بســم اللّـه الرّحمـن الرّحيــم
           
 السّلام عليــكم ورحـمــة اللّـه وبـركاتـه،
  
اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެއީ، ރޭދުވާ ބަދަލުކުރެއްވުމުގަޔާއި، އަހަރުތަކާއި ޤަރްނުތައް ތަކުރާރު ކުރެއްވުމުގައި މަތިވެރި ޙިކުމަތްތަކެއް ލެއްވި މާތް ރަސްކަލާނގެ. ހިޖުރައިގެ ސާހިބާ مُحَمَّـد صـلّى الله علـيـه وسـلّم އަށް، މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އެކަލޭގެފާނީ މާތްﷲގެ މަގުގައި އެކަލާނގެ ކަލިމަފުޅު މަތިކުރެއްވުމަށްޓަކައި، އަދި މުސްލިމުންނަށާއި އިސްލާމްދީނަށް ޢިއްޒަތާއި ނަޞްރު ހޯއްދަވައިދެއްވުމަށްޓަކައި މައްކާ ދޫކުރައްވައި މަދީނާއަށް ހިޖްރަ ކުރެއްވި ކަލޭގެފާނު.
 
އާދެ، އެއްވެސް ޝައްކެއްނެތް، މިރެޔަކީ ވަރަށް މުހިންމު ރެއެއް. މުހިންމު ރޭތަކުގެ ތެރެއިން ވަރަށް ޚާއްޞަ ރެއެއް. މިރޭ އަޅުގަނޑުމެން މި ކުރިމަތިލަނީ ހިޖްރީ އާ އަހަރަކާ. ހަމަ އެއާއެކުގައި މިއަހަރު އަޅުގަނޑުމެން މި ކުރިމަތިލަނީ ހިޖްރީ އާ ޤަރްނަކާ. ނަޞްރުތަކާއި ކާމިޔާބީތަކުން ފުރިގެންވާ، ޢިއްޒަތާއި ފަޚްރުން ފުރިގެންވާ، ޢިލްމާއި ތަހުޒީބާއި ޘަޤާފަތުން ފުރިގެންވާ ސާދަ ޤަރްނު އަޅުގަނޑުމެން ވޭތުކޮށް، އުންމީދާއި ޢަޒުމްތަކުން ފުރިގެންވާ ފަނަރަވަނަ ޤަރްނަކަށް މިރޭ އަޅުގަނޑުމެން މި ކުރިމަތިލަނީ. މިރެޔަކީ މުޅި އިސްލާމީ ދުނިޔޭގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ރެއެއް. މިރޭގެ އުފަލަކީ ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެންމެހައި މުސްލިމުން ޙިއްޞާކުރާ އުފަލެއް. އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް މި މުނާސަބަތު މިފާހަގަކުރަނީ އަޅުގަނޑުމެންނަކީ ސަތޭކައަކުންސަތޭކަ މުސްލިމް ޤައުމަކަށްވާތީ، އެޙައިޘިއްޔަތުން. ހަމައެފަދައިން އަޅުގަނޑުމެންނަކީ އިސްލާމީ ދުނިޔޭގެ ޤައުމަކަށްވާތީ، އެޙައިޘިއްޔަތުންވެސްމެ. އަޅުގަނޑުމެންނަށް މި މުނާސަބަތު މި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ ކަންތައްތައް ހުރި ފެންވަރަށް، އަޅުގަނޑުމެންނަށް މިވަގުތު މިކަން ކުރެވެން އޮތް އެންމެ ފުރިހަމަގޮތުގައި.
 
އާދެ، މި މުނާސަބަތު ފާހަގަކުރާއިރު އެންމެ ފުރަތަމަ އަޅުގަނޑުމެން ނަޒަރު ހިންގައި ވިސްނައިލަންޖެހެނީ، އެ ޙާދިޘާއަކީ އިސްލާމީ ތާރީޚުގެ ފެށުން ކަމުގައި ހިމެނިފައިވާ ހިޖްރައިގެ މައްޗަށް. ހިޖްރައަކީ ޙަޤީޤަތުގައި އިސްލާމީ ތާރީޚުގެ އެންމެ ވަރުގަދަ ޙާދިޘާއޭވެސް ދެންނެވިދާނެ. އެއްވެސް ޝައްކެއްނެތި، އެއީ އިސްލާމީ ތާރީޚް، އާ މިޞްރާބަކަށް ބަދަލުވެގެންދިޔަ ނުކުތާ. މުސްލިމުން މަދީނާއަށް ހިޖްރަ ކުރުމުގެ ކުރިން އެމީހުން ތިބީ ނިކަމެތި ބައެއްގެ ގޮތުގައި. އެއްވެސް އާރެއްބާރެއް ނެތް ބައެއްގެ ގޮތުގައި. އެމީހުން اللّـه سبحـانـه وتعـالىގެ ކިބަޔަށް އަޅުކަން ކުރަމުން ގެންދިޔައީވެސް ސިއްރިޔާތުގައި. ފާޅުގައި އެކަން ކުރަން ނުކެރިގެން އެވަރުގެ ބާރު އެމީހުންނަށް ލިބިފައިނުވާތީ. އެއްވެސް ދައުލަތެއްގެ ނުވަތަ އެއްވެސް ޖަމާޢަތެއްގެ ޙިމާޔަތާއި ހިޔާވަހިކަން އެމީހުންނަކަށް އޭރު ލިބިފައެއްނުވޭ. އެހެންނަމަވެސް، ކައު އިތުރު مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم މާތް ނަބިއްޔާ މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު، އެތާނގައި އިސްލާމީ ދައުލަތުގެ އެންމެ ފުރަތަމަ ބިންގާ އެޅުއްވީ. އިސްލާމީ ދައުލަތެއް ޤާއިމުކުރެއްވީ. އިސްލާމީ ހިޔާވަހިކަމެއް ޤާއިމުކުރެއްވީ. އޭގެފަހުގައި މުސްލިމުން ތިބީ އާރާއި ބާރު ލިބިގެންވާ ޢިއްޒަތްތެރި ބައެއްގެ ގޮތުގައި. އެ ޙާދިޘާއަކީ އިސްލާމީ ތާރީޚް މުޅިން ބަދަލުކޮށްލި ޙާދިޘާ. އޭގެފަހުން އިސްލާމީ ތާރީޚް ނުވަތަ އިސްލާމީ އުއްމަތް އެއްގޮތަކަށްވެސް ފަހަތަށް ބަލައިލުމެއް ނެތް. މުޅިން ބަލަމުން ގެންދިޔައީ ކުރިއަށް. އެމީހުން ވާސިލުވަމުންދިޔައީ ނަޞްރަކަށްފަހު ނަޞްރަކަށް. އެމީހުން ހޯދަމުން ގެންދިޔައީ ކާމިޔާބީއަކަށްފަހު ކާމިޔާބީއެއް.
 
އާދެ، މިފަދަ މުހިންމު މުނާސަބަތެއްގައި އަޅުގަނޑުމެން ސާދަ ޤަރްނު ގިރާކޮށް ފަނަރަވަނަ ޤަރްނާ ކުރިމަތިލާއިރު، ވޭތުވެދިޔަ ސާދަ ޤަރްނުގެ ތެރޭގައި އަޅުގަނޑުމެންގެ މަތިވެރި އުންމަތް ހާސިލުކޮށްފައިވަނީ ކޮންކަހަލަ ކާމިޔާބީތަކެއްތޯ ބަލައިލުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއް. އާދެ، އަޅުގަނޑު ގަސްދެއް ނުކުރަން، އެހުރިހާ ކަމެއްގެ ތަފްޞީލް ދަންނަވާކަށެއް. އެހެންނަމަވެސް، ވަރަށް ކުރުކުރުގޮތެއްގައި ކޮންމެ ޤަރްނެއްގައިވެސް ހިނގައިދިޔަ ޙާދިޘާތަކުގެ ތެރެއިން، ޢާންމުކޮށް އެ ޤަރްނެއްގައި އިސްލާމީ އުންމަތް ހާސިލުކުރި ކާމިޔާބީ ދަންނަވައިލަން ގަސްދުކުރަން.
 
އާދެ، އިސްލާމީ އެންމެ ފުރަތަމަ ޤަރްނަކީ އިސްލާމްދީނުގެ މާތް ޢަޤީދާ ފެތުރި، އަދި އިސްލާމީ އިމްބަރާޠޫރިއްޔާ ޤާއިމުކުރެވުނު ޤަރްނު. އިސްލާމީ ފުތޫޙާތުގެ ސަބަބުން ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ޝާމްކަރައަށް، ޢިރާޤަށް، މިޞްރަށް، އުތުރު އެފްރިކާއަށް އެހެންގޮސް އޭރުގެ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަށް އިސްލާމްދީން ފެތުރިގެންދިޔަ.  އެ ފެތުރިގެންދިޔަ ފެތުރުމުގެ ސަބަބުން އިސްލާމީ އިމްބަރާޠޫރިއްޔާއެއް ވަނީ އެ ޤަރްނުގައި ޤާއިމުކުރެވިފައި. ހިޖްރީ ދެވަނަ ޤަރްނަކީ ކީރިތި ޤުރްއާނުގެ ބަސް ކަމުގައިވާ ޢަރަބި ބަސް، އަދި އެބަހުގެ ޢިލްމުތަކާއި، ޙިލްމުތަކާއި، ޘަޤާފަތު ދުނިޔެއަށް ފެތުރި، ދުނިޔޭގެ މައްޗަށް އެ ޢިލްމުތަކާއި ޘަޤާފަތުގެ ނުފޫޒު ހިނގައިގަތް ޤަރްނު. ހިޖްރީ ތިންވަނަ ޤަރްނަކީ ބޭރު ދުނިޔޭގެ ޢިލްމުތަކާއި، އިސްލާމީ ޢިލްމުތަކާ ގުޅުނު ޤަރްނު.
 
