بســماللّـهالرّحمـنالرّحيــم
 
           
 
 السّلام عليــكم ورحـمــة اللّـه وبـركاتـه،
 
  
الحمـدللّه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ،وعلى آلـه وصحبـه أجمعـين.
 
އާދެ، މިރޭގެ އިރުއޮއްސުމާއެކު، އަޅުގަނޑުމެން މި ކުރިމަތިލަނީ ހިޖްރީގޮތުން  އާ އަހަރަކާ. އެއީ ހިޖްރީ ތާރީޚުން 1401 ވަނަ އަހަރު. މި އާ އަހަރު ފެށުމާއެކު، މުޅި އިސްލާމީ އުއްމަތް މި ކުރިމަތިލަނީ، ހިޖްރީ އާ ޤަރުނަކާ. ހިޖްރީ 15 ވަނަ ޤަރުނާ. މި މުހިންމު އަދި މަތިވެރި މުނާސަބަތަކީ އިސްލާމީ ދުނިޔޭގެ ހުރިހާ ޤައުމުތަކުގައިވެސް ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ މުނާސަބަތެއް. އެއީ އިސްލާމީ ކޮންފަރެންސްގެ ޚާރިޖީ ވަޒީރުންގެ ޖަލްސާއަކުން އެގޮތަށް ފާސްކޮށްގެން. ވަރަށް ފުރިހަމަގޮތެއްގައި، މުޅި އިސްލާމީ ދުނިޔޭގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ މުނާސަބަތެއް. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް އެ މުނާސަބަތު މި ފާހަގަކުރަނީ، އަޅުގަނޑުމެންނަކީ ސަތޭކައަކުންސަތޭކަ އިސްލާމީ ޤައުމަކަށްވެފައި، އަދި އަޅުގަނޑުމެންނަކީ އިސްލާމިކް ކޮންފަރެންސްގެ މެމްބަރު ޤައުމަކަށްވެސްވާތީ.
 
އާދެ، މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއް ކަމުގައި ދެކެނީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުން. ހަމައެއާއެކު، އިސްލާމީ ޤައުމުތަކުގެ ޒަޢީމުންނަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ހުރިހާ މުސްލިމުންނަށްވެސް، ދިވެހިރާއްޖޭގެ ނަމުގައި، ތިޔަބޭފުޅުންގެ ނަމުގައި، ދިވެހި ސަރުކާރުގެ ނަމުގައި ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުވުމަށް މިފުރްޞަތުގެ ބޭނުންކުރަން.
 
އާދެ، އެއްވެސް ޝައްކެއްނެތް، ޙަޔާތުން އަހަރެއް ނިމިގެން ގޮސް، އާ އަހަރެއް ފެށުމަކީ ވަރަށް ޚާއްޞަ ކަމެއް. އާ ދިހަ އަހަރެއް ފެށުމަކީ އެއަށްވުރެވެސް ޚާއްޞަ ކަމެއް. އަދި އާ ސަތޭކަ އަހަރެއް، އާދެ، އާ ޤަރުނެއް، އެހުރިހާ ކަމަކަށްވުރެވެސް މާ މަތިވެރި، މާ ޚާއްޞަ ކަމެއް. މި މުނާސަބަތަކީ އަޅުގަނޑުމެން ހުރިހާ މުސްލިމުން ވަރަށް އުފަލާއެކު ފާހަގަކުރާ މުނާސަބަތަކަށް ވުމާއެކު، އަޅުގަނޑުމެން އާ ޤަރުނަކަށް ކުރިމަތިލާ ވަގުތަކީ، ވޭތުވެދިޔަ ޤަރުނުތަކުގައި ހިނގައިފައިވާ ޙާދިޘާތަކުން، އަޅުގަނޑުމެން ވަރަށް ޚާއްޞަ ޢިބްރަތްތަކެއް ލިބިގަންނަންވާނެ މުނާސަބަތެއް.
 
 އާދެ، އިސްލާމީ ތާރީޚަކީ ވަރަށް ފަޚްރުވެރި ތާރީޚެއް. ވޭތުވެދިޔަ ޤަރުނުތަކުގައި މުސްލިމުން ވަނީ ވަރަށް މަތިވެރި ނަޞްރުތަކަކާއި ކާމިޔާބީތަކެއް ހޯދައިފައި. އެހެންކަމަށްވުމާއެކު، އަޅުގަނޑުމެންގެ އެންމެންވެސް، މިރޭ މި މުނާސަބަތުގައި އަދި މި އާ އަހަރު ފެށުމާ އެކުގައި، އަދި މި އާ ޤަރުނަށް އަޅުގަނޑުމެން ކުރިމަތިލާ ދުވަސްވަރުގައި، އެ މުހިންމު ޙާދިޘާތަކާ ދޭތެރޭ ވިސްނައި، އެ ޙާދިޘާތަކުން ޢިބްރަތެއް ޙާޞިލުކުރަންވާނެ. އަޅުގަނޑުމެންނާ މިދިޔަ ޤަރުނުތަކުގެ ތެރޭގައި ކުރިމަތިވެފައިވަނީ ހަމައެކަނި ކާމިޔާބީތަކާއި ނަޞްރުތަކެއް ނޫން. އެއާ ޚިލާފަށް، ބައެއްފަހަރަށް އިސްލާމީ އުއްމަތް ކުރިމަތިލާން ޖެހިފައިވަނީ ނާކާމިޔާބީތަކާއި ވެއްޓުންތަކަކާ. އެހުރިހާ ކަމަކާ ދޭތެރޭގައިވެސް ޚިޔާލުކޮށް، އެހުރިހާ ކަމަކުން އަގުހުރި ފިލާވަޅުތަކެއް ޙާޞިލުކުރުމަކީ މިވަގުތު އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
 
