ކަންތައްތަކާ ބެހޭގޮތުން އާދަކާދައިގެ ގޮތުންވެސް ވަކިގޮތަކަށް ހިނގާފައެއް ނެތް.
 
އެހެންވީމާ، އެންމެ ފުރަތަމަ އަޅުގަނޑުމެންނާ ކުރިމަތިވާ މައްސަލައަކީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްގެ މައްސަލަ. އެކަމާ ދޭތެރޭގައި އަޅުގަނޑު ޚިޔާލުކުރާގޮތް އިރުކޮޅަކުން ދަންނަވައިލާނަން. އަދިވެސް އަޅުގަނޑު ހިތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހާ ބެހޭގޮތުން އިތުރު ކަންތައްތަކެއް ހަމަޖައްސަން އެބަޖެހޭ. އެއީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް ހިންގާނެ ޤާނޫނެއް ނެތްތާނގައި ގަވާއިދެއްވެސް ނެތް. މިކަހަލަ ބޮޑެތި މަޖިލިސްތަކުގައި ބޮޑެތި މައްސަލަތަކާ ދޭތެރޭގައި ބަޙުޘްކުރެވި ފާސްކޮށް އަދި އެމައްސަލަތަކަކީ މުޅި ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ، ޤައުމުގެ އެންމެހައި ރައްޔިތުންނާ ގުޅިފައިވާ މައްސަލަތަކަކަށްވާތީ، ވަރަށް ހަމަޖެހޭ އުޞޫލެއްގެ މަތިން މިކަންތައްތައް ގެންދަންޖެހޭނީ.
 
އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލިހުގެ ކަންތައްތައް ގެންދާނެ ގަވާއިދެއްވެސް ކަނޑައެޅިފައި އޮންނަންވާނެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، މައްސަލަތައް ފާސްކުރާނީ ކިހިނެއްތޯ؟ އަޅުގަނޑު ދެންމެ ދެންނެވި މާއްދާގައި އެބައޮތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްވެގެންނޭ ޤާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ. އެކަމަކު "އަޣްލަބިއްޔަތު" އެ ބަސް އެއީވެސް ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ ބަހެއް. އަޣްލަބިއްޔަތުގެ ތަފާތު ގޮތްތަކެއް އެބަހުރޭ. ސާދާ އަޣްލަބިއްޔަތު ނުވަތަ ސިމްޕަލް މެޖޯރިޓީ  އެއީ ތިބޭ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ އެކަކު ގިނަވީމާ، އެ އަޣްލަބިއްޔަތު ލިބުނީ. ބައެއްކަހަލަ ކަންކަމުގައި ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ބޭނުންވޭ. ބައެއްކަހަލަ ކަންކަމުގައި މުޅި މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބެން ބޭނުންވޭ. އެހެންވީމާ، ހަމައެކަނި "އަޣްލަބިއްޔަތު" އެހެން އޮވެގެން އޭގެ މާނަ ކަނޑައެޅިގެން މާ ސާފެއްނުވޭ.
 
މި ނުކުތާގެ މުހިންމުކަމަކީ މިހާރު ކަންތައްތައް ދިމާވެފައިވާގޮތުން އަޅުގަނޑު ހިތުން މިފަހަރު ތިޔަބޭފުޅުންގެ މަސްއޫލިއްޔަތަކަށް ވާނީ ހަމަ އެކަނި ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވުމެއް ނޫން. އެއަށްވުރެވެސް އަޅުގަނޑަށް ލަފާކުރެވޭގޮތުގައި ތިޔަބޭފުޅުންގެ މަސައްކަތް މިފަހަރު ބުރަވާނެ. އަދި މާ މުހިންމުވާނެ. އެއީ އަޅުގަނޑުމެންގެ މިހާރު މިއޮތް ޤާނޫނުއަސާސީއަށް ވިސްނާއިރު، އޭގައި ހުރި އުނި ކަންތައްތައް ގިނަކަމުން. އެއްވެސް ޤައުމެއްގެ ޤާނޫނުއަސާސީގައި އެކުލެވިގެންވާ ހުރިހައި ކަންތައްތަކެއް މި ޤާނޫނުއަސާސީއަކު އަދި ނެތް. ވަރަށްގިނަ މާއްދާތަކެއް އިތުރުކުރަންޖެހޭނެކަމަށް އަޅުގަނޑަށް ފެނޭ. ބައެއް މާއްދާތައް އިޞްލާޙުކުރަންޖެހޭނެ. ބައެއް މާއްދާތައް ޢިބާރާތް ހުރިގޮތުން އެއިން ބުނާއެއްޗެއް ކަނޑައެޅިގެން ސާފުނުވާތީ، ޢިބާރާތް ރަނގަޅުކުރަން އެބަޖެހޭ. އެހެންވީމާ، ޙަޤީޤަތަށް ވިސްނާއިރު، ބުނެވިދާނެ ތިޔަބޭފުޅުން އެންމެ ފަހުން މަސައްކަތްޕުޅު ނިންމަވާއިރު އޮންނާނީ މުޅިން އާ ޤާނޫނުއަސާސީއެއް ހެދިފައޭ. ހަމައެކަނި މިހާރު އޮތް ޤާނޫނުއަސާސީ އިޞްލާޙު ކުރެއްވީއަކީ ނޫނޭ. އޭގެ އިތުރުން ހަމަ ރަނގަޅު ފުރިހަމަ ޤާނޫނުއަސާސީއެއް ހެދިފައޭ، މަސައްކަތްޕުޅު ނިމޭއިރު އޮންނާނީ.
 
