ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނު މެލޭޝިޔާގައި ދިރިއުޅެމުންގެންދާ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވީ މިކަމަށްޓަކައި ކުއަލަލަމްޕޫރުގެ ގްރޭންޑް ހިޔަޓް ހޮޓަލުގައި މިރޭ ބޭއްވުނު ޙަފްލާ އެއްގައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުގެ އުއްމީދު ތަކާއި އެމަނިކުފާނުގެ ސަރުކާރުގެ ފަރާތުން ޤައުމުގެ މާލީ ކުރިއެރުމަށްޓަކައި ގެންނަން ބޭނުންފުޅުވާ އިންގިލާބީ ބަދަލުތައް ހިއްޞާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި ތަޢުލީމުގެ މައިގަނޑު އަސާސަކަށް ވާންވާނީ "ކްރިޓިކަލް ތިންކިންގ" އެވެ. އަދި މީހުންނާއި އެއިރެއްގައި އޮންނަ ހާލަތަކާ މެދު ގޮތެއް ނިންމަންވާނީ މީހުން ދައްކާ ވާހަކަ އަށް ބަރޯސާ ނުކޮށް ކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޤާނޫނަށް ކަމޭ ހިތުމުގެ މުހިންމު ކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ހުރިހާ ދާއިރާތަށްވެސް އިތުރަށް ހަރުދަނާކުރަން މަސައްކަތްކުރުމުގެ މުހިއްމު ކަމަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވަނީ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި އިޖުތިމާޢީ ކުރިއެރުވުމަށް ޓަކައި ކަމުގައި ކަން ވިދާޅުވިއެވެ.
މި ޙަފްލާގައި ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފަހުމީ ހަސަންވެސް ވާހަކަފުޅު ދެއްކެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް މިހާރު ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅަކީ، މެލޭޝިޔާގެ ބޮޑު ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިގޮތުން، އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މެލޭޝީޔާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވާނެއެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއާއި، ދިވެހިރާއްޖޭގެ ފަރާތުން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް މުޙައްމަދު ފަހުމީ ހަސަނާއި މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މެލޭޝިޔާއަށް ވަޑައިގެންނެވި ވަފުދުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.