 އާދެ، އިސްލާމްދީން ފާޅުކުރެއްވުމުގެ ކުރިން ދުނިޔޭގައި އެހެނިހެން ސިވިލްޒޭޝަންތައް، އެހެނިހެން ޙަޟާރަތްތައް ޤާއިމުވެފައި ހުރި. ޤަދީމީ ޔޫނާނުގައި، ރޫމްގައި، މިޞްރުގައި، އިންޑިޔާގައި، ޗައިނާގައި، ބާބިލުގައި. މިކަހަލަ ޤަދީމީ ތަންތާނގައި ކުރީގެ ޙަޟާރަތްތަކެއް ހުރި. އަދި އެބައިމީހުން ހޯދައިފައިވާ ހޯދުންތަކެއްވެސް ހުރި. އެބައިމީހުންގެ ޢިލްމުތަކެއްވޭ. އެބައިމީހުންގެ ޘަޤާފަތްތަކެއްވޭ. މިކަންކަން މުސްލިމުން ލިބިގަނެ، އެހުރިހާ ޢިލްމުތަކާއި ޘަޤާފަތުގެ ތެރެއިން މުސްލިމުންނަށް ފައިދާކުރާނެ. އަދި ދުނިޔޭގެ ތަރައްޤީއަށާއި ތަހުޒީބަށް ފައިދާކުރާނެ ކަންކަން ހޯދައި، މީސްތަކުންނަށް އެ ޢިލްމުތަކާއި، އެ ހުނަރުތަކާއި، އެފަންނުތައް އަންގައިދިން ބަޔަކީ މުސްލިމުން. އެކަން ހިނގަން ފެށީ ހިޖްރީގޮތުން ތިންވަނަ ޤަރްނުގެ ތެރޭގައި. އެންމެބޮޑަށް ކުރެވުނު މަސައްކަތަކީ، ޤަދީމީ ޔޫނާނުގެ ޢިލްމުތައް ޢަރަބިބަހަށް ތަރުޖަމާ ކުރުން. ޤަދީމީ ޔޫނާނުގެ ފަލްސަފާ، އެމީހުންގެ ސިޔާސީ އެކިއެކި ޚިޔާލުތައް، ނުވަތަ ނަޒަރިއްޔާތުތައް، އަޚްލާޤީ ނަޒަރިއްޔާތު، މިހެންގޮސް ގަދީމީ ޔޫނާނުގެ ޢިލްމުތަކާއި، އެ ޔޫނާނުގެ ޘަޤާފަތާއި ފަންނުތައް ޢަރަބިބަހަށް ތަރުޖަމާ ކުރެވި، އެ ފަންނުތަކާއި، އިސްލާމީ ޘަޤާފަތާއި، އިސްލާމީ ޢިލްމުތަކާއި، އިސްލާމީ ފަންނުތަކާ ގުޅިގެން ދިޔައީ ތިންވަނަ ޤަރްނުގެ ތެރޭގައި. ހަތަރުވަނަ ޤަރްނަކީ އިސްލާމީ ޙަޟާރަތު ކުރިއަރައި ތަރައްޤީވެ، ވަރަށްމަތީ ދަރަޖައަކަށް ފުރިހަމަވެގެންދިޔަ ޤަރްނު. ފަސްވަނަ ޤަރްނަކީ ޚާއްޞަގޮތެއްގައި އިސްލާމީ ތަފްކީރު، އޭގެ އެންމެ މަތިވެރި ކާމިޔާބީތައް ހާސިލުކުރި ޤަރްނޭ ދެންނެވިދާނެ. އިސްލާމީ ތަފްކީރީ، މިދެންނެވީ އިސްލާމީ ފިލޯސަފީ، އިސްލާމީ ޢަޤީދާއާބެހޭބައި. މުސްލިމުންގެ ޢިލްމުވެރިން ހޯދި ހޯދުންތައް. އިޖްތިމާޢީ ޢިލްމު، އަދި އެނޫންވެސް ޢިލްމާއި ޘަޤާފަތުގެ ތެރެއިން ހިމެނޭ ބައިތައް މުއުމިނުން ހޯދައި، އެބައިތައް ތަރައްޤީކުރި ޤަރްނަކީ ހިޖްރީގޮތުން ފަސްވަނަ ޤަރްނު.
 
އާދެ، ދެން ހިޖްރީގޮތުން ހަވަނަ ޤަރްނުން ފެށިގެން އަޅުގަނޑުމެންނަށް ފެންނަމުން ދިޔައީ އެހެން ބާވަތެއްގެ ކުލަތަކެއް. އެއީ ދުނިޔޭގެ އެހެނިހެން ބާރުތަކުގެ ނުފޫޒު މުސްލިމުންނާ ދިމާޔަށް އައިތަން. އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ހުޅަނގު ޔޫރަޕުގެ ޢަދާވަތްތެރިކަން މުސްލިމުންނާ ދޭތެރޭގައި ފާޅުވެ، އެބައިމީހުން މުސްލިމުންނާ ހަނގުރާމަކޮށް، އެމީހުން ބަލިކުރުމަށް ދިން ޙަމަލާތައް. އެހެން ޢިބާރާތަކުން ދަންނަވަންޏާ ޞަލީބީ ހަނގުރާމަތައް. މި ހަނގުރާމަތައް ކުރެވުނީ ހިޖްރީގޮތުން ހަވަނަ ޤަރްނުގެ ތެރޭގައި. އެ ހަނގުރާމަތައް ކުރުމުގެ ސަބަބުން ޞަލީބީންނަށް އެއްވެސް ނަޞްރެއް ނުވަތަ ކާމިޔާބީއެއް ނުލިބުނު. އެބައިމީހުންނަށް ލިބުނުނަމަ، ލިބުނު ނަޞްރަކީ ބައިތުލް މަޤްދިސް ހިފުން. އެތާނގައި 88 އަހަރު ވަންދެން ޞަލީބީންގެ މީހުން ވެރިކަން ކުރި. އެހެންނަމަވެސް، ހިޖްރީ ހަވަނަ ޤަރްނުގެ ތެރޭގައި އިސްލާމީ އަބްޠާލުންގެ ތެރެއިން ވަރަށް ޚާއްޞަ، ވަރަށް މަތިވެރި ބަޠަލެއްގެ އަގުހުރި ޖިހާދުގެ ސަބަބުން ބައިތުލްމަޤްދިސް މުސްލިމުން މިނިވަންކޮށް، ބައިތުލްމަޤްދިސަށް އިސްލާމީ ޙުރްމަތްތެރިކަން އަނބުރައި ގެނެސްދިން.
 
އާދެ، މިދެންނެވި ބަޠަލަކީ މުޅި ދުނިޔެއަށް މަޝްހޫރު ޞަލާޙުއްދީނުލް އައްޔޫބީ. ހަތްވަނަ ޤަރްނަކީ މަޣޫލުންގެ ޙަމަލަތައް މުސްލިމުން ބަލިކޮށްލި ޤަރްނު. އެ ބަލިކޮށްލި ބަލިކޮށްލުމުގެ އެންމެ މުހިންމު ޙާދިޘާއަކީ ޢައިނު ޖާލޫތު ކިޔާ ތަނެއްގައި ހިނގި ވަރުގަދަ ހަނގުރާމަ. އެ ހަނގުރާމައިގައި މުސްލިމުންގެ ޖަމާޢަތުގައި ތިބި މިޞްރު މީހުން، ވަރަށް ޙައިރާންވަނިވި ގޮތެއްގައި ވަރަށްމަތީ ޤުރްބާންތަކެއް ވެގެން ވަރަށް ވަރުގަދަ ހިތްވަރަކާއި ފަންވަރަކާ އެކުގައި މިޞްރުގެ ލަޝްކަރު ކުރި ޖިހާދުގެ ސަބަބުން މަޣޫލުން ދިޔައީ ދެރަވެގެން. އެމީހުންގެ ނުފޫޒު ދިޔައީ އިސްލާމީ ދުނިޔެއިން އަބަދަށްޓަކައި ވަކިވެގެން. އެކަން ހިނގީ ހިޖްރީގޮތުން ހަތްވަނަ ޤަރްނުގެ ތެރޭގައި. އެ ޤަރްނުގައި މިދެންނެވި ގޮތުގެ މަތިން، މަޣޫލުންގެ މީހުން ދެރަކޮށްލުމަށްފަހު އިސްލާމީ ޚިލާފަތުގެ ދިދަ މިޞްރުން އުފުލިގެންދިޔައީ އިސްލާމީ ޚިލާފަތް ދިފާޢުކޮށް، އިސްލާމްދީނުގެ ކަލިމަ އެއީ އެންމެމަތީ ކަލިމަ ކަމަށް ހެދުމުގައި އިސްނަގައިގެން ތިބި ބަޔަކީ އެޒަމާނުގައި މިޞްރުގެ އަހުލުވެރިން. ހިޖްރީގޮތުން އަށްވަނަ ޤަރްނަކީ އިސްލާމީ ރޫޙު އާލާވެ، ތަތާރުން ހަލާކުކޮށްލި ރަށްތައް މުސްލިމުން އާބާދުކޮށް، ދީނުގެ ބާރު، އާދެ މާތްވެގެންވާ އިސްލާމްދީނުގެ ބާރު ބިމުގައި އަލުން ތަމްކީނު ކުރެވުނު ޤަރްނު. ނުވަވަނަ ޤަރްނަކީ އިސްލާމީ ޢިލްމުތަކާއި އިސްލާމީ ޘަޤާފަތުގެ ސާފު އަލިގަދަ މޫނުމަތި އިސްލާމީ ޔުނިވަރސިޓީތަކާއި މަދަރުސާތަކުގެ ފަރާތުން އަލުން އުޖާލާކޮށްދިން ޤަރްނު. މި ޤަރްނުގައި އަންދަލުސް، ކާފަރުންގެ އަތްމައްޗަށް ދިޔަކަމުގައިވިޔަސް، ހަމަ އެ ޤަރްނުގެ މެދެއްހައި ތާނގައި ޤުސްޠަންޠީނިއްޔާ ނުވަތަ ކޮންސިޓެންޓި ނޯޕްލް އެތަން މުސްލިމުން ފަތަޙަކޮށް، އެތަނަކީ މުސްލިމުންގެ ރަށެއް ކަމުގައި ހަމަޖެހުނު. އާދެ، އެކަންތައް ހިނގީ ޢުޘްމާނީ ޚަލީފާއެއް ކަމުގައިވާ މުޙައްމަދުލް ފާތިޙުގެ ޒަޢާމަތުގެ ދަށުން.
 