އެހެންވީމާ، މި އަޣްލަބިއްޔަތުގެ މައްސަލަ ނުކުންނަނީ. އެއީ ވަރަށް މުހިންމު އުޞޫލުތަކެއް ޤާނޫނުއަސާސީގައި ހިމެނޭނެތީ. އެ އުޞޫލުތައް ފާސްކުރައްވާއިރު، އެކަމަކީ އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި ފަދައިން، މުޅި ޤައުމުގެ މުސްތަޤްބަލާ ގުޅިފައިވާ، މުޅި ޤައުމުގެ އެންމެހައި ރައްޔިތުންނާ ގުޅިފައިވާ ކަމަކަށްވާތީ، އެ ފާސްކުރާނީ، ކޮން އަޣްލަބިއްޔަތަކުންތޯ؟ އެ ފާސްކުރާނީ މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތުންތޯ؟ އެހެން ވެއްޖިއްޔާ އެއީ މިހާރު 99 މެންބަރުން މަޖިލިހުގައި އެބަ ތިއްބެވި. އެހެންވީމާ، 50 މެންބަރުންގެ އަޣްލަބިއްޔަތުން އަޣްލަބިއްޔަތު ލިބުނީމާ ފާސްވީތޯ. ނޫނީވިއްޔާ އެއަށްވުރެ އިތުރު އަޣްލަބިއްޔަތެއް ބޭނުންވޭތޯ. އަދިވެސް އެހެން މިސާލެއް ދަންނަވައިފާނަން. 99 މެންބަރުން ތިއްބެވި ކަމުގައިވިޔަސް، ބައެއް ޖަލްސާތަކަށް އެއަށްވުރެ މަދުން މެންބަރުން ހާޒިރުވެވަޑައިގަތުން އެކަށީގެންވޭ. ގިނަފަހަރަށް ދިމާވާނީވެސް އެހެން. ބައެއް ފަހަރަށް 90 ބޭފުޅުން ތިއްބަވައިފާނެ. ނުވަތަ އެއަށްވުރެ މަދުންވެސް ތިއްބަވައިފާނެ. އެހެންވީމާ، މިސާލަކަށް 90 މެންބަރުން ތިއްބެވި ޖަލްސާއެއްގައި ދެބައިކުޅަ އެއްބަޔަކީ 45 އެހެންވީމާ، 46 މެންބަރުން އެއްކޮޅަކަށް ވޯޓް ދެއްވައިފިއްޔާ، އެ މައްސަލަ ފާސްވީކަމަށް ބަލަންވީތޯ؟ މިކަހަލަ ވަރަށްގިނަ މައްސަލަތައް އެބަހުރި. ކުރިން އެ މައްސަލަތައް ޙައްލު ނުކޮށް، ކަނޑައެޅިގެން ސާފުކޮށް އެންމެންނަށް އެނގޭނެކަހަލަ ގަވާއިދެއް ހަމަޖެހިފައި ނެތި، ޤާނޫނުއަސާސީ އިޞްލާޙުކުރަން ފަށައިފިއްޔާ އަޅުގަނޑު ހިތުން ވަރަށްގިނަ ތަފާތު މައްސަލަތައް ނުކުންނަން ފަށާނެ. އެހެންވީމާ، މައްސަލަތައް ނުކުތުމުގެ ކުރިން މި ގަވާއިދު އަޅުގަނޑު ދެކޭގޮތުގައި އޮންނަންވާނީ ހެދިފައި.    
 
