ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސެލެންސީ ޑާޓޯ ޝްރީ ޙާޖީ މުޙައްމަދު ނަޖީބު ބިން ޓުން ޙާޖީ ޢަބްދުއްރައްޒާޤާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މެލޭޝިޔާގެ ބޮޑުވަޒީރުގެ އޮފީހުގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ގާޑް އޮފް އޮނަރެއް އެރުވިއެވެ. މަރުޙަބާ ދެންނެވުމުގެ ޙަފްލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤު ރަސްމީކޮށް ބައްދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ރާއްޖެއާއި މެލޭޝީޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން މިއަހަރަކީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ގުޅުމަށް 48 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދުގައިވާ ޒަމާންވީ ގާތް ރަޙުމަތްތެރި ގުޅުން ދައްކުވައިދެނީ ހަމައެކަނި ދެޤައުމުގެ ސަރުކާރުން ނޫން ކަމަށާއި، މިގުޅުން ދެޤައުމުގެ ޘަޤާފަތުންނާއި، ދީނީ ކަންކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިންވެސް ފާހަގަކުރެވޭކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށްޓަކައި އެކި ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ދެ ބޭފުޅުންވެސް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާއަށް ރާއްޖެއިން ދަތުރުފަތުރު ކުރުމުގައާއި ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށާއި، ދެ ޤައުމުންވެސް ޑަބަލް ޓެކްސޭޝަން ނެގުން ހުއްޓުވުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކުރައްވަން ރާއްޖެއިން ޝައުޤުވެރިވާކަން މެލޭޝިޔާގެ ބޮޑުވަޒީރާ ޙިއްޞާ ކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މެލޭޝިޔާއިން ރާއްޖޭގައި އިންވެސްޓުކުރުމާ ބެހޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ޓެރަރިޒަމް ނައްތާލުމާ ބެހޭގޮތުންނާއި، ދެ ޤައުމުންވެސް އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ އިތުރުން ކުދި ޤައުމުތަކުގެ އަޑު އުފުލުމާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާވަނީ މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ދިވެހި ތަޢުލީމު ދޭ ޘަޤާފީ މަރުކަޒެއް ޤާއިމްކުރުމުގައި މެލޭޝިޔާ ސަރުކާރުގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ބޮޑުވަޒީރު ނަޖީބު ރައްޒާޤު ވަނީ މި ޘަޤާފީ މަރުކަޒު ޤާއިމު ކުރުމުގައި މެލޭޝިޔާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރު ނަޖީބު ރައްޒާޤަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވެއެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.