އާދެ، ހިޖްރީގޮތުން ދިހަވަނަ ޤަރްނަކީ ޔޫރަޕުގެ ފަރާތުން އިސްލާމްދީނަށް އައި ޙަމަލާތަކުގެ ތީރުތައް ތުރުކީން ހުރިހާ މުސްލިމުންގެ ފަރާތުން ދިފާޢުކުރަމުން ގެންދިޔަ ޤަރްނު. އެގާރަވަނަ ޤަރްނަކީ ތުރުކީންގެ ނަޞްރުތައް ޔޫރަޕުގައި ފެތުރިގެންދިޔަ ޤަރްނު. ބާރަވަނަ ޤަރްނަކީ އިސްލާމީ މުޞްލިޙުންގެ އާ ދަޢުވަތްތައް ހުޅަނގުގެ ޞަލީބީ އޮއިވަރާ ދިމާކޮށް، އެ އޮއިވަރުތައް ބަލިކުރުމުގެ މަސައްކަތް ކުރެވުނު ޤަރްނު. ތޭރަވަނަ ޤަރްނަކީ ޔޫރަޕުގެ ސިޔާސީ އަދި ފިކްރީ ހަނގުރާމަތަކާ މުސްލިމުން ކުރިމަތިލުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ޤަރްނު. ހުޅަނގު ޔޫރަޕުގެ އިސްތިޢުމާރުގެ ބާރުތައް އިސްލާމީ ދުނިޔެއަށް ފޯރައި، އެހެންނަމަވެސް، އެ ބާރުތަކާ ދެކޮޅަށް މުސްލިމުންގެ މުޞްލިޙުންނާއި ސިޔާސީ ޒަޢީމުންނާއި އެހެނިހެން ބާރުތައް ހިތްވަރާއެކު މަސައްކަތް ކުރައްވަމުން ގެންދެވި ޤަރްނު. އާދެ، ދެން މިވޭތުވެގެންދިޔަ ސާދަވަނަ ޤަރްނު. ސާދަވަނަ ޤަރްނަކީ ކުރީ ޤަރްނުގައި ހިނގި އަގުހުރި ސިޔާސީ އަދި ޢިލްމީ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނު ޤަރްނެއް. އަދި އިސްލާމީ ޤައުމުތައް ހުޅަނގުގެ އިސްތިޢުމާރުގެ ދަށުން މިނިވަންވީ ޤަރްނު.
 
އާދެ، މި ޤަރްނުތަކާ ދޭތެރޭގައި މިދެންނެވި ކަހަލަ ގޮތަކަށް ވަރަށް ކުރުކުރުކޮށް އިޝާރާތްކޮށްލުމަށްފަހު، އަޅުގަނޑުމެންގެ ރާއްޖެއާ ބެހޭގޮތުންވެސް ދެތިން ޢިބާރާތެއް ދަންނަވައިލުމަކީ އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް. ދިވެހިރާއްޖެ އިސްލާމްވީ ގޮތުގެ ތާރީޚު، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ދިވެހިރާއްޖެ އިސްލާމްވުމަށްފަހު، ރާއްޖޭގެ ތާރީޚަކީވެސް ވަރަށް ފަޚްރުވެރި ތާރީޚެއް. ރާއްޖޭގައި އުފެދިފައިވަނީ އަގުހުރި އަބްޠާލުންތަކެއް. އެބޭފުޅުން ޤައުމުގެ ދިފާޢުގައި އަދި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ކުރެއްވި ހަނގުރާމަތަކާއި، އެކުރެއްވި މަތިވެރި ޖިހާދު އެއީ އަޅުގަނޑުމެންގެ ތާރީޚުން ދުވަހަކުވެސް ފިލައިގެންދާނެ ޖިހާދެއް ނޫން. އާދެ، ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ރާއްޖޭގެ ކަންތައްތައް ވަމުންދިޔަގޮތް އަޅުގަނޑުމެންނަށް އެނގެން އެބަހުރި. އޭގެ ކުރީގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ކަންތައްތައް ހުރިނެތްގޮތް ސާފުކޮށް އެނގޭކަށެއްނެތް. މިއިންވެސް ދައްކައިދޭ އެއްޗަކީ އިސްލާމްދީން ރާއްޖެއަށް އައިފަހުން ދިވެހިންގެ މެދުގައި ޢިލްމަށް ލޯބިކުރުމާއި ތާރީޚަށް ލޯބިކުރުމާ، އަދި ހުރިހާ ގޮތަކުންވެސް ތަހުޒީބުވުމުގެ ރޫޙު ވަނީ އުފެދިފައިކަން.
 
އާދެ، ދިވެހިރާއްޖޭގެ ތާރީޚަކީ ވަރަށް ފަޚްރުވެރި، ވަރަށް މަތިވެރި ތާރީޚެއް. އެތާރީޚުން އަޅުގަނޑުމެންނަށް އަބަދުވެސް އަގުހުރި ފިލާވަޅުތަކެއް ލިބޭނެ. އެތާރީޚުގެ އަލީގައި މިއަދު އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށް ގެންދާ ކަމުގައި ވަނީނަމަ، އަޅުގަނޑުމެންނަށްވެސް، މުސްތަޤްބަލްގައި އިތުރު ކާމިޔާބީތައް ހޯދޭނެކަމާމެދަކު ޝައްކެއްނެތް. މި ސާދަވަނަ ޤަރްނަކީވެސް ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ޤަރްނެއް. ސިޔާސީގޮތުން ބެލިނަމަވެސް، އިޤްތިޞާދީ ގޮތުން ބެލިނަމަވެސް، އިޖްތިމާޢީ ގޮތުން ބެލިނަމަވެސް، މި ޤަރްނުގެ ތެރޭގައި ދިވެހިރާއްޖެ ތަފާތު ތަޖްރިބާތަކެއް ކޮށްފައިވޭ. އަދި އެ ތަޖްރިބާތަކުގެ ސަބަބުން ދިވެހިންނަށް އިތުރު މުއްސަނދިކަމަކާއި އިތުރު ތަހުޒީބެއް ލިބިފައިވޭ. އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޤާނޫނުއަސާސީ ފާސްކުރެވުނީ މި ޤަރްނުގެ ތެރޭގައި. ދިވެހިރާއްޖޭގެ ވެރިކަން ވަކިގޮތަކަށް ހަމަޖެހިގެން ހިނގަމުން އައިސްފައިވަނީ މި ޤަރްނުގެ ތެރޭގައި. މި ޤަރްނުގެތެރޭގައި ވަރަށްގިނަ ކަންތައްތައް ދިވެހިރާއްޖޭގައި ހިނގައިފައިވޭ. އެހުރިހާ ކަމެއް ތަފްޞީލްކޮށް ދެންނެވުމަކީ އަޅުގަނޑު ހިތުން މިމަޤާމުގައި ބޭނުން ކަމެއް ނޫން. އެހެންނަމަވެސް، ދެކަމެއް ދަންނަވައިލާނަން. އެއްކަމަކީ އިނގިރޭސީންގެ ނުފޫޒުން ދިވެހިރާއްޖެ މިނިވަންވުން. އެންމެފުރަތަމަ ދިވެހިރާއްޖޭގެ ދާޚިލީ ކަންތައްތަކުގައި މިނިވަންކަން ހޯދުން، 1948 ވަނަ އަހަރު. އޭގެފަހުން 1953 ވަނަ އަހަރުގެ ޖަނަވަރީމަހު އެއްވަނަ ދުވަހު ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރިއްޔަތެއް ޤާއިމު ކުރެވުނު. އެ ޖުމްހޫރިއްޔަތުގެ ރައީސަކަށް ހުންނެވީ ސުމުއްވުލް އަމީރު އަލްމަރްޙޫމް މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު. އެ ކިލެގެފާނު ރާއްޖެއަށް ކުރެއްވި ޚިދުމަތްތައް އެއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ ޚިދުމަތްތަކެއް ނޫން. ޢިލްމީގޮތުން، ޘަޤާފީގޮތުން، ތިޖާރީގޮތުން، އަދަބީގޮތުން، މިހުރިހާ ގޮތަކުންވެސް ރާއްޖެއަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް އެމަނިކުފާނު ކުރެއްވި.
 