އާދެ، ދެން ޚާއްޞަ މަޖިލީހުގެ ރައީސްކަމާ ބެހޭގޮތުން އަޅުގަނޑު ވަރަށް ބޮޑަށް ވިސްނާފައި ހަދަން ގަސްދުކުރާގޮތް ދަންނަވާލަން. މިހާރު ސަރުކާރުގެ ސިޔާސަތަކީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިނިވަންކަމާއެކު މަޝްވަރާކޮށްގެން ގެންދާ ސިޔާސަތެއް. ޑިމޮކްރެޓިކް އުޞޫލުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެއް. އެހެންވީމާ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބޭފުޅަކު ކަމުގައި ވެގެން އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެން މިގެންދާ ސިޔާސަތަކާ އެއްގޮތެއް ނުވާނެ. އެހެންވީމާ، އަޅުގަނޑު މިފަހަރު ގަސްދުކުރަނީ މެންބަރުންނަށް އެކަން ދޫކޮށްލަން. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، އެ މެންބަރުންގެ ތެރެއިން ފެނިވަޑައިގަންނަވާ ބޭފުޅަކު، ޚާއްޞަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކުރައްވާ ގޮތަށް. ހަމައެކަނި ރައީސެއް ނޫން. އެ ރައީސަކު އެކަނި ހުންނަވައިގެން ކަންތައްތަކެއް ނުގެންދެވޭނެ. ބައެއްފަހަރު ދިމާވާ ޢުޛުރަކަށްޓަކައި ވަޑައިނުގެންނެވިވެސް ހިނގައިދާނެ. އެހެންވީމާ، ޚާއްޞަ މަޖިލީހުގެ ރައީސަކު ހުންނަވާފައި، ނައިބު ރައީސަކުވެސް ހުންނަވަންވާނެ ކަމަށް އަޅުގަނޑަށް ފެނޭ. ދެން ލިޔެކިޔުމާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމަށް އަދި ޖަލްސާތައް އިންތިޒާމު ކުރައްވައި، ޖަލްސާތަކާ ބެހޭ ކަންތައްތައް ހިންގެވުމަށް ސެކްރެޓަރީއަކުވެސް ހުންނަވަންވާނެ. އެ ސެކްރެޓަރީއަށް އެހީވާނެ ނައިބު ސެކްރެޓަރީއަކުވެސް ހުންނަވަންވާނެ. މި މަޤާމުތަކަށް އަޅުގަނޑަށް ފެންނަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، މަޖިލީހުގެ މެންބަރުންގެ ތެރެއިން ހިމެނޭ ބޭފުޅުން އިޚްތިޔާރު ކުރައްވަން، އިންތިޚާބު ކުރައްވަން. އޭގެއިތުރުން ބޭނުންފުޅުވާ އެހީތައް ސަރުކާރުގެ އެހެން ފަރާތްފަރާތުން ލިބިވަޑައިގަންނަވާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކާތިބުންނާއި ސެކްރެޓަރީން ލިބިވަޑައިގަންނަވާނެ. އަދި ސަރުކާރުގެ ބައެއް އެހެން ތަންތަނުންވެސް އެކަހަލަ މީސްމީހުން ލިބިވަޑައިގަންނަވާނެ. އެއީ މަސައްކަތުގެ ބުރަކަމާއި މުހިންމުކަމުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތިބި ސެކްރެޓަރީންނަށާއި ކާތިބުންނަށް އެކަންވާނެ ކަމަށް ނުފެންނާތީ. އެއަށްވުރެ ފުރިހަމަކޮށް، އެއަށްވުރެ ރަނގަޅަށް ގެންދަން ބޭނުންވާތީ. ތިޔަބޭފުޅުންނަށް ދަތިފުޅުނުވާ އަދަދަކަށް ސަރުކާރުގެ އެހެން އޮފީސްތަކުންވެސް މިދެންނެވި ފެންވަރުގެ މުވައްޒަފުން ލިބިވަޑައިގަންނަވާނެ.
 
އާދެ، ދެން އެހެންވީމާ އެންމެ ފުރަތަމަ ޖަލްސާގައި، ރަސްމީ ޖަލްސާގައި އަޅުގަނޑު ހިތުން އޮންނަންވާނެ ކަމަކީ، މި މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެއްވުން. އެކަމަކު ފުރަތަމަ ޖަލްސާ ފެށޭއިރުވެސް ޖަލްސާގައި ރައީސަކު އިންނަވަން އެބަޖެހޭ. އެ އިންތިޚާބު ކުރުމުގެ ކަންތައް ގެންދަވާނެ ރައީސަކުވެސް އިންނަވަންޖެހޭނެ. އެހެންވީމާ، އަޅުގަނޑު ގަސްދުކުރަނީ ވަގުތީ ރައީސެއް ހަމަޖައްސަން. އެއީވެސް މެންބަރުންގެ ތެރެއިން ބޭފުޅަކަށްވާނީ. ވަގުތީ ރައީސެއް. ވަގުތީ ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، ވަރަށް ކުޑަކުޑަ ކަމެއް. ޖަލްސާ ފެށޭއިރު ރިޔާސަތުގައި އިންނަވާފައި، މަޖިލީހުގެ ރައީސަކަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ ކަންތައް ކުރިއަށް ގެންދަވާނީ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސަކު އިންތިޚާބުވުމުން، އެ ވަގުތީ ރައީސްގެ ވާޖިބު އަދާކުރެއްވުނީ. ދެން ވަގުތީ ރައީސް އިށީނދެވަޑައިގަންނަވާނީ. ދެން އެއީ އާދައިގެ މެންބަރެއް. ދެން އެހިނދުން ފެށިގެން ހުރިހާ ކަމެއް ގެންދަވާނީ، އެ އިންތިޚާބު ކުރެވޭ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް. ނައިބު ރައީސްގެ އިންތިޚާބު ކުރިއަށް ގެންދަވާނީވެސް، ސެކްރެޓަރީގެ އިންތިޚާބު ކުރިއަށް ގެންދަވާނީވެސް، ނައިބު ސެކްރެޓަރީގެ އިންތިޚާބު ކުރިއަށް ގެންދަވާނީވެސް، އެ އިންތިޚާބު ކުރެވޭ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް.
 
