ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގު އެޑްވައިޒަރ ޓު ދަ ޕްރައިމް މިނިސްޓަރ އޮން ނޭޝަނަލް ސެކިއުރިޓީ އެންޑް ފޮރިން ޕޮލިސީ، ހިޒް އެކްސެލަންސީ ސަރްތާޖް ޢަޒީޒްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ޕާކިސްތާނުން ރާއްޖެއަށް އެކި ކަންކަމުގައި ވެދެއްވާ އެހީއަށް މިނިސްޓަރ ޝުކުރު ދެންނެވިއެވެ. އަދި ރާއްޖެއާއި ޕާކިސްތާނާ ދޭތެރޭ އޮތް ހަރުދަނާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢާޒިމާ ވަނީ ޕާކިސްތާނަށް މިހަފްތާގެ ތެރޭގައި ދެވުނު ބޮމުގެ ހަމަލާއާ ގުޅިގެން ލިބުނު ހިތާމައާއި ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހަމްދަރުދީ ފާޅު ކުރެއްވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވަނީ މިނިސްޓަރ އާޒިމާ ދެއްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖޭގެ ފަރާތުން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ، އަޙްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.