އާދެ، އޭގެފަހުން ދެން އަޅުގަނޑު ފާހަގަކޮށްލާހިތް އޮތީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ޙާދިޘާ ނުވަތަ ލިބުނު އަހަރު. އެއީ 1965 ވަނަ އަހަރު. އެ އަހަރު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ. ފުރިހަމަ މިނިވަންކަން ލިބިގެން އަޅުގަނޑުމެންނަކީ މިނިވަން ޤައުމެއް ކަމުގައި މުޅި ދުނިޔެ ގަބޫލުކޮށް، އަޅުގަނޑުމެންނަކީ އ.ދ. މަޖިލީހުގެ މެމްބަރަކަށްވެސްވީ އެ އަހަރުގެ ތެރޭގައި. އެއާ ވިދިގެން ދެން އައީ 1968 ވަނަ އަހަރު. އެ އަހަރަކީ ދިވެހިރާއްޖޭގައި މިހާރު މި ހިނގާ ޖުމްހޫރީ ވެރިކަން ޤާއިމު ކުރެވުނު އަހަރު. އާދެ، ކޮންމެ ގޮތަކުން ވިސްނައިލިޔަސް، މި ހިނގައިދިޔަ ސާދަވަނަ ޤަރްނަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް މުހިންމު ޤަރްނެއް. ތާރީޚުތައް ދެންނެވުމުގައި ފަސޭހައަކަށް އަޅުގަނޑު މިދެންނެވީ މީލާދީ ތާރީޚުތައް. އެހެންނަމަވެސް، މި ދެންނެވި ކަންތައްތައް ހިނގައިފައިވަނީ ހިޖްރީގޮތުން ސާދަވަނަ ޤަރްނުގެ ތެރޭގައި. ނުވަތަ މީލާދީގޮތުން މި ހިނގާ ވިހިވަނަ ޤަރްނުގެ ތެރޭގައި.
 
އާދެ، ދެން މިރޭ އަޅުގަނޑުމެން މި ފަށާ ފަނަރަވަނަ ޤަރްނު. މި ޤަރްނާ ދޭތެރޭގައި އަޅުގަނޑުމެން ޚިޔާލުކޮށްލާއިރު، އެއްވެސް ޝައްކެއްނެތި ވިސްނެނީ މި ޤަރްނުގައި އިސްލާމީ ޙަޟާރަތުގެ ނުފޫޒު އަދި އިސްލާމީ ޤައުމުތަކުގެ ބާރު ދުނިޔެއަށް ފެތުރި އިސްލާމީ އުއްމަތަށް އިތުރު ކާމިޔާބީތަކެއް ލިބިދޭނެކަމަށް އުއްމީދު ކުރެވޭކަމަށް. އެއްވެސް ޝައްކެއްނެތް، މިހާރު މުސްލިމުންނަކީ ދުނިޔޭގައި ވަރަށް ބާރުހުރި ބައެއް. މުއްސަނދި ކަމުގެ ގޮތުން، އިޤްތިޞާދީ ގޮތުން އަދި ސިޔާސީގޮތުން، މުސްލިމުންގެ ގިނަ ޤައުމުތައް އޮންނަނީ ދުނިޔޭގެ ވަރަށް މުހިންމު ހިސާބުގަނޑެއްގައި. އެހެންކަމަށްވުމާއެކު، މުސްލިމުންގެ އަތުގައި މިއަދު ދުނިޔޭގެ ބައިނަލްއަޤްވާމީ ކަންތައްތައް ވަކިގޮތަކަށް ގެންދިޔުމުގެ ބާރު އެބައޮތް. އާދެ، އެހެންވީމާ، އަޅުގަނޑުމެން މިރޭ   މި ކުރިމަތިލާ ޤަރްނުގެ ތެރޭގައި މުސްލިމުން އެކަތިގަނޑަކަށް ވެގެން އިސްލާމްދީނުގެ މާތްވެގެންވާ އުޞޫލުތަކާ އެއްގޮތަށް އިސްލާމީ އުޚުއްވަތާއި ހަމަހަމަކަން މީސްތަކުންގެ މެދުގައި ޤާއިމުކޮށް، ޢަދުލުއިންޞާފުގެ އުޞޫލުތައްވެސް ޤާއިމުކޮށް، ޞުލްޙަ މަސަލަސްކަމަށް ލޯބިކޮށްގެން މުޅި ދުނިޔޭގައި ޞުލްޙަވެރިކަން ޤާއިމުކުރުމަށް މުސްލިމުން މަސައްކަތް ކޮށްފިނަމަ، މީގެކުރީގެ ސާދަ ޤަރްނުގެ ތެރޭގައި އިސްލާމީ އުންމަތަށް ލިބުނުފަދަ މަތިވެރި ކާމިޔާބީތަކަކާއި ނަޞްރުތަކެއް، މިޤަރްނުގައިވެސް ލިބޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، މިޒަމާނުގެ ދުނިޔޭގެ ޙާދިޘާތަކަށް ވިސްނާއިރު، ނުވަތަ ދުނިޔޭގެ ސިޔާސީ މަސްރަޙަށް ވިސްނާއިރު، ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކުގެ މަސްރަޙަށް ވިސްނާއިރު، އަޅުގަނޑުމެންނަށް މާ އުފާވެރި މަންޒަރުތަކެއް ނުފެނޭ. އިސްލާމީ ޤައުމުތަކުގެ މެދުގައި ވަނީ ހަމަނުޖެހުން. އިސްލާމީ ޤައުމުތަކުގެ މެދުގައި ހަނގުރާމަވެސް އެބަ ހިނގާ. އެކަހަލަ ކަންތައްތައް އެހެން ހިނގުމަކީ ވަރަށް ހިތާމަހުރި ކަމެއް. އެކަމުން ފައިދާކުރާނީ ހަމައެކަނި މުސްތަޢްމިރުންނަށް. މިހުރިހާ ކަމެއްގެ އަޑީގައި ތިބޭނީ އެއްވެސް ޝައްކެއްނެތި މުސްތަޢްމިރުން. އެމީހުން ބޭނުންވަނީ އަދި ބޭނުންވާނީވެސް އިސްލާމީ އުންމަތް ވަކިވަކިކޮށްލައި، ބައިބައިކޮށްލައި، އެއްބަޔަކު އަނެއް ބައެއްގެ ޢަދުއްވުން ކަމުގައި ހެދުމަށް. އެކަމަށް އިސްލާމީ ޤައުމުތަކުގެ ޒަޢީމުން ވަރަށް ބޮޑަށް ވިސްނަވަންޖެހޭނެ. އެގޮތަށް ނުވިސްނެވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު ފެންނަމުންދާ ހިތާމަވެރި މަންޒަރުތައް ފެންނަމުން ދަނީ. މުސްލިމުންގެ އެއްބަޔަކު އަނެއް ބައެއްގެ ލޭއޮހޮރުވަމުން ގެންދަނީ. އެއްބަޔަކު އަނެއް ބައެއްގެ އިޤްތިޞާދީ ބިންގާތައް މުގުރައި ހަލާކުކޮށްލަމުން ގެންދަނީ. މިހެން ކަންތައް މިދަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް އަޅުގަނޑުމެންގެ ހިތްތަކުން ކެހިގެންދާތީ. އެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތަންވީ މިންވަރަށް އަޅުގަނޑުމެންނަށް ޙުރްމަތްތެރިކޮށް ނުހިތޭތީ. އަދި އަޅުގަނޑުމެންގެ ޢަދުއްވުން އެ ރާވާ ރޭވުންތަކަށް އަޅުގަނޑުމެންނަށް ހޭނުލެވޭތީ.
 
އާދެ، ކޮންމެ ގޮތެއްގައިވެސް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތައް، އެކިއެކި ބޮޑެތި ސިޔާސީ އަދި އިޤްތިޞާދީ މައްސަލަތައް، ޙައްލަކަށް ގެނެވޭނީ އަޅުގަނޑު ދަންނަވާނީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލަށް ޙުރްމަތްތެރިކޮށް ހިތިގެންނޭ. އެ އުޞޫލުތަކަށް ތަބަޢަވެވިގެންނޭ. މިވާހަކައަކީ ހަމައެކަނި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. މިއީ ޔޫރަޕުގެ ވަރަށް މަޝްހޫރު ލިޔުން ތެރިއެއް، ޔޫރަޕުގެ ވަރަށް މަޝްހޫރު ޑްރާމާ އެއްޗެތި ލިޔެއުޅުނު މީހެއް، ޔޫރަޕުގެ އަދީބެއް، ބާރނަޑްޝޯ. އޭނަ ބުނުއްވައިފައިވާ ޢިބާރާތަކުންވެސް މިކަން ދޭހަވޭ. އޭނާ ބުނުއްވި ކަމަށް އަޅުގަނޑު ކޮންމެވެސް ފޮތަކުން ކީން، [މިޒަމާނުގައި މުޙަންމަދުގެފާނު ދިރިހުންނެވިނަމަ، ދުނިޔެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކޮށްދެއްވީސްކަން ކަށަވަރު.] އެހެންވީމާ، އެއިން ދައްކާ އެއްޗަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް އަޅުގަނޑުމެން ގަބޫލުކޮށްގެން، އެ އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައިފި ކަމަށްވަންޏާ، ކިތަންމެ ބޮޑު، ކިތަންމެ ނުރައްކާތެރި މައްސަލައެއް އަޅުގަނޑުމެންނާ ކުރިމަތިވި ކަމުގައިވިޔަސް، އެ މައްސަލައެއް ޙައްލުކޮށްލުމަކީ ދަތިކަމަކަށް ނުވާނެކަން.
 