ދެން ފުރަތަމަ ރޭގެ ޖަލްސާގައި އަޅުގަނޑު ގަސްދުކުރަނީ، މިހާރު މިދޭތެރެއިން އަޅުގަނޑު ޤާނޫނުއަސާސީއާ ބެހޭގޮތުން ކުރި މަސައްކަތްތައް ދަންނަވައިލައި، ޤާނޫނުއަސާސީއާ ބެހޭގޮތުން އަޅުގަނޑަށް ޚިޔާލުކުރެވިފައި ހުރި ބައެއް ވާހަކަތައް ދަންނަވައިލަން. ފުރަތަމަ ރޭގެ ޖަލްސާގައި. އޭގެފަހުން އަޅުގަނޑަށް ލަފާކުރެވެނީ ހައްދަވަން އެންމެ ރަނގަޅުވާނެ ގޮތަކަށްވާނީ، އަޅުގަނޑު ކުރިންވެސް އިޝާރަތްކުރިފަދަ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ގަވާއިދު ހެއްދެވުން. އެގަވާއިދު ހައްދަވާއިރުވެސް އާދަވެގެން މިހާރުވެސް ކަންތައް ހިނގަމުންދާ އުޞޫލުން، އަޅުގަނޑު ހިތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އެކަމަށް ކޮމިޓީއެއް ހޮއްވަވައިގެން، އެ ކޮމިޓީން މަސައްކަތް ކުރައްވައިފައި، އެ ކޮމިޓީން ތައްޔާރުކުރައްވާ ގަވާއިދު މުޅި މަޖިލީހަށް ހުށަހަޅުއްވައިގެން، މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ އުނި އިތުރު އިޞްލާޙު ގެންނެވުމަށްފަހު، މަޖިލީހުގެ މެންބަރުންގެ އަޣްލަބިއްޔަތު ލިބޭ ގޮތެއްގެ މަތީން އެ ގަވާއިދު ފާސްކުރައްވާނީ. އެ ގަވާއިދު ފާސްކުރެއްވުމަށްފަހު، އޭގައިވާ ގޮތުގެ މަތިން ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނީ. އެއީ އަޅުގަނޑަށް ހިތަށް ފެންނަ ގޮތުގައި އެންމެ ރަނގަޅަށް އެންމެ އޮމާންކޮށް ހަމަޖެހޭގޮތެއްގައި މިކަންތައްތައް ހިނގަމުންދާނެ ގޮތަކީ.
 
އާދެ، ދެން އަޅުގަނޑު އަދި ދަންނަވާލަން ބޭނުންވާ ވާހަކައެއް އެބައޮތް. އެއީ ޤާނޫނުއަސާސީއަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ ޤައުމެއްގައިވެސް އޮންނާނެ މަތީ ޤާނޫނު. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ޤާނޫނެއް ނެހެދޭނެ. ޤާނޫނުއަސާސީއަށް އެ ޤައުމެއްގެ އެންމެން ޙުރްމަތްތެރިކޮށްހިތަންޖެހޭ، ތަބާވަންޖެހޭ. އެންމެމަތީ ވެރިޔާއިން ފެށިގެން ދައުލަތުގެ ހުރިހާ މަތީ ދަރަޖައިގެ ވެރިންނާއި އަދި އެންމެހައި ރައްޔިތުންވެސް އެއްވަރަކަށް ޤާނޫނުއަސާސީއަށް ޙުރްމަތްތެރިކޮށްހިތަންޖެހޭ. ޤާނޫނުއަސާސީއަށް ތަބާވާންޖެހޭ.
 