އާދެ، އާ ޤަރުނެއް ފެށޭއިރު، އެކަމާ ކުރިމަތިލާން ތިބި ބަޔަކީ އަޅުގަނޑުމެން ކަމަށްވުމާއެކު، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ، ވަރަށްބުރަ މަސްއޫލިއްޔަތުތަކެއް އެބަހުރި. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ވާޞިލުކޮށްދެއްވައިފައިވާ ޢިއްޒަތާއި ފަޚްރު، ކުރިއަށް އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމަކީ، އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. މިމުނާސަބަތުގައި އަޅުގަނޑު އެންމެ ޚާއްޞަ ގޮތެއްގައި ގޮވައިލާނީ، މިއަދުގެ ޅަކުދިންނަށާއި ޒުވާނުންނަށް، އާދެ، ކުރިއަށް މި ފެށޭ ޤަރުނުގެ އެންމެގިނަ ދުވަސް ދެކެން ދުނިޔޭގައި ތިބުމުގެ އުއްމީދު އެންމެބޮޑަށް ކުރެވޭ ޅަކުދިންނަށާއި ޒުވާނުންނަށް. އެކުދިންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، މި ފެށޭ އާ ޤަރުނުގައި ޤައުމީ ވާޖިބުތަކަށާއި، ދީނީ ވާޖިބުތަކަށް ފުރިހަމައަށް ޙުރްމަތެރިކޮށްހިތުމަށް. ޤައުމީ ކަންތައްތަކުގައި މިހާރަށްވުރެވެސް އިޚްލާޞްތެރިކަމާއެކު ޢަމަލީގޮތުން ބައިވެރިވުމަށް. ދިރިއުޅުމުގެ ކަންތަކުގައި ރީތި އަޚްލާޤާއި ފުރިހަމަ ގޮތްތައް ލިބިގަތުމަށް. ޝައްކެއްނެތް. އަމިއްލަ ޙަޔާތުގެ ބާއްޖަވެރިކަމާއި، ޤައުމުގެ ތަރައްޤީގެ ހަރުދަނާކަން ބިނާވެފައި އޮންނާނީ، ޤައުމުގެ ދަރީން، މިދެންނެވި ރޮނގުރޮނގުން އިޞްލާޙުވީ މިންވަރެއްގެ މައްޗަށް. އަދި ޤައުމުގެ ދަރިން ޤައުމަށްޓަކައި ޤުރްބާންވަމުންދިޔަ ފެންވަރެއްގެ މައްޗަށް.
 
މިހިސާބުން އަޅުގަނޑުގެ އިލްތިމާސް ހަމައެކަނި މިއަދުގެ ޅަކުދިންނާއި ޒުވާނުންނަށް ކޮށްފައި ހުއްޓައިލެވޭކަށެއްނެތް. އާދެ، މިއަދުގެ ޅަކުދިންނާއި ޒުވާނުންނަކީ، ޤައުމުދެކެ ލޯބިވާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށް ހެދޭނީ، މިއަދުގެ ބޮޑެތި މީހުންނަށް. އެކުދިންގެ މައިންބަފައިންނަށް އަދި އެކުދިންނަށް ކިޔަވައިދީ، އެކުދިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ފަރާތްތަކަށް. އެހެންކަމާއެކު، މިއަދުގެ ބޮޑެތި މީހުންނަށާއި، އަދި އަޅުގަނޑުމެންގެ ޅަދަރިންނަށާއި ޒުވާނުންނަށް ކިޔަވައިދީ، އެކުދިން ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު އުފުއްލަވާ ފަރާތްތަކަށް އަޅުގަނޑު އިލްތިމާސް ކުރަނީ، އެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެއްވުމަށް، ސަމާލުކަން ދެއްވުމަށް. ޒަމާނުގެ ކުލަތަކަށް އެކުދިން ހެއްލިގެންދިޔަނުދީ، ދީނީ އުޞޫލުތަކުގެ މައްޗަށް ކުދިންގެ އަޚްލާޤާއި ސުލޫކު ބިނާކުރެއްވޭތޯ މަސައްކަތް ކުރެއްވުމަށް. އަދި ޤައުމީ ޚިދުމަތާއި ޤައުމީ ލޯބީގެ އަގު އެކުދިންނަށް ވަޒަންކޮށްދެއްވުމަށް.
 