އާދެ، ނިކަން ވިސްނަވައިބައްލަވާ! އިސްލާމީ ޙަޟާރަތު މިދުނިޔެއަށް ގެނެސްދިން ކަންތައްތަކާ ދޭތެރޭގައި. އިސްލާމީ ޙަޟާރަތުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ލިބިގެންދިޔަ ކުރިއެރުމުގެ މައްޗަށް ވިސްނަވައިބައްލަވާ! އެންމެ ފުރަތަމަ މުޅި ދުނިޔޭގައި ޢަދުލު އިންޞާފު ޤާއިމުކުރީ މާތްވެގެންވާ އިސްލާމްދީން. އިންސާނުންގެ ހަމަހަމަކަމުގެ އުޞޫލު ޤާއިމުކުރީ މާތްވެގެންވާ އިސްލާމްދީން. އޭގެކުރިން އިންސާނުންގެ މެދުގައި އެއްވެސްކަހަލަ ހަމަހަމަކަމެއް ނެތް. ޔޫނާނު މީހުން ދުށްގޮތުގައި އެމީހުންނަކީ މުޅި އިންސާނުންގެ ވެރިން. އެންމެމަތީ މީހުން. ޔޫނާނު މީހުން ފިޔަވައި އެހެން މީހުންނަކީ އަޅުން. ޔަހޫދީންގެ ދީނުގައި އޮންނަނީ ޔަހޫދީންނަކީ މާތްﷲ އިޚްތިޔާރު ކުރެއްވި އެންމެ މާތް މީހުންނޭ. ޔަހޫދީން ފިޔަވައި އެހެން މީސްމީހުންނަކީ އެމީހުންނަށްވުރެ މާ ދެރަ ބަޔެކޭ. އެހެންވީމާ، ޔަހޫދީންގެ ތެރެއިން އެކަކު އަނެކަކު މެރުން އެއީ މަނާކަމެއް ކަމުގައިވިޔަސް، ޔަހޫދީން، ޔަހޫދީން ފިޔަވައި އެހެން މީހުން މެރުމަކީ އެމީހުން ދެކޭގޮތުގައި މަނާކަމެއް ނޫން. ޔަހޫދީން ފިޔަވައި އެހެން މީހުންގެ މުދާތައް ފޭރިގަތުމަކީ ޔަހޫދީން ދެކޭގޮތުގައި މަނާކަމެއް ނޫން. އެއީ އެމީހުން އެ ގެންގުޅޭ ދީނީ ފޮތްތަކުގައިވެސް ލިޔެފައިވާ އުޞޫލުތައް. ހަމައެފަދައިން، އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކުގައިވެސް އެކަހަލަ ނަހަމަ އުޞޫލުތަކެއް ޤާއިމުވެފައި ހުރި. އަދި މިހާތަނާ ޖެހެންދެންވެސް އެބަހުރި.
 
މީސްތަކުން ބައިބައިކޮށް އެކިމީހުން އެކި ދަރަޖައަށް ބަހައިލުމުގެ ގޮތްތަކުން. އެބައިމީހުންނަކީ އެންމެމަތީ މީހުން. އަނެއްބައި މީހުންނަކީ މެދުމިނުގެ މީހުން. އަނެއްބައި މީހުންނަކީ އެންމެދަށް ފެންވަރުގެ މީހުން. ދަށް ފެންވަރުގެ މީހުން އެއްޗެއްގައި އަތްލައިފިނަމަ، އެ އެއްޗެއް ކެއުން އެއީވެސް މަތީ ފެންވަރުގެ މީހުންނަށް ޙަރާމްކުރެވިފައި އޮންނަ ކަމެއް. މަތީ ފެންވަރުގެ މީހަކު ދަށްފެންވަރުގެ މީހަކާ ކައިވެނިކުރުމަކީވެސް ޙަރާމްކަމެއް. މަނާކަމެއް. އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫން. މިގޮތުން އިންސާނުން ތަފާތު ދަރަޖަތަކަށް ބަހައިލައި، އިންސާނުންގެ މެދުގައި މިކަހަލަ، ޢަދުލު އިންޞާފުން އެއްކިބާވެގެންވާ، ހަމަހަމަކަމުގެ އުޞޫލުތަކާ މުޅިން ތަފާތު އުޞޫލުތަކެއްވަނީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އަދި ދުނިޔޭގެ ވަރަށްގިނަ ޙަޟާރަތްތަކުގައި ފެތުރިފައި. އެއާ ޚިލާފަށް އިސްލާމްދީން ގެނެސްދިނީ ހަމަހަމަކަން. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައިފައިވަނީ، [لا فضل لعربي على عجمي إلّا بالتّقوى]. [ޢަރަބީންގެ މީހަކަށް، ޢަރަބީންގެ މީހެއް ނޫން އެހެން މީހެއްގެ މައްޗަށްވެސް މާތްކަމެއް އިތުރުކަމެއްނެތޭ، ތަޤްވާވެރިކަމުން ފިޔަވައި.] [إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ]. [ﷲގެ ޙަޟްރަތުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްކަން ބޮޑީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤްވާވެރިންނެވެ.] އެއީ ދޮން މީހަކަށްވިޔަސް، ކަޅުމީހަކަށްވިޔަސް، ރީނދޫ ކުލައިގެ ހަމެއް ލިބިފައިވާ މީހަކަށްވިޔަސް، އެމީހާގެ ހަމަކީ ކޮންމެ ކުލައެއްގެ ހަމަކަށްވިޔަސް، އެމީހާގެ އިސްތަށި ހުންނަނީ ކޮންމެ ގޮތަކަށް ކަމުގައިވިޔަސް، އެމީހެއްގެ ސިފަޔާއި ސޫރަ ހުންނަނީ ކޮންމެ ގޮތަކަށް ކަމުގައިވިޔަސް، އިސްލާމްދީނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް. ތަފާތު ބައެއް ނޫން. މި މަތިވެރި އުޞޫލު ގެނެސްދިނީ މާތްވެގެންވާ އިސްލާމްދީން.
 