ދެން މިހާރު މި ހެދެން އުޅޭ ޤާނޫނުއަސާސީއަކީ ނުވަތަ މި އިޞްލާޙު ކުރެވޭ ޤާނޫނުއަސާސީއަކީ އަޅުގަނޑު ދެކޭގޮތުގައި ހަމައެކަނި މިއަދަށް އަޅުގަނޑުމެން ހަދާ އެއްޗެއް ނޫން. ހަމައެކަނި މާދަމައަށް ހަދާ އެއްޗެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި ރަނގަޅަށް ޤާނޫނުއަސާސީއެއް ހެދިއްޖިއްޔާ އެއީ ވަރަށްގިނަ ޒަމާންތަކަކަށް ދެމިއޮންނާނެ ގޮތަށް ހެދިފައި އޮންނާނެ އެއްޗެއް. ހަމައެފަދައިން، ޤާނޫނުއަސާސީ މި ހެދެނީ މުޅި ރާއްޖެއަށް، މުޅި ދިވެހި އުންމަތަށް. އެއީ ދިވެހި އުންމަތުގެ ވަކިބަޔަކަށް ނުވަތަ ވަކި ޖަމާޢަތަކަށް ހެދޭ އެއްޗެއް ނޫން. ޒުވާނުންނަށް، މުސްކުޅިންނަށް، އަންހެނުންނަށް، ފިރިހެނުންނަށް، ކުޑަކުދިންނަށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހެދޭ އެއްޗެއް. އެހެންވީމާ، އެ ޤާނޫނުއަސާސީގައި އެހުރިހާ އެންމެންގެ ޙައްޤުތަކަށް ރައްކާތެރިވެވެންވާނެ. ވަކި ޖަމާޢަތަކަށް، ވަކިބަޔަކަށް ފައިދާހުރި ގޮތަކަށް ހެދިގެން ވާނެ އެއްޗެއް ނޫން. ވަކި ޖަމާޢަތަކަށް، ވަކިބަޔަކަށް އުނިކަން ލިބޭނެގޮތަކަށް ހެދެންވާނެ އެއްޗެއް ނޫން. ހުރިހާ އެންމެންނަށް ހަމަހަމަކަމާއި އިންޞާފު ގެނެސްދޭ އެއްޗަކަށް ޤާނޫނުއަސާސީ ވާންޖެހޭނެ. އަދި އަޅުގަނޑުމެން ޤައުމު ބިނާކުރަމުން މިދާއިރު، ޤައުމު ބިނާކުރެވޭނީ ޤައުމުގެ އެންމެން، ކޮންމެ ބަޔަކުވެސް އެބައެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން. އެހެންވީމާ، ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ އެންމެންގެ ޚިދުމަތް އަޅުގަނޑުމެން ޤައުމު ބިނާކުރުމުގައި ބޭނުންވޭ. އެ އެންމެންގެ ޚިދުމަތް ލިބޭގޮތަށް ޤާނޫނުއަސާސީ ހެދިފައި އޮންނަންވާނީ. އެހެން ނޫނިއްޔާ އެއީ ހަމަޖެހޭ ރަނގަޅު ޤާނޫނުއަސާސީއަކަށް ވާނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއްނުކުރެވޭ.
 
އާދެ، ދެން ޤާނޫނުއަސާސީ ހައްދަވަމުން ގެންދަވާއިރު، ނުވަތަ އިޞްލާޙު ކުރައްވަމުން ގެންދަވާއިރު، އެއާ ދޭތެރޭގައި ވަރަށްގިނަ ބަޙުޘްތައް ހިނގާނެ ކަމަށް ލަފާކުރެވޭ. އެއީ ސަރުކާރުގެ ފަރާތުން މިހާރު އެއްވެސްކަހަލަ ހުރަހެއްއެޅޭގޮތަކަށް ނޫން އޮތީކީ. ހުރިހާ މެންބަރުންނަށްވެސް ފުރިހަމަ މިނިވަންކަން އޮންނާނެ. ވާހަކަފުޅު ދެއްކެވުމުގައި، ޚިޔާލުފާޅުކުރެއްވުމުގައި، އަދި ބޭނުންފުޅުވާ ގޮތަކަށް އިޞްލާޙު ހުށަހެޅުއްވުމުގައި. އެހެންވީމާ، އެ މިނިވަންކަން އެހެން އޮތުމާއެކުގައި، އަޅުގަނޑުމެން އެ މިނިވަންކަމާ ދޭތެރޭގައިވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ. މިނިވަންކަމަކީ ހަމައެކަނި އަޅުގަނޑުމެން ބޭނުންކުރާ ހަތިޔާރަކަށް ވެގެންނުވާނެ. މިނިވަންކަމަކީ އަޅުގަނޑުމެން ގަބޫލުކުރާ މަސްއޫލިއްޔަތަކަށް ވާންޖެހޭނެ. މިނިވަންކަމުގެ މަސްއޫލިއްޔަތަކީ ކޮބައިކަން އަޅުގަނޑުމެން އެންމެންނަށް ރަނގަޅަށް އެނގެންވާނެ. އެހެން މިދެންނެވީ މިނިވަންކަމުގެ ނަމުގައި ތަފާތު ކަންތައްތައް ކުރެވިދާނެތީ. ނޫނީ ދުނިޔޭގެ އެހެން ތަންތާނގައިވެސް ކުރަމުން ގެންދާތީ. އެހުރިހާ ކަމަކުން އަޅުގަނޑުމެން ފައިދާއާއި ތަޖުރިބާ އަދި ޢިބްރަތް ލިބިގަނެގެން އަޅުގަނޑުމެންގެ ތެރޭގައި މި އޮންނަ މިނިވަންކަން އަޅުގަނޑުމެން ހިފަހައްޓަންޖެހޭނީ، އޭގެ އެކަށީގެންވާ ދާއިރާގެ ތެރޭގައި. އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމާ، މިނިވަންކަމުގެ ނަމުގައި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކަ އަޅުގަނޑު ހިތަކުން އަޅުގަނޑުމެންނަކަށް ނުދެއްކޭނެ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ޤާނޫނުތަކެއް އޮވޭ. އެހެންވީމާ، އެ ޤާނޫނުތަކާ ޚިލާފަށްވެސް ވާހަކަ ދެއްކޭނެ ކަމަކަށް އަޅުގަނޑަކަށް ހީއެއްނުވޭ. ޢާންމު ޤާނޫނުތަކެއްއޮވޭ. އޭގައި އޮވޭ މަނާ ވާހަކަ. އެ މަނާ ވާހަކަ އެއީ ހަމައެކަނި ބޭރުގައި ދެއްކުން މަނާ ވާހަކައެއް ނޫން. އެއްވެސް ޖަލްސާއެއްގައި ނުދެއްކޭނެ ވާހަކައެއް. މިސާލަކަށް، މީހުންގެ އަބުރާ ބެހޭ ވާހަކަ. އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުވާ ވާހަކަ. ތަނުގެ އަމަންއަމާންކަމަށް ގެއްލުން ލިބިދާކަހަލަ ވާހަކަ.
 
