ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އޮނަރަބަލް ޑރ. މުޙައްމަދު ޝައިނީ، ސޮލޮމަން އައިލަންޑްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގު ބޮޑު ވަޒީރު، އޮނަރަބަލް މަނައްސެހް ސޮޣަވަރޭގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސޮލޮމަން އައިލަންޑްސާ ދޭތެރޭ އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޝައިނީ ވަނީ ސަރުކާރުން އިޤްތިޞާދީ ތަރައްޤީއަށާއި ޞިއްޚީ ދާއިރާގެ ތަރައްޤީއަށް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތަފްޞީލު ސޮލޮމަން އައިލަންޑްސްގެ ބޮޑު ވަޒީރަށް ދެއްވާފައެވެ. މީގެ އިތުރުން ޑރ. ޝައިނީގެ ވާހަކަފުޅުގައި މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބަޔާން ކުރެއްވިއެވެ. އަދި ރާއްޖެ އަކީ ޖަޒީރާ ޤައުމަކަށް ވެފައި، އެލަޔަންސް އޮފް ސްމޯލް އައިލަންޑް ސްޓޭޓްސްގެ ޗެއަރގެ ހައިސިއްޔަތުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވެސް ވަނީ ބަޔާން ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ސީނިއަރ ޑެސްކް އޮފިސަރ، އަލްފާޟިލާ ލީޝާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.