އިސްލާމްދީނުގެ ތާރީޚުގައި ޢަރަބިން ފިޔަވައި އެކިއެކި މަތީ މަޤާމްތައް ފުރުއްވި ބޭފުޅުންގެ ޢަދަދު ގުނައި ޢަދަދުނުކުރެވޭހާ ގިނަ. ކީރިތި ރަސޫލާގެ އަރިހުގައި އެންމެ ޢިއްޒަތް ލިބިވަޑައިގެން ހުންނެވި އެއް ބޭކަލެއް، ބިލާލުގެފާނު. ކަޅު ބޭފުޅެއް، ޙަބްޝް ކަރައިގެ ބޭފުޅެއް. އެހެންނަމަވެސް، އެކަލޭގެފާނަށް ކީރިތި ރަސޫލާ ދެއްވީ ވަރަށް މަތީ މަޤާމެއް. ކީރިތި ރަސޫލާގެ އަޞްޙާބުންވެސް ބިލާލުގެފާނަށް ދެއްވައިފައިވަނީ ނުހަނު މަތިވެރި ޤަދަރާއި އިޙްތިރާމް. ހަމައެފަދައިން، އެހެނިހެން ޤައުމުތަކުގެ މީހުންވެސް އިސްލާމްވުމުން އެމީހުންނަށް އެއްވެސް ތަފާތެއްނެތި އެމީހުންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން މަތީ މަޤާމްތައް އެމީހުންނަށް ދިޔައީ ލިބެމުން. އެގޮތުން ޢަރަބިން ފިޔަވައި އިސްލާމީ އެހެނިހެން ޤައުމުތަކުގެ މީހުން އެބަހުރި ވެރިކަން ކޮށްފައި. ޚަލީފާކަން ކޮށްފައި. އެކިއެކި ވަޒީރުކަން އަދާކޮށްފައި. ދައުލަތުގެ އެންމެމަތީ މަޤާމުތައް އަދާކޮށްފައި. އެހެންކަމުން އެއިން ދައްކައިދޭ އެއްޗަކީ އިސްލާމްދީނުގެ ކުރިމަތީގައި އިންސާނުންނަކީ ހަމަހަމަ ބައެއްކަން. އެއްގޮތަކަށްވެސް އެކިމީހުންނަށް އެކިދަރަޖަދީ، އިންސާނުން ތަފާތު ބައިތަކަށް ބަހައިލުމަކީ، އިސްލާމްދީން ގަބޫލުކުރާ އުޞޫލެއް ނޫންކަން. ހަމައެފަދައިން، ޞުލްޙައަށް ލޯބިކުރުން، އިސްލާމްދީނުގެ އެންމެބޮޑު އެއް އުޞޫލު. ހަނގުރާމަ ކުރުން ދޫކޮށްލުން. މީސްތަކުންގެ ލޭއޮހޮރުވައިލުން ހުއްޓައިލުން. އެއިން އެއްވެސް ކަމަކަށް ވާގިނުދިނުން. އެއާ ޚިލާފަށް ކޮންމެ ކަމެއްވެސް ޞުލްޙަވެރި، އޯގާވެރި މަޞްލަޙަތު ހުރިގޮތެއްގައި ގެންދިޔުން. ކާފިރުންނާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ވާހަކަފުޅު ދެއްކެވުމަށްވެސް اللّـه سبحـانـه وتعـالى އަންގަވައިފައިވަނީ ޙިކްމަތްތެރިކަމާ އެކުގައި. މަޑުމައިތިރިކަމާ އެކުގައި. [ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ.] ކަލޭގެފާނު ކަލޭގެފާނުގެ ދީނަށް، އެއީ ކޮންދީނެއްތޯ! އެންމެ މާތް ދީން، އެންމެ ފުރިހަމަ ދީން، އެ ދީނަށް ގޮވައިލައްވާއިރުވެސް ބޭނުންކުރައްވަންވީ ޙިކްމަތްތެރިކަމޭ، އަދި ރިވެތިވެގެންވާ ނަޞޭޙަތް ދެއްވުމުންނޭ، އެމީހުންނަށް އިސްލާމްދީނަށް ގޮވައިލައްވަންވީ. އެމީހުންނާ ޖަދަލުކުރައްވަން ޖެހިވަޑައިގެންފިނަމަ، ޙުއްޖަތް ދައްކަން ޖެހިވަޑައިގެންފިނަމަ، އެކަންތައް ކުރައްވަންވީވެސް އެކަން ކުރެއްވެން އޮތް އެންމެރީތި އެންމެ މަޑުމައިތިރި ގޮތަށޭ. އެއީ އިސްލާމްދީނުގެ އުޞޫލަކީ. އަނެއް އުޞޫލަކީ އިންސާނީ އެއްބަނޑުއެއްބަފާކަން. އެންމެންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން ހާމަކޮށްދިނުން. އާދަމްގެ ދަރިންކަން. އާދަމްގެ ދަރީންނަކީ اللّـه سبحـانـه وتعـالىގެ އަޅުން. އެކަލާނގެ އެންމެން އުފައްދަވައިފައިވަނީ އެއް އަޞްލަކުން. އެއް އަޞްލަކުން އުފައްދަވައިފައިވާ ބައެއްނަމަ، އެމީހުންނަކީ ތަފާތުވެގެންވާނެ ބައެއް ނޫން. އަދި ހަމައެފަދައިން، އިސްލާމްދީނަކީ ތަޢައްޞަބަށް ލޯބިކުރާ ދީނެއް ނޫން. އެއްވެސް ބަޔަކު ތިމަންމެން މިތިބީ އެންމެމޮޅު ގޮތުގައޭ، ތިމަންމެން ފިޔަވައި އެހެންމީހުން އެތިބީ މާ ދަށްގޮތެއްގައޭ، އެހެންބުނެ، ތިމާގެ ގޮތް ހިފެހެއްޓުމަކީ އިސްލާމްދީން ގަބޫލުކުރާ ގޮތެއް ނޫން. [لَيْسَ مِنَّا مَنْ دعَا الى عصبيَّة.] ކީރިތި ރަސޫލާގެ މާތް ޙަދީޘްފުޅެއް. [ތިމަންމެންގެ ތެރެއިން ނުވެޔޭ ޢަޞަބިއްޔަތަކަށް ގޮވައިލާ އެއްވެސް މީހަކު.] އެއީ ތިމާގެ ގޮތަކީ އެންމެ މޮޅުގޮތްކަން. ތިމާމެންގެ ގޮތަކީ، ތިމާގެ ޤައުމުގެ ގޮތަކީ، ތިމާގެ ޖަމާޢަތުގެ ގޮތަކީ އެންމެމޮޅު ގޮތްކަން އެހެންބުނެ އެގޮތަށް ބާރުއަޅައި، އެހެން ގޮވައިލާ މީހުންނަކީ މުސްލިމުންގެ ތެރެއިން ގޮވައިލާ ބައެއް ނޫނޭ.
 
ހަމައެފަދައިން، އިސްލާމްދީން ދުނިޔެއަށް ގެނެސްދިނީ ކޮންކަހަލަ ތަހުޒީބެއްތޯ؟ ކޮންކަހަލަ ކުރިއެރުމެއްތޯ؟ ހުރިހާ ޢިލްމުތަކާއި ފަންނުތަކުގެ ރޮނގުގައި އިސްލާމީ ޙަޟާރަތު ގެނެސްދިންފަދަ މަތިވެރި ތަރައްޤީއެއް، އެއްވެސް ޒަމާނެއްގައި ދުނިޔެ ދެކެފައެއްނުވޭ. ނިކަން ވިސްނަވައިބައްލަވާ، އެޒަމާނުގައި މުސްލިމުން އެމީހުންގެ ދީނުގައި އަންގަވައިފައިވާ ގޮތަށް ކަންތައްކޮށް، ކުރިއެރުމާއި ތަހުޒީބުގެ މަގުގައި ފައިތިލަ ސާބިތުކޮށް، އެކަމަށް މަސައްކަތްކުރި ޒަމާނުގައި މުޅި ދުނިޔޭގައި ހުރިހާ ތަނެއްގައިވެސް އެންމެ ޢިއްޒަތްތެރި އެންމެ ބާރުހުރި އެންމެ ކުޅަދާނަ ބަޔަކަށް ތިބީ މުސްލިމުން. ހިސާބުޢިލްމު ތަރައްޤީކުރީ އެމީހުން. އަލްޖަބްރާއޭ އަޅުގަނޑުމެން މިހާރު މިކިޔާ ފަންނު އުފެއްދީ މުސްލިމުންގެ މީހެއް. އެ ނިސްބަތްވަނީވެސް އެބޭކަލަކަށް. جابر بن حيّانކެމިސްޓްރީ ކުރިއަށް ގެންދެވީ ابن الهيتم ކިޔާ ބޭކަލެއް. ހަމައެފަދައިން، ބޭސްވެރިކަން. ޔޫނާނީ ބޭސްވެރިކަން ދަސްކުރައްވައިގެން އެކަން ތަރައްޤީކޮށް ކުރިއަށް ގެންދެވީވެސް މުސްލިމުންގެ ބޭސްވެރިން. އޭގެތެރެއިން ابن سينا އެއީ މަޝްހޫރު ބޭކަލެއް. އިސްލާމީ ފިލޯސަފީ ނުވަތަ ފިލޯސަފީގެ މައިދާނުގައި މުސްލިމުން ކޮށްފައިވާ މަސައްކަތްތައް އެއީ މިހާރުވެސް ދުނިޔެ ފަޚްރުވެރިވާ މަސައްކަތްތަކެއް. މުސްލިމުންގެ ތެރެއިން އަލްކިންދީ، އަލްފާރާބީ، އަލްޣަޒާލީ އަދި މިނޫންވެސް މަޝްހޫރު ފިލޯސަފަރުން ކުރައްވައިފައިވާ މަސައްކަތްތައް މިއަދާ ހަމައަށް އެބަހުރި، އެބޭކަލުން ލިޔުއްވި ފޮތްތައް. އެއީ މިހާރުވެސް ދުނިޔޭގެ ހުރިހާ ޔުނިވަރސިޓީތަކެއްގައިވެސް ކިޔަވައިދޭ އަދި ރެފްރެންސް ފޮތްތަކެއް ކަމުގައި ބެލޭ ފޮތްތަކެއް. ޔޫނާނީ ފަލްސަފާ އަދި ޔޫނާނީ ޢިލްމުތައް ޔޫރަޕަށް ގެންގޮސްދިން ބަޔަކީވެސް މުސްލިމުން. މުސްލިމުންގެ މިދެންނެވި ބޭކަލުން. އަދި އެނޫންވެސް ޢިލްމުވެރިން. ސޯޝިއޮލޮޖީ ނުވަތަ ޢިލްމުލް އިޖްތިމާޢު، އެ ޢިލްމު އެންމެ ފުރަތަމަ އުފެއްދެވީވެސް މުސްލިމުންގެ ޢިލްމުވެރިއެއް. މަޝްހޫރު އިބްނު ޚަލްދޫން. އޭގެފަހުން ޔޫރަޕުގެ މީހުންނަށް އެއީ ކޮންއެއްޗެއްކަން އެނގުނީވެސް. އެއާ ބެހޭގޮތުން އިތުރު ހޯދުންތައް ހޯދީ އޭގެ މާފަހުން. ފަލަކު ޢިލްމުގައި އެންމެ އަގުހުރި މަސައްކަތްތަކެއް ކޮށްފައިވަނީ މުސްލިމުންގެ ފަލަކު ޢިލްމުވެރިން. މިހާރުވެސް އެކިއެކި މަޝްހޫރު ތަރިތަކަށް ކިޔަނީ ހަމަ ޢަރަބި ނަންތައް. ބެޓެލްޖިއުޒް ކިޔާ ތަރިއެއް އެއީ ޢަރަބިން ބައިތުލް ޖަވްޒާއު، އެއިން ނަގައިފައި އެއޮތީ. އަލްޢަންޤާއު އެއަށް އިނގިރޭސިން [އަންކާ] އެހެން އެބަ ކިޔާ. [ޢަޤްރަބް]، އެއީވެސް މިހާރުވެސް ހަމަ އަޤްރަބް. އެހެން އިނގިރޭސިން ކިޔާ ތަރިއެއް. މިހެންގޮސް ވަރަށްގިނަ ތަރިތައް އަދިވެސް ހުންނަނީ މުސްލިމުން އެ ތަރިތަކަށް ދިން ނަންތައް ބޭނުންކުރާގޮތުގައި.
 