އެހެންވީމާ، މިނިވަންކަން މިއޮތީ ވަކި ދާއިރާއެއްގައި. މުޠްލަޤް ނުވަތަ އެއްވެސް ކަހަލަ އުސޫލަކަށް ތަބަޢަނުވާ މިނިވަންކަން އެއީ އަޅުގަނޑު ހިތުން އެއްވެސް ފައިދާއެއް ހުރި މިނިވަންކަމަކަށް ނުވާނެ. އެ ނުވާނެ މިނިވަންކަމަކަށްވެސް ޙަޤީޤަތުގައި. އަޅުގަނޑު މިވާހަކަ މިދަންނަވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަންނަވާނެ ކަމަކަށެއް ނޫން. އެހެންނަމަވެސް އަޅުގަނޑު މިއަދު ހުރި މަޤާމުގެ ގޮތުން ތިޔަބޭފުޅުންނަށްވެސް ކޮންމެވެސްވަރަކަށް އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކޭތީ. އާދެ، އަޅުގަނޑުވެސް އެއްބަސް، އަޅުގަނޑަށްވުރެ މާބޮޑަށް ކަންތައްތައް ދެނެވަޑައިގަންނަވާ، މާ ތަޖުރިބާ ހުރި، މާ މަޢުލޫމާތު ތަނަވަސް ބޭފުޅުން މި މަޖިލީހުގައި އެބަ ތިއްބެވި. ތިއްބަވާނެ. އެކަމަކު އަޅުގަނޑު މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ މި މަޤާމަށް އިންތިޚާބުކޮށްފައި ކަމަށްވާތީ، އަޅުގަނޑުގެ ވާޖިބަކަށްވޭ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ނަޞޭޙަތްތެރިވުން. އިރުޝާދު އެރުވުން. އެހެންވީމާ، އެގޮތުން އަޅުގަނޑު މި ވާހަކަ މި ދަންނަވާލަނީ. މިނިވަންކަން އޮންނާނޭ، އިޞްލާޙު ހުށަހެޅުއްވުމުގެ މިނިވަންކަން އޮންނާނޭ، ވާހަކަ ދެއްކެވުމުގެ މިނިވަންކަން އޮންނާނޭ، އެ ވާހަކަ ދެއްކެވުމުގެ މިނިވަންކަމަކީ، އެބޭފުޅަކު އެ އިޚުތިޔާރު ކުރައްވާ ކޮޅަކަށް ޙުއްޖަތާއި ދަލީލު ދެއްކެވުމުގެ މިނިވަންކަން. ވޯޓް ދެއްވުމުގެ މިނިވަންކަން އޮންނާނެ، ފެނިވަޑައިގަންނަވާ ގޮތަކަށް. އެހެންނަމަވެސް އެއްބަޔަކު އަނެއްބަޔަކާޖެހި، އެކިއެކި ހަމަނުޖެހުންތައް އުފެދި، އޭގެ ސަބަބުން ޤައުމުގެ މަޞްލަޙަތު ގެއްލޭކަހަލަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމުގެ މިނިވަންކަމެއް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އޮންނާނެ މިނިވަންކަމެއް ނޫން.
 
