ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ. މިރޭ މާލެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަ ޕްރެސް ކޮންފަރެންސެއް ދެއްވާފައެވެ. މި ޚާއްޞަ ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ ދަތުރުފުޅާ ބެހޭ ގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވާފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފަހަކަށް އައިސް ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮންނަ ގުޅުން ހީނަރު ވަމުން އަންނާތީ، މި ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މެލޭޝިޔާއަށް ޒިޔާރަތް ކުރަމުން ގެންދާ ދިވެހިންގެ ޢަދަދު އިތުރުވަމުން ދާތީ، މެލޭޝިޔާއަށް ދަތުރުކުރުމުގައި ދިވެހިންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމުގެ މަތިން މެލޭޝިޔާ ސަރުކާރުގެ ފަރާތުން މިހާރު މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ "އޮން އެރައިވަލް ވިސާ" ލިބިގެންދާނެ ގޮތް ހަމަޖެހިފައިވާކަން އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ. އަދި ގިނަ ޢަދަދެއްގެ ދިވެހި ކިޔަވާ ކުދިން މެލޭޝިޔާގައި ދިރިއުޅެމުން ގެންދާތީ، އެކުދިންގެ ބެލެނިވެރިންނަށް "ޑިޕެންޑަންޓު ވިސާ" ލިބިގެންދާނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ލަންކާ އެކޭ އެއްފަދައިން މެލޭޝިޔާގައިވެސް އެ ޤައުމުގައި ދިރިއުޅެމުންގެންދާ ދިވެހިންނަށް އަމާޒުކޮށްގެން ކަލްޗަރަލް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދަތުރުފުޅުގައި މެލޭޝިޔާގެ ޕެޓްރޯނަސް ކުންފުނީގެ ފަރާތުން ރާއްޖެއަށް ހެޔޮ އަގެއްގައި ސާފު ތެޔޮ ގެނެވޭނެ ގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދިޔައެވެ. އަދި މެލޭޝިޔާގެ ބޭންކަކާ ދިވެހި އަމިއްލަ ވިޔަފާރި ވެރިއަކާ ދެމެދު ކުރެވުނު ވިޔަފާރީގެ މުޢާމަލާތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރު ޤައުމުތަކާ އެކު ވިޔަފާރީގެ މުޢާމަލާތް ކުރާ އިރު އެ އޮންނަ އުޞޫލެއްގެ ދަށުން ކަންތައްތައް ކުރިއަށް ގެންދިއުމުން ބޭރު ދުނިޔޭގަ ދިވެހި ރާއްޖޭގެ ނަން ހަޑި ވުމުގެ ފުރުޞަތު ކުޑަ ވާނެއެވެ.
އަދި، މެލޭޝިޔާ އަކީ ދެކުނު އޭޝިޔާ ސަރަޙައްދަށް ބަލާ އިރު އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ޤައުމަށް ވާއިރު އެ ޤައުމުގެ ފަރާތުން ރާއްޖެއަށް އިންވެސްޓަރުން ހޯދުމަކީ ރާއްޖެއަށް ކުރިމަގުގައި އިޤްތިޞާދީ ގޮތުން ފައިދާ ތަކެއް ކުރާނެ ކަމެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.