ޖޯގްރަފީއަށް ބަލައިލިޔަސް، އެ ޒަމާނުގެ މުސްލިމުންނަކީ އެ ރޮނގުގައި ވަރަށް ކުރިއަރައިފައިވާ ބައެއް. އަލްއިދްރީސީ ކިޔުނު ބޭކަލަކު ހެއްދެވި ޗާޓް އެއީ އެ ޒަމާނުގައި މަޝްހޫރުވެގެންދިޔަ ޗާޓެއް. ސައިކޮލޮޖީއަށް ބެލިނަމަވެސް، އިބްނި ސީނާ އެއީ ސައިކޮލޮޖީ ޢިލްމުގެ ވަރަށް މަތީ ބޭކަލެއް. އެ ޢިލްމު ފުރަތަމަ މުސްލިމުންގެ ތެރޭގައި ފެށްޓެވީވެސް އޭނާ ކަމަށް ބުނެވޭ. ޢިމާރާތް ކުރުމުގެ ފަންނު އެއީވެސް މުސްލިމުން ވަރަށް ބޮޑަށް ތަރައްޤީކޮށް މަތީ ފެންވަރަކަށް ގެންދިޔަ ފަންނެއް. މުސްލިމުންގެ މިސްކިތްތަކަށް ބައްލަވައިލައްވައިފިއްޔާ އަޅުގަނޑު މިދެންނެވި ބަހުގެ ހެކި ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ. ލައިބްރަރީތައް އިސްލާމީ ދުނިޔޭގައި ހުރި މިންވަރަކަށް އޭރު ދުނިޔޭގެ އެއްވެސް ތަނެއްގައި ނެތް. އިސްކަންދަރިއްޔާގައި ހުރި މަޝްހޫރު ލައިބްރަރީ އަދި ބަޣްދާދުގައި ހުރި ލައިބްރަރީ، ދިމިޝްޤުގައި ހުރި ލައިބްރަރީ، އަންދަލުސްގައި ހުރި ލައިބްރަރީ. އެތައްސަތޭކަ، އެތައްހާސް، އެތައް ލައްކަ ފޮތްތަކެއް އެ ލައިބްރަރީތަކުގައި ހުރި. އެހާ ބޮޑެތި ޢިލްމީ ޚަޒާނާތަކެއް އޭރު ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް. އޮބްޒަރވަރޓްރީތައް، އެއީ ފަލަކް ޢިލްމާބެހޭ ތަރިތަކަށް ދުރުމީ އަޅައި ތަރިތައް ހިނގާ ނުހިނގާގޮތް ބަލައި، އޭގެ ހިސާބުތައް ކޮށް ހަދާ ތަންތަން. އޭރުގެ އެންމެ މަޝްހޫރު އޮބްޒަރވަރޓްރީތައް ހުރީ ބަޣްދާދު، އަލްޤާހިރާ، މިތަންތާނގައި.
 
ޔުނިވަރސިޓީތަކަށް ބެލިކަމުގައިވިޔަސް، މިހާރު ދުނިޔޭގައި އެންމެ މަޝްހޫރު އެންމެ މުސްކުޅި ޔުނިވަރސިޓީއަކީ އަލްއަޒްހަރު ޔުނިވަރސިޓީ. މިޞްރުގައި ހުންނަ ޔުނިވަރސިޓީއެއް. އެތަނަށް މިހާރު އެއްހާސް އަހަރަށްވުރެ ގިނަދުވަސްވެއްޖެ. ހަމައެފަދައިން، އުތުރު އެފްރިކާގެ އެހެން މުސްލިމް ޤައުމުތަކުގައިވެސް ވަރަށްމަތީ ޔުނިވަރސިޓީތަކެއް އޭރުހުރި. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އެނގެނީ އިސްލާމީ ޙަޟާރަތުގެ ސަބަބުން ދުނިޔެއަށް ލިބުނު ކުރިއެރުމާއި ތަރައްޤީއާއި ތަހުޒީބުފަދަ އެހެން އެފަދަ ކުރިއެރުމަކާއި ތަހުޒީބަކާއި ތަރައްޤީއެއް އެހެން އެއްވެސް ޙަޟާރަތެއްގެ ފަހުން ލިބިފައެއް ނުވާކަން. އާދެ، ކަންހުރީ މިހެން ކަމަށްވުމާއެކު، ކުރިއަށް އޮތް ޤަރްނުގައި އަޅުގަނޑުމެންގެ މި އަގުހުރި ތާރީޚުން ޢިބްރަތްތަކެއް ލިބިގެންފިނަމަ، މި އިސްލާމީ އުންމަތަށް ހަމަ އެފަދަ އިތުރު ކާމިޔާބީތަކެއް ކުރެވޭނެކަމާމެދަކު އެއްވެސް ޝައްކެއްނެތް.
 
އާދެ، އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމައިލާހިތްއޮތީ އިސްލާމްދީނުގައި ހުރި ދީލަތިކަމާއި، އިސްލާމީ އުޞޫލުތަކުގެ މާތްކަން އަދި އެ އުޞޫލުތަކަށް ޢަމަލުކުރައްވަމުން ގެންދެވި ބޭފުޅުން، އެކަން ކުރައްވައިފައި ހުރިގޮތުން ބޭރުގެ މީސްމީހުންވެސް ޢަޖައިބުވެ، އެކަމާ ދޭތެރޭގައި ދައްކައިފައި ހުރި ވާހަކައިގެ ތަންކޮޅެއް ދަންނަވައިލަމުން. ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އިސްލާމީ ތާރީޚުގައި މައްކާ ފަތަޙަކުރެއްވުމަށްފަހު ކީރިތި ރަސޫލާ މުޝްރިކުންނާ ދޭތެރޭގައި ޢަމަލުކުރެއްވި އޯގާވެރިގޮތް. މުޝްރިކުންނަކީ ކީރިތި ރަސޫލާއަށް އެކިބާވަތް ބާވަތުގެ އަނިޔާތައްދީ، ކީރިތި ރަސޫލާއާއި މުސްލިމުން މައްކާއިން ބޭރުކޮށް، އެމީހުންގެ މުދާތައް އަތުލައި އެމީހުންނަށް އެކިގޮތްގޮތުން އަނިޔާކުރި މީހުން. އަދި އޭގެފަހުން މުސްލިމުން މަދީނާއަށް ހިޖްރަ ކުރުމަށްފަހު، ހަނގުރާމަކޮށް މުސްލިމުންގެ އެތައް ބައެއްގެ ލޭއޮހޮރުވައިލައި، އެތައް ބަޔަކަށް އަނިޔާކުރި ޖައްބާރުން. މުޝްރިކުންނަކީ މައްކާގެ، އެމީހުން އެކުރި ޢަމަލުތަކަށް ކީރިތި ރަސޫލާ އެއްވެސްކަހަލަ އަދަބެއް ނުދެއްވައި، އެ އެންމެން، މައްކާ ފަތަޙަކުރެއްވި ދުވަހު އެއްކުރައްވައިފައި އެއްސެވީ، [ތިޔަބައިމީހުންނަށް އެނގޭހޭ، ތިމަންކަލޭގެފާނު ތިޔަބައިމީހުންނާ ދޭތެރޭގައި ކަންތައް ކުރައްވާނެ ގޮތަކީ ކޮބައިކަން.] އެބައިމީހުން ދެންނެވީ، [ކަލޭގެފާނަކީ ތިމަންމެންގެ ދީލަތި އަޚެކެވެ. އެހެންވީމާ، ތިމަންނަމެން އުއްމީދު ކުރަނީ ދީލަތި އަޚެއްގެ ގޮތުން ޢަމަލުކުރައްވާނެ ކަމަށެވެ.] އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވީ [إذهبوا فأنتم الطُّلَقاء] [ކަލޭމެން ދާށޭ، ކަލޭމެންނަކީ މިނިވަނުންނެވެ.] އެމީހުންނަށް އެއްވެސްކަހަލަ އަދަބެއް ނުދެއްވާ. އަދަބު ދެއްވުމަކީ އެދުވަހު އެކަލޭގެފާނުގެ ޙައްޤެއް. އެބައިމީހުން އެހާ އަނިޔާވެރިގޮތަކަށް ޢަމަލުކޮށްފައިވުމާއެކު، ޢަދުލު އިންޞާފު ނިޔާކުރާގޮތުންވެސް އެކަށީގެންވާ އަދަބުތަކެއް އެމީހުންނަށް ދެއްވުމަކީ ހުރިހާ އުޞޫލުތަކެއްވެސް ގަބޫލުކުރާގޮތެއް. އެހެންނަމަވެސް، އެގޮތަކަށް އެކަލޭގެފާނު ޢަމަލެއްނުކުރެއްވި.
 