އާދެ، ދެން ވާހަކަ ދެއްކެވުމުގެ އުޞޫލާ ދޭތެރޭގައިވެސް އަޅުގަނޑު ހިތުން ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ. އެއީ ހުރިހާވެސް ބޭނުމަކީ ވީހާ ހަމަޖެހޭގޮތަކަށް ގެންދިޔުން. ވީހާ އޮމާންކަމަކާއެކު ގެންދިޔުން. އަޅުގަނޑުމެން އެންމެން ބޭނުންވާ ގޮތަށް ޤާނޫނުއަސާސީ އިޞްލާޙުވެގެން، އެ އިޞްލާޙުވާ ޤާނޫނުއަސާސީގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤައުމީ އެކުވެރިކަން މިހާރަށްވުރެވެސް ބޮޑަށް އާލާވުން. ޤައުމުގެ ތަރައްޤީއަށް، ޤާނޫނުއަސާސީއަކީ ބާރުއަޅައިދޭ އެއްޗެއް ކަމުގައިވުން. އެހެންވާނީ އަޅުގަނޑުމެން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވާހަކަ ދައްކަވާއިރުވެސް މި ނުކުތާތަކަށް ވަރަށް ބޮޑަށް ވިސްނައިގެން ވާހަކަ ދެއްކިއްޔާ. ދައްކާ ވާހަކައެއްގެ ސަބަބުން ހަމަނުޖެހުން އުފެދިދާނެ. އުފެދޭގޮތްވެސް މެދުވެރިވެދާނެ. އެއީ ތަންކޮޅެއް ހޫނުވާގޮތް ވެއްޖިއްޔާ، މިނިވަންކަމާއެކު ބަޙުޘްކުރެވޭ ކޮންމެ ތަނެއްގައިވެސް އެކަހަލަ ކަންތައް ދިމާވާނެ. ދިމާވުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް ދިމާވުމުން ވަގުތުން އަޅުގަނޑުމެން އެ ކޮންޓްރޯލްގެ ދަށަށް ގެންނަންވާނެ. މިހާރުވެސް ހޫނުކަމާއެކު ބަޙުޘްކުރެވޭ ތަންތާނގައި އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނުރުހޭ ގޮތަކަށް ބައެއް ކަންތައްތައްދޭ. ބައެއް ބޭފުޅުން ވާހަކަފުޅު ދެއްކެވުމުގައި ތަންކޮޅެއް ހޫނުވެގެންދާ ގޮތެއް ހުރޭ. އެހެންވުމުގެ ސަބަބުން އެ ވިދާޅުވެވޭ އެއްޗަކުން އެތާ ތިބޭ އެހެން މީހުންނަށް އޭގެ ކޮންމެވެސް މިންވަރަކަށް އިހާނަތްތެރި ކަމެއް ރައްދުވާގޮތެއް ދިމާވޭ. ނުވަތަ މަޖިލީހުގެ އަނެއް ބޭފުޅަކަށްވެސް އެހެން ދިމާވެދާނެ. އެކަހަލަ ކަންތައް އެހެން ހުރުމަކީ އެދެވޭ ކަމެއް ނޫން. އެއީ އަޅުގަނޑު ހިތުން އެހެން އެ ވާންޖެހެނީ ހިސާބަކަށް ނަމަވެސް ކޯފާއިސްވާގޮތް ދިމާވާތީ.
 
މިކަހަލަ ކަމެއްގައި އަޅުގަނޑުމެން ކަންތައްތައް ނިންމަންޖެހޭނީ، ވަރަށް ބޮޑަށް ހަމަޖެހިގެން ތިބެގެން. ވަރަށް މަޑުމައިތިރިކަމާ އެކުގައި. ހޫނުނުވެ ރުޅިނައިސް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާތްވެގެންވާ އިސްލާމްދީނުގައިވެސް ރުޅިއާ ދޭތެރޭގައި އަންގަވައިފައިވާ އެންގެވުންތައް. ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ، [إيَّاك والغضب[ދުވަހަކުވެސް ރުޅި ނާންނާށެވެ.] ރުޅިއައުމަކީ ހުރިހާވެސް ނުބައެއްގެ އަޞްލު. ހުރިހާވެސް ނުބައެއްގެ ފެށުން. އަދި ޤާޟީން މައްސަލަތައް ނިންމަވާއިރުވެސް އެއްވެސް ޤާޟީއަކު ކޯފާއިސްވެ އިންނަވައިގެން މައްސަލަ ނުނިންމެވުމަށް ދީނުގައި އަންގަވައިފައިވޭ. ކޯފާއިސްވެގެން ޤާޟީއަކު އިންނަވާ ވަގުތެއްގައި ނިންމަވާ މައްސަލައަކީ ޝަރްޢީ ހަމަތަކުން ބަލާއިރު، ރަނގަޅު ގޮތަކަށް ނިންމަވާ މައްސަލައަކަށް ނުވާނެ. އެއީ އާދައިގެ ފަރުދުންގެ މެދުގައި ކަންތައް އޮންނަގޮތް. ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައްވެސް ޤާޟީއަކު ނިންމަވަންޏާ، ނިންމަވަންޖެހެނީ ހަމަޖެހިވަޑައިގެން އިންނަވައިގެން. ކޯފާއިސްނުވެ. އެކަން އެހެން އޮތްއިރު ތިޔަބޭފުޅުންނަކީ ހަމައެކަނި ދޭދޭ ފަރުދުންގެ މެދުގައި އުފެދިފައިވާ މައްސަލަތަކެއް ޙައްލުކުރައްވަން ނުވަތަ އެ މައްސަލަތަކުގެ ފައިސަލާ ކުރައްވަން ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިއްބެވި ބޭފުޅުންނެއް ނޫން. ތިޔަބޭފުޅުންނަކީ އެއަށްވުރެ މާ މަތިވެރި މަސްއޫލިއްޔަތުތަކެއް، އެއަށްވުރެ މާ މަތީ ކަންތައްތަކެއް، އެއަށްވުރެ މުހިންމު ވާޖިބުތަކެއް އަދާކުރައްވަން ޖެހިވަޑައިގެންފައި ތިއްބެވި ބޭފުޅުންކޮޅެއް. އެހެންވީމާ، ޤާޟީއަކު ދެޚަޞްމުންގެ ދެމެދުގައި ޙުކުމް ކުރާއިރު، ރުޅިއައިސްގެން އިނދެގެން ޙުކުމް ކުރުމަކީ ޝަރްޢީ އުޞޫލުތަކާ ޚިލާފު ކަމަކަށްވަންޏާ، އަޅުގަނޑު ހިތުން ތިޔަބޭފުޅުން މުޅި ޤައުމާ ބެހޭގޮތުން، މުޅި ޤައުމުގެ މަޞްލަޙަތާއި، މުޅި ޤައުމުގެ އަމަންއަމާންކަމާއި، މުޅި ޤައުމުގެ ތަރައްޤީއާ ބެހޭގޮތުން ނިންމަވާ ނިންމެވުންތައް ނިންމަވާއިރު، ކޯފާއިސްވެގެން ތިއްބަވައިގެން ނިންމަވާ ކަމަށްވަންޏާ، އެއީ ޝަރްޢީ އުޞޫލުން ބަލާއިރު ހަމަޖެހޭ ކަމަކަށެއް ނުވާނެ.
 