އާދެ، މިހުރިހާ ގޮތަކުން ބަލާއިރު، މި އާ ޤަރުނާ ކުރިމަތިލާއިރު، ތިބޭ އެންމެންނަކީވެސް ވަރަށްމަތީ ޒިންމާތަކެއް އަދާކުރަން ޖެހިފައިވާ ބައެއް. ވަރަށް ވަރުގަދަ މަސްއޫލިއްޔަތުތަކެއް އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބައެއް. ޝައްކެއްނެތް، މުސްލިމުންނަކީ ދުނިޔޭގައި ވަރަށްމަތީ ބާރެއް ކަމުގައި މިއަދު ހިމެނިފައިވާ ބައެއް. ސިޔާސީގޮތުން، އިޤްތިޞާދީ ގޮތުން، އަދި ބާރުގެ ގޮތުން މުސްލިމް ޤައުމުތަކުގެ މަޤާމަކީ މިހާރު އަޅައިނުލައި ދޫކޮށްލެވޭވަރަށްވުރެ މަތިވެރި މަޤާމެއް. އެއީ ވޭތުވެދިޔަ ޤަރުނުތަކުގައި ދީނީ ޢަދާވާތްތެރިން، މެދުކެނޑުމެއްނެތި އެކިގޮތްގޮތަށް މަސައްކަތް ކުރަމުން ގެންދިޔައިރުވެސް އިސްލާމީ އުންމަތް ހޯދައިފައިވާ މަތިވެރި މަޤާމެއް. އެހެންކަމާއެކު، މި ފެށޭ އާ ޤަރުނުގައި، މުސްލިމުންގެ މަޤާމު އަދި މީގެކުރިއަށްވުރެވެސް މަތިވެރިވާނެ ކަމުގައި ކުރެވޭ އުއްމީދުތައް ކުޑައެއް ނޫން. އިރުމަތީ ޗައިނާގެ ރަށްތަކުން ފެށިގެން ހުޅަނގު އެފްރިކާގެ ރަށްތަކާ ހަމައަށް، އަދި ކީއްތޯ، ހުޅަނގު ޔޫރަޕާއި އެމެރިކާއާ ހަމައަށް ފެތުރިފައިވާ މުސްލިމުންގެ ދުޢާތައް، މި އާ ޤަރުނުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެންދާނޭކަމާމެދު ކުރެވޭ އުއްމީދުތަކެއްވެސް ފަނޑެއް ނޫން.
 
އާދެ، އިސްލާމްދީނަކީ މީސްތަކުން އުޅެން އޮތް ސީދާމަގު މާތް މީސްތަކުންނަށް ނިޢުމަތެއް ކަމުގައި ލައްވައި ފުރިހަމަ ކުރައްވައިފައިވާ ދީން. އެ ދީން އަބަދަށްވެސް ދެމިއޮންނާނެ. އެ ދީނަށް އަބަދުވެސް މާތް ނަޞްރު ދެއްވާނެ. އެހެންކަމުން، އިސްލާމީ ތާރީޚުގައި މި ފެށޭ  އާ ޤަރުނުގައިވެސް މުސްލިމުން ކުރިއަށްދާނެކަމާމެދު އެއްވެސް ޝައްކެއްނެތް. މުސްލިމުންނަށް އިތުރު ނަޞްރުތަކާއި ކާމިޔާބީތައް ހޯދައިދޭނެކަމާމެދު ވަސްވާހެއްނެތް. ނަމަވެސް އެއީ ވަރަށް މުހިންމު ޝަރުޠަކާއެކު. އާދެ، އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެގެން. އިސްލާމީ އުޚުއްވަތްތެރިކަން ގަބޫލުކޮށް، އެ އުޚުއްވަތްތެރިކަމާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރިކަމާއެކު ޢަމަލުކުރަމުން ގެންދިޔުމުން. އަދި އިސްލާމްދީން ދަސްކޮށްދޭ ކެތްތެރިކަމާއި ތަޙައްމަލްގެ ބާރު ހޯދައިގެން، އެކަމުގެ އަލީގައި ކުރިއަށް ދިޔުމުން.
 
މި އުފާވެރި ރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ވަކިވެލާނީ، މި ފެށޭ އާ ޤަރުނަކީ ދިވެހިރާއްޖެއަށް ބާއްޖަވެރި ނަޞީބުވެރި ޤަރުނެއް ކަމުގައި ލެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ދުޢާކުރަމުން.
 
އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް، އަދި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ދެއްވުމަށް ދުޢާކުރަމުން އަދި މުޅި އިސްލާމީ އުއްމަތަށް އޭގެ ޙައްޤު މަޤާމަށް ވާޞިލުވުމުގެ ސަބަބުތައް މެދުވެރިކޮށްދެއްވުން އެދި
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ތަޟައްރުޢުވަމުން.
 
      والسّلام عليكم ورحمـة اللّـهوبـركاتـه.