ދެން އަޅުގަނޑު ދަންނަވައިލާހިތްއޮތީ، ހިޖްރީގޮތުން ހަވަނަ ޤަރްނުގެ ތެރޭގައި ޞަލީބީ ހަނގުރާމަ ކުރި މީހުން، ޔޫރަޕުގެ މީހުން އައިސް ބައިތުލްމަޤްދިސް ފަތަޙަކޮށް، އެތާނގައި ތިބި މުސްލިމުންނަށް ހެދިގޮތް. އެއީ، އަޅުގަނޑު ހިތުން އެވާހަކަތައް ކިޔައިފި މީހެއްގެ ލޮލުން ކަރުނަ، ހިތާމައިގެ ކަރުނަ އޮހިގެންދާނެ ކަންތައްތަކެއް. މުސްލިމުންގެ މީހުން މަރައި، އެމީހުންގެ އަންހެނުންނާއި ކުޑަކުދިން މަރައި، މުސްލިމުންގެ ގެތައް ހަލާކުކޮށް، މުޅި ތާނގައި ފަސާދަ އުފައްދައި، މިހުރިހާ އަނިޔާވެރި ޢަމަލުތަކެއް ކުރި ބައެއް އެއީ. އެހެންނަމަވެސް، އޭގެ 88 އަހަރު ފަހުން އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޞަލާޙުއްދީނުލް އައްޔޫބީ ބައިތުލްމަޤްދިސް ފަތަޙަކުރައްވައިފައި، އެމީހުންނާ ދޭތެރޭގައި ޢަމަލުކުރެއްވިގޮތް އެއީ ކޮންފަދަ އިންސާނީވަންތަކަން ހުރި ގޮތެއްތޯ؟ ކޮންފަދަ އޯގާވެރި، ކޮންފަދަ މާތް ގޮތެއްތޯ؟ ޞަލާޙުއްދީނުލް އައްޔޫބީ، އެކަން އެހެން ކުރެއްވުމުގައި ނަމޫނާއެއް ކަމުގައި ބެއްލެވީ رســول اللّـه صـلّى الله علـيـه وسـلّم. އެކަލޭގެފާނު މައްކާ ފަތަޙަ ކުރައްވައިފައި މުޝްރިކުންނާ ދޭތެރޭގައި ޢަމަލުކުރެއްވި އޯގާވެރި ރަޙްމު ބޮޑުގޮތަށް ޞަލާޙުއްދީނުލް އައްޔޫބީ އެކަން ކުރެއްވީ. އެކަމާ ބެހިގެން ޔޫރަޕުގެ މުއައްރިޚަކު ލިޔުއްވައިފައިވާ ވާހަކަތަކުން ތަންކޮޅެއް އަޅުގަނޑު ދަންނަވައިލާނަން. އެއީ "ރޮންކްސްމަން" ކިޔާ މީހެއް. އޭނާ ޞަލީބީ ހަނގުރާމައިގެ ތާރީޚު ލިޔުއްވަމުން ގޮސް ލިޔުއްވައިފައިވޭ. [މުސްލިމުން ބައިތުލްމަޤްދިސް ފަތަޙަކުރުމަށްފަހު، އެމީހުން ޢަމަލުކުރަމުން ދިޔައީ ވަރަށް އިންސާނީ ގޮތަކަށޭ. ފަރަންޖީގެ މީހުން އެ ބައިތުލްމަޤްދިސް އޭގެ 88 އަހަރު ކުރިން ހިފުމަށްފަހު، އެމީހުން އެރަށުގެ މަގުތަކުގައި ހިނގައިބިނގައި އުޅުނީ އެމީހުންގެ، އެމީހުން އަޅުވެތި ކުރި މީހުންގެ ލޭތަކުން އުފެދިފައިވާ ކޯރުތަކެއްގައޭ. އެހެންނަމަވެސް، މިފަހަރު ޞަލާޙުއްދީނުލް އައްޔޫބީ ބައިތުލްމަޤްދިސް ފަތަޙަކުރެއްވި ފަހުން ތިމަންނަމެންނަކަށް ނުފެނުނޭ، އެއްވެސް ޢިމާރާތެއް ހަލާކުވެގެންދިޔަ ތަނެއް. އެއްވެސް އިންސާނަކަށް އަނިޔާއެއް ލިބުނު ތަނެއް. އަދި ތިމަންނަމެންނަށް ފެނުނީ ޞަލާޙުއްދީން އެންގެވި ގޮތުގެ މަތީން މުސްލިމުންގެ ސިފައިންގެ މީހުން ކްރިސްޓިއަނުން ޙިމާޔަތްކޮށްދޭން ތިބި ތަނޭ. އެމީހުންނާ އެއްވެސް ބަޔަކު ދިމާކޮށްފި ކަމަށްވަންޏާ، އެ ކްރިސްޓިއަނުން ޙިމާޔަތްކޮށްދީ، އެމީހުންގެ ޙައްޤުތައް ރައްކާކޮށްދޭން ތިބި ތަނޭ.] މިއީ ޔޫރަޕުގެ މުއައްރިޚަކު ލިޔުއްވައިފައިވާ ވާހަކަކޮޅެއް. މިއިން ދައްކައިދޭ އެއްޗަކީ، އިސްލާމީ ޙަޟާރަތުގެ ހުރި ފުރިހަމަކަން، އިސްލާމީ އުޞޫލުތަކުގެ ހުރި މާތްކަން. އިސްލާމްދީނުގައި އެއްވެސްކަހަލަ ތަޢައްޞަބެއް ނެތްކަން. އިސްލާމްދީން އަޅުގަނޑުމެންނަށް ގޮވައިލަނީ އެންމެންނާމެދުވެސް އެއްގޮތަކަށް މުޢާމަލާތް ކުރަންކަން، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި. އެމީހުންނަކީ އަޅުގަނޑުމެންގެ ދީނުގެ ބަޔަކަށްނުވި ނަމަވެސް، އެމީހުންނާ ދޭތެރޭގައި އަޅުގަނޑުމެން ޢަމަލުކުރަން އޮތީ އަޅުގަނޑުމެން ހަމަ މުސްލިމުންނާ ދޭތެރޭގައި ޢަމަލުކުރާގޮތަށް. އެމީހުންނަކީވެސް  އިންސާނީވަންތަކަމުގެ ދާއިރާގައި އަޅުގަނޑުމެންގެ އަޚުންތަކެއް ކަމުގައިވާތީ، އަޅުގަނޑުމެން ޢަމަލުކުރަން އަންގަވައިފައިވަނީ އެގޮތުގެ މަތީން.
 
އާދެ، އެހެންވީމާ، މިދެންނެވި މަތިވެރި ތަހުޒީބު މުޅި ދުނިޔެއަށް ގެނެސްދިނީ އިސްލާމްދީން. އިސްލާމްދީނުގެ ފަޚްރުވެރި ތާރީޚުން މިހާރު 14 ޤަރްނު ވޭތުވެގެން އެދިޔައީ. އަޅުގަނޑުމެން މިރޭ މި ކުރިމަތިލަނީ އާ ސައްތައަކާ. އާ ސަތޭކަ އަހަރަކާ. އާ ޤަރްނަކާ. މި ޤަރްނުގެ ތެރޭގައި އަޅުގަނޑުމެން އުންމީދު ކުރަނީ، އިސްލާމީ އުންމަތް މީގެކުރިން ހޯދައިފައިވާ މަތިވެރި ނަޞްރުތައް ފަދަ އިތުރު ނަޞްރުތަކެއް، މި ޤަރްނުގެ ތެރޭގައި މުސްލިމުން ހޯދާނޭކަމަށް.
 
އާދެ، އަޅުގަނޑު ވާހަކަކޮޅު ނިންމައިލާނީ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ވަރަށް އުފާވެރި ބާއްޖަވެރި އާ އަހަރެއް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. ހަމައެފަދައިން، ދިވެހި އުންމަތަށް ބާއްޖަވެރި އުފާވެރި ތަނަވަސް އާ ޤަރްނެއް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން. ހަމައެފަދައިން، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައިވާ މުސްލިމުންނަށް ތަނަވަސްކަމާއި އުފާފާގަތިކަން ދެއްވުން އެދި ދުޢާކުރަމުން. މުސްލިމުންގެ ޙައްޤުތައް އެނބުރި މުސްލިމުންނަށް ލިބޭނެގޮތެއް اللّـه سبحـانـه وتعـالى މެދުވެރިކުރެއްވުން އެދި ދުޢާކުރަމުން. ފަލަސްޠީން، އެމީހުންގެ އަހުލުވެރީންނަށް މި ޤަރްނުތެރޭގައި އެނބުރި ލިބޭނެގޮތް اللّـه سبحـانـه وتعـالى މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަމުން. [އަލްޤުދްސް] އަޅުގަނޑުމެންގެ މާތްބިން މުސްލިމުންގެ އަތްމައްޗަށް އަލުން އަންނާނެގޮތް اللّـه سبحـانـه وتعـالى މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަމުން. އަދި މުސްލިމުންގެ ތެރޭގައި މިހާރު މި ހިނގާ ހަމަނުޖެހުންތަކާއި ހަނގުރާމަތައް ހުއްޓުމަކަށް ގެނައުމުގެ ތައުފީޤު މުސްލިމުންގެ ޒަޢީމުންނަށް اللّـه سبحـانـه وتعـالى ދެއްވުން އެދި ދުޢާކުރަމުން. އަދި ހުރިހާ ގޮތަކުންވެސް ތަނަވަސް ޢިއްޒަތްތެރި ފަޚްރުވެރި ބާއްޖަވެރި ފަނަރަވަނަ ޤަރްނެއް މުޅި އިސްލާމީ އުންމަތަށް اللّـه سبحـانـه وتعـالى ދެއްވުން އެދި ދުޢާކުރަމުން.
 

     والسّلام عليكم ورحمـة اللّـه وبركاته.