އެހެންވީމާ، އަޅުގަނޑު އެ ވާހަކަ މި ދަންނަވަނީ. ވަރަށް މަޑުމައިތިރިކަމާއެކު، ވަރަށް އޮމާންކަމާއެކު، ވަރަށް ތެދުވެރިކަމާއެކު ހުރިހާ ކަމެއްވެސް ގެންދެވޭތޯ ބައްލަވާށޭ. ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް، މުޅި ޤައުމުގެ މަޞްލަޙަތަށް ވިސްނަވާށޭ. ހަމައެކަނި މިއަދުގެ މަޞްލަޙަތަކަށް ނޫނޭ. މާދަމާގެ މަޞްލަޙަތަށްވެސް ވިސްނަވަންވާނޭ. އަންނަނިވި ޖީލުތަކުގެ މަޞްލަޙަތަށްވެސް ވިސްނަވަންވާނޭ. ދިވެހިރާއްޖޭގެ މުސްތަޤްބަލަށް ވިސްނަވަންވާނޭ. ރާއްޖޭގައި އެކުވެރިކަމާއި އެންމެން އެއްބާރުލުން އުފެއްދެވޭތޯ ބައްލަވަންޖެހޭނޭ، ތިޔަބޭފުޅުން ތިޔަ ދައްކަވާ ވާހަކަފުޅުގެ ސަބަބުން، ނިންމަވާ މައްސަލަތަކުގެ ސަބަބުން، ހައްދަވާ ޤާނޫނުއަސާސީގެ ސަބަބުން. އެހެންވީމާ، މި ނުކުތާތަކާ ދޭތެރޭގައި ވިސްނެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް ނަޞޭޙަތްތެރިވަން. އެއީ މިއަދު އަޅުގަނޑުގެ ވާޖިބަކަށްވާތީ. އަދި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުން ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު އަޅުގަނޑު ބަލަމުން ގެންދާނަން. އަދި ވަގުތު ހުންނަގޮތުންނާއެކުގައި ބައެއް ޖަލްސާތަކަށް ހާޒިރުވެވޭތޯވެސް އަޅުގަނޑު ބަލާނަން. ޚާއްޞަކޮށް، ފުރަތަމަ ޖަލްސާއަށް.
 
އެހެންވީމާ، މި ވާހަކަތައް ދަންނަވާލުމަށްޓަކައި އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ ބައްދަލުކޮށްލަން މި ގަސްތުކުރީ. އަޅުގަނޑުގެ ވާހަކައިގައި ކުރިންވެސް އިޝާރާތްކޮށްލި ފަދައިން، އިރާދަކުރެއްވިއްޔާ މިމަހުގެ 29 ވަނަ ދުވަހުގެރޭ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާ، ރަސްމީ ޖަލްސާ އޮންނާނެ. އެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ މަޖިލީހުގެ އެކިއެކި މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރެއްވުން. އޭގެފަހުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަކޮޅެއް ދަންނަވާލުން، ޤާނޫނުއަސާސީއާ ބެހޭގޮތުން. އޭގެފަހުން ރައްޔިތުންގެ ޚާއްޞަ މަޖިލިސް ހިންގާނެ ގަވާއިދެއް ހެއްދެވުން. އެ ގަވާއިދު ހައްދަވައި މަޖިލީހުން ފާސްވެ ނިމުމަށްފަހުގައި، ޤާނޫނުއަސާސީގެ އަޞްލު މަސައްކަތްތައް ފަށްޓަވާގޮތަށް އޮންނާނީ.
 
ތިޔަ ހުރިހާ ބޭފުޅުން މިރޭ މިތަނަށް ވަޑައިގެންދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދިވެސް އެއްފަހަރު ރައްޔިތުން ތިޔަބޭފުޅުންނަށް ދީފައިވާ ފުރިހަމަ އިތުބާރަށްޓަކައި އަދި ރައްޔިތުން، ތިޔަ އަދާކުރައްވަން ޖެހިވަޑައިގެންފައިވާ މުހިންމު މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި ތިޔަބޭފުޅުން ހޮވާފައިވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށް ހިތުގެ އެންމެ އަޑިން ޝުކުރާއި މުބާރިކްބާދީ ދަންނަވަން.
 

                      والسّلام عليكم ورحمـة اللّـه.